-

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-39)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 12 މޭ 2026 ގައި)

 

ގަވާއިދު ނަންބަރު 2020-105 (ގާނޫނު ނަންބަރު 2013-13 އެންޓި ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) އިން ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަންނިވި ގޮތަށް އިސްލާހުކުރުން.

(ހ) (ގާނޫނު ނަންބަރު 2013-13 އެންޓި ޓޯޗަރ ގާނޫނު 2013) ގެ 18 ވަނަ މާއްދާގެ ދަށުން ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ހާއްސަ ޔުނިޓެއް ކޮމިށަނުގައި ގާއިމުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އުނިކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) (ގާނޫނު ނަންބަރު 2013-13 އެންޓި ޓޯޗަރ ގާނޫނު 2013) ގެ ދަށުން ހުށަހަޅާ މައްސަލަތައް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މެދުވެރިކޮށް، ހިއުމަން ރައިޓްސް ކޮމިށަނަށް ހުށަހެޅިދާނެއެވެ.

  1. ސިޓީން؛
  2. ފޯނު ކޯލުން؛
  3. ކޮމިށަނުގެ ހިލޭ ގުޅޭ ފޯނު ނަންބަރު 1424 އަށް ގުޅައިގެން ނުވަތަ އިލެކްޓްރޯނިކް މެސެޖް މެދުވެރިކޮށް؛
  4. ކޮމިށަނުގެ ރަސްމީ އީ،މެއިލަށް ފޮނުވާ އީ،މެއިލެއް މެދުވެރިކޮށް؛
  5. އޯޑިއޯ ފައިލުން؛
  6. ވީޑިއޯ ކްލިޕަކުން؛
  7. އެސ.ްއެމް.އެސް ނުވަތަ އެމް.އެމް.އެސް މެދުވެރިކޮށް؛
  8. ކޮމިށަނަށް ހާޒިރުވެގެން؛ ކޮމިށަނަށް ހާޒިރުވެގެން މައްސަލަ ހުށަހެޅޭނީ، ކޮމިށަނުގެ ރަސްމީ މަސައްކަތު ގަޑީގައެވެ.
  9. ކޮމިށަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ކޮމިށަނަށް މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް؛
  10. މީސްމީޑިއާގެ އެކި މަންސަތަކުގައި ކޮމިށަން ޓެގްކޮށްފައި ހުންނަ މައްސަލަތަކުގެ ތެރެއިން ކޮމިށަނުން އިސްނަގައިގެން އެ މައްސަލައެއް ބެލުމަށް ހުށަހެޅުން؛
  11. ކޮމިށަނުގެ ވެބް ޕޯޓަލް މެދުވެރިކޮށް.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ ދަށުން ކޮމިށަނުން ބަލާ މައްސަލަތަކުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތާއި، ކަން ހިނގައިފައިވާ ގޮތުގެ ތަފުސީލު ހިމެނޭގޮތަށް މައްސަލަ ހުށަހަޅާ ފޯމު، ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން ފުރިހަމަކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޮޕީކޮށް ފޮނުވާ ސިޓީއާއި މައުލޫމާތު 25.

އެއްވެސް ފަރާތަކުން ކޮމިށަނަށް ކޮޕީކޮށްފައިވާ ސިޓީއެއް ނުވަތަ އެހެނިހެން ލިޔެކިޔުމެއްގައިވާ މައްސަލައެއް ނުވަތަ މައްސަލަތައް ކޮމިށަނުގެ ސަމާލުކަމަށް އަންނަ މައްސަލަތަކުގެ ގޮތުގައި ބަލައި، އެފަދަ މައްސަލަތަކާ ގުޅިގެން ރަޖިސްޓްރޭށަން ޑިޕާޓްމަންޓުން އަމަލުކުރުމަށް ކޮމިށަނުން ކަނޑައަޅައިފައިވާ އުސޫލުތަކާއި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މައްސަލައަށް ވަގުތުން ރަޖިސްޓްރޭށަން ނަންބަރެއް ދީ، ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި ތަހުގީގުކުރުމަށް ޓަކައި އިންވެސްޓިގޭށަން ޑިޕާޓްމަންޓަށް ލަސްކުރުމެއްނެތި ފޮނުވަންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ހުށަހެޅިކަމުގެ ލިޔުން

ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ ދަށުން ށަކުވާއެއް ކޮމިށަނަށް ހުށަހެޅުމުނ،ް އެ ށަކުވާއެއް ކޮމިށަނަށް ލިބުނުކަމުގެ ލިޔުމެއް، އެ ށަކުވާއެއް ހުށަހެޅި ފަރާތަށް، ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފޮނުވަންވާނެއެވެ. މި ލިޔުން ދޫކުރާނީ، ކޮމިށަނަށް އަންނަ ލިޔެކިޔުން ބަލައިގަތުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ޑިޕާޓްމަންޓަކުންނެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ކޮމިށަނަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއްކަމަށް ކޮމިށަނުން ކަނޑައަޅައިފި ނަމަ، މައްސަލަ ހުށަހެޅި ފަރާތަށް، މައްސަލަ ބަލައިގަތްކަން ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އަންގައި، އެ މައްސަލައެއް ކޮމިށަނަށް ހުށަހަޅާ ތާރީހުން ފެށިގެން މައްސަލައިގެ ތަހުގީގު ފަށަންވާނެއެވެ. އަދި ހުށަހަޅައިފައިވާ މައްސަލައެއް ބަލައިގަނެވެން ނެތްކަމަށް ކޮމިށަނުން ނިންމައިފި ނަމަ، އެގޮތަށް ނިންމި ސަބަބާއެކު، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 75 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޖަދުވަލަކީ ގަވާއިދުގެ ބައެއްކަމުގައި ކަނޑައެޅުން 75.

މި ގަވާއިދާ އެކުގައިވާ ޖަދުވަލުތަކަކީ މި ގަވާއިދުގެ ބައެކެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 76 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް (މ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

"ރަޖިސްޓްރޭށަން ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ހުށަހަޅާ މައްސަލަތައް ސްކްރީންކުރުމާއި، ރަޖިސްޓަރީކުރުމާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމާމެދު ގޮތެއް ނިންމުމާއި، ތަހުގީގުކުރުމަށް ނިންމާ މައްސަލަތަކާއި ކޮމިށަނުން އިސްނަގައިގެން ބަލާ މައްސަލަތަކުގެ ރަޖިސްޓްރޭށަން މަރުހަލާ ނިންމުމަށްފަހު މައްސަލައިގެ ތަހުގީގު ހިންގުމަށް ޓަކައި ކަމާ ގުޅުންހުރި ޑިޕާޓްމަންޓަށް ނުވަތަ ކޮމިށަނުގެ ގޮތްޕަކަ ށް ފޮނުވުމަށް ކޮމިށަނުގައި ގާއިމުކޮށްފައިވާ ޑިޕާޓްމަންޓަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2020-105)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެންޓި-ޓޯޗަރ ގާނޫނު (ގާނޫނު ނަންބަރު 2013-13) ގެ ދަށުން ހުށަހަޅާ މައްސަލަތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-105)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު