-

އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައި ވާ ތަކެތި ނެގުމާ ގުޅޭ ގަވާއިދު - ބ. ތުޅާދޫ

(ގަވާއިދު ނަންބަރު 2024-66)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 11 އޮގަސްޓް 2024 ގައި)

(މި ގަވާއިދުގެ 15 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2014-301 އުވާލެވިފައި)

 

1 ވަނަ މާއްދާ - ތައާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާގެ (ދ) އިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާޔާއެކު ކައުންސިލުން އެކުލަވައިލައިފައިވާ، އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާބެހޭ އުސޫލުތައް ބަޔާންކުރުމަށް ހެދިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔަނީ، "އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާ ގުޅޭ ގަވާއިދު - ބ. ތުޅާދޫ" އެވެ.

 

2 ވަނަ މާއްދާ - ދޫކޮށްލައިފައިވާ ތަކެތިކަމުގައި ކަނޑައެޅުން

(ހ) މި ގަވާއިދަށް އަމަލުކުރުމުގެ ކުރިން ރަށުގެ މަގުތަކަށާއި އާންމު ތަންތަނަށާއި ފަޅުގެ ތެރެއަށް ދޫކޮށްލައިފައިވާ ތަކެތި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުން ކަނޑައަޅައި، އާންމުކޮށް އަންގައި އިއުލާނުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކޮށްލައިފައިވާ ތަކެތިކަމުގައި ކަނޑައަޅާ ތަކެތި ބަޔާންކޮށް ކައުންސިލުން އިއުލާނު ކުރާ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ތަކެތި އޭގެ ވެރިފަރާތުން ނުނަގައިފި ނަމަ، މި ގަވާއިދުގެ ބޭނުމަށް ޓަކައި އެއީ ދޫކޮށްލައިފައިވާ ތަކެތިކަމުގައި ބަލައި، އެ މުއްދަތުގެ ފަހުން އިތުރު އެންގުމަކާ ނުލައި އެ ތަކެތި ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ބޭނުމަށް މަގުތަކަށާއި އާންމު ތަންތަނަ ށާއި ފަޅުތެރެއަށްދޫކޮށްލައިފައިވާ ތަކެތި ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކައުންސިލުންރިއާޔަތް ކުރަންވާނެއެވެ.

  1. އެ އެއްޗެއްގެ ބާވަތް ނުވަތަ އެ އެއްޗެއް އޮތްގޮތް ނުވަތަ އެ އެއްޗެއް ހުރިގޮތް؛
  2. އެ އެއްޗެއް އޮތީ ނުވަތަ ހުރީ އާންމުކޮށް މީހުން ބޭނުންކުރާ އާންމު 
    ތަނެއްގައި ބޭނުމެއް ނެތް ގޮތެއްގައިކަން؛
  3. އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އެ އެއްޗެއްގެ ސަބަބުން އުނދަގޫވުން؛
  4. އެ އެއްޗެއް އެ ތަނުގައި ހުރުމުގެ ސަބަބުން ނުވަތަ އޮތުމުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ހިނގައިދާނެކަމަށް ކައުންސިލަށް ގަބޫލުކުރެވުން؛
  5. އެ އެއްޗަކީ ފަޅުތެރޭގައި ނުވަތަ ގޮނޑުދޮށުގައި އޮތް ނުވަތަ ހުރި އެއްޗެއް ނަމަ، އެކަމުގެ ސަބަބުން އާންމު ސިއްހަތަށާއި ތިމާވެށްޓަށް ގެއްލުން ލިބެމުންދިޔުން؛

 

3 ވަނަ މާއްދާ - ދޫކޮށްލައިފައިވާ އެއްޗަކަށް ހުއްދަ ހޯދުން

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ ދަށުން ދޫކޮށްލައިފައިވާކަމަށް ކަނޑައަޅައިފައިވާ އެއްޗެއް ބާއްވައިފައި އޮތީ ނުވަތަ ބަހައްޓައިފައި ހުރީ މީހުންނަށް އުނދަގޫ ނުވާނެ ގޮތުގެ މަތީން އަދި އެ އެތި އެތާނގައި ހުރުމަކީ ނުވަތަ ބޭއްވުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ކައުންސިލުން ނިންމައިފި ހާލަތެއްގައި، އެ އެތި އެތާނގައި ބަހައްޓަން ނުވަތަ ބާއްވަން ބޭނުންވާ ފަރާތުން އެ އެއްޗެއް އެތާނގައި ބާއްވަން ނުވަތަ ބަހައްޓަން ބޭނުންވާ މުއްދަތަކަށް ވަކި ފީއެއް ކަނޑައެޅުމަށްފަހު، އެ އެއްޗެއް އެތާނގައި ބޭއްވުމަށް ނުވަތަ ބެހެއްޓުމަށް ފުރުސަތު ދިނުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ދޫކޮށްލައިފައިވާ ތަކެތި ނެގުމަށް އެންގުން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ދޫކޮށްލައިފައިވާ ތަކެތިކަމުގައި ކަނޑައަޅާ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް އެއީ ދޫކޮށްލައިފައިވާ އެއްޗެއް ކަމުގައި ކަނޑައަޅަންވާނީ އެ އެއްޗެއްގެ ވެރިފަރާތް އެނގޭ ނަމަ، ވެރިފަރާތަށް އެ އެއްޗެއް ނެގުމަށް އެންގުމަށްފަހުގައެވެ. ވެރިފަރާތް ނޭނގޭ ނަމަ، ވެރިފަރާތް ހޯދުމަށް އިއުލާނުކުރުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި ވެރިފަރާތުން އެ އެއްޗަކާ ހަވާލުނުވެއްޖެ ނަމަ، އެއީ ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކަނޑައެޅިދާނެއެވެ.

(ށ) ވެރިފަރާތް ޔަގީންވާ ތަކެތި ނެގުމަށް އެ ތަކެތީގެ ވެރިފަރާތަށް އެންގުމަށްފަހު، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ، އެ ތަކެއްޗަކީ ދޫކޮށްލައިފައިވާ ތަކެތި ކަމުގައި ކައުންސިލުން ކަނޑައަޅަންވާނެއެވެ.

 

5 ވަނަ މާއްދާ - ދޫކޮށްލައިފައިވާ ތަކެތި ނެގުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ އެއްޗެއް ގެންދިއުމަށް ދޭ މުއްދަތުގައި އޭގެ ވެރިފަރާތުން ގެންގޮސްފައިނުވާ ނަމަ، އެ އެއްޗެއް ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވ.

(ށ) ދޫކޮށްލައިފައިވާ ތަކެތި ނަގައިގެން ގެންދިއުމުގައި އެ އެއްޗަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

(ނ) ދޫކޮށްލައިފައިވާ ތަކެތި ނެގުމުގެ ކުރިން، ނެގީ ކޯންޗެއްކަމާއި، އެ ތަކެތި ނެގީ ކޮންތަނަކުންކަމާއި، އެ ތަކެތި ނެގުމަށް ކުރި ހަރަދާއި، އެ ތަކެތި ނެގިއިރު ހުރި ހާލަތު ބަޔާންކުރާ ރިޕޯޓެއް ކައުންސިލުން ތައްޔާރުކުރަންވާނެއެވެ. އެ ރިޕޯޓުގައި،އެ ތަކެތި އޭރު ހުރިގޮތް އެނގޭނެ ފޮޓޯ ހިމަނަންވާނެއެވެ.

 

6 ވަނަ މާއްދާ - ދޫކޮށްލައިފައިވާ އެއްޗެއް އަނބުރާ ގެންދިއުން

މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނަގާ ތަކެތި، އަނބުރާ އޭގެ ވެރިފަރާތަށް ލިބޭނީ، މި ގަވާއިދުގެ ދަށުން ދައްކަންޖެހި ނުދައްކާ އޮތް ޖޫރިމަނާ ދެއްކުމަށްފަހު، އަދި އެ އެއްޗެއް އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ކައުންސިލުން ހަރަދެއް ކޮށްފައިވާ ނަމަ، އެ ހަރަދެއް ވެސް ދެއްކުމުންނެވެ.

 

7 ވަނަ މާއްދާ - ދޫކޮށްލައިފައިވާ ތަކެތި ނައްތައިލުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްލައިފައި ވާ އެއްޗެއް ކަމުގައި ކަނޑައަޅާ ތަކެތީގެ ތެރެއިން ބޭނުންކުޑަކަމަށް ފާހަގަކުރެވޭ ތަކެތި އެގޮތަށް ކަނޑައެޅުމަށްފަހު އެ ތަކެތި ނެގުމަށް ދީފައިވާ މުއްދަތު ހަމަވާ ހިނދުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ފަހުން އެ އެއްޗެއް ނައްތައިލުމުގެ އިހްތިޔާރު މި ގަވާއިދު ތަންފީޒުކުރާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ދޫކޮށްލައިފައިވާ އެއްޗެއްގެ ބޭނުން ކުޑަކަމަށް ކަނޑައެޅުމުގައި މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ މިންގަނޑުގެ އިތުރަށް އަންނަނިވި ކަންކަމަށް ކައުންސިލުން ރިއާޔަތްކުރަންވާނެއެވެ.

  1. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ އިތުރަށް މަރާމާތުކުރުމަށްފަހު ނޫނީ ބޭނުން ނުކުރެވޭނެ ހާލަތެއްގައި ހުރި އެއްޗެއ/ްތަނެއް ކަމަށްވުން؛
  2. އެ އެއްޗެއް އެ ތަނެއްގައި ބަހައްޓައިފައި ހުންނަތާ 90 (ނުވަދިހަ) ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން؛
  3. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ އެ އެއްޗެއް ހުރިތަން ނޫން އެހެން ތަނަކަށް ގެންދާ ނަމަ ގެއްލުމެއް ވެދާނެ އެއްޗެއ/ްތަނެއްކަމުގައި ވުން؛
  4. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާ އެއްޗެއް/ތަނެއްކަމަށް ކައުންސިލުގެ އަގްލަބިއްޔަތުން ނިންމުން؛
  5. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ އޭގެ އަސްލު ގެއްލޭވަރަށް ހަލާކުވެ ވީރާނާވެފައިވާ އެއްޗެއ/ްތަނެއްކަމަށް ކައުންސިލުގެ އަގްލަބިއްޔަތުން ނިންމުން؛
  6. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ އަލުން އެ ބޭނުންކުރުމަށް ޓަކައި މަރާމާތުކުރަންޖެހޭ ހާލަތެއްގައި ހުރި އެއްޗެއ/ްތަނެއްކަމުގައި ކަނޑައަޅާނީ،އެ އެއްޗެއ/ްތަނެއް މަރާމާތުކުރުމަށް ހިނގާނެ ހަރަދުގެ 55% )ފަންސާސް ފަހެއް އިންސައްތަ( އަށްވުރެ ކުޑަނުވާނެ ހަރަދެއްކަމަށް ކައުންސިލުގެ އަގްލަބިއްޔަތުން ނިންމުމުން؛
  7. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ އެ އެއްޗަކުނ/ްތަނަކުން ކުރާ ބޭނުން ފިޔަވައި އިތުރު އެހެން ކަމަކަށް ބޭނުންކުރުމަށް ވެސް އެކަށީގެންނުވާ އެއްޗެއ/ްތަނެއްކަމަށް ކަނޑައަޅައި ކައުންސިލުގެ އަގްލަބިއްޔަތުން ނިންމުމުން؛
  8. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ އޭގެ ޒާތުގައި ބޭނުންހިފިދާނެ އެއްޗެއ/ްތަނެއްކަމުގައި ވިޔަސް، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ނީލަމުގައި ވިއްކައިލަން މަސައްކަތްކޮށްގެން ވެސް ނުވިކުނު އެއްޗެއ/ްތަނެއް ކަމުގައި ވުން؛
  9. ދޫކޮށްލައިފައިވާ އެއްޗަކީ/ތަނަކީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އޭގެ ސަބަބުން އާންމު ސިއް ހަތަށާއި އާންމު ސާފުތާހިރުކަމާއި، ތިމާވެށްޓަށް ގެއްލުމެއް ލިބިދާނެކަމަށް ކައުންސިލަށް ގަބޫލުކުރެވޭ ހާލަތުގައިވާ އެއްޗެއ/ްތަނެއްކަމަށް ކައުންސިލުގެ އަގްލަބިއްޔަތުން ނިންމުމުން.

(ނ) މި މާއްދާގެ (ހ) އަށް ނުފެތޭ ތަކެތި ނެގުމަށް އަންގާ މުއްދަތުގެ ތެރޭގައި ނުނަގައިފި ނަމަ، އެ ތަކެތި ބެހެއްޓުމަށް ހާއްސަކޮށްފައިވާ ތަނަކަށް ގެންދިއުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ - ދޫކޮށްލައިފައި ހުންނަ ތަކެތި ވިއްކައިލުން

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްލައިފައިވާ އެއްޗެއް ނެގުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ތަކެއްޗާއި، އެ އެއްޗެއްގެ ވެރިފަރާތުން އެ އެއްޗެއް ބޭނުން ނޫންކަމަށް އަންގާ ތަކެއްޗާއި، ވެރިފަރާތުން ނުނެގުމުގެ ސަބަބުން ކައުންސިލުގެ ފަރާތުން ނަގައިގެން ގެންދާ ތަކެތި ކައުންސިލުން ނެގުމަށްފަހު، 90 (ނުވަދިހަ) ދުވަސްވުމުން އެ ތަކެތި ނީލަމުގައި ވިއްކައިލުމުގެ އިހްތިޔާރު ކައުންސިލަށް ލިބިގެންވެއެވ.

(ށ) މި މާއްދާގެ (ހ) އާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ދޫކޮށްލައިފައި ވާ އެއްޗެއްގެ ސަބަބުން އާންމު ސިއްހަތަށް ގެއްލުންލިބޭ ބާވަތުގެ ތަކެއްޗާއި، ތިމާވެށްޓަށް ނުރައްކަލެއް ފޯރައިފާނޭ ތަކެތި، އެއީ ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކަނޑައަޅާ ހިނދުން ފެށިގެން އެ އެއްޗެއް ނައްތައިލުމުގެ ބާރު މި ގަވާއިދު ތަންފީޒުކުރާ ފަރާތަށް ލިބިގެންވެއެވެ.

 

9 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްލައިފައި ހުންނަ ތަކެތި

ފަޅުތެރެއަށް ދޫކޮށްލައިފައި ހުންނަ ތަކެތި ކަމުގައި ބެލެވޭނީ، އެ އެއްޗެއް ހުންނަންޖެހޭ ގޮތް ނުވަތަ ބާއްވަންޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ފަޅުތެރޭގައި ދޫވެފައި ހުރި ތަކެއްޗަށެވެ.

 

10 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްލައިފައި ހުންނަ އުޅަނދު

(ހ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިއްޖެ ނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ އުޅަނދެއް ނަގަންވާނެއެވެ. ފަޅުތެރެއަށް ފެތިފައި ހުންނަ އުޅަނދުފަހަރު ކަނޑައެޅިފައިވާ މުހުލަތުގައި ނުނަގައިފި ނަމަ، މި ގަވާއިދުގެ ބޭނުމަށް ޓަކައި، އެހެން ގޮތަކަށް ކައުންސިލުން ކަނޑަނާޅާ ނަމަ، އެއީ ފަޅުތެރެއަށް ދޫކޮށްލައިފައި ހުންނަ ތަކެތި ކަމުގައި ކަނޑައެޅުން.

(ށ) އެއްވެސް އުޅަނދެއް ފަޅުތެރެއަށް ފެތިފައި އޮންނަތާ 7 (ހަތެއް) ދުވަހަށްވުރެ އިތުރުވެއްޖެ ނަމަ އަދި އެ އުޅަނދު އޮތް ތަނުގެގޮތުން ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް އުނދަގޫވާ ނަމަ، އެ އުޅަނދެއްގެ ވެރިފަރާތަށް އެ އުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. ވެރިފަރާތް ޔަގީންނުވާ ނަމަ ވެރިފަރާތް ހޯދުމަށް ޓަކައި އިއުލާނު ކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް އިއުލާނުކުރާ ހިނދުން ފެށިގެން ނުވަތަ ވެރިފަރާތަށް ނެގުމަށް އަންގާ ދުވަހުން ފެށިގެން 15 )ފަނަރަ( ދުވަހުގެ ތެރޭގައި އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދެއް ނުނަގައިފި ނަމަ، މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެ އުޅަނދެއް ނަގައިގެން އެފަދަ އުޅަނދުތައް ބެހެއްޓުމަށް ނުވަތަ ބޭއްވުމަށް ކައުންސިލުން ކަނޑައަޅާ ތަނަކަށް އެ އުޅަނދެއް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ގެންދާ ގެންދިއުމެއްގައި އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށާއި، އެ އުޅަނދެއް އެ ތަނުގައި ބެހެއްޓުމުގެ ނުވަތަ ބޭއްވުމުގެ ސަބަބުން ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ގެންދާ އުޅަނދެއް ގެންދާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ އުޅަނދެއްގެ ވެރިން އެ އުޅަނދަކާ ހަވާލުވުމަށް ޓަކައި އެ އުޅަނދެއްގެ ލިޔެކިޔުންތައް ހުށަހަޅައިފި ނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން އެ އުޅަނދެއް އޭގެ ވެރިފަރާތަށް ހަވާލުކުރެވޭނީ، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރުމަށް ފަހުގައެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ގެންދާ އުޅަނދުފަހަރަކަށ،ް މި ގަވާއިދުގެ 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާއެއް ނުހިނގާނެއެވެ. އަދި މިފަދަ އުޅަނދެއްގެ ވެރިފަރާތް އެނގޭ ނަމަ އެފަދަ އުޅަނދެއް ނައްތައިލަންވާނީ ނުވަތަ ވިއްކައިލަންވާނީ، އެ އުޅަނދެއް ނަގައިގެން ގެންދިޔަ ތާރީހުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތެއް ފާއިތުވީއިރުވެސް އޭގެ ވެރިފަރާތުން އެ އުޅަނދާ ހަވާލުނުވި ނަމަ، 
ވެރިފަރާތަށް އެ އުޅަނދު ނައްތައިލާނެކަމަށް ނުވަތަ ނީލަމުގައި ވިއްކައިލާނެކަމަށް ލިޔުމަކުން އަންގައި، އެ ކަމަށް ށަރުއީ ކޯޓަކުން އަމުރު ހޯދުމަށް ފަހުގައެވެ.

(ޅ) އެ އުޅަނދެއް ފަޅުތެރެއަށް ފެތިފައި އޮތުމުގެ ސަބަބުން ނުވަތަ ދޫކޮށްލައިފައި އޮތުމުގެ ސަބަބުން ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް އެއްވެސް އުނދަގުލެއް ނުފޯރިނަމަވެސް، އެފަދަ އުޅަނދެއްގެ ވެރިފަރާތަށް އެ އުޅަނދެއް ނެގުމަށް ކައުންސިލުން އަންގަންވާނެއެވެ. އަދި މިފަދަ އުޅަނދުތަކާމެދު ވެސް މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި މި މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

11 ވަނަ މާއްދާ - ފަޅުތެރެއަށް ދޫކޮށްލައިފައި ހުންނަ ތަކެތި ވަގުތުން ނެގުން

ފަޅުތެރެއަށް ދޫކޮށްލައިފައިވާ އެއްޗަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ އެއްޗެއް ކަމުގައި ވާ ނަމަ، ނުވަތަ އޭގެ ސަބަބުން ތިމާވެށްޓަށް ނޭދެވޭނެ އަސަރެއް ފޯރައިފާނެ އެއްޗަކަށް ވާ ނަމަ، އެ ފަދަ އެއްޗެއް ވަގުތުން ނެގުން ނުވަތަ އޭގެ ސަބަބުން ކުރިމަތިވާނެ ނުރައްކަލުން ސަލާމަތްވުމަށް ޓަކައި އެފަދަ އެއްޗެއް އެއަށްވުރެ ނުރައްކާތެރިކަން ކުޑަ ސަރަހައްދަކަށް ގެންދިއުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، ތިންވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ، 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަ ދަދަކުން ޖޫރިމަނާކުރުމާއި، ތިންވަނަ ފަހަރަށްވުރެއިތުރުވާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރުމުގެއިހްތިޔާރު މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ. އަދި ޖޫރިމަނާ ނުދައްކައިފި ނަމަ، އެ ޖޫރިމަނާ ހޯދަން ށަރުއީ ކޯޓަކަށް ހުށަހަޅައިގެން ކުރިޔަށް ގެންދެވޭނެއެވ.

(ށ) މި ގަވާއިދުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދަންކަންވާނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލުގެ އިދާރާއަށެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަށެވެ.

(ށ) މި ގަވާއިދުގައި ވަކި ތަނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާ ނަމަ، "ފަޅު" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލުގެއިހްތިސާސް ހިނގާ ސަރަހައްދުގެ ތެރޭގައި ހިމެނޭ، ކަނޑާ ގުޅިފައިވާ، ކަނޑުކަމުގައި ނުބެލެވޭ މޫދުގެ ސަރަހައްދަށެވެ. މީގެ ތެރޭގައި އެ ފަޅުގައި ހިމެނޭ ވިލާއި ގިރި ވެސް ހިމެނޭނެއެވެ.

(ނ) "މަގު" ކަމަށް ބުނެފައި އެވަނީ، މީހުން ހިނގާބިނގާވެ އުޅުމަށާއި ދުއްވާތަކެއްޗަށް ހާއްސަކޮށްފައިވާ ތަންތަނަށެވެ.

(ރ) "ތަކެތި ނުވަތަ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ ހުއްދަނެތިބަހައްޓައިފައި ނުވަތަ ދޫކޮށްލައިފައި ހުންނަ އެއްޗެއްސަށެވެ.

(ބ) "ތަން" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ ހުއްދަނެތި އަޅައިފައިވާ ނުވަތަ ހަދައިފައިވާ ގުދަން ނުވަތަ ހަޓު ފަދަ ތަންތަނަ ށެވެ.

(ޅ) "ގަވާއިދު ހިންގާ ފަރާތް" ނުވަތަ "ގަވާއިދު ތަންފީޒުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލު އިދާރާއެވެ.

 

14 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، ގަވާއިދު ނަންބަރު 2014-301 (އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު - ބ. ތުޅާދޫ) އުވުނީއެވެ.

 

ޖަދުވަލު 1

ދޫކޮށްލައިފައި ވާ އެއްޗެއް ނުވަތަ ތަނެއް ބޭނުން ކުޑަކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑު 

 

ބޭނުން ކުޑަކަމަށް ކަނޑައެޅުމުގައި މައިގަނޑުގޮތެއްގައި ބަލާނެ ކަންކަން. 

 

  1. ދޫކޮށްލައިފައިވާ އެއްޗަކީ ނުވަތަ ތަނަކީ، އެ އެއްޗެއްގެ ނުވަތަ ތަނެއްގެ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައިވާ އެއްޗެއްކަމަށް ނުވަތަ ތަނެއްކަމަށް ކައުންސިލަށް ގަބޫލުކުރެވުން. 
  2. ދޫކޮށްލައިފައިވާ އެއްޗަކީ ނުވަތަ ތަނަކީ، އޭގެ އަސްލު ގެއްލޭވަރަށް ހަލާކުވެފައިވާ ނުވަތަ ސުންނާފަތިވެފައިވާ އެއްޗެއްކަން ނުވަތަ ތަނެއްކަން ކައުންސިލަށް ގަބޫލުކުރެވުން. 
  3. ދޫކޮށްލައިފައިވާ އެއްޗަކީ ނުވަތަ ތަނަކީ، އެ އެއްޗެއްގެ ނުވަތަ ތަނެއްގެ ބޭނުންކުރުމަށް ޓަކައި އަލުން މަރާމާތުކުރަން ބޭނުންވެއްޖެ ނަމަ އެ ކަމަށް ހިނގާނެ ހަރަދު، އެއާ އެއްފަދަ އެހެން އެއްޗެއް ނުވަތަ ތަނެއް ގަތުމަށް ނުވަތަ ހެދުމަށް ހިނގާނެކަމަށް ލަފާކުރާ ހަރަދުގެ %55 (ފަންސާސްފަހެއް އިންސައްތަ) އަށްވުރެ ކުޑަނުވާނެ ހަރަދެއް ހިނގާނެ އެއްޗެއްކަމަށް ނުވަތަ ތަނެއްކަމަށް ކައުންސިލަށް ގަބޫލުކުރެވުން.
  4. ދޫކޮށްލައިފައިވާ އެއްޗަކީ ނުވަތަ ތަނަކީ އެ އެ އެއްޗަކުން ނުވަތަ ތަނަކުން ކުރާ ބޭނުން ފިޔަވައި އެއާ އެއްފަދަ އެހެން ބޭނުމެއް ކުރުމަށް ވެސް އެކަށީގެންވާ އެއްޗެއް ނުވަތަ ތަނެއްކަމުގައި ނުވުން. 
  5. ދޫކޮށްލައިފައިވާ އެއްޗަކީ ނުވަތަ ތަނަކީ އެ އެއްޗެއްގެ ޒާތުގައި ނުވަތަ އެ ތަނެއްގެ ޒާތުގައި ބޭނުމެއް ހިފިދާނެ އެއްޗަކަށް ނުވަތަ ތަނަކަށް ވިޔަސް، މި މިންގަނޑުން ރިއާޔަތްކުރާއިރު މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ނީލަމުގައި ވިއްކައިލަން މަސައްކަތްކޮށްގެން ވެސް ނުވިކުނު ތަކެތި ކަމުގައި ނުވަތަ ތަނެއްކަމުގައި ވުން.
  6. ދޫކޮށްލައިފައިވާ އެއްޗަކީ ނުވަތަ ތަނަކީ، މި މިންގަނޑުން ރިއާޔަތްކުރާއިރު މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ އެއްޗެއްގެ ސަބަނުން ނުވަތަ އެ ތަނެއްގެ ސަބަބުން، އާންމު ސާފުތާހިރުކަމަށާއި، ތިމާވެ ށްޓަށް ނުވަތަ އާންމު ސިއްހަތަށް ގެއްލުން ލިބިދާނެކަމަށް ފެންނާތީ ވަގުތުން ނައްތައިލަންޖެހޭ އެއްޗެއް ނުވަތަ ތަނެއްކަމަށް ކައުންސިލަށް ގަބޫލުކުރެވުން.

 

(ޖަދުވަލުގެ ބާކީބައިތައް އެޓޭޗްކުރެވިފައިވާ ފަައިލުގައި ހިމެނިފައި)

 

 

އުވުނު ގަވާއިދު

ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު - ބ. ތުޅާދޫ (ގަވާއިދު ނަންބަރު 2014-301)

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު