ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2026-52)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ޖޫން 2026 ގައި)
އެއްވަނަ ބާބު: ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީ ރައްކާތެރިކަމުގެ ގާނޫނު) ގެ 26 ވަނަ މާއްދާއަށް ރިއާޔަތްކޮށް،ދިވެހިރާއްޖޭގައި އުފައްދައި، އިމްޕޯޓްކުރާ ކާބޯތަކެއްޗާއި އެކްސްޕޯޓްކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރާނެ މިންގަނޑުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދުގެ ނަމަކީ، "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މައިގަނޑު މަގުސަދުތައް،ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ކާބޯތަކެތީ ރައްކާތެރިކަމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އުފައްދައި، އިމްޕޯޓްކުރާ ކާބޯތަކެއްޗާއި އެކްސްޕޯޓްކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑާއި އުސޫލު ބަޔާންކުރުން.
(ށ) ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅައި ޖޫރިމަނާކުރުމުގެ އުސޫލު ބަޔާންކުރުން.
3 ވަނަ މާއްދާ - ގަވާއިދު ހިނގާ ފަރާތްތައް
މި ގަވާއިދު ހިނގާނ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
(ހ) ކާބޯތަކެތި އިމްޕޯޓުކުރާ ނުވަތަ އެކްސްޕޯޓުކުރާ ފަރާތްތައް.
(ށ) ކާބޯތަކެތި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ލޭބަލްކުރާ ފަރާތްތައް.
ދެވަނަ ބާބު: ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުން
4 ވަނަ މާއްދާ - ވަނަ މާއްދާ - ކާބޯތަކެތި ލޭބަލްކުރުން
(ހ) ރ ޓެއިލްކޮށް ވިއްކުމަށް ހާއްޞަކޮށް ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި، ބަންދުކުރާ ކާބޯތަކެއްޗާއި،ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން ލޭބަލްކޮށްފައެވެ.
(ށ) ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި،ބަންދުކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތީ ތެރެއިން ނޮން-ރީޓެއިލް ބޭނުމަށް ބަންދުކޮށްފައި ހުންނަ ކާބޯތަކެތި ހުންނަންވާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ މިންގަނޑާ އެއްގޮތްވާ ގޮތަށް ލޭބަލްކޮށްފައެވެ.
(ނ) ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ކާބޯތަކެތީ ލޭބަލް ހުންނަންވާނީ އެ ކާބޯތަކެތި އިމްޕޯޓުކުރާ ގައުމަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށެވެ. ވަކި މިންގަނޑެއް ކަނޑައަޅައިފައިނުވާ ގައުމުތަކަށް އެކްސްޕޯޓްކުރާ ކާބޯތަކެތި ހުންނަންވާނީ، މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ތެރެއިން އެ އެއްޗެއް ނިސްބަތްވާ ކެޓަގަރީއަކަށް ބިނާކޮށް،މި ގަވާއިދުގެ ޖަދުވަލު 1 ނުވަތަ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީން ލޭބަލްކޮށްފައެވެ.
(ރ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބަންދުކޮށް ލޭބަލްކުރުމަށް ފަހުގައި މެނުވީ، ބަންދުކޮށްފައިވާ ކާބޯތަކެތި ވިއްކައި ނުވަތަ އެކްސްޕޯޓުކޮށް ނުވަތަ އިމްޕޯޓުކޮށް ނުވަތަ އެނޫންވެސް ގޮތަކަށް،އެއްވެސް ފަރާތަކުން ފޯރުކޮށްދީގެން ނުވާނެއެވެ.
(ބ) ލޭބަލްކޮށްފައިނުވާ ނުވަތަ އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ވިއްކައިގެން ނުވަތަ އިމްޕޯޓުކޮށްގެން ނުވަތަ އެކްސްޕޯޓުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އެއްވެސް ފަރާތަކުން ފޯރުކޮށްދީގެން ނުވާނެއެވެ.
5 ވަނަ މާއްދާ - ކާބޯތަކެތި ބަންދުކުރުން
ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި،އިމްޕޯޓްކުރާ ކާބޯތަކެއްޗާއި، އެކްސްޕޯޓްކުރާ ކާބޯތަކެތި ބަންދުކޮށްފައި ހުންނަންވާނީ އަންނަނިވި މިންގަނޑުތަކާއި އުސޫލާ އެއްގޮތްވާ ގޮތަށެވެ.
(ހ) ކާބޯތަކެތި ބަންދުކުރަންވާނީ ކާބޯތަކެތި ބަންދުކުރުމަށް ހާއްޞަކޮށްފައިވާ (ފުޑްގްރޭޑަޑް) މެޓީރިއަލްއަކީުންނެވެ.
(ށ) ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ މެޓީރިއަލްއަކީ އެ މެޓީރިއަލްއެއް ބޭނުންކޮށްގެން ބަންދުކޮށްފައިވާ ކާބޯތަކެތީ މުއްދަތު ހަމަވުމުގެ ކުރިން ހަލާކުވާނެ ފަދަ އެއްޗަކަށް ވެގެން ނުވާނެއެވެ.
(ނ) ކާބޯތަކެތި ބަންދުކުރުމަށް ބޭނުންކުރާ އަލްއަކީ ބަންދުކޮށްފައިވާ ކާބޯތަކެއްޗަށް އޭގެ ސަބަބުން ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ އެއްޗަކަށް ވެގެން ނުވާނެއެވެ.
(ރ) ދެލިން ޕްރިންޓްކޮށްފައި ހުންނަ ޕެކޭޖެއްގައި ކާބޯތަކެތި ބަންދުކުރާ ނަމަ، ކާބޯތަކެތި ބަންދުކޮށްފައި ހުންނަންވާނީ، ކާބޯތަކެތީގައި ދެލި ނުހޭކޭނެ ފަދަ ނުވަތަ ކާބޯތަކެއްޗަށް ދެލީގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށެވެ. ނުވަތަ ބޭނުންކުރަންވާނީ އެޑިބަލް އިންކެވެ.
(ބ) ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ މެޓޭރިއަލްގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ ކާބޯތަކެތި ބަންދުކުރާ ފަރާތުގެ ޒިންމާއެކެވެ.
(ޅ) ކާބޯތަކެތި ބަންދުކުރަން ބޭނުންކުރާ މެޓޭރިއަލްގެ ރައްކައުތެރިކަން އޮތޯރިޓީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި،އެކަމުގެ މައުލޫމާތު، ކާބޯތަކެތި އުފައްދާ ފަރާތުންނާއި އިމްޕޯޓްކުރާ ފަރާތުންނާއި އެކްސްޕޯޓްކުރާ ފަރާތުން
އޮތޯރިޓީއަށް ފޯރުކޮށްދޭންވާނެއެވެ.
(ކ) ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި ބަންދުކޮށްފައިވާ އަލްގެ ރައްކައުތެރިކަން ކަށަވަރުކުރުމަކީ އެ ތަކެތި އިމްޕޯޓްކުރާ ފަރާތުގެ ޒިންމާއެކެވެ.
(އ) ކާބޯތަކެތި އެޅުމަށް ހާއްޞަކޮށްފައިވާ ކަންވާރުނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލަން ހަދައިފައި ހުންނަ ޕޮލިއިތެލީން ޓެރެފްތަލޭޓް (PET) ފުޅި ފަދަ ޕްލާސްޓިކް ފުޅި، ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުމަކީ މަނާކަމެކެވެ.
ތިންވަނަ ބާބު: ފިޔަވަޅުއެޅުން
6 ވަނަ މާއްދާ - ލައިސަން ހިފެހެއްޓުމާއި ބާޠިލުކުރުން
އެ ފަރާތުން ކުރި އަމަލަކ އާންމު ޞިއްހަތަށް ނުރައްކަލެއް ކުރިމަތިކުރުވައިފި ކަމެއް ނަމަ ނުވަތަ މި ގަވާއިދާ ހިލާފަށް ކާބޯތަކެތި ވިއްކާ ފަރާތްތަކަށް ނުވަތަ އިމްޕޯޓުކުރާ ފަރާތްތަކަށް ނުވަތަ އެކްސްޕޯޓުކުރާ ފަރާތްތަކަށް ނުވަތަ އެނޫންވެސް ގޮތަކަށް ފޯރުކޮށްދޭ ފަރާތްތަކަށް ކާބޯތަކެތީ ރައްކާތެރިކަމުގެ ގާނޫނުގެ 47 ވަނަ މާއްދާއާއި 57 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ ދަށުން ދޫކޮށްފައިވާ ލައިސަން ނުވަތަ ރަޖިސްޓްރޭށަން ހިފެހެއްޓުމުގެ ނުވަތަ ބާޠިލުކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
7 ވަނަ މާއްދާ - އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެއްޗާ ގުޅޭ ޖޫރިމަނާ
(ހ) މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިކޮށް، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީ ނުވަތަ ތައްޔާރުކުރުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ލޭބަލްކުރުމަކީ ނުވަތަ ރައްކާކުރުމަކީ ނުވަތަ ގުދަންކުރުމަކީ ނުވަތަ ގަނެވިއްކުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްކޮށްފި މީހަކު، 10,000 (ދިހަ ހާސް) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އަންނަނިވި ފަދައިން ޖޫރިމަނާކޮށް، އެ މީހެއްގެ ލައިސަން ވަކި މުއްދަތަކަށް ހިފަހައްޓައި،ރަޖިސްޓަރީ ނުވަތަ ލައިސަން ބާޠިލުކުރެވޭނެއެވެ. އަދި ހިފަހައްޓާ ލައިސަން އަލުން ދޫކުރެވޭނީ ނުވަތަ ބާޠިލުކުރާ ރަޖިސްޓަރީ އެއް ނުވަތަ ލައިސަނެއް އަލުން ހަދައިދެވޭނީ، އެ ހިފެހެއްޓި ކަމެއް ރަނގަޅުކޮށް މި މާއްދާގައި އެ ލައިސަނެއް ހިފަހައްޓައިފައިވާ މުއްދަތު ހަމަވުމުންނެވެ. އަދި
- ފުރަތަމަ ފަހަރަށް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކޮށް، އެ ފަރާތެއްގެ ލައިސަން 7 (ހަތެއް) ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުން؛
- ދެވަނަ ފަހަރަށް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަން ނުވަތަ ރަޖިސްޓަރީ 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފެހެއްޓުން؛
- ތިންވަނަ ފަހަރަށް 750,000 (ހަތްލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަން ނުވަތަ ރަޖިސްޓަރ ބާޠިލުކުރުން.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގެ ކުރިން އެ ކަމެއް އިޞްލާޙު ކުރުމަށް 3 (ތިނެއް) ދުވަހުގެ ފުރުޞަތެއް އެ ފަރާތަކަށް ދޭންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، ކުށުގެ ސީރިއަސްކަމަށް ބަލައި، ފުރަތަމަ ފަހަރު ވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދުން ޖޫރިމަނާކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލެއްގެ ސަބަބުން މީހެއްގެ ޞިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބުމަށް މެދުވެރިވެއްޖެ ނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވެއްޖެ ނަމަ، އެ އަމަލެއް ހިންގި ފަރާތެއް، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1,000,000 (އެއްމިލިޔަން) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަން ނުވަތަ ރަޖިސްޓަރީ ބާޠިލު ކުރެވޭނެއެވެ.
8 ވަނަ މާއްދާ - ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވުމުން ޖޫރިމަނާކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ ހިލާފަށް ކާބޯތަކެތި ލޭބަލްކުރުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއް، 10,000 (ދިހަ ހާސް) ރުފިޔާއާއި 1,000,000 (އެއްމިލިޔަން) ރުފިޔާއާ ދެމެދުގެ އަދަދަކުން، އަންނަނިވި ފަދައިން ޖޫރިމަނާކުރެވޭނެއެވެ.
- ފުރަތަމަ ފަހަރަށް 10,000 (ދިހަ ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެވަނަ ފަހަރަށް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތިންވަނަ ފަހަރަށް 500,000 (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
- ހަތަރުވަނަ ފަހަރަށް 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފަސްވަނަ ފަހަރާއި އެޔަށް ވުރެ އިތުރަށް ތަކުރާރުކޮށްފި ނަމަ 1,000,000 (އެއްމިލިޔަން) ރުފިޔާއިން ޖޫރިމަނާކޮށް ލައިސަން ނުވަތަ ރަޖިސްޓަރީ ބާޠިލުކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، ކުށުގެ ސީރިއަސްކަމަށް ބަލައި، ފުރަތަމަ ފަހަރު ވެސް މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
9 ވަނަ މާއްދާ - ޕެކޭޖްކުރުމުގެ މިންގަނޑާ ހިލާފުވުމުން ޖޫރިމަނާކުރުން
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ ހިލާފަށް ކާބޯތަކެތި
ބަންދުކޮށްގެން ނުވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި ފަރާތެއް، 5,000 (ފަސް ހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން، އަންނަނިވި ފަދައިން ޖޫރިމަނާ ކުރެވޭނެއެވެ.
- ފުރަތަމަ ފަހަރަށް 5,000 (ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ދެވަނަ ފަހަރަށް 25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ތިންވަނަ ފަހަރަށް 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ހަތަރުވަނަ ފަހަރަށް 75,000 (ހަތްދިހަ ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
- ފަސްވަނަ ފަހަރާއި އެޔަށް ވުރެ އިތުރަށް ތަކުރާރުކޮށްފި ނަމަ 100,000 (އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.
(ނ) މި މާއްދާގެ (ށ) އެހެން ބަޔާންކޮށްފައި އޮތްކަމުގައި ވިޔަސް، ކުށުގެ ސީރިއަސްކަމަށް ބަލައި،ފުރަތަމަ ފަހަރު ވެސް މި މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދުން ޖޫރިމަނާކުރުމުގެ އިހުތިޔާރު، އޮތޯރިޓީއަށް ލިބިގެންވެއެވެ.
10 ވަނަ މާއްދާ - ޖިނާއީދައުވާ އުފުލުން
މި ގަވާއިދުގައި ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ޖިނާއީކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމެއް ނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާމެދު، މި ގަވާއިދުގެ ދަށުން ކަނޑައެޅޭ އިދާރ ފިޔަވަޅެއް ކަނޑައަޅައި، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ ދަށުން އެ މީހެއްގެ މައްޗަށް އެ ކުށުގެ ޖިނާއީދައުވާ އުފުލުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.
11 ވަނަ މާއްދާ - ގެއްލުމުގެ ބަދަލު ހޯދުމަށް އޮތް ހުރަހަކަށް ނުވުން
މި ގަވާއިދާ ހިލާފުވުމުގެ ސަބަބުން މި ބާބުގެ ދަށުން ވަކި ފަރާތެއް ޖޫރިމަނާކުރުމަކީ ނުވަތަ އެ ފަރާތަކާމެދު ކާބޯތަކެތީ ރައްކާތެރިކަމުގެ ގާނޫނުގެ ނުވަތަ މި ގަވާއިދުގެ ދަށުން އެ ނޫން ފިޔަވަޅެއް އެޅުމަކީ، ކާބޯތަކެތީ ރައްކާތެރިކަމުގެ ގާނޫނާއި މި ގަވާއިދާ ހިލާފަށް އެ ފަރާތުން ކުރި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް އެކަމުގެ ބަދަލު ހޯދުމަށް ކާބޯތަކެތީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ލިބޭ ފުރުޞަތަށް އޮތް ހުރަހެއް ނޫނެވެ.
ހަތަރުވަނަ ބާބު: އެހެނިހެން ކަންކަން
12 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން
(ހ) މި ގަވާއިދުގެ ދަށުން އޮތޯރިޓީން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުމެއް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޮތޯރިޓީއަށް ލިޔުމުން ށަކުވާ ހުށަހެޅިދާނެއެވެ.
(ށ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ ށަކުވާތައް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބަލައި، އެ ހުށަހެޅުމާމެދު އޮތޯރިޓީން ގޮތެއް ނިންމަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އޮތޯރިޓީއަށް ހުށަހަޅާ ށަކުވާއަކާ ގުޅިގެން އޮތޯރިޓީން ނިންމި ގޮތް، ށަކުވާ ހުށަހެޅި ފަރާތަށް ލިޔުމުން ފޯރުކޮށްދޭންވާނެއެވެ.
(ރ) އޮތޯރިޓީން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ، ކަމާބެހޭ ކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ އިހުތިޔާރު، ށަކުވާ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެންތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީ ރައްކާތެރިކަމާބެހޭ ގާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަށެވެ.
(ށ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީ ރައްކާތެރިކަމާބެހޭ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިޞްލާޙުތަކަށެވެ.
(ނ) "އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީ ރައްކާތެރިކަމާބެހޭ ގާނޫނު) ގެ 26 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މާނައިގައެވެ.
14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
(ށ) މި މައްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ޕެކެޓްކޮށް ލޭބަލްކޮށްފައިވާ ތަކެތި،މި ގަވާއިދަށް އަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފައްތަން ކުރަންޖެހޭ ކަންކަން، ކާބޯތަކެތި އުފައްދާ ފަރާތުންނާއި، އިމްޕޯޓްކުރާ ފަރާތުންނާއި،އެކްސްޕޯޓްކުރާ ފަރާތުން ކޮށް ނިންމަންވާނެއެވެ.
15 ވަނަ މާއްދާ - އުވައިލެވޭ މިންގަނޑު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ (.1-2016Rev (4-2014 STAN FCD-MFDA ނަންބަރުގެ "ބަންދުކުރި ކާބޯތަކެތި ލޭބަލްކުރުމުގެ ގައުމީ މިންގަނޑު" އުވުނީ އެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ބަންދުކުރާ ކާބޯތަކެތި ލޭބަލްކުރުމުގެ މިންގަނޑު
ޖަދުވަލު 2
ކާބޯތަކެތީގެ ނޮން-ރީޓެއިލް ކޮންޓެއިނަރުތައް ލޭބަލްކުރުމުގެ މިންގަނޑު
މައި ގާނޫނު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06)
ކިޔުންތެރިންގެ ހިޔާލު