-

އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010) އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-39)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 20 މާރިޗް 2024 ގައި)

 

ގަވާއިދު ނަންބަރު 2019-1010 (އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) އަށް 6 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - .1 ބުނެވިދިޔަ ގަވާއިދުގެ 45 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އަންނަނިވި ގޮތަށް އިސްލާ ހުކުރުން.

ސީ.ޕީ.ޑީ. ޕްރޮގްރާމެއް ހެދުން 45.

(ހ) މި ބާބުގެ ދަށުން ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރެއިން ލައިސަންސްޑް އާކިޓެކްޓް ކެޓަގަރީއާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީގައި ރަޖިސްޓަރީކުރާ ފަރާތްތައް، 2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، ތިރީގައިވާ ފަދައިން ސީ.ޕީ.ޑީ. ޕްރޮގްރާމުތަކުގައި ބައިވެރިވެ، ކޮންމެ 2 (ދޭއް) އަހަރަކުން އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

  1. ލައިސަންސްޑް އާކިޓެކްޓާއި ލައިސަންސްޑް އިންޖިނިއަރ ކެޓަގަރީއެއްގައިވާ ފަރާތަކުން، ކޮންމެ 2 (ދޭއް) އަހަރަކުން، މަދުވެގެން 10 (ދިހައެއް) ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކުރުން؛
  2. މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ ފަރާތްތަކުން، ކޮންމެ 2 (ދޭއް) އަހަރަކުން 4 (ހަތަރެއް) ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކުރުން؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާސިލުކޮށްފައިވާ ސީ.ޕީ.ޑީ. ގެ މައުލޫމާތު، ކޮންމެ 2 (ދޭއް) އަހަރެއް ނިމުމުން، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ސީ.ޕީ.ޑީ.ތަކުން ބޭނުންވާ މިންވަރަށް ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކުރެވިފައި ނުވާނަމަ، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަވާނެ މިންވަރަށް ސީ.ޕީ.ޑީ. ހެދުމަށްފަހު، އަލުން މިނިސްޓްރީއަށް ހުށަހަޅަން އެ ފަރާތަކަށް އަންގަންވާނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 57 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ސީ.ޕީ.ޑީ. ޕްރޮގްރާމް ފުރިހަމަކުރުން 57.

(ހ) ބިލްޑިންގ އިންސްޕެކްޓަރ ކެޓަގަރީގައި ރަޖިސްޓަރީކުރާ ފަރާތްތަކުން، 2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، ކޮންމެ 2 (ދޭއް) އަހަރަކުން 10 (ދިހައެއް) ޕޮއިންޓް ހާސިލުކުރުމާއެކު، އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހާސިލުކޮށްފައިވާ ސީ.ޕީ.ޑީ.ގެ މައުލޫމާތު، ކޮންމެ 2 (ދޭއް) އަހަރެއް ނިމޭ ތާރީހުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ސީ.ޕީ.ޑީ.ތަކުން އެ އަހަރަށް ބޭނުންވާ މިންވަރަށް ސީ.ޕީ.ޑީ. ޕޮއިންޓް ހާސިލުކޮށްފައި ނުވާނަމަ، މި މާއްދާގެ (ށ) ގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަވާނެ މިންވަރަށް ސީ.ޕީ.ޑީ. ހެދުމަށްފަހު މިނިސްޓްރީއަށް އަލުން ހުށަހަޅަން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ސީ.ޕީ.ޑީ. ޕޮއިންޓް ހަމަކުރުމަށް ދޭ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ޕޮއިންޓް ހަމަކުރުމަށްފަހު ހުށަހަޅައިފައި ނުވާނަމަ، އެ ފަރާތެއް ވަގުތީގޮތުން މަސައްކަތް ނުކުރެވޭގޮތަށް މިނިސްޓްރީން ހުއްދަ ހިފަހައްޓައި، ދަފުތަރުގައި އެގޮތަށް ރިކޯޑު ކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައިވާ ފަރާތަކުން ސީ.ޕީ.ޑީ. ޕޮއިންޓް ހަމަކުރުމުން، އެ ފަރާތެއްގެ ހުއްދަ އަލުން މިނިސްޓްރީން އިއާދަކުރަންވާނެއެވެ.

(ޅ) ސީ.ޕީ.ޑީ. ބަލައިގަންނާނެ މިންގަނޑުތައް ކަނޑައަޅައިފައިވާ ގައިޑްލައިނެއް މިނިސްޓްރީން އެކުލަވައިލައި، އެ ގައިޑްލައިން އާންމުކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1010)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-1010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު