-

ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-106) އަށް 2ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-40)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 މާރިޗު 2024 ގައި)

 

ގަވާއިދު ނަންބަރު 2018-106 (ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ  ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ތަންފީޒުކުރުން 5.

(ހ) މި ގަވާއިދުގެ ދަށުން ފުވައްމުލަކުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިންގައި ބަލަހައްޓައި އެ ތަނުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ތަންފީޒުކުރާނީ، ސިޓީ ކައުންސިލުގެ ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓުންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސިޓީ ކައުންސިލްގެ ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓުން މި ގަވާއިދު ތަންފީޒު ކުރަމުންދާ ގޮތް ބަލައި، ފުވައްމުލަކު ބަޔޮސްފިއަރ މެނޭޖުމަންޓް ޔުނިޓުން އިސްލާހުކުރުމަށް އަންގަންޖެހޭ ކަންކަން އެންގުމާއި، މި ގަވާއިދުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އަދި  އޭޖެންސީއަށް ލިބިފައިވާ ބާރާއި މެންޑޭޓުގެ ތެރެއިން ހިމާޔަތްކޮށްފައިވާ ސަރަހައްދު ބޭނުންކުރާނެ ގޮތްތައް ކަނޑައަޅާނީ އޭޖެންސީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "މެނޭޖު މަންޓް ޔުނިޓު" އާއި "މެނޭޖްމަންޓް އޮފީސް" މިހެން ހުރި ތަންތަން "ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓް" މިގޮތަށް ބަދަލުކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގެ (iv) އާއި، (ނ) އާއި، (ރ) އާއި، (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ރެކްރިއޭށަނަލް ފެސިލިޓީ ގާއިމުކުރުން 11.

(iv) ފެނުގައި ދުއްވާ އުޅަނދު ކުއްޔަށް ދޫކުރުން؛

(ނ) މި މާއްދާގެ (ށ) ގައިވާ ވަކިވަކި ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި، ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ވިޔަފާރީގެ އުސޫލުން ތިންވަނަ ފަރާތަކަށް ހަވާލުކުރުމުގެ އިހްތިޔާރު، ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

(ރ) ރެކްރިއޭށަނަލް ފެސިލިޓީގެ ހިދުމަތްތައް ހޯދާ ފަރާތްތަކުން އެ ހިދުމަތްތައް ހޯދަންވާނީ، ސިޓީ ކައުންސިލުގެ ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓުންނެވެ. އެއީ ވިއްކާ "އެކްސެސް ޕަރމިޓް" އެއްގެ ދަށުންނެވެ. މި ޕަރމިޓް ބޭނުންކުރެވޭނީ 1 (އެކެއް) ފަހަރުއެވެ. މި ޕަރމިޓް، ދިވެހިންނަށް (ބިދޭސީންގެ ތެރޭގައި ހިމެނޭ މެރިއޭޖް ވިސާ ހޯލްޑަރސްއާއި ވޯރކް ވިސާ ހޯލްޑަރސް ހިމެނޭހެން) ވިއްކާ އުސޫލާއި، ބިދޭސީންނަށް ވިއްކާ އުސޫލާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ އެކިއެކި ހަރަކާތްތަކަށް ފީނެގުމުގައި އަމަލުކުރާނެ އުސޫލު މި ގަވާއިދުގެ ޖަދުވަލު 3 ގައި އެވަނީއެވެ.

(ފ) މި ގަވާއިދުގެ ދަށުން ބިދޭސީން އަތުން ނެގުމަށް ކަނޑައަޅައިފައިވާ ފައިސާ ބަލައިގަންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ އަރިމަތީ ސުރުހީ ހިމެނޭހެން، އެ މައްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި، (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި (އ) އާއި، (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފުވައްމުލަކު ބޮޔޮސްފިއަރ ރިޒާވް އެޑްވައިސަރީ ކޮމިޓީ 18.

(ހ) މި ގަވާއިދު ތަންފީޒުކުރުމުގައި ދިމާވާ އެކިއެކި މައްސަލަތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމުގައި ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމުމުގައި މިނިސްޓްރީއަށާއި ސިޓީ ކައުންސިލަށް ލަފާދިނުމަށް ޓަކައި "ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި، މި މާއްދާގައިވާ ގޮތުގެ މަތީން ސިޓީ ކައުންސިލުން ކޮމިޓީއެއް އެކުލަވައިލަންވާނެއެވެ.

(ށ) ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީ އެކުލެވިގެންވަނީ، އަންނަނިވި ދާއިރާތައް ތަމްސީލުކުރާ 15 (ފަނަރަ) މެންބަރުންގެ މައްޗަށެވެ.

  1. ފުވައްމުލަކު ސިޓީ ކައުންސިލް،
  2. މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާ؛
  3. އެންވަރަޔަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީ؛
  4. ފުވައްމުލަކު ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ؛
  5. ފުވައްމުލަކު ބޮޔޮސްފިއަރ ރިޒާވް މެނޭޖްމަންޓް ޔުނިޓް؛ 
  6. މޯލްޑިވްސް ނޭށަނަލް ޔުނިވަރސިޓީ؛
  7. ތައުލީމާބެހޭ ވުޒާރާ (ފުވައްމުލަކުގެ ސްކޫލެއްގެ ފަރާތުން)
  8. ސަގާފަތާއި ތަރިކައިގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތެއް؛ 
  9. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ދަނޑުވެރިކަންކުރާ ފަރާތެއް؛
  10. ދިވެހިބޭސްވެރިކަމުގެ މަސައްކަތްކުރާ ފަރާތެއް؛
  11. ފުވައްމުލަކު ސިޓީގެ ގެސްޓްހައުސްއާއި ހޯމްސްޓޭ ތަމްސީލުކުރާނެ ފަރާތެއް؛
  12. ޑައިވް ސެންޓަރުތައް ތަމްސީލުކުރާނެ ފަރާތެއް؛
  13. ފުވައްމުލަކު ސިޓީގެ މަސްވެރިން؛ 
  14. ލިވްއެބޯޑް ތަމްސީލުކުރާނެ ފަރާތެއް؛
  15. ފުވައްމުލަކު ސިޓީގެ ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތައް.

(ނ) އެޑްވައިޒަރީ ކޮމިޓީއަށް މެންބަރުން އައްޔަނުކުރާނީ، މި މާއްދާގެ (ށ) ގައިވާ ކޮންމެ ދާއިރާއެއް ތަމްސީލުކުރާނެ މެންބަރަކު އެ ދާއިރާއަކުން ނުވަތަ ޖަމްއިއްޔާއަކުން ނުވަތަ އޮފީހަކުން ނޮމިނޭޓްކޮށްގެންނެވެ. އަދި ވަކި ދާއިރާއެއް ތަމްސީލުކުރާނެ ޖަމްއިއްޔާއެއް ނުވަތަ އިދާރާއެއް ނެތްނަމަ، އެ ދާއިރާއަކުން އެޑްވައިޒަރީ ކޮމިޓީއަށް އައްޔަނުކުރާނީ، ފުވައްމުލަކު ސިޓީގައި އެ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް އެޑްވައިޒަރީ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލައި، އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތެކެވެ. އެފަދަ ދާއިރާތަކުން އެޑްވައިޒަރީ ކޮމިޓީއަށް މީހުން އައްޔަނުކުރުމުގެ އިންތިޒާމު ހަމަޖައްސާނީ، ސިޓީ ކައުންސިލުންނެވެ.

(ރ) އެޑްވައިޒަރީ ކޮމިޓީގެ މަސްއޫލިއްޔާތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ހިމާޔަތްކޮށްފައިވާ ސަރަހައްދު މެނޭޖުކުރުމަށް ސިޓީ ކައުންސިލަށް ލަފާ ދިނުން؛ 
  2. ހިމާޔަތްކޮށްފައިވާ ސަރަހައްދާ ގުޅޭގޮތުން އާންމުން ހުށަހަޅާ ށަކުވާތައް ބެލުމާއި، އެކަންކަމާމެދު ގޮތެއް ނިންމުމުގައި ސިޓީ ކައުންސިލަށް ލަފާ ދިނުން؛
  3. ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރެވޭނެ ގޮތުގެ އުސޫލުތައް ކަނޑައެޅުމުގައި ސިޓީ ކައުންސިލަށް ލަފާ ދިނުން؛ 
  4. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިންގާ އިގްތިސާދީ ހަރަކާތްތަކާ ގުޅޭގޮތުން ސިޓީ ކައުންސިލަށް ލަފާ ދިނުން؛
  5. އެޑްވައިޒަރީ ކޮމިޓީ ހިންގާނެ ގޮތުގެ އުސޫލު އެކުލަވައިލުން.

(ބ) އެޑްވައިޒަރީ ކޮމިޓީގެ ސެކްރެޓޭރިއެޓަކީ، ސިޓީ ކައުންސިލެވެ.

(ޅ) އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުންތަކުގެ ކޯރަމަކީ، 8 (އަށެއް) މެންބަރުންނެވެ.

(ކ) އެޑްވައިޒަރީ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ، ސިޓީ ކައުންސިލުންނެވެ.

(އ) އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމުން ވަކިވާ ފަރާތްތަކުގެ ބަދަލުގައި އެހެންފަރާތެއް އެޑްވައިޒަރީ ކޮމިޓީއަށް އައްޔަނުކުރުމަށް ޓަކައި އައު މެންބަރަކު އެޑްވައިޒަރީ ކޮމިޓީއަށް ނޮމިނޭޓްކުރުމަށް، މެންބަރުކަމުން ވަކިވި ފަރާތް ނިސްބަތްވާ އޮފީހަކަށް ނުވަތަ ޖަމްއިއްޔާއަކަށް ނުވަތަ ދާއިރާއެއްގައި ހިމެނޭ ފަރާތްތަކަށް ސިޓީ ކައުންސިލުން އަންގަންވާނެއެވެ.

(ވ) އެޑްވައިޒަރީ ކޮމިޓީގެ މެންބަރުން މަގާމުން ވަކިވާނެ ނުވަތަ ވަކިކުރެވޭނެ ހާލަތްތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. އެއްވެސް އުޒުރަކާ ނުލައި، ޖެހިޖެހިގެން 3 (ތިނެއް) ބައްދަލުވުން ނުވަތަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ބާއްވާ ބައްދަލުވުމުގެ %50 (ފަންސާސް އިންސައްތަ) ބައްދަލުވުމަށް ހާޒިރު ނުވުން؛
  2. ކޮމިޓީގެ މެންބަރަކު، އެ މީހެއްގެ އަމިއްލަ މަސްލަހަތާ ގުޅުންހުރި ކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެކަމުގެ މައުލޫމާތު ކޮމިޓީއަށް ހާމަނުކުރުމާއި، އެކަމުން ތަނާޒުލްނުވުން؛ 
  3. ކޮމިޓީގެ ބައްދަލުވުންތަކުގައި މަށްވަރާކުރެވޭ ކަންތައްތަކާއި ދެކެވޭ ވާހަކަތައް ރިކޯޑުކޮށް ނުވަތަ ހުށަހަޅާ ލިޔުންތަކުގެ ފޮޓޯނެގުމާއި ސިއްރުކަމުގައި ބެލެވިދާނެ އެންމެހައި ކަންކަމާއި ލިޔުމާއި ބައްދަލުވުމުގައި ދެކެވޭ ވާހަކަތައް އާންމުކުރުން.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އިތުރުކުރުން.

އިސްތިސްނާ 21.

(ހ) މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސ،ް އަންނަނިވި ހާލަތްތަކުގައި އަދި/ނުވަތަ އެ ހާލަތްތަކުގައި ދެވޭ ހިދުމަތްތަކުން، ފީ ނެގުމުން އިސްތިސްނާވާނެއެވެ.

  1. ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ސްޓަޑީ ޓުއަރ ފަދަ ކަންކަމަށް، ރަސްމީކޮށް ލިޔުމުން ފުވައްމުލަކު ބޮޔޮސްފިއަރ ރިޒާވް މެނޭޖްމަންޓް ޔުނިޓަށް އެދި ހުށަހެޅުމާ ގުޅިގެން ފޯރުކޮށްދޭ ހިދުމަތްތައް؛
  2. ފުވައްމުލަކު ސިޓީ ކައުންސިލުގެ އިދާރާއަށް ނުވަތަ ފުވައްމުލަކު ބޮޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓަށް އެ ދަރިވަރުން ނިސްބަތްވާ ކިޔަވައިދޭ މަދަރުސާއަކުން ނުވަތަ މަރުކަޒަކުން ރަސްމީކޮށް ލިޔުމުން ހުށަހެޅުމުން، ރަސްމީ ބޭނުންތަކަށް ފުވައްމުލަކަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ކައުންސިލު އިދާރާއިން ކަނޑައަޅާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް؛
  3. ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހިންގާ އެކިއެކި ތަމުރީނު ޕްރޮގްރާމުތަކުގައި، ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓުގެ ފަރާތުން ބައިވެރިވާ ހާލަތްތަކުގައި އެ ފަރާތްތައް؛
  4. ދިރާސާކުރުމުގެ ބޭނުމުގައި އަންނަ ފަރާތްތަކުގެ ތެރެއިން ރިސާރޗްގެ ފައިނަލް ރިޕޯޓް، ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓާ ހިއްސާކުރުމަށް އެއްބަސްވެ އިގްރާރުވާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް؛
  5. ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގެ މަގުސަދުގައި ފުވައްމުލަކު ހިމާޔަތްކޮށްފައިވާ ސަރަހައްދަށް ތަންފީޒީ އިދާރާތަކުން ވަންނަ ހާލަތްތަކުގައި އެ ފަރާތަށް؛

(ރ) މި މާއްދާގެ (ހ) ގެ (i) އިން ފެށިގެން (iv) ގެ ނިޔަލަށް ހިމެނިފައިވާ ހިދުމަތްތައް ފޯރުކޮށްދޭއިރު، ހިދުމަތްތަކުގެ މައުލޫމާތު (ހިދުމަތް ދެވުނު މީހުންގެ އަދަދާއި، ދިން ހިދުމަތްތަކާއި، ހިދުމަތް ދެވުނު ފަރާތުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި، ހިދުމަތް ދެވުނު ތާރީހާއި ގަޑި) ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓުން ލޮގްކޮށް ބަލަހައްޓަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "މެނޭޖުމަންޓް ޔުނިޓް" އަދި "މެނޭޖުމަންޓް އޮފީސް" މިހެން ހުރި ތަންތަން "ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓް" މިގޮތަށް ބަދަލުކުރުން.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގައި "ބޯޑު" މިހެން ހުރި ތަންތަން "އެޑްވައިޒަރީ ކޮމިޓީ" މިގޮތަށް ބަދަލުކުރުން.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގެ (ii) އާއި، (iv) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (viii) އާއި، (ix)  އާއި، (x) އިތުރުކުރުން.

މާނަކުރުން 23.

(ހ) (ii) "އެޑްވައިޒަރީ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 18 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ "ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް އެޑްވައިޒަރީ ކޮމިޓީ" އަށެވެ. 
(vi)  "ފުވައްމުލަކު ބަޔޮސްފިއަރ ރިޒާވް މެނޭޖުމަންޓް ޔުނިޓް" ކަމަށް ބުނެފައި އެވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި ފުވައްމުލަކު ސިޓީ ކައުންސިލުގައި ގާއިމުކޮށްފައިވާ ޔުނިޓަށެވެ.

(viii) "ސިޓީ ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ފުވައްމުލަކު ސިޓީ ކައުންސިލަށެވެ.

(ix) "ފެނުގައި ދުއްވާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ފެނުގައި ދުއްވުމަށް ބޭނުންކުރާ ކެނޯއާއި، ޕެޑަލް ބޯޓާއި، ފެނުގައި ދުއްވުމަށް ބޭނުންކުރާ އެންމެހައި ނޮން މޮޓަރައިޒް އުޅަނދުތަކަށެވެ.

(x) "ތަންފީޒީ އިދާރާ" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް ފަދަ ތަންފީޒީ އިދާރާތަކަށެވެ.

 

9 ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 3 ގެ 1 އިސްލާހު ކުރުން.

 

10 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

ޖަދުވަލު 3

 

މައި ގަވާއިދު

ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2018-106)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު