-

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-236) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-89)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 24 ސެޕްޓެމްބަރު 2024 ގައި)

 

ގަވާއިދު ނަންބަރު 2022-236 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ހިންގަމުންއަންނަ ތަނެއްގެ ފެންވަރު މަތިކުރުމަށް ޓަކައ،ި ރީޑިވެލޮޕްމަންޓަށް މުޅި ތަން އެކީގައި ބަންދުކުރާ ނަމަ، އެ ފަދައިން ބަންދުކުރުމަށް މި ގަވާއިދުގެ ދަށުން މި މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދެވޭ މުއްދަތު ހަމަވުމުން، އެ ތަނެއްގެ ކުލި ހިނގަން ފަށާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ބ) ރީޑިވެލޮޕްމަންޓަށް ތަނެއް ބަންދުކުރަން ހުއްދަ ދެވޭނީ، ގިނަވެގެން 36 (ތިރީސް ހައެއް) މަސްދުވަހަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (އ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(އ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، މުޅި ތަން އެކީގައި ތަޅައިލައި އަލުން އެއްކޮށް ތަރައްގީކުރާ ނަމަ، ގިނަވެގެން 42 (ސާޅީސް ދޭއް) މަސްދުވަހަށް ހުއްދަ ދޫކުރުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ޅ) އާއި (ކ) އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރ،ު އެ ތަނެއް ހިންގަން ފެށިފައި ނުވާ ނަމަ، މަސައްކަތްކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރީން ތަނުގައި ތިބިކަމުގެ އިގްރާރެއް މި މިނިސްޓްރީއަށް ހުށަހެޅުމުން މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިނިސްޓްރީން ބަލާ ބެލުމުގައި އެ ފަރާތަކުން ހުށަހަޅާ އިގްރާރުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކުރެވިއްޖެ ނަމަ، ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ކ) އަންނަނިވިގޮތަށް އިސްލާހުކުރުން.

(ކ) "ރީޑިވެލޮޕްމަންޓް ޕީރިއަޑް" ގެ ގޮތުގައި ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް މުޅި ތަން ނުވަތަ އެ ތަނުން ބައެއް ތަޅައިލައި މަރާމާތުކުރުމުގެ މުއްދަތަށެވެ.

 

7 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-236)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-236)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު