gaanoon_logo
-

އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާ ގެ ހާއްސަ ކޮމިށަނު ގެ ހިންގާ ގަވާއިދު 

(ގަވާއިދު ނަންބަރު 2025-57)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 މޭ 2025 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިށަން ހިންގުމަށް، ގާނޫނު ނަންބަރު 2019-04 (ރިޔާސީ ކޮމިށަންތަކުގެ ގާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކުލަވައިލައިފައިވާ އެ ކޮމިށަނުގެ ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިށަނުގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކޮމިށަނުގެ މަސައްކަތް ތަރުތީބުކުރުމާއި، ހިންގާނެ ގޮތް ބަޔާންކުރުން.

(ށ) ކޮމިށަނުގެ ބައްދަލުވުން ތައް ހިންގާނެ ގޮތް ބަޔާންކުރުން.

(ނ) ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކުރުން.

(ރ) ކޮމިށަނުން ކުރާ ތަހުގީގުތަކުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުން.

 

3 ވަނަ މާްދާ - ގަވާއިދުގެ ދާއިރާ

މި ގަވާއިދު ހިނގާނީ ކޮމިށަނުގެ މެންބަރުންނާއި މުވައްޒަފުންގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - ކޮމިށަން އުފެއްދުން

މި ކޮމިށަނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ ގަރާރު ނަންބަރު 2025-11 (27 އެޕްރީލު 2025) އާއި ގަރާރު ނަންބަރު 2025-12 (28 އެޕްރީލު 2025) އިން އުފައްދައިފައިވާ ކޮމިށަނެކެވެ.

 

5 ވަނަ މާއްދާ - ކޮމިށަނުގެ މަސްއޫލިއްޔަތު

5 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމެވެ. 

 

6 ވަނަ މާއްދާ - ކޮމިށަނުގެ ބާރުތައް 

ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމަށާއި، ކޮމިށަނުގެ މަގުސަ ދުތައް ހާސިލުކުރުމަށް ޓަކައި ކޮމިށަނަށް އަންނަނިވި ބާރުތައް ލިބިގެންވެއެވެ.

(ހ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިށަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.

(ށ) ކޮމިށަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން.

(ނ) ކޮމިށަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން.

(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުތަކުގައި އެދުން.

(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިށަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިށަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.

(ޅ) ކޮމިށަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިށަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.

 

7 ވަނަ މާއްދާ - މެންބަރުންގެ މަސްއޫލިއްޔަތު

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. 

(ހ) ކޮމިށަނާ މަތިކުރެވިފައިވާ މަސައްކަތް ފަރުވާތެރިކަމާއެކު ވީ އެންމެ އަވަހަކަށް ކޮށް ނިންމުން.

(ށ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިވާނޭ އެންމެހައި ކަންކަން ކުރުން.

(ނ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވ،ީ ކޮމިށަނުގެ ބައްދަލުވުމަށް ހާޒިރުވުން.

(ރ) ކަނޑައެޅިގެން އެނގެން އޮތް އުޒުރެއް ދިމާވެގެން މެނުވ،ީ ކޮމިށަނުން ކަނޑައަޅާ މަސްއޫލިއްޔަތު އަދާކުރުން.

(ބ) ކޮމިށަނުން ކުރާ ތަހުގީގުގެ މައްސަލަ ހިންގުމާއި، އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

(ޅ) ކޮމިށަނުން ކުރާ ތަހުގީގުތަކާ ގުޅޭ މައުލޫމާތުތަކުގެ ތެރެއިން، ކޮމިށަނުން ހާމަކުރަން ނިންމާ ކަންތައްތައް ފިޔަވައި، އެހެން ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުން.

(ކ) މަގްބޫލު އުޒުރެއް މެދުވެރިވެގެން ނޫނީ، ކޮމިށަނުން ކަނޑައަޅާ ގަޑިތަކަށް ކޮމިށަނުގެ މަސައްކަތަށް ހާޒިރުވުން.

 

8 ވަނަ މާއްދާ - ރައީސްގެ މަސްއޫލިއްޔަތު 

ކޮމިށަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް، ތިރީގައި މިވަނީއެވެ.

(ހ) ކޮމިށަނުގެ އެންމެ އިސްވެރިޔާގެ ގޮތުން ކޮމިށަން ހިންގުން.

(ށ) ކޮމިށަނުގެ ބައްދަލުވުން ތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ނ) ކޮމިށަނުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިފައިވާގޮތަށް އަދާކުރަމުންދާކަން ކަށަވަރުކުރުން. 

 

9 ވަނަ މާއްދާ - ކޮމިށަނުގެ ބައްދަލުވުންތައް 

(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ ކޮމިށަނުގެ ރައީސެވެ. ކޮމިށަނުގެ ބައްދަލުވުމެއްގައި ކޮމިށަނުގެ ރައީސް ހާޒިރުވެ ނެތް ނަމަ، އެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ، އެ ބައްދަލުވުމަށް ހާޒިރުވެ ތިބި ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވެ.

(ށ) ކޮމިށަނުގެ ބައްދަލުވުން ބާއްވާ ދުވަހާއި ގަޑި ކަނޑައަޅާނީ، ކޮމިށަނުގެ ރައީސެވެ. އަދި ކޮމިށަނުގެ ރައީސް ނެތް ހާލަތެއްގައި ކޮމިށަނުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ، އެކަމަށް ކޮމިށަނުގެ މެންބަރުން ކަނޑައަޅާ މެންބަރެކެވ.

(ނ) ކޮމިށަނުގެ ބައްދަލުވުން، ރަސްމީ ބަންދު ދުވަސް ފިޔަވައި ހަފުތާގެ 5 (ފަހެއް) ދުވަހު ބާއްވަންވާނެއެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ބައްދަލުވުންތައް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

10 ވަނަ މާއްދާ - ބައްދަލުވުންތަކުގައި ގޮތްކަނޑައަޅާނެ ކަންކަން

ކޮމިށަނުގެ ބައްދަލުވުން ތަކުގައި ބަހުސްކޮށް ގޮތް ކަނޑައަޅާނީ އަންނަނިވި ކަންކަމުގައެވެ.

(ހ) ކޮމިށަނުން ތަހުގީގުކުރަމުންދާ މައްސަލައިގައ.ި 

(ށ) ކޮމިށަނަށް ހާޒިރުކުރާނެ ފަރާތްތައް ކަނޑައެޅުމާމެދު،

(ނ) މައްސަލައާ ގުޅިގެން ބޭނުންވާ ލިޔުންތަކާއި ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ކޮމިށަނަށް ހުށަހެޅުމަށް ދެންނެވުމާމެދު،

(ރ) ކޮމިށަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުމާމެދު،

(ބ) ކޮމިށަން ހިންގުމާގުޅޭ އިދާރީ ކަންކަމާމެދު.

 

11 ވަނަ މާއްދާ - ބައްދަލުވުމުގެ އެޖެންޑާ 

ކޮމިށަނުގެ ކޮންމެ ބައްދަލުވުމަކަށް ވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅާނީ ކޮމިށަނުގެ ރައީސެވެ. 

 

12 ވަނަ މާއްދާ - ކޯރަމާއި ކަންކަން ފާސްވުން 

ކޮމިށަނުގެ ބައްދަލުވުމެއް ބޭއްވޭނީ، މަދުވެގެން ކޮމިށަނުގެ 3 (ތިނެއް) މެންބަރުން ހާޒިރުވެ ތިބެގެންނެވެ. ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް ކޮމިށަނުގެ އިއްތިފާގުން ނިންމުމަށް މަސައްކަތް ކުރަންވާނެއެވެ. ކޮމިށަނުގެ އިއްތިފާގު ނުލިބޭ ހާލަތެއްގައި، މައްސަލަތައް ނިންމާނީ، ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

 

13 ވަނަ މާއްދާ - ބައްދަލުވުމަށް ހާޒިރުވުމަށް އުޒުރުވެރިވުން

ކޮމިށަނުގެ އެއްވެސް މެންބަރަކު ކޮމިށަނުގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އުޒުރުވެރިވެއްޖެ ނަމަ، ބައްދަލުވުން ފެށުމުގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ކޮމިށަނުގެ ރައީސަށް އަންގަންވާނެއެވެ. 

 

14 ވަނަ މާއްދާ - ބައްދަލުވުން ތައް ބޭއްވުން

ކޮމިށަނުގެ ބައްދަލުވުންތައް ބޭއްވުމުގައި، އަންނަނިވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

(ހ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ހުރިހާ މެންބަރުންގެ ހިޔާލަށް ވެސް އެކަށީގެންވާ ފުރުސަތު ދިނުމާއި، މަށްވަރާކުރެވޭ މައްސަލައަށް އަމާޒުކޮށްގެން ބަހުސް ކުރިޔަށް ގެންދިޔުމާއި، ހުރިހާ ފަރާތްތަކަށް ވެސް ގަދަރުކުރެވޭ ގޮތެއްގައި ހިޔާލު ފާޅުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. 

(ށ) ކޮމިށަނުގެ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަދައްކާނީ ރިޔާސަތުން ފުރުސަތު ދިނުމުންނެވެ. ބައްދަލުވުންތަކުގައި ވާހަކަދެއްކުމަށް ރިޔާސަތުން ފުރުސަތު ދޭންވާނީ، މެންބަރުން ފުރުސަތަށް އެދޭ ތަރުތީބުންނެވެ. 

(ނ) ކޮމިށަނުގެ ބައްދަލުވުންތަކުގައި، މޯބައިލް ފޯނު ބޭނުންކުރުން ފަދަ، ބައްދަލުވުމުގެ މަސައްކަތަށް ހުރަސްއެޅިދާނެ ފަދަ ކަންކަމުން އެއްކިބާވާން ވާނެއެވެ.

(ރ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތައް، ކޮންމެ ނިންމުމެއް ނިމުމުން، އެ ނިމުނުގޮތް ރިޔާސަތުން އިއްވަންވާނެއެވެ.

(ބ) ކޮމިށަނުގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަށް ހުރިހާ މެންބަރުން ވެސް ފުރިހަމައަށް އިހުތިރާމު ކުރަންވާނެއެވެ. އަދި ނިންމުމެއް ނިންމައިފައިވަނީ އަޣްލަބިއްޔަތުން ކަމުގައި ވީނަމަވެސް، ކޮމިށަނުން ވަކި ގޮތަކަށް ކަމެއް ނިންމުމުން، އެ ނިންމުމަށް ހުރިހާ މެންބަރުން އެއްބާރުލުން ދޭންވާނެއެވެ.

(ޅ) ކޮމިށަނުގެ ބައްދަލުވުމެއްގައި މަށްވަރާކުރެވޭ ނުވަތަ ގޮތެއް ނިންމޭ މައްސަލައަކީ، ކޮމިށަނުގެ މެންބަރެއްގެ މަސްލަހަތެއް އޮތް ކަމެއް ނަމަ، އެ މައްސަލައެއްގެ ބަހުސްގައި އަދި އެ މައްސަލައާ މެދު ގޮތެއް ނިންމުމުގައި އެ މެންބަރަކު ބައިވެރިވެގެން ނުވާނެއެވެ.

(ކ) ކޮމިށަނުގެ ބައްދަލުވުންތައް، ކޮމިށަނުގެ މެންބަރުން އެއްތަނަކަށް ހާޒިރުވެ ތިބެގެން ނުވަތަ އޯޑިއޯ ކޮންފަރަންސް ނުވަތަ ވީޑިއޯ ކޮންފަރަންސް ފަދަ ޒަމާނީ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްގެން ބޭއްވިދާނެއެވެ.

 

15 ވަނަ މާއްދާ - ބައްދަލުވުމުގެ ސިއްރު ހިފެހެއްޓުން

ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން މެނުވީ، ކޮމިށަނުގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއް، ދައްކާ އެއްވެސް ވާހަކައެއް، އެއްވެސް ފަރާތަކުން ހާމަކޮށްގެން ނުވާނެއެވެ.

 

16 ވަނަ މާއްދާ - ބައްދަލުވުމުގެ ޔައުމިއްޔާ 

ކޮމިށަނުގެ ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެއެވެ. ކޮމިށަނުގެ ނިމިދިޔަ ބައްދަލުވުމުގެ ޔައުމިއްޔ،ާ ވިދިގެން އޮންނަ ބައްދަލުވުމުގައި ފާސްކުރަން ވާނެއެވެ.

 

17 ވަނަ މާއްދާ - ސުލޫކީ މިންގަނޑު 

ކޮމިށަނުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ކޮންމެ މެންބަރަކު ވެސް އަންނަނިވި ގޮތަށް އަމަލު ކުރަންވާނެއެވެ. 

(ހ) ގާނޫނުއަސާސީއާއި ގާނޫނާ އެއްގޮތަށް މަސައްކަތްކުރުމާއި ކަންކަން ނިންމުން. 

(ށ) މެންބަރަކު ކުރާ ކަމަކުން ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން ނުވަތަ އެނޫން ވެސް އެހެން ގޮތަކުން އެ މެންބަރެއްގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމާއި، ކޮމިށަނުގެ މިނިވަންކަމާއި، މުސްތަގިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން.

(ނ) ކޮމިށަނުގެ މެންބަރަކަށްވުމުން ނުވަތަ ވުމާ ގުޅިގެން ލިބިފައިވާ މަގާމެއް ނުވަތަ ހައިސިއްޔަތެއް ނުވަތަ މައުލޫމާތެއް ނާޖާއިޒު މަންފާއެއް އަމިއްލައަށް ހޯދުމަށް ނުވަތަ އެހެން ފަރާތަކަށް ހޯދައިދިނުމަށް ބޭނުން ނުކުރުން.

(ރ) މެންބަރެއްގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް ކަމާނުބެހޭ ފަރާތަކަށް ލިބުނަ ނުދިނުމަށް ޓަކައި އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅުން.

(ބ) ކޮމިށަނުގެ ކޮންމެ މެންބަރަކު ވެސް، ހުރިހާ ވަގުތެއްގައި އެ މީހެއްގެ އަހުލާގާއި އަބުރުގެ
ރައްކާތެރިކަން ދެމެހެއްޓުން.

(ޅ) ކޮންމެ މެންބަރަކު ވެސް، މެ ންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ކޮމިށަނުގެ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއް އެ މެންބަރެއްގެ މައްޗަށް ނެތްކަމާއި އަދި ނުހިނގާނެކަން ކަށަވަރުކުރުން.

(ކ) ކޮންމެ މެންބަރަކު ވެސް، މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި، ކޮމިށަނުގެ ބާރުތައް ބޭނުންކުރުމުގައި، ތައައްސުބުން އެއްކިބާވެހުރ،ެ މުސްތަގިއްލުކަމާއެކު މަސައްކަތްކުރުން. 

 

18 ވަނަ މާއްދާ - މުވައްޒަފުން 

ކޮމިށަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ހަމަޖައްސާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މިގޮތުން ހަމަޖައްސާ މުވައްޒަފުންގެ ތެރޭގައި ކޮމިށަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ވެސް ހިމެނެއެވެ.

 

19 ވަނަ މާއްދާ - އިދާރީ އެންމެ އިސް މުވައްޒަފު 

ކޮމިށަނުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ، ކޮމިށަނުގެ އިދާރީ މަސައްކަތްތައް ކޮމިށަނުގެ ލަފާގެ މަތީން ކޮށް، ކޮމިށަނުގެ ހިންގުމާއި ކޮމިށަނުގެ މާލީ އެންމެހައި ކަންކަމަށް ޒިންމާ އުފުލާ ފަރާތެވެ.

 

20 ވަނަ މާއްދާ - މުވައްޒަފުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑު 

ކޮމިށަނުގެ އިދާރީ އެންމެހައި މުވައްޒަފުން ވެސް މި ގަވާއިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑަށް އަމަލު ކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - ތަހުގީގުކުރުމުގެ އުސޫލުތަކާއި އިޖުރާތު

ކޮމިށަނުންކުރާ ތަހުގީގުތަކުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާތުތައް ކޮމިށަނުން ކަނޑައަޅަންވާނެއެވެ.

 

22 ވަނަ މާއްދާ - ތަހުގީގު ރިޕޯޓު 

ކޮމިށަނުން ކުރާ ތަހުގީގާ ގުޅޭ ތަފުސީލީ ރިޕޯޓެއް ކޮމިށަނުން އެކުލަވައިލަން ވާނެއެވެ. މި ރިޕޯޓ،ު ކޮމިށަނުގެ ބައްދަލުވުމަކުން ފާސްކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - މަސައްކަތް ނިންމުން 

ކޮމިށަނުގެ މަސައްކަތް ނިމޭނީ، ނަންބަރު 2025-11 (27 އެޕްރީލު 2025) ގެ ގަރާރުން ކޮމިށަނާ މަތިކޮށްފައިވާ މަސައްކަތް ނިމުމުންނެވެ. 

 

24 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ބަޔާންކޮށްފައިނުވާކަމެއް މެދުވެރިވެއްޖެ ނަމަ، މި ގަވާއިދާ ތައާރުޒުނުވާނޭ ގޮތެއްގެ މަތީން އެ ކަމެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ އިހުތިޔާރު ކޮމިށަނަށް ލިބިގެންވެއެވެ. 

 

25 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިށަން" ނުވަތަ "ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކަށައަޅައިފައިވާ، ގަރާރު ނަންބަރު 2025-11 (27 އެޕްރީލު 2025) އާއި 2025-12 (28 އެޕްރީލު 2025) ގައި ބަޔާންކޮށްފައިވާ ރިޔާސީ ކޮމިށަން ކަމުގައިވާ "2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިށަން" އަށެވެ.

(ށ) "ކޮމިށަނުގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ، ކޮމިށަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ 5 (ފަހެއް) މެންބަރުންނަށެވެ.

(ނ) "އިދާރާގެ އެންމެ އިސް މުވައްޒަފު" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ އިދާރީ މަސައްކަތްކުރުމަށް އިސްކުރާ އެންމެ އިސް މުވައްޒަފަށެވެ.

(ރ) "މުވައްޒަފުން" ކަމުގައި ބުނެފައި އެވަނީ، ކޮމިށަނުގެ ފަންނީ މަސައްކަތްތަކާއި އިދާރީ މަސައްކަތް ކުރުމަށް އައްޔަނުކުރާ އެންމެހައި މުވައްޒަފުންނަށެވެ.

 

26 ވަނަ މާއްދާ - ގަވާއިދަށް އަމަލު ކުރަން ފެށުން

މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، ކޮމިށަނުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

ރިޔާސީ ކޮމިށަންތަކުގެ ގާނޫ (ގާނޫނު ނަންބަރު 2019-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު