ގައުމީ ކުތުބުހާނާގެ ހިދުމަތް ދިނުމުގެ އާންމު ގަވާއިދު
(ގަވާއިދު ނަންބަރު 2025-115)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ޑިސެމްބަރު 2025 ގައި)
(މި ގަވާއިދުގެ 24 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2012-02 އުވާލެވިފައި)
އެއްވަނަ ބާބު
އިބްތިދާއީ މާއްދާތައް
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގައުމީ ކުތުބުހާނާއިން ހިދުމަތް ފޯރުކޮށްދިނުމުގައްޔާއި، އެކި ފަރާތްތަކުން ގައުމީ ކުތުބުހާނާއިން ހިދުމަތް ހޯދުމުގައި، އެ ފަރާތްތަކުން އަމަލުކުރާނޭ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 1/2006 )ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު( ގެ 4 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.(ށ) މި ގަވާއިދަށް ކިޔާނީ، "ގައުމީ ކުތުބުހާނާގެ ހިދުމަތް
ދިނުމުގެ އާންމު ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
(ހ) ގައުމީ ކުތުބުހާނާއިން ހިދުމަތް ދިނުމާއި، އެ ތަނުގެ ކަލެކްށަން ރައްކައުތެރިކޮށް ބަލަހައްޓައި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކުގެ މަތީން، ލުއިފަސޭހަކަމާއެކު ތަކެތި ބޭނުންކުރެވޭނެ ގޮތްތައް ވަކި އުސޫލެއްގެ މަތީން ހަމަޖެއްސުން.
(ށ) ގައުމީ ކުތުބުހާނާއިން ދެވޭނެ ހިދުމަތްތަކާއި، ހިދުމަތުގެ ފީއާއި، ކުތުބުހާނާގެ މެންބަރުން ގިންތިކުރުމާއި، ކުތުބުހާނާއިން ދޭ އެހެނިހެން ހިދުމަތްތަކާ ގުޅޭ އުސޫލުތައް ކަނޑައަޅައި ބަޔާންކުރުން.
ދެވަނަ ބާބު
ހިދުމަތްތައް
3 ވަނަ މާއްދާ - ގައުމީ ކުތުބުހާނާގެ ކަލެކްށަންތައް ބެހިފައިވާ ގޮތް
ގައުމީ ކުތުބުހާނާގެ ކަލެކްށަންތައް ބެހިގެންވަނީ އަންނަނިވި ގޮތަށެވެ.
(ހ) "ނެށަނަލް ލައިބްރަރީ ކަލެކްށަން" ގައި ހިމެނޭނީ، ގާނޫނު ނަންބަރު 2006-01 (ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު) ގެ ދަށުން ޖަމާކުރާ ތަކެއްޗެވެ.
(ށ) "ޕަބްލިކް ލައިބްރަރީ ކަލެކްށަން" ގައި ހިމެނޭނީ، ވާހަކަ ފޮތާއި، އިލްމީ މައުލޫމާތު ހިމެނޭ ތަކެއްޗެވެ. މީގެ ތެރޭގައި އޮންލައިން މަޖައްލާއާއި ޖާރނަލް ފަދަ ތަކެތި ހިމެނެއެވެ.
(ނ) "ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ ކަލެކްށަން" ގައި ހިމެނޭނީ، ވާހަކަ ފޮތާއި، އިލްމީ މައުލޫމާތު ހިމެނޭ ތަކެއްޗެވެ.
4 ވަނަ މާއްދާ - ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތްތައް
ގައުމީ ކުތުބުހާނާއިން ދެވޭ ހިދުމަތްތަކުގެ ތަފުސީލުތައް، ތިރީގައި މިވަނީއެވެ.
(ހ) ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމުން، މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަލެކްސަންތަކުން ތަކެތި ގެންދިއުމުގެ ހިދުމަތް ދެވޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތް ފިޔަވައި، ތިރީގައިވާ އާންމު ހިދުމަތްތައް، މެންބަރުންނަށާއި މެންބަރުން ކަމުގައި ނުހިމެނޭ ފަރާތްތަކަށް ވެސް، ގައުމީ ކުތުބުހާނާއިން ކަނޑައަޅާ ގޮތެއްގެ މަތީން ފޯރުކޮށްދެވޭނެއެވެ.
- ފޮޓޯކޮޕީ ހަދައިދިނުމާއި، ޕްރިންޓްކޮށްދިނުމުގެ ހިދުމަތް؛
- ފޮޓޯކޮޕީ ހަދައިދެވޭނީ އަދި ޕްރިންޓްކޮށްދެވޭނީ، ގައުމީ ކުތުބުހާނާގެ ކަލެކްށަންތަކުގައި ހުރި ތަކެއްޗެވެ.
- ސްކޭން ކުރުމުގެ ހިދުމަތް؛
- ސްކޭންކޮށްދެވޭނީ، ގައުމީ ކުތުބުހާނާގެ ކަލެކްށަންތަކުގައި ހުރި ތަކެއްޗެވެ.
- ހާއްސަ ހާލަތެއްގައި ކުތުބުހާނާ އިން ފައިސާ ނަގާ އުސޫލާ އެއްގޮތަށް ރަސްމީ ލިޔުންކަމުގައި ބެލެވޭ ޕާސްޕޯޓާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ ލިޔުންތައް ސްކޭންކޮށްދެވިދާނެއެވެ.
- އިންޓަރނެޓާއި ކަލެކްށަނުގައި ހުރި ތަކެތި ބޭނުންކުރުމުގެ ހިދުމަތް؛
- އިންޓަރނެޓާއި ވައިފައި ބޭނުންކުރުމަށް، އެ ހިދުމަތް ބޭނުންވާ ފަރާތުން ނުވަތަ ފަރާތްތަކުން ސަރކިއުލޭށަން ކައުންޓަރުގައި އެދެންވާނެއެވެ.
- ކިޔުމާއި ދިރާސާކުރުމުގެ އިންތިޒާމު؛ މި އިންތިޒާމު ހަމަޖައްސައިދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ
- އެކްޓިވިޓީ ސްޕޭސް ބޭނުންކުރުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ފޯމު ފުރަންވާނެއެވެ.
- ކިޔަވަތި އަދި ކުވަޔަޓް ސްޓަޑީ ރޫމް ބޭނުންކުރުމަށް، އެ ހިދުމަތް ބޭނުންވާ ފަރާތުން ނުވަތަ ފަރާތްތަކުން ސަރކިއުލޭށަން ކައުންޓަރުގައި އެދެންވާނެއެވެ.
- ކަސްޓަމަރުން ބޭނުންކުރާ ކޮމްޕިއުޓަރުތައް ބޭނުންކުރުމަށް، އެ ހިދުމަތް ބޭނުންވާ ފަރާތުން ނުވަތަ ފަރާތްތަކުން ސަރކިއުލޭށަން ކައުންޓަރުގައި އެދެންވާނެއެވެ.
5 ވަނަ މާއްދާ - ގައުމީ ކުތުބުހާނާއިން ހިދުމަތްދޭ ވަގުތު
ގައުމީ ކުތުބުހާނާ ހުޅުވައިފައި ހުންނާނީ، ހޮނިހިރު ދުވަސް ހިމެނޭ ގޮތަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކުއެވެ. އަދި ގައުމީ ކުތުބުހާނާ ހުޅުވ/ާބަންދުކުރާ ގަޑިތަކަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެކަން އާންމުކޮށް އިއުލާނުކުރާނެއެވެ.
ތިންވަނަ ބާބު
މެންބަރުކަން
6 ވަނަ މާއްދާ - މެންބަރުން
ގައުމީ ކުތުބުހާނާގެ މެންބަރުކަމުގެ ގިންތި ބެހިފައިވަނީ، އަންނަނިވި 2 (ދޭއް) ބަޔަށެވެ.
(ހ) 18 (އަށާރަ) އަހަރުން ދަށުގެ މެންބަރުން.
(ށ) 18 (އަށާރަ) އަހަރުން މަތީގެ މެންބަރުން.
7 ވަނަ މާއްދާ - މެންބަރަކަށް ވުމަށް ހުށަހަޅަންޖެހޭ ތަކެތި
(ހ) ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 1 ގެ ގޮތުގައި ހިމަނައިފައިވާ މެންބަރަކަށް ވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
- 3 (ތިނެއް) މަސްދުވަސް ހަމަނުވާ، ޕާސްޕޯޓް ސައިޒުގެ 1 (އެކެއް) ފޮޓޯ (ހުދު ބެކްގްރައުންޑް)؛
- 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސަކު ނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ފޮޓޯޖެހި، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއް އަދި 18 (އަށާރަ) އަހަރު ނުފުރޭ ދިވެއްސަކު ނަމަ، ބެލެނިވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ފޮޓޯޖެހި، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއް؛
- 18 (އަށާރަ) އަހަރު ފުރިފައިވާ ބިދޭސީއަކު ނަމަ، ޕާސްޕޯޓާއި، މޯލްޑިވްސް އިމިގްރޭށަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯރކްޕާމިޓް އަދި 18 (އަށާރަ) އަހަރު ނުފުރޭ ބިދޭސީއެއް ނަމަ، ބެލެނިވެރިޔާއަށް މޯލްޑިވްސް އިމިގްރޭށަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯރކްޕާމިޓް؛
(ށ) މެންބަރށިޕް ފޯމު ފުރިހަމަވުމުން މެންބަރަކަށް ވެވުނުކަން އީމެއިލަކުން އެންގޭނެއެވެ.
(ނ) މެންބަރަކަށް ވުމަށް ޓަކައި، މި މާއްދާގެ (ހ) ގައިވާ ތަކެތި އޮންލައިންކޮށް ވެސް ހުށަހެޅިދާނެއެވެ.
8 ވަނަ މާއްދާ - ހިދުމަތް ހޯދުމަށް ހުށަހަޅާ ލިޔުން
(ހ) ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތްތައް ހޯދުމަށް ޓަކައި، ދިވެހިން ބޭނުންކުރާނީ،ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑެވެ.
(ށ) ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތްތައް ހޯދުމަށް ޓަކައި ބިދޭސީން ބޭނުންކުރާނީ، މޯލްޑިވްސް އިމިގްރޭށަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯރކްޕާމިޓެވެ.
9 ވަނަ މާއްދާ - ގައުމީ ކުތުބުހާނާގެ މެންބަރުކަމުން ވަކިވުން
(ހ) ގައުމީ ކުތުބުހާނާގެ މެންބަރަކު، މެންބަރުކަމުން ވަކިވާން އެދޭ ނަމަ، މެންބަރުކަމުން ވަކިވުމަށް އެދި ލިޔުމަކުން ހުށަހެޅުމުން، އެ ފަރާތުން ދައްކަންޖެހިފައިވާ ފައިސާއެއް ދައްކައި ހަލާސްކޮށް، ގައުމީ ކުތުބުހާނާއަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުމުން، މެންބަރުކަމުން ވަކިވެވޭނެއެވެ.
(ށ) މެންބަރުކަމުން ވަކިވާއިރު ނުވަތަ ވަކިކުރާއިރު، އެ މީހަކު ގައުމީ ކުތުބުހާނާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކައި އޮތް ނަމަ، މެންބަރުކަމުން ވަކިވާ ދުވަހުން ފެށިގެން ނުވަތަ ވަކިކުރާ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 12 (ބާރ) ދުވަހުގެ ތެރޭގައިގައުމީ ކުތުބުހާނާއަށް އެ ފައިސާ ދައްކައި ހަލާސް ކުރަންވާނެއެވެ.
10 ވަނަ މާއްދާ - މައުލޫމާތު ބަދަލުވުން
(ހ) މެންބަރަކަށްވުމަށްފަހު، އެ މެންބަރެއްގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރާއި، ގައުމީ ކުތުބުހާނާއަށް ބޭނުންވެގެން ދީފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެ ނަމަ، އެ ބަދަލެއް އަންނަތ،ާ އެންމެ ގިނަވެގެން ވެސް، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ އައި ބަދަލެއްގެ މައުލޫމާތު، އީމެއިލަކުން ނުވަތަ ޓެކްސްޓް މެސެޖަކުން ނުވަތަ ފޯނުން ގުޅައިގެން ނުވަތަ ކައުންޓަރަށް ހާޒިރުވެގެން ދެވިދާނެއެވެ.
(ށ) މެންބަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ފޮޓޯއަށް ބަދަލެއް އަތުވެއްޖެ ނަމަ، ގައުމީ ކުތުބުހާނާގެ މެންބަރށިޕްގެ މުއްދަތު ހަމަވުމުން އަލުން އައުކުރާއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ނަންބަރުގައިވާ ފަދަ ފޮޓޯއެއް ގެންނަންވާނެއެވެ.
11 ވަނަ މާއްދާ - މެންބަރުންގެ މައުލޫމާތު ހާމަނުކުރުން
(ހ) މެންބަރުންގެ މައުލޫމާތަކީ، ގައުމީ ކުތުބުހާނާގައި ރައްކައުތެރިކަމާއެކު ބަލަހައްޓަންޖެހޭނެ މައުލޫމާތެކެވެ.
(ށ) އެއްވެސް ފަރާތަކަށް މެންބަރެއްގެ މައުލޫމާތު ހާމަކޮށްދެވޭނީ، ގާނޫނަކުން ނުވަތަ ގަވާއިދަކުން އެފަދަ މައުލޫމާތެއް ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ.
ހަތަރުވަނަ ބާބު
ގައުމީ ކުތުބުހާނާއިން ތަކެތި ދޫކުރުން
12 ވަނަ މާއްދާ - ގައުމީ ކުތުބުހާނާއިން ދޫކުރާ ތަކެތި
(ހ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިއުމަށް މެންބަރަކަށް ދޫކުރެވޭނެ ތަކެތީގެ އަދަދު ކަނޑައަޅާނީ ގައުމީ ކުތުބުހާނާއިންނެވެ.
(ށ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދެވޭނެކަމަށް ކަނޑައަޅައިފައިވާ ތަކެތީގެ ތެރެއިން އެއްޗެއް މެންބަރަކަށް ދޫކުރެވޭނީ، 21 (އެކާވީސް) ދުވަހުގެ މުއްދަތަށެވެ.
(ނ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދެވޭނީ، ހަމައެކަނި ބޭރަށް ގެންދެވޭގޮތަށް ލޭބަލްކޮށްފައިވާ ނުވަތަ ބޭރަށް ގެންދެވޭނެކަމަށް ކަނޑައަޅައިފައިވާ ތަކެއްޗެވެ.
13 ވަނަ މާއްދާ - ގައުމީ ކުތުބުހާނާއިން ތަކެތި ދޫކުރުން
ގައުމީ ކުތުބުހާނާއިން މެންބަރުންނަށް ތަކެތި ދޫކުރުމާއި، ދޫކުރެވޭ ތަކެތި ބަލައިގަތުމާއި، ގެއްލޭ ނުވަތަ
ހަލާކުވާ ތަކެތީގެ ބަދަލު ހޯދުމުގައި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ)
- ގައުމީ ކުތުބުހާނާއިން ބޭރަށް އެއްވެސް އެއްޗެއް ގެންދިއުމަށް މެންބަރަކު އެދޭ ނަމަ، އެ މެންބަރެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދައްކަންވާނެއެވެ.
- ބިދޭސީއެއް ނަމަ، މޯލްޑިވްސް އިމިގްރޭށަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯރކްޕާމިޓް ދައްކަންވާނެއެވެ.
(ށ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިޔުމަށް މެންބަރަކަށް ދޫކޮށްފައިވާ އެއްޗެއްގެ ޒިންމާ އުފުލަންވާނީ، އެ އެއްޗެއް ކުތުބުހާނާއިން ގެންދިޔަ މެންބަރެކެވެ. އަދި 18 (އަށާރަ) އަހަރުންދަށުގެ މެންބަރެއް ނަމަ، އެކަމުގެ ޒިންމާ އުފުލާނީ، އެ މެންބަރެއްގެ ބެލެނިވެރިޔާއެވެ.
(ނ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިޔުމަށް މެންބަރަކަށް ދޫކޮށްފައިވާ ތަކެތި ގެއްލިއްޖެ ނަމަ، އެ ތަކެތި ގެންދިޔަ މެންބަރަކު ނުވަތަ ފަރާތަކުން 3 (ތިނެއް) ދުވަހުގެ ތެރޭގައިގައުމީ ކުތުބުހާނާއަށް އެކަން އަންގައި، ސަރުކާރު ބަންދުނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ގެއްލުނު އެއްޗެއްގެ ބަދަލުގައި އެ އެއްޗެއްގެ އެޑިށަނާއި އައ.ިއެސ.ްބ.ީއެން ދިމާވާ ކޮޕީއެއް ގެންނަންވާނެއެވެ. ގެއްލުނު އެއްޗެއްގެ އެޑިށަނާއި އައ.ިއެސ.ްބ.ީއެން ދިމާވާ ކޮޕީއެއް މެންބަރު ގެނެސްފައިވާ ނަމަ ދައްކަންޖެހޭނީ، ހަމައެކަނި ޖޫރިމަނާއެވެ. ނަމަވެސް، ގެއްލުނު ތަކެތީގެ އެޑިށަނާއި އައ.ިއެސ.ްބ.ީއެން ދިމާވާ ކޮޕީއެއް ނުލިބިއްޖެ ނަމަ، އެ ތަކެތީގެ އަގާއި އެ އަގުގެ %50 (ފަންސާސް އިންސައްތަ) ދައްކަންވާނެއެވެ. އަދި ގެންދިޔަ ތަކެތި ކުތުބުހާނާއަށް އަނބުރާ ނުގެންނަ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ފައިސާ އިތުރުވެ، މި ގަވާއިދުގެ 17 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެވެ.
(ރ) ދޫކޮށްފައިވާ އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ އެއްޗަކަށް ލިބިފައިވާ ގެއްލުމުގެ މިންވަރަށް ބަލައި، ލިބިފައިވާ ގެއްލުމަކީ، އެ އެއްޗެއް މަރާމާތުނުކުރެވޭވަރުގެ ގެއްލުމެއް ކަމުގައި ވާ ނަމަ، މި މާއްދާގެ (ނ) އާ އެއްގޮތަށް އަމަލުކުރެވޭނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަ ތީން އަމަލުނުކޮށްފި ނަމަ، މި ގަވާއިދުގެ 6 ވަނަ ބާބުގެ 18 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
(ޅ) ގައުމީ ކުތުބުހާނާއިން މެންބަރަކަށް ދޫކޮށްފައިވާ އެއްޗެއް އަނބުރާ ގެންނަންޖެހޭ މުއްދަތަށް ނުގެނައުމާ ގުޅިގެން ނުވަތަ އެ ނޫން އެހެން ކަމަކާ ގުޅިގެން ޖޫރިމަނާވުމުގެ ސަބަބުން އެ އެއްޗެއް އަނބުރާ ގައުމީ ކުތުބުހާނާއަށް ރައްދުނުކޮށްފި ނަމަ، ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިޔުމަށް އެ މެންބަރަކަށް އިތުރަށް އެއްވެސް އެއްޗެއް ދުލެއް ނުކުރެވޭނެއެވެ.
(ކ) މެންބަރުންނަށް ދޫކުރާ ތަކެތި، އެ ތަކެތި ގެންދިޔަ ފަރާތް ނޫން އެހެން ފަރާތެއް މެދުވެރިކޮށް ވެސް ގައުމީ ކުތުބުހާނާއަށް އަނބުރާ ރައްދުކުރެވިދާނެއެވެ.
14 ވަނަ މާއްދާ - މެންބަރުގެ ބަދަލުގައި އެހެން ފަރާތަކަށް ތަކެތި ދޫކުރުން
މެންބަރުގެ ބަދަލުގައި އެހެން ފަރާތަކަށް ތަކެތި ދޫކުރެވޭނީ ތިރީގައި މިވާ ގޮތުގެ މަތީންނެވެ.(ހ) އަމިއްލައަށް ގައުމީ ކުތުބުހާނާއަށް
ހާޒިރުނުވެވޭ ފަދަ މަގުބޫލު އުޒުރެއް އޮތް މެންބަރުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މެންބަރުންނަށް، ގައުމީ ކުތުބުހާނާއިން ހުއްދަކުރާ ގޮތެއްގެ މަތީން، ކަނޑައަޅާ މުއްދަތަކަށް، އެ މެންބަރެއްގެ ބަދަލުގައި އެހެން މީހެއްގެ ހަވާލުގައި ވެސް ތަކެތި ދޫކުރެވޭނެއެވެ.
(ށ) މެންބަރެއްގެ ބަދަލުގައި ތަކެތި ގެންދާނެ ފަރާތެއް ހަމަޖައްސައިދެވޭނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގައުމީ ކުތުބުހާނާއިން ދޫކުރާ "ބަދަލުގައި ތަކެތި ދޫކުރާ ފޯމ/ުއިގުރާރު" ހުށަހެޅުމުންނެވެ. މި ފޯމާއެކު، އަންނަނިވި ލިޔުންތައް ވެސް ހުށަހަޅަންވާނެއެވެ.
- މެންބަރެއްގެ ބަދަލުގައި ހަމަޖައްސަން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް، ބިދޭސީއެއް ނަމަ، މޯލްޑިވްސް އިމިގްރޭށަނުން އޭނާއަށް ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯރކްޕާރމިޓުގެ އަސްލު؛
- ހާއްސަ އެހީއަށް ބޭނުންވާ މީހަކު ނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ މުއައްސަސާއަކުން ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަންވާނެއެވެ. ބަލި މީހަކު ނަމަ، ބަލިހާލަތު އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖަކު ނަމަ، ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން މެންބަރުގެ ބަދަލުގައި، ގައުމީ ކުތުބުހާނާއިން ދޫކުރާ ތަކެއްޗާ ހަވާލުވާނެ ފަރާތެއް ހަމަޖެއްސުމަށްފަހު، އެކަމުން ތަނާޒުލުވުމަށް ބަދަލުގައި ހަމަޖެއްސި ފަރާތުން ހުށަހަޅައިފި ނަމަ، ބަދަލުގައި ތަކެތި އޭނާއާ ހަވާލުކުރަން ހަމަޖެއްސި ހަމަޖެއްސުން ބާޠިލުކުރެވޭނެއެވެ.
(ރ) ބަދަލުގައި ތަކެތި ދޫކުރެވޭނީ، ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތާއި، މެންބަރުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެނައުމުންނެވެ.
15 ވަނަ މާއްދާ - ތަކެތި ރިޒާވުކުރުމާއި ރިނިއުކުރުން
(ހ) ގައުމީ ކުތުބުހާނާގެ ތަކެތި ރިޒާވުކުރެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ކުތުބުހާނާއިން ބޭރަށް ގެންދެވޭގޮތަށް ލޭބަލްކޮށްފައިވާ ނުވަތަ ކުތުބުހާނާއިން ބޭރަށް ގެންދެވޭނެކަމަށް ކަނޑައަޅައިފައިވާ ތަކެތި އެކަންޏެވެ.
(ށ) މެންބަރަކަށް ދޫކޮށްފައިވާ ތަކެތީގެ ތެރެއިން އެއްޗެއް އެހެން މެންބަރަކު ރިޒާވުކޮށްފައިވާ ނަމަ، އެ ތަކެތި ދޫކޮށްފައިވާ މެންބަރު ގައުމީ ކުތުބުހާނާއަށް އަނބުރާ ރައްދުކުރުމުން، ރިޒާވުކުރި މެންބަރަކަށް، އެ ތަކެތި ކުތުބުހާނާއަށް ލިބިފައި އޮތްކަން އީމެއިލަކުން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ރިޒާވުކޮށްފައިވާ ތަކެތި ލިބެންހުރިކަން މެންބަރަށް އެންގުމަށްފަހު، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ނުގެންގޮސްފި ނަމަ، އެ ތަކެތީގެ ރިޒަރވޭށަން، އިތުރު އެންގުމަކާ ނުލައި ބާޠިލުކުރެވޭނެއެވެ.
(ރ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިއުމަށް މެންބަރަކަށް ދޫކޮށްފައިވާ ތަކެތި، ގައުމީ ކުތުބުހާނާއަށް އަނބުރާ ރައްދުކުރުމަށް ދީފައި އޮތް މުއްދަތު، އިތުރު 21 (އެކާވީސް) ދުވަހުގެ މުއްދަތަށް ރިނިއުކުރެވޭނީ، އެހެން މެންބަރަކު އެ ތަކެތި ރިޒާވުކޮށްފައި ނުވާނަމައެވެ.
ފަސްވަނަ ބާބު
ހިދުމަތުގެ ފީއާއި ފައިސާދެއްކުން
16 ވަނަ މާއްދާ - ފީއާއި ހިދުމަތްތަކުގެ އަގު
(ހ) ރަޖިސްޓްރޭށަން ފީއާއި، ގައުމީ ކުތުބުހާނާއިން ހޯދާ ހިދުމަތްތަކުގެ އަގ،ު ގައުމީ ކުތުބުހާނާއިން
ކަނޑައަޅައިފައިވާ ގޮތުގެ މަތީން މެންބަރުން ދައްކަންވާނެއެވެ.
(ށ) ފައިސާގެ ހުރިހާ މުއާމަލާތްތައް ކުރަމުންދާނީ، ދައުލަތުގެ އާމްދަނީ ފައިސާގެ މުއާމަލާތު ކުރުމަށް ކަނޑައަޅައިފައިވާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.
(ނ) ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމަށް ދައްކައިފައިވާ އެއްވެސް ފައިސާއެއް،ގައުމީ ކުތުބުހާނާގެ މެންބަރުކަމުން ވަކިވުމުން ނުވަތަ ވަކިކުރުމުން އެ މެންބަރަކަށް އަނބުރާ ނުލިބޭނެއެވެ.
ހަވަނަ ބާބު
ޖުރިމަނާކުރުމާއި ފިޔަވަޅުއެޅުން
17 ވަނަ މާއްދާ - ތަކެތި އަނބުރާ ރައްދުނުކުރުމުން ޖޫރިމަނާކުރުން
ހ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިއުމަށް މެންބަރަކަށް ދޫކޮށްފައިވާ ތަކެތި، ގައުމީ ކުތުބުހާނާއަށް ރައްދުކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން، އެ ތަކެތި އަނބުރާ ރައްދުނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، އެ ތަކެތި ގެންދިޔަ މެންބަރަކު، ގައުމީ ކުތުބުހާނާއިން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޖޫރިމަނާކުރެވޭ ފައިސާގެ އަދަދު އާންމުކޮށް އިއުލާނު ކުރާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާގެ ފައިސާ ނެގުން 3 (ތިނެއް) މަސްދުވަސް ވުމުން ހުއްޓޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކުރުމުގައި، ޖޫރިމަނާކުރެވޭ މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސ،ާ ގާނޫނު ނަންބަރު 2011-04 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށް، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ އަދަދު 2,000 (ދެހާސް) ރުފިޔާއަށް ވުރެ އިތުރެއް ނުކުރެވޭނެއެވެ.
(ބ) ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިއުމަށް މެންބަރަކަށް ދޫކޮށްފައިވާ ތަކެތި،ގައުމީ ކުތުބުހާނާއަށް ރައްދުކުރުމަށް ދީފައި އޮތް މުއްދަތު ހަމަވާ ދުވަހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ތަކެތި ގައުމީ ކުތުބުހާނާއަށް ރައްދުކޮށްފައި ނެތް ނަމަ، އެ ތަކެއްޗަކީ ގެއްލިފައިވާ ތަކެތިކަމުގައި ކަނޑައަޅަންވާނެއެވެ. އަދި އެ ތަކެތި ހޯދުމަށް ހިނގާ ހަރަދަކީ އެ ފަރާތަކުން ގައުމީ ކުތުބުހާނާއަށް ދައްކަންޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމުގެ އިހުތިޔާރު، ގައުމީ ކުތުބުހާނާއަށް ލިބިގެންވެއެވެ. މި ގޮތަށް ކަނޑައެޅިކަމުގައި ވިޔަސް، މި މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ގޮތަށް އެ މެންބަރަކު ޖުރިމަނާ ކުރެވޭނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ތަކެތި ގެއްލުނުކަމަށް ކަނޑައަޅައިފައިވިޔަސް، އެ ތަކެތި ފެނިގެން ގައުމީ ކުތުބުހާނާއަށް ރައްދުކުރާއިރު، އެ ތަކެއްޗަށް ގެއްލުމެއް ލިބިފައި ނެތް ނަމަ، އެ ތަކެތި ބަލައިގަތުމަށްފަހު، ހަމައެކަނި ޖޫރިމަނާގެ ފައިސާ ދައްކާގޮތަށް ހަމަޖެއްސުމުގެ އިހުތިޔާރު، ގައުމީ ކުތުބުހާނާއަށް ލިބިގެންވެއެވެ.
18 ވަނަ މާއްދާ - ތަކެތި އަނބުރައި ރައްދުނުކުރުމުން އެޅޭނެ އެހެނިހެން ފިޔަވަޅު
ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދަން މެންބަރަކަށް ދޫކޮށްފައިވާ ތަކެތި، ގައުމީ ކުތުބުހާނާއަށް އަނބުރާ ނުގެންނަ ނަމަ، އެ މެންބަރަކު "ބްލެކްލިސްޓް" ކުރެވޭނެއެވެ. "ބްލެކްލިސްޓް" ކޮށްފައިވާ މެންބަރަކު، ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތެއް ހޯދަން އެދިއްޖެ ނަމަ، އެ ފަރާތަކަށް ހިދުމަތް ލިބޭނީ، ގައުމީ ކުތުބުހާނާއަށް ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސްކުރުމުންނެވެ.
19 ވަނަ މާއްދާ - ކޯޓު މެދުވެރިކޮށް ފައިސާ ހޯދުން
މި ގަވާއިދާ ހިލާފުވެގެން ށަރީއަތަށް ދާންޖެހޭ ނުވަތަ ހުށަހަޅަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ށަރީއަތަށް މައްސަލަ ހުށަހެޅުމުގެ އިހުތިޔާރު، ގައުމީ ކުތުބުހާނާއަށް ލިބިގެންވެއެވެ.
20 ވަނަ މާއްދާ - އެހެނިހެން ފިޔަވަޅުތައް
(ހ) ގައުމީ ކުތުބުހާނާގެ ތަކެތި ސިއްރުން ނުވަތަ ވަގަށް ނަގައިގެން ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދަން އުޅުން ނުވަތަ ފޮތެއް ނަމަ ފޮތުން ގަނޑުކެނޑުމާއި، ފޮތުގައި ކުރެހުމާއި، ލިޔުމާއި، ފޮތަށް ގެއްލުމެއް ލިބިދާނެ މި ނޫން އަމަލެއް ކުރުން ނުވަތަ މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ގައުމީ ކުތުބުހާނާއިން ފޮތް ނުވަތަ ތަކެތި ދޫކުރާ އުސޫލާ ހިލާފު އެއްވެސް އަމަލެއް ކުރުން ނުވަތަ މި ގަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގައުމީ ކުތުބުހާނާގެ ސުލޫކީ މިންގަނޑާ ހިލާފު އެއްވެސް އަމަލެއް ކޮށްފި ނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައިގެން، އަންނަނިވި ފިޔަވަޅުތައް އެ ފަރާތަކާމެދު އެޅިދާނެއެވެ.
- ނޭދެވޭ އަމަލެއް ހިންގި ކުޑަ/ބޮޑުމިނަށް ބަލައިގެން، ރަސްމީ ލިޔުމުން ނަސޭހަތް ދިނުން؛
- އަނގަބަހުން ދޭ ނަސޭހަތް ގަބޫލުނުކޮށްފި ނަމަ، އަދި ނޭދެވޭ އަމަލު އިތުރަށް ތަކުރާރުކޮށް ކުރަމުންދާ ނަމަ، ގައުމީ ކުތުބުހާނާއިން ބޭރަށް ނުކުންނަން އެންގުން؛
- މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ގައުމީ ކުތުބުހާނާއިން ބޭރަށް ނުކުންނަ ން އެންގުމުން، އެ މީހަކު ގައުމީ ކުތުބުހާނާއިން ނުނުކުމެއްޖެ ނަމަ، ގައުމީ ކުތުބުހާނާއިން އެ މީހަކު ނެރުމަށް ޓަކައި ކަމާބެހޭ މުއައްސަސާއެއްގެ އެހީތެރިކަން ހޯދުން؛
- ނޭދެވޭ އަމަލެއް ހިންގި ކުޑަ/ބޮޑުމިނަށް ބަލައި، މެންބަރށިޕް ބާޠިލުކުރުމަށް ގައުމީ ކުތުބުހާނާއަށް ފެންނަ ނަމަ، އެ ފަރާތެއްގެ މެންބަރށިޕް ބާޠިލުކުރުން.
(ށ) ގައުމީ ކުތުބުހާނާގެ އެއްވެސް މުދަލަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބޭ ފަދަ އަމަލެއް ހިންގައިފި ނަމަ، އެ އަމަލެއް ހިންގި މީހަކު ނުވަތަ ބަޔަކު، އޭގެ އަގ،ު ގައުމީ ކުތުބުހާނާއިން އަންގާ ތާރީހަކުން ފެށިގެން، ސަރުކާރު ބަންދުނޫން 12 (ބާރަ) ދުވަހުގެ ތެރޭގައި ގައުމީ ކުތުބުހާނާއަށް ދައްކަންވާނެއެވެ.
(ނ) މި ގަވާއިދުގެ ދަށުން ގައުމީ ކުތުބުހާނާއަށް ވެއްދުން މަނާ އެއްޗެއް ވެއްދިކަން އެނގިއްޖެ ނަމަ ނުވަތަ ވައްދަންއުޅޭކަން އެނގިއްޖެ ނަމަ ނުވަތަ ގައުމީ ކުތުބުހާނާއިން ބޭރަށް ގެންދިޔުން މަނާ އެއްޗެއް ބޭރަށް ގެންދިޔަކަމަށް ތުހުމަތު ކުރެއްވިއްޖެ ނަމަ ނުވަތަ ގެންދަން އުޅޭކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، ތުހުމަތު ކުރެވުނު ކަމުގެ ތެދު މައުލޫމާތު ދ،ީ އެއްޗެއް ދައްކަން އެ މީހަކަށް އެންގޭނެކަމަށާއި، އެ ކަމަށް އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރެވިދާނެއެވެ. އަދި އެފަދައިން އެންގުމުން، އެ އެންގުމަކާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އަދި އެކަން އެގޮތަށް ކޮށްފައިވާކަމަށް އެކަށީގެންވާ ހަމަތަކުގެ މަތީން ބަލާއިރު ކުތުބުހާނާގެ ކަމާބެހޭ ފަރާތްތަކަށް ގަބޫލުކުރެވޭ ނަމަ، އެ ކަމެއް އިތުރަށް ބަލައި ޔަގީންކުރުމަށް ޓަކައި، ކަމާބެހޭ އިދާރާއެއްގެ އެހީތެރިކަން ހޯދަންވާނެއެވެ.
ހަތްވަނަ ބާބު
ގައުމީ ކުތުބުހާނާގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު
21 ވަނަ މާއްދާ - ސުލޫކީ މިންގަނޑު
(ހ) ގައުމީ ކުތުބުހާނާގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިނިވަންކަމާއެކު މައުލޫމާތު ހޯދޭނެ ގޮތަށް މަގުފަހިކޮށްދޭ ފަދަ މާހައުލެއް ގާއިމުކުރުމަށާއި، އެ ހިދުމަތް އެންމެ ފުރިހަމަގޮތެއްގައި ލިބިގަތުމަށް ޓަކައި، ގައުމީ ކުތުބުހާނާއަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކުން، ތިރީގައިވާ މިންގަނޑުތަކާ އެއްގޮތަށް އެ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންވާނެއެވެ.
(ށ) ގައުމީ ކުތުބުހާނާއިން ހިދުމަތް ހޯދަން ނުވަތަ އެނޫންވެސް ބޭނުމެއްގައި އަންނަންވާނީ ސާފުތާހިރު، އެކަށީގެންވާ ހެދުމެއްގައެވެ.
(ނ) ގައުމީ ކުތުބުހާނާގެ މުވައްޒަފުންނާއި ކުތުބުހާނާއަށް ޒިޔާރަތްކުރާ އެހެނިހެން ފަރާތްތަކުގެ ހައްގުތަކަށް އިހުތިރާމު ކުރަންވާނެއެވެ.
(ރ) ގައުމީ ކުތުބުހާނާގެ އެތެރޭގައި އަޑުގަދަކޮށް ވާހަކަދެއްކުމާއި، އެހެން މީހުންނަށް ދަތިވާގޮތަށް ނުވަތަ ދަތިވެދާނެ ގޮތަކަށް މޭޒުކައިރީގައި ނުވަތަ މީހުން ހިނގައިއުޅޭ ސަރަހައްދެއްގައި ނުވަތަ ފޮތް ބަހައްޓައިފައި ހުންނަ ސަރަހައްދެއްގައި ނުވަތަ މީހަކަށް ނުވަތަ މީހު ންނަށް ގައުމީ ކުތުބުހާނާގެ ހިދުމަތްތައް ލިބިގަތުމުގައި ދަތިކަމެއް ދިމާވާނެ ނުވަތަ ދިމާވެދާނެ ފަދަ ގޮތަކަށް ކުތުބުހާނާގެ އެ ނޫން ސަރަހައްދެއްގައި ނުވަތަ ތަނެއްގައި އެއްވެ ތިބުމަކީ ހުއްދަކަމެއް ނޫނެވެ.
(ބ) ގައުމީ ކުތުބުހާނާގެ އިމާރާތުގެ އެތެރޭގައްޔާއި ގޯތިތެރޭގައި، އަހުލާގީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގުމަކީ މަނާކަމެކެވެ. އަދި މިފަދަ އަމަލެއް ކުރަނިކޮށް ފެނިއްޖެ ނަމަ ނުވަތަ އެ ފަދަ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، ފިޔަވަޅުއެޅުމަށް ޓަކައި، ގައުމީ ކުތުބުހާނާއިން، ކަމާބެހޭ މުއްސަސާތަކަށް އެ މައްސަލަ ހުށަހެޅޭނެއެވެ.
(ޅ) ގައުމީ ކުތުބުހާނާގެ އެތެރޭގައި ވީޑިއޯކުރަންވާނީ ނުވަތަ ފޮޓޯ ނަގަންވާނީ، ގައުމީ ކުތުބުހާނާގެ ހުއްދަ ހޯދައިގެންނެވެ.
(ކ) ގައުމީ ކުތުބުހާނާގައި ފޮތްތައް ބަހައްޓައިފައިވާ ސަރަހައްދުތަކަށް، ވޮލެޓާއި، ފޯނާއި، ޕާރސް އަދި ކިޔެވުމަށް ބޭނުންކުރާ ލެޕްޓޮޕް ފަދަ ވަސީލަތްތައް ފިޔަވައި، ހިފައިގެންގުޅޭ ދަބަސް ފަދަ އެއްވެސް އެއްޗެއް ވެއްދުމަކީ މަނާކަމެކެވެ. ނަމަވެސް ކުތުބުހާނާގެ މެއިން ރީޑިންގ އޭރިއާއަށް، ކިޔެވުމަށް ބޭނުންކުރާ ޕާސްޓްޕޭޕަރާއި، ނޯޓްފޮތާއި، ސްކޫލުގެ މުގައްރަރުގައި ހިމެނޭ ފޮތްތައް ފަދަ ތަކެތި ވެއްދުމަކީ ހުއްދަ ކަމެކެވެ.
- ގައުމީ ކުތުބުހާނާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ގެންނަ ދަބަސް ފަދަ ތަކެތި ބަހައްޓަންވާނީ، އެކަމަށް ހާއްސަކޮށްފައިވާ ލޮކަރުގައެވެ. އަދި ލޮކަރުގެ ތަޅުދަނޑި އޮނަންވާނީ އެ ފަރާތެއްގެ އަތުގައެވެ.
- ލޮކަރުގައި ބަހައްޓާ ތަކެތި ގެއްލިއްޖެ ނަމަ ނުވަތަ ހަލާކުވެއްޖެ ނަމަ، އެކަމުގެ ޒިންމާ އުފުލާނީ އެ ތަކެތި ބެހެއްޓި ފަރާތަކުންނެވެ.
- ގައުމީ ކުތުބުހާނާގެ އިމާރާތްތެރެއަށް ނުވަތަ ގޯތިތެރެއަށް ވައްދާ ލެޕްޓޮޕާއި، މޯބައިލް ފޯނާއި، އަމިއްލަ އެ ނޫން ތަކެތި ގެއްލިއްޖެ ނަމަ ނުވަތަ އެ ތަކެއްޗަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ ކަމުގެ ޒިންމ،ާ ގައުމީ ކުތުބުހާނާއަކުން ނޫފުލާނެއެވެ.
(އ) ގައުމީ ކުތުބުހާނާގެ އިމާރާތް ތެރޭގައި، ފެން ބުއިން ފިޔަވައި، ކެއިންބުއިމާއި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ބޭނުންކުރުމާއި، ޗުވިންގަމް ފަދަ ތަކެތި ކެއުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.
(ވ) ގައުމީ ކުތުބުހާނާގެ މާހައުލާ ނުގުޅޭ އެއްވެސް އެއްޗެއް ގައުމީ ކުތުބުހާނާއަށް ވެއްދުމަކީ މަނާކަމެކެވެ. މިފަދަ ތަކެތީގެ ތެރޭގައި، ފުއްޕާހަމާއި، ދިރޭތަކެއްޗާއި، ލޭޒަރާއި، ވަޅިއާއި، ކަޓަރާއި، ކަތުރު ފަދ،ަ އެ ތަކެތިން ގެއްލުން ލިބޭ ޒާތުގެ ތަކެތި ހިމެނެއެވެ.
(މ) ގައުމީ ކުތުބުހާނާއަށް ވަނުމުގެ ކުރިން މޯބައިލް ފޯނު ބާއްވަންވާނީ، އެހެން ފަރާތްތަކަށް ފޯނުގެ އެއްވެސް އަޑެއް ނީވޭނޭހެން އަދި ވައިބްރޭޓް ނުވާގޮތަށް ސައިލެންޓުކޮށްފައެވެ. އަދި ފޯނަށް ޖަވާބު ދޭންވާނީ، އެހެން ފަރާތްތަކަށް އުނދަގުލެއް ނުވާގޮތަށް، ގައުމީ ކުތުބުހާނާގައި ފޮތް ބަހައްޓައިފައިވާ ސަރަހައްދުން ބޭރަށް ނުކުތުމަށްފަހުގައެވެ.
(ފ) ހަރުތަކުން، ފޮތާއި މަޖައްލާއާއި އެ ނޫން ތަކެތި ނަގަންވާނީ، އެ ތަކެއްޗަށް ގެއްލުމެއް ނުވާނޭ ފަދަ ގޮތަކަށެވެ. އަދި ތަކެތި ބޭނުންކޮށް ނިމުމުން، ގައުމީ ކުތުބުހާނާއިން ކަނޑައަޅައިފައިވާ ތަނެއްގައި އެ ތަކެތި ބަހައްޓަންވާނެއެވެ.
(ދ) ގައުމީ ކުތުބުހާނާގެ ތަކެތި ގެންގުޅުމުގައި، އެ ތަކެއްޗަށް ގެއްލުމެއް ނުވާ ގޮތަކަށް އަމަލުތައް ބަހައްޓަން ސަމާލުވާން ވާނެއެވެ.
(ތ) އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް ޒިންމާވާނީ އެ ކުދިންގެ ބެލެނިވެރި ފަރާތުންކަމަށްވާތީ، ގައުމީ ކުތުބުހާނާއަށް މި އުމުރުފުރައިގެ ކުދިން އައުން އެދެވިގެންވަނީ ބެލެނިވެރިޔަކު ނުވަތަ އެ ކުއްޖަކާ ހަވާލުވެފައިވާ 18 (އަށާރަ) އަހަރުން މަތީގެ މީހަކާ އެކުގައެވެ.
(ލ) ގައުމީ ކުތުބުހާނާގެ ތެރޭގައި އޯޑިއޯވިށުއަލް ތަކެތި ބޭނުންކުރަންވާނީ، އެހެން ފަރާތްތަކަށް ދަތިނުވާނޭ ގޮތަށް، އެކަމަށް އެކަށީގެންވާ ވަސީލަތެއް ނުވަތަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
(ގ) ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ބޭނުންކުރަން ގައުމީ ކުތުބުހާނާގައި ބަހައްޓައިފައި ހުންނަ ކޮމްޕިއުޓަރުތައް ބޭނުންކުރަންވާނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެ މަތީންނެވެ.
އަށްވަނަ ބާބު
އެހެނިހެން ކަންކަން
22 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ނޭށަނަލް ލައިބްރަރީގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-01 (ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު) ގެ ދަށުން ލިބެންޖެހޭ ތަކެތި ހޯދައި، އެ ތަކެތި ރައްކައުތެރިކޮށް ބަލަހައްޓައި، އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
(ށ) "ޕަބްލިކް ލައިބްރަރީގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އާންމުންގެ ބޭނުންތަކާ އެއްގޮތަށް މައުލޫމާތު އެއްކޮށް، ނިޒާމެއްގެ ތެރެއިން އެ ތަކެތި ދޫކޮށް ބަލައިގަތުމާއި، ކިޔުންތެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތައް ހިންގުމަށެވެ.
(ނ) "މެންބަރުންގެ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފަރާތުގެ އެންމެހައި މައުލޫމާތު ހިމެނޭގޮތުންނެވެ.
(ރ) "ރިޒާވުކުރުން" ކަމަށް ބުނެފައި އެވަނީ، މެންބަރަކަށް ތަކެތި ދޫކޮށްފައިވަނިކޮށްއެހެން މެންބަރަކު އެ ތަކެތި ބޭނުންވެގެން ގައުމީ ކުތުބުހާނާގައި ނޯޓުކުރާ ނޯޓުކުރުމަށެވެ.
(ބ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިޔާއަށެވެ.
(ޅ) "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފުނުވާ ފަދަ އަދި ސާފުތާހިރު ހެދުމަށެވެ.
(ކ) "މެންބަރު" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުތުބުހާނާއިން ދޭ ހިދުމަތް ހޯދުމަށް ގައުމީ ކުތުބުހާނާގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
23 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
24 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އެޓަރނީޖެނެރަލް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ގައުމީ ކުތުބުހާނާގެ ގަވާއިދު" އުވުނީއެވެ.
(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)
ޖަދުވަލު 1
ކުތުބުހާނާގެ މެންބަ ރަކަށް ވުމަށް އެދޭ ފޯމު
ޖަދުވަލު 2
ބަދަލުގައި ތަކެތި ދޫކު ރަން އެދޭ ފޯމ/ުއިގުރާރު
އުވުނު ގަވާއިދު
މައި ގާނޫނު
ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2006-01)
ކިޔުންތެރިންގެ ހިޔާލު