-

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-117)

(މި ގަވާއިދަށް އަމަލުުރަން ފެށީ 2 ޑިސެމްބަރު 2025 ގައި)

ގަވާއިދު ނަންބަރު 2020-48 (އިންތހާާބުތަކާބެހޭ އާންމު ގަވާއިދު) އަށް 5 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާގެ ފަހަތަށް 1-2 ވަނަ މާއްދާއާއި، 2-2 ވަނަ މާއްދާ އިތުރުކުރުން.

2-1 ފޯކަލް ޕޮއިންޓުން އައްޔަނުކުރުން:
އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން އިންތިހާބުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި ސިޓީ އަތޮޅުތަކަށާއި ރާއްޖެއިން ބޭރުގައި ވޯޓުފޮށްޓެއް ބަހައްޓާ ކޮންމެ ގައުމެއްގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިންޓުން އައްޔަނުކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ.

2-2 ފޯކަލް ޕޮއިންޓުން:

(ހ) އިންތިހާބުގެ މަސައްކަތްތައް ކުރަން އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުންނާއި ފޯކަލް ޕޮއިންޓުންގެ އެހީތެރިން، އެ މީހުންގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުން، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށް ނިމުމުން، އިލެކްށަންސް ކޮމިށަނުން ދޭ ފޯމެޓަކާ އެއްގޮތަށް އެ މަސައްކަތާބެހޭ ރިޕޯޓެއް، އިންތިހާބު ނިމޭތާ ގިނަވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކަނޑައެޅިފައިވާ މުއްދަތުގައި ނުފޮނުވައިފި ނަމަ، އެފަދަ ފަރާތްތަކާމެދު، ގާނޫނީ ފިޔަވަޅު އެޅުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

(ރ) އިންތިހާބުގެ މަސައްކަތް ކުރުމަށް ޓަކައި އައްޔަނުކޮށްފައިވާ ފޯކަލް ޕޮއިންޓުންގެ އެންމެ ފަހު މަހުގެ އުޖޫރަ ދެވޭނީ، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު، ކޮމިށަނަށް ހުށަހެޅުމުންނެވެ.

(ބ) މި ގަވާއިދުގެ ދަށުން އައްޔަނުކުރާ ރަށާއި އަވަށާއި އަތޮޅާއި ސިޓީ ފޯކަލް ޕޮއިންޓުންގެ ތެރެއިން އިލެކްށަންސް ކޮމިށަނުގެ ދާއިމީ މުވައްޒަފުން ފިޔަވައި އެހެން މީހުން މަގާމުގައި ދެމިތިބޭނީ، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، އިލެކްށަންސް ކޮމިށަނުން އެ ފަރާތްތައް ފޯކަލް ޕޮއިންޓުންގެ މަގާމަށް އައްޔަނުކުރާ ތާރީހުންފެށިގެން އެ ފޯކަލް ޕޮއިންޓެއްގެ މަސައްކަތް ނިމުނުކަމަށް، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ތާރީހަކާ ހަމަޔަށެވެ.

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އިސްލާހުކުރުން.

ބޯޑު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ 3.

(ށ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި، ށާއިއުކުރާ ދުވަހު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެ ރަޖިސްޓަރީ އާންމުކޮށް ފެންނަގޮތަށް ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާ އިސްލާހުކުރުން.

ރަޖިސްޓަރީގެ ކޮޕީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވުމާއި، ށަކުވާ އުފުލުމަށް ހުޅުވައިލުން 4.

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގެ ދަށުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، އެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވައިލައިފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތަފުސީލީ މައުލޫމާތުހިމެނޭ ރަޖިސްޓަރީގެކޮޕީއެއް، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް، އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި، ހިމެނިފައިވާ މައުލޫމާތަކާ ގުޅޭގޮތުން ނުވަތަ ހިމެނިފައިނުވާ މައުލޫމާތަކާ ގުޅޭގޮތުން ނުވަތަ ރަޖިސްޓަރީ ސައްހަކުރުމަށް ޓަކައި، ގެންނަންޖެހޭ ބަދަލަކާ ގުޅޭގޮތުން ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ށަކުވާ ހުށަހެޅުމަށް ހުޅުވައިލާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފޯކަލް ޕޮއިންޓުންނަށް ނުވަތަ އިލެކްށަންސް ކޮމިށަނަށް ށަކުވާ ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ސުވާލެއް އޮތް ނަމަ އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެ ފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަން އެ ފަރާތްތަކަށް ފުރުސަތު ހުޅުވައިލަންވާނެއެވެ. މިފަދައިން ހުޅުވައިލާ ފުރުސަތުގައި، ރަށާއި އަވަށާއި އަތޮޅާއި ސިޓީ ފޯކަލް ޕޮއިންޓުންނަށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ށ)އާއި (ނ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާތައް، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި ށަކުވާތަކާމެދު ކޮމިށަނުން ކަނޑައެޅި ގޮތެއް، އެ މުއްދަތުގެ ތެރޭގައި، އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު، އަންގަން ވެސް ވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެ ފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލައެއް ހުށަހެޅުމުގެ އިހްތިޔާރު، އެ ފަރާތަކަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދު، މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އިސްލާހުކޮށް، މި މާއްދާގެ (ބ) އާއި (ޅ) އިތުރުކުރުން.

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލުގެނައުން 6. 

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ސައްހަ ރަޖިސްޓަރީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ލިއުމުން ހުށަހަޅައިފައިވާ ށަކުވާތަކާ ގުޅިގެން ގެންނަ ބަދަލުތައް ފިޔަވައި އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. މިގޮތަށް ލިޔުމުން ހުށަހަޅާ ބަދަލުތައް، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގެނެވޭނީ އަންނަނިވި ގޮތުގެ މަތީންނެވެ.

  1. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މީހަކު އިތުރުކުރެވޭނީ ލިސްޓުގައި ނަން ނެތިގެން ހުށަހަޅައިފައިވާ ށަކުވާއާއެކު، އެ މީހަކީ ވޯޓުލާ ދުވަހަށް 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިއުމެއްގެ އަސްލު ނުވަތަ ކޮޕީ ހުށަހެޅުމުން އެކަމާ ގުޅޭ މުއައްސަސާއަކުން އެކަން ކަށަވަރުކުރުމަށް ފަހުގައެވެ. މިގޮތުން ހުށަހަޅާ ލިޔުމުގައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް އިތުރުކުރަން އެދިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، އުފަންތާރީހާއި، ޖިންސާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ހިމަނައިފައި އޮންނަންވާނެއެވެ.
  2. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީން މީހަކު އުނިކުރެވޭނީ ލިސްޓުގައި ހިމެނިފައިވާ މީހަކު ލިސްޓުން އުނިކުރުމަށް ހުށަހަޅައިފައިވާ ށަކުވާއާއެކު، އެ މީހަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރަންޖެހޭ މީހެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
  3. ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނެވޭނީ ލިސްޓުގައި ހިމެނިފައިވާ މައުލޫމާތެއް ބަދަލުކުރަން އެދި ހުށަހަޅައިފައިވާ ށަކުވާއާއެކު، ލިސްޓަށް ގެންނަން އެދިފައިވާ ބަދަލަކީ ސައްހަ ބަދަލެއްކަން ސާބިތުކޮށްދޭނެ ރަސްމީ ލިއުމެއްގެ އަސްލު ނުވަތަ އަސްލާ އެއްގޮތްކަން އަންގައިދޭ ކޮޕީ ހުށަހެޅުމުންނެވެ.
  4. މަރުވެފައިވާ މީހެއްގެ ނަން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނިކުރުމުގައި، ސައްހަ ލިޔުމެއްގެ ގޮތުގައި ބަލާނީ، މަރު ސާބިތުކުރާ ފޯމު ނުވަތަ ރަށްވެހީންގެ ރަޖިސްޓަރީ ނުވަތަ އުނިކުރަން އެދިފައިވާ މީހަކީ މަރުވެފައިވާ މީހެއްކަމަށް ބަޔާންކޮށް، އެކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަށެވެ.

(ނ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ގާނޫނު ނަންބަރު ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 11 ވަނަ މާއްދާގެ ދަށުން ބަދަލެއް ގެންނަންޖެހޭ ނަމަ އިލެކްށަންސް ކޮމިށަނުން އެ ބަދަލެއް އެ ރަޖިސްޓަރީއަށް ގެނެސް، އެކަން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމާއެކު އެ ބަދަލުތައް ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ބަދަލު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް ބެލޭނެގޮތަށް ބަހައްޓައިފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށް ވެސް ގެންނަންވާނެއެވެ.

(ބ) އިންތިހާބުގައި، ވޯޓު ލެވޭނީ، އިލެކްށަންސް ކޮމިށަނުން އާންމުކޮށް ށާއިއުކުރާ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި، ނަން ހިމެނިފައިވާ މީހުންނަށެވެ.

(ޅ) މި މާއްދާގެ ދަށުން އާންމުކުރާ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި، އެ ލިސްޓު ސައްހަކަމަށް އެއްބަސްވެ، އިލެކްށަންސް ކޮމިށަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް، އިނގިލީގެ ނިށާން ޖަހަންވާނެއެވެ. މިގޮތުން، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރަން ހުޅުވައިލާ މުއްދަތުގައި ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓުގެ މަންދޫބަކު ސޮއިކުރުމަށް ހާޒިރުނުވާ ނަމަ ބެލޭނީ އެ ކެންޑިޑޭޓަކަށް ލިބުނު ފުރުސަތު ދޫކޮށްލީކަމަށެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) އިސްލާހުކުރުން.

ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާްމުކޮށް ދޫކުރުމާއި ބޭނުންކުރުން 7.

(ށ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު އެ ފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އެކަންޏެވެ. އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން، އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަގޮތެއްގައި، ވިޔަފާރީގެ ބޭނުމަކަށް ޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށް ޓަކައި، އެ މައުލޫމާތު ބޭނުންކުރުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް، އެ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) އާއި (އ) އިތުރުކުރުން.

އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށް ޓަކައި ރީ-ރަޖިސްޓަރީކުރުން 8.

(ނ) ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށް ޓަކައި ރަޖިސްޓަރީވާން ބޭނުން ނަމަ، އެކަމަށް ކޮމިށަނުން އާންމުކޮށް އިއުލާނުކޮށް އަންގާ ގޮތެއްގެ މަތީން، އެ މީހެއްގެ މައުލޫމާތު ކޮމިށަނަށް ނުވަތަ ކޮމިށަނުން ކަނޑައަޅާ ތަނަކަށް ކަނޑައަޅައިފައިވާ މުއްދަތުގައި ކޮމިށަނުން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގައިވާ ގޮތުގެ މަތީން ރީ-ރަޖިސްޓަރީކުރާ ފަރާތްތަކުގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެހާއި، އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރާ ތަން އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި ވެސް އެ މައުލޫމާތު ށާއިއު ކުރަންވާނެއެވެ.

(އ) މި މާއްދާގެ ބޭނުމަށް ޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ބަންދުގައި ތިބޭ މީހުން ރީ-ރަޖިސްޓަރީ ކުރުމަކީ އެ ބަޔަކު ބަލަހައްޓާ މުއައްސަސާއެއްގެ ޒިންމާއެކެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާ އިސްލާހުކުރުން.

އިންތިހާބަށް ކުރިމަތިލާން އެދި ހުށަހެޅުން 13.

އިންތިހާބަށް ކުރިމަތިލާން އިލެކްށަންސް ކޮމިށަނުން އިއުލާނު ކުރުމުން، އެ އިއުލާނުގައިވާ ގޮތުގެ މަތީން އެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހުން އެކަމަށް އެދި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި އެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހުން، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމަކުން ހުށަހެޅުމަށް އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ދޭންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިންތިހާބުގައި ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުން 14.

(ހ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގެ (1) ގެ (ރ) ގައި ބަޔާންކޮށްފައިވާ ނިށާނަކީ ނުވަތަ ލޯގޯއަކީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅައި އެ ކޮމިށަނުން ފާސްކޮށްފައިވާ އެއްޗަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯއާއި އާންމު ނަން ޖެހުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ ޖަދުވަލު 3 ގައިވާ ގޮތުގެ މަތީންނެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް، (ނ) އިތުރުކުރުން.

އިދާރީ ފައިސާ ހުށަހެޅުން 15.

(ނ) އިދާރީ ފީގެ ގޮތުގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ފައިސާއަކީ، އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އިސްލާހުކުރުން.

ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން 17.

(ހ) ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމަށް ޓަކައި، އެ އިންތިހާބަށް ނުވަތަ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މީހުންގެ ތެރެއިން، އެންމެ ފުރަތަމަ ގުރުއަތު ނެގުމުގެ ފުރުސަތު ދޭނީ، އެ އިންތިހާބަށް ނުވަތަ އެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލުމަށް ޓަކައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅި މީހުންގެ ތަރުތީބުންނެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް 17-1 ވަނަ މާއްދާ އިތުރުކުރުން.

ނަން އަނބުރާ ގެންދިއުން 1-17.

އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން ށަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުލުން އޮންނަ ތަނުގައި، ނަންތައް އިއުލާނުކުރުމުގެ ކުރިން ކޮންމެ ވަގުތަކު ވެސް އެ މީހެއްގެ ނަން އެ އިންތިހާބަކުން އަނބުރާ ގެންދިޔުމުގެ އިހުތިޔާރު އެ މީހަކަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތް އިސްލާހުކޮށް، އެ މާއްދާގެ (ހ) ގެ (16) ވަނަ ނަންބަރުގެ ފަހަތަށް، ނަންބަރެއް އިތުރުކޮށް، އެ މާއްދާގެ (ށ) އިސްލާހުކުރުން.

ކެންޑިޑޭޓުންނާއި އެ މީހުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު 19.

(ހ) އިންތިހާބުތަކުގައި ތާއީދު ހޯދަން މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން، ވެސް އަންނަނިވި ސުލޫކީ މިންގަނޑު ހިފަހައްޓައި، އެ މިންގަނޑު ދަމަހައްޓަން ޖެހޭނެއެވެ؛ އަދި ތާއީދު ހޯދަން މަސައްކަތްކުރުމާ ގުޅޭގޮތުން ކޮމިށަނުން ކަނޑައަޅާ އުސޫލުތަކަށް އަމަލު ކުރަންވާނެއެވެ.

(17) އިންތިހާބުގައި ތާއީދު ހޯދަން ބޭނުންކުރާ އެއްވެސް އެއްޗެއް އިންތިހާބީ މަރުކަޒާއި އިންތިހާބުގެ މަސައްކަތްކުރާ ތަނެއްގައި ހަރުކޮށްގެން ނުވާނެއެވެ.

(ށ) ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ ތާއީދު ނުކުރުމުގެ ގޮތުން ވިޔަސް، ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުވަތަ ތާއީދު ހޯދަން މަސައްކަތްކުރުމުގައި އަމަލުކުރަން ކޮމިށަނުން ކަނޑައަޅާ އުސޫލަކާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ. އަދި ތިރީގައި މިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފި ނަމަ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން ދިނީކަމަށް ބެލެވޭނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާ އިސްލާހުކުރުން.

ބްރޯޑްކާސްޓް ކުރުން 20.

(ހ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އަމަލުކުރަނީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، އެއާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ ށަކުވާ ފަސޭހައިން ހުށަހެޅޭނެ ނިޒާމަކާއި، ށަކުވާ އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމަކީ ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ކަންކަން ބަލަހައްޓާ ދައުލަތުގެ މުއައްސަސާގެ ޒިންމާއެކެވެ.

(ށ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ކަންކަން ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ށަކުވާއެއް ހުށަހެޅިއްޖެ ނަމަ އިލެކްށަންސް ކޮމިށަނަށް އެކަން އަންގަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) އިސްލާހުކުރުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ތަރުޖަމާނަކު ނުވަތަ ލިއޭޒަން އޮފިށަރަކު ހަމަޖައްސަން ބޭނުންވާ ފަރާތަކުން، އެކަން ކުރިޔާލައި އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 27 ވަނަ މާއްދާ އިސްލާހުކުރުން.

އޮބްޒާވަރުންގެ އިގްރާރާއި، އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު 27.

އިންތިހާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

16 ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ށ) އުނިކޮށް، އެ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރުގެ (އ) އިސްލާހުކޮށް، (ރ) ގެ ފަހަތަށް (ވ) އިތުރުކުރުން.

17 ވަނަ މާއްދާ - މޮނިޓަރކުރުން

(ށ) ދައުލަތުގެ ކަމާ ގުޅުންހުރި

މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްށަންސް ކޮމިށަނަށް ކަށަވަރުވާ މީހެއް ކަމުގައި ވުން.

(އ) އިންތިހާބުތަކުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ މޮނިޓަރުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލުތައް ބަހައްޓަންވާނެއެވެ.

(ވ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބްރޯޑްކާސްޓްކުރާ މީޑިއާތަކަށް ވޯޓުލާ މަރުކަޒުތަކުގައި ޖާގަ އޮތް މިންވަރަކުން ހަރަކާތްތެރިވުމަށް ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ހުއްދަ ދެވިދާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އިސްލާހުކޮށް އެ މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރުގެ ފަހަތަށް (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރު އިތުރުކޮށް އެ މާއްދާގެ (ޅ) އިސްލާހުކުރުން.

ކެންޑިޑޭޓުންގެ މަންދޫބުން 29.

(ށ) އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންނަށް އެކަމުގެ ހުއްދަ ދޫކުރެވޭނީ، އެކަމަށް ޓަކައި އިއުލާނު ކުރުމުން މުއްދަތުގައި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ހަމަވާ ފަރާތްތަކަށެވެ. އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ކެންޑިޑޭޓުންގެ ފަރާތުން އައްޔަނުކުރާ މަންދޫބުންގެ ނަން ހުށަހަޅާނީ އެކަމަށް ޓަކައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ.

(ނ)

(8) ސުލޫކީ މިންގަނޑާ ހިލާފުވެގެން ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އިންހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(9) އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި އެ މިންގަނޑާ އެއްގޮތަށް، އަމަލުކުރަން އެއްބަސްވެ އިގުރާރުވެފައިވާ މީހެއް ކަމުގައި ވުން.

(ހ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ، ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް، އަމަލު ކުރަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29-1 ވަނަ މާއްދާ އުނިކުރުން.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ހ) އިސްލާހުކުރުން.

ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އަމަލުކުރަންވީ ގޮތް 30.

(ހ) އިންތިހާބުގައި ހަރަކާތްތެރިވާ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން، މި ގަވާއިދުގެ ޖަދުވަލު 4 ގައިވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ ފަހަތަށް 1-31 ވަނަ މާއްދާ އިތުރުކުރުން.

ވޯޓުގެ ގަޑިއަށް ބަދަލުގެނައުން 1-31.

އިންތިހާބު އޮންނަ ދުވަހު، އިންސާނީ ބާރު ނުހިނގާ ފަދަ ގުދުރަތީ ހާދިސާއެއް މެދުވެރިވުމުން ފިޔަވައި، ވޯޓު ނަގަން އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ ގަޑިއަށް ބަދަލެއް ނުގެނެވޭނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 33 ވަނަ މާއްދާ އިސްލާހުކުރުން.

ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތައް 33.

ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، ވޯޓުލުމަށް ޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު ނޫކުލައިގެ ދެލިހުރި އާދައިގެ ގަލަމެއް ފިޔަވައި އެހެން އެއްޗެއް، ވޯޓުލާ މަރުކަޒަށް ވައްދައިގެން ނުވާނެއެވެ. އަދި ފޯނާއި އަތްދަބަހާއި އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ ފަދަ ތަކެއްޗާއި ފައިލް ފަދަ، ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެކަމަށް ބެލެވޭ އެއްވެސް ވަސީލަތެއް ވޯޓުލާ މަރުކަޒަށް ވެއްދުމަކީ، މަނާކަމެކެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށް އެ މާއްދާގެ (ހ) އާއި (ށ) ގެ ފަހަތަށް، (ނ) އިތުރުކުރުން.

ވޯޓުކަރުދާހުގައި ފާހަގަޖަހަން ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންނަށް އެހީތެރިވެދިނުން 35.

(ޅ) މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލާން ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި، އެފަދަ މީހުން، އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ރަޖިސްޓަރީކުރަން އެދެންވާނެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް، ދެންހުރި އަކުރުތައް ތަރުތީބުކުރުން.

ވޯޓުކަރުދާސް ދޫކުރުން 36

(ށ) ވޯޓުލުމުގެ ބޭނުމަށް، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގޮތުގައި ޑިޖިޓަލް އެއްވެސް ކާޑެއް ނުވަތަ ލިޔުމެއް، އަދި ޑިޖިޓަލް ލިޔުމެއްގެ ޕްރިންޓެއް ބަލައެއް ނުގަނެވޭނެއެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރު އުނިކުރުން.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އިސްލާހުކުރުމާއެކު، 39 ވަނަ މާއްދާގެ ފަހަތަށް 39-1 ވަނަ މާއްދާއާއި، 39-2 ވަނަ މާއްދާއާއި، 39-3 ވަނަ މާއްދާގެ ގޮތުގައި 3 މާއްދާ އިތުރުކުރުން.

(5) އިންތިހާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާ ނަމަ ކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލް.

 

ސައްހަ ވޯޓު 1-39.

ސައްހަ ވޯޓުކަމުގައި ބަލާނެ މިންގަނޑުތައް އޮފިށަލުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

 

އިންތިހާބުގެ ވޯޓުދިން މީހުންގެ ރަޖިސްޓަރީ ދޫކުރުން 2-39.

އެއްވެސް އިންތިހާބެއްގައި ވޯޓުދިން މީހުންގެ ރަޖިސްޓަރީ، ކޯޓު އަމުރަކަށް މެނުވީ، އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެއެވެ.

 

ދެ ސެޓަޕްގައި ވޯޓު ގުނުން 3-39.

ވޯޓުލާ މަރުކަޒަކަށް ވޯޓުލާން ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދާއި ދާއިރާގެ އަދަދަށް ރިއާޔަތްކޮށް ވޯޓު ގުނުން ދެ ސެޓަޕްގައި ކުރިޔަށްގެންދާ މަރުކަޒުތަކުގައި ދެވަނަ ސެޓަޕްގައި އިސް ވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވާނީ ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއެވެ.


27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ރ) އިސްލާހުކުރުން.

(ރ) ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ އެކުލަވައިލުމުގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް، އިސްކަންދޭންވާނެއެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާ އިސްލާހުކުރުން.

ފޯކަލް ޕޮއިންޓުންނަށް ހުށަހެޅޭ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތް އިންތިހާބާ ގުޅޭގޮތުން ފޯކަލް ޕޮއިންޓުންނަށް ހުށަހެޅޭ މައްސަލަތައް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ދުވަހުން ދުވަހަށް ފޮނުވަމުން ގެންދަންވާނެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 46 ވަނަ މާއްދާގެ (ނ) އިސްލާހުކުރުން.

ކޮމްޕްލެއިންޓްސް އޮފިސަރު 46.
(ނ) ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކާ ގުޅިގެން ވޯޓު ފޮށީގެ ވެރިޔާ ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ށަކުވާ ހުށަހަޅާނީ، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ. މިގޮތުން، ށަކުވާ ހުށަހެޅުމުގައި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ވެސް ށަކުވާ ހުށަހެޅިދާނެއެވެ.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ) އާއި (ރ) އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ށަކުވާ ހުށަހެޅުމުގައި، ރަށާއި އަތޮޅާއި ސިޓީއާއި ރިޒޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން، އެ ރަށެއްގެ އެންމެ ކައިރި ފޯކަލް ޕޮއިންޓް މެދުވެރިކޮށް ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހެޅިދާނެއެވެ. މާލެއިންނާއި ޖަލްތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓައިފައި ހުންނަ ގައުމުތަކުން ވެސް، ފޯކަލް ޕޮއިންޓް މެދުވެރިކޮށް، ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ށަކުވާ ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ށަކުވާ ހުށަހަޅާއިރު، ށަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހިމަނަންވާނެއެވެ. ށަކުވާ ހުށަހަޅާނީ، އެކަމަށް ޓަކައި، އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ. ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމުއިއްޔާއަކުން ނުވަތަ މުއައްސަސާއަކުން، ށަކުވާ ހުށަހަޅާ ނަމަ، ށަކުވާ ހުށަހަޅައިފައި އޮންނަންވާނީ، އެ ފަރާތެއްގެ ތައްގަނޑު ޖަހައި މަސްއޫލުވެރި ފަރާތެއްގެ ސޮއިކޮށްފައެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 52 ވަނަ މާއްދާ އިސްލާހުކުރުން.

އިންތިހާބަށް ހާއްސަ ބޭންކު .52 ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށް އެކައުންޓް ޓަކައި އެކަމަށް ކަނޑައަޅާ އެކައުންޓެއް، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި އޮންނަންވާނެއެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 53 ވަނަ މާއްދާގެ (ހ) އާއި (ނ) އިސްލާހުކޮށް، އެ މާއްދާގެ (ށ) އާއި (ރ) އާއި (ބ) އާއި (ޅ) އުނިކުރުން.

އިންތިހާބާ ގުޅޭ މާލީ 53.

(ހ) އިންތިހާބާ ގުޅޭ ހާއްސަ ގާނޫނެއްގައި މާލީ ބަޔާން ކަންކަމާބެހޭ މައުލޫމާތު ހުށަހަޅަން ކަނޑައަޅައިފައިވާ ނަމަ، އިންތިހާބުގައި އިލެކްށަންސް ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން އިންތިހާބާ ކޮމިށަނަށް ހުށަހެޅުން ގުޅިގެން ކުރާ އެންމެހައި ހަރަދުތައް އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެ މަތީން، ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދަންވާނެއެވެ. ދުވަހުން ދުވަހަށް ކުރާ ހަރަދުތަކުގެ ތަފުސީލު ބަލަހައްޓަމުން ގެންދާނީ، އެ އިންތިހާބެއްގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ޓެމްޕްލޭޓާ އެއްގޮތަށެވެ.

(ނ) ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާ ގުޅޭ މާލީ ބަޔާނެއް، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ޓެމްޕްލޭޓާ އެއްގޮތްވާ ގޮތުގެ މަތީން ތައްޔާރުކޮށް އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް އެ މާލީ ބަޔާން ހުށަހަޅަންވާނެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ހ) ގެ (12) ވަނަ ނަންބަރު އިސްލާހުކުރުން.

(12) "ގައުމީ އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ކަމަށް ބުނެފައި އެވަނީ، އިންތިހާބާ ގުޅޭ ށަކުވާ ބަލައިގަންނަން ގާއިމުކޮށްފައިވާ ބިއުރޯއަށެވެ.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އިސްލާހުކޮށް، "ކެންޑިޑޭޓުންގެ އިގުރާރު" ގޮތުގައި ހިމެނުން.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 އިސްލާހުކޮށް "ކެންޑިޑޭޓުންގެ މާލީ ބަޔާން" ގެ ޓެމްޕްލޭޓް ހިމެނުން

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގޮތުގައި، "ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުމާއި ވޯޓު ކަރުދާހުގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯއާއި އާންމު ނަން ޖެހުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ހިމެނުން.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 4 ގައި "އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑު" ހިމެނުން.

 

 

ޖަދުވަލު 1

ކެންޑިޑޭޓުންގެ މާލީ ބަޔާން

 

 

ޖަދުވަލު 2

ކެންޑިޑޭޓުންގެ މާލީ ބަޔާން

 

 

ޖަދުވަލު 3

ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯއާއި އާންމު ނަން ޖެހުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

 

1. ތައާރުފު

(ހ) މި އުސޫލަކީ، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން އިންތިހާބަށް ކުރިމަތިލައިފައިވާ މީހަކު އިންތިހާބުގައި ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯ ޖެހުމާއި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަން ޖެހުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތުގެ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނީ، "ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުމާއި، ވޯޓު ކަރުދާހުގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯއާއި އާންމު ނަން ޖެހުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" އެވެ.

 

2. މަގުސަދު

މި އުސޫލުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިންތިހާބަށް ކުރިމަތިލައިފައިވާ މީހަކު އިންތިހާބުގައި ތާއީދު ހޯދަން ބޭނުންކުރާ ނިށާން އެ އިންތިހާބަކަށް ކުރިމަތިލައިފައިވާ މީހުންގެ ނަންތައް އިއުލާނު ކުރުމުގެ ކުރިން އިލެކްށަންސް ކޮމިށަނުން ފާސްކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ށ) އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯ ޖެހުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތް ބަޔާންކުރުން.

(ނ) އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަން ޖެހުމުގައި އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތް ބަޔާންކުރުން.

 

3. އިންތިހާބުގައި ތާއީދު ހޯދަން ބޭނުންކުރާ ނިށާން ފާސްކުރުން

(ހ) އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުން އެ އިންތިހާބެއްގައި ތާއީދު ހޯދުމުގެގޮތުން ނިށާނެއް ބޭނުންކުރަން އެދޭ ނަމަ، އިންތިހާބަށް ކުރިމަތިލާން އެދި ހުށަހަޅާ މައުލޫމާތާއެކު އެ މީހަކު އެ އިންތިހާބުގައި ބޭނުންކުރަން ގަސްތުކުރާ ނިށާން، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ކެންޑިޑޭޓު ހުށަހަޅާ ނިށާން ފާސްކުރުމުގައި އަންނަނިވި ކަންކަމަށް ބެލެވޭނެއެވެ.

  1. ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ގަވާއިދުތަކާއި، އާންމު ނިޒާމާއި، އިޖުތިމާއީ އާންމު އަދަބުތަކާއި މިންގަނޑުތަކާ ހިލާފު ކަމެއް ނުވަތަ މަންޒަރެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން؛
  2. ދައުލަތުގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ސިއްކަ ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަ ދީގެން ރަޖިސްޓަރީކޮށްފައިވާ ނިށާނެއްކަމުގައި ނުވުން؛
  3. އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓަކު ބޭނުންކުރަން ކޮމިށަނުން ހުއްދަ ދީފައިވާ ނިށާނެއް ކަމުގައި ނުވުން؛
  4. ފާސްކުރަން އެދި ހުށަހަޅައިފައިވާ ނިށާނަކީ، ނުވަތަ ލޯގޯއަކީ ކޮމިށަނަށް ގަބޫލުކުރެވޭ ނިށާނެއް ކަމުގައި ނުވަތަ ލޯގޯއެއް ކަމުގައި ވުން.

(ނ) ނިށާން ފާސްކުރާއިރު 2 (ދޭއް) ފަރާތަކުން ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކުން އެއް ނިށާނެއް ހުށަހަޅައިފައިވާ ނަމަ، އެ ނިށާން ފާސްކުރުމުގައި އިސްކަންދޭނީ އެ ނިށާނެއް ކުރިން ހުށަހެޅި ފަރާތަށެވެ.

(ރ) ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓަކު އެ ޕާޓީއެއްގެ ރަސްމީ ނިށާނެއް ބޭނުންކުރާކަށެއް މި މާއްދާ ހުރަހެއް ނާޅައެވެ.

 

4. ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ނަމާ ދިމާގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯ ބޭނުންކުރުން

(ހ) އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާހުގައި، ކެންޑިޑޭޓުންގެ ނަމާ ދިމާގައި ފޮޓޯއާއި ނިށާން ނުވަތަ ލޯގޯ ޖެހުމާމެދު، ކޮމިށަނުން ނިންމާ ގޮތް، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާއިރު އިއުލާނު ކުރަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓުން ވޯޓުކަރުދާހުގައި ބޭނުންކުރާނީ، އެ ޕާޓީއަކުން ކަނޑައަޅާ ނިށާނެއް ނުވަތަ ލޯގޯއެކެވެ.

(ނ) އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން ވޯޓުކަރުދާހުގައި ނިށާނެއް ނުވަތަ ލޯގޯއެއް ޖަހަން ބޭނުން ނަމަ، އެ ނިށާނެއް ނުވަތަ ލޯގޯއެއް ވޯޓުކަރުދާހުގައި ޖަހާނީ، ކޮމިށަނުން އެ ނިށާނެއް ނުވަތަ ލޯގޯއެއް ފާސްކޮށްގެންނެވެ.

 

5. ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ފުރިހަމަ ނަމުގެ އިތުރުން، އާންމު ނަމެއް ޖެހުން

(ހ) ވޯޓުކަރުދާހުގައި، ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަމެއް ޖެހުން

(ށ) ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަމެއް ހިމަނަން ބޭނުންވާ ނަމަ، އިންތިހާބަށް ކުރިމަތިލާން އެދި ހުށަހަޅާ މައުލޫމާތާއެކު އެކަން ހުށަހަޅަންވާނެއެވެ.

(ނ) ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަމެއް ޖެހުމާމެދު ކޮމިށަނުން ނިންމި ގޮތް، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާއިރު އިއުލާނު ކުރަންވާނެއެވެ.

 

6. އާންމު ނަމެއް ޖަހަން ފާސްކުރުމުގައި ބަލާނެ ކަންކަން

ވޯޓުކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަމެއް ބޭނުންކުރާ ނަމަ، ކޮމިށަނުން އެ ނަމެއް ފާސްކުރަންވާނެއެވެ. މިގޮތުން ކެންޑިޑޭޓުން ހުށަހަޅާ ނަންތައް ފާސްކުރުމުގައި، އަންނަނިވި ކަންކަމަށް ބެލެވޭނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި މި އިޖުތިމާއީ އާންމު މިންގަނޑުތަކާ ހިލާފު ނަމަކަށް ނުވުން.

(ށ) ފާސްކުރަން އެދި ހުށަހަޅައިފައިވާ ނަމަކީ ކޮމިށަނަށް ގަބޫލުކުރެވޭ ނަމެއް ކަމުގައި ވުން.

 

7. ކޮމިށަނުން ނިންމިގޮތް އެންގުން

(ހ) މި އުސޫލުގެ ދަށުން ފާސްކުރާ، ތާއީދު ހޯދަން ބޭނުންކުރާ ނިށާން އަދި ވޯޓު ކަރުދާހުގައި ބޭނުންކުރާ ނިށާން ނުވަތަ ލޯގޯއާއި ވޯޓު ކަރުދާހުގައި ފުރިހަމަ ނަމުގެ އިތުރުން ބޭނުންކުރާ އާންމު ނަން ފާސްކުރަން ކޮމިށަނަށް ހުށަހެޅުމުން، އެކަމާމެދު ނިންމި ގޮތެއް، އެ ކަމަކަށް އެދި ހުށަހެޅި ކެންޑިޑޭޓުންނަށް އަންގަންވާނެއެވެ.

(ށ) މި އުސޫލުގެ ދަށުން ކޮމިށަނުން ފާސްކުރާ ކެންޑިޑޭޓުން ތާއީދު ހޯދަން ބޭނުންކުރާ ނިށާން އަދި ވޯޓު ކަރުދާހުގައި ބޭނުންކުރާ ނިށާން ނުވަތަ ލޯގޯއާއި ވޯޓު ކަރުދާހުގައި ފުރިހަމަ ނަމުގެ އިތުރުން ބޭނުންކުރާ އާންމު ނަން ކޮމިށަނުން ފާސްކުރުމަށްފަހު، އިންތިހާބަށް ކުރިމަތިލައިފައިވާ މީހުންގެ ނަންތައް އިއުލާނުކުރާއިރު، އެކަން އާންމުކުރަންވާނެއެވެ.

 

8. މި އުސޫލަށް އަމަލުކުރަން ފެށުން

މި އުސޫލުގެ ދަށުން، ފާސްކޮށްފައިވާ ނިށާނެއް ނުވަތަ ލޯގޯއެއް، އެ ނިށާނެއް ނުވަތަ އެ ލޯގޯއެއް ފާސްކޮށްދެވުނު އިންތިހާބުގައި، ވާދަކުރާ އެހެން ކެންޑިޑޭޓަކު ބޭނުންކޮށްގެން ނުވާނެއެވެ.

 

9. ކުރީގެ އުސޫލު ބާތިލުވުން

މި އުސޫލަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

10. ކުރީގެ އުސޫލު ބާތިލުވުން

މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން، ދިވެހި ސަރުކާރުގެ ގެޒެޓުގައި 15 ޑިސެންބަރު 2021 ގައި ށާއިއުކޮށްފައިވާ "އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރުމާއި ބޭނުންކުރުމުގެ އުސޫލު" ބާތިލުވީއެވެ.

 

 

4 ޖަދުވަލު

އިންތިހާބުތަކުގައި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑު

 

އިންތިހާބުތަކުގައި އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން އަންނަނިވި ސުލޫކީ މިންގަނޑު ދަމަހައްޓައި، މި ސުލޫކީ މިންގަނޑާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ:

  1. ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) ގެ 44 ވަނަ މާއްދާގައި ވޯޓު ނަގާ ދުވަހު ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމާއި މި ގާނޫނާއި އެ އިންތިހާބެއްގެ ހާއްސަ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުން.
  2. ގަވާއިދު ނަންބަރު 2020--48 (އިންތިހާބުތަކާބެހޭ އާންމު ގަވާއިދު) އާއި އެ އިންތިހާބެއްގެ ހާއްސަ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރުން.
  3. ވޯޓުލާ މަރުކަޒުގެ ތެރޭގައި ހަރަކާތްތެރިވާއިރު އިލެކްށަންސް ކޮމިށަނުން ދޫކޮށްފައިވާ ފާސް ފެންނަ ގޮތަށް ބެހެއްޓުން.
  4. ވޯޓު ނެގުމުގެ އިންތިޒާމާ ބެހޭގޮތުން ކަމެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ ސަރަހައްދަކަށް ނުވަތަ އެ ތަނަކަށް އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ އެންމެ އިސްވެރިޔަކާ ވާހަކަދައްކައިގެން އެ ކަމެއް ސާފުކުރުން.
  5. ވޯޓުލާ މަރުކަޒާއި ވޯޓުލާ ސަރަހައްދެއްގައި ވޯޓުލާން އަންނަ މީހުންނަށް ދަތިވާނޭ ފަދަ އެއްވެސް ކަމެއް ނުކުރުން.
  6. އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވެވޭނީ ވޯޓުލާ މަރުކަޒުގައި ޖާގަ އޮތް މިންވަރަކުން.
  7. ވޯޓުލާ މަރުކަޒާއި ވޯޓުލާ ސަރަހައްދެއްގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކޮންމެ ހައިސިއްޔަތަކުން އެއްވަގުތެއްގައި އެކަކަށްވުރެ ގިނަ ފަރާތުން ހަރަކާތްތެރިނުވުން.
  8. ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން އެ ސަރަހައްދަކަށް ފޮނުވައިފައިވާ މީހުންގެ މަސައްކަތަށް ނުވަތަ ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ފަދަ އެއްވެސް ކަމެއް ނުކުރުން.
  9. އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓިންގ ބޫތުގެ ތެރެއަށް ވަނުމާއި، ވޯޓުކަރުދާހުގައި ފާހަގަޖަހާތަން ބަލަން މަސައްކަތް ނުކުރުން.
  10. ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންނަށް ވޯޓުލުމަށް ޓަކައި، އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އެހީތެރިނުވުން.
  11. މޮނިޓަރކުރަން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ވޯޓުލާ ސަރަހައްދުގައި އޮފިށަލުންގެ މަސައްކަތަށް ދަތިނުވާނޭ ގޮތަށް އަމަލުތައް ބެހެއްޓުން.
  12. ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ނުވަތަ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ނުކުރުން.
  13. އިންތިހާބުގެ ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން ދޭހަވާ ފަދަ އެއްވެސް އަމަލެއް ނުކުރުން.
  14. ވޯޓު ގުނާ މަރުކަޒުގައި ވޯޓު ގުނާ މީހުންނަށް ދަތިވާނެ ފަދަ އެއްވެސް ކަމެއް ނުކުރުން.
  15. ވޯޓުލާ ސަރަހައްދުގައި ވޯޓުލާން އަންނަ މީހުންނާއި، ވޯޓުލާ މަރުކަޒުގައި މަސައްކަތްކުރާ މީހުންނާ އިންޓަވިއު ނުކުރުން.
  16. ވޯޓު ނެގުމުގެ މަސައްކަތުގައި ބޭނުންކުރާ ލިޔެކިޔުންތަކުގައްޔާއި ވޯޓުކަރުދާހުގައި އަތްލައި ނެހެދުން.
  17. ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ތާއީދު އޮތްކަން ނުވަތަ ތާއީދު ނުކުރާކަން ހާމަވާ ފަދަ އެއްޗެއް ލައިގެން ނުވަތަ ހިފައިގެން ނޫޅުން.
  18. އިންތިހާބާބެހޭ ކަންކަމުގައި ދިވެހި އިލެކްށަންސް ކޮމިށަނުން އައްޔަނުކޮށްފައިވާ އޮފިށަލުންނަށް ފުރިހަމަޔަށް އެއްބާރުލުން ދިނުން، އަދި އޮފިށަލުންގެ މައްޗަށް ނުފޫޒު ފޯރުވާން މަސައްކަތް ނުކުރުން.
  19. އިންތިހާބުގެ ވަކި ކަމެއް ވަކި ގޮތަކަށް ގެންދަން އެއްވެސް ފަރާތަކަށް އިރުށާދު ނުދިނުން.
  20. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާއިރު އިލެކްށަންސް ކޮމިށަނުން ކަނޑައަޅައިފައިވާ އޮފިށަލަކު ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ދައްކަން އެދިއްޖެ ނަމަ، އެފަދަ ލިޔުމެއް ދެއްކުން.
  21. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިށަލުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ އަމަލެއް ނުކުރުން.
  22. މުއާސަލާތީގޮތުން ބޭނުންކުރާ އެއްވެސް އެއްޗެއް ވޯޓުލާ ސަރަހައްދުގައި ބޭނުން ނުކުރުން.
  23. މޮނިޓަރކުރަން ހުއްދަ ދީފައިވާ ފަރާތްތައް ފިޔަވައި، އޮބްޒާވަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އެއްވެސް ހާލެއްގައި ވޯޓުލާ މަރުކަޒުގައި ފޮޓޯ ނަގައި، މަންޒަރާއި އަޑު ރިކޯޑު ނުކުރުން.
  24. އިންތިހާބު މޮނިޓަރކުރަން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން، ވޯޓުލާ ސަރަހައްދުގައި ފޮޓޯ ނަގާއިރު ނުވަތަ މަންޒަރާއި އަޑު ރިކޯޑުކޮށް ބްރޯޑްކާސްޓްކުރާއިރު، ވޯޓިންގ ބޫތާ 10 (ދިހައެއް) ފޫޓަށް ވުރެ ކައިރިނުވުން އަދި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުން.
  25. އިންތިހާބާއި އިންތިހާބުގެ މަސައްކަތާ ބެހޭގޮތުން ސައްހަނޫން އެއްވެސް މައުލޫމާތެއް ނުފެތުރުން.
  26. އޮބްޒާވަރުންނާއި، މޮނިޓަރުން، އިންތިހާބާ ގުޅިގެން ތައްޔާރުކުރާ ރިޕޯޓުގައި ނުވަތަ ހަބަރުގައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.
  27. އިލެކްށަންސް ކޮމިށަނާއި، އެ ކޮމިށަނުގެ މެންބަރުންނާއި، މުވައްޒަފުންނާ ބެހޭގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ ވާހަކަ ނުދެއްކުން.
  28. ސުލޫކީ މިންގަނޑާ ހިލާފުވާ ފަރާތެއްގެ ފާސް ބާތިލުކޮށް، އެ ފަރާތަކަށް އެ ސަރަހައްދުން ނުކުންނަން އެންގުމުގެ އިހުތިޔާރު ވޯޓުލާ މަރުކަޒުގެ އިސްވެރިޔާއަށް ލިބިގެންވެއެވެ.

 

މައި ގަވާއިދު

އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު