-

ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު - ބ. ތުޅާދޫ

(ގަވާއިދު ނަންބަރު 2014-301)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 30 ސެޕްޓެމްބަރު 2014 ގައި)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2024-66 ގެ 15 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 151 ވަނަ މާއްދާއިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުނ،ް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އެމާއްދާގެ (ދ) ގެ ދަށުން ކައުންސިލުން އެކުލަވައިލާފައިވާ އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ އުސޫލުތައް ބަޔާންކުރުމަށް ހެދިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ "އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

3 ވަނަ މާއްދާ - ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައެޅުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މި ގަވާއިދަށް އަމަލުކުރުމުގެކުރީން ރަށުގެ މަގުތަކަށާއި އާންމު ތަންތަނަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި، ކައުންސިލުންމި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަސް ތެރޭގައި ކަނޑައަޅައި އާންމުކޮށް އަންގައި އިއުލާން ކުރަންވާނެއެވެ.

(ށ) މިމާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާ ތަކެތި ބަޔާންކޮށް އިއުލާންކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެތަކެތި އޭގެ ވެރިފަރާތުން ނުނަގައިފިނަމަ މި ގަވާއިދުގެ ބޭނުމަށްޓަކައި އެއީ ދޫކޮށްލާފައިވާ ތަކެތިކަމުގައި ބަލައި އެ މުއްދަތުގެ ފަހުން އިތުރު އެންގުމަކާއި ނުލައި އެތަކެތި ނެގުމުގެބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މިމާއްދާގެ (ށ) ގެ ބޭނުމަށް މަގުތަކަށާއި އާންމުތަންތަނަށް އަދި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. އެ އެއްޗެއްގެ ބާވަތުން އެ އެއްޗެއް ހުރި ނުވަތަ އޮތްގޮތް.
  2. އެއެއްޗެއް ހުރީ އާންމުކޮށް މީހުން ބޭނުންކުރާ އާންމު ތަނެއްގައި ބޭނުމެއް ނެތް ގޮތެއްގައިކަން.
  3. އެއެއްޗެއްގެ ސަބަބުން އެސަރަހައްދު ބޭނުންކުރާ މީހުންނަށް އުނދަގޫވުން.
  4. އެއެއްޗެއް އެތަނުގައި ހުރުމުގެ ސަބަބުން ނުވަތަ އޮތުމުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމަށް ކައުންސިލަށް ގަބޫލުކުރެވުން.
  5. އެއެއްޗަކީ ފަޅުތެރޭގައި ނުވަތަ ގޮނޑުދޮށުގައި އޮތް ނުވަތަ ހުރި އެއްޗެއްނަމަ އެކަމުގެ ސަބަބުން އާންމުންނަށާއި ތިމާވެށްޓަށް ގެއްލުން ލިބެމުންދިޔުން.

 

4 ވަނަ މާއްދާ - ދޫކޮށްލާފައިވާ އެއްޗަކަށް ހުއްދަހޯދުން

ކައުންސިލުން އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމަށް ކަނޑައެޅުމަށް ފަހުވެސް އެތަނަކީ އެފަދަ އެއްޗެއް ބޭއްވުމަށް އެކަށީގެންވާ ތަނެއްކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލްގެ ހުއްދައާއެކު ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް އެއެއްޗެއް އެ ތަނެއްގައި ބޭއްވިދާނެއެވެ.

 

5 ވަނަ މާއްދާ - ދޫކޮށްލާފައިވާ ތަކެތި ނެގުމަށް އެންގުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލާފައިވާ ތަކެތިކަމުގައި ކަނޑައަޅާ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅަންވާނީ، އެ އެއްޗެއްގެ ވެރިފަރާތް އެނގޭނަމަ ވެރިފަރާތަށް އެ އެއްޗެއް ނެގުމަށް އެންގުމަށްފަހުގައެވެ. ވެރިފަރާތް ނޭނގޭނަމަ، ވެރިފަރާތް ހޯދުމަށް އިއުލާނުކުރުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި ވެރިފަރާތުން އެ އެއްޗަކާ ހަވާލުނުވެއްޖެނަމަ، އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅިދާނެއެވެ.

(ށ) ވެރިފަރާތް އެނގޭ ތަކެތި ނެގުމަށް އެތަކެތީގެ ވެރިފަރާތަށް އެންގުމަށްފަހު 15 (ފަނަރަ) ދުވަހުގެތެރޭގައި ނުނަގައިފިނަމަ އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅަންވާނެއެވެ.

 

6 ވަނަ މާއްދާ - ދޫކޮށްލާފައިވާ ތަކެތި ނެގުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު އެ އެއްޗެއް ނެގުމުގެ ބާރު މި ގަވާއިދު ހިންގާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި ގޮތުން ދޫކޮށްލާފައިވާ ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭ ގެއްލުމަކަށް އެ ގެންދާ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ނ) ދޫކޮށްލާފައިވާ ތަކެތި ނެގުމުގެ ކުރިނ،ް ނެގީ ކޮން އެއްޗެއްކަމާއި، އެތަކެތި ނެގީ ކޮންތަނަކުން ކަމާއި އަދި އެ ތަކެތި ނެގިއިރު ހުރި ހާލަތު ބަޔާންކުރާ ރިޕޯޓެއް އެކަން ކުރާ ފަރާތަކުން ތައްޔާރުކުރަންވާނެއެވެ. އެ ރިޕޯޓުގައި އެ ތަކެތި އޭރު ހުރިގޮތް އެނގޭނޭ ފޮޓޯ ހިމަނަންވާނެއެވެ.

 

7 ވަނަ މާއްދާ - ދޫކޮށްލާފައިވާ އެއްޗެއްއަނބުރާ ގެންދިއުން

މި ގޮތުގެމަތިން ނަގާ ތަކެތި، އަނބުރާ އޭގެ ވެރިފަރާތަށް ލިބޭނީ، މި ގަވާއިދުގެ ދަށުން ޖޫރިމަނާކުރުމަށްފަހ،ު އޭގެ ވެރިފަރާތުން ތިރީގައިމިވާ ކަންކަމަށް ކުރި ހަރަދު ކައުންސިލަށް ދިނުމުންނެވ.

(ހ) ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ ވެރިފަރާތް ހޯދުމަށް އިއުލާން ކުރުމަށް ދިޔަ ހަރަދު.

(ށ) ދޫކޮށްލާފައިވާ އެއްޗެއްކަން ކަނޑައެޅުމަށްޓަކައި އެއެއްޗެއް ނެގުމަށް އެންގުމަށް އިއުލާނެއް ކުރަން ޖެހުނުނަމަ އެކަމަށް ދިޔަ ހަރަދު.

(ނ) ދޫކޮށްލާފައިވާ އެއްޗެއ،ް އެއޮތްތަން ނޫން އެހެން ތަނަކަށް ގެންދިއުމަށް ކައުންސިލުން އެއްވެސް ހަރަދެއް ކޮށްފައިވާނަމަ އެކަމަށް ދިޔަ އެންމެހައި ހަރަދު.

 

8 ވަނަ މާއްދާ - ދޫކޮށްލާފައިވާ ތަކެތި ނައްތާލުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ތަކެތީގެ ތެރެއިން ބޭނުންކުޑަކަމަށް ފާހަގަކުރެވޭ ތަކެތި އެގޮތަށް ކަނޑައެޅުމަށްފަހު އެތަކެތި ނެގުމަށް ދީފައިވާ މުއްދަތު ހަމަވާ ހިނދުން ފެށިގެން 3 (ތިނެއް) މަސްދުވަސް ފަހުން އެއެއްޗެއް ނައްތާލުމުގެ އިހްތިޔާރު މިގަވާއިދު ތަންފީޒު ކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދޫކޮށްލާފައިވާ އެއްޗެއް ބޭނުންކުޑަކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑު އެކުލަވާލާނީ ކައުންސިލުންނެވެ.

(ނ) މިމާއްދާގެ (ހ) އަށް ނުފެތޭ ތަކެތި، ނެގުމަށް އަންގާ މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ އެތަކެތި ބެހެއްޓުމަށް ހާއްސަ ކުރެވިފައިވާ ތަނަކަށް ގެންދިއުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ދޫކޮށްލާފައި ހުންނަތަކެތި ވިއްކާލުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްލާފައިވާ އެއްޗެއް ނެގުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުއެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ބޭނުންނޫންކަމަށް އަންގާ ތަކެއްޗާއި، ވެރިފަރާތުން ނުނެގުމުގެ ސަބަބުން ކައުންސިލްގެ ފަރާތުން ނަގައިގެން ގެންދާތަކެތި، ކައުންސިލުން ނެގުމަށްފަހު 3 (ތިނެއް) މަސްދުވަސްވުމުން އެތަކެތި ނީލަމުގައި ވިއްކާލުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މިމާއްދާގެ (ހ) އާއި، މިގަވާއިދުގެ 8 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް ދޫކޮށްލާފައިވާ އެއްޗެއްގެ ބާވަތުން އޭގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުންލިބޭ ބާވަތުގެ ތަކެއްޗާއި، ތިމާވެށްޓަށް ނުރައްކަލެއް ފޯރައިފާނޭ ތަކެތި، އެއީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ހިނދުން ފެށިގެން އެ އެއްޗެއް ނައްތައިލުމުގެ ބާރު މި ގަވާއިދު ތަންފީޒު ކުރާ ފަރާތަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަތަކެތި

ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތިކަމުގައި ބެލެވޭނީ އެއެއްޗެއް ހުންނަންޖެހޭ ގޮތް ނުވަތަ ބާއްވަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައިހުރި ތަކެއްޗަށެވެ.

 

11 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ އުޅަނދު

(ހ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިއްޖެނަމަ އެ އުޅަނދެއްގެ ވެރިފަރާތުން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއް ނަގަންވާނެއެވެ. ފަޅުތެރެއަށް ފެތިފައި އޮންނަ އުޅަނދުފަހަރު ކަނޑައެޅިފައިވާ މުހުލަތުގައި ނުނަގައިފިނަމަ މި ގަވާއިދުގެ ބޭނުމަށްޓަކައި، އެހެން ގޮތަކަށް ކައުންސިލުން ކަނޑަނާޅާނަމަ، އެއީ ފަޅުތެރެއަށް ދޫކޮށްލާފައި ހުންނަ ތަކެތި ކަމުގައި ބެލެވިދާނެއެވެ.

(ށ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިފައިއޮވެ 10 (ދިހައެއް) ދުވަހަށްވުރެ އިތުރުވެ އަދި އެ އުޅަނދު އޮތް ތަނުގެ ގޮތުން ފަޅުގެ ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫ ވާނަމަ އެ އުޅަނދެއްގެ ވެރިފަރާތަށް އެ އުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. ވެރިފަރާތް ޔަގީން ނުވާނަމަ ވެރިފަރާތް ހޯދުމަށްޓަކައި އިއުލާންކުރަންވާނެއެވެ.

(ނ) މިގޮތުން އިއުލާންކުރާ ހިނދުން ފެށިގެން ނުވަތަ ވެރިފަރާތަށް ނެގުމަށް އަންގާ ދުވަހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އުނޅަދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނުނަގައިފިނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިނ،ް އެ އުޅަނދެއް ނަގައިގެން އެފަދަ އުޅަނދުތައް ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް އެ އުޅަނދެއް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ގެންދާ ގެންދިއުމެއްގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި، އެ އުޅަނދެއް އެތަނުގައި ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

(ރ) މި ގޮތުން ގެންދާ އުޅަނދެއް ގެންދާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިނ،ް އެ އުޅަނދަކާ ހަވާލުވުމަށްޓަކައި އެ އުޅަނދެއްގެ ލިޔެކިޔުންތައް ހުށަހަޅައިފިނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އެ އުޅަނދެއް އޭގެ ވެރިފަރާތާ ހަވާލުކުރެވޭނީ، މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމަށްފަހުގައެވެ.

(ބ) މި މާއްދާގެ (ނ) ގެދަށުން ގެންދާ އުޅަނދުފަހަރުގެ މައްޗަށ،ް މި ގަވާއިދުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން އަމަލުކޮށްގެން ނުވާނެއެވެ. އަދި މި ފަދަ އުޅަނދެއްގެ ވެރިފަރާތް އެނގޭނަމަ އެފަދަ އުޅަނދެއް ނައްތާލަންވާނީ ނުވަތަ ވިއްކާލަންވާނީ އެއުޅަނދެއް ނަގައިގެން ގެންދިޔަ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވީއިރުވެސް އޭގެ ވެރިފަރާތުން އެ އުޅަނދާ ހަވާލުނުވިނަމަ، ވެރިފަރާތަށް އެތަކެތި ނައްތާލާނެ ކަމަށް ނުވަތަ ނީލަމުގައި ވިއްކާލާނެ ކަމަށް ލިޔުމަކުން އަންގައި އެކަމަށް ށަރުއީ ކޯޓަކުން އަމުރު ހޯދުމަށް ފަހުގައެވެ. އަދި އެ ފަދަ އުޅަނދެއްގެ ވެރިފަރާތް ނޭނގޭނަމަ ލިޔުމަކުން އެންގުމަކާ ނުލައިވެސް މި އަކުރުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

(ޅ) އެ އުޅަނދެއް ފަޅުތެރެއަށް ފެތިފައި ނުވަތަ ދޫކޮށްލާފައި އޮތުމުގެ ސަބަބުން ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނުފޯރިނަމަވެސ،ް އެފަދަ އުޅަނދެއްގެ ވެރިފަރާތަށް އެ އުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. އަދި މިފަދަ އުޅަނދުތަކާމެދުވެސް މި ގަވާއިދުގެ ،6 ،7 އަދި 11 ވަނަ މާއްދާގެ (ހ)، (ނ)، (ރ) އަދި (ބ) ގައިވާ ގޮތުގެ މަތިން އަމަލުކުރެވޭނެއެވެ.

 

12 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްފައިހުންނަ ތަކެތި ވަގުތުން ނެގުން

ފަޅުތެރެއަށް ދޫކުރެވިފައިވާ އެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެއްޗެއްކަމުގައިވާނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރާފާނެ އެއްޗެއް ކަމަށްވާނަމަ އެފަދަ އެއްޗެއް ވަގުތުން ނެގުން ނުވަތަ އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަހައްދަކަށް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - މިގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތައް

މިގަވާއިދު ނަގަހައްޓައި ހިންގުމަށްޓަކައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ހަދައި އެ އުސޫލުތައް އާންމުކޮށް ށާއިއުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކާ މެދ،ު އެހެން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1000 (އެއްހާސް) ރުފިޔާއާއި 3000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 3000 (ތިންހާސް) ރުފިޔާއާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މިގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ތަނަކަށެވެ.

 

15 ވަނަ މާއްދާ - މާނަ ކުރުން

(ހ) "ކައުންސިލް" މިގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)  ގެ ދަށުން އިންތިހާބުކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަށެވެ.

(ށ) "ފަޅު" މިގަވާއިދުގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ،ފަޅު ކަމަށް ބުނެފައި އެ ވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިހުތިސާސް ހިގާ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑާ ގުޅިފައިވާ، ކަނޑުކަމުގައި ނުބެލެވޭ ސަރަހައްދެވެ. މީގެ ތެރޭގައި އެ ފަޅުގައި ހިމެނޭ ވިލ،ު ގިރި ވެސް ހިމެނޭނެއެވެ. 

 

އުވި ގަވާއިދު

އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައި ވާ ތަކެތި ނެގުމާ ގުޅޭ ގަވާއިދު - ބ. ތުޅާދޫ (ގަވާއިދު ނަންބަރު 2024-66)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު