-

ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2006-01)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ށާއިއުކޮށް ނެރޭ ތަކެއްޗާއި، ދިވެހި ރާއްޖޭން ބޭރުގައި ދިވެހި ރައްޔިތުންނާއި، ދިވެހި ޖަމްއިއްޔާތަކުންނާއި، ދިވެހި ޖަމާއަތްތަކުންނާއި، ދިވެހި ކުންފުނިތަކުން ށާއިއުކޮށް ނެރޭ ތަކެތި، ގައުމީ ކުތުބުހާނާއަށް ޖަމާކުރުމާއި އެތަކެތި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދުތަކަކީ:-

(ހ) ދިވެހިރާއްޖޭގައި ށާއިއުކޮށް ނެރޭ ތަކެއްޗާއި، ދިވެހިރާއްޖޭން ބޭރުގައި ދިވެހިން ށާއިއުކުރާ ތަކެތި، ގައުމީ ކުތުބުހާނާގެ ހިދްމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭނެގޮތް ހަމަޖެއްސުން.

(ށ) ގައުމީ ކުތުބުހާނާއަށް ޖަމާކުރެވޭ ތަކެތި، ރައްކާތެރިކަމާއެކު ދެމެހެއްޓުން.

 

3 ވަނަ މާއްދާ - ގައުމީ ކުތުބުހާނާ

ގައުމީ ކުތުބުހާނާއިން ކުރުމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް ވެސް ކިޔުންތެރިކަން ކުރިޔަށް ގެންދިއުމަށް މަސައްކަތްކުރުމަށާއި، ދިވެހިރާއްޖޭގައި ހިންގާ އާންމު ކުތުބުހާނާތައް ރަޖިސްޓްރީކުރުމާބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމަށް ދިވެހިރާއްޖޭގައި ގައުމީ ކުތުބުހާނާއެއް ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ - ގާނޫނު ހިންގުމާއި ގަވާއިދު ހެދުން

މި ގާނޫނު ހިންގުމާއި، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހެދުމާއި، މި ގާނޫނުގެ ޖަދުވަލުތަކަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމުގެ އިހްތިޔާރު ލިބިގެންވަނީ، އެއިރަކަށް ގައުމީ ކުތުބުހާނާގެ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސާ މިނިސްޓަރަށެވެ.

 

5 ވަނަ މާއްދާ - ގައުމީ ކުތުބުހާނާއަށް ޖަމާކުރަންޖެހޭ ތަކެތި

މި ގާނޫނުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ށާއިއުކުރާ ތިރީގައިމިވާ ތަކެތި ށާއިއުކުރުމަށްފަހު، މި ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ގައުމީ ކުތުބުހާނާއަށް ފޮނުވަންވާނެއެވެ.

 1. ފޮތް.
 2. ޕޭމްޕްލެޓް، މަޖައްލާ، ނޫސް ފަދަ ތަކެތި.
 3. ލެޓަރޕްރެސް ނުވަތަ މިއުޒިކް.
 4. މެޕް، ޕްލޭން، ޗާޓު، ޕޯސްޓަރު، ތާވަލުފަދަ ތަކެތި.
 5. ސީރިއަލްސް.
 6. މައިކްރޯފޯމްސް ނުވަތަ މައިކްރޯފިލްމްސް.
 7. ފޯނޯރިކޯޑްސް.
 8. އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންގްސް.
 9. އެހެނިހެން އިލެކްޓްރޯނިކް މީޑިއާ.
 10. ބުނެވިދިޔަ ކޮންމެ އެއްޗަކަށް ގެނެވޭ ބަދަލު.

 

6 ވަނަ މާއްދާ - ށާއިއުކުރާ ތަކެތި ގައުމީ ކުތުބުހާނާއަށް ފޮނުވުން

(ހ) މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަކެތި ށާއިއުކުރާ ކޮންމެ ފަރާތަކުން، ގައުމީ ކުތުބުހާނާއަށް ނުވަތަ ގައުމީ ކުތުބުހާނާއިން އަންގާ އެޑްރެހަކަށް، އެ ށާއިއުކުރި ތަކެތީގެ ނަކަލު، މި ގާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ށާއިއުކުރާ ފަރާތުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ތަކެތި ފޮނުވަންވާނީ، އެތަކެތި ށާއިއުކުރާ ފަރާތުގެ އަމިއްލަ ހަރަދުގައެވެ.

 

7 ވަނަ މާއްދާ - ޖަމާކުރަންޖެހޭ ތަކެތި ކަނޑައެޅުން

މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގައުމީ ކުތުބުހާނާއަށް ފޮނުވާ ތަކެތީގެ ތެރެއިން، ގައުމީ ކުތުބުހާނާގައި ޖަމާކޮށްފައި ބަހައްޓާނެ ތަކެއްޗާއި، އަނބުރާ ފޮނުވާލަންޖެހޭ ތަކެތި ކަނޑައަޅާނެ ކޮމިޓީއެއް، އެއިރަކަށް ގައުމީ ކުތުބުހާނާގެ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސާ މިނިސްޓަރަކު އައްޔަންކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - އެއްގޮތަށްވުރެ ގިނަގޮތަށް ށާއިއުކުރާ ތަކެތި

އެއްގޮތަށްވުރެ ގިނަގޮތަށް ށާއިއުކުރާ ތަކެތި، ގައުމީ ކުތުބުހާނާއަށް ފޮނުވުމުގައި، ގައުމީ ކުތުބުހާނާއިން އެހެންގޮތަކަށް ނޭދޭނަމަ، ށާއިއުކުރާ އެއްގޮތް، ހިޔާރުކުރެވިދާނެއެވެ.

 

9 ވަނަ މާއްދާ – އިންޓަރނެޓުގައި ށާއިއުކުރާ ތަކެތި

ދިވެއްސަކު ނުވަތަ ދިވެހިންގެ ބަޔަކު، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ މަޖައްލާއަކުން އިންޓަރނެޓް މެދުވެރިކޮށް، އިންޓަރނެޓުގައި ށާއިއުކުރާ އެކިއެކި ތަކެތީގެ ނަކަލު، ގައުމީ ކުތުބުހާނާގެ ބޭނުމަށް ރައްކާކޮށް ޖަމާކުރެވިދާނެއެވެ.

 

10 ވަނަ މާއްދާ - ފޮނުވަންވީ  އެޑްރެސް

މި ގާނޫނުގެ ދަށުން ފޮނުވަންޖެހޭ ތަކެތި ފޮނުވާނެ ވަކި އެޑްރެހެއް ގައުމީ ކުތުބުހާނާއިން ކަނޑައަޅާފައި ނުވާނަމަ، އެތަކެތި ފޮނުވަންވާނީ ގައުމީ ކުތުބުހާނާގެ ރަސްމީ އެޑްރެހަށެވެ.

 

11 ވަނަ މާއްދާ - ޖަމާކުރާ ތަކެތީގެ ފެންވަރު

ގައުމީ ކުތުބުހާނާއަށް ޖަމާކުރާ ތަކެތި ހުންނަންވާނީ، ށާއިއުކުރި ގޮތަށެވެ. އަދި އެތަކެއްޗަކީ، އެއިރަކު ށާއިއުކުރެވޭ ތަކެތީގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު، އަދި މި ގާނޫނުގެ 2 ވަނަ ޖަދުވަލުގައި ބަޔާންކޮށްފައިވާ ތަފްސީލާ އެއްގޮތްވާ ގޮތުގެމަތިން ށާއިއުކުރެވޭ ތަކެއްޗަށް ވާންވާނެއެވެ.

 

12 ވަނަ މާއްދާ - ކުރިން ށާއިއުކޮށްފައިވާ ތަކެތި

(ހ) މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ށާއިއުކޮށްފައިވާ މި ގާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްޗެއް، ގައުމީ ކުތުބުހާނާއަށް ހޯދުމަށް ބޭނުންވެގެން ލިޔުމަކުން އެދިއްޖެނަމަ، އެ އެއްޗެއްގެ ކޮޕީއެއް ގައުމީ ކުތުބުހާނާއަށް ފޮނުވަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ފޮނުވާ އެއްޗެއްގެ ކޮޕީއެއް ހެދުމަށް، ށާއިއުކުރާ ފަރާތުން ހަރަދެއް ކޮށްފައިވާނަމަ، އެކަމަށް ހިނގި ހަރަދު ގައުމީ ކުތުބުހާނާއިން އެފަރާތަށް ދޭންވާނެއެވެ.

 

13 ވަނަ މާއްދާ - ޖަމާކުރެވޭ ތަކެތި ބޭނުންކުރުން

މި ގާނޫނުގެ ދަށުން ގައުމީ ކުތުބުހާނާއަށް ޖަމާކުރެވޭ ތަކެތީގެ ތެރެއިން އާންމުންގެ ބޭނުމަށް ދޫކުރަން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާތަކެތި، ގައުމީ ކުތުބުހާނާގައިވާ އެހެނިހެން ތަކެއްޗާ އެއް އުސޫލުން އާންމުންގެ ބޭނުމަށް ދޫކުރުމުގެ އިހްތިޔާރު، ގައުމީ ކުތުބުހާނާއަށް ލިބިގެންވެއެވެ. އަދި ގައުމީ ކުތުބުހާނާއިން ބޭނުންވެއްޖެ ހިނދެއްގައި އެތަކެތި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އަނބުރާ ދެއްކުމަށް އެހެން ކުތުބުހާނާއަކަށް ދޫކުރުމުގެ އިހްތިޔާރު ގައުމީ ކުތުބުހާނާއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - އާ ނުވަތަ ތަފާތުގޮތަކަށް ށާއިއުކުރާ ތަކެތި

(ހ) ކުރިން ށާއިއުކުރެވިފައިވާ ތަކެއްޗާއި، އެއްގޮތްކަމަށް ބެލެވޭ ތަކެއްޗާއި އަދި ތަފާތުހުރި ތަކެތިކަމަށް ބެލެވޭނެ ހާލަތުތައް ކަނޑައެޅުމުގެ އިހްތިޔާރު، ގައުމީ ކުތުބުހާނާއަށް ލިބިގެންވެއެވެ.

(ށ) ކުރިން ށާއިއުކުރެވިފައިވާ އެއްޗެއް އަލުން ށާއިއުކުރިއިރު، މިމާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ތަފާތުހުރި އެއްޗެއް ކަމަށް ކަނޑައަޅާ ހާލަތަށް ފެތޭނަމަ، މިގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން އަމަލުކުރަންޖެހޭނެއެވެ.

(ނ) ކުރިން ށާއިއުކުރެވިފައިވާ އެއްޗެއް، އަލުން ށާއިއުކުރިއިރު، މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެއްގޮތްކަމަށް ކަނޑައަޅާ ހާލަތަށް ފެތޭނަމަ، މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރާކަށް ނުޖެހޭނެއެވެ.

 

15 ވަނަ މާއްދާ - ގައުމީ ކުތުބުހާނާގެ މަސްއޫލިއްޔަތު

ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމުގައި، އެ ކުތުބުހާނާގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 1. ގައުމީ ކުތުބުހާނާއަށް ޖަމާކުރެވޭ ތަކެތި، އެ ކުތުބުހާނާގެ ހިދްމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ހަމަޖެއްސުން.
 2. ގައުމީ ކުތުބުހާނާއަށް ޖަމާކުރެވޭ ތަކެތި، ރައްކާތެރިކޮށް ބެލެހެއްޓުން.
 3. ގައުމީ ކުތުބުހާނާއަށް ޖަމާކުރެވޭ ތަކެތީގެ ރިކޯޑު ބަލަހައްޓައި، އެތަކެތީގެ އިންވެންޓްރީއެއް ގާއިމުކުރުމާއި، އެމައުލޫމާތު ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން.

 

16 ވަނަ މާއްދާ - ހިމާޔަތް އަދި ޒިންމާ

(ހ) ގައުމީ ކުތުބުހާނާއަށް ޖަމާކުރާ އެއްޗެއްގައި ލިޔެފައިވާ ލިޔުމެއްގެ ސަބަބުން، ނުވަތަ ހިމެނޭ މައްލޫމާތެއްގެ ސަބަބުން، އެއްވެސްމީހެއްގެ ނުވަތަ ފަރާތެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވިދާނެ ވާހަކަތަކެއް ހުރިކަމުގައިވިޔަސް، އެފަދަ ކަމަކާ ގުޅިގެން ގައުމީ ކުތުބުހާނާއާމެދު ގާނޫނީގޮތުން ނުވަތަ ށަރްއީގޮތުން އެއްވެސް ސިފައެއްގައި ދައުވާއެއް ނުކުރެވޭނެއެވެ. އަދި އެފަދަ ކަމަކާ ގުޅިގެން އިއްޒަތާއި ކަރާމާތަށް އުނިކަންލިބޭ ފަރާތަށް ބަދަލެއް ލިބިދޭންޖެހޭނަމަ، އެފަދަ ބަދަލަކަށްވެސް ގައުމީ ކުތުބުހާނާއިން ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ހާލަތުތަކުގެ އިތުރަށްވެސް، ގައުމީ ކުތުބުހާނާއަށް ޖަމާކުރާ އެއްޗެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް، އެ ކުތުބުހާނާގެ ފަރާތުން ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ކުށާއި އަދަބު

މި ގާނޫނާ ހިލާފުވެއްޖެނަމަ، އެކަން އެފަރާތަކަށް އަންގާތާ 14 ދުވަހުގެ ތެރޭގައި، ށާއިއުކުރާ މަސައްކަތުގެ އެންމެ ފެންވަރު ރަނގަޅު ކޮޕީއެއްގެ އަގު 1000 ރުފިޔާއަށް ވުރެ ދަށްނަމަ، 1000 ރުފިޔާ، ނުވަތަ ށާއިއުކުރާ މަސައްކަތުގެ އެންމެ ފެންވަރު ރަނގަޅު ކޮޕީއެއްގެ އަގު 1000 ރުފިޔާއަށްވުރެ ބޮޑުނަމަ، އެއަގުގެ ދެގުނައަށްވާ ފައިސާ، އެފަރާތަކުން ގައުމީ ކުތުބުހާނާއަށް ދައްކަންވާނެއެވެ.

 

18 ވަނަ މާއްދާ - މާނަ

މި ގާނޫނުގައި، އެ އިބާރާތެއް ހިމެނިފައިވާގޮތުން އެހެންގޮތަކަށް ކަނޑައެޅިގެން ދޭހަނުވާނަމަ: 

"ރައްކާތެރިކަމާއެކީ ދެމެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ގިނަދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހާ ކަންތައްތަކާއި، އެތަކެތި ހަލާކު ނުވާނެ އަދި ވީރާނާ ނުވާނެ ގޮތުގެ މަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ. 

"ގައުމީ ކުތުބުހާނާގައި ޖަމާކުރެވޭ ތަކެތި" ކަމަށް ބުނެފައި އެވަނީ، މައްލޫމާތު ލިޔެވި ރެކޯޑު ކުރެވިފައިހުރި ނުވަތަ ރައްކާކުރެވިފައިހުރި، ނުވަތަ ފެންނަގޮތަށްހުރި، ނުވަތަ އެފަދަ ގޮތަކަށް އުފައްދާފައިހުރި ހުރިހާ ވައްތަރެއްގެ ޗާޕުކުރި، ގްރެފިކް، އޯޑިއޯވިޒުއަލް އަދި މިނޫންވެސް އެހެން ޓެކްނޯލޮޖީގެ ސިފައިގައި ތައްޔާރުކުރެވިފައިވާ ވަސީލަތްތަކަށެވެ. 

"ޗާޕުކުރެވިފައިވާ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މެކެނިކަލް އިމްޕްރެށަނެއް އުފެއްދުމުގެގޮތުން އެއްވެސްބާވަތެއްގެ އެއްޗެއްގައި އަކުރުތަކެއް ނުވަތަ ރޮނގުތަކެއް ފެންނަން ހުންނާނެގޮތަށް ހެދުމަށެވެ. 

"ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، އާންމުންނަށް ވިއްކަން، ކުއްޔަށްދޫކުރަން، ނުވަތަ ހިލޭ ލިބޭގޮތް ހެދުމަށެވެ. 

"ގައުމީ ކުތުބުހާނާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ކުތުބުހާނާއަށެވެ. 

"ށާއިއުކުރާ ކޮންމެ ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖޭން ބޭރުގެ ފަރާތްތައްވެސް ރާއްޖޭގައި ށާއިއުކުރާނަމަ، އެފަރާތްތައްވެސް ހިމަނައިގެންނެވެ.

"އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެޑްރެހަކަށް ނުވަތަ އިލެކްޓްރޯނިކް އެޑްރެހަކަށެވެ.

"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއިރަކަށް ގައުމީ ކުތުބުހާނާގެ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކަށެވެ.

 

 

ޖަދުވަލު 1

މި ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ގައުމީ ކުތުބުހާނާއަށް ހުށަހަޅަންޖެހޭ ތަކެތީގެ ކޮޕީގެ އަދަދާއި، ހުށަހަޅަންޖެހޭ މުއްދަތު.

ލިޔެކިޔުމުގެ ބާވަތް

އަދަދު

ގައުމީ ކުތުބުހާނާއަށް ފޮނުވަންޖެހޭ މުއްދަތު

ލިޔެ، ޗާޕުކޮށްފައިހުންނަ ލިޔެކިޔުން (ފޮތް، ސީރިއަލްސް، ޗާޓު އަދި ޕޯސްޓަރު ފަދަ ތަކެތި) 2 ށާއިއުކުރާތާ 1 މަސް
ލިޔެ، ޗާޕުކޮށްފައި ނުހުންނަ ތަކެތި (މައިކްރޯފޯމްސް، ފޯންރެކޯޑްސް، ރެކޯޑްސް، ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންގއާއި، އެހެނިހެން އިލެކްޓްރޯނިކް މީޑިއާ) 1 ށާއިއުކުރާތާ 1 މަސް
     

 

 


ޖަދުވަލު 2 

މި ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ގައުމީ ކުތުބުހާނާއަށް ޖަމާކުރަންޖެހޭ އެންމެ ފެންވަރު ރަނގަޅު ކޮޕީގެ ތަފްސީލު.

 

 

ލިޔެކިޔުމުގެ ބާވަތް

ތަފްސީލު

1 ލިޔެ، ޗާޕުކޮށްފައި ހުންނަ ލިޔެކިޔުން (ފޮތް، ސީރިއަލްސް، ޗާޓު، ޕޯސްޓަރު ފަދަ ތަކެތި)

އަސްލާ އެއްވަރު، ށާއިއުކުރި އެންމެ ފެންވަރު ރަނގަޅު  ކަރުދާހުގައި، ތިރީގައިމިވާ ގޮތުގެމަތިން:

(ހ) އަސްލުފޮތުގައި ހިމެނޭ ހުރިހާ މައްލޫމާތު، ޗާޓު، ކުރެހުން، ފުރިހަމަ ކުލައާއެކު (އަސްލާ ތަފާތު ނުވާގޮތަށް)

(ށ) އަސްލުގައިވާގޮތަށް ބައިންޑްކޮށް، ނުވަތަ ފަހާފައި، ނުވަތަ ތަތްކޮށްފައި.

2 ލިޔެ، ޗާޕުކޮށްފައި ނުހުންނަ ތަކެތި (މައިކްރޯފޯމްސް، ފޯންރެކޯޑްސް، ރެކޯޑްސް، ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންގްސް އަދި އެހެނިހެން އިލެކްޓްރޯނިކް މީޑިއާ) ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ޑިވައިސްއަކަށް ކޮޕީކޮށްފައި ނުވަތަ އަސްލާ އެއްފެންވަރަށް.
     

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ގައުމީ ކުތުބުހާނާއަށް ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު