-

މަގުތަކާއި ގޯޅިތަކާއި ރަށުގެ ހޭޅިފަށު ސަރަހައްދުގައި ތަކެތި ބެހެއްޓުމާއި، މަގުތަކުގައި ގަސްއިންދުމުގެ ގަވާއިދު - ބ.މާޅޮސް

(ގަވާއިދު ނަންބަރު 2024-70)

މި ގަވާއިދަށް އަމަލުކުރަން ފެށީ 20 އޮގަސްޓް 2024 ގައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަގުތަކާއި ގޯޅިތަކާއި ރަށުގެ ހޭޅިފަށު ސަރަ ހައްދުގައި ތަކެތި ބެހެއްޓުމާއި، މަގުތަކުގައި ގަސް އިންދުމުގެ ގަވާއިދު - ބ. މާޅޮސް" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގެދޮރު އިމާރާތްކުރުމަށް ޓަކައި ގެނެވޭ ތަކެއްޗާއި މުދަލާއި އެހެނިހެން ތަކެތި، މަގުތަކާއި ގޯޅިތަކުގައި ބެހެއްޓުމާއި، މަގުތަކުގައި ގަސްއިންދުމަށްކައުންސިލުން ހުއްދަ ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ގޯތިގެދޮރު އިމާރާތްކުރުމަށް ޓަކައި ގެނެވޭ ތަކެތި މަގުތަކާއި ގޯޅިތަކުގައި ބެހެއްޓުން

(ހ) އިމާރާތްކުރުމަށް ގެންނަ ތަކެތި އިމުން ބޭރުގައި ނުވަތަ މަގުމަތީގައި ބަހައްޓަންވާނީ އެކަމަށް ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެންނެވެ.

(ށ) ގޯތިގެދޮރު އިމާރާތްކުރުމަށް ޓަކައި ގެނެވޭ ތަކެތި، 15 (ފަނަރަ) ފޫޓަށްވުރެ ހަނިނޫން މަގުތަކުގައި (އިމާރާތުން ފެށިގެން 4 ފޫޓަށްވުރެ ފުޅާނުވާނޭހެން) 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް ބެހެއްޓިދާނެއެވެ.

(ނ) ބެހެއްޓި ތަކެތި، މަގުބޫލު ސަބަބަކާހުރެ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ނުނެގިއްޖެ ހާލަތެއްގައި އިތުރު މުއްދަތަށް ތަކެތި ބެހެއްޓޭނީ ސަބަބު ބަޔާންކޮށް ކައުންސިލަށް އަލުން ހުށަހަޅައި، ކައުންސިލުން އެކަމާމެދު ނިންމާ ގޮތެއްގެ މައްޗަށެވެ.

(ރ) މަގުތަކުގައި ތަކެތި ބަހައްޓަންވާނީ، މަގުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތަކަށެވެ. އަދި މަގުތަކުގައި ތަކެތި ބަހައްޓާއިރު، ގޭގެއާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަނުގެ ދޮރުން ވަދެނުކުތުމަށް ދަތިނުވާނޭ ފަދަ ގޮތަކަށް ތަކެތި ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ.

(ބ) އެއްވެސް ބޭނުމަކު ގޯތީގެ އިންފާރުން ބޭރަށް 9 (ނުވައެއް) ފޫޓަށްވުރެ ތިރިޔަށް ޓިނާއި ދަގަނޑާއި ލަކުޑި ފަދަ ތަކެތި ނެރެފައި ބެހެއްޓުމަކީ މަނާކަމެކެވެ. 

(ޅ) 15 (ފަނަރަ) ފޫޓަށްވުރެ ހަނި މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓޭނީ، ގޯތީގެ އިމުން ފެށިގެން 3 (ތިނެއް) ފޫޓަށްވުރެ ފުޅާނުވާނޭގޮތަށް، 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށެވެ.

(ކ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ނިސްބަތްވާ އެއްވެސް މަގެއްގައި ނުވަތަ ގޯޅިއެއްގައި ގޯތިގެދޮރު އިމާރާތްކުރުމަށް ނުވަތަ އެފަދަ މުހިންމުކަމެއްގައި ގެންނަ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް 24 (ސައުވީސް) ގަޑިއިރަށްވުރެ ގިނަވަގުތު ބެހެއްޓުމަކީ މަނާކަމެކެވެ.

(އ) އެކިއެކި މަސައްކަތްތަކަށް މަގުތަކުގައި ބަހައްޓާ ތަކެތި ނަގައި ނިމުމުން، އެ ސަރަހައްދު ރަނގަޅަށް ސާފުކުރަންވާނެއެވެ.

(ވ) ގޯތިގެދޮރު އިމާރާތްކުރުމަށް ޓަކައި ގެންނަ ތަކެތި މަގުތަކާއި ގޯޅިތަކުގައި ބަހައްޓަންވާނީ، އެކަމުގެ ހުއްދައަށް އެދި ކައުންސިލުން ދޫކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅައި، ކައުންސިލުން ހުއްދަ ލިބިގެންނެވެ.

(މ) ގޯތިގެދޮރު އިމާރާތްކުރުމާއި އެހެނިހެން މަސައްކަތްތައް ކުރުމުގައި މަގު ބޭނުންކުރާ ނަމަ ބޭނުންކުރަންވާނީ، ގަވާއިދު ނަންބަރު 2013-977 (ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ ގަވާއިދު – ބ. މާޅޮސް) ގައިވާ ގޮތުގެ މަތީން ކައުންސިލުން ހުއްދަ ނަގައި، މަގު ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.

 

4 ވަނަ މާއްދާ - އާންމުން ދިރިއުޅޭ ސަރަހަ އްދުތަކަށް ނިސްބަތްވާ މަގުތަކާއި ގޯޅިތަކުގައި ގަސްމުށި ބެހެއްޓުމާއި، މަގުމައްޗަށްވާ ގޮތަށް ހުންނަ ގަސްތައް ކޮށުން

(ހ) މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 11 (އެގާރަ) ފޫޓު ހަމަވާ މަގުތަކުގައި ނުވަތަ ގޯޅިތަކުގައި ގޭގެ އިމުން ފެށިގެން 1 ފޫޓު 6 އިންޗި (ދޮޅުފޫޓު) ފުޅާމިނަށް ގަސްމުށީގައި ގަސް އިންދުމުގެ އި ހްތިޔާރު ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދޭނީ، ގަސް ހެދިބޮޑުވެގެން ގަހުގެ ގޮފިތައް 18 (އަށާރަ) އިންޗިއަށްވުރެ ބޭރަށް ނުދާގޮތަށެވެ.

(ށ) މަގުތަކާއި ގޯޅީގެ ފުޅާމިނުގައި 11 (އެގާރަ) ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި ގަސްމުށި ބެހެއްޓުމަކީ މަނާކަމެކެވެ.

(ނ) ތިމާވެށި ހިމާޔަތްކޮށް މަގުތައް ޒީނަތްތެރިކުރުމަށް ޓަކައި ރަށު ކައުންސިލުން ރަށުގެ މަގުތަކުގައި އިންދާ ގަސް، މި ގަވާއިދުން އިސްތިސްނާވެގެންވެއެވެ. މިގޮތަށް ކައުންސިލުން ގަސްއިންދާ ނަމަ އިންދަންވާނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލައިފައިވާ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށެވެ.

(ރ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން މަގުތަކުގައި ބަހައް ޓައިފައިވާ ގަސްމުށިގަނޑެއް ނުވަތަ ގަސްމުށިތަކެއް ރައްޔިތުންގެ ބޭނުމަކަށް ޓަކައި ނުވަތަ ކައުންސިލުގެ ބޭނުމަކަށް ޓަކައި ހިންގާ މަށްރޫއަކާ ގުޅިގެން ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެއްވެސް ބަދަލުދިނުމަކާ ނުލައި އެ ތަކެތި ނެގޭނެއެވެ.

(ބ) މަގުތަކުގައި ޖަހައިފައިވާ ބައްތީގެ އަލިގެއްލޭ ގޮތަށް ހުންނަ ރުއްގަސް، އެ ތަކެތީގެ ވެރިފަރާތުން ކޮށައި ސާފުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި ޖޯލިފަތި ބެހެއްޓުން

(ހ) މަގުގެ ފުޅާމިނުގައި 15 (ފަނަރަ) ފޫޓު ހުންނަ މަގުތަކުގައި، ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތަކަށް ޖޯލިފަތި ބެހެއްޓުމަކީ ހުއްދަ ކަމެކެވެ.

(ށ) މަގުގެ ނުވަތަ ގޯޅީގެ ފުޅާމިނުގައި 15 (ފަނަރަ) ފޫޓު ހަމަނުވާ އެއްވެސް މަގެއްގައި ނުވަތަ ގޯޅިއެއްގައި ޖޯލިފަތި ބެހެއްޓުމަކީ މަނާކަމެކެވެ.

(ނ) މަގުތަކުގައި ޖޯލިފަތި ބަހައްޓަންވާނީ، ބޭނުންވެއްޖެ ހާލަތެއްގައި ނެގޭނޭ ފަދަ ގޮތަކަށް ބިމަށް ވަޅުނުލައި ނުވަތަ ހަރުނުކޮށެވެ.

(ރ) މި ގަވާއިދުގެ ދަށުން، އިންފާރުކައިރީގައި ގަސްމުށި ބަހައްޓައިފައިވާ ފަރާތުގައި މަގަށްވާ ގޮތަށް ޖޯލިފަތި ބެހެއްޓުމަކީ މަނާކަމެކެވެ.

(ބ) ރަށުގެ އަތިރިމަތީގައްޔާއި ހޭޅިފަށުގައި ޖޯލިފަތި ބެހެއްޓިދާނެއެވެ. މިގޮތަށް ބެހެއްޓޭ ޖޯލިފަތި ހުންނަންވާނީ ވަށައިގެން ހާމަޔަށް ފެންނާނޭހެންނެވެ.

 

6 ވަނަ މާއްދާ - ގަވާއިދާ ހިލާފަށް ބަހައްޓައިފައި ހުންނަ ތަކެތި ނެގުން

(ހ) މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓައިފައި ހުންނަ ތަކެތި، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ނެގުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު، ކައުންސިލަށް ލިބިގެންވެއެވެ. އެފަދަ އެއްޗެއް އޮތް ތަނަކުން ނުވަތަ ހުރި ތަނަކުން ނެގުމުގައި އެ އެއްޗަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ނަގާ ތަކެތި، އެ އެއްޗެއް ނަގާ ތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ އެއްޗެއްގެ ވެރިފަރާތުން ގެންދަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ގެންގޮސްފައި ނުވާ ނަމަ، އެ އެއްޗެއް ގެންދިއުމަށް އާންމުކޮށް އިއުލާނުކޮށް 2 (ދޭއް) ހަފުތާގެ ފުރުސަތެއް ދީ، އެ މުއްދަތުގެ ތެރޭގައި ވެސް ހަވާލުވެފައި ނުވާ ނަމަ، އެ އެއްޗެއް ނައްތައިލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ޖޫރިމަނާކުރުން

(ހ) މި ގަވާއިދުގައި ހިމެނިފައިވާ ކަމެއްގައި މި ގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާމެދ،ު އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި ޖޫރިމަނާކުރަންޖެހޭ ހާލަތްތަކުގައި، އެ ކުރި ކަމެއް އިސްލާހުކުރުމަށް އެންގުމާއެކ،ު ދެވަނަ ފަހަރު 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތައް ދައްކަންވާނީ ކައުންސިލަށެވެ.

 

8 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާގެ މަތީން މި ގަވާއިދަށް އިސްލާހު ގެނައުމުގެ ބާރު، މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ފުލުހުންގެ އެހީތެރިކަން ހޯދުން

(ހ) މި ގަވާއިދުގައިވާ ކަންކަން ތަންފީޒުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއި އެއްބާރުލުމަށް އެދުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކޮށ،ް ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، މި ގަވާއިދާ ހިލާފަށް ނުވަތަ މި ގަވާއިދާ ތައާރުޒުވާ ގޮތަކަށް ހުރި ކަންކަން މި ގަވާއިދާ އެއްގޮތަށް ފައްތައި ތަންފީޒުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިއުލާނުކުރުމާއެކ،ު އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

11 ވަނަ މާއްދާ - ގަވާއިދުގައި ނެތްކަމެއް ދިމާވުން

މި ގަވާއިދުގައި ނެތްކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ކަންކަމާ މެދު އަމަލުކުރާނެ ގޮތެއް ނިންމަންވާނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާގެ މަތީން ކައުންސިލުގެ އަޣުލަބިއްޔަތުންނެވެ. އަދި މިފަދައިން ކައުންސިލުން ނިންމާ ނިންމުމަށް އަމަލުކުރަންވާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާންމުކޮށް އަންގައި އިއުލާނުކުރުމަށް ފަހުގައެވެ.

 

12 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކ،ު ތިރީގައިވާ އަކުރުތަކުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ އެ އަކުރުތަކުގައިވާ ގޮތަށެވެ.

(ހ) "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ، ހިލަޔާއި، ހިލަވެއްޔާއި، ސިމެންތިއާއި، ދަގަނޑާއި، ލަކުޑިއާއި، ޓިނާއި، އެޅިގަލާއި،ދަގަނޑުހޮޅިއާއި، ވެލި (ވެލި ހުންނަންވާނީ، ގޯންޏަށް ނުވަތަ ޖަންބޯބޭގަށް އަޅައިފައި) ހިމެނޭ ގޮތަށެވެ.

(ށ) "ގަސްމުށި" ކަމަށް ބުނެފައި އެވަނީ، 15 (ފަނަރަ) ލީޓަރަށްވުރެ ބޮޑުނޫން ގަސްމުއްޓަކަށެވެ.

(ނ) "ގޯތީގެ އިން" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމަށް ނުވަތަ އެހެނިހެން ވެސް ބޭނުމަށް ދޫކުރެވިފައިވާ ބިމުގެ މިންތަކަށެވެ.

(ރ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލަށެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ކައުންސިލުން ގަވާއިދު ފާސްކޮށ،ް ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ފިޔަވަޅުއަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފާށާތާ 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު