-

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2025-113)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ނޮވެމްބަރު 2025 ގައި)

 

ގަވާއިދު ނަންބަރު 2019-1052 (ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 1 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ތައާރުފާއި ނަން 1.

(ހ) މިއީ، ފުލުހުންނަށް ލިބިދޭ ބާރުތަކުގެ އިމުގެ ތެރެއިން، ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިޔަށް ގެންދިއުމުގައްޔާއި، ތަހުގީގުގެ މަރުހަލާގައި ޖިނާއީ ކުށްތަކާ ގުޅިގެން މައްސަލަ ހުށަހެޅުމުގައްޔާއި، ތަންތަނާއި މުދާ ބަލައި ފާސްކުރުމާއި، މުދާ ހިފެހެއްޓުމުގައްޔާއި، މީހުން ހުއްޓުވައި ބަލައި ފާސްކުރުމާއި، ސުވާލުކުރުމާއި، ހައްޔަރުކުރުމާއި، ބަންދުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް ޓަކައި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ދޫކުރުން 14.

(2) މައްސަލަ ރަޖިސްޓަރީކުރި ތާރީހާއި ގަޑި؛

(5) މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން ލިޔުނު ތާރީހާއި ގަޑި؛

(6) މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން، މައްސަލަ ހުށަހެޅި ފަރާތާ ހަވާލުކުރެވުނު ތާރީހާއި ގަޑި؛

(7) މައްސަލަ ރަޖިސްޓަރީކުރިކަމުގެ ލިޔުން، މައްސަލަ ހުށަހެޅި ފަރާތުން ބޭނުންނުވާކަމުގައި އަންގައިފި ނަމަ، ސަބަބާއެކު އެފަދައިން އެ އެންގި ތާރީހާއި ގަޑި.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރާއި، (7) ވަނަ ނަންބަރު އިސްލާހުކޮށް، (7) ވަނަ ނަންބަރުގެ ފަހަތަށް، އަންނަނިވި ގޮތަށް ދެ ނަންބަރު އިތުރުކުރުން.

މައްސަލައާ ގުޅޭ މައުލޫމާތު ސާފުކޮށްދިނުން 15.

(6) ށަރުއީ ބަލަދުވެރިޔާ ނުވަތަ ގާނޫނީ ބަލަދުވެރިޔާ؛

(7) އަނިޔާ ލިބުނު ފަރާތުގެ ވަކީލު؛

(8) މައްސަލައާ ގުޅުންހުރި އިދާރާތައް؛

(9) ތުހުމަތުކުރެވޭ މީހާގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތެއް.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މައްސަލަ ނިންމުން 16.

(ހ) ރަޖިސްޓަރީކޮށްފައިވާ މައްސަލައެއް ތަހުގީގުކުރުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ މައްސަލައާމެދު އަމަލުކުރަންވާނެއެވެ. މައްސަލަ ނިމުނުގޮތުގެ ލިޔުން އޮންނާނެ ގޮތުގެ ނަމޫނާ މި ގަވާއިދުގެ ޖަދުވަލު 9 ގައި އެވަނީއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-16 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ތަހްގީގުކުރުމުގެ މުއްދަތު 1-16.

ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްގެން ބަންދާމެދު ގޮތެއް ނިންމާ މައްސަލަތަކުގައި، އެ މައްސަލައިގެ ތަހުގީގު ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރާ މީހާގެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި މުއްދަތު ގުނުމުގައި ބަލާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

މެސެޖް ނުވަތަ އިންސިޑެންޓް ކްލޯޒްކުރުން 18.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކޮށް އިންސިޑެންޓެއް ބަންދުކޮށްފައިވާކަން އެނގޭނެ ލިޔުމެއް ހޯދުމަށް މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެނަމަ، އެފަދައިން އެދި ލިޔުމުން ހުށަހަޅާ ތާރީހުން ފެށިގެން ރަސްމީ ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތަށް އެފަދަ ލިޔުމެއް ދޭންވާނެއެވެ. މިގޮތުން ދޭ ލިޔުން އޮންނަންވީ ގޮތުގެ ނަމޫނާ، މި ގަވާއިދުގެ ޖަދުވަލު 15 ގައި އެވަނީއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހާޒިރުވުމަށް ށަރުތުކޮށްފައި ދޫކޮށްލުން 20.

(3) އެ މީހާގެ ނުވަތަ އެހެން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ނުވަތަ އެ މީހާގެ ނުވަތަ އެހެން މީހެއްގެ މުދަލަކަށް ލިބިދާނެ ގެއްލުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހާޒިރުވުމަށް އެންގުމުގެ ބާރު 21.

(ހ) ފުލުހުން ހިންގާ ޖިނާއީ ކުށެއްގެ ތަހުގީގަކާ ގުޅޭގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކު ނުވަތަ އެ ތަހުގީގަށް މައުލޫމާތު ދެވިދާނެ މީހަކު ނުވަތަ ހެކިބަސް ދެވިދާނެ މީހަކު ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް ލިއުމަކުން އެންގުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޗިޓަށް ހާޒިރުވުމަށް އުޒުރުވެރިވުން 25.

މި ގަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާޒިރުވުމަށް އަންގާ ޗިޓު ރައްދުވާ މީހާއަށް އެ ޗިޓުގައިވާ ގަޑިއަށް ހާޒިރުވެވެން ނެތް ނަމަ، ހާޒިރުވާންޖެހޭ ގަޑީގެ 2 (ދޭއް) ގަޑިއިރުގެ ކުރިން މަގްބޫލު ސަބަބަކާއެކު އެ މީހަކު ހާޒިރުވާންޖެހޭ ފުލުހުންގެ މަރުކަޒަށް، ލިއުމުން އަންގަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގްބޫލު ސަބަބެއްނެތި ހާޒިރުނުވުން 26.

(ނ) ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ހާޒިރުވުމުގެ ޗިޓެއް ލިބި މަގްބޫލު ސަބަބެއް ނެތި އެ ޗިޓުގައިވާ ތާރީހާއި ގަޑިއަށް ހާޒިރުނުވެއްޖެ ނަމަ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު) ގެ 533 ވަނަ މާއްދާގެ ދަށުން އެ މީހަކާމެދު ގާނޫނީ ފިޔަވަޅުއެޅުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ރުހުމުގައި ފުލުހުންގެ މަރުކަޒަށް ހާޒިރުވުން 28.

(ބ) މި މާއްދާގައިވާ ގޮތުގެ މަތީން އަންގާ އެންގުމަށް ހާޒިރުވެ ހުންނަ ފަރާތަކީ، ހައްޔަރުކުރުމަކަށް ނުވާގޮތަކަށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ފަރާތެއް ނުވަތަ ހައްޔަރުކޮށްގެން ގެނެވިފައިވާ ފަރާތެއްކަމުގައި ނުވާތީ، މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) އާއި، 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، އަމަލުކުރާކަށެއް ނުޖެހޭނެއެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 28 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް، 1-28 ގެ ގޮތުގައި، މާއްދާއެއް އިތުރުކުރުން.

ކަސްޓޯޑިއަލް ޖަލުނޫން އެހެން ޖަލެއްގައި ބަންދުކޮށްފައި ހުންނަ މީހަކު ހާޒިރުކުރުން 1-28.

(ހ) ފުލުހުން ހިންގާ ތަހުގީގަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަންޖެހޭ ފަރާތަކީ، ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލެއް ފިޔަވައި، އެހެން ޖަލެއްގައި ބަންދުކޮށްފައިވާ ފަރާތެއް ނަމަ، އެފަދަ ފަރާތެއް ހާޒިރުކުރަންވާނީ އެ ފަރާތެއް ބަންދުކޮށްފައި ހުރި ޖަލު ހިންގާ ފަރާތަށް، އެކަން އަންގައިގެން، އެ ފަރާތުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާޒިރުކުރާ ފަރާތަކީ ތުހުމަތުކުރެވޭ ފަރާތަކަށް ވެފައި، އެ ފަރާތަކީ ގާނޫނީ ވަކީލަކު އައްޔަނުކޮށްފައިވާ ފަރާތެއް ކަމުގައި ނުވާ ނަމަ، ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން އެ ފަރާތާ ސުވާލުކުރުމުގެ ކުރިން ގާނޫނީ ވަކީލަކު އައްޔަނުކުރުމުގެ ބޭނުމަށް، ގާނޫނީ ވަކީލަކަށް ފޯނުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތުހުމަތުކުރެވޭ ފަރާތުގެ ގާނޫނީ ވަކީލު ހާޒިރުވެ ހުރި ނަމަ، އެ ފަރާތަށް އެހެން ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ފޯނުކުރުމުގެ ފުރުސަތު ދޭކަށެއް ނުޖެހޭނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހާޒިރުކުރެވޭ ފަރާތަކީ، ހައްޔަރުކޮށްގެން ނުވަތަ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ފަރާތަކަށް ނުވާތީ، އެފަދަ ފަރާތަކާ ސުވާލުކުރަން ފެށުމުގެ ކުރިން، އެ ފަރާތް ހުރިތަން ބަޔާންކޮށްދިނުމަށް އާއިލާގެ މީހަކަށް ނުވަތަ ރަހުމަތްތެރިޔަކަށް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަކަށް ފޯނުކުރުމުގެ ފުރުސަތު އެފަދަ ފަރާތަކަށް ދިނުމަކާ ނުލައި އެފަދަ ފަރާތަކާ ސުވާލުކުރުމާއިގެން ކުރިޔަށް ދެވިދާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހައްޔަރުކުރުމަށް ނުވާގޮތަށް 29.

(ހ) ހައްޔަރުކުރުމަކަށް ނުވާގޮތަށް، ކުށެއްގެ ތުހުމަތުގައި މީހަކާ ފުލުހުންގެ ބެލުމުގެ ސުވާލުކުރުމަށް ޓަކައި، ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ދަށަށް ގެނައުން ގެނައުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 50 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ކ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ޗިޓަށް ހާޒިރުކުރެވޭ މީހުންނާ 30.

(ކ) މި މާއްދާގައިވާ ގޮތުގެ މަތީން އަންގާ އެންގުމަށް ހާޒިރުވެ ސުވާލުކުރުން ހުންނަ ފަރާތަކީ ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ފަރާތެއް ނުވަތަ ހައްޔަރުކޮށްގެން ގެނެވިފައިވާ ފަރާތެއް ކަމުގައި ނުވާތީ، މި ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) އާއި 34 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލު އެ ފަރާތެއްގެ މައްޗަކަށް ނުހިނގާނެއެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސުވާލުކުރަން ފެށުމުގެ ކުރިން 32.

(ށ) ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ފުރިހަމަކުރަންޖެހޭ ކަންކަން ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރަން ފެށުމުގެ ކުރިން، އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެނޫންވެސް ފަރާތަކަށް ގުޅުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. އަދި އެ ފަރާތްތަކާ ގުޅައިގެން މައުލޫމާތު ދިނުމުގައި، އޭނާ ހުރި ތަނެއް ބަޔާންކުރުމުގެ ފުރުސަތު އޭނާއަށް ފުލުހުން ދޭންޖެހޭނެއެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރުން 34.

(ށ) ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މީހަކާ ސުވާލުކުރާ ހާލަތުގައި، އޭނާއާ ސުވާލުކުރަން ފެށުމުގެ ކުރިން އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ ގާނޫނީ ވަކީލަށް ނުވަތަ އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެނޫންވެސް ފަރާތަކަށް ފޯނުކުރުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. އަދި އޭނާ ހުރި ތަނެއް ބަޔާންކުރުމުގެ ފުރުސަތު ވެސް ދޭންޖެހޭނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 36 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސުވާލުކުރުމާ ގުޅޭ އާންމު އުސޫލު 36.

(ހ) ސުވާލުކުރެވޭ މީހާ އާންމުކޮށް ވާހަކަދައްކާ އުޅޭ ބަހުން ނުވަތަ އޭނާއަށް އެނގޭ އެނޫންވެސް ބަހަކުން ފުލުހުންނަށް އޭނާއާ ސުވާލުކުރަން ނޭނގޭ ނަމަ، ފުލުހުން ކުރާ ސުވާލުތައް އޭނާއަށް ތަރުޖަމާކޮށްދެވޭނެ މީހަކު ހޯދައި، އެ މީހަކު ދައްކާ ވާހަކަ ތަރުޖަމާކޮށްދިނުމަށް، އެ ތަރުޖަމާނުގެ އެހީތެރިކަން ފުލުހުން ބޭނުންކުރަންވާނެއެވެ. އަދި އޭނާ ވާހަކަދައްކަނީ އިށާރާތުން ނަމަ، އެކަން އޭނާއަށް ކޮށްދިނުމަށް އެކަށީގެންވާ މީހަކު އޭނާއާ އެއްހާޒިރުގައި ބަހައްޓައި، ސުވާލުކުރެވޭ މީހާ ދައްކާ ވާހަކަ ތަރުޖަމާކުރުމުގައި އެފަދަ މީހެއްގެ ބޭނުން ފުލުހުން ހިފަންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހައްޔަރުކުރުން 37.

(ށ) ފުލުހުންގެ ހައްޔަރުގައި މީހަކު ހުންނާނީ، އޭނާ ފުލުހުންގެ ބަންދަށް ބަދަލުވުމާ ހަމައަށެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަ މީހާ ފުލުހުންގެ ބަންދަށް ބަދަލުކުރެވޭނީ އޭނާ ހައްޔަރުކޮށްގެން ގެންދެވުނު މަރުކަޒުގައި އެ ވަގުތު ހުރި އިސް އޮފިސަރު ނުވަތަ އޭނާގެ މައްސަލަ ތަހްގީގުކުރާ ޑިޕާޓްމަންޓުގެ އިސްވެރިޔަކު، އޭނާ ބަންދުކުރުމަށް ކަނޑައެޅުމުން ނުވަތަ ހައްޔަރުކުރެވިފައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، ފަނޑިޔާރަކު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުންނެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 39 ވަނަ މާއްދާގެ (ށ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުން ފެށިގެން (9) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި މީހަކު ހައްޔަރުކުރަންވާނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަޔާއެކު ފުލުހެކެވެ. އަދި މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ހާލަތްތަކުގައި މީހަކު ހައްޔަރުކުރުމުގައި އެ މީހާ ހައްޔަރުކުރުމުގެ ކުރިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުން ލާޒިމެއް ނޫނެވެ. އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުމަކާ ނުލައި، މީހަކު ހައްޔަރުކޮށްފި ނަމަ، އެންމެ އަވަހަކަށް، އެ ރޭންކުގެ އޮފިސަރަކަށް، އެކަން އަންގަންވާނެއެވެ. އަދި މިގޮތުން، އަންގާ އެންގުން، އެންގުމަށްފަހު، އެކަމުގެ މައުލޫމާތު ލިޔުމުން، ރިކޯޑުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހޯދާ ހުއްދަ ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެ ހުއްދަދިން އޮފިސަރުގެ ނަމާއި، ރޭންކާއި ސަރވިސް ނަންބަރާއި، ސޮޔާއި ހުއްދަދިން ތާރީހާއި ވަގުތު، އެނގޭނޭ ފަދައިން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 43 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކޮށް، (ބ)ގެ ފަހަތަށް އަންނަނިވި ގޮތަށް (ޅ) އިތުރުކުރުން.

ދެކޮޅުވެރިކަމެއް ނެތް ހާލަތުގައި ހައްޔަރުކުރުން 43.

(ބ) ހައްޔަރުކުރެވޭ މީހާ ހައްޔަރުކުރުމަށް ދެކޮޅުނަހަދާ ނަމަ، ބާރުގެ ބޭނުން ނުކުރުން.

(ޅ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ހައްޔަރުކުރެވޭ މީހާގެ ގައިގައި ނިޑިއެޅުވުން.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި، އެ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދެކޮޅުވެރިކަން ދައްކާ ހާލަތުގައި ހައްޔަރުކުރުން 44.

(4) ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކުރެވޭ ހާލަތުގައި، ހައްޔަރުކުރެވޭ މީހާއަށް ކޯޓުއަމުރުގެ ކޮޕީއެއް ދިނުން

(ރ) މާއްދާގެ (ހ) ބޭނުމަށް ޓަކައި "ބޭނުންވާ މިންވަރަށް ފުލުހުން ބާރުގެ ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ހާލަތާ އެކަށީގެންވާ މިންވަރަށް ބާރުގެ ބޭނުންކުރުމަށެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 44 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-44 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ބިޑިއެޅުވުމާއި ބިޑި ނެއްޓުމާއި ބިޑި އަޅުވައިފައި ބެހެއްޓުން 1-44.

(ހ) ފުލުހުން، ހައްޔަރުކުރާ މީހެއްގެ ގައިގައި ބިޑިއެޅުވުމުގެ ބާރު ގާނޫނުން ލިބިދީފައިވާ ހާލަތްތަކުގައި ބިޑިއަޅުވަންވާނީ، ދެއަތް ފުރަގަހަށްވާ ގޮތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބިޑި އަޅުވަންޖެހޭ މީހާގެ އަމަލުތައް ހުރިގޮތާއި، އޭނާގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާ އޮތް މިންވަރަށާއި، ބިޑި އަޅުވާ މީހާގެ ހާލަތަށް ބަލައި ދެއަތް ކުރިމައްޗަށްވާ ގޮތަށް ބިޑިއެޅުވިދާނެއެވެ.

(ނ) ފުލުހުން ހައްޔަރުކުރާ މީހަކު އާންމު އުސޫލުން ބިޑިއަޅުވައިފައި ބަހައްޓަންވާނީ، ގިނަވެގެން 1 (އެކެއް) ގަޑިއިރުގެ ވަގުތަކަށެވެ. އެހެން ނަމަވެސް، އެ މީހެއްގެ ނުކިޔަމަންތެރިކަމާއި އެ މީހެއްގެ ފުށުން އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ގަބޫލުކުރެވޭ ނަމަ، އިތުރު 1 (އެކެއް) ގަޑިއިރުގެ ވަގުތަކަށް ބިޑިއަޅުވައިފައި ބެހެއްޓިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފުލުހުން ހައްޔަރުކުރާ މީހަކު ހައްޔަރުކޮށްގެން ގެންދަންޖެހޭ ކަސްޓޯޑިއަލް ފެސިލިޓީއަށް ނުވަތަ ފުލުހުންގެ މަރުކަޒަކަށް ގެންދިއުމަށް ހޭދަވާ ވަގުތު 1 (އެކެއް) ގަޑިއިރަށް ވުރެ އިތުރުވާ ނަމަ، އެ މީހަކު އެފަދަ ތަނަކަށް ގެންދެވެންދެން ބިޑި އަޅުވައިފައި ބެހެއްޓިދާނެއެވެ.

(ބ) ހައްޔަރުކުރެވޭ މީހާއަށް ނުވަތަ އެ މީހެއްގެ ފުށުން އެހެން މީހަކަށް ނުވަތަ ބަޔަކަށް ނުރައްކަލެއް ނެތްކަމަށް ބެލެވޭ ނަމަ، ނުވަތަ އެ މީހަކު ނުކިޔަމަންތެރިކަން ނުދައްކާ ނަމަ އެ މީހަކު ފުލުހުންގެ މަރުކަޒަށް ނުވަތަ ކަސްޓޯޑިއަލް ޖަލަށް ގެންދިއުމަށްފަހު، ބިޑި ނައްޓައިލަންވާނެއެވެ.

(ޅ) ފުލުހުން، ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަ މީހަކު އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ނުވަތަ އެ މީހަކު ނުކިޔަމަންތެރިވުމުގެ ސަބަބުން އެ މީހަކަށާއި އެ މީހެއްގެ ފަރާތުން، އެހެން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ޓަކައި އެފަދަ މީހެއްގެ ގައިގައި ބިޑިއަޅުވަން ޖެހިގެން ބިޑިއެޅުވުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ހައްޔަރުކުރުމަށްފަހު އަމަލުކުރަންޖެހޭ އިޖުރާއަތްތައް 48.

(ހ) ފުލުހުން މީހަކު ހައްޔަރުކޮށްފި ނަމަ، ލަސްނުކޮށް ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދިއުމަށްފަހު، އަންނަނިވި މައުލޫމާތު ރިކޯޑުކުރަންވާނެއެވެ. ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ހައްޔަރާމެދު ގޮތެއް ކަނޑައަޅާ ފޯމު، މި ގަވާއިދުގެ ޖަދުވަލު 10 ގައި އެވަނީއެވެ.

(ނ) ފުލުހުންގެ މަރުކަޒުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސް އޮފިސަރު، މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ފުލުހުންގެ މަރުކަޒަށް ގެންދެވޭ މީހާއަކީ ކުށަކާ ގުޅިގެން ސުވާލުކުރަންޖެހޭ މީހެއް ނޫންކަމަށް ކަނޑައަޅައި، އޭނާ ދޫކޮށްލަން ނިންމައިފި ނަމަ، އޭނާ އެވަގުތު ދޫކޮށްލަންވާނެއެވެ. އަދި އަންނަނިވި މައުލޫމާތު ހިމެނޭ ލިޔުމެއް އޭނާ ދޫކޮށްލާއިރު އޭނާއަށް ދޭންވާނެއެވެ.

(ރ) މި މާއްދާގެ މަގުސަދަށް ޓަކައި، ފުލުހުންގެ މަރުކަޒުކަމަށް ބަލާނީ ތިރީގައި ބަޔާންކޮށްފައިވާ ތަންތަނެވެ.

(1) އެއްފަސްކޮށް އޮންނަ ރަށެއް ނުވަތަ ރަށްތަކެއް ނުވަތަ އެއްގަމުމަގުން ގުޅައިލެވިފައިވާ ރަށްތަކެއް ނަމަ، އެ މީހަކު ހައްޔަރުކުރި ފުލުހުން ހައްޔަރުކުރާ މީހުންގެންދަން ކަނޑައަޅައިފައިވާ ކަސްޓޯޑިއަލް ޖަލް.

(2) އެ މީހެއްގެ މައްސަލަ ބެލުމަށް ހަމަޖެހިފައިފައިވާ ޑިޕާޓްމަންޓް ނުވަތަ ޕޮލިސް ސްޓޭށަން.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 51 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ޅ) އާއި (ކ) އާއި (އ) އިތުރުކުރުން.

ބަންދުގައި ހުންނަމީހާ ބަލައި ފާސްކުރުން 51.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފުލުހުން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިފައި ހުންނަ މީހަކު އަންނަނިވި ފަދައިން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(1) އޭނާ ލައިގެންހުރި އަންނައުނުގެ ބޭރުން ބަލައި ފާސްކުރުން؛

(2) ފުލުހުންގެ ކަސްޓޯޑިއަލް ފެސިލިޓީއެއްގައި ބަންދުކޮށްފައިހުރި މީހެއްގެ ސްޓްރިޕް ސަރޗެއް ހެދުން.

(ކ) މި މާއްދާގެ (ޅ) ގެ (2) ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސްޓްރިޕް ސަރޗް ހަދަންވާނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ، އޭނަގެ ހަށިގަނޑުގައި ހަތިޔާރެއް ނުވަތަ ގާނޫނާ ހިލާފު މުދަލެއް ނުވަތަ އެނޫންވެސް އެއްޗެއް ފޮރުވައިފައިވާކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ އެކަށޭނަ ސަބަބެއް އޮވެގެންނެވެ.

(އ) މި މާއްދާގެ (ޅ) ގެ (2) ނަންބަރުގެ ބޭނުމަށް ޓަކައި، "ސްޓްރިޕް ސަރޗް" ކަމަށް ބުނެފައި އެވަނީ، މީހަކު ލައިގެން ހުންނަ އަންނައުނު ހިއްލައިގެން ނުވަތަ ބާލުވައިގެން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރުމަށެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ބ) އާއި (ޅ) އާއި (ކ) އިތުރުކުރުން.

ހަނުހުރުމުގެ ހައްގު 59.

(ބ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ތުހުމަތުކުރެވޭ މީހާ ދޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާ ނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެ މައުލޫމާތެއް ހާމަކުރަންވާނެކަމަށާއި، މި ހާލަތުގައި ހަނުހުރުމުގެ ހައްގު ބޭނުންނުކުރެވޭނެކަން ތުހުމަތުގައިވާ ފަރާތަށް ބުނެދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބުނެދޭންޖެހޭ ކަންކަން ބުނެދިނުމަށް ފަހުގައި ތުހުމަތުކުރެވޭ ފަރާތް އިތުރު މައުލޫމާތެއް ނުދީ ހަނުހުރެއްޖެ ނަމަ، އެފަދަ މައުލޫމާތާއި ހެކި ފަހުގެ މަރުހަލާއެއްގައި ހާމަކުރިނަމަވެސް އެ ފަދަ މައުލޫމާތާއި ހެކި ބަލައިނުގަތުމަށް ނުވަތަ އެ ފަދަ މައުލޫމާތާއި ހެއްކަށް ދެވޭ ބުރަދަނަށް އަސަރުކޮށްފާނެކަން އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް އަންގާ އެންގުން ލިޔުމުން ނުވަތަ އޯޑިއޯ / ވީޑިއޯ ރިކޯޑުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 61 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ރ) އިތުރުކުރުން.

ހައްގުގެ ދާއިރާ 61.

(ރ) ކުށުގެ ތުހުމަތުގައި ސުވާލުކުރެވޭ މީހަކަށް ހަނުހުރުމުގެ ހައްގު ލިބިގެންވާކަން އަންގައި އެ ހައްގު ލިބިގަތުމުގެ ފުރުސަތު އޭނާއަށް ދިނުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން އޭނާއަށް އަންގަންވާނެއެވެ. އަދި މިފަދައިން އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 62 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިށާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ އެތެރެއިން ނެގޭ ސާމްޕަލެއް ދިނުމަށް އޭނާ އިންކާރުކޮށްފި ނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޯޓު އަމުރެއްގެ ދަށުން، އެ އެއްޗެހި ހޯދައި، އޭނާއާ ދެކޮޅަށް ބޭނުންކުރުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 64 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސާމްޕަލް ނެގުމަށް ކޯޓު އަމުރަށް އެދުމުގެ ހުއްދަ ހޯދުން 64.

(ހ) މި ގަވާއިދުގެ 62 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން ސާމްޕަލެއް ދިނުމަށް އިންކާރުކޮށްފި ނަމަ، އެ ސާމްޕަލް ހޯދުމަކީ، އެ ތަހުގީގަށް މުހިންމު ކަމެއްކަމަށް ތަހުގީގުކުރާ ފުލުހުންގެ އޮފިށަރަށް ގަބޫލުކުރެވިއްޖެ ނަމަ، ސާމްޕަލް ނެގުމަށް ކޯޓުން ނެރެފައިވާ އަމުރުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން، ސާމްޕަލް ހޯދުމަށް ފުލުހުންނަށް ބާރު ލިބިގެންވެއެވެ.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 67 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

ގާނޫނީ ވަކީލެއްގެ އެހީ ލިބިގެންވާކަން އެންގުން 67.

(1) ހައްޔަރުކޮށްފައިވާ މީހެއް ނަމަ، ވަކީލެއް އައްޔަނުކުރުމަށް 48 (ސާޅީސް އަށެއް) ގަޑިއިރުގެ ފުރުސަތެއް ދިނުން. އެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ވަކީލަކު ހާޒިރުނުވާ ނަމަ، ސުވާލުކުރުމާއިގެން ކުރިޔަށްދިޔުން. އަދި ގާނޫނީ ވަކީލެއް އައްޔަނުކުރުމަށްފަހު އެކަށީގެންވާ ސަބަބަކާ ނުލައި ގާނޫނީ ވަކީލު ހާޒިރުނުވެއްޖެ ނަމަ، އަދި ހައްޔަރުކޮށްފައިވާ މީހާއަށް ވަކީލު އެކަން އަންގައިފައި ނުވާ ނަމަ، އެހެން ވަކީލަކު އައްޔަނުކުރުމަށް 12 (ބާރަ) ގަޑިއިރުގެ ފުރުސަތެއް ދިނުން. އެ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ވަކީލަކު ހާޒިރުނުވާ ނަމަ، ސުވާލުކުރުމާއިގެން ކުރިޔަށްދިޔުން.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 70 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ރ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

"ގާނޫނީ ވަކީލާއެކު ބައްދަލުވުމުގެ ފުރުސަތު ދިނުން" 70.

(ރ) ކުށުގެ ތުހުމަތުގައި ކަސްޓޯޑިއަލް ޖަލެއްގައި ހައްޔަރުގައިވާ ނުވަތަ ބަންދުގައިވާ މީހަކު އޭނާގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ނޫން އެހެން ހާލަތްތަކުގައި އަމަލުކުރާނީ، އެ މީހަކު ބަންދުކޮށްފައިހުރި ކަސްޓޯޑިއަލް ޖަލެއްގައި އަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 80 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކޮށް، މި މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި (ބ) އިތުރުކުރުން.

ކުޑަކުއްޖާއަށް ލިބިދޭ ހައްގު 80.

(ނ) "ވީނުވީތަނެއް ނޭނގުމުގެ ސަބަބުން އާންމުކޮށް އިއުލާނުކޮށްގެން ހޯދަންޖެހޭ ކުއްޖަކު ފިޔަވައި، ޖިނާއީ ކުށަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުއްޖަކާ ނުވަތަ ފުލުހުން ހިންގާ ޖިނާއީ ކުށެއްގެ ތަހުގީގެއްގައި ހިމެނޭ ކުއްޖަކާ ގުޅޭގޮތުން، އެ ކުއްޖާގެ ކަރާމަތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މައުލޫމާތެއް، ސީދާގޮތަކުން ނުވަތަ ނުސީދާގޮތަކުން ނަމަވެސް، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވީނުވީތަނެއް ނޭނގުމުގެ ސަބަބުން އާންމުކޮށް އިއުލާނުކޮށްގެން ހޯދަންޖެހޭ ކުޑަކުއްޖަކު ހޯދުމަށް އިއުލާނުކުރުމުގައި އެ ކުއްޖެއްގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކަށް ރިއާޔަތްކުރަންވާނެއެވެ.

(ބ) މި މާއްދާގެ ބޭނުމަށް ޓަކައި، "ޒާތީ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ ނަމާއި، އެޑްރެހާއި، ކުއްޖާގެ ތަސްވީރު އަދި ކުއްޖާ ތައުލީމު ހާސިލުކުރަމުންދާ ސްކޫލް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހިމެނޭގޮތުންނެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 84 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އާންމުތަނަކަށް ވަނުމުގެ ބާރު 84.

އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބައާންކޮށްފައި ނުވާހައި ހިނދަކު، ހިނގަމުންދާ ތަހުގީގަކާ ގުޅިގެން ބަލައި ފާސްކުރުމުގެ ބޭނުމުގައި އާންމު ތަނަކަށް ކޯޓު އަމުރަކާ ނުލައި ވަނުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 89 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން

އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު 89.

ބަލައި ފާސްކުރުމުގެ ބޭނުމުގައި އަމިއްލަ ތަނަކަށް ވަނުމުގެ ބާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 30 ވަނަ މާއްދާއިން ފުލުހުންނަށް ލިބިގެންވެއެވެ

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 90 ވަނަ މާއްދާގެ (ށ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަމިއްލަ ތަންތަނަށް ވަނުން 90.

(ށ) މި ބާބުގެ މަގުސަދަށް ޓަކައި "މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތް" ކަމުގައި ބުނެފައި އެވަނީ، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއްގައި ދިރިއުޅޭ ފަރާތް ނުވަތަ އެވަގުތަކު އެ ތަނަކާ ހަވާލުވެގެން ހުރި ފަރާތް ނުވަތަ ގޯއްޗަކާ ހަވާލުވެހުރި ފަރާތަކީ ކޮންފަރާތެއްކަން ނޭނގޭ ހާލަތުގައި ސިޓީ ކައުންސިލުގެ ފަރާތުން ނުވަތަ ރަށު ކައުންސިލުގެ ފަރާތުން ހުއްދަދޭ ފަރާތް ހިމެނޭ ގޮތުންނެވެ.

(ރ) މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ހުރި މީހަކު އަމިއްލަ ތަނެއްގައި ހުރެގެން އެ ތަނަކަށް ފުލުހުންނަށް ވަދެވޭނީ، އެ މީހަކު އެ ތަނުގައި ހުރިކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވުމާއެކު، އެ ހެކީގެ މައްޗަށް ބިނާކޮށް ސަބް-އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިގެންނެވެ. އެފަދަ ހާލަތެއްގައި ވަންނަންޖެހޭ އަމިއްލަތަން ހުރި ރަށަކީ ފުލުހުންގެ މައި މަރުކަޒު ނުވަތަ ސަރަހައްދީ މަރުކަޒެއް ހުރި ރަށެއް ނޫން ނަމަ އަދި އެ ރަށުގައި ފުލުހުންގެ ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ އޮފިސަރަކު ނެތް ނަމަ، މި މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ ދޭނީ އެ ރަށެއްގައި ހުންނަ ޕޮލިސް ސްޓޭށަން އިންޗާޖެވެ. އަދި އެ ރަށަކީ ފުލުހުންގެ މަރުކަޒެއް ނެތް ރަށެއް ނަމަ، އެ ރަށާ ކައިރި ރަށެއްގެ ޕޮލިސް ސްޓޭށަނުގެ އިންޗާޖަށް އެ ހުއްދަ ދެވިދާނެއެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 90 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-90 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

މީހުން ދިރިނޫޅޭ ފަޅުކޮށް ދޫކޮށްލައިފައި ހުންނަ އަމިއްލަ ތަންތަނަށް ވަނުން 1-90.

(ހ) އަމިއްލަ ތަންތަނަކީ މީހުން ދިރިނޫޅޭ، ފަޅުކޮށް ދޫކޮށްލައިފައިވާ ތަނެއްކަމުގައި ވެފައި، އެ ތަނުގައި ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފައިވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ، އެފަދަ ހާލަތްތަކުގައި އަންނަނިވި ކަންކަން ކުރުމަށް، ކޯޓު އަމުރަކާ ނުލައި އެ ތަނަކަށް ވަނުމާއި، އެ ކަންކަން ކުރަން އެކަށޭނެ މިންވަރެއްގެ ވަގުތަކަށް އެ ތަނެއްގައި މަޑުކުރުމުގެ ނުވަތަ ތިބުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

  1. ކުށްކުރުން ހުއްޓުވުމަށް ޓަކައި؛
  2. އިތުރު ކުށެއް ކުރިޔަ ނުދިނުމަށް ޓަކައި؛
  3. ކުށުގެ އަމަލު ހިންގަމުންދާ ފަރާތްތައް ހައްޔަރުކުރުމަށް ޓަކައި؛
  4. ކުށުގެ އަމަލު ހިންގި ފަރާތްތައް ހައްޔަރުކުރުމަށް ޓަކައި؛

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމިއްލަ ތަނަކަށް ވަތްނަމަވެސް، އެފަދަ ތަނެއް ބަލައި ފާސްކުރުމުގައި މި ގަވާއިދުގެ 90 ވަނަ މާއްދާގެ (ކ) އާއި (އ) ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޯޓުއަމުރަކާ ނުލައި ބަލައި ފާސްކުރުން 95.

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ހާލަތްތަކުގައި، ކޯޓު އަމުރަކާ ނުލައި، އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކޯޓުއަމުރަކާ ނުލައި ބަލައި ފާސްކުރުން 95.

(2) އުޅަނދެއްގައި ބަނގުރާ ނުވަތަ މަސްތުވާއެއްޗެއް ހުރުން؛

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 97 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަލައި ފާސްކުރުމުގައި އަމަލުކުރަންވީ އުސޫލު 97.

ކޯޓު އަމުރެއްގެ ދަށުން އުޅަނދެއް ބަލައި ފާސްކުރަން ފަށަންވާނީ، އުޅަނދަކާ ހަވާލުވެހުރި ފަރާތަށް ޕޮލިސް އައިޑެންޓިޓީ ކާޑު ދައްކައި، އޭނާގެ ތައާރުފަކާއި ކޯޓު އަމުރުގެ ކޮޕީއެއް ހަވާލުކޮށް އެ އުޅަނދެއް ބަލައި ފާސްކުރެވެނީ މި ގަވާއިދުގެ 95 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ކޮން ހާލަތެއް ދިމާވެގެންކަން އަންގައިދިނުމަށް ފަހުގައެވެ.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 100 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން 100.

މި ގަވާއިދުގެ ދަށުން އެއްވެސް އުޅަނދެއް ބަލައި ފާސްކޮށްފި ނަމަ، މި ގަވާއިދުގެ ޖަދުވަލު 5 ގައިވާ ފޯމުން އެކަން ރިކޯޑުކުރަންވާނެއެވެ.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 104 ވަނަ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ބ) އުނިކުރުން.

ބަލައި ފާސްކުރުމުގައި އަމަލުކުރާނެގޮތް 104.

(ހ) މީހަކު ބަލައި ފާސްކުރުމުގެ ކުރިން ބަލައި ފާސްކުރަން ބޭނުންވާކަން ބަލައި ފާސްކުރެވޭ މީހާއަށް އަންގަންވާނެއެވެ.

(ށ) ބަލައި ފާސްކުރާ ފުލުސްމީހާ ހުރީ ޔުނީފޯމުގައި ކަމަށް ނުވާ ނަމަ، އޭނާއަކީ ފުލުހެއްކަން ބަޔާންކޮށް، އޭނާއަކީ ފުލުހެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް، ބަލައި ފާސްކުރެވޭ މީހާއަށް ދައްކަންވާނެއެވެ.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 112 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އަތުލިއުމުގެ ސާމްޕަލް 112.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސާމްޕަލް، މި ގަވާއިދުގެ 138 ވަނަ މާއްދާގެ ދަށުން ބަލައި ފާސްކުރުމަށްފަހު ހިފަހައްޓާ މުދަލުގެ ތެރޭގައި، ފުލުހުންނަށް ހިފެހެއްޓިދާނެއެވެ.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 113 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް 113.

"ފޮރެންސިކް ތަހުލީލު ކުރުމަށް ޓަކައި ނަގާ އެހެނިހެން ބާވަތްތަކުގެ ސާމްޕަލް" ކަމަށް ބަޔާންކޮށްފައި އެވަނީ، ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލާއި، ހަށިގަނޑުގެ ތެރެއިން ނަގާ ސާމްޕަލާއި، އިނގިލީގެ ނިށާނާއި އަތުލިޔުމުގެ ސާމްޕަލް ފިޔަވައި އިލެކްޓްރޯނިކް ވަސީލަތްތައް ހިމެނޭގޮތުން ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ތަކެއްޗާއި އެއްކުރެވޭ މައުލޫމާތު ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި ޑާޓާއާއި އެފަދަ އެހެނިހެން މައުލޫމާތަށެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 114 ވަނަ މާއްދާއާއި އެ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިލެކްޓްރޯނިކް ވަސީލަތް 114.

"އިލެކްޓްރޯނިކް ވަސީލަތް" ކަމަށް ބުނެފައި އެވަނީ، ތަހުލީލުކޮށްގެން ނަގާ ސާމްޕަލާއި ޑާޓާއާއި އެހެނިހެން މައުލޫމާތަށެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 114 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-114 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

އިލެކްޓްރޯނިކް ހެކި ނެގުން 1-114.

(ހ) އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ ހެއްކެއް އެ ވަސީލަތަކުން ބޭރުކޮށްފައިވަނީ އޮފިށަރަކު ނޫން ފަރާތަކުން ކަމުގައި ވާ ނަމަ، އެ ހެއްކެއް ފުލުހުންނަށް ހުށަހަޅާ ފަރާތަކުން، އެ ހެކީގެ ސައްހަކަން ބަޔާންކޮށް ލިޔުމުން އިގުރާރުވާންވާނެއެވެ.

(ށ) އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ ޑޭޓާއެއް ނަގަނީ ފުލުހަކު ކަމުގައި ވާ ނަމަ، އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކައުކޮށްފައިވާ ޑޭޓާގެ ސައްހަކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ކަށަވަރުކުރުމަށްފަހު އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

  1. ޗެއިން އޮފް ކަސްޓަޑީ ފޯމެއް ފުރިހަމަކުރުން.
  2. އިލެކްޓްރޯނިކް ހެކީގެ ސައްހަކަން ކަށަވަރުކޮށްދޭ އެފިޑެވިޓެއް ފުރިހަމަކުރުން.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 115 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކައުކޮށްފައިވާ މައުލޫމާތު ހެކީގެ ގޮތުގައި ނެގުން 115.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 118 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސޮޔާއި، އިނގިލީގެ ނިށާނާއި ފޮޓޯ ނެގުމާ ގުޅިގެން ހިނގާނެ އުސޫލު 118.

(ށ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އިނގިލީގެ ނިށާން ނެގުމާ ގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 112 ވަނަ މާއްދާގައި އަތުލިޔުމުގެ ސާމްޕަލާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލެވެ. އަދި ފުލުހުން ހައްޔަރުކޮށް ބަންދުކޮށްފައި ހުންނަ މީހެއްގެ އިނގިލީގެ ނިށާން ނެގުމާ ގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 1-118 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލެވެ.

(ނ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ފޮޓޯ ނެގުމާ ގުޅޭގޮތުން ހިނގާނީ، މި ގަވާއިދުގެ 119 ވަނަ މާއްދާގައި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް ނެގުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 118 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-118 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ބަންދުގައި ހުންނަ މީހާގެ އިނގިލީގެ ނިށާން ނެގުން 1-118.

(ހ) ޖިނާއީ ކުށަކާ ގުޅިގެން ހައްޔަރުކޮށް ބަންދުކޮށްފައި ހުރި މީހެއްގެ އިނގިލީގެ ނިށާން ނަގަން ޖެހިއްޖެ ނަމަ، އެ މީހަކު ރުހުން ދީފައިވާ ހާލަތުގައި، ކޯޓު އަމުރަކާ ނުލައި، މި ގަވާއިދުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުން ފުރިހަމަކުރުމާއެކު، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިންޒާރު ދިނުމަށްފަހު، ރުހުންދޭ މީހާގެ އިނގިލީގެ ނިށާން ނެގިދާނެއެވެ.

(ށ) ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައި ހުރި މީހެއްގެ އިނގިލީގެ ނިށާން ނެގުމަށް އޭނާ ރުހުން ނުދީފި ނަމަ، އަންނަނިވި ގޮތުގެ މަތީން އަމަލުކުރުމަށްފަހު، އޭނާގެ އިނގިލީގެ ނިށާން ނެގިދާނެއެވެ.

  1. މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގާނޫނީ އިންޒާރު ދިނުން؛
  2. މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ އިންޒާރު ދިނުމަށްފަހު.

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މީހެއްގެ އިނގިލީގެ ނިށާން ނަގަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ އިނގިލީގެ ނިށާން ނެގުމަކީ، އޭނާ ހައްޔަރުކުރެވުނު ކުށުގެ ތަހުގީގަށް އެހީތެރިވެދާނެކަމެއް ކަމަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް ގަބޫލުކުރެވުމާއެކު، އެކަމަށް އެފަދަ އޮފިސަރެއްގެ ހުއްދަ ދީފައިވާ ނަމައެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ދިނުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، ހުއްދަދިން އޮފިސަރުގެ ނަމާއި، ސޮޔާއި، ހުއްދަދިން ތާރީހާއި، ގަޑި، ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މީހެއްގެ އިނގިލީގެ ނިށާން ނަގަންވާނީ އަންނަނިވި ބައިތައް ހިމެނޭ ގާނޫނީ އިންޒާރު ދިނުމަށްފަހުގައެވެ. އަދި ގާނޫނީ އިންޒާރު ދިނުމަށްފަހު އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

  1. އިނގިލީގެ ނިށާން ނަގާ ބޭނުން؛
  2. އިނގިލީގެ ނިށާން ނެގުމަށް ހުއްދަ ލިބިފައިވާކަން؛
  3. އިނގިލީގެ ނިށާން ނެގުމަށް ބާރު ލިބިދޭ ގޮތް؛
  4. އިނގިލީގެ ނިށާން އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަން.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 133 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރާއި، އެ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ރިކޯޑު ބެލެހެއްޓުން 133.

(6) ބަލައި ފާސްކުރި ފުލުހުންގެ ޓީމުގައި އިސްކޮށްހުރި ފަރާތުގެ ނަމާއި ސަރވިސް ނަންބަރާއި، މަސައްކަތްކުރާ ޑިޕާޓްމަންޓް؛

(ށ) ފުލުހުން އުޅަނދެއް ބަލައި ފާސްކުރީ އެ އުޅަނދާ ހަވާލުވެހުރި މީހެއްގެ ހާޒިރުގައި ނަމަ، މި މާއްދާގެ (ހ) ގެ ދަށުން ފުލުހުން ލިޔާ ރިކޯޑުގެ ކޮޕީއެއް، އެ އުޅަނދާ ހަވާލުވެހުރި ފަރާތަށް ނުވަތަ އެ ފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތަށް ވަގުތުން ދެވެންއޮތް ހާލަތުގައި ވަގުތުން ދޭންވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި އެ ރިކޯޑު ދިނުން 48 (ސާޅީސް އަށެއް) ގަޑިއިރަށް ވުރެ ގިނަވެގެން ނުވާނެއެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 139 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ޅ) އިތުރުކުރުން.

ހިފަހައްޓާ މުދަލުގެ އިންވެންޓްރީ ހެދުން 139.

(ޅ) ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ތަންފީޒުކުރަމުން ދާއިރު، ތަނުގެ ނުވަތަ މުދަލުގެ ވެރިފަރާތް ނުވަތަ އެއިން ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް ހާޒިރުވެ ހުރުމަށްފަހު، މި މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ އިންވެންޓްރީ އެކުލަވައިލާއިރު، ހާޒިރުވެ ހުންނަން ބޭނުންނުވެ އެ ތަން ދޫކޮށްލައިފައި ހިނގައްޖެ ނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި އިންވެންޓްރީ އެކުލަވައިލުމަށް މި މާއްދާއިން ލިބިދޭ ހައްގު ދޫކޮށްލީކަމުގައި ބަލައި، އިންވެންޓްރީ ނެގުމުގެ ކަންކަން ކުރިޔަށްގެންދެވިދާނެއެވެ. އެހެންނަމަވެސް، އެއިން ފަރާތަކުން ކޮންމެ ވަގުތެއްގައި ވެސް އެނބުރި އަތުވެއްޖެ ނަމަ، އެ ފަރާތެއްގެ ހާޒިރުގައި އިންވެންޓްރީ ނެގުމުގެ ކަންކަން ކުރިޔަށްގެންދިއުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ. މިގޮތުން އަމަލުކުރާ ކުރުމުގައި ވެސް، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 148 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް، އަންނަނިވި ގޮތަށް (ޅ) އާއި (ކ) އިތުރުކުރުން.

ކޯޓު އަމުރު ތަންފީޒުކުރުމުގެ ބަލައި ފާސްކުރުން 148.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމަށް ޓަކައި ފުލުހުން އަމިއްލަ ތަނަކަށް ވަންނައިރު އެ ތަނުގެ ވެރިފަރާތް ނުވަތަ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެހެން މީހަކު އެ ތަނުގައި ހުރެފައި، ފުލުހުން އެ ތަން ބަލައި ފާސްކުރަން ފެށުމުގެ ކުރިން ނުވަތަ ބަލައި ފާސްކުރުމަށް ފެށުމަށްފަހު، އެއިން ފަރާތަކުން އެ ތަން ދޫކޮށްފައި ހިނގައްޖެ ނަމަ، އެއިން ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުމަށް އެ ފަރާތަށް ލިބިދޭ ހައްގު ދޫކޮށްލީކަމުގައި ބަލައި، ބަލައި ފާސްކުރުން ކުރިޔަށްގެންދިއުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އެއިން ފަރާތަކުން ކޮންމެ ވަގުތެއްގައި ވެސް އެނބުރި އަތުވެއްޖެ ނަމަ، އެ ފަރާތެއްގެ ހާޒިރުގައި ބަލައި ފާސްކުރުން ކުރިޔަށްގެންދިއުމުގެ ހައްގު އެ ފަރާތަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެ ތަނުގައި ތިބި ބަޔަކަށް އެ ތަނަށް ވަންނަކަން އަންގައިފި ނަމަ، ބަލައި ފާސްކުރުމުގެ މަގުސަދު ގެއްލިދާނެކަމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި އެ ތަނުގައި ތިބި ބަޔަކަށް އެންގުމަކާ ނުލައި އެ ތަނަށް ވަނުމުގެ އިހުތިޔާރު ބަލައި ފާސްކުރުމުގެ ކޯޓު އަމުރު ތަންފީޒުކުރާ ފުލުހުންގެ އޮފިސަރުންނަށް ލިބިގެންވެއެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 150 ވަނަ މާއްދާގައި އޮތް އިބާރާތް، އެ މާއްދާގެ (ހ) ގެ ގޮތުގައި ހަމަޖައްސައި، އެ މާއްދާގެ (ހ) ގެ ގޮތުގައި މިހާރު އޮތް އަކުރު އެއީ އެ މާއްދާގެ (ހ) ގެ ދަށުން އަންނަ ނަންބަރު (1) ގެ ގޮތުގައި އަދި އެ މާއްދާގެ (ށ) ގެ ގޮތުގައި މިހާރު އޮތް އަކުރު އެއީ އެ މާއްދާގެ (ހ) ގެ ދަށުން އަންނަ ނަންބަރު (2) ގެ ގޮތުގައި ހަމަޖެއްސުން.

150 އެކައުންޓު މޮނިޓަރކުރުން 150.

  1. ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ނުވަތަ
  2. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ހ) ގެ ފަހަތަށް އޮތް އަކުރު އެއީ އެ މާއްދާގެ (ށ) ގެ ގޮތުގައި ހަމަޖައްސައި، ދެން ހުރި އަކުރުތައް ތަރުތީބުކުރުން.

ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުން 151.

(ހ) މި ގަވާއިދުގެ 150 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، ޖިނާއީ ކުށެއްގެ ތަހުގީގާ ގުޅިގެން، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ 41 ވަނަ މާއްދާގެ ދަށުން ބޭންކު އެކައުންޓަކާއި އެ އެކައުންޓުން ކުރާ މުއާމަލާތް ބަލަން ޖެހިއްޖެ ހާލަތެއްގައި، އަންނަނިވި ގޮތުންކުރެ ގޮތަކަށް ފުލުހުންނަށް އެކަން ކުރެވިދާނެއެވެ.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 153 ވަނަ މާއްދާގެ (ށ) އުނިކޮށް، އެ މާއްދާގެ އަކުރުތައް ތަރުތީބުކުރުން.

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 154 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން 154.

(ހ) ކޯޓުން ނެރޭ މޭ މޮނިޓަރކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 73 ވަނަ މާއްދާއަށް ހަވާލާދީ، މާލީ އިދާރާގައިވާ ފައިސާ ހިފެހެއްޓުމާއި، އެ ފައިސާއިން މުއާމަލާތުކުރުން ހުއްޓުވުމަށް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ކޯޓު އަމުރަކަށް ފުލުހުންނަށް އެދެވިދާނެއެވެ.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 154 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުން 154.

(ށ) (8) އަމުރަށް އެދުމަށް ހުއްދަދިން އޮފިސަރުގެ ނަމާއި، ރޭންކާއި ސަރވިސް ނަންބަރާއި، ސޮޔާއި، އެ އިދާރާގެ ތައްގަނޑު.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 154 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-154 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

ޓްރެފިކް ޑޭޓާ ނެގުން 1-154.

ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74-5 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެދި ހުށަހަޅަންވާނީ، އެ މައްސަލައެއް ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ކަމިށަންޑް އޮފިށަރަކު ސޮއިކޮށް، ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 155 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ފަދައިން (7) ވަނަ ނަންބަރާއި، (8) ވަނަ ނަންބަރާއި، (9) ވަނަ ނަންބަރު އިތުރުކުރުން.

ޒާތީ މުއާމަލާތް އިންޓަރސެޕްޓްކުރުން 155.

(ހ) ޒާތީ މުއާމަލާތް އިންޓަރސެޕްޓްކުރުމަށް ޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 74 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެދި ހުށަހަޅަންވާނީ، އެ މައްސަލައެއް ތަހްގީގުކުރާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ކަމިށަންޑް އޮފިސަރަކު، ސޮއިކޮށް ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.

(7) ގައުމީ ސަލާމަތާ ގުޅޭގޮތުން، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު) ގައި ނުވަތަ ކަމާބެހޭ އެހެން ގާނޫނެއްގައި ކަނޑައަޅައިފައިވާ ޖިނާއީކުށް.

(8) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް.

(9) ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 246 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް.

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 155 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް 1-155 ވަނަ މާއްދާއާއި، 2-155 ވަނަ މާއްދާއާއި 3-155 ވަނަ މާއްދާގެ ގޮތުގައި 3 (ތިނެއް) މާއްދާ އިތުރުކުރުން. (3-155 ނަންބަރ އޮތްކަމަށް ބަޔާންކުރި ނަމަވެސް އެފަދަ ނަންބަރެއް އެ އިސްލާހުގައި އެފަދަ ނަންބަރެއް ހިމެނިފައިނުވޭ)

ޕްރިޒަރވްކުރުމަށް އަމުރުކުރުން 1-155.

(ހ) ވަކި މީހެއްގެ ނުވަތަ ފަރާތެއްގެ އަތުގައި، ނުވަތަ ބެލުމުގެ ދަށުގައި ހުރި ކޮމްޕިއުޓަރ ޑޭޓާ ޕްރިޒަރވް ކުރަން ޖެހޭކަމަށް، އެފަދަ ޑޭޓާއަކާ ގުޅުންހުރި މައްސަލައެއް ބަލަން ފެށުމާއެކު އަދި އެ ޑޭޓާއަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 2-74 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތު ދެމިއޮތް ނަމަ، ފުލުހުންގެ ތަހުގީގުކުރާ ފަރާތުން، އެ ޑޭޓާގެ އަސްލަށް ބަދަލެއް ނާންނާނެ ފަދައިން އެ ޑޭޓާ ޕްރިޒަރވް ކުރުމަށް އެ ޑޭޓާ ހުރި ނުވަތަ ބަލަހައްޓާ ނުވަތަ އެކްސަސްވެވޭ ފަރާތަށް ލިޔުމުން އަންގައި އަމުރުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ޕްރިޒަރވް ކުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭ ނަމަ އެކަން ކުރިޔަށް ގެންދަންވާނީ އެ ޕޯޓަލް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އަންގައި ނެރޭ އަމުރުގެ ފުރަތަމަ 90 (ނުވަދިހަ) ދުވަހުގެ މުއްދަތު ހަމަވުމުން، އަމުރު ދެމިއޮންނަން ބާރުދޭ ހާލަތު ދެމިއޮތްކަމަށް ގަބޫލުކުރެވޭ ނަމަ، މުއްދަތު އިތުރުކުރުމުގެ ބޭނުންޖެހިއްޖެ ހާލަތެއްގައި، ސަބް އިންސްޕެކްޓަރ ރޭންކުން ފެށިގެން، މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަޔާއެކު އެ އަމުރުގެ މުއްދަތު 90 (ނުވަދިހަ) ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.

 

ކޮމްޕިއުޓަރ ޑޭޓާ ބަލައި ފާސްކުރުން 2-155.

(ހ) އިލެކްޓްރޯނިކް ވަސީލަތެއްގައި ހިމެނޭ ޑޭޓާ ނެގުމަށް ޓަކައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 4-74 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެދި ހުށަހަޅަންވާނީ އެ މައްސަލައެއް ތަހުގީގުކުރާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ކަމިށަންޑް އޮފިސަރަކު، ސޮއިކޮށް ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރެދިނުމަށް އެދެނީ ގާނޫނަކުން ރެގިއުލޭޓް ކުރެވިފައިވާ ޕްރޮފެށަނެއްގެ ހަރަކާތްތައް އެކުލެވިގެންވާ މައުލޫމާތު ހިމެނޭ ކޮމްޕިއުޓަރ ޑޭޓާއަކާ ގުޅިގެންކަމަށް ވާ ނަމަ، އަދި ގާނޫނުން ރައްކައުތެރިކަން ލިބިދީފައިވާ މައުލޫމާތެއް ހިމެނޭކަމުގެ ތަސައްވަރުކުރެވޭ ނަމަ އެ ޑޭޓާ ބަލައި ފާސްކުރެވޭނީ ކޮމްޕިއުޓަރ ޑޭޓާގައި ހިމެނޭ މައުލޫމާތު ނިސްބަތްވާ ޕްރޮފެށަނަލް އޮގަނައިޒޭށަން ތަމްސީލުކުރުމަށް ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ހާޒިރުވުމާއެކު، ކަމާބެހޭ ޕްރޮފެށަނަލް އޮގަނައިޒޭށަން ތަމްސީލުކުރާ ފަރާތަކަށް އަންގަންވާނެއެވެ.

(ރ) އިލެކްޓްރޯނިކް ވަސީލަތެއްގައި ހިމެނޭ ޑޭޓާ ނެގުމަށް ޓަކައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 4-74 ވަނަ މާއްދާގެ ދަށުން ކޯޓު އަމުރެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެދި ހުށަހަޅަންވާނީ އެ މައްސަލައެއް ތަހްގީގުކުރާ ޑިޕާޓްމަންޓުގެ ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ކަމިށަންޑް އޮފިސަރަކު، ސޮއިކޮށް ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އަމުރެއް ނެރެދިނުމަށް އެދެނީ ގާނޫނަކުން ރެގިއުލޭޓް ކުރެވިފައިވާ ޕްރޮފެށަނެއްގެ ހަރަކާތްތައް އެކުލެވިގެންވާ، މައުލޫމާތު ހިމެނޭ ކޮމްޕިއުޓަރ ޑޭޓާއަކާ ގުޅިގެންކަމަށް ވާ ނަމަ އަދި ގާނޫނުން ރައްކައްތެރިކަން ލިބިދީފައިވާ މައުލޫމާތެއް ހިމެނޭކަމުގެ ތަސައްވަރުކުރެވޭ ނަމަ، އެޑޭޓާ ބަލައި، ފާސްކުރެވޭނީ ކޮމްޕިއުޓަރ ޑޭޓާގައި ހިމެނޭ މައުލޫމާތު ނިސްބަތްވާ ޕްރޮފެށަނަލް އޮގަނައިޒޭށަން ތަމްސީލުކުރުމަށް ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް، ފުލުހުން، އެ ތަނަކަށް ހާޒިރުވުމާއެކު ކަމާބެހޭ ޕްރޮފެށަނަލް އޮގަނައިޒޭށަން ތަމްސީލުކުރާ ފަރާތަކަށް އަންގަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 (އެކެއް) ގަޑިއިރު ފާއިތުވާއިރު ވެސް، އެކަށީގެންވާ ސަބަބަކާ ނުލައި ޕްރޮފެށަނަލް އޮގަނައިޒޭށަން ތަމްސީލުކުރާ ފަރާތެއް ހާޒިރުވެފައިނުވާ ނަމަ އިލެކްޓްރޯނިކް ވަސީލަތެއްގައިވާ ޑޭޓާ ޕްރިޒާވްކުރުމާއިގެން ފުލުހުންނަށް ކުރިޔަށްދެވިދާނެއެވެ.

(އ) ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 4-74 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޕްރޮފެށަނަލް އޮގަނައިޒޭށަންތަކުން އެ ފަރާތެއް ތަމްސީލުކުރާނެ ފަރާތެއް ކަނޑައަޅައި، އަންނަނިވި މައުލޫމާތާއެކު ފުލުހުންނަށް އަންގަންވާނެއެވެ.

  1. ފޯނު ނަންބަރު.
  2. އީމެއިލް އެޑްރެސް.

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 156 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސަރވެއިލްކުރުމުގެ ހުއްދައަށް 156.

(ށ) (6) އެ އަމުރުގެ ދަށުން ހުއްދަކުރާ ސަރވެއިލަންސް އެދުން ހިންގުމުގައި ޒިންމާ އުފުލާނެ ފުލުހުންގެ އިސް އޮފިސަރުގެ ނަމާއި މަގާމާއި ސަރވިސް ނަންބަރު.

(ނ) (4) އެ އަމުރުގެ ދަށުން ސަރވެއިލަންސެއް ހިންގުމަށް ބޭނުންވާ މުއާސަލާތީ ވަސީލަތުގެ ހިދުމަތްދޭ ފަރާތް އެނގޭ ނަމަ، އެ ފަރާތް؛

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 158 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުން 158.

(ނ) މި މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރޭ އަމުރަކަށް އެދުން އަމުރު ނިސްބަތްވާ މީހާއަށް، ވީ އެންމެ އަވަހަކަށް އެކަން އަންގައި، އެ އަމުރުގެ ކޮޕީއެއް، ވީ އެންމެ އަވަހަކަށް އަދި އަމުރު ނެރުނު ތާރީހުން ފެށިގެން، އެންމެ ލަސްވެގެން 36 (ތިރީސް ހައެއް) ގަޑިއިރުގެ ތެރޭގައި ފުލުހުން އެ މީހަކަށް ދޭންވާނެއެވެ.

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 161 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފުލުހުންގެ މަސައްކަތުގައި 161.

(ކ) ކޮންމެހެން ޒަރޫރީ ހާލަތެއްގައި މެނުވީ، ބާރުގެ ބޭނުން ތަބާވާންޖެހޭ އަސާސީ ނުކުރުމަށާއި، ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތެއްގައި ވެސް އުސޫލުތައް ހާލަތާ އެކަށޭނަ އެންމެ ކުޑަ މިންވަރެއްގެ ބާރު ބޭނުންކުރުން.

 

62 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ތެއްތިރީސްވަނަ ބާބުގެ ފަހަތަށް ސައުރަތިރީސްވަނަ ބާބުގެ ގޮތުގައި އަންނަނިވި ބާބު އިތުރުކުރުން.

ސައުރަތިރީސްވަނަ ބާބު

ހެކިންނަށް ރައްކައުތެރިކަން ދިނުން

 

63 ވަނަ މާއްދާ - ހެކިންނަށް ނުރައްކަލެއް އޮތްތޯ ވަޒަންކުރުން 168.

(ހ) ޖިނާއީ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ހުށަހެޅިދާނެ މީހަކަށް ނުރައްކަލެއް އޮތްކަމަށް އެ މީހަކަށް ގަބޫލުކުރެވޭ ނަމަ ނުވަތަ މައްސަލަ ތަހުގީގުކުރާ ފަރާތަށް ގަބޫލުކުރެވޭނަމަ، އެ މީހަކަށް އޮތް ނުރައްކާ ދެނެގަނެ ހެކިބަސްދޭ މީހާއަށް ރައްކައްތެރިކަން ދިނުމާމެދު ގޮތެއް ނިންމުމަށް ޓަކައި، ރިސްކް އެސެސްމަންޓަކާއި، ތްރެޓް އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) ރިސްކް އެސެސްމަންޓާއި، ތްރެޓް އެސެސްމަންޓް ހެދުމަށްފަހު، އެ ދެ އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، އެ މީހަކަށް ތަހުގީގު މަރުހަލާގައްޔާއި ށަރީއަތުގެ މަރުހަލާގައި، ހެކިބަސްދޭ ފަރާތަށް، ރައްކައުތެރިކަން ދޭންޖެހޭކަމަށް، ފެންނަ ނަމަ ވިޓްނަސް ޕްރޮޓެކްށަން ޕްރޮގުރާމުގައި އެ މީހަކު ބައިވެރިކުރަން އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާ ނިންމަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށް ޓަކައި، "ރިސްކް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ ހެކިބަސް ދީފި ނަމަ އޭނާއަށް އޮތް ނުރައްކާ ދެނެގަތުމަށް ޓަކައި ފުލުހުން ހަދާ އެސެސްމަންޓަށެވެ. މީގެ ތެރޭގައި ހެކިބަސްދޭ މީހާގެ އާއިލާއާއި އޭނާގެ މުދާ ހިމެނިގެންވެއެވެ.

(ރ) މި މާއްދާގެ ބޭނުމަށް ޓަކައި، "ތްރެޓް އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ ހެކިބަސް ދީފި ނަމަ ނުވަތަ ހެކިބަސް ދިނުން ހުއްޓުވުމަށް ބޭނުންވާ ފަރާތަކުން އޭނާއަށް ނުވަތަ އޭނާގެ އާއިލާއަށް ކުރިޔަށްއޮތް ތަނުގައި ކުރިމަތިކުރުވައިފާނެ ގެއްލުމެއް ނުވަތަ ނުރައްކާ އެ ގޮތުގައި ތަންފީޒުކޮށްފާނެކަމަށް ބެލެވޭ މިންވަރު ދެނެގަތުމަށް ޓަކައި، ފުލުހުން ހަދާ އެސެސްމަންޓަށެވެ.

(ބ) މި މާއްދާގެ ބޭނުމަށް ޓަކައި، "ވިޓްނަސް ޕްރޮޓެކްށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއަށް ރައްކައުތެރިކަން ދިނުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ފުލުހުންގެ ފަރާތުން ހިންގާ ކޮންމެ ޕްރޮގްރާމަކަށެވެ.

 

64 ވަނަ މާއްދާ - ވަގުތީގޮތުން ހިމާޔަތާއި ރައްކައްތެރިކަން ދިނުން 169.

(ހ) ތްރެޓް އެސެސްމަންޓާއި ރިސްކް އެސެސްމަންޓް ހެދުމަށް ހޭދަވާ މުއްދަތުގައި ހެކިބަސްދޭ މީހާއަށް، ވަގުތީގޮތުން، ހިމާޔަތް ދޭންޖެހޭކަމަށް ފެންނަ ނަމަ، ވަގުތީގޮތުން، ހިމާޔަތް ދިނުމަށް އެކަށީގެންވާ، ފިޔަވަޅުތައް އަޅަންވާނެއެވެ. ހެކިބަސްދޭ ފަރާތަށް ވަގުތީގޮތުން، ރައްކައުތެރިކަން ދިނުމާމެދު ގޮތް ނިންމާނީ އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއެވެ.

(ށ) ޖިނާއީ މައްސަލައެއްގައި ހެކިބަސްދޭ އެއްވެސް މީހަކީ ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ މީހެއްކަމަށް ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުން ހަދާ އެސެސްމެންޓްތަކުން ކަނޑައަޅައިފި ނަމަ، އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެ މައްސަލައަށް އެސައިންކޮށްފައިވާ ޕްރޮސެކިއުޓަރަށް އެކަން އަންގަންވާނެއެވެ.

(ނ) ހެކިބަސްދޭ މީހާއަކީ ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދޭންޖެހޭ މީހެއްކަމަށް އެސެސްމެންޓުން ކަނޑައަޅައިފި ނަމަ، ހެކިބަސްދޭ ފަރާތުގެ ތަހުގީގު ބަޔާން ނަގަންވާނީ ސިއްރު ހެކީންގެ ބަޔާން ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށެވެ

 

65 ވަނަ މާއްދާ - ވިޓްނަސް ޕްރޮޓެކްށަން ޔުނިޓް 170.

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ޖިނާއީ ކުށުގެ މައްސަލަތަކުގައި ހެކިބަސްދޭ ފަރާތްތަކަށް ރައްކައުތެރިކަން ދިނުމަށް ހާއްސަކޮށްފައިވާ "ވިޓްނަސް ޕްރޮޓެކްށަން ޔުނިޓް" އެއް، ދިވެހި ފުލުހުންގެ ހިދުމަތުގައި އުފެދުނީއެވެ. އަދި މި ޔުނިޓް އުފެދުމާއެކު، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި ޔުނިޓަކީ، މި ގަވާއިދުގެ ދަށުން އުފެދިފައިވާ ޔުނިޓުކަމުގައި ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔުނިޓުގެ އޮޕަރޭށަނަލް މަސައްކަތްތަކާއި ޓެކްޓިކަލް މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ރިޕޯޓްކުރާނީ، އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއަށެވެ. ވިޓްނަސް ޕްރޮޓެކްށަން ޔުނިޓް ހިންގުމުގެ މަސައްކަތް ހަވާލުކުރާ ފަރާތަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ، މި ދާއިރާއިން ތަމްރީނު ލިބިފައިވާ އޮފިސަރަކަށް ވާންވާނެއެވެ.

(ނ) ވިޒްނަސް ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި އަމަލުކުރަންޖެހޭ ހަމަތަކާއި އުސޫލުތަކުގެ އިޖުރާއަތު ބަޔާންކޮށްފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ފުލުހުންގެ އެތެރޭގެ ސިއްރު ލިޔުމެއް ގޮތުގައި އެކުލަވައިލަން ވާނެއެވެ.

 

66 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން 171.

(ހ) ތަހުގީގު މަރުހަލާގައްޔާއި، ށަރީއަތުގެ މަރުހަލާތަކުގައި ހިމާޔަތް ދޭ ހެކިންނާ ގުޅޭ އެންމެހައި މައުލޫމާތުތަކުގެ ސިއްރު، ވިޒްނަސް ޕްރޮޓެކްށަން ޔުނިޓުން ހިފަހައްޓަންވާނެއެވެ. އަދި މި ގަވާއިދުގައި ބަޔާންވެގެންވާ ގޮތުގެ މަތީން މެނުވީ އެފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.

(ށ) ހިމާޔަތް ދެވޭ ހެކިންގެ މައުލޫމާތު، އެ މައްސަލައެއް ނިމުމުން ވެސް ހިފަހައްޓަންވާނެއެވެ.

(ނ) މި ގަވާއިދުގެ 170 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާ ޔުނިޓުގެ އެންމެ އިސް ވެރިޔާ ނުވަތަ ހިންގުމާ ހަވާލުވެހުރި ފަރާތަކުން، ސިއްރު ހެކިވެރިއެއް ބެލެހެއްޓުމާ ހަވާލުކޮށްފައިވާ އޮފިސަރަށް ފިޔަވައި، އެއްވެސް ފަރާތަކަށް އެ ހެއްކަކާ ގުޅޭ މައުލޫމާތެއް ދޭންވާނީ، ސީދާ އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާގެ ހުއްދަ ލިޔުމުން ހޯދައިގެންނެވެ.

(ރ) މި ގަވާއިދުގެ 170 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޔުނިޓުގައި މަސައްކަތްކުރާ އެއްވެސް މީހަކު ހެއްކަކާ ގުޅޭ އެއްވެސް މައުލޫމާތެއް، ކަމާނުބެހޭ މީހަކަށް ދީގެން ނުވާނެއެވެ. އެ މައުލޫމާތަށް އެދޭ ފަރާތަކީ، ޔުނިޓުގައި މަސައްކަތްކުރާ މީހަކަށް ވުރެ މަތީ ރޭންކެއްގެ ފުލުހެއް ނުވަތަ ދައުލަތުގެ މަގާމެއް އަދާކުރާ އެ ނޫން މީހަކު ނަމަވެސް، އެ ފަރާތުގެ އެދުމަށް އިޖާބަދީގެން ނުވާނެއެވެ. އަދި، މިފަދަ މައުލޫމާތެއް ހޯދުމަށް އެއްވެސް މީހަކު އެއްވެސް ސިފައެއްގައި މުއާމަލާތެއް ހިންގައިފި ނަމަ ނުވަތަ ހިންގަން އުޅެފި ނަމަ، އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއަށް ވަގުތުން އެކަން ރިޕޯޓުކުރަންވާނެއެވެ.

 

67 ވަނަ މާއްދާ - ސިއްރުހެކީގެ މައުލޫމާތު 172.

(ހ) ތަހުގީގު މަރުހަލާގައްޔާއި، ށަރީއަތުގެ މަރުހަލާގައްޔާއި އިސްތިއުނާފުގެ މަރުހަލާގައި ބަދަލުކުރުން ވެސް ސިއްރު ހެކީގެ މައުލޫމާތު ބަދަލުކުރަންވާނީ ސިއްރުކަން ނުގެއްލޭނެ ގޮތެއްގެ މަތީން އަދި ސީދާ އެ މައުލޫމާތު ބަލަން ށަރޫރަތެއް ނެތް މީހެއްގެ އަތަށް އެ މައުލޫމާތު ނުލިބޭނޭ ގޮތެއްގެ މަތީންނެވެ.

(ށ) ސިއްރު ހެކީންގެ މައުލޫމާތު ޕްރޮސިކިއުޓަރުންނަށާއި، ފަނޑިޔާރުންނަށް ރައްކައުތެރިކަމާއެކު ފޯރުކޮށްދެވޭނެ ނިޒާމެއް، ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކުރަންވާނެއެވެ.

(ނ) ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކުރާ ނިޒާމަކީ، އެ ނިޒާމު މެދުވެރިކޮށް ސިއްރު ހެކީންގެ މައުލޫމާތަށް ވަންނަ ހުރިހާ ފަރާތްތަކެއް ލޮގުކުރެވޭނެ ނިޒާމަކަށް ވާންވާނެއެވެ

(ރ) މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ލިޔުންތަކަށް ވަދެފައިވާ ފަރާތްތަކުގެ ލޮގު ހޯދަން ބޭނުންވެއްޖެ ނަމަ، މައްސަލަ ބަލާ ފަނޑިޔާރު ސޮއިކޮށްފައި ހުށަހެޅުމުން، ނުވަތަ ކޯޓު އަމުރެއްގެ ދަށުން އެ ލޮގު ދޫކުރާނީ، ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ހުއްދަ ދިނުމުންނެވެ.

(ބ) މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ލިޔުންތަކަށް ވަދެފައިވާ ފަރާތްތަކުގެ ލޮގު ހޯދަން ބޭނުންވެއްޖެ ނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ސޮއިކޮށްފައި ހުށަހެޅުމުން، އެ ލޮގު ދޫކުރާނީ، ކޮމިށަނަރ އޮފް ޕޮލިސް ލިޔުމުން ހުއްދަ ދިނުމުންނެވެ. 

(ޅ) މި ނިޒާމުން މައްސަލައެއް ބެލުމުގެ ހުއްދަ ދެވޭނީ، ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުގެ މައުލޫމާތު، ކޯޓުގެ ރަޖިސްޓްރާރ މެދުވެރިކޮށް ކޯޓުން ހޯދުމަށްފަހުގައެވެ. މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވެއްޖެނަމަ ނުވަތަ މައްސަލައިގެ ހުކުމަށް ވާސިލުވެވިއްޖެނަމަ، ކޯޓުގެ ރަޖިސްޓްރާރ، ދިވެހި ފުލުހުންގެ ހިދުމަތަށް އެކަން އަންގަންވާނެއެވެ.

(ކ) މި ނިޒާމަށް ވަނުމުގެ ހުއްދަ ދެވޭ ޕްރޮސިކިއުޓަރުންނަކީ އެ މައްސަލައަކާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަވާލުވެ ހުންނަ ޕްރޮސެކިއުޓަރެވެ. ޕްރޮސިކިއުޓަރަކު، ވަކިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އެ މައްސަލެއްގެ ލިޔުންތައް ބެލުމުގެ ބޭނުމެއް ނެތިއްޖެނަމަ، ދިވެހި ފުލުހުންގެ ހިދުމަތަށް، އެކަން އަންގަންވާނެއެވެ.

(އ) ސިއްރު ހެކިންނާ ގުޅޭގޮތުން، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ މެދުގައި ހިންގާ ހުރިހާ މުއާމަލާތަކީ ވެސް ސިއްރު މުއާމަލާތް ކަމުގައި ވާންވާނެއެވެ.

 

68 ވަނަ މާއްދާ - ރައްކައުތެރިކަން ދޭނެ ދަރަޖަ 173.

އެ ހެއްކަކާ ގުޅޭ ގޮތުން ތައްޔާރުކުރާ ރިސްކް އެސެސްމަންޓާއި ތްރެޓް އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތްތަކަކަށް ރައްކައުތެރިކަން ދެވިދާނެއެވެ.

(ހ) ހެކިބަސްދޭ މީހާ ދިރިއުޅޭ ތަން ބަދަލުކުރުން.

(ށ) ހެކިބަސްދޭ މީހާގެ ވަނަވަރު ބަދަލުކުރުން.

(ނ) ހެކިބަސްދޭ މީހާގެ ރައްކައުތެރިކަމަށް ހެކިވެރިޔާ ސަރވައިލްކުރުން.

(ރ) ހެކިބަސްދޭ މީހާ ދިރިއުޅޭ ތަނާއި ވަޒީފާ އަދާކުރާ ތަނުގައި ސަލާމަތީ އާލާތް ހަރުކުރުނ؛

(ޅ) ހެކިބަސްދޭ މީހާއަށް، ހަށިފާރަވެރިން މެދުވެރިކޮށް، ރައްކައުތެރިކަން ދިނުން.

(ކ) ހެކިބަސްދޭ މީހާ މީހުންނާ މުއާސަލާތުކުރުމުގައި، ވަކި އާލާތެއް ބޭނުންކުރުން ނުވަތަ ބޭނުން ނުކުރުން.

(އ) އިދާރާތަކަށް މައްސަލައިގެ ލިޔުންތައް ފޮނުވާއިރު، ހެކިބަސްދޭ މީހާއަކީ ކާކުކަން އެނގޭނެ މައުލޫމާތު ހިމެނޭ ލިޔުންތަކުން އެ މީހާގެ މައުލޫމާތު އުނިކުރުން.

(ވ) ހެކިބަސްދޭ މީހާއަކީ ކާކުކަން ނޭނގޭ ގޮތަށް، ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖެއްސުން.

(މ) މި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ހާލަތާ އެކަށީގެންވާ ރައްކައުތެރި ފިޔަވަޅު އެޅުން.

 

69 ވަނަ މާއްދާ - ތްރެޓް އަދި ރިސްކް އެސެސްމަންޓް 174.

(ހ) މި ގަވާއިދުގެ ދަށުން، ހިމާޔަތް ދިނުމުގެ އެއްވެސް ފިޔަވަޅެއް އެޅޭނީ ހެކިބަސްދޭ މީހާގެ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ތްރެޓް އެސެސްމަންޓަކާއި، އެ ނުރައްކާ ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.

(ށ) ހެކިބަސްދޭ މީހަކަށް ހިމާޔަތް ދޭންޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ތްރެޓް އެސެސްމަންޓަށާއި ރިސްކް އެސެސްމަންޓަށް ބިނާކޮށް، ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުގެ ހުށަހެޅުމަކަށް އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއެވެ. އަދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު ހެކީންނަށް ރައްކައުތެރިކަން ދިނުމަށް އަމުރުކޮށްފި ނަމަ، ރައްކައުތެރިކަން ދޭނެ މިންވަރެއް ކަނޑައަޅާނީ، ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުން ހަދާ އެސެސްމެންޓުގެ މައްޗަށް ބިނާކޮށް، ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުގެ އެންމެ އިސް ވެރިޔާގެ ލަފަޔާއެކު އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއެވެ. 

 

70 ވަނަ މާއްދާ - ސިއްރު ހެކިންގެ ބަޔާން 175.

(ހ) ސިއްރު ހެއްކަކު ތަހުގީގަށް ދޭ ބަޔާނެއްގެ 2 (ދޭއް) ވައްތަރެއް އޮންނަންވާނެއެވެ. އެއީ، އެއްވެސް މިންވަރަކަށް އުނިކޮށްފައިނުވާ ބަޔާނަކާއި، ހެކިބަސްދޭ ފަރާތުގެ ވަނަވަރު ހިމެނޭހެން، ބަޔާނުން ސިއްރު ހެކީގެ ވަނަވަރު ދެނެގަނެވިދާނެ ފަދަ މައުލޫމާތު އުނިކޮށްފައިވާ ބަޔާނެކެވެ.

(ށ) ސިއްރު ހެކިބަސްދޭ ފަރާތުގެ ވަނަވަރު ސިއްރުކުރުމަށް ޓަކައި ސިއްރު ހެކިބަސްދޭ ފަރާތުގެ ވަނަވަރުގެ ބަދަލުގައި ބޭނުންކުރުމަށް ގާއިމްކުރެވޭ ކޯޑް ސިސްޓަމެއް، ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމްކުރަންވާނެއެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުމަށް އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ މައްސަލަތަކުގެ ލިޔުންތަކުގައި ބޭނުންކުރާނީ، ސިއްރު ހެކިބަސްދޭ ފަރާތުގެ ވަނަވަރުގެ ގޮތުގައި ކޯޑު ހިމަނައިފައިވާ ބަޔާނެވެ.

(ނ) ށަރީއަތުގެ މަރުހަލާގައި ބޭނުމަށް ޓަކައި، ސިއްރުހެކީގެ އައިޑެންޓިޓީ ކަށަވަރުކުރުމަށާއި ހެކިބަސްދޭ ފަރާތުން ކޯޓުން ކަށަވަރުކުރަންޖެހޭ ކަންކަން ބެލުމަށް ޓަކައި ފަނޑިޔާރު ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތަކަށް ސިއްރުހެއްކާ މުއާމަލާތްކުރެވޭނެ އިންތިޒާމު ފުލުހުން ހަމަޖައްސަންވާނެއެވެ.

(ރ) ސިއްރު ހެއްކަކު ދޭ ބަޔާނެއް އިތުރު އެއްވެސް މީހަކަށް ފެންނާނެ ފަދަ ގޮތަކަށް ބަހައްޓައިގެން ނުވާނެއެވެ. އަދި ހެކިވެރިޔާ ސޮއިކުރުމުގެ ބޭނުމަށް ފިޔަވައި، އެއްވެސް މިންވަރަކަށް އުނިކޮށްފައިނުވާ ބަޔާން ޕްރިންޓްކޮށްގެން ނުވާނެއެވެ. އަދި މި ބަޔާނަކީ، ފުލުހުންގެ ހިދުމަތުގެ ކޭސް މެނޭޖްމެންޓް ސިސްޓަމުގައި ގާއިމްކުރެވޭ ޕޯޓަލުގައި، މައްސަލަ ތަހުގީގުކުރާ ފަރާތާއި، ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުގެ ކަމާބެހޭ އޮފިސަރުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ޕްރޮސެކިއުޓަރަކާއި ކަމާ ގުޅޭ ކޯޓެއްގެ ފަނޑިޔާރަށް އެކްސެސްވެވޭ ގޮތަށް މަތީ ދަރަޖައަކަށް ރައްކައުތެރިކުރެވިފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 

71 ވަނަ މާއްދާ - ވިޓްނަސް ޕްރޮޓެކްށަން ޕްރޮގްރާމަށް ރުހުން ދިނުން 176.

ވިޓްނަސް ޕްރޮޓެކްށަން ޕްރޮގްރާމުގެ ދަށުން ހެކިބަސްދޭ މީހަކަށް ހިމާޔަތް ދިނުމުގެ ގޮތުން އެ މީހަކު ވަކިގޮތަކަށް އަމަލުކުރަންޖެހޭނެ އެއްވެސް ފިޔަވަޅެއް އެޅޭނީ ހެކިބަސްދޭ މީހާ އެ ފިޔަވަޅަކަށް ލިޔުމުން ރުހުން ދިނުމުންނެވެ.

 

72 ވަނަ މާއްދާ - ރައްކައުތެރިކަން ދިނުމުގެ އެއްބަސްވުން 177.

(ހ) މައްސަލައެއްގައި ހެކިބަސްދޭ މީހަކަށް ނުވަތަ ހެކިބަސްދޭ މީހާގެ އާއިލާ މީހަކަށް ވިޓްނަސް ޕްރޮޓެކްށަން ޕްރޮގްރާމުގެ ދަށުން ހިމާޔަތް ދިނުމަށް ޓަކައި، ވިޓްނަސް ޕްރޮޓެކްށަން ޔުނިޓާއި އެ މީހަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި، ހެކިބަސްދޭ މީހާއަށް ނުވަތަ ހެކިބަސްދޭ މީހާގެ އާއިލާ މީހަކަށް ހިމާޔަތްދިނުމާ ގުޅިގެން ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުގެ ޒިންމާތަކާއި، ހެކިބަސްދޭ މީހާގެ ޒިންމާތަކާއި، ހިމާޔަތް ދިނުމުގެ ފިޔަވަޅުތައް ނިމުމަކަށް އަންނާނެ ހާލަތުތައް ބަޔާންކުރަންވާނެއެވެ.

(ނ) ހިމާޔަތް ލިބިދޭންޖެހޭ މީހާއަކީ 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުއްޖެއް ނަމަ، އެ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު މި މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރަންވާނެއެވެ.

(ރ) ސަލާމަތީ ސަބަބުތަކަށް ޓަކައި، އިގުރާރުގެ ކޮޕީއެއް، ހިމާޔަތް ދެވޭ އެއްވެސް މީހަކާ ހިއްސާއެއް ނުކުރެވޭނެއެވެ.

 

73 ވަނަ މާއްދާ - ހިމާޔަތްދިނުން ނިމުމަކަށް އައުން 178.

(ހ) އަންނަނިވި ހާލަތު މެދުވެރިވުމުން، ހިމާޔަތްދިނުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށް، ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުން، އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއަށް ހުށަހެޅިދާނެއެވެ.

  1. ހިމާޔަތްދިނުން ނިމުމަކަށް ގެނެސްދިނުމަށް ހިމާޔަތް ލިބިދެވޭ މީހާ ލިޔުމުން އެދުން؛
  2. މި ގަވާއިދުގެ 177 ވަނަ މާއްދާގެ ދަށުން ސޮއިކުރެވޭ އިގުރާރުގެ މާއްދާއަކާ ހިމާޔަތް ލިބިދެވޭ މީހާ، ހިލާފުވުން؛
  3. ހިމާޔަތް ދިނުމަށް މުހިންމު ކަމަކާ ގުޅިގެން ހިމާޔަތް ލިބިދެވޭ މީހާ، ފުލުހުންނަށް ސައްހަނޫން މައުލޫމާތު ދިންކަން އެނގުން؛
  4. ވިޓްނަސް ޕްރޮޓެކްށަން ޕްރޮގުރާމުގެ ނަޒާހަތްތެރިކަމަށް ގެއްލުމެއް ލިބިދާނެ އަމަލެއް ހިމާޔަތް ލިބިދީފައިވާ މީހާ ކުރުން ނުވަތަ އެފަދަ އަމަލެއް އެ މީހާ ކޮށްފާނެކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ގަބޫލުކުރެވުން؛
  5. ހިމާޔަތް ލިބިދީފައިވާ މީހާއަށް ހިމާޔަތްދޭން ޖެހުނު ސަބަބު ނެތިދިއުން؛
  6. ހެކިބަސްދޭ މީހާ ހެކިބަސް ދިނުމަށް ދެކޮޅުހެދުން ނުވަތަ ހެކިބަސް ނުދިނުން؛
  7. ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ހިމާޔަތް ލިބިދީފައިވާ މީހާއަށް ހިމާޔަތް ދިނުން ކުރިޔަށްގެންދަންޖެހޭ ސަބަބެއް އޮތްކަމަށް ޔުނިޓުގެ އެންމެ އިސް ވެރިޔާއަށް ނުބެލެވުން.

(ށ) މި މާއްދާގެ ދަށުން ހިމާޔަތްދިނުން ނިމުމަކަށް ގެނައުމަށް ޔުނިޓުގެ އެންމެ އިސް ވެރިޔާގެ ހުށަހެޅުމާ އެއްގޮތަށް އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާ ނިންމައިފި ނަމަ، ހިމާޔަތް ލިބިދީފައިވާ މީހާއަށް ލަސްނުކޮށް ލިޔުމުން އެކަން އަންގަންވާނެއެވެ. އަދި ހިމާޔަތް ދިނުމަށް އަޅައިފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެންނަންވާނީ ހެކިބަސް ދޭ ފަރާތަށް އެކަން އެންގުމަށްފަހުގައެވެ. 

(ނ) ހެކިބަސްދޭ މީހަކަށް ފޯރުކޮށްދޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށްފަހު، އިންވެސްޓިގޭށަން ކޮމާންޑުގެ އެންމެ އިސް ވެރިޔާއަށް ލިޔުމުން އެކަން ސަބަބާއެކު ރިޕޯޓުކުރަން ވާނެއެވެ. މި ލިޔުމުގައި ހެކިބަސްދޭ ފަރާތަށް ހިމާޔަތް ދިނުމުގެ ފިޔަވަޅުތައް އުވައިލުމަށް ނިންމި ނިންމުން އެންގި ތާރީހާއި ފިޔަވަޅުތައް ނިމުމަކަށް ގެނައި ތާރީހު ބަޔާންކުރަންވާނެއެވެ.

 

74 ވަނަ މާއްދާ - ހިމާޔަތާއި ރައްކައުތެރިކަން ދެވޭ މީހުންގެ ދަފުތަރު ބެލެހެއްޓުން 179.

(ހ) ހިމާޔަތާއި ރައްކައުތެރިކަން ދެވޭ މީހުންގެ ދަފުތަރެއް ޔުނިޓުގެ އެންމެ އިސް ވެރިޔާ ބަލަހައްޓަންވާނެއެވެ.

(ށ) ދަފުތަރު ބަލަހައްޓާނީ ރައްކައްތެރި އިލެކްޓްރޯނިކް ނިޒާމެއްގެ ދަށުންނެވެ.

(ނ) މި މާއްދާގެ ދަށުން އެކުލަވައިލެވޭ ދަފުތަރަށް އެކްސެސް ލިބޭނީ ވިޓްނަސް ޕްރޮޓެކްށަން ޔުނިޓުގެ އެންމެ އިސް ވެރިޔާއަށް އެކަންޏެވެ.

(ރ) އިސްތިސްނާ ހާލަތެއްގައި، އެކަމުގެ ބޭނުން ކޮންމެހެން އޮތްކަމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ގަބޫލުކުރެވިއްޖެ ނަމަ، ދަފުތަރަށް އެކްސެސްވުމުގެ ހުއްދަ އެހެން ފަރާތަކަށް ދެވިދާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އެއްވެސް ފަރާތަކަށް ދަފުތަރުގެ އެކްސެސްދޭ ހާލަތެއްގައި އަންނަނިވި މައުލޫމާތު ލިޔުމުން ރިކޯޑުކުރަން ވާނެއެވެ:

  1. އެކްސެސް ދެވުނު މީހާގެ ނަމާއި މަގާމު؛
  2. އެކްސެސް ދިނީ ދަފުތަރުގައި އެކުލެވޭ ކޮން މައުލޫމާތަކަށްކަން؛
  3. އެކްސެސް ދިނީ ކޮން ބޭނުމެއްގައިކަން.

 

75 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 އާއި ޖަދުވަލު 2 އިސްލާހުކޮށް، ޖަދުވަލު 15 ގެ ގޮތުގައި ޖަދުވަލެއް އިތުރުކުރުން.

 

76 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ޖަދުވަލު 1

 

ހައްޔަރުކުރުމަކަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހާއަށް ދޭ ގާނޫނީ އިންޒާރު

"ތިޔަ ފަރާތް މިހާރު ތިޔަ ހުރީ ހައްޔަރުކުރުމަކަށް ނުވާގޮތަށް ސުވާލުކުރުމަށް ޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި. ތިޔަ ފަރާތް ހައްޔަރުކުރުމަށް ނުވާގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ (•) ގާނޫނުގައި ބަޔާންކޮށްފައިވާ (•) ކުރާ ގުޅިގެން. ތިޔަ ފަރާތަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދީ ކުރެވޭ ސުވާލުތަކަށް ޖަވާބުނުދީ ހަނުހުރުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވޭ. ހައްޔަރުކުރުމަކަށް ނުވާގޮތަށް ތިޔަ ފަރާތް ފުލުހުންގެ ބެލުމުގެ ދަށުގައި ބެލެހެއްޓޭނީ ގިނަވެގެން 4 (ހަތަރެއް) ގަޑިއިރު މުއްދަތަށް.

 

ޖަދުވަލު 2

ހައްޔަރުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހާއަށް ދޭ ޤާނޫނީ އިންޒާރު 

ތިޔަ ފަރާތް ހައްޔަރު މި ކުރަނީ (♦) ޤާނޫނުގައި ބަޔާންކޮށްފައިވާ (♦) ކުށުގެ ތުހުމަތުގައި. ތިޔަ ފަރާތަކީ ކާކުކަން އަންގައިދިނުން
ފިޔަވައި އިތުރު މަޢުލޫމާތެއް ނުދީ، ކުރެވޭ ސުވާލުތަކަށް ޖަވާބުނުދީ ހަނުހުރުމުގެ ޙައްޤު ތިޔަ ފަރާތަށް ލިބިގެންވޭ، އެކަމަކު ކުރެވޭ ސުވާލަށް ޖަވާބު ދިނުމަކީ، އެދެވިގެންވާ ކަމެއް. ތިޔަ ފަރާތާ ކުރެވޭ ސުވާލަށް ދޭ ޖަވާބަކީ، ތިޔަ ފަރާތާ ދެކޮޅަށް ކޯޓެއްގައި ބޭނުންކުރެވިދާނެ އެއްޗެއ.ް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ތިޔަ ފަރާތަށް ލިބިގެންވ.ޭ ތިޔަ ފަރާތަކީ ޤާނޫނީ ވަކީލަކު ހަމަޖެއްސޭވަރުގެ މާލީ ތަނަވަސްކަމެއް ނެތް މީހެއްކަމުގައިވާ ނަމަ، އަދި ތިޔަ ފަރާތަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށެއްގައި ކަމުގައިވާ ނަމަ، ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުމުގެ ޙައްޤު ތިޔަ ފަރާތަށް ލިބިގެންވެ.

 

ޖަދުވަލު 15

 

މައި ގަވާއިދު

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1052)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު