-

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު - ކަމަދޫ

(ގަވާއިދު ނަންބަރު 2025-69)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 6 ޖުލައި 2025 ގައި)

(މި ގަވާއިދުގެ 29 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-284 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތަޢާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާޔާއެކު ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނީ، ބ. ކަމަދޫގެ ބަނދަރާއި، އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު - ބ. ކަމަދޫ" އެވެ.

 

2 ވަނަ މާއްދާބަނދަރު ބެލެހެއްޓުން

(ހ) ބަނދަރު ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

(ށ) ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މި ގަވާއިދުގެ ދަށުން ނަގަންޖެހޭ ފީ ނެގުމުގެ މަސައްކަތް ކުރާނީ ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި މުދާ ބޭލުމުގެ ސަރަހައްދުތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

3 ވަނަ މާއްދާ - އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަހައްދުތައް

(ހ) ބަނދަރުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ޚާއްޞަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް، ކައުންސިލުން ކަނޑައަޅައި އާންމުކޮށް ފެންނާނޭހެން ބޯޑު ހަރުކޮށްފައި ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބެހެއްޓޭ ބޯޑުތަކާ ޚިލާފަށް އަޅައިފައި ހުންނަ އުޅަނދުފަހަރު ނެގުމަށް ކައުންސިލުން އެންގުމުން، އެ އުޅަނދެއް ނަގަންވާނެއެވެ.

 

4 ވަނަ މާއްދާ - ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު، މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް ނުވަތަ އެ ނޫންވެސް ބޭނުމަކަށް ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށް ވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް، ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުން ނުވަތަ ކައުންސިލުން ކަނޑައަޅާ ބަނދަރު ބަލަހައްޓާ މުވައްޒަފުގެ ހުއްދަޔާއި އިރުޝާދު ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 22 (ބާވީސް) މީޓަރާއި 36 (ތިރީސް ހައެއް) މީޓަރާ ދެމެދުގެ އުޅަނދު، ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރަށެވެ. 

(ރ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 37 (ތިރީސްހަތެއް) މީޓަރަށް ވުރެ ދިގު އުޅަނދު، ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 96 (ނުވަދިހަހައެއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށް ވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ.

(1) 3 (ތިނެއް) މީޓަރާއި 21 (އެކާވީސް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 3 (ތިނެއް) ރުފިޔާގެ މަގުންނެވެ.

(2) 22 (ބާވީސް) މީޓަރާއި 36 (ތިރީސްހައެއް) މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 5 (ފަހެއް) ރުފިޔާގެ މަގުންނެވެ.

(3) 37 (ތިރީސްހަތެއް) މީޓަރަށް ވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 7/50- (ހަތެއް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާ ނަމަ ބާއްވަންވާނީ ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިއާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިއާއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ޚާއްޞަ ސަރަހައްދެއްގައެވެ. ތެލާއި ގޭސް ފިޔަވައި، އެހެނިހެން ތަކެތި ބާލަންވާނީ އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން، އެންމެ ލަސްވެގެން (5) ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދުން ބޭލުމަށްފަހު ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ޅ) މި މާއްދާގެ (ބ) އާ ޚިލާފަށް، 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރުވާ ގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލައިފައިވާ ތަކެތިކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ.

 

5 ވަނަ މާޢްދާ - ބަނދަރު ސާފުކުރުން

(ހ) ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

(ށ) މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތި އެ މަސައްކަތް ނިމުމުން، އެންމެ ގިނަވެގެން (5) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތް ކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހިގެން ނުވަތަ މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ، ތޮށިގަނޑަށް ގެއްލުން ވެއްޖެ ނަމަ އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ޒިންމާވާން ޖެހޭނެއެވެ. އަދި ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ބަލައި އެ ތަނެއް މަރާމާތުކުރުމަށް އަންގައިފި ނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން، ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި މަރާމާތު ކުރަންވާނެއެވެ. މަރާމާތުތަކަށް ދާ ޚަރަދަށް ޒިންމާވާނީ އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުންނެވެ.

 

7 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ތޮށިގަނޑަށް ލިބުނު ގެއްލުމަށް ޒިންމާވުމަށް ނުވަތަ ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އެކަމަށް ހިނގި ޚަރަދު ހޯދުމަށް އެދި ހުށަހެޅުމުން ޚަރަދު ނުދީފި ނަމަ ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ.

 

8 ވަނަ މާއްދާ - އެއްގަމަށް ވައު އެޅުމާއި ލޮތާރިލުން

(ހ) އުޅަނދުތަކުގެ ވައު އައްސަންވާނީ ކައުންސިލުގެ ފަރާތުން ބަނދަރުގައި، ވައު އެޅުމަށް ނުވަތަ ވައު އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް ލައިގެން ނުވާނެއެވެ.

 

9 ވަނަ މާއްދާ - ބަނދަރު ވަކި ފަރާތަކަށް ޚާއްޞަވުން

(ހ) ބަނދަރުގެ ޚިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ޚިދުމަތަކަށްވުމުން މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ބަނދަރުން ކަނޑައަޅައިފައިވާ ބަނދަރު ސަރަހައްދުގެ ވަކި ދިމާއެއް، ވަކި އުޅަނދަކަށް ޚާއްޞަކޮށްފައެއް ނުބޭއްވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިއާޔަތްކޮށްފައި، ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ޚާއްޞަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި ފައްތިޔާ ބޭއްވުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން ވަކި ސަރަހައްދެއް އެ ވަކި އުޅަނދަކަށް ޚާއްޞަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިން، ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ކައުންސިލުން ކަށަވަރުކުރަން ވާނެއެވެ.

(ނ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގައި ޚާއްޞަކުރާ ސަރަހައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތް ކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެ ނޫން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - ފަޅުތެރޭގައި ވައު އެޅުން:

ފަޅުތެރޭގައި ވައު އެޅުމާއި ލޮތާރި ލުން ފަދަ ކަންތައްތައް ކުރަންވާނީ ވައު އެޅުމާއި ލޮތާރި ލުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތެއްގެ މަތީންނެވެ.

 

11 ވަނަ މާއްދާ - ރަސްމީ ސިޑި ސަރަހައްދު:

(ހ) ރަސްމީ ސިޑި ބޭނުންހިފުމަށް ދަތިވާގޮތަށް ސިޑި ކައިރީގައި އެއްވެސް އުޅަނދެއް އަޅައިފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ކައުންސިލުން ހުއްދަދޭ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދު ރަސްމީ ފާލަމަށް ކައިރިކޮށް ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށިތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - ބަނދަރު ތެރޭގައި މަސްކިރުން

(ހ) ބަނދަރުތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން ކައުންސިލަށް ހުށަހަޅައިގެން ލިއުމުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ. އަދި މިކަން ކުރެވޭނީ މަސްއަރުވައި ބާލަން ކަނޑައަޅައިފައިވާ ސަރަހައްދުގައެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސް، ކުންޏާއި މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި ބަނދަރުތެރެއަށް އެޅުމަކީ މަނާކަމެކެވެ.

 

13 ވަނަ މާއްދާ - ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ބަނދަރަށް ވަދެނުކުމެ ހަދަންވާނީ، އެވަގުތަކު ބަނދަރުގައި ހާޒިރުވެ ހުންނަ ކައުންސިލުގެ މުވައްޒަފަކު ނުވަތަ ކައުންސިލުން ބަނދަރުބެލެހެއްޓުމަށް ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށްފަހު، އުޅަނދު ނެރުން ނުކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ހެދުމެއްގައެވެ.

(ނ) ޞިއްޙީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިއަކު ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރަކީ މި މާއްދާގައި ބަޔާންކުރާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއްކަމުގައެއް ނުބެލެވޭނެއެވެ.

 

14 ވަނަ މާއްދާ - ޚާއްޞަ ހާލަތެއްގައި އުޅަނދު އަޅައިފައިވާ ސަރަހައްދުން ނެގުން

(ހ) ޚާއްޞަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން އުޅަނދެއް އޮތްތަނުން ނަގަން ބޭނުންވެއްޖެ ނަމަ، އެ އުޅަނދެއް ނަގަންޖެހޭ ޚާއްޞަ ހާލަތް ބަޔާންކޮށް، އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް ލިޔުމަކުން އެކަން އަންގަންވާނެއެވެ.

އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކާ ހަވާލުކުރުމުން ނުވަތަ އެއިން މީހަކު ނެތް ނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުން، ފަޅުވެރިޔަކުވެސް ނެތް ނަމަ ނުވަތަ އެ ލިޔުމާ ހަވާލުވުމަށް އުޒުރުވެރިވާ ނަމަ، އެ އުޅަނދުގައި އެ ލިޔުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީ ކަމަށް ބަލަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށް ޓަކައި އަންނަނިވި ކަންތައްތަކަކީ، ޚާއްޞަ ހާލަތުތައްކަމުގައި ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަން ޖެހުން.
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން.
  3. ބަނދަރުތެރެ ސާފުކުރުމަށް ރާވައިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން.
  4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އިމަރޖެންސީ ހާލަތެއް މެދުވެރިވެގެން އުޅަނދު އޮތްތަނުން ނަގަންޖެހިއްޖެ ހިނދެއްގައި ދުރާލައި އެންގުމަކާ ނުލައި، ކައުންސިލަށް އެކަން ކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. އަދި މި އުޅަނދު ނެގުމަށްފަހު އުޅަނދު ނެގިކަން އެ ވެރިފަރާތަށް ނުވަތަ އޮޕަރޭޓްކުރާ ފަރާތަށް ވީ އެންމެ އަވަހަކަށް ލިޔުމުން އަންގަންވާނެއެވެ.

 

15 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުން ފަދަ ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި، ދަތުރުނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑު ކައިރީގައި ބޭއްވޭނީ ކައުންސިލުގެ ހުއްދަޔާއެކު 5 (ފަހެއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް، 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަ ނުވިކަމުގައި ވިޔަސް، 5 (ފަހެއް) ގަޑިއިރަށް ވުރެ އިތުރުވާ ވަގުތަށް، ފީ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިއުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އެ އުޅަނދަށް ހުއްދަދިނުމާމެދު ގޮތެއް ނިންމައިފައި، ހުއްދައަށް އެދުނު ފަރާތަށް އެކަން އަންގަންވާނެއެވެ.

 

16 ވަނަ މާއްދާ - ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނިއެޅުން

(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން، ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުންޏާއި އެފަދަ އެހެން ތަކެތި އެޅުމާއި ޑަސްބިން ދޮވުމާއި މަހުގެ އުކައިލެވޭ ބައިތަކާއި، ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ޙާޖަތް ކުރުމަކީ ވެސް މަނާކަމެކެވެ.

(ށ) އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއެކު ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު، ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

 

17 ވަނަ މާޢްދާ - ބަނދަރު ސަރަހައްދުގައި މަސްކެނޑުން

(ހ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި މި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި މަސް ކެނޑުމާއި، މަސް ވިއްކުމަކީ މަނާކަމެކެވެ.

(ށ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަނަށް މަސް ގެންދިއުމުގައި ނުވަތަ މަސް އުފުލުމުގައި، ބަނދަރުގެ އެއްގަމުތޮށްޓާއި ބަނދަރު ސަރަހައްދުގައި އަޅައިފައިވާ ގާތަށް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެ ހަޑިވި ތަނެއް ސާފުކުރުމަކީ، އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

 

18 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން

(ހ) ބަނދަރުތެރޭގައްޔާއި، ބަނދަރު ސަރަހައްދުގައި އެން ކޮށްޓާއި ދިރޭމަސް، ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައްޔާއި އޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީގޮތުން ގެންގުޅުމަކަށް، މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މި ގޮތަށް މަސް ގެންގުޅެންވާނީ، އެހެން ފަރާތްތަކަށް އުނދަގޫނުވާނޭ ގޮތަށެވެ.

 

19 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެ ނަމަ ނުވަތަ އުޅަނދެއް އަޑިއަށް ހިނގައްޖެ ނަމަ ގިނަވެގެން 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި އެ އުޅަނދެއް ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ 5 (ފަހެއް) ދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދެއްގެ އޮޕަރޭޓަރަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތް ނޭނގޭ ނަމަ، އެ ފަރާތެއް ހޯދުމަށް ޓަކައި އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިޢުލާނުކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ޚަބަރެއް ނުވެއްޖެ ނަމަ، ނުވަތަ އެ ފަރާތް އެނގިގެން މި މާއްދާގެ (ހ) ގައިވާ އެންގުން އެ ފަރާތަށް އެންގުމަށްފަހު ވެސް އެ އުޅަނދު އޮތް ސަރަހައްދުން ނުނަގައިފި ނަމަ، ބަނދަރު ސަރަހައްދުން އެ އުޅަނދެއް ނަގައި، ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލުން ނަގާ އުޅަނދުތައް ނެގުމަށާއި އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިޢުލާނުކުރުމަށާއި، އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ޚަރަދާއި އެ އުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކާއޮތް ނަމަ، އަދި ޖޫރިމަނާއެއް ކުރެވި އެ ފައިސާ ނުދައްކާ އޮތް ނަމަ އެ ކަންކަމުގެ ފައިސާ ދައްކައި ޚަލާޞްކޮށް ފައިސާ ދެއްކިކަމުގެ ލިޔުމާއި އެ އުޅަނދާބެހޭ ރަސްމީ ލިޔުންތައް ހުށަހެޅުމުން އުޅަނދުގެ ވެރިފަރާތާ އެ އުޅަނދެއް ހަވާލުކުރަންވާނެއެވެ.

(ރ) އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން، ދެން އުޅަނދު ދޫކުރެވޭނީ މި މާއްދާގެ (ނ) ގައިވާ ފީއާއި ޖޫރިމަނާގެ ފައިސާއާއި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75/- (ހަތްދިހަފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ވުރެ އިތުރުވެއްޖެ ނަމަ، އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ކަންތައް ކުރާނީ، އާންމުކޮށް އިޢުލާނުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ނައްތައިލެވޭ އުޅަނދުތަކަށް، ޖޫރިމަނާއާއި ފީގެ ގޮތުގައި ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ނަމަ، އެ ފައިސާއެއް އެ އުޅަނދުގެ ވެރިފަރާތުގެ ކިބައިން ހޯދުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

20 ވަނަ މާޢްދާ - މި ގަވާއިދުގެ ދަށުން ފަޅުތެރެއިން ނަގާ އުޅަނދުތައް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން ތިރީގައިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ.

  1. އުޅަނދު އޮތް ތަނުން ނެގުމުގެ ކުރިން ފޮޓޯ ނަގަންވާނެއެވެ ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.
  2. އުޅަނދު ނެގުމުގެ ކުރިން އުޅަނދު އޮތް ހާލަތު ބަޔާންކޮށްފައިވާ ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި، ކައުންސިލްގައި ނުހިމެނޭ އިތުރު 2 (ދޭއް) މީހަކު ހެކީންގެ ގޮތުގައި ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި، ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެ އެހީތެރިކަން ހޯދިދާނެއެވެ.

 

21 ވަނަ މާޢްދާ - ބަނދަރުގެ ސަރަހައްދުގެ ފަޅުތެރެއަށް މޫދަށް އެރުން

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެންޖެހިގެން މެނުވީ އާންމުކޮށް މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، އެކަން ތަކުރާރުކޮށްފި ނަމަ، އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 (ފަސްސަތޭކަ) ރުފިޔާއިން ޖުރިމަނާކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން، ކައުންސިލަށް ލިބިގެންވެއެވެ.

 

22 ވަނަ މާޢްދާ - ފަޅުތެރޭގައި އުޅަނދު ދުއްވަންޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވެވޭވަރުގެ ރައްކައުތެރި ސްޕީޑެއްގައެވެ.

 

23 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

(ހ) ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތުކުރަންވާނީ، ކައުންސިލުގެ އިދާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާ ސަބަބާއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެ މަސައްކަތެއް ކުރުމުގެ ހުއްދަ ލިޔުމަކުން ލަސްނުކޮށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މަރާމާތަށް ހުއްދަ ދެވޭނީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ނިމޭވަރުގެ ކުދި މަރާމާތަށެވެ.

(ނ) މަރާމާތުގެ ތެރޭގައި ފައިބަރު ކުރުމާއި، ވަޑާމުގެ ބޮޑެތި މަސައްކަތް ކުރުމަށް ހުއްދައެއް ނުދެވޭނެއެވެ.

(ރ) ހުއްދައަށް އެދޭއިރު ޑިޕޮސިޓް ގޮތުގައި 500 (ފަސްސަތޭކަ) ރުފިޔާ ކައުންސިލަށް ދައްކަން ޖެހޭނެއެވެ. މި ފައިސާ އުޅަނދު މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، ސަރަހައްދު ބިން ސާފުކޮށް، ކަރަންޓާއި ފެނާއި، ބިލުކުރަންޖެހޭ ފައިސާއެއް ދެއްކުމަށްފަހު އަނބުރާ ލިބޭނެއެވެ.

(ބ) މަރާމާތުކުރުމަށް އެދޭއިރު ހޭދަވާ މުއްދަތަށް ދައްކަންޖެހޭ ފީއެއް ދައްކަންވާނެއެވެ.

(ޅ) ހުއްދަ ދެވޭނީ ދުވާލަކަށް 50 (ފަންސާސް) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

(ކ) 5 (ފަހެއް) ދުވަހުން ނުނިމޭނަމަ ބަނދަރުގައި ބާއްވައިގެން ވަޑާންކުރުން ފަދަ މަރާމާތެއް ކުރާކަށް ހުއްދައެއް ނުދެވޭނެއެވެ. އިންޖީނު މަރާމާތުކުރުން ފަދަ ކަންކަމުގައި 5 (ފަހެއް) ދުވަހަށް ވުރެ އިތުރަށް ހުއްދަ ދެވޭނީ ހުއްދައަށް އަލުން އެދުމުންނެވެ.

 

24 ވަނަ މާއްދާ - ސަބަބެއްނެތި ބަނދަރުގައި އަޅައިފައި ބާއްވާ އުޅަނދުތައް

(ހ) އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅައިފައި ބޭނުންނުކޮށް ބޭއްވޭނީ އެންމެ ގިނަވެގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ކައުންސިލަށް ލިޔުމަކުން ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތީން އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައިފައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ޚިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށް ވެސް ފީ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

 

25 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިޢުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

26 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެއް ނުކޮށްފި ނަމަ، ނުވަތަ މި ގަވާއިދުގެ ދަށުން ކުރުން މަނާކަމެއް ކޮށްފި ނަމަ، އެ ފަރާތަކާމެދު ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ޚިލާފުވި ފުރަތަމަ ފަހަރު ނަމަ، ނަސޭހަތްދިނުން؛
  2. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  4. ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  5. ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވޭނީ އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައި، ކުށުގެ ހާދިސާ ދިރާސާކުރުމަށް ފަހުގައެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

27 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ. އަދި މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފްސީރުކުރުމުގައި މީހުންނާއި ފަރާތްތަކުގެ މާނައިގައި ކުންފުނި، ގްރޫޕް، އޮފީސް، ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް ގިނަމީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަށެވެ.

(ށ) "މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ހުސް ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށް އެރި އުޅުންފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލްގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކު ނުހިމެނެއެވެ.

(ނ) "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ރ) "ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ބ) "އާންމު އިޖުތިމާޢީ މިންގަނޑަށް ފެތޭ ހެދުމެއް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައިއުޅޭ ހެދުމަށް ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.

(ޅ) "އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ އެ އުޅަނދެއް ދުއްވާ ފަރާތާއި އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.

 

28 ވަނަ މާއްދާ - ޢަމަލުކުރަން ފަށާ ތާރީޚު

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ކައުންސިލުގެ އިދާރާއިން، ބަނދަރުގެ ސަރަހައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.

 

29 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2014-284 (ބ. ކަމަދޫ ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު) އުވުނީއެވެ.

 

އުވުނު ގަވާއިދު

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު - ކަމަދޫ (ގަވާއިދު ނަންބަރު 2014-284)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު