-

ކާބޯތަކެތި އިށްތިހާރުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2025-26)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 ފެބުރުއަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 35 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ކާބޯތަކެތި އިށްތިހާރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ގޮތުން، އެ ގާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ކާބޯތަކެތި އިށްތިހާރުކުރުމާބެހޭ ގަވާއިދު" އެވެ. 

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ކާބޯތަކެތި އިށްތިހާރުކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - އިށްތިހާރުކުރުމުގެ ހުއްދަ 

(ހ) އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިށްތިހާރުކުރުމަށް އެދޭ ފަރާތްތަކުން އެ އިށްތިހާރެއް އޮތޯރިޓީއަށް ހުށަހަޅައި އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން މެނުވީ އިށްތިހާރެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކާބޯތަކެތީގެ އިށްތިހާރު ކުރުމުގެ ހުއްދައިގެ މުއްދަތަކީ 3 (ތިނެއް) އަހަރުދުވަހެވެ. އަދި 3 (ތިނެއް) 
އަހަރުދުވަސް ހަމަވުމަށްފަހު އިށްތިހާރުކުރާ ނަމަ، އެ ހުއްދަ އައުކުރަންވާނެއެވެ.

(ނ) ފާސްކުރި އިށްތިހާރަށް އިތުރު ބަދަލެއް ގެނެސްފި ނަމަ ބެލެވޭނީ، އައު އިށްތިހާރެއްގެ ގޮތުގައެވެ. އެފަދަ އިށްތިހާރެއްގެ ހުއްދަ އަލުން ހޯދަންވާނެއެވެ.

 

4 ވަނަ މާއްދާ - ހުއްދަ ހޯދުމަށް އެދި ހުށަހެޅުން

(ހ) އިށްތިހާރުކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނީ، "ދިރިތި" https//:dhirithi.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

(ށ) ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އިށްތިހާރުގެ ސްކްރިޕްޓާއި ފޮޓޯއާއި ވީޑިއޯއާއި އޯޑިއޯ ހުށަހަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ހުއްދަ އައުކުރުން

ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން ހުއްދަ އައުކުރުމަށް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - އިށްތިހާރުކުރުމާބެހޭ އާންމު ށަރުތުތައް

(ހ) ފާސްކުރުމަށް ހުށަހަޅާ އިށްތިހާރުތަކުގައި ބޭނުންކުރާ އިބާރާތްތައް ހުންނަންވާނީދިވެހިބަހުން ނުވަތަ އިނގިރޭސިބަހުންނެވެ. މި ނޫން ބަހަކުން އިށްތިހާރުކޮށްގެން ނުވާނެއެވެ.

(ށ) އިށްތިހާރުގައި ބޭނުންކުރާ އިބާރާތްތައް ހުންނަންވާނީ، އަދަބާ ހިލާފުނުވާ ގޮތަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތަށެވެ.

(ނ) ބުއިމަށް ބޭނުންކުރާ ކިރުގެ އިށްތިހާރެއް ކުރާއިރު، އިށްތިހާރުގައި )ކަރުދާސް، އޯޑިއޯ، ވީޑިއޯ، އަދި މި ނޫން ވެސް ޑިޖިޓަލް މީޑިއާގައި ށާއިއުކުރާ އިށްތިހާރުތައް ހިމެނޭގޮތަށް( ތިރީގައިވާ އިބާރާތް ފަސޭހައިން ކިޔަން އެނގޭގޮތަށް، އިށްތި ހާރު ފެށުނީއްސުރެ ނިމެންދެން ފެންނާނޭހެން އޮންނާންވާނެއެވެ. އަދި އޯޑިއޯ ނުވަތަ އަޑު ހިމެނޭ އިށްތިހާރެއް ނަމަ، އެ އިށްތިހާރެއް ފަށާއިރާ އި އެ އިށްތިހާރެއް ނިމޭއިރު،އެ އިށްތިހާރެއްގައި ވާހަކަދައްކާ އަޑު ފިޔަވައި އެހެން އަޑަކުން، ތިރީގައި މިވާ އިބާރާތް ސާފުކޮށް އެނގޭނޭގޮތަށް ކިޔަންވާނެއެވެ.

"ޅަފަތުގެ ކުދިންނަށް އުމުރުން 6 (ހައެއް) މަސްދުވަސް ވަންދެން އެންމެ ރަނގަޅީ ހަމައެކަނި މައިމީހާގެ ގާތުންދޭ ކިރު"“For infants, the best nutrition up to six months ofage is exclusively mother's breast milk”

(ރ) ކާބޯތަކެއްޗާ ބެހޭގޮތުން ބިލްބޯޑާއި ޕޯސްޓަރު ފަދަ ތަކެތީގެ ޒަރީއާއިން ކުރާ އިށްތިހާރުތަކުގައި "ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމާއި މިންހެޔޮކޮށް ކެއުމާއި، ލޮނާއި ހަކުރާއި ސަރުބ މަދުކޮށް، މޭވާއާއި ތަރުކާރީ ބޭނުންކުރުން އިތުރުކުރުމަށް އާދަކުރޭ" ,health good maintain To“ practice regular exercise, eat balanced meals, reduce salt, sugar, and fat intake, and increase consumption of “.vegetables and fruits މި އިބާރާތ،ް އެ އިށްތިހާރެއްގެ އާންމު ލިޔުންތައް ހުންނަވަރަށްވުރެ ބޮޑުކޮށް، ފަސޭހައިން ކިޔަން އެނގޭ ނޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ. 

(ބ) 3 (ތިނެއް) އަހަރުންމަތީ ގެ ކުޑަކުދިންނާއި މީހުން ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ކިރުގެ އިށްތިހާރުކުރާއިރު، އެ އިށްތި ހާރުގައި އެކަން އެނގޭގޮތަށް އިބާރާތެއް ފެންނަން ހުންނަންވާނެއެވެ. އޯޑިއޯ އިށްތިހާރެއްގައި ނަމަ، އެ އިށްތިހާރެއް ފަށާއިރުގައްޔާއި އެ އިށްތިހާރެއް ނިމޭއިރު އެ އިށްތިހާރެއްގައި ވާހަކަދައްކާ އަޑު ފިޔަވައި އެހެން އަޑަކުން، މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިބާރާތް ކިޔަންވާނެއެވެ.

(ޅ) އޮތޯރިޓީއާ ނުވަތަ ސިއްހަތާ ގުޅުން ހުރި ބައިނަލްއަގުވާމ ޖަމުއިއްޔާއަކުން ނުވަތަ އިދާރާއަކުން އާންމުކޮށް ބޭނުންކުރުމަށް އެދެވިގެންވާ އެއްޗެއް ނޫންކަމަށް ކަނޑައަޅައިފައިވާ އެނަރޖީ ޑްރިންކްސްއާއި، ސޮފްޓް ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ޑްރިންކްސްއާއި، ފުޑް ސަޕްލިމެންޓްސްއާއި އެ ނޫން ވެސް ކާބޯތަކެތީގެ އިށްތިހާރުކުރެވޭނީ ހަމައެކަނި އޯޑިއޯއާއި ވީޑިއޯ އިށްތިހާރަކުންނެވެ.

(ކ) އެނަރޖީ ޑްރިންކްސް ނުވަތަ އެ ފަދަ އެއްޗެއްގެ އިށްތިހާރުގައި "ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ގާތުން ކިރުދޭ މައިން، މި އުފެއްދުން ބޭނުންކުރުމަކީ ސިއްހަތަށް ގެއްލުން ލިބިދާނެކަމެއް"،“Children, pregnant women, and nursing mothers should not use this product as it may be harmful to “health their މި އިބާރާތ،ް އެ އިށްތިހާރެއްގެ އާންމު ލިޔުންތައް ހުންނަވަރަށް ވުރެ ބޮޑުކޮށް، ފަސޭހައިން ކިޔަން އެނގޭގޮތަށް، އިށްތިހާރު ފެށުނީއްސުރެ ނިމެންދެން ލިޔެފައި އޮންނަންވާނެއެވެ. އޯޑިއޯ އިށްތިހާރެއްގައި ނަމަ، އެ އިށްތިހާރެއް ފަށާއިރުގައްޔާއި އެ އިށްތިހާރެއް ނިމޭއިރު، އެ އިށްތިހާރެއްގައި ވާހަކަދައްކާ އަޑު ފިޔަވައި އެހެން އަޑަކުން އެ އިބާރާތް ކިޔަންވާނެއެވެ.

 

7 ވަނަ މާއްދާ - ނިއުޓްރިށަނާއި ސިއްހަތާ ގުޅުވައިގެން އިށްތިހާރުކުރުން

(ހ) ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލ ގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް އިށްތިހާރުކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ވަކި ނިއުޓްރިއެންޓެއްގެ ގޮތުން ހަށިގަނޑަށް ފައިދާހުރި ބައިތައް އެކުލެވޭ ކާނާއަކުން ސިއްހަތަށް ފައިދާކުރާނެ ވާހަކަ ޖުމުލަގޮތެއްގައި ބަޔާންކުރުމަކީ އެކަން އެގޮތަށް ސާބިތުކޮށްދެވޭ ނަމަ، ހުއްދަ ކަމެކެވެ. 

(ށ) ކާބޯތަކެތީގެ ބާވަތެއްގައި ވަކި މާއްދާއެއް ނުވަތަ ވަކި ހާއްސަކަމެއް އެކުލެވިގެންވާކަމަށް އިށްތިހާރުގައި ބަޔާންކޮށްފައިވާ ނަމަ، އެކަން ސާބިތުކޮށްދޭންވާނެއެވެ. އަދި އިށްތިހާރުކުރާ އުފެއްދުމަކީ ވަކި ބައްޔެއްގެ މީހުން ބޭނުންކުރުން ރަނގަޅުނޫން އެއްޗެއް ނަމަ، އެކަން އެނގޭނޭ ފަދަ އިބާރާތެއް ނުވަތަ މައުލޫމާތެއް ހިމަނަންވާނެއެވެ. 

 

8 ވަނަ މާއްދަ - އިށްތިހާރުކުރުމުގައި ކޮށްގެންނުވާނެ ކަންތައްތައް

(ހ) ބައިނަލްއަގުވާމީހާަރަކާތެއްގެ ނުވަތަ ސަރަހައްދ ހަރަކާތެއްގެ މަންޒަރެއް ނުވަތަ ސަރުކާރުން ބާއްވައިފައިވާ އެއްވެސް ހަރަކާތެއްގެ މަންޒަރެއް، އެއްވެސް އިށްތިހާރެއްގައި ހިމަނައިގެން ނުވާނެއެވެ. އަދި އިށްތިހާރުގައި ބޭނުންކުރާ އިބާރާތްތައް ހުންނަންވާނީ އަދަބާ ހިލާފުނުވާ ގޮތަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުނުވާ ގޮތަށެވެ.

(ށ) އެކި ބާވަތުގެ ކިރު އިށްތި ހާރުކުރާއިރު، 3 (ތިނެއް) އަހަރުން ދަށުގެ ކުޑަކުދިން ނުވަތަ އެއިން ކުއްޖެއްގެ އަޑު އިށްތިހާރުގައި ހިމަނައިގެން ނުވާނެއެވެ. އަދި ކޮންޓެއިނަރުގައި ނުވަތަ ލޭބަލުގައި ތުއްތުކުދިންގެ ފޮޓޯ ނުވަތަ ކުރެހުން ހިމަނައިގެން ނުވާނެއެވެ.

(ނ) 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިން ބައިވެރިކޮށްގެން ނުވަތަ ހިމަނައިގެން އެއްވެސް ބާވަތެއްގެ އިށްތިހާރެއް (ކަރުދާސް، އޯޑިއޯ، ވީޑިއޯ، އަދި މި ނޫން ވެސް ޑިޖިޓަލް މީޑިއާގައި ށާއިއުކުރާ އިށްތި ހާރުތައް ހިމެނޭގޮތަށް) ތައްޔާރުކުރާ ނަމަ ނުވަތަ އިށްތިހާރެއް ބޭނުންކުރާ ނަމަ، އެ ކުއްޖެއްގެ އުމުރާ އެކަށ ގެންނުވާ އެއްވެސް ކަމެއް އެ އިށްތިހާ ރެއްގައި ހިމަނައިގެން ނުވާނެއެވެ.

(ރ) ކާބޯތަކެތީގެ ބާވަތްތައް އިށްތިހާރުކުރާއިރު، އެ އިށްތިހާރުކުރާ އުފެއްދުމެއްގައި އެކުލެވިގެންނުވާ މާއްދާއެއް (ނިއުޓްރިއެންޓް) ހިމެނޭކަމަށް ދޭހަވާ ގޮތަށް އިށްތިހާރުކޮށްގެން ނުވާނެއެވެ. އަދި އެ އުފެއްދުމުގައި އެކުލެވޭ އެއްވެސް މާއްދާއެއްގެ ނަން ހިމަނައިގެން އިށްތިހާރުކުރަންވާނީ 24 (ސައުވީސް) ގަޑިއިރަށް އެ މާއްދާއެއް މަދުވެގެން ބޭނުންވާވަރުގެ %10 (ދިހައެއް އިންސައްތަ) ސަރވިންގއެއްގައި އެކުލެވޭ ނަމައެވެ.

(ބ) އިށްތިހާރުކުރާއިރު އެ އުފެއްދުމެއް އެފަދަ އެހެން އުފެއްދުމަކާ އަޅައިކިޔައިގެން ނުވާނެއެވެ. އަދި "އެންމެ މޮޅު"، "ދެވަނައެއް ނެތް"، "މިވަރެއް ނެތް" މިފަދަ އިބާރާތްތައް ބޭނުންކޮށްގެން ނުވާނެއެވެ. އިށްތިހާރުކުރަނީ އިނގިރޭސިބަހުން ނަމަ، to second ,best the “this like nothing is there ,none "މިފަދަ އިބާރާތް ބޭނުންކޮށްގެން ނުވާނެއެވެ.

(ޅ) އަޔޮޑިން އަޅައިފައި ހުންނަ ލޮނު ނޫން އެހެން ލޮނެއް އިށްތިހާރުކޮށްގެން ނުވާނެއެވެ. 

(ކ) އިށްތިހާރުކުރަމުންދާ އުފެއްދުމެއްގައި މައްސަލައެއް ހުރެގެން އޮތޯރިޓީން ނުވަތަ އެހެން ގައުމެއްގެ ކާބޯތަކެތީގެ ރައްކައުތެރިކަމާބެހޭ އޮތޯރިޓީއަކުން ނުވަތަ އިންޓަރ ނޭށަނަލް ފުޑް ސޭފްޓ އޮތޯރިޓީސް ނެޓްވޯކް (އިންފޮސާން) އާއި ރެޕިޑް އެލަރޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (ރަސަފް) ފަދަ ބައިނަލްއަގުވާމ އިދާރާއަކުން އެލާޓެއް ނެރޭ ހާލަތުގައި، ވަކި ގޮތެއް އަންގަންދެން އެފަދަ އުފެއްދުމެއް އިށްތިހާރު ކޮށްގެން ނުވާނެއެވެ.

(އ) ދިވެހިރާއްޖޭގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ "ނިއުޓްރިއެންޓް ޕްރޮފައިލް މޮޑެލް" ގައި ބަޔާންކޮށްފައިވާ ށަރުތުތަކަށް ނުފެތޭ ކާބޯތަކެތި 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން އިށްތިހާރު ކޮށްގެން ނުވާނެއެވެ. 

 

9 ވަނަ މައްދާ - އިށްތިހާރުކުރުމުގައި މަނާ ކަންތައްތައް

ކާބޯތަކެތި އިށްތި ހާރުކުރުމުގައި ތިރީގައި މިވާ އެއްވެސް ކަމެއް، ބަހަކުން ނުވަތަ އަމަލަކުން ވިޔަސް ކުރުމަކީ މަނާކަމެކެވެ.

(ހ) އޮތޯރިޓީގެ ހުއްދަނެތި ކާބޯތަކެތީގެ އިށްތިހާރުކުރުމާއި، އޮތޯރިޓީން ފާސްކޮށްފައިވާ އިށްތިހާރަކަށް އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެކެވެ.

(ށ) ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އެއްޗަކުން ސިއްހަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކި ބަލިތަކުގެ ފަރުވާއަށް ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ނ) ބުއްފުޅިއާއި، ބުއްފުޅި ތުނބާއި، ކުޑަކުދިންނަށް ޖައްސާ ތުނބާއި، ބުއްފުޅި ތައްޔާރުކުރުމަށް ބޭނުންކުރާ ތަކެތި އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ރ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކާބޯތަކެތީގެ އިށްތިހާރުތަކުގެ އޯޑިއޯއާއި ވީޑިއޯ އިށްތިހާރު، 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ގެނެސްދޭ ޕުރޮގުރާމުތަކުގައި އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ބ) ކުޑަކުދިން އެއްވެއުޅޭ ތަންތަނުގައި އެނަރޖީ ޑްރިންކްސްއާއި ސޮފްޓް ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ޑްރިންކްސް ފަދަ ބުއިންތައް އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ޅ) ސިއްހަތާ ގުޅުންހުރި ހަރަކާތްތަކާއި ކުޑަކުދިންނާއި ސްކޫލްކުދިންނަށް ހާއްސަކޮށްގެން ހިންގާ ހަރަކާތްތައް ސްޕޮންސަރކުރުމާއި ޕްރޮމޯށަނަލް އިވެންޓުތަކުގައި އެނަރޖީ ޑްރިންކްސްއާއި ސޮފްޓް ޑްރިންކްސް ނުވަތަ ކާބޮނޭޓެޑް ޑްރިންކްސްއާއި ފުޑް ސަޕްލިމެންޓްސް އަދި އާންމުކޮށް ބޭނުންކުރުމަށް އެދެވިގެންވާ އެއްޗެއް ނޫންކަމަށް އޮތޯރިޓީން ކަނޑައަޅައިފައިވާ ކާބޯތަކެތި އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ކ) އާންމުން އެއްވެއުޅޭ ތަންތަނުގައި ބާއްވާ ޕްރޮމޯށަނަލް އިވެންޓްތަކުގައި އެނަރޖީ ޑްރިންކްސްއާއި ކާބޮނޭޓެޑް ޑްރިންކްސްއާއި ފުޑް ސަޕްލިމެންޓްސް އަދި މި ނޫން ވެސް އޮތޯރިޓީން ނުވަތަ ސިއްހަތާ ގުޅުން ހުރި އެހެން އިދާރާއަކުން ކަނޑައަޅައިފައިވާ ކާބޯތަކެތި އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(އ) ސިއްހަތާ ގުޅުވައިގެން ކާބޮނޭޓެޑް ޑްރިންކްސްއާއި ތައްޔާރީބުއިންތަކާއި އެނަރޖީ ޑްރިންކްސްއާއި ފުޑް ސަޕްލިމެންޓްސް އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ވ) ތައްޔާރީކާނާއަކީ ގުދުރަތީ ކާނާއަށް ވުރެ ރަނގަޅު ނުވަތަ މޮޅު އެއްޗެއްކަން ދައްކާ އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(މ) ޅަފަތުގެ ކުދިންނާއި 3 (ތިނެއް) އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، ގާތުން ކިރުދޭ މައިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާބޯތަކެތި، އެ ފަރާތްތަކަށް ހާއްސަކޮށްގެން އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

(ފ) ކާބޯތަކެއްޗަކީ، ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އެ އެއްޗެއް އިށްތިހާރުކުރުމަކީ މަނާކަމެކެވެ.

 

10 ވަނަ މާއްދާ - އިށްތިހާރުކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފުވުން

(ހ) ގާނޫނާއި މި ގަވާއިދުގައި ކާބޯތަކެތި އިށްތިހާރުކުރުމާ ގުޅޭގޮތުން ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައި، ކާބޯތަކެތި އިށްތިހާރުކުރުމާ ގުޅޭގޮތުން ގާނޫނާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ ހިލާފުވާގޮތަށް އިށްތިހާރެއްކޮށްފައި ނުވާކަން ސާބިތުކޮށްދޭންޖެހޭނީ އިށްތިހާރުކުރާ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އަންނަނިވި ކަންކަމަކީ އިށްތިހާރުކުރާ ފަރާތަށް ލިބިގެންވާ ދިފާއެކެވެ. 

  1. އިށްތިހާރުގައި ހަގީގަތާ ހިލާފު މައުލޫމާތު ހިމެނޭކަން ނުވަތަ އިށްތިހާރުގެ ސަބަބުން އާންމުންނަށް އޮޅުވައިލެވޭކަން އިށްތިހާރުކުރާ ފަރާތަށް އެނގިފައި ނެތުން. އެހެންނަމަވެސް، އެފަދައިން އެނގިފައިނުވާކަމަށް ބެލެވޭނީ، އެކަން އެގޮތަށް ނުވާނެކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން އެ ފަރާތުން އެކަށީގެންވާ މިންވަރަށް ބަލައިފައިވާ ހާލަތުގައެވެ.
  2. އެ ފަރާތަކީ، އިށްތިހާރުކުރުމުގެ ވިޔަފާރިކުރާ މީހެއް ކަމުގައި ވުމާއެކު، އިށްތިހާރު ހަވާލުކުރި ފަރާތުން ދީފައިވާ ގޮތަށް، އަދި އޮތޯރިޓީން ފާސްކޮށްދީފައިވާ ގޮތަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި އިށްތިހާރު ށާއިއުކޮށްފައިވުން.

 

11 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ކާބޯތަކެތި އިށްތިހާރުކުރުން

(ހ) ގާނޫނާއި މި ގަވާއިދާ ހިލާފަށް ކާބޯތަކެތި އިށްތިހާރުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އަންނަނިވި ގޮތުގެ މަތީން ފިޔަވަޅުއަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 300,000 (ތިންލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  4. ތިންވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، 500,000 (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްފައިވަނިކޮށް، އޮތޯރިޓީން އެ ކަމެއް އިސްލާހުކުރަން ނުވަތަ ހުއްޓައިލަން އެންގުމުން އެ އެންގުމަށް އަމަލުކޮށްފައި ނުވާ ނަމަ، ގާނޫނުގައި ކަނޑައަޅައިފައިވާ އެންމެ ބޮޑު އަދަދަކުން ފުރަތަމަ ފަހަރު ވެސް ޖޫރިމަނާކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. 

 

12 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

(ހ) އޮތޯރިޓީއަށް އެންގުމަކާ ނުލައި، އޮތޯރިޓީން ހުއްދަ ދޫކޮށްފައިވާ އެއްވެސް އިށްތިހާރެއް ބަދަލުކޮށްގެން އިށްތިހާރުކޮށްފި ނަމަ، އެ އިށްތިހާރަކަށް އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާތިލުވާނެއެވެ.

(ށ) އިށްތިހާރަކަށް ހުއްދަ ދޫކޮށްފައި ވަނިކޮށް އެ އިށްތިހާރެއްގައި މައްސަލައެއް ހުރިކަމަށް އޮތޯރިޓީއަށް ފާހަގަކުރެވިއްޖެ ނަމަ، ހުއްދައަށް އެދުނު ފަރާތަށް އޮތޯރިޓީން އެކަން އަންގައި، އެ ހުއްދަ ބާތިލުކުރަންވާނެއެވެ.

(ނ) އިށްތިހާރަށް ދޫކޮށްފައިވާ ހުއްދައިގެ ށަރުތުތަކާ ހިލާފަށް އިށްތިހާރުކޮށްފި ނަމަ، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާކުރުމާއެކު، އެ ހުއްދަ ބާތިލުކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ކާބޯތަކެތި އިށްތިހާރުކުރުމުގައި ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީ އަކުން ދޫކޮށްފައިވާ މައުލޫމާތު ބޭނުންކުރުން

(ހ) ކާބޯތަކެތި އިށްތިހާރުކުރުމުގައި، ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީ އަކުން ދޫކުރާ ރިޕޯޓެއްގެ ނުވަތަ ރިފަރަލް ލެބޯޓަރީ އަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެނަލިސިސްއެއްގެ ނުވަތަ އެއިން ލިޔުމެއްގެ ބައެއް ބޭނުންކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފި ނަމަ، އެ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އަންނަނިވި ގޮތުގެ މަތީން ފިޔަވަޅުއަޅަންވާނެއެވެ.

  1. ފުރަތަމަ ފަހަރު ކުށްކުރި ނަމަ، 10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރުން؛
  2. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 200,000 (ދެލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން؛
  4. ތިންވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، 300,000 (ތިންލައްކަ) ރުފިޔާއިން ޖޫރިމަނާކުރުން.

 

14 ވަނަ މާއްދާ - އިށްތިހާރު ފާސްކުރުމަށް ހުށަހެޅުމާއި ފީނެގުން

(ހ) ފާސްކުރުމަށް ހުށަހަޅާ ކޮންމެ އިށްތިހާރަކަށް އަނބުރާ ރައްދުނުކުރެވޭ ގޮތަށް އޮތޯރިޓީން ފީއެއް ނަގަންވާނެއެވެ. މިގޮތުން ނަގާ ފީއަކީ ހުށަހަޅާ ކޮންމެ ވީޑިއޯ އިށްތިހާރަކަށާ އި އޯޑިއޯ އިށްތިހާރަކަށް 1،500 ((އެއްހާސް ފަސް ސަތޭކަ) ރުފިޔާއެވެ. ވީޑިއޯއާއި އޯޑިއޯ ނޫން އިށްތިހާރުތަކަށް 1,000 (އެއްހާސް) ރުފިޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ފާސްކުރުމަށް ހުށަހަޅާ އިށްތިހާރަކީ ކާބޮނޭޓަޑް ޑްރިންކްސް ނުވަތަ އެނަރޖީ ޑްރިންކްސް ނަމަ އެއީ، ކޮންމެ މީޑިއަމެއްގެ އިށްތިހާރެއް ކަމުގައި ވީނަމަވެސް، އެ އިށްތިހާރެއްގެ ފީއަކީ 3,000 (ތިންހާސް) ރުފިޔާއެވެ.

 

15 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގެ ބޭނުމަށް ޓަކައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކާބޯތަކެތި އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ގަނެ ވިއްކުމަށް ޓަކައި ނުވަތަ ބޭނުންކުރުމަށް ޓަކައި، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ވިޔަފާރިކުރުމުގެ މަގުސަދުގައި އާންމުކޮށް ރައްޔިތުންނަށް މުއާސަލާތުކުރުމަށެވެ. އަދި މި މާއްދާގެ ބޭނުމަށް މުއާސަލާތުކުރުން ކަމުގައި ބެލެވޭނީ، އެއްވެސް ބާވަތެއްގެ އޯޑިއޯ ނުވަތަ ވިށުއަލް ނުވަތަ ވީޑިއޯ ނުވަތަ އެ ނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ޕްރިންޓް ނުވަތަ އިލެކްޓްރޯނިކް މީޑިއާ ނުވަތަ އިންޓަރނެޓް ނުވަތަ އެ ނޫން ވެސް މީޑިއަމެއް މެދުވެރިކޮށް ވަކި ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމަށް ހިންގާ ހަރަކާތަށެވެ. އޭގެތެރޭގައި ކާބޯތަކެތީގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ލޭބަލުގައި ހިމަނާ މައުލޫމާތާއި އެފަދަ އެހެން ލިޔެކިޔުންތަކާއި އެހެނިހެން ވަސީލަތްތަކާއި ވިޔަފާރީގެ މަގުސަދުގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ހިންގާ މައުލޫމާތު ދިނުން ފަދަ މުއާސަލާތުކުރުމުގެ 
ހަރަކާތްތައް ހިމެނޭނެއެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވ،ާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.

(ނ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2024-06 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތަށެވެ.

(ރ) "އަދަބާ ހިލާފު" ކަމަށް ބުނެފައި އެވަނީ، އިސްލާމްދީނާއި މުޖުތަމައުގައި އެއ ބޭއަދަބީ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކޮންމެ ކަމަކަށެވެ.

(ބ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ބޭނުމަށް "ސާބިތުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ސާބިތުވާންހުރި ސިއްހީ، އިލްމީ ހޯދުންތަކަށް ބިނާކޮށް އޮތޯރިޓީން ގަބޫލުކުރާ ފަރާތެއްގެ ލިޔުމާއި، އެކްރެޑިޓުކޮށްފައިވާ ލެބޯޓަރީ އެއްގެ ތަހުލީލު ރިޕޯޓު ނުވަތަ އެކްސްޕޯޓުކުރި ގައުމުގެ ރަސްމީ އިދާރާއިން އެކަން ސާބިތުކުރުމަށް ދީފައިވާ ލިޔުން ހުށަހެޅުމަށެވެ. 

(ޅ) "ކާނާ" ކަމަށް ބުނެފައި އެވަނީ، ބޯފެނާއި ކާބޯތަކެއްޗަށެވެ.

(ކ) "ޅަފަތުގެ ކުދިން" ކަމަށް ބުނެފައި އެވަނީ، 1 (އެކެއް) އަހަރުނުވާ ކުދިންނަށެވެ.

(އ) "ތުއްތުކުދިން" ކަމަށް ބުނެފައި އެވަނީ، އުމުރުން 1 (އެކެއް) އަހަރާއި 3 (ތިނެއް) އަހަރާ ދެމެދުގެ ކުދިންނަށެވެ.

(ވ) "ކުޑަކުދިން އެއްވެއުޅޭ ތަންތަން "ކަމަށް ބުނެފައި އެވަނީ، ކުޑަކުދިން ކުޅިވަރުކުޅުމަށާއި އެހެނިހެން ކަންކަމުގައި ބޭނުންކުރުމަށް ކަނޑައަޅަ އިފައިވާ ތަންތަނަށެވެ.

(މ) "ސިއްހަތާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް ނުވަތަ ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތްތަކާއި، ސިއްހ ހިދުމަތްދޭ ތަންތަން ޕްރޮމޯޓުކުރުމަށާއި، ސިއްހަތާ ގުޅުވައިގެން ފާހަގަކުރާ ދުވަސްތަކުގައި ހިންގާ ހަރަކާތްތަކަށެވެ.

(ފ) "ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގެ ސިއްހީ ރައްކައުތެރިކަން ބެލުމަށް ޓަކައި ނުވަތަ ކާބޯތަކެތީގެ އެ ނޫން ވެސް ތަހުލީލުކުރުމަށް ޓަކައި ގާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ގާއިމުކުރާ ލެބޯޓަރީ ތަކަށެވެ. 

(ދ) "ރިފަރަލް ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ހެލްތު ލެބޯޓަރީން ލިބެން ނެތް ހިދުމަތްތައް ހޯދުމަށް ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖޭގެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯޓަރީ ތަކަށެވެ. 

(ތ) "ބުއިމަށް ބޭނުންކުރާ ކިރު" ކަމަށް ބުނެފައި އެވަނީ، އިންސާނުން ކެއިންބުއިމަށް ބޭނުންކުރާ، ކިރުގެ ބާވަތްތަކުގެ ތެރެއިން ނައަމްސޫފިން ނަގާ ކިރަށެވެ.

(ލ) "ސަރވިންގ" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ލޭބަލުގައި އެ އުފެއްދުމަކުން 1 (އެކެއް) ފަހަރު ބޭނުންކުރުމަށް ކަނޑައަޅައިފައިވާ މިންވަރަށެވެ.

(ގ) "ނިއުޓްރިއެންޓް" ކަމަށް ބުނެފައި އެވަނީ، އާންމުގޮތެއްގައި ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގައި ހިމެނޭ މާއްދާއެއްގެ ތެރެއިން، ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ ނުވަތަ ކާނާގެ ތެރެއިން އެ މާއްދާއެއް އުނިވެއްޖެ ނަމަ، އެކަމުގެ ނޭދެވޭ އަސަރު ސިއްހަތަށް ފޯރާނެ ފަދަ މާއްދާތަކަށެވެ. (މިސާލު: ވިޓަމިންސް، މިނަރަލްސް ފަދަ މާއްދާތައް)

(ޏ) "ސޮފްޓް ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން (ކާބޮނޭޓެޑާއި ނޮނ-ްކާބޮނޭޓެޑް) އެހެން އެއްޗަކާ އެއްކޮށްގެން ނުވަތަ އެއްނުކޮށް ބޭނުންކުރާ ބުއިންތަކުގެ ތެރެއިން މޭވާއިން ތައްޔާރުކޮށްފައި ހުންނަ ޖޫސް ކޮންސެންޓްރޭޓް، ސޮޑާ ވޯޓަރ ނުވަތަ ޓޮނިކް ވޯޓަރ، ޖިންޖަރ ބިއަރއާއި، ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ބުއިންތައް ފަދަ އުފެއްދުންތަކަށެވެ. އަލްކަހޯލް ހިމެނޭ ބުއިންތައް ސޮފްޓް ޑްރިންކްސް ތެރެޔަކު ނުހިމެނޭނެއެވެ.

(ސ) "އެނަރޖީ ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، ކެފެއިން އެކުލެވޭ ނުވަތަ އެކުނުލެވޭ ސޮފްޓް ޑްރިންކުތަކު ގެ ތެރެއިން ޓޯރައިން، ގުއަރާނާ ފަދަ ސްޓިމިއުލެންޓްސް އެކުލެވ،ޭ އޭގެ ސަބަބުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިއްބައިދޭ ބުއިންތަކަށެވެ. މީގެ އިތުރުން، މިފަދަ ބުއިންތައް ގިންތިކުރުމުގައި ލޭބަލުކޮށްފައިވާ ގޮތަށާއި އެ މުދާ ބްރޭންޑުކޮށް މާކެޓުކުރާ ގޮތަށް ބެލެވޭނެއެވެ.

(ޑ) "ކާބޮނޭޓެޑް ޑްރިންކްސް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައުޔާރުކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑް އެއްކޮށްފައި ހުންނަ ބުއިންތަކަށެވެ. މީގެ ތެރޭގައި ކޯލާ، ސޮޑާ ފަދަ ބުއިންތައް ހިމެނެއެވެ.

(ޒ) "ތައްޔާރީބުއިންތައް" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް ޓަކައި ތައްޔާރުކޮށްފައިވާ އުފެއްދުންތަކަށެވެ. 

(ޓ) "ފުޑް ސަޕްލިމެންޓްސް" ކަމަށް ބުނެފައި އެވަނީ، އާންމު ކާބޯތަކެތީގެ އިތުރުން، ހަށިގަނޑަށް ނިއުޓްރިއެންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަކި ނިއުޓްރިއެންޓެއް ނުވަތަ ނިއުޓްރިއެންޓްތަކެއް އެއްކޮށްގެން ހަށިގަނޑުގެ ހެދިބޮޑުވުމަށް ބަދަލުގެނައުމަށް އުފައްދައިފައިވާ ބޭހެއްކަމުގައިނުވާ ބާވަތްތަކެވެ.

(ޔ) "ނިއުޓްރިއެންޓް ޕްރޮފައިލް މޮޑެލް" ކަމަށް ބުނެފައި އެވަނީ، ކާބޯތަކެތީގައި ހިމެނޭ ނިއުޓްރިއެންޓްސްގެ މިންވަރު ގިންތިކޮށްދޭ މިންގަނޑަށެވެ.

 

16 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2024-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު