-

މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި 

(ގަވާއިދު ނަންބަރު 2024-76)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 އޮގަސްޓް 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު އެކުލަވައިލައިފައިވާ، ހދ. ކުޅުދުއްފުށީގެ މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، " މަގުމަތީގައި އިއުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދު - ހދ. ކުޅުދުއްފުށި" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ހދ. ކުޅުދުއްފުށީގެ މަގުމަގާއި އާންމު ތަންތަނުގައި އިސްތިހާރު ބެހެއްޓުމަށް ޖާގަ ދޫކުރުމުގައި އަމަލުކުރާނޭ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތު ލިބިދެވޭނެ އުސޫލުތަކެއް ކަނޑައެޅުން.

(ށ) ހދ. ކުޅުދުއްފުށީގައި ހަރުކުރާ އިސްތިހާރު ބޯޑުތަކަކީ، ކުޅުދުއްފުށީގެ ރީތިކަން ނުގެއްލޭ ފަދަ ގޮތަކަށް. ވަކި ހަމަޔަކުން ހަރުކުރާ އިސްތިހާރު ބޯޑުތަކެއް ކަމުގައި ހެދުމަށް ޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން.

(ނ) ހދ. ކުޅުދުއްފުށީގެ މަގުތަކުގައި އިސްތިހާރު ބޯޑު ބެހެއްޓުމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ މައިގަނޑު އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - އިސްތިހާރު ބޯޑު ބަހައްޓާ ސަރަހައްދު

(ހ) އިސްތިހާރު ބޯޑު ބެހެއްޓޭނެ ސަރަހައްދުތައ،ް ފާސްކޮށްފައިވާ ކުޅުދުއްފުށީގެ ލޭންޑް ޔޫޒްޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާނީ، ކައުންސިލުގެ ނިންމުމަކުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިހާރު ބޯޑު ބެހެއްޓުމަށް ޖާގަ ދޫކުރާނެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދަކުން ދޫކުރާނެ ޖާގައިގެ އަދަދާއި، ބެހެއްޓޭނެ އިސްތިހާރު ބޯޑުގެ ސައިޒު، ކައުންސިލުގެ ނިންމުމަކުން ކަނޑައެޅުމުން، އެކަމަށް އެދި ހުށަހެޅުމަށް އާންމުކޮށް އަންގައި އިއުލާނު ކުރެވޭނެއެވެ. 

 

4 ވަނަ މާއްދާ - އިސްތިހާރު ބޯޑު ބަހައްޓާ ޖާގައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކުރާ އިއުލާނުގެ ދަށުން އިސްތިހާރު ބޯޑު ބަހައްޓާ ޖާގައަށް އެދި ހުށަހަޅާނީ، އެކަމަށް ކައުންސިލުން ކަނޑައަޅައިފައިވާ ފޯމަކުންނެވެ. މި ފޯމު، ކައުންސިލުގެ އިދާރާއިން ލިބެ ން ހުންނާނެއެވެ. އަދި މި ފޯމު، ކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

(ށ) އިސްތިހާރު ބޯޑު ބަހައްޓާ ޖާގައަށް އެދި ހުށަހަޅާ ފޯމާއެކު، އަންނަނިވި މައުލޫމާތާއި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. އިސްތިހާރު ބޯޑު ބަހައްޓާ ފަރާތުގެ ނަން؛
  2. އިސްތިހާރު ބޯޑުގެ ބޮޑުމިން؛
  3. އިސްތިހާރު ބޯޑު ބެހެއްޓުމަށް ބޭނުންވާ ސަރަހައްދު؛
  4. އިސްތިހާރު ބޯޑު ހުންނާނެ ގޮތުގެ ނަމޫނާ.

(ނ) އިސްތިހާރު ބޯޑުގެ ޖާގައާއި ސްޓްރަކްޗަރ ދޫކުރާނީ، މި ގަވާއިދުގެ ދަށުން އެކަމަށް އެދޭ ތަރުތީބުންނެވެ.

 

5 ވަނަ މާއްދާ - އިސްތިހާރު ބޯޑު ބަހައްޓާ ޖާގަ ކުއްޔަށް ދޫކުރުން

(ހ) އިސްތިހާރު ބޯޑު ބަހައްޓާ ޖާގަ ކުއްޔަށް ދޫކުރާނީ، އިސްތިހާރު ބޯޑު ހަރުކުރުމަށެވެ.

(ށ) އިސްތިހާރު ބޯޑު ބެހެއްޓުމަށް ދޫކުރާ ޖާގައިގެ ކުލި ކަނޑައަޅާނީ، އެ ބޯޑެއްގެ ސައިޒަށާއި ޖާގައަށާއި ދޫކުރާ ސަރަހައްދަކަށް ބަލައި، ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ. އަދި މި އަގުތައް ކައުންސިލުގެ ނިންމުމުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރެވޭނެއެވެ.

(ނ) އިސްތިހާރު ބޯޑު ހަރުކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ޖާގަ، ތިންވަނަ ފަރާތަކަށް ސަބްލީސް ނުކުރެވޭއެވެ.

 

6 ވަނަ މާއްދާ - އިސްތިހާރު ބޯޑުގެ ސްޓްރަކްޗަރ ހެދުން

(ހ) އިސްތިހާރު ބޯޑުގެ ސްޓްރަކްޗަރ ހުންނަންވާނީ، ކައުންސިލުން ދޭ ހުއްދައާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ސްޓްރަކްޗަރ ހަދަންވާނީ، ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) އިސްތިހާރު ބޯޑު ހަރުކުރާ ސްޓްރަކްޗަރ ހަދަންވާނީ، ޖާގަ ކުއްޔަށް ހިފާ ފަރާތުގެ އަމިއްލަ ހަރަދުގައެވެ. 

(ނ) އިސްތިހާރު ބޯޑު ބަހައްޓާ ފަރާތުގެ އަމިއްލަ ހަރަދުގައި އެ ފަރާތުން ސްޓްރަކްޗަރ ހެދިކަމުގައި ވިޔަސް، މި ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 5 (ފަހެއް) އަހަރުދުވަސް ވުމުން ނުވަތަ 5 (ފަހެއް) އަހަރުދުވަސް ހަމަވުމުގެ ކުރިން އެއްބަސްވުން ނިމުމަކަށް ގެނެސްފި ނަމަ، އެ ސްޓްރަކްޗަރ، ކައުންސިލަށް މިލްކުވާނެއެވެ.

 

7 ވަނަ މާއްދާ - އިސްތިހާރު ހަރުކުރުމަށް ކައުންސިލު ގެ ސްޓްރަކްޗަރ ކުއްޔަށް ދޫކުރުން

(ހ) މި މާއްދާގެ ދަށުން ކުއްޔަށް ދޫކުރެވޭނީ ކައުންސިލުގެ މިލްކިއްޔާތުގައިވާ ސްޓްރަކްޗަރތަކެވެ.

(ށ) އިސްތިހާރު ބޯޑު ބަހައްޓާ ސްޓްރަކްޗަރގެ ކުލި ކަނޑައަޅާނީ، އެ އިސްތިހާރު ބޯޑެއްގެ ސައިޒަށާއި ސަރަހައްދަށް ބަލައި، ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ސްޓްރަކްޗަރއަށް. އެ ކުއްޔަށް ދޫކޮށްފައިވާ މުއްދަތުގެ ތެރޭގައި ލިބޭ ހުރިހާ ގެއްލުމަކަށްޒިންމާވާނީ، ކުއްޔަށް ހިފި ފަރާތުންނެވެ.

 

8 ވަނަ މާއްދާ - އާންމު އިޖުތިމާއީ ށިއާރުތައް ހިމެނޭ އިސްތިހާރު ބޯޑު ހަރުކުރުން

(ހ) އާންމު އިޖުތިމާއީ ށިއާރުތައް ހިމެނޭ އިސްތިހާރު ބޯޑު ހަރުކުރުމަށް ޖާގަ ނުވަތަ ސްޓްރަކްޗަރ، ކުއްޔަކާ ނުލައި ދޫކުރުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ދޫކޮށްފައިވާ އިސްތިހާރު ބޯޑުތަކާއި ސްޓްރަކްޗަރތަކަށް ލިބޭ ހުރިހާ ގެއްލުމަކަށް. އިސްތިހާރު ބޯޑު ދޫކޮށްފައިވާ މުއްދަތުގައި ޒިންމާ އުފުލާނީ، އިސްތިހާރު ބޯޑު ބެހެއްޓި ފަރާތުންނެވެ.

 

9 ވަނަ މާއްދާ - އިސްތިހާރު ފާސްކުރުން

(ހ) ޑިސްޕްލޭކުރަން ބޭނުންވާ އިސްތިހާރު ފާސްކުރުމަށް. އެކަމަށް އެދި ސިޓީއަކުން، ކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެ އިސްތިހާރެއް ފާސްކުރަން ޖެހޭ ނަމަ، އެ އިދަރާއެއް މެދުވެރިކޮށް އެ އިސްތިހާރުފާސްކުރުމުގެ ކަންކަން ކުރިޔަށްގެންދިޔުމަކީ އިސްތިހާރު ބޯޑު ބަހައްޓާ ފަރާތުގެ ޒިންމާއެކެވެ.

(ށ) ޑިސްޕްލޭކުރަން ބޭނުންވާ އިސްތިހާރު، ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ފާސްކުރުމަށް ހަރަދެއް ހިނގާ ނަމަ، އެ ހަރަދެއްގެ ޒިންމާ އުފުލާނީ، އިސްތިހާރު ބަހައްޓަން އެދި ހުށަހަޅާ ފަރާތުންނެވެ. 

(ނ) ކުރިން ދީފައިވާ ހުއްދައިގެ ދަށުން ބަހައްޓައިފައިވާ އިސްތިހާރު ބަދަލުކުރާ ނަމަ، އަލުން ބެހެއްޓުމަށް ބޭނުންވާ އިސްތިހާރެއް ކައުންސިލަށް ހުށަހަޅައި، އަލުން ހުއްދަ ހޯދަން ޖެހޭނެއެވެ.

 

10 ވަނަ މާއްދާ - އިސްތިހާރު ބޯޑުގެ ޖާގައާއި ސްޓްރަކްޗަރ ކުއްޔަށް ދޫކުރެވޭ މުއްދަތު

(ހ) މި ގަވާއިދުގެ ދަށުން އިސްތިހާރު ބޯޑު ބެހެއްޓުމަށް ދޫކުރާ ޖާގައާއި ސްޓްރަކްޗަރ ކުއްޔަށް ދޫކުރެވޭނީ، ގަވާއިދުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގެ ދަށުން، 1 (އެކެއް) އަހަރުދުވަހާއި 5 (ފަހެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށެވެ.

(ށ) މި ގަވާއިދުގެ ދަށުން އިސްތިހާރު ބޯޑު ބެހެއްޓުމަށް ދޫކުރާ ޖާގައިގެ މުއްދަތު އިތުރުކޮށްދެވޭނީ، ގިނަވެގެން 2 (ދޭއް) ފަހަރު، ޖުމުލަ 5 (ފަހެއް) އަހަރުދުވަހާ ހަމައަށެވެ. މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 5 (ފަހެއް) އަހަރުދުވަސް ހަމަވުމުން، އިސްތިހާރު ބޯޑު ބަހައްޓާ ސްޓްރަކްޗަރ ކައުންސިލަށް މިލްކުވާނެތ،ީ 5 (ފަހެއް) އަހަރުދުވަސް ފަހުން މުއްދަތު އިތުރުކުރާ ނަމަ އިތުރުކޮށްދެވޭނީ، ކައުންސިލުގެ ސްޓްރަކްޗަރގައި އެ އިސްތިހާރު ބޯޑު ހަރުކުރުމަށެވެ.

(ނ) އިސްތިހާރު ބޯޑު ބަހައްޓާ ފަރާތުން، މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ވެވޭއެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ނަމަ، އެ އިސްތިހާރު ބޯޑު ބެހެއްޓުމަށް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަހުގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް އެދި ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - އެއްބަސްވުން

(ހ) މި ގަވާއިދުގެ ދަށުން އިސްތިހާރު ބެހެއްޓުމަށް ދޫކުރާ ޖާގައާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިސްތިހާރު ބޯޑުތަކާއި އެހެނިހެން އިސްތިހާރު ބޯޑު ކުއްޔަށް ދޫކުރަންވާނީ،ކައުންސިލާއި އިސްތިހާރު ބޯޑު ބެހެއްޓުމަށް އެދި ހުށަހަޅާ ފަރާތާ ދެމެދު ލިޔުމުން ވެވޭ އެއްބަސްވުމުގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދެ ފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ކުއްޔަށް ދޫކުރާ ފަރާތުގެ މައުލޫމާތު؛
  2. ކުއްޔަށް ހިފާ ފަރާތުގެ މައުލޫމާތު ؛
  3. ދޫކުރާ އިސްތިހާރު ބޯޑުގެ ޖާގައާއި ސްޓްރަކްޗަރގެ ތަފުސީލު؛
  4. ކުއްޔަށް ދޫކުރާ މުއްދަތު؛
  5. ދޫކުރާ އިސްތިހާރު ބޯޑުން ނުވަތަ ޖާގައިން ކުލި ނަގާ ނަމަ، ކުލީގެ މިންވަރާއި،ކުލި ދައްކަންޖެހޭ ގޮތާއި، ކުލި ނުދައްކައިފި ނަމަ ޖޫރިމަނާވާނެ މިންވަރާއި، އަޅާނެ ފިޔަވަޅު؛
  6. އެއްބަސްވުން ބާތިލުކުރެވޭނެ ގޮތްތައް؛
  7. އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅު؛
  8. ކުއްޔަށް ދޫކުރުމަށް ބޭނުންވާނެ އެހެނިހެން މައުލޫމާތު؛
  9. ކުއްޔަށް ދޫކުރާ ފަރާތުގެ މަސްއޫ ލިއްޔަތު؛
  10. ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތު؛
  11. ކުއްޔަށް ދޫކުރެވޭކަން ނުވަތަ ނޫންކަން؛
  12. އެއްބަސްވުމަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތް؛
  13. އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކުރާނެ ގޮތް؛
  14. އެއްބަސްވުމުގައި ނުވާ ކަމެއް މެދުވެރިވެއްޖެ ނަމަ އެކަން ހައްލުކުރާނެ ގޮތް؛
  15. އިސްތިސްނާ ހާލަތ.ު

 

12 ވަނަ މާއްދާ - ކުލި ދެއްކުން

(ހ) އިސްތިހާރު ބޯޑު ބަހައްޓާ ފަރާތާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގެ ދަށުން ކަނޑައަޅައިފައިވާ އިސްތިހާރު ބޯޑުގެ ކުލ،ި ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ކައުންސިލުގެ އިދާރާއަށް ދައްކަންޖެހޭނެއެވެ. މަހުގެ 10 (ދިހައެއް) ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެ ނަމަ، ހުޅުވޭ ރަސްމީ ފުރަތަމަ ދުވަހު ޖޫރިމަނާއަކާ ނުލައި ކުލި ބަލައިގަނެވޭނެއެވެ.

(ށ) މި މުއްދަތުގައި ކުލި ނުދައްކައިފި ނަމަ ދެން ފައިސާ ބަލައިގަނެވޭނީ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 50 (ފަންސާސް) ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

 

13 ވަނަ މާއްދާ - އިސްތިހާރު ބޯޑަށް ލިބޭ ގެއްލުންތަކާ ގުޅިގެން ބޯޑު މަރާމާތުކުރުމާއި، ބޯޑާ ގުޅޭގޮތުން އިސްލާހުކުރުމަށް ކައުންސިލުން އަންގާ ކަންކަން އިސްލާހުކުރުން

(ހ) ބޯޑަށް ލިބޭ ގެއްލުންތަކާއި ބޯޑު މަރާމާތުކުރުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލަންވާނީ، ބޯޑު ބަހައްޓާ ފަރާތުންނެވެ.

(ށ) ބޯޑަށް ލިބޭ ގެއްލުންތައް ރަނގަޅުކުރުމަށާއި، ކުރިން ހުރި ހާލަތަށް އަނބުރާ ގެނައުމަށް ކައުންސިލުން އެންގުމުން، އެ ކަމެއް އިސްލާހުކުރުމަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ކަމެއް އިސްލާހު ކުރަންވާނެއެވެ.

(ނ) އެންގުމެއް އެންގުނީ ބޯޑުގައި ހިމެނޭ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުކަމެއް އިސްލާހުކުރުމަށް ކަމުގައި ވާ ނަމަ، އެ ކަމެއް އިސްލާހުކުރުމަށް އަންގާތާ 12 (ބާރަ) ގަޑިއިރުގެ ތެރޭގައި، އެ ކަމެއް ވަގުތީގޮތުން އިސްލާހު ކުރަންވާނެއެވެ.

(ރ) ވަގުތީގޮތުން އިސްލާހުކުރެވުނީ ކަމުގައި ބެލޭނީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފުވާ މަންޒަރާއި އަޑ،ު 12 (ބާރަ) ގަޑިއިރުގެ ތެރޭގައި ނުފެންނަވަރު ކުރެވުނީމައެވެ.

(ބ) ވަގުތީގޮތުން އިސްލާހުކުރި ކަމުގައި ވިޔަސް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިސްތިހާރު ބޯޑު ހަރުކުރިއިރު ހުރި ހާލަތަށް އަނބުރާ ގެންނަންވާނެއެވެ.

(ޅ) އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ކަންކަމުގެ ތެރޭގައި، ބޭއަދަބީ ބަހުރުވަ ހިމެނޭ ލިޔުންތަކާއި، އަޑާއި، ކުރެހުންތަކާއި، މަންޒަރުތަކާއި، ނިށާ ންތަކާއި، އިށާރަތް ނުވަތަ އުރުފުގެ ގޮތުންވެސް ބޭއަދަބީ ކަމެއްކަމަށް ދޭހަވާ ފަދަ އެންމެހައި ކަންކަން ހިމެނިގެންވެއެވެ.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ވަގުތީގޮތުން އެ ކަމެއް އިސްލާހުކުރުމަށް ދެވޭ 12 (ބާރަ) ގަޑިއިރު ވެސް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަސް ގުނުމުގައި ހިމެނޭނެއެވެ.

 

14 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ގާނޫނެއްގައިނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ނޫން ކަންކަމުގައި، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދ،ު ތިރީގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.

  1. ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު، 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛
  2. ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛
  3. ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛
  4. ތިންވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން އެކުލަވައިލާ އެއްބަސްވުމުގެ ދަށުން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީންނެވެ.

 

15 ވަނަ މާއްދާ - އިސްތިހާރު ބޯޑަށް ދޫކުރާ ޖާގައާއި ސްޓްރަކްޗަރ ކައުންސިލަށް އަނބުރާ ނެގުން

(ހ) މި ގަވާއިދުގައި ބަޔާންވެގެންވާ ކަމަކާ ހިލާފުވެއްޖެ ނަމަ، މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޖޫރިމަނާކުރުމާއެކު، އެ ކަމެއް އިސްލާހު ކުރުމަށް. އިސްތިހާރު ބަހައްޓާ ފަރާތަށް 14 (ސާދަ) ދުވަހުގެ ނޯޓިސް، ލިޔުމުން ދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލާފުވި ކަމެއް ރަނގަޅުނުކޮށްފި ނަމަ، އިސްތިހާރު ބޯޑު ބެހެއްޓުމަށް އެ ފަރާތާއެކު ވެވުނު އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި އިސްތިހާރު ބޯޑު ބެހެއްޓުމަށް އެދި ހުށަހަޅާ ފަރާތުން ކައުންސިލާއެކު ވެވޭ އެއްބަސްވުމުގެ ދަށުން އިސްތިހާރު ހަރުކުރުމަށް ހުއްދަ ނަގައި، ވަކި މުއްދަތެއް ތެރޭގައި އެކަން ނުކޮށްފި ނަމަ، އެފަދައިން އެ ފަރާތަށް ދިން ހުއްދައާއި، ދޫކުރެވުނު ޖާގައާއި ސްޓްރަކްޗަރ، ކައުންސިލަށް އަނބުރާ ނެގޭނެ އެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެކަން ލިޔުމުން އަންގައި، އެއްބަސްވުން ބާތިލުކުރެވޭ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި، އިސްތިހާރު ބެހެއްޓި ފަރާތުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ދައްކަންވާނެއެވެ.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުން ދައުލަތުގެ ބޭނުމަކަށް ނިމުމަކަށް ގެންނަން ޖެހިއްޖެ ހިނދެއްގައި، އަދުލުވެރި ބަދަލެއް ދިނުމަށްފަހު އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ.

 

16 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން، ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައިވާ އަކުރުތަކުގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ވަކި ތަނެއްގައި ބަޔާންކޮށްފައި ނުވާ ނަމަ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާއަށެވެ.

(ށ) "އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި، ވަކި ފަރުދެއްގެ މިލްކެއްގެ ދަށުގައިނުވާ ކޮންމެ ތަނަކަށެވެ.

(ނ) "އިސްތިހާރު ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އެކިއެކި ބޭނުންތަކަށް ރަށުގެ އާންމު ތަންތަނުގައި ހަރުކުރާ އިއުލާނާއި، އިސްތިހާރާއި، މައުލޫމާތު ހިމެނޭ ބޯޑުތަކާއި، ބެނާތަކާއި، ކައުންސިލުން ކުއްޔަށް ދޫކުރާ ބިލްބޯޑު ނުވަތަ ނޯޓިސް ބޯޑުތަކާއި، ކުއްޔަކާ ނުލައި ކައުންސިލުން ދޫކުރާ ބިލްބޯޑުތައް ނުވަތަ ނޯޓިސް ބޯޑުތަކާއި، ޑިޖިޓަލް ބިލްބޯޑުތަކާއި، މޯބައިލް ބިލްބޯޑުތަކާއި، ބުލެޓިން ބޯޑުތަކާއި، ޕެއިންޓެޑް ބިލް ބޯޑުތަކާއި، ލޭމްޕް ޕޯސްޓްތަކާއި، ބެންޗް މޯބައިލް ޕޯސްޓްތަކާއި، ބެސްޕޯކް ބިލްބޯޑުތަކަށެވެ.

(ރ) " އިސްތިހާރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން އެކިއެކި ބޭނުންތަކަށް ރަށުގެ އާންމު ތަންތަނާއި މަގުތަކުގައި ހަރުކުރާ އިއުލާނާއި، އާންމު މައުލޫމާތާއި، ގިނަ މީހުންނަށް ކަމެއް އެންގުމަށް ޓަކައި ލިޔާ ލިޔުމާއި ގޮއްވާ ގޮއްވުމަށެވެ.

 

17 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު