މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2024-92)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 1 އޮކްޓޫބަރު 2024 ގައި)
(މި ގަވާއިދުގެ 2ވަނަ މާއްދާގެ (ށ) އިން ވަނީ "މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު" އުވާލެވިފައި)
ފުރަތަމަ ބާބު
ފެށުން
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، މަނީ ޗޭންޖިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއިއެ ވިޔަފާރި ރެގިއުލޭޓްކޮށް، ސުޕަރވައިޒްކުރުމާއި އެ ވިޔަފާރިއާގުޅޭއެހެނިހެން ކަންތައްތައް ކަނޑައެޅުމުގެ ގަވާއިދެވެ.ެ
(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 29 ވަނަ މާއްދާއާއި 38 ވަނަ މާއްދާގެ ދަށުންނެވެ.
(ނ) މި ގަވާއިދަށް ކިޔާނީ، "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމާއި އުވައިލެވޭ ގަވާއިދު
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 އޮކްޓޫބަރު 2024 ގައެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، 1 މާޗް 1987 ގެ ތާރީހުގައިވާ "މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު" އުވުނީއެވެ.
3 ވަނަ މާއްދާ - އިސްތިސްނާވާ އިދާރާ
ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ މައްޗަށް މި ގަވާއިދެއް ނުހިނގާނެއެވެ.
4 ވަނަ މާއްދާ - މަނީ ޗޭންޖިންގ ލައިސަންސްގެ ބާވަތް
މި ގަވާއިދުގެ ދަށުން އޮތޯރިޓީން ދޫކުރާނީ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އަދި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް (ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އެވެ.
5 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދެވިފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކާ ގުޅިގެން،ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ހަގީގީ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް، އާހިރުގައި ގާނޫނީ ށަހްސެއްގެ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %50 (ފަންސާސް އިންސައްތަ)، އޮންނަ ފަރުދަކަށެވެ.
(ށ) "ބޭންކު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.
(ނ) "ބޭރު ފައިސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ނޫން އެހެން ގައުމެއްގެ ފައިސާ އަށެވެ.
(ރ) އެއްވެސް ކުންފުންޏެއް ހިމެނޭ "ކޯޕަރޭޓް ގްރޫޕް" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަރާތްތަކަށެވެ.
- އެ ކުންފުނިން %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސަބްސިޑިއަރީ ކުންފުނިތައް)؛
- އެ ކުންފުނީގެ %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ ފަރާތެއް (އޯނަރުން)؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތުން %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތައް)؛ އަދި
- މި އަކުރުގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުންފުނިތަކުން %25 (ފަންސަވީސް އިންސައްތަ) އަށް ވުރެ ގިނަ ހިއްސާ އޮންނަ އެހެން ކުންފުނިތައް (ސިސްޓަރ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތައް).
(ބ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
(ޅ) "މަނީ ޗޭންޖިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިއަށާއި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިއަށެވެ.
(ކ) "މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ވަކި ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުން ވެސް އޮތޯރިޓީއަށް ގަބޫލު ކުރެވޭގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
(އ) "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1981-06 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) އަށެވެ.
(ވ) "ފަރާތެއް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭގޮތަށެވެ.
(މ) "ލައިސަންސް ލިބިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އޮތޯރިޓީން ދޫކުރާ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި އޮތޯރިޓީން ދޫކުރާ ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.
(ފ) "ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ބޭރުފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސަށެވެ.
(ދ) "ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ބޭރުފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
(ތ) "ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ބޭރުފައިސާ ވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސަށެވެ.
(ލ) "ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ބޭރުފައިސާ ވިއްކުމުގެ ވިޔަފާރިކުރުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
(ގ) "ޓޫރިސްޓުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓް ވިސާ އޮތް ބިދޭސީންނަށެވެ.
ދެވަނަ ބާބު
ޓިއަރ 1 ލައިސަން ސާއި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިއާގުޅޭ ކަންކަން
6 ވަނަ މާއްދާ - ލައިސަންސް ނެތި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ނުކުރުން
(ހ) ދިވެހިރާއްޖޭގައި ހިންގާ ބޭންކުތައް ފިޔަވައި އެއްވެސް ފަރާތަކުން، ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން، އެ ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ޓިއަރ 1 މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ލިބިގެންނެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކުން ބޭރުފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރާކަމަށް ދައްކައިގެން ނުވަތަ އިށްތިހާރުކޮށްގެން ވެސް ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓަ ރީކޮށްގެން ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލައިޓޫރިސްޓުންގެ ކިބައިން ބޭރު ފައިސާ ގަތުން ނުވަތަ ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުމަކީ ހުއްދަކަމެކެވެ.ެ
7 ވަނަ މާއްދާ - ނަން ބޭނުންކުރުން މަނާކުރުން
ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކުން، އޮތޯރިޓީގެ ހުއްދަ ހޯދައިގެން މެނުވީ، "ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް" ނުވަތަ "މަނީ ޗޭންޖަރ" ނުވަތަ "ކަރަންސީ އެކްސްޗޭންޖް" މި އިބާރާތްތައް، ނުވަތަ މިއިން އިބާރާތަކާ ގުޅުން ހުރި ލަފުޒެއް ނުވަތަ އިބާރާތެއް، މިއިން އިބާރާތެއްގެ މާނަ ދޭހަވާ އެހެން އިބާރާތެއް ނުވަތަ ލަފުޒެއް، ދިވެހިބަހުން ނުވަތަ އެހެން ބަހަކުން ވެސް، ވިޔަފާރީގައި ނުވަތަ ހިދުމަތް ދިނުމުގައި، ނަމުގެ ބައެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.
8 ވަނަ މާއްދާ - ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރުމަށް ފުރިހަމަވާންޖެހޭ އާންމު ކަންކަމާއި ލައިސަންސްގެ މުއްދަތު
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ ދަށުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދައިފައިވާ ކުންފުންޏަކަށެވެ. ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ސަރުކާރުގެ %50 (ފަންސާސް އިންސައްތަ) އޮންނަ ކުންފުންޏެއް ފިޔަވައި، މިގޮތުން އުފައްދާ ކުންފުންޏެއްގެ ހަގީގީ ވެރިފަރާތްވާންވާނީ، ދިވެހި ރައްޔިތަކަށެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުމެއްގައި ތިރީގައިވާ ކަންތައްތަކާއި އޮތޯރިޓީން ކަނޑައަޅާ އިތުރު ކަންކަން ފުރިހަމަވާނަމައެވެ.
- ލައިސަންސަށް އެދި ހުށަހަޅައިފައިވާ ކުންފުންޏަކީ އެއްވެސް އިރެއްގައި، އެ ފަރާތަކަށް ދޫކޮށްފައިވާ މާލީ ވިޔަފާރިއެއްގެ ލައިސަންސް ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުން. މީގެ ތެރޭގައި އެ ފަރާތުން އެދިގެން ލައިސަންސް ބާތިލު ކުރެވިފައިވާ ފަރާތްތަކާއި އެ ފަރާތަކުން މަނީ ޗޭންޖިންގ ވިޔަފާރީގެ މުއާމަލާތެއް ހިންގައިފައިނުވާތާ 3 (ތިނެއް) މަސްދުވަސްވެގެން މަނީ ޗޭންޖިންގ ލައިސަންސް ބާތިލުކޮށްފައިވާ ފަރާތްތަކެއް ނުހިމެނޭނެއެވެ.
- އެ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރަކީ މި ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައިވުން.
(ނ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ކޯޕަރޭޓް ގްރޫޕެއްގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަށެވެ. ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭ ކޯޕަރޭޓް ގްރޫޕް މިކަމުން އިސްތިސްނާވާނެއެވެ.
(ރ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރީގެ ހަރަކާތްތައް ދިވެހިރާއްޖޭގައި ތަނެއް ގާއިމުކޮށް، އެތަނުގައި ހިންގާ ގޮތަށެވެ.
(ބ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސަކީ އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ލައިސަންސެއް ނޫނެވެ.
(ޅ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސްގެ މުއްދަތަކީ 5 (ފަހެއް) އަހަރުދުވަހެވެ.
9 ވަނަ މާއްދާ - ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހެޅުން
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީން އެކަމަށް އިއުލާނު ކުރުމުން، އެކަމަށް ކަނޑައަޅާ ފޯމު ފުރިހަމަކުރުމަށް ފަހު އޮތޯރިޓީއަށެވެ. ވަކި އަދަދެއްގެ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރާ ގޮތަށް އޮތޯރިޓީން ކަނޑައަޅައިފައިވާ ނަމަ އެކަން އިއުލާނުގައި ބަޔާންކުރާނެއެވެ. އަދި، އެ އަދަދަށް ވުރެ އިތުރަށް، ށަރުތުހަމާވާ ފަރާތްތަކުން ލައިސަންސަށް އެދި ހުށަހަޅައިފި ނަމަ، އެ އަދަދަށް ލައިސަންސް ދޫކުރާނެ އުސޫލު ވެސް އިއުލާނުގައި ބަޔާންކުރާނެއެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހަޅާއިރު، ލައިސަންސަށް އެދި ހުށަހަޅާ ފޯމާއެކު އަންނަނިވި މައުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.
- ލައިސަންސަށް އެދިފައިވާ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ ކޮޕީ؛
- ބޭރުފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ހިންގުމަށް ރަޖިސްޓަ ރީ ކޮށްފައިވާ ނަން ނުވަތަ ރަޖިސްޓަ ރީކުރަން ގަސްތުކޮށްފައިވާ ނަން؛
- ލައިސަންސަށް އެދިފައިވާ ކުންފުނީގެ މޭޖަރ ހިއްސާދާރުންނާއި ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރުގެ ނަމާއި، ގައުމީ ނިސްބަތާއި، ދާއިމީ އެޑްރެހާއި މީގެއިތުރުން ވެސް އޮތޯރިޓީން ކަނޑައަޅާ އެފަރާތަކާބެހޭ އެހެނިހެން މައުލޫމާތު؛
- އެއްވެސް ބާވަތެއްގެ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ ނަމަ ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަވެސް، އެކަން ބަޔާންކޮށް އަދި ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅައިފައިވާ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ނުވަތަ ސީނިއަރ މެނޭޖްމަންޓް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާނަމަ އެކަން ބަޔާންކޮށް، ލައިސަންސަށް އެދިފައިވާ ކުންފުނީގެކޮންމެ މޭޖަރ ހިއްސާދާރަކު، ހަގީގީ ވެރިފަރާތަކު، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު، އަދި ކޮމްޕްލަޔަ ންސް އޮފިސަރު ހަގީގަތްކަމަށް ބުނެ ސޮއިކޮށްފައިވާ ބަޔާނެއް އަދި މިއިން ކޮންމެ ފަރާތެއްގެ ކުށުގެ ރިކޯޑު؛
- ބޭރު ފައިސާ ހޯދާނެ ގޮތުގެ ތަފުސީލު ހިމެނޭ ގޮތުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް ގަސްތުކޮށްފައިވާ ގޮތުގެ ތަފުސީލު؛ އަދި
- ލައިސަންސަށް އެދިފައިވާ ކުންފުނި ހިމެނޭ ކޯޕަރޭޓް ގްރޫޕުގެ ތަފުސީލު. މީގެ ތެރޭގައި ލައިސަންސަށް އެދިފައިވާ ކުންފުނީގެ މޭޖަރ ހިއްސާދާރުންގެ އަދި ހަގީގީ ވެރިފަރާތްތަކުގެ މަސްލަހަތެއްވާ ހުރިހާ އިދާރާތަކުގެ ލިސްޓަކާއި އެ އިދާރާތަކުގައި އެ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ މިންވަރު.
(ނ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން ކުރިޔަށް ގެންދިއުމަށް ޓަކައި، ހުށަހަޅައިފައިވާ މައުލޫމާތު އިތުރަށް ސާފުކުރުމުގެ ގޮތުން، އޮތޯރިޓީއަށް އިތުރު ލިޔެކިޔުންތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް އޮތޯރިޓީން އަންގައިފި ނަމަ، އޮތޯރިޓީން އަންގާ މުއްދަތަކަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ. މިގޮތުން އަންގާ މުއްދަތުގެ ތެރޭގައި އެ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާ ނަމަ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން އޮތޯރިޓީއަށް ބާތިލު ކުރެވިދާނެއެވެ.
10 ވަނަ މާއްދާ - ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް އައު ކުރުމަށް އެދި ހުށަހެޅުން
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، އަދި އޮތޯރިޓީން އަންގާ މައުލޫމާތާއެކު، ލިޔުމުން އޮތޯރިޓީއަށެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާ ކުރަން ބޭނުންވާ ނަމަ، އެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ލައިސަންސް އާ ކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އެހެންނަމަވެސް މި މުއްދަތުގެ ފަހުން، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، އެކަށީގެންވާ ސަބަބަކާއެކު ހުށަހަޅާ ހުށަހެޅުންތައް އޮތޯރިޓީން ބަލައިގަނެވިދާނެއެވެ. އަދި، އެފަދަ ހުށަހެޅުންތައް އިތުރު ފީ އަކާއެކު ބަލައިގަތުމަށް އޮތޯރިޓީން ނިންމިދާނެއެވެ.
(ނ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާ ކުރުމަށް ހުށަހެޅުމުން، އޮތޯރިޓީއަށް ފެންނަ ށަރުތުތަކެއް ނުވަތަ ހަނިކުރުންތަކަކާ އެކު ނުވަތަ އެއިން އެއްވެސް ކަމެއް ނެތި ލައިސަންސް އާ ކުރަން، ނުވަތަ ލައިސަންސް އާ ނުކުރުމަށް އޮތޯރިޓީން ނިންމިދާނެއެވެ.
(ރ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާ ކުރުމަށް ހުށަހެޅުމުން، އެ ހުށަހެޅުމަކަށް ލައިސަންސް އާ ކޮށްދިނުމަށް ނުވަތަ ނުކޮށްދިނުމަށް އޮތޯރިޓީން ނިންމައި އަންގަންދެން ބެލެވޭނީ އެ ފަރާތަށް ލިބިފައިވާ ލައިސަންސް ދެމިއޮތްކަމަށެވެ.
11 ވަނަ މާއްދާ - އެޕްލިކޭށަން ފީ
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފީގެ ގޮތުގައި 20,000 (ވިހިހާސް) ރުފިޔާ އޮތޯރިޓީން އަންގާ މުއްދަތުގެ ތެރޭގައި އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް ދޫކުރުމަށް ނުވަތަދޫކުރެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައި ވީނަމަވެސް، އެޕްލިކޭށަން ފީ އަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފީގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ އޮތޯރިޓީން އަންގާ މުއްދަތުގެ ތެރޭގައި އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސްއާކޮށްދިނުމަށް ނުވަތަ އާކޮށްދެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައިވީނަމަވެސް، އެޕްލިކޭށަން ފީ އަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
12 ވަނަ މާއްދާ - ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސްގެ ށަރުތު
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސްގެ ށަރުތުތަކުގެ އިތުރުން، އެހެން ށަރުތުތަކަކާއެކު ލައިސަންސް ދޫކުރެވިދާނެއެވެ. އަދި، ލައިސަންސް ދޫކުރުމަށްފަހުގައި ވެސް، އޮތޯރިޓީއަށް ލައިސަންސްގެ ށަރުތުތައް ލިޔުމަކުން ބަދަލުކޮށް، އުނިއިތުރު ގެނެވިދާނެއެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުރިހާ ވަގުތެއްގައި ވެސް، ތިރީގައިވާ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.
- ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ވިޔަފާރި ފެށުމަށް 3 (ތިނެއް) މަސްދުވަހަށް ވުރެ ދިގު މުއްދަތެއް ދީފައިނުވާ ނަމަ، ލައިސަންސް ދޫކުރެވުނު ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ވިޔަފާރި ފަށަންވާނެއެވެ.
- ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް އަދި ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެހެންވެސް ގާނޫނުތަކާއި، އޮތޯރިޓީން ނެރޭ ގަވާއިދުތަކާއި އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- އެކަށީގެންވާ އިންޓަރނަލް ކޮންޓްރޯލްތަކާއި ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅާ ތަންފީޒުކުރަންވާނެއެވެ.
- މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގ، ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް ނުވަތަ މިނޫންވެސް ކުށެއް ކޮށްގެން ނުވާނެއެވެ. އަދި، އެފަދަ ކުށަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއްވެސް ކޮށްގެން ނުވާނެއެވެ.
- އާންމުންނަށް ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހިދުމަތް ދިނުމަށް ހާއްސަކުރެވިފައިވާ ތަނެއް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ގާއިމުކޮށްފައި ހުންނަންވާނެއެވެ. އެތަން ވާންވާނީ އޮތޯރިޓީން އެކަމަށް ހުއްދަ ދީފައިވާ ތަނަކަށެވެ. ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑައިލަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ އޮތޯރިޓީން ހުއްދަ ދީފައިވާ ތަން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަމުގެ ހުއްދައަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
- ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގަންވާނީ ވިޔަފާރި ހިންގުމަށް އޮތޯރިޓީން ހުއްދަ ދީފައިވާ ނަމުގައި އެކަންޏެވެ.
- ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތުން ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެހެންވެސް ގާނޫނުތަކާއި، އޮތޯރިޓީން ނެރޭ ގަވާއިދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރާކަން ބެލުމަށް، ކޮމްޕްލަޔަންސް އޮފިސަރެއް އަ އްޔަނުކޮށްފައި ހުންނަންވާނެއެވެ.
- ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރަކީ ހުރިހާ ވަގުތެއްގައި ވެސް، މި ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ޔަގީން ކުރަންވާނެއެވެ.
- ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހި ރައްޔިތުންނަށެވެ.
13 ވަނަ މާއްދާ - ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ހިފެހެއްޓު މާއި ބާތިލުކުރުން
ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމަ، ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް، ވަކި މުއްދަތަކަށް ހިފެހެއްޓިދާނެއެވެ. ނުވަތަ ބާތިލުކުރެވިދާނެއެވެ.
(ހ) ލައިސަންސަށް އެދި ހުށަހެޅިއިރު އެ ހުށަހެޅުމުގައި، ގަސްތުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތަ އޮޅުންއަރާފާނެ ފަދަ މައުލޫމާތެއް އޮތޯރިޓީއަށް ހުށަހެޅުން.
(ށ) އެއްވެސް ގާނޫނަކާ، ނުވަތަ އޮތޯރިޓީގެ ގަވާއިދަކާ ނުވަތަ އަމުރަކާ ނުވަތަ އެންގުމަކާ، ނުވަތަ ލައިސަންސްގެ ށަރުތަކާ ހިލާފުވުން.
(ނ) އޮތޯރިޓީން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެދުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހަޅައިފައި ނުވުން.
(ރ) އޮތޯރިޓީއަށް ތެދުނޫން ނުވަތަ އޮޅުންއަރާނެފަދަ މައުލޫމާތު ދިނުން ނުވަތަ އޮތޯރިޓީއަށް އޮޅުވައިލުން.
(ބ) ހަރުދަނާ ނޫންގޮތަކަށް ލައިސަންސް ލިބިފައިވާ ވިޔަފާރީގެ ހަރަކާތްތައް ހިންގުން.
(ޅ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތް އިފްލާސްކުރުން ނުވަތަ އުވައިލުން.
(ކ) ލައިސަންސް ލިބިފައިވާ ވިޔަފާރީގެ މުއާމަލާތެއް ހިންގާފައިނުވާތާ 3 (ތިނެއް) މަސްދުވަސް ވެފައިވުން.
(އ) އެއްވެސް މޭޖަރ ހިއްސާދާރަކީ ނުވަތަ ހަގީގީ ވެރިފަރާތަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކީ ނުވަތަ ކޮމްޕްލަޔަންސް އޮފިސަރަކީ ކަމަށް އެކަށޭނަ ފަރާތެއް ކަމުގައި ނުވުން.
(ވ) އާންމު މަސްލަހަތަށް ޓަކައި ލައިސަންސް ބާތިލުކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެނުން.
14 ވަނަ މާއްދާ - އަހަރީ ފީ
ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން، އަހަރީ ފީގެ ގޮތުގައި 24,000 (ސައުވީސްހާސް) ރުފިޔާ، އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އޮތޯރިޓީއަށް ދައްކަންވާނެއެވެ.
15 ވަނަ މާއްދާ - ލައިސަންސް އަދި ނަންބޯޑު ފެންނާނޭހެން ބެހެއްޓުން
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް އެ ފަރާތުގެ ވިޔަފާރި ހިންގާ ތަނުގައި ފަސޭހައިން ފެންނަ ގޮތަށް ބަހައްޓަންވާނެއެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގާ ތަނުގެ ބޭރުގައި، އެ ވިޔަފާރިއެއްގެ ނަމާއި، ދިވެހިބަހުން "ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް" އަދި އިނގިރޭސިބަހުން "Changer-Money Licensed "މިފަދައިން ލިޔެ، ފަސޭހައިން ފެންނާނޭހެން ބަހައްޓަންވާނެއެވެ.
16 ވަނަ މާއްދާ - ނަގުދު ފައިސާއިން ކުރެވޭ މުއާމަލާތުގެ ލިމިޓް
ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ނަގުދު ފައިސާއިން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް އެންމެގިނަވެގެން މުއާމަލާތް ކުރެވޭނެ އަދަދަކީ 50,000 (ފަންސާސްހާސް) ރުފިޔާ ނުވަތަ އެއާ އެއްވަރުގެބޭރު ފައިސާގެ އަދަދެކެވެ.ެ މިއަށްވުރެ މަތީ އަދަދުތަކުގެ މުއާމަލާތްތައް ކުރަންވާނީ އެ ފަރާތުގެ ނަމުގައި ހުޅުވައިފައިވާ ބޭންކު އެކައުންޓުތައް މެދުވެރިކޮށެވެ. މީގެ ތެރޭގައި ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކާއި ބޭންކަކާ ދެމެދު ކުރާ މުއާމަލާތްތަކެއް ނުހިމެނޭނެއެވެ.
17 ވަނަ މާއްދާ - ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ވަގުތުން ކުރުން
ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ އެއްވެސް ފަރާތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ މުއާމަލާތަކަށް ކަސްޓަމަރު ފަހުން ފައިސާ ދޭގޮތަށް ނުވަތަ ކަސްޓަމަރަށް ފަހުން ފައިސާ ދައްކާ ގޮތަށް މުއާމަލާތެއް ކޮށްގެންނުވާނެއެވެ. ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ މުއާމަލާތަކަށް، އެ މުއާމަލާތެއް ހިނގި ދުވަހު ފައިސާ ދައްކައިފި ނަމަ، ފަހުން ފައިސާ ދެއްކި ކަމަކަށް ނުބެލޭނެއެވެ.
18 ވަނަ މާއްދާ - ރަސީދު ދޫކުރުން
ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ބޭރު ފައިސާ ވިއްކުމަށްފަހު ނުވަތަ ބޭރު ފައިސާ ގަތުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެއެވެ. އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮން ފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު (މިސާލު: މުއާމަލާތް ހިންގި ތާރީހު، ށަހްސެއް ނަމަ ރަޖިސްޓްރޭށަން ނަންބަރާއި ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު)، ވިއްކި ނުވަތަ ގަތް ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ރޭޓް ނުވަތަ ގަތް ރޭޓް ހިމަނަންވާނެއެވެ.
19 ވަނަ މާއްދާ - މޭޖަރ ހިއްސާ ދާރުނާއި ޑިރެކްޓަރުންނާއި ކޮމްޕްލަޔަންސް އޮފިސަރު ބަދަލުވުން
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތުގެ މޭޖަރ ހިއްސާދާރުން ބަދަލު ކުރަންވާނީ އޮތޯރިޓީގެ ހުއްދަ ހޯދުމަށްފަހުގައެވެ. އޮތޯރިޓީގެ ހުއްދައަށް އެދި ހުށަހަޅާއިރު، މޭޖަރ ހިއްސާދާރުންނަށް އަންނަ ބަދަލުގެ ތަފުސީލާއި މޭޖަރ ހިއްސާދާރަކަށް ހެދުމަށް ހުށަހަޅާ ފަރާތާ ގުޅޭ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
(ށ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ކޮމްޕްލަޔަންސް އޮފިސަރު އައްޔަނުކުރުމުގެ ނުވަތަ ހޮވުމުގެ މަދުވެގެން 30 (ތިރީސް) މަސައްކަތު ދުވަހުގެ ކުރިން، އެކަން އޮތޯރިޓީއަށް ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން ފޮނުވާ ލިޔުމުގައި އައްޔަނުކުރަން ނުވަތަ ހޮވަން ގަސްތުކުރާ ފަރާތަކީ، ކަމަށް އެކަށޭނަ ފަރާތެއްކަން އަންގައިދޭ މައުލޫމާތާއި، އެފަރާތާ ގުޅޭ މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި އެފަރާތަކީ ކަމަށް އެކަށޭނަ ފަރާތެއް ނޫންކަމަށް އޮތޯރިޓީއަށް ގަ ބޫލުކުރެވޭނަމަ، އެފަރާތެއް ނުހޮވޭނެކަން ނުވަތަ އައްޔަނުނުކުރެވޭނެކަން، އޮތޯރިޓީއަށް މައުލޫމާތު ފޮނުވާތާ 30 (ތިރީސް) މަސައްކަތު ދުވަހުގެ ތެރޭގައި އޮތޯރިޓީން، ލައިސަންސް ލިބިފައިވާ ފަރާތަށް އަންގާނެއެވެ. މި މުއްދަތުގައި އޮތޯރިޓީން ގޮތެއް އަންގައިފައި ނުވާ ނަމަ ބެލޭނީ އެފަރާތެއް އައްޔަނުކުރުމާމެދު ނުވަތަ ހޮވުމާމެދު އޮތޯރިޓީގެ އިއުތިރާޒެއް ނެތްކަމަށެވެ.
20 ވަނަ މާއްދާ - މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކުރުން
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތުގެ ބެލެންސް ށީޓާއި، ފައިދާއާއި ގެއްލުމުގެ ހިސާބާއި، ފައިސާ ލިބުނުގޮތާއި ހަރަދުވިގޮތުގެ އަހަރީ ހިސާބު ތައްޔާރުކުރަންވާނެއެވެ. އަދި، މި ހިސާބުތައް މިނިވަން މުސްތަގިއްލު އެކްސްޓަރނަލް އޮޑިޓަރަކު ލައްވައި އޮޑިޓް ކުރަންވާނެއެވެ.
(ށ) ކޮންމެ މާލީ އަހަރެއް ނިމޭތާ 4 (ހަތަރެއް) މަސްދުވަހުގެ ތެރޭގައި، ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތެއްގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ ކޮޕީއެއް އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއެކު ކުންފުންޏަށް ސިޓީއެއް ނުވަތަ އެހެންވެސް ލިޔުމެއް އޮޑިޓަރު ފޮނުވައިފައިވާ ނަމަ، އެ ސިޓީއާއި އެ ލިޔުމުގެ ކޮޕީ ވެސް އޮޑިޓްކޮށްފައިވާ ހިސާބުތަކާއެކު އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
(ނ) މާލީ އަހަރަކީ، މީލާދީ ކަލަންޑަރުގެ ޖަނަވަރީ 1 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.
ތިންވަނަ ބާބު
ޓިއަރ 2 ލައިސަން ސާއި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިއާގުޅޭ ކަންކަން
21 ވަނަ މާއްދާ - ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ނުކުރުން
(ހ) ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ޓިއަރ 1 ލައިސަންސް ލިބިފައިވާ ފަރާތްތައް ފިޔަވައި އެއްވެސް ފަރާތަކުން، ދިވެހިރާއްޖޭގައި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން، އެ ވިޔަފާރި ކުރުމަށް އޮތޯރިޓީން ދޫކުރާ ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިގެންނެވެ.
(ށ) ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތައް ފިޔަވައި، އެހެން އެއްވެސް ފަރާތަކުން ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރާކަމަށް ދައްކައިގެން، ނުވަތަ އިށްތިހާރުކޮށްގެން ވެސް ނުވާނެއެވެ.
22 ވަނަ މާއްދާ - ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރުމަށް ފުރިހަމަވާންޖެހޭ އާންމު ކަންކަމާއި ލައިސަންސްގެ މުއްދަތު
(ހ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސަންސް ލިބިފައިވާ ކުންފުންޏަކަށެވެ.
(ށ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރަކީ މި ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައިވާ ނަމަ، އަދި އޮތޯރިޓީން ކަނޑައަޅާ އިތުރު ކަންކަން، ފުރިހަމަވާ ނަމައެވެ.
(ނ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސްގެ މުއްދަތަކީ، ލައިސަންސް ދޫކުރެވޭ ފަރާތަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ޓޫރިސްޓް ރިސޯޓު ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތެވެ.
23 ވަނަ މާއްދާ - ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހެޅުން
(ހ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީން އެކަމަށް ކަނޑައަޅާ ފޯމު ފުރިހަމަ ކުރުމަށް ފަހ،ު އެ ފޯމުގައި ނުވަތަ އޮތޯރިޓީން ކަނޑައަޅާ މައުލޫމާތާއި ލިޔެކިޔުންތަކާއެކުއެވެ. އަދި މަދުވެގެން ތިރީގައިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.
- ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ ކޮޕީ؛
- ލައިސަންސަށް އެދިފައިވާ ކުންފުނީގެ މޭޖަރ ހިއްސާދާރުންނާއި ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރުގެ ނަމާއި، ގައުމީ ނިސްބަތާއި، ދާއިމީ އެޑްރެހާއި މީގެ އިތުރުން ވެސް އޮތޯރިޓީން ކަނޑައަޅާ އެ ފަރާތަކާބެހޭ އެހެނިހެން މައުލޫމާތު؛
- އެއްވެސް ބާވަތެއްގެ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ށަރީއަތަށް ސާބިތުވެފައިވާ ނަމަ ނުވަތަ އެއްވެސް ބާވަތެއްގެ ކުށެއް ށަރީއަތަށް ސާބިތުވެފައި ނުވާނަމަވެސް، ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި އިފްލާސްކުރެވިފައިވާ ނުވަތަ އިފްލާސްކުރުމަށް ހުށަހަޅައިފައިވާ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ނުވަތަ ސީނިއަރ މެނޭޖްމަންޓް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވާ ނަމަ އެކަން ބަޔާންކޮށް، ލައިސަންސަށް އެދިފައިވާ ކުންފުނީގެ ކޮންމެ މޭޖަރ ހިއްސާދާރަކު، ހަގީގީ ވެރިފަރާތަކު، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު، އަދި ކޮމްޕްލަޔަންސް އޮފިސަރު ހަގީގަތްކަމަށް ބަޔާންކޮށް، ސޮއިކޮށްފައިވާ ބަޔާނެއް އަދި މިއިން ކޮންމެ ފަރާތެއްގެ ކުށުގެ ރިކޯޑު؛ ކުރިޔަށް ގެންދިއުމަށް ޓަކައި، ހުޅަހަޅައިފައިވާ މައުލޫމާތު އިތުރަށް ސާފުކުރުމުގެ ގޮތުން، އޮތޯރިޓީއަށް އިތުރު ލިޔެކިޔުންތައް ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލައިސަންސަށް އެދި ހުށަހަޅާ ފަރާތަށް އޮތޯރިޓީން އަންގައިފި ނަމަ، އޮތޯރިޓީން އަންގާ މުއްދަތަކަށް އެ މައުލޫމާތު ހުށަހަޅަންވާނެއެވެ. މިގޮތުން އަންގާ މުއްދަތުގެ ތެރޭގައި އެ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާ ނަމަ، ލައިސަންސަށް އެދި ހުށަހަޅައިފައިވާ ހުށަހެޅުން އޮތޯރިޓީއަށް ބާތިލުކުރެވިދާނެއެވެ.
24 ވަނަ މާއްދާ - ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް އާ ކުރުމަށް އެދި ހުށަހެޅުން
(ހ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާނީ އޮތޯރިޓީން އެކަމަށް ކަނޑައަޅާ ގޮތަކަށް، އަދި އޮތޯރިޓީން އަންގާމައުލޫމާތާއެކު، ލިޔުމުން އޮތޯރިޓީއަށެވެ.
(ށ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާ ކުރަން ބޭނުންވާ ނަމަ، އެ ލައިސަންސްގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން ލައިސަންސް އާ ކުރުމަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ފަހުން އެހެންނަމަވެސް ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން، އެކަށީގެންވާ ސަބަބަކާއެކު ހުށަހަޅާ ހުށަހެޅުންތައް އޮތޯރިޓީން ބަލައިގަނެވިދާނެއެވެ. އަދި، އެފަދަ ހުށަހެޅުންތައް އިތުރު ފީ އަކާއެކު ބަލައިގަތުމަށް އޮތޯރިޓީން ނިންމިދާނެއެވެ.
(ނ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާ ކުރުމަށް ހުށަހެޅުމުން، އޮތޯރިޓީއަށް ފެންނަ ށަރުތުތަކެއް ނުވަތަ ހަނިކުރުންތަކަކާ އެކު ނުވަތަ އެއިން އެއްވެސް ކަމެއް ނެތި ލައިސަންސް އާ ކުރަން، ނުވަތަ ލައިސަންސް އާ ނުކުރުމަށް އޮތޯރިޓީން ނިންމިދާނެއެވެ.
(ރ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެ ފަރާތަށް ލިބިފައިވާ ލައިސަންސް އާ ކުރުމަށް ހުށަހެޅުމުން، އެ ހުށަހެޅުމަކަށް ލައިސަންސް އާ ކޮށްދިނުމަށް ނުވަތަ ނުކޮށްދިނުމަށް އޮތޯރިޓީން ނިންމައި އަންގަންދެން ބެލޭނީ އެ ފަރާތަށް ލިބިފައިވާ ލައިސަންސް ދެމިއޮތްކަމަށެވެ.
25 ވަނަ މާއްދާ - އެޕްލިކޭށަން ފީ
(ހ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފީގެ ގޮތުގައި 1,300 (އެއްހާސް ތިންސަތޭކަ) އެމެރިކާ ޑޮލަރު އޮތޯރިޓީން އަންގާ މުއްދަތުގެ ތެރޭގައި އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް ދޫކުރުމަށް ނުވަތަ ދޫކުރެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައި ވީނަމަވެސް، އެޕްލިކޭށަން ފީ އަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(ށ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް އާ ކުރުމަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފީގެ ގޮތުގައި 650 (ހަސަތޭކަ ފަންސާސް) އެމެރިކާ ޑޮލަރުއޮތޯރިޓީން އަންގާ މުއްދަތުގެ ތެރޭގައި އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް އާކޮށްދިނުމަށް ނުވަތަ އާކޮށްދެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައި ވީނަމަވެސް، އެޕްލިކޭށަން ފީ އަކީ އަނބުރާ ދެވޭނެފައިސާއެއް ނޫނެވެ.
26 ވަނަ މާއްދާ - ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސްގެ ށަރުތު
(ހ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަށް ދޫކުރާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސްގެ ށަރުތުތަކުގެ އިތުރުން، އިތުރު ށަރުތުތަކަކާއެކު ލައިސަންސްދޫކުރެވިދާނެއެވެ. އަދި، ލައިސަންސް ދޫކުރުމަށްފަހުގައި ވެސް، އޮތޯރިޓީއަށް ލައިސަންސްގެ ށަރުތުތައް ލިޔުމަކުން ބަދަލުކޮށް، އުނިއިތުރު ގެނެވިދާނެއެވެ.
(ށ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަސް ލިބިފައިވާ ހުރިހާ ފަރާތްތަކުން، ހުރިހާ ވަގުތެއްގައި ވެސް، ތިރީގައިވާ ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަމަލު ކުރަންވާނެއެވެ.
- ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގަންވާނީ ހަރުދަނާކޮށް އަދި ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެހެންވެސް ގާނޫނުތަކާއި، އޮތޯރިޓީން ނެރޭ ގަވާއިދުތަކާއި އަންގާ އެންގުންތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- އެކަށީގެންވާ އިންޓަރނަލް ކޮންޓްރޯލްތަކާއި ވިޔަފާރިއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަންތައްތަކާމެދު އެކަށީގެންވާ ސިޔާސަތުތަކާއި އުސޫލުތައް އެކަށައަޅައި ތަންފީޒުކުރަންވާނެއެވެ.
- މަކަރާއި ހީލަތް، ހިޔާނާތް، މަނީ ލޯންޑްރިންގ، ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށެއް ނުވަތަ މިނޫންވެސް ކުށެއް ކޮށްގެން ނުވާނެއެވެ. އަދި، އެފަދަ ކުށަކަށް މަގުފަހިވެދާނެ އެއްވެސް ކަމެއްވެސް ކޮށްގެން ނުވާނެއެވެ.
- ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގަންވާނީ ވިޔަފާރި ހިންގުމަށް އޮތޯރިޓީން ހުއްދަދީފައިވާ ނަމުގައި އެކަންޏެވެ.
- ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތުން ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) އާއި އެހެންވެސް ގާނޫނުތަކާއި، އޮތޯރިޓީން ނެރޭ ގަވާއިދުތަކާއި އަންގާ އެންގުންތަކަށް އަމަލުކުރާކަން ބެލުމަށް، ކޮމްޕްލަޔަންސް އޮފިސަރެއް އަ އްޔަނުކޮށްފައި ހުންނަންވާނެއެވެ.
- ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތުގެ މޭޖަރ ހިއްސާދާރުންނާއި ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރަކީ ހުރިހާ ވަގުތެއްގައި ވެސް، މި ގަވާއިދުގެ 33 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައި ޔަގީންކުރަންވާނެއެވެ.
27 ވަނަ މާއްދާ - ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ހިފެހެއްޓުން އަދި ބާތިލުކުރުން
(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ހާލަތެއް މެދުވެރިވެއްޖެކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭ ނަމަ ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް، ވަކި މުއްދަތަކަށް ހިފެހެއްޓިދާނެއެވެ. ނުވަތަ ބާތިލުކުރެވިދާނެއެވެ.
- ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަށް އެދި ހުށަހެޅިއިރު އެ ހުށަހެޅުމުގައި، ގަސްތުގައި ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން، ތެދުނޫން ނުވަތަ އޮޅުންއަރާފާނެ ފަދަ މައުލޫމާތެއް އޮތޯރިޓީއަށް ހުށަހެޅުން.
- އެއްވެސް ގާނޫނަކާ، ނުވަތަ އޮތޯރިޓީގެ ގަވާއިދަކާ ނުވަތަ އަމުރަކާ ނުވަތަ އެންގުމަކާ، ނުވަތަ ލައިސަންސްގެ ށަރުތަކާ ހިލާފުވުން.
- އޮތޯރިޓީން އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހެޅުމަށް އެދުމުން، އެ މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ރިޕޯޓެއް ހުށަހަޅައިފައި ނުވުން.
- އޮތޯރިޓީއަށް ތެދުނޫން ނުވަތަ އޮޅުންއަރާނެ ފަދަ މައުލޫމާތު ދިނުން ނުވަތަ އޮތޯރިޓީއަށް އޮޅުވައިލުން.
- ހަރުދަނާ ނޫންގޮތަކަށް ބޭރު ފައިސާ ވިއްކުމުގެ ހަރަކާތްތައް ހިންގުން؛
- ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތް އިފްލާސްކުރުން ނުވަތަ އުވައިލުން؛
- ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތެއް ހިންގައިފައިނުވާތާ 3 (ތިނެއް) މަސްދުވަސް ވެފައިވުން؛
- އެއްވެސް މޭޖަރ ހިއްސާދާރަކީ ނުވަތަ ހަގީގީ ވެރިފަރާތަކީ ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކީ ނުވަތަ ކޮމްޕްލަޔަންސް އޮފިސަރަކީ ކަމަށް އެކަށޭނަ ފަރާތެއް ކަމުގައި ނުވުން؛
- އާންމު މަސްލަހަތަށް ޓަކައި ލައިސަންސް ބާތިލުކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެނުން.
(ށ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކަށް، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ލިބިފައިވާ ހުއްދަ ނުވަތަ ލައިސަންސް ބާތިލުވެއްޖެ ނަމަ ނުވަތަ ބާތިލުކޮށްފި ނަމަ، އެ ފަރާތަށް ލިބިފައިވާ ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ބާތިލުވާނެއެވެ.
28 ވަނަ މާއްދާ - އަހަރީ ފީ
ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތްތަކުން ވެސް،އަހަރީ ފީގެ ގޮތުގައި 1,800 (އެއްހާސް އަށްސަތޭކަ) އެމެރިކާ ޑޮލަރު، އޮތޯރިޓީން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އޮތޯރިޓީއަށް ދައްކަންވާނެއެވެ.
29 ވަނަ މާއްދާ - ހަމައެކަނި ބޭންކު މެދުވެރިކޮށް ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތްކުރުން
(ހ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރުފައިސާ ވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ ބޭންކެއް މެދުވެރިކޮށެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ކަމުގައިވީނަމަވެސް، ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭންކަކާ ނުވަތަ ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތަކާ ނަގުދު ފައިސާއިން މުއާމަލާތް ކުރެވިދާނެއެވެ.
30 ވަނަ މާއްދާ - ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ވަގުތުން ކުރުން
ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ އެއްވެސް ފަރާތަކުން، ބޭރުފައިސާ ވިއްކުމުގެ މުއާމަލާތަކަށް ކަސްޓަމަރު ފަހުން ފައިސާ ދޭގޮތަށް ނުވަތަ ކަސްޓަމަރަށް ފަހުން ފައިސާ ދައްކާ ގޮތަށް މުއާމަލާތެއް ކޮށްގެންނުވާނެއެވެ. ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތަކަށް، އެ މުއާމަލާތެއް ހިނގި ދުވަހު ފައިސާ ދައްކައިފި ނަމަ، ފަހުން ފައިސާ ދެއްކި ކަމަކަށް ނުބެލޭނެއެވެ.
31 ވަނަ މާއްދާ - ރަސީދު ދޫކުރުން
ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ބޭރު ފައިސާ ވިއްކުމަށް ފަހު ކަސްޓަމަރަށް ރަސީދެއް ދޭންވާނެއެވެ. އެގޮތުން ދޫކުރާ ރަސީދުގައި، ކަސްޓަމަރުގެ ފުރިހަމަ ނަން، ކޮންފަރާތެއްކަން އަންގައިދޭ ލިޔުމެއްގެ ނަންބަރު (މިސާލު: މުޢާމަލާތް ހިންގި ތާރީހ،ު ކަސްޓަމަރުގެ ކާކުކަން އަންގައިދޭ ކާޑުގެ ނަންބަރު، ޕާސްޕޯޓް ނަންބަރު، ޤާނޫނީ ށަޙްސެއް ނަމަ ރަޖިސްޓްރޭށަން ނަންބަރާއި ވިޔަފާރީގެ ރަޖިސްޓަރީ ނަންބަރު)، ވިއްކި ފައިސާގެ ބާވަތާއި އަދަދާއި ފައިސާ ވިއްކި ރޭޓް ހިމަނަންވާނެއެވެ.
ހަތަރުވަނަ ބާބު
ލައިސަންސް ލިބިފައިވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންކަން
32 ވަނަ މާއްދާ - ސެކިއުރިޓީ ޑިޕޮސިޓް
ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ހުރިހާ ވަގުތެއްގައިވެސް 50,000 (ފަންސާސްހާސް) އެމެރިކާ ޑޮލަރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އޮތޯރިޓީގައި ބަހައްޓަންވާނެއެވެ.
33 ވަނަ މާއްދާ - ކަމަށް އެކަށޭނަ ކަމަށް ބަލާނެ މިންގަނޑުތައް
(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުގެ މޭޖަރ ހިއްސާދާރުންނާއި، ހަގީގީ ވެރިފަރާތްތަކާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ކޮމްޕްލަޔަންސް އޮފިސަރު ވާންވާނީ ހުރިހާ ވަގުތެއްގައި ވެސް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމުގައެވެ.
(ށ) ކަމަށް އެކަށޭނަ ފަރާތަކީ، ތެދުވެރި އަދި އިތުބާރުކުރެވޭ، އަދި އޮތޯރިޓީއަށް ފެންނަ ގޮތުގައާއި އެފަރާތުން ހާސިލުކޮށްފައިވާ ތައުލީމާއި ތަޖުރިބާއަށާއި، މާޒީއަށް ބަލާއިރު މަނީ ޗޭންޖިންގ ވިޔަފާރިއެއްގެ މޭޖަރ ހިއްސާދާރެއް ނުވަތަ ހަގީގީ ވެރިފަރާތެއް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ކޮމްޕްލަޔަންސް އޮފިސަރެއް ކަމުގައިވުމަށް އެކަށޭނަ ކޮންމެ ފަރާތެކެވެ.ެ ތިރީގައިވާ ފަރާތްތަކަކީ، ކަމަށް އެކަށޭނަ ފަރާތްތަކެއް ކަމަކަށް ނުބެލެވޭނެއެވެ.
- ޖިނާއީ ކުށެއްގައި ށަރީއަތަށް ސާބިތުވ،ެ ޖަލަށްލުމަށް ހުކުމްކޮށްފައިވާ، ނުވަތަ ޖަލަށްލުމަށް ހުކުމް ކުރެވިދާނެ ފަދަ ޖިނާއީ ކުށެއް ށަރީއަތަށް ސާބިތުވ،ެ ހުކުމެއް އިއްވައިފައިވާ ފަރާތްތައް؛
- ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިފްލާސްކުރެވިފައިވާ ފަރާތްތައް؛
- ފާއިތުވެދިޔަ 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ލައިސަންސް ބާތިލު ކުރެވިފައިވާ އެއްވެސް މާލީ ވިޔަފާރިއެއްގެ މޭޖަރ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ މެންބަރެއް؛ ނަމަވެސް، މިފަދަ ސީނިއަރ މެނޭޖްމަންޓުގެ މެންބަރަކު ލައިސަންސް ބާތިލު ކުރި ކުންފުނީގައި އަދާކުރި ވަޒީފާއަށާއި، ލައިސަންސް ބާތިލުކުރި ސަބަބަށް ރިއާޔަތްކޮށް އެ ފަރާތަކަށް އޮތޯރިޓީން އިސްތިސްނާއެއް ދެވިދާނެއެވެ.
- ރެގިއުލޭޓަރީ އިދާރާއަކުން ނުވަތަ އެއްވެސް ފަންނެއްގެ ޕްރޮފެށަނަލް ބޮޑީ އަކުން، އެއްވެސް އިރެއްގައި އެ މީހަކާމެދު އިސްލާހީ ފިޔަވަޅެއް އަޅައިފައިވާ، ނުވަތަ ލިޔުމުން އިންޒާރެއް ދީފައިވާ، ނުވަތަ އެ މީހަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ މެންބަރށިޕް ހިފެހެއްޓިފައިވާ ނުވަތަ ބާތިލު ކުރެވިފައިވާ މީހެއް؛
- އޮތޯރިޓީއަށް ތެދުނޫން ނުވަތަ އޮޅުން އަރާފާނެ ފަދަ މައުލޫމާތު ދީފައިވާ ނުވަތަ އޮތޯރިޓީއަށް އޮޅުވައިލައިފައިވާ ފަރާތްތައް؛
- ސާބިތު ދަރަންޏެއް ގަވާއިދުން ދައްކަމުން ނުދާ ފަރާތްތައް؛ އަދި
- ދައުލަތަށް ދައްކަންޖެހޭ ޓެކްސްއެއް، ދައްކަންޖެހިފައިވާ އުސޫލުން ދައްކަމުން ނުދާ ފަރާތްތައް.
34 ވަނަ މާއްދާ - ރިކޯޑު ބެހެއްޓުމާއި މުއާމަލާތްތައް މޮނިޓަރ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރުން
(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތުން ހިންގާ ލައިސަންސް ލިބިފައިވާ ވިޔަފާރީގެ ފޮތްތަކާއި ހިސާބުތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް، ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކޮށްފައިވާ ރިކޯޑުތަކާއި ލިޔެކިޔުންތައް ހިމެނޭނެއެވެ.
- ކަސްޓަމަރަކީ ކާކުކަން އަންގައިދޭ މައުލޫމާތުގެ ރިކޯޑުތައް.
- ބޭރު ފައިސާ ގަތް އަދި ވިއްކި ރޭޓްތައް. މީގެ ތެރޭގައި ރޭޓަށް ގެނައި ބަދަލާއި ބަދަލު ގެނައި ތާރީހުތައް.
- ގަތް އަދި ވިއްކި ބޭރު ފައިސާގެ މުއާމަލާތްތަކުގެ ތަފުސީލު. މީގެ ތެރޭގައި މުއާމަލާތްކުރީ ކޮން ފައިސާއަކުން ކަމާއި، ފައިސާގެ އަދަދު.
- ގަތް އަދި ވިއްކި ބޭރު ފައިސާގެ މުއާމަލާތްތަކަށް ކަސްޓަމަރަށް ދިން ރަސީދުތަކުގެ ކޮޕީ.
- އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ރިކޯޑުތަކާއި ލިޔެކިޔުންތައް.
(ށ) ލައިސަންސް ލިބިފައިވާ ވިޔަފާރީގެ ހިސާބުތަކާއި ފޮތްތަކާއި ރިކޯޑުތަކާއި ލިޔެކިޔުންތައް ހުންނަންވާނީ ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.
(ނ) އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅައިފައި ނުވާހައި ހިނދެއްގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކުރާ ލައިސަންސް ލިބިފައިވާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ މައުލޫމާތާއި ލިޔުންތަކާއި ރިކޯޑުތައް، އެ މުއާމަލާތެއް ފުރިހަމަކުރެވުނު ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ. މީގެ ތެރޭގައި ކަސްޓަމަރ ޑިއު ޑިލިޖެންސް ފުރިހަމަކުރުމަށް ހޯދި މައުލޫމާތާއި ލިޔުންތައް ހިމެނޭނެއެވެ.
(ރ) އޮތޯރިޓީން އެހެން މުއްދަތެއް ކަނޑައަޅައިފައި ނުވާހައި ހިނދެއްގައި، ލައިސަންސް ލިބިފައިވާ ފަރާތްތަކުން، މާލީ ހިސާބުތަކާއި ރިކޯޑުތައް މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
(ބ) ގާނޫނީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފާނެކަމަށް އެކަށޭނަ ސަބަބުތަކަކާ ހުރެ ގަބޫލު ކުރެވޭ އެއްވެސް މައްސަލައަކާ ގުޅޭ ރިކޯޑުތައް، ނުވަތަ އެރިކޯޑަކީ ތަހުގީގު ކުރަމުންދާ ޖިނާއީ މައްސަލައަކާ ގުޅޭގޮތުން ތަހުގީގީ އިދާރާއަކުން ބޭނުން ވެދާނެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލު ކުރެވެންވާނެ ފަދަ ރިކޯޑެއް ނަމަ، މި މާއްދާގެ (ނ) އާއި (ރ) ގައިވާ މުއްދަތުގެ އިތުރުންވެސް، އެ ރިކޯޑެއްގެ ބޭނުން ދެން ނުޖެހޭނެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަށް ގަބޫލު ކުރެވެންދެން އެ ރިކޯޑެއް ބަހައްޓައްވާނެއެވެ.
(ޅ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނިޓަރ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަންވާނެއެވެ.
ފަސްވަނަ ބާބު
ސުޕަރވައިޒްކުރުން
35 ވަނަ މާއްދާ - މައުލޫމާތާއި ރިޕޯޓު ހުށަހެޅުމާއިސުޕަރ ވައިޒް ކުރުން
(ހ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އޮތޯރިޓީން އަންގާ ގޮތެއްގެ މަތީން އަދި އޮތޯރިޓީން އެދޭ ތަފުސީލާއެކު، އަދި އޮތޯރިޓީން އަންގާ ވަގުތަށް، އޮތޯރިޓީން އެދޭ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓުތައް ހުށަހަޅަންވާނެއެވެ.
(ށ) ލައިސަންސް ލިބިފައިވާ ފަރާތެއްގެ ވިޔަފާރި ހިނގާ ގޮތް ބެލުމަށް ނުވަތަ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެފަރާތުން އަމަލުކުރާ މިންވަރު ބެލުމަށް ނުވަތަ އޮތޯރިޓީން ބަލަންޖެހޭކަމަށް ފެންނަ އެނޫންވެސް ކަންކަން ބެލުމަށް އޮތޯރިޓީން އައްޔަނުކުރާ ފަރާތެއް މެދުވެރިކޮށް ނުވަތަ އޮތޯރިޓީގެ އޮފިސަރުން މެދުވެރިކޮށް، އޮތޯރިޓީއަށް ފެނިއްޖެ ކޮންމެ ހިނދެއްގައި، ލައިސަންސް ލިބިފައިވާ ފަރާތުގެ އޮންސައިޓް އެގްޒެމިނޭށަނެއް ހިންގިދާނެއެވެ. އޮންސައިޓް އެގްޒެމިނޭށަނެއްގައި އެ ތަނުގެ ރި ކޯޑުތަކާއި ފޮތްތަކާއި، އެހެނިހެން ލިޔުންތައް ބަލައި، މައުލޫމާތު ހޯދައި، ލިޔުންތައް ނަކަލުކުރެވިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ބަޔާންކޮށްފައިވާ ފަދަ އޮންސައިޓް އެގްޒެމިނޭށަނެއްގެ ތެރޭގައި ނުވަތަ އޮންސައިޓް އެގްޒެމިނޭށަނަކާ ގުޅިގެން އިތުރު މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ނުވަތަ ހެއްކެއް ހޯދުމަށް އޮތޯރިޓީގެ އޮފިސަރުން ބޭނުންވެއްޖެ ނަމަ، ލައިސަންސް ލިބިފައިވާ ފަރާތުން، އެ އެއްޗެއް ފޯރުކޮށްދޭންވާނެއެވެ. ނުވަތަ އޮފިސަރުން ބޭނުންވެއްޖެ ނަމަ އެ އެއްޗެއް ލިޔުމުން އޮތޯރިޓީއަށް ފޮނުވައިދޭންވާނެއެވެ. އެފަދަ ތަކެތީގެ ތެދުކަން ލިޔުމަކުން އަންގައިދޭންޖެހޭ ފަދަ ހާލަތްތަކުގައި، އެފަދަ ލިޔުން އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
36 ވަނަ މާއްދާ - ރަނގަޅުކުރުމަށް އެޅޭ ފިޔަވަޅުތައް
ލައިސަންސް ލިބިފައިވާ ފަރާތެއް، ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ ސީނިއަރ މެނޭޖްމަންޓުގެ މެންބަރެއް ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީންކުރެވިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރި ނަމަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި އަދަބުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށް ވުރެ ގިނަ ފިޔަވަޅު އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.
(ހ) މި ގަވާއިދާ ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ނުވަތަ ލައިސަންސްގެ ށަރުތަކާ ނުވަތަ އޮތޯރިޓީގެ އަމުރަކާ ނުވަތަ އެންގުމަކާ ހިލާފުވުން؛ ނުވަތަ
(ށ) ހަރުދަނާ ނޫން ގޮތަކަށް ވިޔަފާރީގެ ހަރަކާތްތައް ހިންގުން.
ހަވަނަ ބާބު
އެހެނިހެން ކަންކަން
37 ވަނަ މާއްދާ - ބޭރު ފައިސާ ގަނެވިއްކާ ރޭޓް
(ހ) ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގާ ތަނުގައި، އެ ފަރާތަކުން ބޭރު ފައިސާ ގަންނަ އަގުތަކާއި ވިއްކާ އަގުތައް، އާންމުންނަށް ފަސޭހައިން ފެންނާނެގޮތަށް ބަހައްޓަންވާނެއެވެ.
(ށ) ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް، ލައިސަންސް ލިބިފައިވާ ވިޔަފާރި ހިންގާ ތަނުގައި، އެ ފަރާތަކުން ބޭރު ފައިސާ ވިއްކާ އަގުތައް، އާންމުކޮށް ފެންނާނެގޮތަށް ބަހައްޓަންވާނެއެވެ.
(ނ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަކި ބޭރު ފައިސާއެއް ގަންނަ އަގާއި ވިއްކާ އަގު އޮތޯރިޓީން ކަނޑައަ ޅައިފައިވާނަމަ، އެ އަގު ފިޔަވައި އެހެން އަގެއް ގައި އެ ބޭރު ފައިސާއެއް ގަތުމަކީ އަދި ވިއްކުމަކީ މަނާކަމެކެވެ.ެ އަދި، އޮތޯރިޓީގެ ހުއްދަނެތ،ި އެފަދަ މުއާމަލާތްތަކަށް އިތުރު ކޮމިށަނެއް ނުވަތަ އެހެންވެސް ފައިދާއެއް ނެގުމަކީ ވެސް މަނާކަމެކެވެ.ެ
(ރ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާ ހިލާފުވެއްޖެ ފަރާތެއް، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، 10,000 (ދިހަހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. ނުވަތަ ޖޫރިމަނާކުރުމުގައި، 10,000 (ދިހަހާސް) ރުފިޔާ އާއި އެ މުއާމަލާތެއްގައި ހިމެނޭ ފައިސާގެ އަދަދުގެ 5 (ފަހެއް) ގުނައާ ދެމެދުގެ އަދަދެއް ކަނޑައެޅިދާނެއެވެ.
38 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފަށާއިރު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން މި ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހެޅުން
(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އޮތޯރިޓީން ދޫކުރާ ލައިސަންސެއް ލިބިގެން ދިވެހިރާއްޖޭގައި މަނީ ޗޭންޖިންގ ވިޔަފާރި ކުރާ ފަރާތްތަކުން، މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް އޮތޯރިޓީން ލައިސަންސް ދިނުމާމެދު ވަކި ގޮތެއް ނިންމައި އަންގަންދެން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރި ޔަށް ގެންދެވިދާނެއެވެ.
(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އޮތޯރިޓީން ދޫކުރާ ލައިސަންސެއް ލިބިގެން ދިވެހިރާއްޖޭގައި މަނީ ޗޭންޖިންގ ވިޔަފާރި ކުރާ ފަރާތްތަކުން، މަނީ ޗޭންޖިންގ ވިޔަފާރި އިތުރަށް ކުރިޔަށް ގެންދަން ބޭނުންވާ ނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ނުވަތަ ޓިއަރ 2 މަނީ ޗޭންޖިންގ ލައިސަންސަށް އެދި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ލައިސަންސަށް އެދި ހުށަހަޅައިފައިނުވާ ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް، މި މުއްދަތު ހަމަވާ ތާރީހުގައި ބާތިލުވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީން އެކަމަށް ކަނޑައަޅާ ފޯމު ފުރިހަމަ ކުރުމަށް ފަހ،ު އެ ފޯމުގައިވާ މައުލޫމާތާއި އޮތޯރިޓީން އިތުރު މައުލޫމާތާއި ލިޔެކިޔުންތަކެއް ކަނޑައަ ޅައިފައިވާ ނަމަ އެ މައުލޫމާތާއި ލިޔެކިޔުންތަކާއެކުގައެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާއިރު، އެޕްލިކޭށަން ފީގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާ އޮތޯރިޓީން އަންގާ މުއްދަތުގެ ތެރޭގައި އޮތޯރިޓީއަށް ދައްކަންވާނެއެވެ. ލައިސަންސް ދޫކުރުމަށް ނުވަތަދޫކުރެވެން ނެތްކަމަށް އޮތޯރިޓީން ނިންމި ކަމުގައި ވީނަމަވެސް، އެޕްލިކޭށަން ފީ އަކީ އަނބުރާ ދެވޭނެ ފައިސާއެއް ނޫނެވެ.
(ބ) މި މާއްދާގެ (ށ) ގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސަންސް ދޫކުރެވޭނީ، މި ގަވާއިދުގައި އެ ބާވަތެއްގެ ލައިސަންސް ދިނުމަށް ބަޔާންކުރާ ކަންކަން އަދި އޮތޯރިޓީން ކަނޑައަޅާ އެހެންވެސް ކަންކަން ފުރިހަމަވާނަމައެވެ.
(ޅ) މި މާއްދާގެ ދަށުން ޓިއަރ 1 މަނީ ޗޭންޖިންގ ލައިސަންސް ދޫކުރެވޭނީ، ކޯޕަރޭޓް ގްރޫޕެއްގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަކަށެވެ. ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭ ކޯޕަރޭޓް ގްރޫޕް މިކަމުން އިސްތިސްނާވާނެއެވެ.
މައި ގާނޫނު
މަނިޓަރީ އޮތޯރިޓީގެ ގާނޫނު (ގާނޫނު ނަންބަރު 1981-06
އުވުނު ގަވާއިދު
"މަނީ ޗޭންޖަރ ކަމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު" - 1987
ކިޔުންތެރިންގެ ހިޔާލު