-

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް 8 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2026-20)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 އެޕްރީލް 2026 ގައި)

 

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ރ-1) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

ރަޖިސްޓަރީކުރުން 4.

(ރ-1) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުން އެ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ބޭނުންކުރާ 2 (ދޭއް) ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދެއްގެ ބަދަލުގައި، އެފަދަ އެހެން އުޅަނދެއް އެ ވިޔަފާރިއެއްގެ ނަމުގައި ރަޖިސްޓަރީކުރަން ބޭނުންވެއްޖެ ހިނދެއްގައި، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހެޅުމަކާ ނުލައި، އެ އުޅަނދެއް ރަޖިސްޓަރީ ކޮށްދެވިދާނެއެވެ. އަދި މިގޮތަށް ރަޖިސްޓަރީ ކޮށްދެވޭނީ ވިޔަފާރިއަކުން ބޭނުންކުރަމުން އަންނަ އުޅަނދު ނައްތައިލުމަށްފަހު، ނައްތައިލެވޭ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ޒޯނަށް އައު އުޅަނދު ރަޖިސްޓަރީކުރަން ބޭނުންވާ ހާލަތުގައި އަންނަނިވި ށަރުތުތައް ފުރިހަމަވާނަމައެވެ.

  1. އުޅަނދު ނައްތައިލިކަމުގެ ލިޔުމެއް ހުށަހަޅައިފައިވުން؛
  2. ނައްތައިލެވޭ އުޅަނދަކީ ވިޔަފާރީގެ އަމިއްލަ ބޭނުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދަކަށް ވުމާއި، އުޅަނދު ނައްތައިލުމާ ހަމަޔަށް ބޭނުންކުރަމުން އައިސްފައިވާ އުޅަނދެއް ކަމުގައި ވުން؛
  3. ނައްތައިލެވޭ އުޅަނދަކީ، ފާއިތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު، އެ އުޅަނދުގެ އަހަރީ ފީ ގަވާއިދުން ދައްކަމުން ގޮސްފައިވާ އުޅަނދެއް ކަމުގައިވުން.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (2009)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (6 މެއި2009) (ކޮންސޮލިޑޭޓެޑް ނަންބަރު 2009-00)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު