ޓޫރިޒަމް ޓްރަސްޓް ފަންޑާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2025-76)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 އޮގަސްޓު 2025 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 4-45 ވަނަ މާއްދާ ގެ ދަށުން އުފެދިފައިވާ "ޓޫރިޒަމް ޓްރަސްޓް ފަންޑު" އާ ގުޅޭގޮތުން އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޓޫރިޒަމް ޓްރަސްޓް ފަންޑާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދު އެކުލަވައިލުމުގެ މަގުސަދު، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން، ދިވެހިރާއްޖޭގެ ޓޫރިޒަމަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ، އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
(ށ) ޓޫރިޒަމާއި ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށާއި، ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން.
(ނ) ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓްކުރުން.
(ރ) ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން އިންވެސްޓްކުރުން.
3 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭ ފައިސާ
ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ އަންނަނިވި މާލީ މަންފާތަކުގެ މައްޗަށެވެ.
(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ވިޔަފާރިތަކުންނާއި އެހެނިހެން ފަރާތްތަކުން ލިބޭ ސްޕޮންސަރށިޕް ފައިސާއާއި އެނޫންވެސް ފައިސާ.
(ށ) ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން، ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާ.
(ނ) ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ.
(ރ) އާންމުކޮށް އިއުލާނުކޮށްގެން ހުޅުވައިލާ ބިޑްތަކުގައި ޓްރެއިނިންގއަށް ނަގާ ފައިސާ.
4 ވަނަ މާއްދާ - ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގުން
(ހ) ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ، ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، އަދި މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިސްޓްރީންނެވެ.
(ށ) ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގަންވާނީ، ޓޫރިޒަމާބެހޭ ގާނޫނާއި، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގަންވާނީ އެހެނިހެން ފަންޑުތަކާ ވަކީންނެވެ.
5 ވަނަ މާއްދާ - ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީ
ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގުމަށް ޓަކައި، އަންނަނިވި ފަދައިން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.
(ހ) ކޮމިޓީގައި ހިމެނޭނީ، މިނިސްޓަރު ކަނޑައަޅައި އައްޔަނުކުރާ، ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތައް ތަމްސީލުކުރާ 7 (ހަތެއް) މެންބަރުންނެވެ.
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް؛
- ފަތުރުވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ؛
- މާލީ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ؛
- އިގްތިސާދީ ތަރައްގީއާއި ވިޔަފާރީގެ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ؛
- ބަންޑާރަ ނައިބުގެ އޮފީސް؛
- އިމާރާތްކުރުމާއި ބިނާރާބެހޭ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާ؛
- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ.
(ށ) ކޮމިޓީގެ ޗެއަރޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނީ، ފަތުރުވެރިކަމާ އެ އިރެއްގައި ހަވާލުވެ ހުންނަ މިނިސްޓަރެކެވެ.
(ނ) ކޮމިޓީގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި މިނިސްޓްރީގެ ފަރާތުން ސެކްރެޓޭރިއަޓެއް ބަހައްޓަންވާނެއެވެ.
(ރ) ކޮމިޓީއަށް އައްޔަނުކުރާ ފަރާތްތަކަކީ، އެ ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންނީ ހުނަރާއި މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ، ޒިންމާދާރުކަމާއެކު ކަންކަން ނިންމުމުގެ ގާބިލުކަން ހުރި ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.
(ބ) ކޮމިޓީއަށް މެންބަރުން އައްޔަނުކުރެވޭނީ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
6 ވަނަ މާއްދާ - ކޮމިޓީގެ މެންބަރުކަމުން ވަކިވުން
ކޮމިޓީގެ މެންބަރަކު ވަކިވެއްޖެކަމަށް ބަލާނީ، އަންނަނިވި ހާލަތްތަކުގައެވެ.
(ހ) ކޮމެޓީ މެންބަރަކު އައްޔަނުކުރެވުނު ދައުރު ހަމަވުން.
(ށ) ކޮމިޓީގެ މެންބަރަކު މެންބަރުކަމުން ވަކިވުމަށް އެދި 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، އެ މެންބަރަކު ތަމްސީލުކުރާ ވުޒާރާ މެދުވެރިކޮށް މިނިސްޓަރަށް ލިޔުމުން އެންގުމަށްފަހު، މެންބަރުކަމުން ވަކިވުން.
(ނ) ކޮމީޓީއަށް އައްޔަނުކޮށްފައިވާ މެންބަރަކު ތަމްސީލުކުރާ ވުޒާރާއަކުން، އެ މެންބަރަކު ވަކިކޮށްދިނުމަށް އެދި ހުށަހެޅުމުން، މިނިސްޓަރަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން މެންބަރުކަމުން ވަކިކުރުން.
(ރ) މިނިސްޓަރަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން، ކޮމިޓީއަށް އައްޔަނުކޮށްފައިވާ މެންބަރު، މެންބަރުކަމުން ވަކިކުރުން.
7 ވަނަ މާއްދާ - މެންބަރުގެ ދައުރު ހަމަވުން ނުވަތަ ވަކިވުން
މެންބަރުގެ ދައުރު ހަމަވުމުން ނުވަތަ ކޮމިޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މެންބަރުގެ ބަދަލުގައި އެހެން މެންބަރަކު އައްޔަނުކުރަންވާނެއެވެ.
8 ވަނަ މާއްދާ - ކޮމިޓީގެ މަސްއޫލިއްޔަތު
ކޮމިޓީގެ މަސްއޫލިއްޔަތުތައ،ް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ޓޫރިޒަމް ޓްރަސްޓް ފަންޑު" މެދުވެރިކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއެކު، އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަދި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުން.
(ށ) މި ގަވާއިދުގައިވާ ގޮތަށް "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާކަން ކަށަވަރުކުރުމާއެކު، "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ގޮތުގައި ސަރުކާރަށް ލިބޭ ނުވަތަ ލިބޭނެކަމަށް ލަފާކުރެވޭ ފައިސާ ހަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި އެ ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމުން.
(ނ) ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވަކި އުސޫލެއް އެކުލަވައިލަންޖެހޭ ހާލަތްތަކުގައި އެފަދަ އުސޫލުތައް އެކުލަވައިލުމުގެ އިހުތިޔާރު، ކޮމިޓީއަށް ލިބިގެންވުން.
(ރ) ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކަންކަމަށް ހުއްދަ ދިނުމުގެ ކުރިން، ހުށަހަޅައިފައިވާ ހުށަހެޅުމަކީ މި ގަވާއިދާ އެއްގޮތަށް ހުށަހަޅައިފައިވާ ކަމެއްތޯއާއި، ގަވާއިދުގެ ދަށުން ހުއްދަ ދެވޭނެ ކަމެއްތޯ ކޮމިޓީން ބަލައި ޗެކުކުރުން.
(ބ) ކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކަންތައްތަކަށް ހުއްދަ ދެވޭނީ، ކޮމިޓީން ހުއްދަ ދިނުމަށް ކަނޑައަޅައިފައިވާ މިންވަރަށް ފެތޭތޯ ބެލުމަށްފަހު، ކޮމެޓީގެ އަގުލަބިއްޔަތުން އެ ކަމެއް ފާސްވުމުން.
9 ވަނަ މާއްދާ - ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރުން
ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރެވޭ ފައިސާ ހަރަދުކުރަންވާނީ އަންނަނިވި ކަންކަމަށެވެ.
(ހ) ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ހިންގާ ހަރަކާތްތަކަށް.
(ށ) ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށް ޓަކައި އިންވެސްޓްކުރުމަށް.
(ނ) ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ތައުލީމާއި ތަމްރީނު ޕުރޮގުރާމުތައް ހިންގުމަށް.
(ރ) އާންމު އިޖުތިމާއީ ފައިދާ ލިބިދެނިވި ހަރަކާތްތައް ހިންގުމަށް.
(ބ) ޓޫރިޒަމް ޓްރަސްޓް ފަންޑު ބޭނުންކުރެވޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން.
10 ވަނަ މާއްދާ - ފަންޑުގެ ފައިސާ އިންވެސްޓްކުރުން
(ހ) ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މަގުސަދުތައް ހާސިލުކުރުމަށް ޓަކައި ފަންޑުން ކުރާ ހޭދައިގެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި، ފަންޑުގައިވާ ފައިސާ، މި ގަވާއިދާ އެއްގޮތަށް އިންވެސްޓު ކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގުސަދަށް ފަންޑުގައިވާ ފައިސާ އިންވެސްޓްކުރާނެ މިންވަރާއި، އިންވެސްޓްކުރާނެ ދާއިރާތަކާއި، ކަމާ ގުޅޭ އުސޫލުތައް ކަނޑައަޅާނީ، ފަންޑުގެ ހިންގާ ކޮމެޓީންނެވެ.
(ނ) ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ އިންވެސްޓްކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ބަޔާންކުރާ، ފަންޑުގެ "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް" ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން އެކުލަވައިލަންވާނެއެވެ.
11 ވަނަ މާއްދާ - ފަންޑު އޮޑިޓްކުރުމާއި ފަންޑު ހިންގި ގޮތުގެ ރިޕޯޓުކުރުން
(ހ) މީލާދީ ކޮންމެ އަހަރެއް ނިމުމުން، އެ އަހަރަކު ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އޮޑިޓަރ ޖެނެރަލަށާއި، މާލީ ކަންކަމުގެ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާއަށް، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓާއި މާލީ ހިސާބުު، އޮޑިޓަރ ޖެނެރަލަށް ހުށަހަޅާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑު، އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
12 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ޓޫރިޒަމާބެހޭ މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(ށ) "ޓޫރިޒަމާބެހޭ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށެވެ.
(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރަށެވެ.
13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު