-

ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2026-58)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 ޖޫން 2026 ގައި)

 

ތައާރުފު

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-09 (ކްލައިމެޓް އިމަރޖަންސީ ގާނޫނު) ގެ 22 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ އިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މިންކޮށް، ދަފުތަރުކޮށް އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރުކުރުމާ ގުޅޭ އިދާރީ އިންތިޒާމުތަކާއި އިޖުރާތުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދާށް ކިޔާނީ، "ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު" މިހެންނެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ދިވެހިރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މިންކޮށް ބެލެހެއްޓުމާއި، ދަފުތަރުކުރުމާއި، އަދި ވިހަ ގޭހުގެ މިންވަރު ކަށަވަރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އެއް އިދާރާއިން އަނެއް އިދާރާއަށް އެ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްކުރާނެ އެކި މަރުހަލާތައް ބަޔާންކުރުމާއި، އެ މަސައްކަތް ބައްޓަންކުރާނެ ގޮތް ބަޔާންކުރުމާއި، އެކި އިދާރާތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރުމާއި، މިކަންކަމާ ގުޅޭ އިދާރީ އިންތިޒާމުތައް ކަނޑައެޅުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ
ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓުތައް އެކުލަވައިލައި ތައްޔާރުކުރުމަށް ބޭނުންވާ ރާއްޖޭގެ ވިހަ ގޭހުގެ ހާލަތު ދެނެގަންނަ ން ބޭނުންވާ މައުލޫމާތު އެއްކޮށް އަދާހަމަކޮށް ބެލެހެއްޓުމަށް މަގުފަހިކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ހިންގާ ތަންފީޒުކުރާނީ މިނިސްޓްރީންނެވެ.

 

 

ފުރަތަމަ ބައި: މައުލޫމާތު ހޯދުން

 

4 ވަނަ މާއްދާ - މައުލޫމާތު އެއްކުރުމުގެ ޒިންމާ

މި ގަވާއިދުގެ ދަށުން ކަނޑައަޅާ ކޮންމެ މަސްލަހަތުވެރިޔަކު ވެސް، ދިވެހިރާއްޖެއިން ވިހަ ގޭސް ބޭރުވާ މިންވަރު މޮނީޓަރކޮށް ރިޕޯޓުކޮށް ވެރިފައިކުރުމަށް ބޭނުންވާ މައުލޫމާތު ރިކޯޑުކޮށް ބަލަހައްޓައި، މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

 

5 ވަނަ މާއްދާ - މަސްލަހަތުވެރިން

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި އަންނަނިވި ފަރާތްތަކަކީ މަސްލަހަތުވެރިންނެވެ.

  1. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ؛
  2. ދިވެހިރާއްޖޭގައި ޔުޓިލިޓީ ހިދުމަތްދޭ އެންމެހައި ފަރާތްތައް؛
  3. ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ފެސިލިޓީތައް؛
  4. މޯލްޑިވްސް ކަސްޓަމްސް ސަރވިސް؛
  5. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް؛
  6. ސިނާއީ ދާއިރާއާއި މެނުފެކްޗަރިން ގ ދާއިރާގެ އެންމެހައި ފަރާތްތައް؛
  7. ރެފްރިޖަރޭށަން ސިސްޓަމްތަކާއި އެއަރކޮންޑިށަން ސަރވިސްކުރާ އެންމެހައި ފަރާތްތައް؛
  8. ސިވިލް އޭވިއޭށަން އޮތޯރިޓީ (ސީ.އޭ.އޭ)؛
  9. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް؛
  10. އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ؛
  11. އެއަރޕޯޓްތައް ހިންގާ އެންމެހައި ފަރާތްތައް؛
  12. ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެންމެހައި ފަރާތްތައް؛
  13. ދިވެހިރާއްޖެއަށް ހަކަތައިގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކާއި، އެފަދަ ތަކެތި އުފައްދާ ފަރާތްތަކާއި، ހަކަތައިގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް.

(ށ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށް މަސްލަހަތުވެރިންނަށް ބޭނުންވާ ތަމްރީނާއި ގާބިލުކަން ހޯދައިދިނުމަށް ޕުރޮގުރާމުތައް އިންތިޒާމުކުރާނީ މިނިސްޓްރީންނެވެ.

 

 

ދެވަނަ ބައި: މިނިސްޓްރީ އާއި ސެކްޓޯރަލް ވޯރކިންގ ގްރޫޕްތަކުގެ މަސައްކަތް

 

6 ވަނަ މާއްދާ - މައުލޫމާތު ހޯދައި، ހިއްސާކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރުން

މިނިސްޓްރީން އެކުލަވައިލަންޖެހޭ އެކިއެކި ރިޕޯޓުތައް އެކުލަވައިލައި ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އެއް އިދާރާއިން އަނެއް އިދާރާއަށް މައުލޫމާތު ބަދަލުކުރުމާއި ހިއްސާކުރުމުގެ މަސައްކަތް ވިލަރެސްކުރުމުގެ ޒިންމާ އަދާކުރުމާއި، އެކަމުގެ އިދާރީ އިންތިޒާމުތައް ރާވައި ބަލަހައްޓާނީ މިނިސްޓްރީންނެވެ.

 

7 ވަނަ މާއްދާ - މައުލޫމާތު ހޯދައި، ހިއްސާކުރުމާ ގުޅޭ އެކިއެކި މަސްއޫލިއްޔަތުތައް

މައުލޫމާތު ހޯދައި، އެ މައުލޫމާތު ހިއްސާކުރުމާ ގުޅޭ އަންނަނިވި ކަންކަމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ.

(ހ) މައުލޫމާތު އެއްކުރުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން.

(ށ) އެކިއެކި މުއައްސަސާތަކުން ހިއްސާކުރަންޖެހޭ ނުވަތަ ބަދަލުކުރަންޖެހޭ މައުލޫމާތު ސާފުކޮށް ބަޔާންކުރުމާއެކު، މައުލޫމާތު ހިއްސާކުރުމަށް މުއްދަތު ކަނޑައެޅުން.

(ނ) ކަނޑައެޅިފައިވާ މުއްދަތުތަކުގައި މަސްލަހަތުވެރިން މައުލޫމާތު އެއްކޮށް، ހިއްސާކުރޭތޯ ބަލައި، އެކަން ވިލަރެސްކުރުން.

(ރ) މައުލޫމާތުގެ ފެންވަރު ރަނގަޅުކުރުމަށް އެކި މަސްލަހަތުވެރިންނަށް ދޭންޖެހޭ އިރުށާދު ދިނުން.

(ބ) ސެކްޓޯރަލް ވޯރކިންގ ގްރޫޕްތަކުގެ މަށްވަރާ ހޯދުމަށް ޓަކައި އެކިއެކި ރިޕޯޓުތަކުގެ ޑްރާފްޓުތައް ސެކްޓޯރަލް ވޯރކިންގ ގްރޫޕްތަކާ ހިއްސާކުރުމާއި، ސެކްޓޯރަލް ވޯރކިންގ ގްރޫޕްތަކުން ދޭ މަށްވަރާއާ އެއްގޮތްވާ ގޮތުގެ މަތީން ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރުން.

(ޅ) ލިބޭ މައުލޫމާތާ ގުޅިގެން ޕޮލިސީ ލެވަލްގައި ނިންމަންޖެހޭ ކަންކަން ދެނެގަނ،ެ އެ ޕޮލިސީ ނިންމުންތައް ހޯދުމުގައި މަސައްކަތްކުރާނެ ގޮތާމެދު މަށްވަރާކޮށް، އެ ކަންކަމާ ޒިންމާވާނެ މުއައްސަސާތައް ކަނޑައަޅައި، އެކުލަވައިލަންޖެހޭ ކަރުދާސްތައް އެކުލަވައިލުމުގައި އެހީތެރިވުމާއި، ނިންމަންޖެހޭ ކަންތައްތައް ނިންމުމުގައި ފަންނީ ލަފާ ދިނުން.

(ކ) ރިޕޯޓުތަކުގައި ހިމެނޭ މައުލޫމާތުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ހެދިފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، ރިޕޯޓުތަކުގައި ހިމަނަންޖެހޭކަމަށް ފެންނަ މުހިންމު މައުލޫމާތު ދެނެގަތުން.

(އ) މައުލޫމާތު އެއްކުރުމަށް ބޭނުންވާ ޕްރޮޓޮކޯލްތަކާއި، މެނުއަލްތަކާއި، މިންގަނޑުތަކާއި، ފަންނީ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލައި، މިކަމުގެ މައުލޫމާތު ދިނުން.

 

8 ވަނަ މާއްދާ - ސެކްޓޯރަލް ވޯރކިންގ ގްރޫޕްތައް

ވަކި ސެކްޓަރއަކާ ސީދާ ގުޅުންހުރި މައުލޫމާތު ހޯދައި ބެލެހެއްޓުމަށް ޓަކައި އެ ދާއިރާއަކަށް ނިސްބަތްވާ މަސްލަހަތުވެރިން ހިމެނޭހެން ސެކްޓޯރަލް ވޯރކިން ގްރޫޕްތައ،ް މިނިސްޓްރީއަށް އެކުލަވައިލެވިދާނެއެވެ.

 

9 ވަނަ މާއްދާ - ސެކްޓޯރަލް ވޯރކިންގ ގްރޫޕްތަކު ގެ މަސައްކަތް

ސެކްޓޯރަލް ވޯރކިންގ ގްރޫޕްތަކުން މަސައްކަތްކުރާނީ މިނިސްޓްރީން އެކުލަވައިލާ އުސޫލުތަކާ އެއްގޮށެވެ.

 

 

ތިންވަނަ ބައި: މައުލޫމާތު ބަދަލުކުރުމުގެ އިދާރީ އިންތިޒާމު 

 

10 ވަނަ މާއްދާ - މަސްލަހަތުވެރި ންގެ އިދާރީ އިންތިޒާމުތައް

މި ގަވާއިދުގެ ބޭނުމަށް ޓަކައި ކަނޑައެޅޭ ކޮންމެ މަސްލަހަތުވެރިޔަކު، އެ މަސްލަހަތުވެރިޔަކު ނިސްބަތްވާ ދާއިރާއަކުން މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު އެއްކޮށް، ބަލަހައްޓައި، ފޮނުވުމަށް މަގުފަހިކުރުމަށް ޓަކައި އިދާރީގޮތުން އެކުލަވައިލަންޖެހޭ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ.

 

11 ވަނަ މާއްދާ - މައުލޫމާތު ފޮނުވަންޖެހޭ މުއްދަތު

މަސްލަހަތުވެރިން މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު ފޮނުވަންޖެހޭ މުއްދަތު ނުވަތަ މުއްދަތުތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ.

 

12 ވަނަ މާއްދާ - ފޯކަލް ޕޮއިންޓް ކަނޑައެޅުން

(ހ) މައުލޫމާތު އެއްކުރުމުގެ ކަންކަން ވިލަރެސްކުރާނެ ފޯކަލް ޕޮއިންޓެއ،ް ކޮންމެ މަސްލަހަތުވެރިޔަކު ވެސް ކަނޑައަޅަންވާނެއެވެ.

(ށ) ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސްލަހަތުވެރިން ކަނޑައަޅާ ފަރާތުގެ ނަމާއި، މަގާމާއި، އީމެއިލް އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރެއ،ް މިނިސްޓްރީއަށް ހިއްސާކުރަންވާނެއެވެ. އަދި ފޯކަލް ޕޮއިންޓުގެ މައުލޫމާތު ބަލަހައްޓައި، އަދާހަމަކޮށް، މުރާޖާކުރަން ޖެހިއްޖެ ހާލަތެއްގައި މުރާޖާކުރާނީ މިނިސްޓްރީންނެވެ.

(ނ) މަސްލަހަތުވެރިންގެ ބެލުމުގެ ދަށުން އެކި އޮފީސް ނުވަތަ ޑިޕާޓްމަންޓް ނުވަތަ ޔުނިޓްތައް ހިނގާ ނަމަ، އެ ތަންތަނުން މައުލޫމާތު ހޯދުމަށްފަހު މައުލޫމާތު އެއްކުރުމަކީ ފޯކަލް ޕޮއިންޓުގެ ޒިންމާއެކެވެ.

 

13 ވަނަ މާއްދާ - މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން

(ހ) މިނިސްޓްރީއަށް މައުލޫމާތު ފޮނުވުމުގެ ކުރިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ އިންތިޒާމެއ،ް ކޮންމެ މަސްލަހަތުވެރިޔަކު ވެސް ގާއިމުކުރަންވާނެއެވެ. އަދި ފޮނުވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން، އެ މައުލޫމާތެއް ފޮނުވުމުގެ ކުރިން، ކޮންމެ މަސްލަހަތުވެރިޔަކު ވެސް ކަށަވަރު ކުރަންވާނެއެވެ.

(ށ) މިނިސްޓްރީއާށް މައުލޫމާތު ހިއްސާކުރުމަށްފަހު އެއްވެސް ސަބަބަކާހުރެ އެ މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއްކަން މަސްލަހަތުވެރިޔާއަށް ފާހަގަވުމުން، އެ މައުލޫމާތެއް މިނިސްޓްރީއަށް އަންގައި އިސްލާހުކުރެވޭ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ނ) މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ޓަކައި މިނިސްޓްރީން ވަކި މިންގަނޑުތަކެއް ކަނޑައަޅައިފައިވާ ނަމަ، މަސްލަހަތުވެރިން މިނިސްޓްރީއަށް މައުލޫމާތު ފޮނުވަންވާނީ އެ މިންގަނޑުތަކަށް މައުލޫމާތު ފެތޭކަން ކަށަވަރުކުރުމަށްފަހުގައެވެ.

 

14 ވަނަ މާއްދާ - މައުލޫމާތު ހުންނަންވާނެ ގޮތް

(ހ) ވަކި ފޯމެޓަކަށް މައުލޫމާތު ހުށަހެޅުމަށް މިނިސްޓްރީން މަސްލަހަތުވެރިންނަށް އެންގިދާނެއެވެ.

(ށ) މަސްލަހަތުވެރިން ފޮނުވާ މައުލޫމާތުގެ ކޮލިޓީ އެށުއަރެންސާއި ކޮލިޓީ ކޮންޓްރޯލް ސްޓޭންޑަޑްތަކެއް ކަނޑައަޅައި ފައިވާ ނަމަ، މިނިސްޓްރީއަށް އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ. އެހެން ނޫން ނަމަ، ކޮލިޓީ އެށުއަރެންސާއި ކޮލިޓީ ކޮންޓްރޯލްކުރަން ބޭނުންވާ މައުލޫމާތު މަސްލަހަތުވެރިންނާ ގުޅިގެން ހޯދައި، މިނިސްޓްރީން ކޮލިޓީ އެށުއަރކޮށް ކޮލިޓީ ކޮންޓްރޯލް ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މައުލޫމާތުގެ ބޭނުންކުރުން

މަސްލަހަތުވެރިން ފޯރުކޮށްދޭ މައުލޫމާތު ހަމައެކަނި ބޭނުންކުރެވޭނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށާއި މިނިސްޓްރީގެ މަސްއޫލިޔައްތުތައް ކަމަށް އެ އިރެއްގައި ކަނޑައަޅައިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށެވެ. އެނޫން ބޭނުމަކަށް މައުލޫމާތު ބޭނުންކުރެވޭނީ، އެ މައުލޫމާތު ފޯރުކޮށްދިން ފަރާތުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.

 

16 ވަނަ މާއްދާ - މައުލޫމާތު ރައްކައުކުރުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބޭ މައުލޫމާތ،ު މަދުވެގެން 5 (ފަހެއް) އަހަރުދުވަހަށް ނުވަތަ އެ ކަމާ ގުޅޭ ގާނެނެއްގައި ބަޔާންކޮށްފައިވާ މުއްދަތަށް މިނިސްޓްރީގައި ރައްކައުކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

(ހ) މަސްލަހަތުވެރިޔަކު ފޯރުކޮށްދޭ މައުލޫމާތު ނުވަތަ މައުލޫމާތުގެ ބައެއް އެއީ ސިއްރު މައުލޫމާތުގެ ގޮތުގައި މަސްލަހަތުވެރިޔާއަށް ކަނޑައެޅިދާނެއެވެ. އަދި ސިއްރު މައުލޫމާތުގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް މައުލޫމާތެއް މިނިސްޓްރީން އާންމުކޮށްގެން ނުވާނެއެވެ.

(ށ) ސިއްރު މައުލޫމާތުގެ ގޮތުގައި މަސްލަހަތުވެރިޔާ ކަނޑައަޅާ މައުލޫމާތު ބަދަލުކުރުމަށް ނޮން ޑިސްކްލޯށަރ އެގްރީމެންޓެއްގައި މިނިސްޓްރީއާ ދެމެދު ސޮއިކުރެވިދާނެއެވެ.

(ނ) ސިއްރު މައުލޫމާތު ބޭނުންކޮށްގެން އުފައްދާ ރިޕޯޓުތައް ށާއިއުކުރާއިރު، މައުލޫމާތު ވަކި ފަރާތަކަށް ނިސްބަތްނުވާ ގޮތަށް ށާއިއުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - އުސޫލު ހެދުން

މި ގަވާއިދު ހިންގާ ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އެކި އުސޫލުތައް ތައްޔާރުކުރުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

 

އެހެނިހެން

 

19 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރިޕޯޓު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-09 (ކްލައިމެޓް އިމަރޖަންސީ ގާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގައުމީ އެކްށަން ޕްލޭނާއި އޭގެ ބައިތަކާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ހުށަހަޅަންޖެހޭ މިނިސްޓްރީން ތައްޔާރުކުރާ އެކި ރިޕޯޓުތަކަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، މޫސުމާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅައިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ގްރީންހައުސް ގޭސް (ވިހަގޭސް) ބޭރުކުރާ މިންވަރާއި، ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ އެނ ންވެސް އެހެން މައުލޫމާތަށެވެ.

(ރ) "ވިހަގޭސް" ކަމަށް ބުނެފައި އެވަނީ، ގްރީންހައުސް ގޭސްތައް ކަމަށްވާ ކާބަންޑައިއޮކްސައިޑް، މީތޭން، ނައިޓްރަސްއޮކްސައިޑް، ހައިޑްރޯފްލޮރޮކާބަންސް، ޕަރފްލޮރޮކާބަންސް، ސަލްފަރ ހެކްސަފްލޮރައިޑް ފަދަ ގޭސްތައް ހިމެނޭގޮތަށް، ޖައްވުގައިވާ ގޭހުގެ ބާވަތްތަކުގެ ތެރެއިން އެ ގޭސްތަކުގެ ސަބަބުން ގްރީންހައުސް އިފެކްޓަށް މަގުފަހިވާ ވިހަ ގޭސްތަކަށެވެ.

(ބ) "މަސްލަހަތުވެރިން" ކަމަށް ބުނެފައި އެވަނީ، ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށެވެ.

 

20 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކްލައިމެޓް އިމަރޖަންސީ ގާނޫނު (ގާނޫނު ނަންބަރު 2021-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު