-

ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު

(ގަވާއިދު ނަންބަރު 2025-135)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 ޖަނަވަރީ 2026 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުއްޖާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ ލޭގައި އެ މާއްދާ ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނޫފެއްދުމުގެ ސަބަބުން ދިމާވާ ސިއްހީ ހާލަތު ތަހައްމަލުކުރަމުންދާ ކުދިންނަށް ދައުލަތުގެ ފަރާތުން އެލަވަންސެއް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަ ދުތައް، ތިރީގައި މިވަނީއެވެ. 

(ހ) މި ގަވާއިދުގެ މަގުސަދަކީ، ތެލަސީމިއާގެ ހާލަތާ ގުޅިގެން އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުދިންނަށް، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ހޭދަކުރަން އެލަވަންސް ދެވޭނެ ގޮތްތައް ކަނޑައަޅައި، ދައުލަތުގެ ވަސީލަތްތައް ހުރި މިންވަރަކުން އެފަދަ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ކަނޑައެޅުން.

(ށ) ވަކި އުމުރުފުރަޔަކަށް ނުވަތަ ފަރުވާ ދޭންޖެހޭ ސިއްހީ މިންގަނޑަކަށް ބަލައި، އެ ކަންކަން ގިންތިކޮށް، ތެލަސީމިއާ ކުދިންނަށް ފަރުވާ ހޯދުމަށް ޓަކައި ކުރަންޖެހޭ ކަންކަމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޓަކައި ދައުލަތުން އެ ކުދިންނަށް އެލަވަންސް ދެވޭނެ އުސޫލާއި، އެ އެހީތެރިކަން ހުއް ޓައިލަން ނުވަތަ މެދުކަނޑައިލަން ނިންމާނެ އިޖުރާތުތައް ކަނޑައަޅައި ބަޔާންކުރުން.

(ނ) ތެލަސީމިއާގެ ހާލަތާ ގުޅިގެން ދެވޭ ތެލަސީމިއާ އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ލިބިދެވޭ މިންވަރު ކަނޑައަޅައި ބަޔާންކުރުން.

 

3 ވަނަ މާއްދާ - އެލަވަންސް ދޫކުރުމުގެ ކަންކަން ތަންފީޒުކުރުން

މި ގަވާއިދުގެ ދަށުން އެލަވަންސް ދިނުމުގެ ކަންކަން ތަންފީޒުކުރާނީ މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރާ ގުޅިގެން ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީންނެވެ.

 

4 ވަނަ މާއްދާ - އެލަވަންސް ލިބޭ ފަރާތްތަކުގެ ށަރުތު

މި ގަވާއިދުގެ ދަށުން އެލަވަންސް ދެވޭނީ، ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

 

5 ވަނަ މާއްދާ - ތެލަސީމިއާ އެލަވަންސް

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާ ކޮންމެ ފަރާތަކަށް ވެސް މަހަކު 2,000 (ދެހާސް) ރުފިޔާ، އެލަވަންސްގެ ގޮތުގައި ދެވޭނެއެވެ.

(ށ) މި ފައިސާ ދޭން ފަށާނީ، އެލަވަންސަށް އެދި ހުށަހަޅާ އެޕްލިކޭށަން އެޕްރޫވްވުމަށްފަހު، ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެންނެވެ.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސްގެ މިންވަރ،ު ކަމާ ގުޅޭ ވުޒާރާއަކުން ނިންމާ ގޮތެއްގެ މަތީން މުރާޖާކުރާ ނަމަ، މި ގަވާއިދު އިސްލާހުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރު

(ހ) މި ގަވާއިދުގެ ބޭނުމަށް ޓަކައި، ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރެއް، ސެންޓަރުން އެކުލަވައިލައި، އެ ދަފުތަރު ބަލަހައްޓަންވާނެއެވެ. އެ ދަފުތަރުގައި، އަންނަނިވި ކަންކަން ހިމަނަ ންވާނެއެވެ.

  1. ތެލަސީމިއާ ކުދިންގެ މައުލޫމާތު؛
  2. ތެލަސީމިއާގެ ބާވަތްތައް؛
  3. ފަރުވާއާ ގުޅުންހުރި ގިންތިތައް؛
  4. ތެލަސީމިއާ ކުދިންގެ އުމުރުފުރާތައް؛
  5. ތެލަސީމިއާގެ ހާލަތާ ގުޅިގެން ސިއްހީ ފަރުވާ ހޯދަންޖެހޭކަމަށް ސިއްހީ މިންގަނޑަކުން ކަނޑައަޅާ ކުދިންނާއި، އެ ކުދިންގެ ފަރުވާއާ ގުޅޭ މުހިންމު ތަފުސީލުތައް.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި ތެލަސީމިއާގެ ހާލަތާ ގުޅިގެން ސިއްހީ ފަރުވާ ކުރަން ނުޖެހޭކަމަށް، ކަމާ ގުޅުންހުރި ސިއްހީ މިންގަނޑަކަށް ރިއާޔަތްކޮށް ނިންމައިފައިވާ ކުދިން ވެސް ސިއްހީ މިންގަނޑަށް ރިއާޔަތްކޮށް ތެލަސީމިއާއަށް ފަރުވާކުރަންޖެހޭ ފަދަ ހާލަތްތަކުގެ ތަފުސީލު ބަޔާންކޮށްފައި އޮންނާ ންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ތަފުސީލުތައް އެނގޭނޭ ގޮތަށް އަދާހަމަކޮށްފައިވާ ލިސްޓެއް، ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީއަށް، ކޮންމެ މީލާދީ މަހެއްގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ސެންޓަރުން ހިއްސާ ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިސްޓުގައި، ތެލަސީމިއާއަށް ފަރުވާކުރާކަމަށް ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފު ތަރުގައި ހިމަނައިފައިވާ ފަރާތްތަކުގެ ތެރެއިން، ދަފުތަރުން އުނިކުރާ ފަރާތްތަކާއި، ދަފު ތަރުގައި އަލަށް ރަޖިސްޓަރީކުރާ ފަރާތްތަކާއި، އުނިކުރި ނުވަތަ އިތުރުކުރި ސަބަބާއެކު ފާހަގަކޮށް އެކަން އެނގޭނޭ ގޮތަށް އޮންނާންވާނެއެވެ.

 

7 ވަނަ މާއްދާ - އެލަވަންސަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ ދަށުން އެލަވަންސަށް އެދި ހުށަހަޅާނީ، އެކަމަށް ހާއްސަކޮށް، ކަނޑައަޅާ ނިޒާމެއްގެ ތެރެއިން މަ އުލޫމާތު ފުރިހަމަކޮށްފައިވާ ފޯމަކުންނެވެ. (ށ) މި މާއްދާގެ (ހ) ގެ ދަށުން އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކުން، އެ ފަރާތަށް ނިސްބަތްވާ އަންނަނިވި މައުލޫމާތާއި ލިޔެކިޔުން، އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

  1. މިހާރު ދިރިއުޅޭ އެޑްރެސް؛
  2. އ-ީމެއިލް އެޑްރެސް؛
  3. އެލަވަންސަށް އެދޭ ފަރާތަކީ 18 (އަށާރަ) އަހަރު ފުރިފައިވާ ފަރާތެއް ނަމަ، އެ ފަރާތުގެ އަމިއްލަ ފޯނު ނަންބަރު ނުވަތަ އެލަވަންސަށް އެދެނީ 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖަކަށް ނަމަ، ބެލެނިވެރިޔާގެ ފޯނު ނަންބަރު؛
  4. އިތުރު ފަރާތެއްގެ މޯބައިލް ފޯނު ނަންބަރާއި އެ ފަރާތާ ހުރި ގުޅުން؛
  5. އެލަވަންސަށް އެދޭ ކުއްޖަކީ 18 (އަށާރަ) އަހަރު ފުރިފައިވާ ކުއްޖެއް ނަމަ، އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުފަން ތާރީހު؛ އަދި 18 (އަށާރަ) އަހަރު ނުފުރޭ ކުއްޖެއްގެ އެލަވަންސަށް އެދޭ ނަމަ، ބެލެނިވެރިޔާއާއި ކުއްޖާގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، އުފަން ތާރީހާއި، ކުއްޖާޔާ ބެލެނިވެރިޔާއާ ހުރި ގުޅުން؛
  6. އިތުރު ފަރާތެއްގެ މޯބައިލް ފޯނު ނަންބަރާއި އަލަވަންސަށް އެދޭ ފަރާތާއި އެ ފަރާތާ ހުރި ގުޅުން؛
  7. އެލަވަންސް ޖަމާކުރުމަށް، އެލަވަންސަށް އެދޭ ފަރާތުގެ ބެންކު އެކައުންޓުގެ ތަފުސީލު ނުވަތަ އަމިއްލަ އެކައުންޓެއް ނެތް ނަމަ، ޖަމާކުރަން ބޭނުންވާ އެހެން ފަރާތެއްގެ ނަމުގައިވާ އެކައުންޓެއްގެ ނުވަތަ ތެލަސީމިއާ ކުއްޖާއާއެކު ހުޅުވައިފައިވާ ޖޮއިންޓް އެކައުންޓެއްގެ ތަފުސީލު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ބެންކުގެ ނަމާއި، ބެންކު އެކައުންޓުގެ ވެރިފަރާތުގެ ނަމާއި، ދިވެހި ރުފިޔާ އެކައުންޓް ނަންބަރާއި، ބެންކު ޑިޕޮޒިޓް ސްލިޕްކޮޅެއް)؛
  8. އެލަވަންސް ޖަމާކުރާ އެކައުންޓަކީ، އެލަވަންސް ލިބޭ ފަރާތުގެ ނަމުގައިވާ އެކައުންޓެއް ކަމުގައި ނުވާ ނަމަ، އެ އެކައުންޓަށް ފައިސާ ޖަމާކޮށްދޭން އެދި އެލަވަންސް ލިބޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބެލެނިވެރިޔާ ހުށަހަޅާ ލިޔުމަކާއި، އެކައުންޓަށް ފައިސާ ޖަމާކުރަން އިއުތިރާޒެއް ނެތްކަން ބަޔާންކޮށް އެކައުންޓުގެ ވެރިފަރާތުގެ ސޮޔާއި އިނގިލީގެ ނިށާން ހިމެނ،ޭ އެކައުންޓުގެ ވެރިފަރާތުގެ ލިޔުމެއް.
  9. އެލަވަންސް ޖަމާކުރާ އެކައުންޓަކީ، ތެލަސީމިއާ ކުއްޖާގެ ނަމުގައިވާ އެކައުންޓެއް ނޫން ނަމަ، އެ ފަރާތަކުން ނުވަތަ ބެލެނިވެރިޔާ ފައިސާ ހަރަދުކުރަންވާނީ ކުއްޖާއަށްކަމަށް ބަޔާންކޮށް ސެންޓަރުން ކަނޑައަޅާ ފޯމެޓަކަށް ތައްޔާރުކުރާ އިގުރާރެއް.

(ނ) އެލަވަންސަށް އެދި ހުށަހަޅާ މީހުން އެލަވަންސަށް އެދުމުން ދަފުތަރުގައި އެކަން ހިމަނައިފައިވާކަން ކަށަވަރުކުރާނީ އެޖެންސީންނާއި ސެންޓަރުންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކުން، މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ހުށަހެޅެން ނެތް ނަމަ، އެލަވަންސަށް އެދޭއިރު އެކަމުގެ ސަބަބ،ު ޕޯޓަލުގައި ބަޔާންކުރަން ވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ އެޕްލިކޭށަނަކާ ގުޅިގެން، ކަށަވަރުކުރަންޖެހޭ މައުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް އެޖެންސީއާއި ސެންޓަރާ ގުޅިގެން ކުރިޔަށް ގެންދަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެޖެންސީން އެއްވެސް މައުލޫމާތެއް ކަށަވަރުކުރުމުގައި، އެ އެޖެންސީން އިތުރު މައުލޫމާތު ފޯރުކޮށްދޭން އެދިއްޖެ ހާލަތެއްގައި، ލަސްވެގެން ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި އެލަވަންސަށް އެދޭ ފަރާތުން ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މައުލޫމާތ،ު އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުށަނާޅައިފި ނަމަ، އެ ފަރާތެއްގެ އެޕްލިކޭށަން ބާތިލުކުރުމުގެ އިހުތިޔާރ،ު އެޖެންސީއަށް ލިބިގެންވެއެވެ.

(އ) މި ގަވާއިދުގެ ދަށުން ތެލަސީމިއާ އެލަވަންސް ދެވޭނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފުރިހަމަކޮށްފައި ހުށަހަޅަންޖެހޭ މައުލޫމާތާއި، ށަރުތު ފުރިހަމަވޭތޯ ކަށަވަރުކުރުމަށް ޓަކައި ހުށަހަޅަންޖެހޭ އެހެނިހެން މައުލޫމާތު ވެސް ފުރިހަމަޔަށް ހުށަހަޅާ ފަރާތްތަކަށެވެ.

 

8 ވަނަ މާއްދާ - އެލަވަންސް ދެވޭ މުއްދަތު

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެލަވަންސް ދެވޭނީ، ތެލަސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުއްޖެއްގެ ގޮތުގައި، ސެންޓަރުގެ ފަރާތުން ބަލަހައްޓާ ދަފުތަރުގައި އެ ކުއްޖެއްގެ ނަމާއި، އެހެނިހެން މައުލޫމާތު ހިމަނައިފައިވާ މުއްދަތުގައެވެ.

(ށ) އެލަވަންސް ދޭނީ، ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިންނެވެ.

 

9 ވަނަ މާއްދާ - އެލަވަންސް ދިނުން ހުއްޓައިލުން

އެލަވަންސް ދިނުން ހުއްޓައިލާނީ، ތިރީގައި ބަޔާންކޮށްފައިވާ ސަބަބުތަކަށް އެޖެންސީން ބެލުމަށްފަހުގައެވެ.

(ހ) އެލަވަންސް ލިބޭ ކުއްޖާއަކީ، ކަމާ ގުޅޭ ފަހުގެ ސިއްހީ މިންގަނޑަށް ބަލައި، ތެލަސީމިއާއަށް އިތުރަށް ފަރުވާކުރަން ނުޖެހޭ ކުއްޖެއްކަމަށް، ސެންޓަރުން ކަނޑައަޅާ ތާރީހުން ފެށިގެން؛

(ށ) މި އެލަވަންސް ލިބެމުންއައި ތެލަސީމިއާ ކުއްޖާ މަރުވުން؛

(ނ) އެލަވަންސް ލިބެމުންއައި ކުއްޖަކު އެލަވަންސް ބޭނުންނުވާކަމަށް ލިޔުމުން އެދިގެން އެލަވަންސް ދިނުން ހުއްޓައިލުން ؛

(ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ސަބަބަކާ ގުޅިގެން، ސެންޓަރުގެ ފަރާތުން ސަބަބު ބަޔާންކޮށް އެޖެންސީއަށް އެންގުމަށްފަހު، ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރުން އުނިކުރުން؛

 

10 ވަނަ މާއްދާ - އަލުން އެލަވަންސް ދޭން ފެށުން

މި ގަވާއިދުގެ ދަށުން، އަލުން އެލަވަންސް ދޭން ނިންމާނީ، ތިރީގައިމިވާ ހާލަތްތަކުގައެވެ.

(ހ) ތެލަސީމިއާއަށް ފަރުވާ ލިބިގަތުމަށްފަހު، އެ ހާލަތުން ފަސޭހަވެ ސިއްހީ އާންމު ހާލަތަކަށް އައުމަށްފަހުގައި، ކަމާ ގުޅޭ ސިއްހީ މިންގަނޑަކުން ބަލައި، ތެލަސީމިއާއަށް އަލުން ފަރުވާކުރަންޖެހޭ ފަދަ ސިއްހީ ހާލަތަކަށް ރުޖޫއަވެފައިވާކަމަށް ސެންޓަރުން ކަނޑައެޅުމުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިއްހީ ފަރުވާ ހޯދަންޖެހޭ ހާލަތަށް ރުޖޫއަވެއްޖެ ނަމަ، އެކަމަށް ރިއާޔަތްކޮށް، އެ ފަރާތަކުން އެލަވަންސަށް އެދި އަލުން ހުށަހެޅުމުން، އެކަމަށް އެދޭ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެލަވަންސް ދިނުމާމެދު އެޖެންސީން ވަކި ގޮތެއް ނިންމަންވާނެއެވެ.

 

11 ވަނަ މާއްދާ - އިގުރާރު

މި ގަވާއިދުގެ ދަށުން، އެލަވަންސަށް އެދި ހުށަހަޅާ ފަރާތްތަކުން ދޭ މައުލޫމާތާއި ހުށަހަޅާ ލިޔެކިޔުންތަކަކީ، ސައްހަ މައުލޫމާތާއި ސައްހަ ލިޔެކިޔުން ކަމުގައި ވާންވާނެއެވެ. އަދި އެޕްލިކޭށަން ހުށަހަޅާ ކޮންމެ ފަރާތަކުން މި ކަމަށް އިގުރާރުވީ ކަމުގައި ބެލެވޭނެއެވެ.

 

12 ވަނަ މާއްދާ - މައުލޫމާތު ބަދަލުވީމާ އެންގުން ލާޒިމުވުން

(ހ) މި ގަވާއިދުގެ ދަށުން، އެލަވަންސަށް އެދޭ ފަރާތަކުން އެ އެލަވަންސަށް އެދި ހުށަހެޅުމުގައި ދީފައިވާ މައު ލޫމާތަކަށް ބަދަލުއަތުވެއްޖެ ނަމަ، މި އެލަވަންސް ޖަމާވާ އެކައުންޓުގެ ވެރި ފަރާތުން ނުވަތަ އެލަވަންސް ލިބޭ ފަރާތުން އެކަން އެޖެންސީއަށް ލިޔުމުން ތަފުސީލު އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް އަންނަ ބަދަލުތައް، އެ ބަދަލެއް އަންނަތާ އެންމެ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އަންގަންވާނެއެވެ.
(ނ) މައުލޫމާތު ބަދަލުވުމުން، މި ގަވާއިދުގައިވާ ގޮތުގެ މަތީން ނާންގާ ފަރާތްތަކަށް އެލަވަންސް ލިބުމުގައި ދިމާވާ މައްސަލަތަކަށް ޒިންމާ އުފުލާނީ އެލަވަންސަށް އެދޭ ފަރާތުންނެވެ.

 

13 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) އެލަވަންސާ ގުޅިގެން އެޖެންސީން ނިންމި ނިންމުމަކާމެދު އެއްވެސް ށަކުވާއެއް އޮތް ނަމަ، އެ ފަރާތަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ސެންޓަރަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ.

(ށ) މިފަދަ ށަކުވާއެއް ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ށަކުވާ ހުށަހެޅި ފަރާތަށް ސެންޓަރުން ޖަވާބު ދޭންވާނެއެވެ.

 

14 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ތެލަސީމިއާ ކުދިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ކ) ގައި ދީފައިވާ މާނައާ އެއްގޮތަށް، އެ ކުދިން އުފަންވާ ތާރީހުން ފެށިގެން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރުމާ ދެމެދުގެ އުމުރުގެ ކުދިންނާއި، އުމުރުން 18 (އަށާރަ) އަހަރު މީލާދީގޮތުން ފުރިހަމަވުމަށްފަހުގައި ވެސް ތެލަސީމިއާގެ ހާލަތުގައި ދެމިތިބި މީހުން ހިމެނޭ ގޮތަށެވެ.

(ށ) "ތެލަސީމިއާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ދީފައިވާ މާނަޔާ އެއްގޮތަށް، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުއްޖާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނޫފެއްދުމުގެ ސަބަބުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތަށެވެ.

(ނ) "ސެންޓަރު" ކަމަށް ބުނެފައި އެވަނީ، "ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ" އަށެވެ.

(ރ) "ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަދި ގަވާއިދު ނަންބަރު 2012-47 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ތެލަސީމިއާ ކުދީން ރަޖިސްޓަރީކުރަން ލާޒިމުކުރާ ދަފުތަރަށެވެ.

(ބ) "އެޖެންސީ" ކަމަށް ބުނެފައި އެވަނީ، "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" އަށެވެ.

 

15 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.

 

މައި ގާނޫނު

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2012-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު