-

އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-109)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 އޮކްޓޫބަރު 2025 ގައި)

 

ފުރަތަމަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ، އިސްލާމިކް ފައިނޭންސިންގގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަގުހެޔޮކޮށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޓަކައި އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމާއި އެ ސްކީމުގެ ފަންޑު ގާއިމުކޮށް ހިންގުމުގެ ކަންކަން ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ރ) ގެ ދަށުންނެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމާބެހޭ ގަވާއިދު" އެވެ.

 

 

ދެވަނަ ބާބު

އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމް

 

2 ވަނަ މާއްދާ - އެފޯޑަބަލް ހައުސިންގ ސްކީމް 

އިންކްލޫސިވް ނޭށަނަލް (ހ) ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކުން ބައިވެރިވެގެން ގާއިމުކުރެވޭ "އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމް" މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގާއިމުކުރެވުނީއެވެ.

(ށ) އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމުގެ މައިގަނޑު މަގުސަދަކީ، ގްރޭޓަރ މާލެ ސަރަހައްދުގައި ގެދޮރު ގަތުމަށް ބޭނުންވާ ފައިނޭންސިންގ އަގުހެޔޮކޮށް ލިބޭނެ ގޮތް މަގުފަހިކޮށްދިނުމެވެ.

(ނ) އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމް ހިންގާނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ރ) އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމާއި އެ ސްކީމުގެ ފަންޑު ހިންގާނީ، އެކަމަށް އޮތޯރިޓީން ކަނޑައަޅާ މާލީ އިދާރާއިންނެވެ.

 

3 ވަނަ މާއްދާ - އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ފަންޑު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ފަންޑު ގާއިމުކުރެވުނީއެވެ.

(ށ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން %10 (ދިހަ އިންސައްތަ) އާއި %15 (ފަނަރަ އިންސައްތަ) އާ ދެމެދުގެ އަދަދެއް، ފަންޑަށް ދޫކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފައިސާ އޮތޯރިޓީން އަންގާ ގޮތަށް އަދި އަންގާ ތާރީޚަށް ކޮންމެ ބޭންކަކުން ވެސް ފަންޑަށް ދޫކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - ފަންޑުން ދޫކުރެވޭ ފައިނޭންސިންގ ފެސިލިޓީތައް

(ހ) ފަންޑުން ދޫކުރެވޭނީ، ތިރީގައިވާ (ދޭއް) ބާވަތުގެ ފައިނޭންސިންގ ފެސިލިޓީއެވެ.

  1. ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ: ލީސް އެންޑިންގ ވިތް އޯނަރށިޕް ފެސިލިޓީ
  2. ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީ: އެންޑް-ޔޫޒަރ ފައިނޭންސިންގ ފެސިލިޓީ

(ށ) ފަންޑުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮންމެ ބާވަތެއްގެ ފައިނޭންސިންގ ފެސިލިޓީއަށް ދޫކުރާނެ ފަންޑުގެ މިންވަރު، އޮތޯރިޓީން ކަނޑައަޅާނެއެވެ.

(ނ) އޮތޯރިޓީން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ފަންޑުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީގެ މުއްދަތަކީ މަދުވެގެން 25 (ފަންސަވީސް) އަހަރެވެ. ނަމަވެސް، ފެސިލިޓީ ނަގާ ފަރާތުން މި މުއްދަތަށްވުރެ ކުރު މުއްދަތެއް ހަމަޖައްސަން އެދި ހުށަހަޅައިފައިވާ ނަމަ، އެ މުއްދަތެއް ހަމަޖެއްސިދާނެއެވެ.

 

5 ވަނަ މާއްދާ - ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނެ ކަންކަމާއި އާންމު ށަރުތުތައް

(ހ) ފަންޑުން ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނީ ގެދޮރުވެރިކަމުގެ މިލްކުވެރިކަން ނެތް، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ، އަދި އޮތޯރިޓީން ކަނޑައަޅާ އިތުރު ށަރުތުތައް ފުރިހަމަވާ މީހަކަށެވެ.

(ށ) ފަންޑުން ފައިނޭންސިންގ ފެސިލިޓީ ދޫކުރާނެ ބޯހިޔާވަހިކަމުގެ މަށްރޫއުތަކާއި، ފައިނޭންސިންގ ފެސިލިޓީ ލިބުމަށް ޓަކައި ފުރިހަމަވާންޖެހޭ ށަރުތުތަކާއި ކަންކަން އޮތޯރިޓީން ކަނޑައަޅައި އާންމުކުރާނެއެވެ.

 

6 ވަނަ މާއްދާ - ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ ދޫކުރެވޭނެ ގޮތާއި އެ ފެސިލިޓީގެ އާންމު ށަރުތުތައް

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ ދޫކުރުމަށް އޮތޯރިޓީން ކަނޑައަޅާ ފަންޑުގެ މިންވަރުން، ސްކީމް ހިންގާ އިދާރާއިން، އިމާރާތްކުރާ ފަރާތެއް މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމަށްފަހު، އެ އިމާރާތުގެ ޔުނިޓްތައް ލީސް އެންޑިންގ ވިތް އޯނަރށިޕް އުސޫލުން ދޫކުރެވޭނެއެވެ.

(ށ) ފަންޑުން ދޫކުރާނެ ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީގެ އާންމު ށަރުތުތައް ތިރީގައި މިވަނީއެވެ.

  1. އޮތޯރިޓީން އެހެން މިންވަރެއް ކަނޑަނާޅާހައި ހިނދަކު، ލީސް އެންޑިންގ ވިތް އޯނަރށިޕް ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ، ފެސިލިޓީގެ ޕްރިންސިޕަލްގެ %5 (ފަހެއް އިންސައްތަ) އެވެ.
  2. ސްކީމް ހިންގާ އިދާރާއާއި، ފައިނޭންސިންގ ފެސިލިޓީ ނަގާ ފަރާތާ ދެމެދު ވެވޭ ލީސް އެންޑިންގ ވިތް އޯނަރށިޕް ފެސިލިޓީގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކުލި ދައްކާ ނިމުމުން، އެ ފެސިލިޓީގެ ދަށުން ނަގައިފައިވާ ތަނުގެ މިލްކުވެރިކަން، ފެސިލިޓީ ނެގި ފަރާތުގެ ނަމުގެ މައްޗަށް ބަދަލުކުރެވޭނެއެވެ.

(ނ) ފަންޑުން ދޫކުރާ ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ ނަގާ ފަރާތުން، އެއްވެސް އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

(ރ) ފަންޑުން ދޫކުރާ ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ ނަގާ ފަރާތުން، އެ ފެސިލިޓީއަށް ސެކިއުރިޓީ ޑިޕޮސިޓް، އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތީން ބަހައްޓަން ޖެހިދާނެއެވެ.

 

7 ވަނަ މާއްދާ - ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީގެ އާންމު ށަރުތުތައް

(ހ) ފަންޑުން ދޫކުރާނެ ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީގެ އާންމު ށަރުތުތައް ތިރީގައި މިވަނީއެވެ.

  1. އޮތޯރިޓީން އެހެން މިންވަރެއް ކަނޑަނާޅާހައި ހިނދަކު، ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ ފައިދާގެ މިންވަރަކީ ފެސިލިޓީގެ ޕްރިންސިޕަލްގެ %6 (ހައެއް އިންސައްތަ) އެވެ.
  2. ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީ ނަގާ ފަރާތުން، އިކުއިޓީގެ ގޮތުގައި، އެ ފެސިލިޓީގެ އަދަދުގެ %5 (ފަހެއް އިންސައްތަ) ބަހައްޓަންވާނެއެވެ.

(ށ) ފަންޑުން ދޫކުރާ ޓައިޕްބީ ފައިނޭންސިންގ ފެސިލިޓީއަކުން ގަންނަ ތަނުގެ އިތުރުން އެހެން ރަހުނެއް ނުވަތަ ސެކިއުރިޓީއެއް ފެސިލިޓީ ނަގާ ފަރާތުން ބަހައްޓާކަށް ނުޖެހޭނެއެވެ.

 

 

ތިންވަނަ ބާބު

ސްކީމް ހިންގާ އިދާރާގެ މަސްއޫލިއްޔަތު

 

8 ވަނަ މާއްދާ - ސްކީމް ހިންގާ އިދާރާގެ މަސްއޫލިއްޔަތު، ތިރީގައި މިވަނީއެވެ.

(ހ) އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފަންޑު މެނޭޖްކުރުން.

(ށ) މި ގަވާއިދުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައިވާ ގޮތަށް، އަދި އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާއި ށަރުތުތަކާއި ޕްރޫޑެންށަލް މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް ފަންޑުން ފައިނޭންސިންގ ފެސިލިޓީ ދޫކުރުމާއި ފައިނޭންސިންގ ފެސިލިޓީގެ ރީޕޭމަންޓް ފައިސާ ބަލައިގަތުން.

(ނ) ފަންޑުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީގެ ރީޕޭމަންޓް ނުދައްކާ ފަރާތްތަކުގެ ކިބައިން ފައިސާ ހޯދުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެ ފައިސާ ހޯދުމުގެ މަސައްކަތްކުރުން.

(ރ) ފަންޑުން ދޫކުރާ ފައިނޭންސިންގ ފެސިލިޓީން ލިބޭ ފައިދާ ބޭންކުތަކަށް ދިނުން.

(ބ) ފަންޑަށް ބޭންކުތަކުން ޖަމާކުރި އަދަދާއި، ފަންޑުން ދޫކުރެވުނު ފައިނޭންސިންގ ފެސިލިޓީގެ ރިކޯޑުތަކާއި އެކައުންޓްތައް ހިމެނޭ ގޮތުން، އެކަށީގެންވާ ގޮތަށް ފަންޑުގެ އެކައުންޓްތަކާއި ރިކޯޑުތައް ބެލެހެއްޓުން.

 

9 ވަނަ މާއްދާ - މައުލޫމާތު ހުށަހެޅުން

ސްކީމް ހިންގާ އިދާރާއިން، އޮތޯރިޓީން އަންގާ ގޮތެއްގެ މަތީން، އޮތޯރިޓީން އެދޭ ތަފުސީލާއެކު އަދި އޮތޯރިޓީން އަންގާ ވަގުތަށް އޮތޯރިޓީން އެދޭ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.

 

10 ވަނަ މާއްދާ - މާލީ ހިސާބުތައް އަދި އޮޑިޓްކުރުން

(ހ) ކޮންމެ މީލާދީ އަހަރެއް ނިމުމުން ފަންޑުގެ އެ އަހަރެއްގެ އަހަރީ މާލީ ހިސާބުތައް، ސްކީމް ހިންގާ އިދާރާއިން، ތައްޔާރުކޮށް، ފަންޑުތައް އޮޑިޓްކުރުމުގެ ރޮނގުން ތަޖުރިބާ ލިބިފައިވާ އަދި ގާބިލް އެކްސްޓަރނަލް އޮޑިޓަރެއް ލައްވައި އޮޑިޓްކުރުވަންވާނެއެވެ.

(ށ) ފަންޑުގެ މާލީ ހިސާބުތައް ތައްޔާރުކުރަންވާނީ އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.

(ނ) ކޮންމެ މީލާދީ އަހަރެއް ނިމޭތާ 4 (ހަތަރު) މަސްދުވަހުގެ ތެރޭގައި، ފަންޑުގެ އެ އަހަރެއްގެ އޮޑިޓްކޮށްފައިވާ އަހަރީ މާލީ ހިސާބުތަކާއި އޮޑިޓް ރިޕޯޓް، ހުރިހާ ބޭންކުތަކަށާއި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

އެހެނިހެން

 

11 ވަނަ މާއްދާ - ބޭންކުތަކާއި ސްކީމް ހިންގާ އިދާރާއަށް ދެވޭ އިނާޔަތް

ބޭންކުތަކާއި ސްކީމް ހިންގާ އިދާރާއަށް، އޮތޯރިޓީން ކަނޑައަޅާ އިނާޔަތްތަކެއް ދެވޭނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ މިޔަވަޅު

އެއްވެސް ބޭންކަކުން ނުވަތަ ސްކީމް ހިންގާ އިދާރާއިން، މި ގަވާއިދާ ނުވަތަ އޮތޯރިޓީން އަންގާ އެންގުމަކާ ޚިލާފުވެއްޖެ ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 40 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ:

(ހ) "ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.

(ށ) "އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމް" ނުވަތަ "ސްކީމް" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްކީމަށެވެ.

(ނ) "އިންކްލޫސިވް ނޭށަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ފަންޑު" ނުވަތަ "ފަންޑު" ކަމަށް ބަޔާންކޮށްފައި އެވަނީ، މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ގާއިމުކުރެވޭ ފަންޑަށެވެ.

(ރ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981)  ގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ" އަށެވެ.

(ބ) "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އަށެވެ.

(ޅ) "ސްކީމް ހިންގާ އިދާރާ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން އޮތޯރިޓީން ކަނޑައަޅާ އިދާރާއަށެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

 

މައި ގާނޫނު

މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު