ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ނުނިމިހުރި ތަންތަނާއި، ރީޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްގީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-80)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ސެޕްޓެމްބަރު 2026 ގައި)
(މި ގަވާޢިދުގެ 20 ވަނަ މާޢްދާގެ (ހ) އިން ވަނީ ގަވާއިދު ނަންބަރު 2022-236 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން، ވެފައިވާ ކުލީގެ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ތަރައްގީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް، ލުއިތަކެއް ދިނުމަށާއި، ތަރައްގީކޮށް ނިމި، ހިންގަން ފަށައިފައިވާ ތަންތަނުގެ ތެރެއިން ރީޑިވެލޮޕްމަންޓަށް ބަންދުކުރާ ތަންތަނަށް ލުއިދިނުމުގެ ގޮތުން، މުއްދަތު ކަނޑައެޅުމާއި، ކުލި ފަސްކޮށްދިނުމުގައި، އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 6-1 ވަނަ މާއްދާއާއި 1-45 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް ނުނިމިހުރި ތަންތަނާއި، ރީޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްގީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގްސަދު
މި ގަވާއިދުގެ މަގްސަދަކީ، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ ކުލީގެ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ތަރައްގީކޮށް ނުނިމިހުރި ތަންތަނާއި، ތަރައްގީކޮށް ނިމި ހިންގަން ފަށައިފައިވާ ތަންތަނުގެ ތެރެއިން ރީޑިވެލޮޕްމަންޓަށް ބަންދުކުރާ ތަންތަނަށް ލުއިދިނުމުގެ ގޮތުން، އެ ތަންތަން ތަރައްގީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމެވެ.
3 ވަނަ މާއްދާ - ލުއި ދެވޭނެ ގޮތްތައް
މި ގަވާއިދުގެ ދަށުން ލުއިތައް ދެވޭނީ، އަންނަނިވި ގޮތްތަކަށެވެ.
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ތަން ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް، އިތުރު މުއްދަތު ދިނުމާއި، ކުލީގެ އެއްބަސްވުމުގެ ދަށުން، ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ތެރެއިން ނުދައްކައި ހުރި ފައިސާ ދެއްކުން ފަސްކޮށްދިނުން.
(ށ) މި ގަވާއިދުގެ 10 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، ހިންގަމުންދާ ތަނެއް ރީ-ޑިވެލޮޕްމަންޓަށް ބަންދުކުރުމަށް ހުއްދަ ދެވޭނެ މުއްދަތު ކަނޑައެޅުމާއި، އެ މުއްދަތުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގެ ދަށުން، ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ތެރެއިން، ފައިސާއެއް ނުދައްކައި ހުރި ނަމަ އެ ފައިސާ ދެއްކުން ފަސްކޮށްދިނުން.
4 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދިނުން
(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ޓަކައި ވެފައިވާ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ތަރައްގީކޮށް ހިދުމަތްދޭން ފަށާނެކަމަށް ކަނޑައަޅައިފައިވާ ގްރޭސް ޕީރިއަޑުގައި، ތަން ތަރައްގީކޮށް ނިންމައި، އެ ތަނެއް ހުޅުވައިފައިނުވާ ނަމަ، މި ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށްދެވޭނީ، ތިރީގައިވާ ކަންކަމަށް އެއްބަސްވާނަމައެވެ.
- މި ގަވާއިދުގެ ދަށުން، ތަން ތަރައްގީކުރުމަށް ދެވޭ ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދޭ ހާލަތުގައި، އެ މުއްދަތުގެ ތެރޭގައި އެ ތަނެއް އެއްކޮށް ތަރައްގީކޮށް ނިންމައި، ހިންގަން ފެށުމަށް އެއްބަސްވުން، ނުވަތަ އެ ތަނަކީ އެކި ފޭސްތަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ، މި ގަވާއިދުގެ ދަށުން އިތުރުކޮށްދޭ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި މަދުވެގެން 1 (އެކެއް) ފޭސް ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން؛
- މި މާއްދާގެ (ށ) ގެ ދަށުން، ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނީ، ދައުލަތަށް 100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމުގެ އިތުރުން، އަންނަނިވި ގޮތުގެ މަތީން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ފުރިހަމަކުރުމުން.
2.1 ސީއެސްއާރުގެ ގޮތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން؛ ނުވަތަ
2.2 މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ތަރައްގީގެ މަށްރޫއަކަށް ހަރަދުކުރުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފައިސާ، މިނިސްޓްރީން ތަރައްގީކުރުމަށް ދޫކުރާ ހުއްދަ (ކޮންޑިށަނަލް އެޕްރޫވަލް) ދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކައި ނިންމަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ފައިސާ ދައްކައިފައިނުވާނަމަ، ކޮންޑިށަނަލް އެޕްރޫވަލް ބާޠިލުވާނެއެވެ. އަދި މި ހާލަތުގައި ކުލީގެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި މާއްދާގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަސް ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ރ) ކުލީގެ އެއްބަސްވުމުގެ ދަށުން ގްރޭސް ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އެ މުއްދަތު އިތުރުކޮށްދެވޭނީ ގްރޭސް ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެންނެވެ.
(ބ) އެއްބަސްވުމުގެ ދަށުން ދީފައިވާ ގްރޭސް ޕީރިއަޑުގެ މުއްދަތު ހަމަވުމަށްފަހު ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އެ މުއްދަތު އިތުރުކޮށްދެވޭނީ މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް އެޕްލިކޭށަން ހުށަހަޅާ ތާރީހުން ފެށިގެންނެވެ.
(ޅ) މި މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނީ، މީލާދީ މަސްދުވަހުން ގުނާ މުއްދަތަކަށެވެ.
(ކ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނީ، ކުލީގެ އެއްބަސްވުމުގައި ދީފައިވާ ގްރޭސް ޕީރިއަޑުގެ ތެރޭގައި އެ ތަނެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފައިވާ ތަންތަނަށެވެ.
(އ) މި މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށް އެދޭއިރު، ކުލީގެ އެއްބަސްވުމުގެ ދަށުން ދީފައިވާ ގްރޭސް ޕީރިއަޑުގެ ބާކީ އޮތް މިންވަރު، 3 (ތިނެއް) މަސްދުވަހަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނެ މުއްދަތު
މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ކުލީ އެއްބަސްވުމުގެ ދަށުން ދީފައިވާ ގްރޭސް ޕީރިއަޑުގައި ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑު، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) ރަށެއްގެ ނުވަތަ ރިސޯޓެއްގެ ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، 12 (ބާރަ) މަސްދުވަހެވެ.
(ށ) ފަޅެއްގެ ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ.
(ނ) މި މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ކުރު މުއްދަތަކީ، 1 (އެކެއް) މަސްދުވަހެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާއިރު، އެ ތަނެއްގެ ތަރައްގީގެ މަސައްކަތް %50 (ފަންސާސް އިންސައްތަ) އަށް ވުރެ އިތުރަށް ނިމިފައިވާނަމަ، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުގެ އިގުރާރަކާއެކު، މިނިސްޓްރީން އެ ތަނެއް ބަލައި ކަށަވަރުކުރުމަށްފަހު، މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާއިރު، އެ ތަނެއް ތަރައްގީކޮށްފައިވާ މިންވަރު %50 (ފަންސާސް އިންސައްތަ) އަށް ވުރެ ދަށްނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ހުށަހަޅާ ފަރާތުން އެއްބަސްވާނަމައެވެ.
(ކ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި، މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އިތުރުކޮށްދެވޭ މުއްދަތެއް ނުހިމެނޭނެއެވެ.
6 ވަނަ މާއްދާ - ކޯޓުގެ ހުކުމަކާ ގުޅިގެން "ހެޑްލީޒް ރައިޓްސް" ބަދަލުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުން
ކޯޓުގެ ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ "ހެޑްލީޒް ރައިޓްސް" އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، އެ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑު ގުނަން ފަށާ ތާރީހަކީ، ހެޑްލީޒް ރައިޓްސް ބަދަލުކުރާ ތާރީހުން ފެށިގެންނެވެ. އަދި މިފަދައިން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭ ހާލަތުގައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީއާއި ސީއެސްއާރު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.
7 ވަނަ މާއްދާ - ކޯޓުގެ ހުކުމަކާ ގުޅިގެން ވެވޭ ސެޓްލްމަންޓުގެ ދަށުން ތަރައްގީކޮށްފައިނުވާ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުން
(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށް، ތަރައްގީކޮށް ނިމިފައިނުވާ ތަނަކާ ގުޅިގެން ކޯޓުން ހުކުމެއް ކޮށްފައިވާ ހާލަތެއްގައި، ކުލީގެ އެއްބަސްވުމާ ގުޅިގެން ވެވޭ ސެޓްލްމަންޓް އެއްބަސްވުމުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކުރުމަށްޓަކައި ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންސްޓްރަކްށަން މުއްދަތު ކަނޑައަޅާނީ، ސެޓްލްމަންޓުގެ ތެރެއިން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި މުއްދަތު ގުނަން ފަށާނީ، ސެޓްލްމަންޓް އެގްރީމަންޓާއި، ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތާރީހުން ފެށިގެންނެވެ.
(ނ) މި މާއްދާގެ ދަށުން ކޮންސްޓްރަކްށަން މުއްދަތު އިތުރުކޮށްދޭއިރު، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަކުރުން ލާޒިމެއް ނޫނެވެ.
(ރ) ކޯޓުގެ މަރްހަލާގައި ހިނގި މުއްދަތުގައި އެ ތަނަކަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާއަކީ ކޯޓުގެ ހުކުމާ އެއްގޮތަށް ކުއްޔަށްހިފި ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމުގައި ވާ ނަމަ ނުވަތަ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން އެ ފައިސާ ދެއްކުމަށް ކުއްޔަށްހިފި ފަރާތުން އެއްބަސްވާ ނަމަ، އެ ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސިދާނެއެވެ
8 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން
(ހ) މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މުއްދަތާ ހަމަޔަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ އިތުރުން، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރާ ގޮތަށެވެ:
- މިނިސްޓްރީން "އޮޕަރޭޓިންގ ލައިސަންސް" ދޫކުރާ ތާރީހުން ފެށިގެން، 2 (ދޭއް) އަހަރުދުވަސް ހަމަވުމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ، އެއްވެސް އިންޓަރެސްޓަކާ ނުލައި 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައިލައިގެން، ކޮންމެ އަހަރެއްގެ 4 (ހަތަރެއް) ކުއާޓަރުގައި ހަމަހަމަޔަށް ބަހައިލައިގެން ދެއްކުން.
- މިނިސްޓްރީން "އޮޕަރޭޓިންގ ލައިސަންސް" ދޫކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ހަމަވުމުން އަރައިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، އަހަރަކު %3 (ތިނެއް އިންސައްތަ) ސިމްޕަލް އިންޓަރެސްޓާއެކު ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ބަހައިލައިގެން ކޮންމެ އަހަރެއްގެ 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން ދެއްކުން.
(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަހަރީ އިންޓަރެސްޓު ހިސާބުކުރާނީ، ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަން ފަށާ ދުވަހުން ފެށިގެން، މީލާދީ ކޮންމެ އަހަރެއްގެ އެ ތާރީހުގައި ދައްކަން ބާކީހުރި ޕްރިންސިޕަލް އަދަދުގެ މައްޗަށެވެ.
9 ވަނަ މާއްދާ - ފޭސްތަކަކަށް ބަހައިލައިގެން ތަން ތަރައްގީކުރުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުން
(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ތަން ތަރައްގީކުރުމަށް ދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި އެ ތަނުގެ މަދުވެގެން ފޭސް 1 (އެކެއް) ނިންމައި ތަން ހުޅުވައި، ހިންގަން ފަށަންވާނެއެވެ.
(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި، އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފޭސްތަކަކަށް ބަހައިލައިގެން ތަން ތަރައްގީކުރާ ހާލަތުގައި ފުރަތަމަ ފޭސް ނިންމައި، ހުޅުވުމަށްފަހު، ދެން ތަރައްގީކުރާ ކޮންމެ ފޭހެއް ނިންމުމަށް، ދެވޭނީ ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތެކެވެ. މިފަދައިން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ، އަންނަނިވި ކަންކަމަށް ކުއްޔަށް ހިފައިފައިވާ ފަރާތުން އެއްބަސްވާނަމައެވެ:
- ތަރައްގީކުރަނީ 2 (ދޭއް) ފޭހަށް ނަމަ، 300,000 (ތިން ލައްކަ) އެމެރިކާ ޑޮލަރު ދެއްކުން؛
- ތަރައްގީކުރާ ފޭސްތަކުގެ އަދަދު 2 (ދޭއް) ފޭހަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ ފޭހަކަށް 400,000 (ހަތަރު ލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ، މިނިސްޓްރީން ހުއްދަ ދޭ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކައި ނިންމަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަޅެއްގައި ހިއްކައިގެން އުފައްދައިފައިވާ ރަށްތައް ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ނަމަ، ކޮންމެ ރަށަކަށް ވަކިން "ލޭންޑް ސަރވޭ" އެއް ހަދަންވާނެއެވެ. މުޅި ރަށުގެ ނުވަތަ ފަޅުގެ ޖުމުލަ ބިމުގެ ކުލި، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގައިވާ ޖަދުވަލު 1 ގެ ވަކި ގިންތިއަކަށް ފެތޭ ނަމަ ކުލި ދައްކާނީ، ހިންގަން ފަށައިފައިވާ ރަށުގެ ފަޅު ހިއްކައި، އެ ފަޅު ތަރައްގީކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، ތަރައްގީކޮށް ނިމިފައިނުވާ ތަންތަނަށް އަރައިފައިވާ ބިމު ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދެ ގޮތުން ކުރެ، ތަން ކުއްޔަށް ހިފާ ފަރާތުން އިހްތިޔާރުކުރާ ގޮތަކަށް އަމަލުކުރެވޭނެއެވެ.
10 ވަނަ މާއްދާ - ރީޑިވެލޮޕްމަންޓަށް ތަން ބަންދުކުރުން
(ހ) ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކޮށް، ހިންގަމުންދާ ތަނެއް ރީޑިވެލޮޕްކުރުމަށް ބަންދުކުރަންވާނީ މި ގަވާއިދުގެ 11 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހުގައެވެ.
(ށ) ތަން ރީޑިވެލޮޕްކުރުމަށް ހުއްދަ ދޭނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްބަސްވާނަމައެވެ.
(ނ) ރީޑިވެލޮޕްމަންޓަށް މުޅި ތަން އެކީގައި ބަންދުކުރާ ނަމަ، އެ ފަދައިން ބަންދުކުރުމާއެކު ރީޑިވެލޮޕްކުރުމަށް މިނިސްޓްރީން ހުއްދަ ދޭ މުއްދަތުގައި ދައްކަންޖެހޭ ކުލި، މި ގަވާއިދުގެ 8 ވަނަ މާއްދާއާ އެއްގޮތަށް ފަސްކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އެގޮތުން، ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދެވޭ މުއްދަތު ހަމަވުމުން، އެ ތަނެއްގެ ކުލި ހިނގަން ފަށާނެއެވެ.
(ރ) އެއް ފަޅެއްގައި ތަރައްގީކޮށްފައިވާ ރަށްތަކުގެ ތެރެއިން، ވަކި ރަށެއް ރީޑިވެލޮޕްމަންޓަށް ބަންދުކުރާ ނަމަ، އެ ރަށެއް ބަންދުކުރުމަށް މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަ ދޭ މުއްދަތަށް ބަންދުކުރާ ރަށަކަށް ކުލި ފަސްކޮށްދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެ ތަނަކަށް ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދެވޭ މުއްދަތު ހަމަވުމުން، މުޅި ތަނުގެ ކުލި ހިނގަން ފަށާނެއެވެ.
(ބ) ރީޑިވެލޮޕްމަންޓް ޕީރިއަޑު ހޯދުމަށް އެދި ހުށަހަޅާ ތަނަކީ، މިނިސްޓްރީގެ ހުއްދަޔާއެކު ބަންދުކޮށްފައިވާ ތަނެއް ނަމަ، އެ ތަނެއް ރީޑިވެލޮޕްކުރުމަށް ބަންދުކޮށްފައިވާ މުއްދަތަށް އަރާ ބިމު ކުލީގެ އިތުރުން، ރީޑިވެލޮޕްކުރުމަށް ބަންދުކުރި ތާރީހުގެ ކުރިން އެ ތަނަކާ ގުޅިގެން ނުދައްކާ ހުރި ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމުގެ އިހްތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގެ (ނ)، (ރ) އަދި (ބ) ގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ރީޑިވެލޮޕްމަންޓް ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން، 24 (ސައުވީސް)
މަސްދުވަހުގެ ތެރޭގައި ކުއާޓަލީ އިންސްޓޯލްމަންޓަށް ހަމަހަމަޔަށް ބަހައިލައިގެން ދައްކަންވާނެއެވެ.
(ކ) ރީޑިވެލޮޕްމަންޓަށް ރަށުގެ ނުވަތަ ބިމުގެ ބައެއް ބަންދުކުރާ ހާލަތުގައި، އެ ތަނެއް ބަންދުކުރުމަށް ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ 18 (އަށާރަ) މަސްދުވަހެވެ.
(އ) މި މާއްދާގެ (ކ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުޅި ތަން އެކީގައި ތަޅައިލައިގެން އަލުން ތަރައްގީކުރާ ނަމަ، ގިނަވެގެން 24 (ސައުވީސް) މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ވ) މި މާއްދާގެ ދަށުން ރީޑިވެލޮޕްމަންޓަށް ބަންދުކުރެވޭނީ، މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ކުރެވޭ އެއްބަސްވުމަށް ގެންނަ އިސްލާހެއްގެ ދަށުންނެވެ.
(މ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ތަނެއްގެ ހިދުމަތް ދިނުން ހުއްޓައިލައި، ތަން ބަންދުކޮށްފައިވާ ނަމަ، ކުލީގެ އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅުތައް އެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ފ) މި ގަވާއިދުގެ ދަށުން ރީޑިވެލޮޕްމަންޓަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށައިފައިނުވާ ނަމަ، ތަން ހުޅުވުމަށްޓަކައި 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ކުއްޔަށް ހިފައިފައިވާ ފަރާތަށް މިނިސްޓްރީން ދޭންވާނެއެވެ.
(ދ) މި މާއްދާގެ (ފ) ގެ ދަށުން ދެވޭ ނޯޓިހުގެ މުއްދަތު ހަމަވާއިރު ވެސް މަސައްކަތް ނިންމައި، ތަން ހުޅުވައިފައިނުވާ ނަމަ، އަންނަނިވި ގޮތުގެ މަތިން އަމަލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާކުރުން؛
- މަސައްކަތް ނިންމުމަށް އިތުރު 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދިނުމާއެކު، މި މުއްދަތަށް 300,000 (ތިންލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ނެގުން؛ ނުވަތަ
- މަސައްކަތް ނިންމުމަށް އިތުރު 12 (ބާރަ) މަސްދުވަހުގެ މުއްދަތެއް ދިނުމާއެކު، މި މުއްދަތަށް 600,000 (ހަލައްކަ) އެމެރިކާ ޑޮލަރުގެ ފީއެއް ނެގުން.
(ތ) މި މާއްދާގެ (ދ) ގެ ދަށުން ދެވޭނެ އެންމެ ދިގު މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. މި މުއްދަތުގެ ތެރޭގައި ތަން ނިންމައި ހުޅުވަންވާނެއެވެ.
(ލ) ރީޑިވެލޮޕްމަންޓް ޕީރިއަޑުގައި ތަން ހުޅުވައި ހިދުމަތްދޭން ފަށައިފައިނުވާ ނަމަ، މި މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ދޭންވާނެއެވެ. އަދި ނޯޓިހުގެ މުއްދަތު ހަމަވާއިރު، މަސައްކަތް ނިންމައި، ހިދުމަތް ދޭން ފަށައިފައިނުވާ ނަމަ، މި މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުރުސަތު ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ހިދުމަތް ދޭން ފަށައިފައިނުވާ ނަމަ، ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެފަދައިން، ތަނުގެ ކުލީގެ އެއްބަސްވުން ބާޠިލުކުރާ ހާލަތެއްގައި، ތަން ކުއްޔަށް ހިފައިފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެއެވެ.
11 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމާއި ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށާއި، ރީޑިވެލޮޕްމަންޓް ޕީރިއަޑު އިތުރުކުރުމަށާއި، މި މުއްދަތުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ށ) ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށާއި، ރީޑިވެލޮޕްމަންޓް ޕީރިއަޑު އިތުރުކުރުމަށާއި މި މުއްދަތުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ފަސްކޮށްދިނުމަށް އެދި، ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށާއި، ރީޑިވެލޮޕްމަންޓް ޕީރިއަޑަށް އެދި، އަދި މި މުއްދަތުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅުމަށް، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ފޯމު؛
- ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށާއި، ރީޑިވެލޮޕްމަންޓް ޕީރިއަޑަށް އެދި، އަދި މި މުއްދަތުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައިވާކަން ހާމަކޮށްދޭ ބޯޑު ރިޒޮލިއުށަން؛
- ފޭސްތަކަކަށް ބަހައިލައިގެން ތަން ތަރައްގީކުރާ ހާލަތުގައި، މުއްދަތު އިތުރުކުރުމަށް، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެއްބަސްވުން.
12 ވަނަ މާއްދާ - ވަރކްޕްލޭނުގައި ހުންނަންޖެހޭ ށަރުޠުތައް
(ހ) މި ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދިނުމަށް ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑު އިތުރުކޮށްދިނުމަށް، ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރާ ތާރީހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނޭ ގޮތުގެ މަތީން ވަރކްޕްލޭން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި މިފަދައިން ވަރކްޕްލޭން ހުށަނާޅައިފި ނަމަ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- ވަރކްޕްލޭނުގައި، ތަން ހުޅުވަން ގަސްތުކުރާ ތާރީހު (ބަޔާންކުރަންވާނެއެވެ). އަދި މި ތާރީހު ވާންވާނީ، ކޮންސްޓްރަކްށަން ޕީރިއަޑު ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ގޮތުގައި އެއްބަސްވުމުގެ އިސްލާހުން އިތުރުކޮށްދީފައިވާ މުއްދަތުގެ ތެރޭގައި ހިމެނޭ ތާރީހަކަށެވެ.
- ކުލީގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައިނުވާ ނަމަ، ނުވަތަ އެ ފަދަ ލިޔެކިޔުމެއް އިސްލާހުކޮށްފައި އަލުން ހުށަހަޅަން ގަސްތުކުރާ ނަމަ، އެ ލިޔެކިޔުންތައް ހުށަހެޅުމަށް ގަސްތުކުރާ ތާރީހުތައް ބަޔާންކުރަންވާނެއެވެ. އަދި މިފަދައިން ލިޔެކިޔުންތައް ހުށަނާޅައިފި ނަމަ، އެއްބަސްވުމުގެ ދަށުން ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- މި މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނެގަތުމުގެ ރިޕޯޓު، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ފާސްކޮށްފައިވާ ނަމަ، އެ އިދާރާއަކުން އެ ތަނުގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ މުއްދަތު (ބަޔާންކުރަންވާނެއެވެ). އަދި އެ ފަދަ ހުއްދައެއް ލިބިފައިނުވާ ނަމަ، ނުވަތަ ހުއްދަ ދީފައިވާ މުއްދަތު ހަމަވެފައިވާ ނަމަ، ކަމާބެހޭ އިދާރާއަށް އެ ރިޕޯޓު ހުށަހެޅުމަށް ގަސްތުކުރާ ތާރީހު، ވަރކްޕްލޭނުގައި ހިމަނަންވާނެއެވެ.
- ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރީތައް ވުމަށް ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް (މޮބިލައިޒްކުރުމަށް) ވަކި މުއްދަތެއް ބޭނުންވާ ނަމަ، އެ މުއްދަތު (ބަޔާންކުރަންވާނެއެވެ).
- އެންމެ މަދު މިންވަރަކަށް ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާ ޖުމުލަ މުއްދަތު (ބަޔާންކުރަންވާނެއެވެ).
(ށ) މި ގަވާއިދުގެ ދަށުން ހުށަހަޅާ ވަރކްޕްލޭން، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މިންގަނޑަށް ނުފެތޭ ނަމަ، އެ ވަރކްޕްލޭން އިސްލާހުކުރުމަށްފަހު ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އަލުން ހުށަހެޅުމަށް އެންގުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ވަރކްޕްލޭން އިސްލާހުކުރުމަށް މިނިސްޓްރީން އަންގާ ހާލަތުގައި، މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުން ފުރިހަމަވީކަމުގައި ބެލެވޭނީ، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭގޮތަށް ވަރކްޕްލޭން އިސްލާހުކޮށް، މިނިސްޓްރީން ވަރކްޕްލޭން އެޕްރޫވްކުރާ ތާރީހުން ފެށިގެންނެވެ.
13 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕަރމިޓް
ކޮންސްޓްރަކްށަން ޕަރމިޓް ދޫކުރެވޭނީ މި ގަވާއިދުގެ ދަށުން، އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑު (ނުވަތަ ރީ-ޑިވެލޮޕްމަންޓް ޕީރިއަޑު) އިތުރުކުރުމަށް ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރުމަށްފަހު، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަރކްޕްލޭން މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން ވަރކްޕްލޭން ފާސްކުރުމަށްފަހުގައެވެ.
14 ވަނަ މާއްދާ - ތަން ހިންގަން ފަށަންޖެހޭ މުއްދަތުގައި ނުފެށުން
(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑު ނުވަތަ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ރީ-ޑިވެލޮޕްމަންޓް ޕީރިއަޑު ހަމަވުމުގެ ކުރިން އެ ތަނެއް ހިންގަން ފަށައިފައިނުވާ ނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ، މަދުވެގެން 1 (އެކެއް) ފޭސް ނިމި ހިންގަން ފަށައިފައިނުވާ ނަމަ، ފަސްކޮށްދެވިފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާގެ ފައިސާ ހިމެނޭގޮތަށް އެހައިތަނަށް ނުދައްކައިވާ ކުއްޔާއި ޖޫރިމަނާގެ އެންމެހައި ފައިސާ ކޮންސްޓްރަކްށަން ޕީރިއަޑު ނުވަތަ ރީ-ޑިވެލޮޕްމަންޓް ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، ދައުލަތަށް ދައްކަންވާނެއެވެ.
(ށ) މި ގަވާއިދުގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ، މި މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ މުއްދަތުގައި ދައްކައިފައިނުވާ ނަމަ، ތަން ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވާ ތާރީހުން ފެށިގެން، ސަރުކާރު ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ތަން ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފި ނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާތުތަކުން އެ ތަނެއް އިސްތިސްނާކޮށް، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހުތިޔާރުކޮށްފައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް ފުރުސަތު ދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.
15 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން
(ހ) ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެކަމަށް ކަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅައި ކަމާބެހޭ އިދާރާއަކުން އިއުލާނުކޮށްފި ނަމަ، އެ ކުއްލި ނުރައްކަލުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި މަސައްކަތްކުރުމަށް ހުރަސްއެޅިފައިވާ ނަމަ، މަސައްކަތްކުރުމަށް ހުރަސްއެޅުނު މުއްދަތު، ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރެއަށް އިތުރުކޮށްދިނުމަށް އެދި، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނީ، އަންނަނިވި ކަންކަން ފުރިހަމަކުރާ ފަރާތްތަކަށެވެ.
- ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ތަން ތަރައްގީކުރުމަށް ހުރަސްއެޅިފައިވާ ކަމުގައި ބަޔާންކޮށް އެ މުއްދަތު އިތުރުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވުން؛
- ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން އެ ތަނެއް ތަރައްގީކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާކަން އަންގައިދޭ އެކަށީގެންވާ ލިޔެކިޔުން ހުށަހަޅައިފައިވުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން އެ ތަނަކަށް ދޫކޮށްފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި އެ ތަނެއް ތަރައްގީކުރުމަށް ހުރަސްއެޅިފައިވާކަން މިނިސްޓްރީއަށް ގަބޫލުކުރެވޭ ނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ތަރައްގީކުރުމަށް ހުރަސްއެޅުނު މުއްދަތު އިތުރުކުރުމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރި ނަމަވެސް، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް، ކުރިން ދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑު ހަމަވެ، އެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދިނުމަށް އެދި ހުށަހަޅާއިރު، އެ ހާލަތެއްގެ ސަބަބުން އެ ތަނަކަށް އަސަރުކޮށްފައިވާ މިންވަރު ބަޔާންކޮށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.
16 ވަނަ މާއްދާ - ކުލީގެ އެއްބަސްވުން އިސްލާހުކުރުން
މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދެވޭނީ ނުވަތަ ރީ-ޑިވެލޮޕްމަންޓް ޕީރިއަޑެއް ދެވޭނީ އަދި ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުލީގެ ފައިސާއެއް ނުވަތަ ޖޫރިމަނާގެ ފައިސާއެއް ފަސްކޮށްދެވޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހަކުންނެވެ.
(ހ) ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހުގައި އެންމެ މަދުވެގެން ވެސް، އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.
- މި ގަވާއިދުގެ ދަށުން ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހުގައި، ކޮންސްޓްރަކްށަން ޕީރިއަޑު ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދޭ އެންމެ ދިގު މުއްދަތެއްގެ ތެރޭގައި، ތަން ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ހިދުމަތްދޭން ފަށައިފައިނުވާ ނަމަ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކުއްޔަށް ހިފައިފައިވާ ފަރާތާ މެދު ފިޔަވަޅު އަޅައި، ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިފައިވާކަމާއި، ކުލީގެ އެއްބަސްވުން ބާޠިލުކުރާ ހާލަތެއްގައި، ކުއްޔަށް ހިފައިފައިވާ ފަރާތަށް، ސަރުކާރުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަން؛
- ކޮންސްޓްރަކްށަން ޕީރިއަޑުގެ ގޮތުގައި ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދެވޭ މުއްދަތު؛
- ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭ ނަމަ، އެ ކުއްޔާއި ޖޫރިމަނާ އަރައިފައިވާ މުއްދަތާއި ދައްކަންޖެހޭ މުއްދަތު.
(ށ) ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހުގައި ށަރުޠު ފުރިހަމަވާކަމަށް މިނިސްޓްރީން ނިންމައިފައިވާ ހާލަތުގައި، ކުލީގެ އެއްބަސްވުމަށް ގެންނަ އިސްލާހުގައި ސޮއިކޮށްފައި ނުވި ނަމަވެސް، މުއްދަތު އިތުރުކުރުމަށް ނިންމި ނިންމުމާ ގުޅިގެން މިނިސްޓްރީން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމަށާއި، ތަން ތަރައްގީކުރުމަށް ގެންނަ މުދަލުން ޑިއުޓީ މާފުކުރުމަށް ހުއްދަ ދޫކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
17 ވަނަ މާއްދާ - ތަން ތަރައްގީކޮށް ނުނިންމައި ދިގު މުއްދަތެއް ފާއިތުވެފައިވާ ތަންތަނާ މެދު އަމަލުކުރެވޭނެ ހާއްސަ އިޖުރާތު
(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ގަވާއިދު ނަންބަރު 2022-236 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގެ ދަށުން ނުވަތަ ކަމާބެހޭ އެނޫންވެސް ގަވާއިދެއްގެ ދަށުން، ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްފައިވާ ފަރާތްތަކާއި، ކުލީގެ އެއްބަސްވުމުގެ ދަށުން ދީފައިވާ ގްރޭސް ޕީރިއަޑު ހަމަވެފައިވީ ނަމަވެސް، ކަމާބެހޭ ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްފައިނުވާ ފަރާތްތަކާމެދު އަމަލުކުރެވޭނީ އަންނަނިވި ގޮތަށެވެ.
- ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ތަރައްގީކުރުމަށް ދީފައިވާ މުއްދަތުން 8 (އަށެއް) އަހަރުދުވަސް ފާއިތުވެ، ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ 10,000,000 (ދިހަ މިލިއަން) އެމެރިކާ ޑޮލަރަށް ވުރެ އިތުރުވެފައިވާ ތަންތަނާއި، ތަން ތަރައްގީކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ތަންތަނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެ ތަންތަނުގެ ކުލީގެ އެއްބަސްވުންތައް އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާޠިލުކުރުން؛
- ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން، ގްރޭސް ޕީރިއަޑަށްފަހު، ކޮންސްޓްރަކްށަން ޕީރިއަޑު 60 (ފަސްދޮޅަސް) މަސްދުވަހަށް ވުރެ ގިނަދުވަހަށް އިތުރުކޮށްފައިވާ ތަންތަނާއި ކުލީގެ މުއްދަތުން 8 (އަށެއް) އަހަރުދުވަސް ފާއިތުވެފައިވާ ތަންތަން ނުވަތަ ތަރައްގީކުރުމުގެ މަސައްކަތުގެ %15 (ފަނަރަ އިންސައްތަ) އަށް ވުރެ ދަށު ތަންތަނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެ ތަންތަނުގެ ކުލީގެ އެއްބަސްވުންތައް، އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ބާޠިލުކުރުން؛
- ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން ގްރޭސް ޕީރިއަޑު ހަމަވެ، މުއްދަތު އިތުރުކޮށްފައިނުވާ، އަދި ކުލީގެ މުއްދަތުން 8 (އަށެއް) އަހަރުދުވަސް ހަމަނުވާ ތަންތަނަށް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމަށް 1 (އެކެއް) ފުރުސަތު ދިނުމާއި، މިގޮތުން ދެވޭ މުއްދަތުގެ ތެރޭގައި ތަން ތަރައްގީކޮށް ހިދުމަތް ދޭން ފަށައިފައިނުވާ ނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާޠިލުކުރުން؛
- ކުލީ އެއްބަސްވުމަށް 8 (އަށެއް) އަހަރުދުވަސް ވެފައިވާ ތަންތަނުގެ ތެރެއިން ތަން ތަރައްގީކޮށް ނިމިފައިނުވި ނަމަވެސް، އިމާރާތްކުރުމުގެ މުއްދަތެއް އޮތް އަދި މަސައްކަތް ކުރިޔަށްދާ ތަންތަނުގެ މަސައްކަތް ހިނގާ މިންވަރު ބެލުމަށްފަހު، އެކަށީގެންވާ ދުވެއްޔެއްގައި މަސައްކަތް ކުރިޔަށްނުދާ ނަމަ ނުވަތަ މަސައްކަތް ހުއްޓިފައިވާ ނަމަ ކުލީގެ އެއްބަސްވުމާ ހިލާފުނުވާނޭ ގޮތެއްގެ މަތީން އެ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
- މި މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަންތަނުގެ ތަރައްގީގެ މަސައްކަތުގެ %50 (ފަންސާސް އިންސައްތަ) ނިމިފައިވާ ނަމަ، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން ހުށަހަޅާ އިގުރާރަކަށް ބިނާކޮށް އަދި މިނިސްޓްރީން އެ ތަނެއް ބަލައި ކަށަވަރުކުރުމަށްފަހު، އެ ތަނެއްގެ މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގެ ތެރެއިން ރަހުނުކޮށްފައިވާ ތަންތަނާއި، ރަހުނު ނުދެއްކުމުގެ ސަބަބުން ރަށް ވިއްކައިލުމަށް ކޯޓުގެ ހުކުމަކުން ހުއްދަ ދީފައިވާ ތަންތަނުގެ ކުލީގެ އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން، ރަހުނު ހިފި ފަރާތަށް އެކަން އެންގޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއްގައި ކުލީގެ އެއްބަސްވުން ބާޠިލުކުރާ ނަމަ އެ ތަނަކާ ގުޅިގެން އަރައިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭނެއެވެ.
18 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "މިނިސްޓްރީ" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން "ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު، އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ ވުޒާރާއަށެވެ.
(ށ) "ތަން" ނުވަތަ "ތަންތަން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަމަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅަށެވެ.
(ނ) "ކޮންސްޓްރަކްށަން ޕީރިއަޑް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވުމަށްފަހު، އެ ތަންތަން ތަރައްގީކުރުމަށް މި ގަވާއިދާ އެއްގޮތަށް ދެވޭ މުއްދަތަށެވެ.
(ރ) "ފަތުރުވެރިކަމުގެ ބޭނުން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ރިޒޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް ބަނދަރު ފަދަ ތަންތަން ހަދައި، ތަރައްގީކޮށް ހިންގުމަށާއި، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކުރެވިގެން ދެވޭ ފީނުމާއި، ވޯޓަރ ސްޕޯޓްސްއާއި، ފަތުރުވެރިން ދަތުރުދިއުމުގެ ހިދުމަތް ދިނުން ފަދަ ކަންކަމަށެވެ.
(ބ) "ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި، ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށެވެ. މީގެ އިތުރުން، ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާ ގެ ދަށުން އިއުލާނުކުރާ ކާރިސާގެ ހާލަތްތަކާއި ބައިނަލްއަގްވާމީ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުންނާއި، ތަން ތަރައްގީކުރާ ފަރާތުގެ ކޮންޓްރޯލުން ބޭރުން ދިމާވާ ކަންކަން (މިސާލަކަށް: މުދާ ހޯދުމަށް ދަތިވުން ނުވަތަ މާލީ މުއާމަލާތްތައް ހިންގުމަށް ހުރަސްއެޅުން ފަދަ ކަންކަން( ވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.
(ޅ) "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީކުރެވިފައިނުވާ ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ތަން ކުއްޔަށް ދޫކުރުމަށް ފުރަތަމަ ސޮއިކުރި ކުލީގެ އެއްބަސްވުމުގައި (އިނީށަލް ލީޒް އެއްބަސްވުމުގައި) ކަނޑައެޅިފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ މުއްދަތު ހަމަވެ ތަރައްގީކޮށް ނިމިފައިނުވާ ތަންތަނަށެވެ.
(ކ) "ރީ ޑިވެލޮޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު އެ ތަނެއްގެ ފެންވަރު މަތިކުރުމަށް ނުވަތަ އެ ތަނެއް އަލުން ތަރައްގީކުރުމަށް ނުވަތަ މަރާމާތުކުރުމަށް ނުވަތަ އާބާތުރަފިލުވުމަށެވެ.
(އ) "ރީ ޑިވެލޮޕްމަންޓް ޕީރިއަޑު" ކަމަށް ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް، މުޅި ތަން ނުވަތަ އެ ތަނުން ބައެއް ތަޅައިލައި، މަރާމާތުކުރުމުގެ މުއްދަތަށެވެ.
(ވ) "ކޮންސްޓްރަކްށަން ޕަރމިޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ.
(މ) "ތަން ތަރައްގީކޮށް ނިންމުން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއް ކުލީގެ އެއްބަސްވުމުގައި އެ ތަނެއް އިމާރާތްކޮށް ތަރައްގީކުރުމުގެ މަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެ މަސައްކަތްތައް ނިންމައި، ތަން އޮޕަރޭޓިންގ ހާލަތަކަށް ގެނައުމަށެވެ.
(ފ) "އަމަލީ މަސައްކަތްތައް" ކަމަށް ބުނެފައި އެވަނީ، ރަށުގައި ނުވަތަ ފަޅުގައި ނުވަތަ ބިމުގައި އިމާރާތްކުރަން ފަށައިފައިވުމަށެވެ.
(ދ) "ގްރޭސް ޕީރިއަޑު" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން، ކުލި ނުހިނގާގޮތަށް އަލަށް ދޫކުރެވޭ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތަށެވެ. މީގެ ތެރޭގައި، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާ ގުޅޭގޮތުން އަމަލުކުރެވޭ ގަވާއިދެއްގެ ދަށުން، އެ ތަނެއް ތަރައްގީކޮށް ނިންމުމަށް އިތުރުކޮށްދީފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.
(ތ) "އޮޕަރޭޓިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ތަން ހިންގައި ހިދުމަތް ދިނުމަށް މިނިސްޓްރީން ދޫކުރާ ހުއްދައަށެވެ.
(ލ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އާއި، އެ ގާނޫނަށް ގެނެވޭ އިސްލާހުތަކަށެވެ.
(ގ) "ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ތަން ކުއްޔަށް ދޫކުރުމަށް މިނިސްޓްރީއާއި، ކުއްޔަށް ހިފައިފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމަށެވެ.
(ޏ) "ފޭސްތައް" ކަމަށް ބުނެފައި އެވަނީ، އެއްފަޅެއްގެ ތެރޭގައި އެއްރަށަށްވުރެ ގިނައިން އުފެދިފައިވާ ނުވަތަ ހިއްކައިފައިވާ ތަންތަނަށެވެ.
(ސ) "ސިމްޕަލް އިންޓަރެސްޓް" ކަމަށް ބުނެފައި އެވަނީ، އަހަރު ނިމޭއިރު ނުދައްކާހުރި ފައިސާގެ ޖުމުލަ އަދަދުގެ މައްޗަށް، ކަނޑައެޅިފައިވާ ވަކި އިންސައްތައަކުން ހިސާބުކުރެވޭ އިތުރު ފައިސާއަށެވެ.
19 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
20 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2022-236 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އުވުނީއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދީފައިވާ ތަންތަނަށް ދީފައިވާ ލުއިތައް، އެ ތަންތަނުގެ ކުލީގެ އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑު އެންމެ ފަހުން އިތުރުކޮށްދިންއިރު، ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރަމުން ގެންގޮސްފައިވާ ގަވާއިދާ އެއްގޮތަށް، ނުވަތަ އުސޫލާ އެއްގޮތަށް ދެމިގެންދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރުމުގެ ކުރިން ކޮންސްޓްރަކްށަން ޕީރިއަޑު އިތުރުކޮށްދިނުމަށް ނުވަތަ ކުލި ފަސްކުރުމަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުންތަކުގެ ތެރެއިން މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އެ ހުށަހެޅުމަކާ މެދު މިނިސްޓްރީން ވަކި ގޮތެއް ނިންމައިފައިނުވާ ހުށަހެޅުމަކީ މި ގަވާއިދުގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުންތަކެއްގެ ގޮތުގައި ބަލައި، އެ ހުށަހެޅުންތަކާ މެދު މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.
މައި ގާނޫނު
ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)
ކިޔުންތެރިންގެ ހިޔާލު