-

އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-170) އަށް 1ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-33)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 7 މާރިޗު 2024 ގައި)

 

ގަވާއިދު ނަންބަރު 2021-170 (އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ނުވަތަ އެ ރަށްރަށާއި ސިޓީތަކުން ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެސެސްމެންޓް ހެދުމަށްފަހު، މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ވެހިކަލްގެ ކެޕޭސިޓީއަކީ ކޮބައިކަން ދެނެގަނެ، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޯކަލް ކައުންސިލުގެ އިދާރާއިންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

(3) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކުގެ ލޭނުތަކުގެ ޖުމުލަ ދިގުމިނާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑުމިނާއި، އެ ސަރަހައްދުގައި ޕާކުކުރެވޭނެ އުޅަނދުގެ އަދަދު.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން

އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި އެސެސްމެންޓް ހެދުން 7.

(ހ) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި، އަންނަނިވި ކަންކަމާ ގުޅޭ ތަފުސީލީ އެސެސްމަންޓުތައް، އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ހަދަންވާނެއެވެ.

  1. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގެ ނުވަތަ ސިޓީގެ ނުވަތަ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން އުޅަނދު ދުއްވާ މަގުތަކުގެ ދިގުމިނާއި ލޭނުތަކުގެ އަދަދާއި ޕާކުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ޖުމުލަ ބޮޑުމިން؛
  2. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަމަޖެހިފައިވާ މިންވަރު؛
  3. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި، އެއްގަމު އުޅަނދު ދުއްވުމަށާއި ޕާކުކުރުމަށް، ދުއްވާ މަގުތަކާއި ލޭނުތަކާއި ޕާކުކުރާނެ ސަރަހައްދު އިތުރުކުރެވެން އޮތް މިންވަރު؛
  4. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ބޭނުންކުރުމަށް އެކަށޭނެ އެންމެ ދިގު މުއްދަތު؛
  5. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް އާންމުގޮތެއްގައި ބޭނުންކުރާ އެންމެ ދިގު މުއްދަތު؛
  6. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގެ އާބާދީގެ ނިސްބަތުން އަމިއްލަ އެއްގަމު އުޅަނދު ބޭނުންކުރާ ނިސްބަތާއި، އެ އުޅަނދުގެ ބާވަތްތައް؛
  7. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދު ގައި އާބާދީގެ ނިސްބަތުން އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ނިސްބަތް؛
  8. އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ބޭނުންވާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރާ އެއްގަމު އުޅަނދުގެ ނިސްބަތުން އެ ތަނެއްގެ ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ އުޅަނދުގެ ނިސްބަތާއި، އެ ފަދަ އުޅަނދުގެ ބާވަތްތައް. 

(ށ) މި މާއްދާގެ (ހ) ގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ނަމަވެސް، އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ބޭނުންވެދާނެ މުހިންމު ޑޭޓާއެއް ހޯދުމުގެ ބޭނުމުގައި، އިތުރު އެސެސްމެންޓުތައް ހެދުމުގެ އިހްތިޔާރު، އަދަދު ކަނޑައަޅާ ފަރާތަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހު ކުރުން.

އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގެ މެތޮޑޮލޮޖީ 8.

(ހ) އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ޓަކައި ބަލަންޖެހޭ މިންގަނޑުތައް ކަނޑައަޅާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓުތައް ހެދުމަށްފަހު، އެ އެސެސްމަންޓްތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ރަށެއްގެ ލޭން މީޓަރުގެ ޖުމުލަ ދިގުމިނާއި އެ ރަށަކުން ލިބޭ ޖުމުލަ ޕާކިންގ އޭރިއާ އެ ރަށެއްގެ ކައުންސިލަކުން ކަނޑައެޅުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ ފޯމިއުލާ ބޭނުންކޮށްގެންނެވެ. މި ފޯމިއުލާގެ ބޭނުމަށް ލޭނެއްގެ ގޮތުގައި ބަލާނީ، ފުޅާމިނުގައި 12 (ބާރަ) ފޫޓު ހުންނަ މަގުތަކެވެ. 


Vehicle Capacity = ([Total Length of Lane 
Meters] x 0.21) + ([Total Area for Parking] x 
0.01333)

(ށ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައެޅޭ ވެހިކަލް ކެޕޭސިޓީ އެ ރަށެއްގެ ބިމުގެ މިންވަރަށާއި، ޖާގައަށާއި، ބޭނުންކުރާ އުޅަނދުތަކަށް ބަލައި، ކޮންމެ 5 (ފަހެއް) އަހަރަކުން މުރާޖާކުރަންޖެހޭނެއެވެ. އަދި އެ ރަށެއްގައި ބޭނުންކުރާ އުޅަނދު، އެ ރަށަކަށް ކަނޑައަޅައި އިއުލާނުކުރާ ވެހިކަލް ކެޕޭސިޓީއަށްވުރެ އިތުރުނުވާކަން ކަށަވަރުކުރުމާއި، އުޅަނދުތަކުގެ މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލުގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑައެޅޭ ވެހިކަލް ކެޕޭސިޓީ އެ ރަށެއްގެ ބިމަށް އަންނަ ބަދަލުތަކާއި އިތުރުވެ މަދުވާ މަގުތަކާއި ޕާކިންގ ޖާގައަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ކައުންސިލަށް ފެނިއްޖެ ހިނދެއްގައި މުރާޖާކުރުމުގެ އިހްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން ވެހިކަލް ކެޕޭސިޓީގެ ގޮތުގައި ކަނޑައެޅޭ އަދަދު، އަންނަނިވި ކެޓަގަރީތަކަށް ނިސްބަތުން ބަހައިލުމަށްފަހު، އެއިން ކޮންމެ ކެޓަގަރީއަކަށް ކަނޑައެޅޭ ނިސްބަތް އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތަށް ކަނޑައެޅިދާނެއެވެ.

  1. އާންމު ދަތުރުފަތުރުގެ ނިޒާމުގެ އުޅަނދުތަކަށް؛
  2. އަމިއްލަ އުޅަނދުތަކަށް؛
  3. ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކަށް؛
  4. ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުތަކަށް.

(ބ) މީގެ އިތުރުން، މި ކެޓަގަރީތައް ވަކި ސަބ-ްކެޓަގަރީތަކަށް ބަހަ އިލައި، އެއިން ކޮންމެ ސަބ-ްކެޓަގަރީއަކަށް ޖެހޭނެ ނިސްބަތް ވަކިން ކަނޑައެޅުމުގެ އިހްތިޔާރު، އަދަދު ކަނޑައަޅާ ފަރާތަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ރ) އާއި (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަމިއްލަ އުޅަނދުތަކުގެ ތެރެއިން 2 (ދޭއް) ފުރޮޅުލީ އުޅަނދުތަކަށް ވެހިކަލް ކެޕޭސިޓީގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ %80 (އަށްޑިހަ އިންސައްތަ) އެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 9 ވަނަ މާއްދާ އުނިކުރުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މިހާރު ބޭނުންކުރާ އުޅަނދުތައް ކަނޑައަޅާ އަދަދަށްވުރެ އިތުރުވުން 12.

މި ގަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައަޅާއިރު، އަދަދު ކަނޑައަޅާ ރަށުގައި ނުވަތަ ސިޓީގައި ނުވަތަ ސަރަހައްދުގައި ބޭނުންކުރުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ އަދަދަކީ، ކަނޑައެޅި އަދަދުގެ ނިސްބަތަށްވުރެ އިތުރު އަދަދެއްނަމަ، އަދަދު ކަނޑައެޅި ނިސްބަތް އެ ގޮތުގައި ހިފެހެއްޓުމުގެ ގޮތުން، ރީ - ރެޖިސްޓްރޭށަން ޕްރޮސެސްއެއްގެ ދަށުން އެ އުޅަނދުތައް އަދަދުގެ ތެރޭގައި ހިމެނޭނެ ނިޒާމެއް އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، ރ-ީރަޖިސްޓަރީ ކުރުމަށް އެކަށީގެންވާ ހަމަހަމަ ފުރުސަތާއި މުއްދަތު ދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) އާއި، (ޅ) އާއި، (ކ) އިތުރުކުރުން.

މާނަކުރުން 15.

(ބ) "ލޭން މީޓަރ" ކަމަށް ބުނެފައި އެވަނީ، ޕާކުކުރުމަށް ނުވަތަ އުޅަނދުގެ މޫވްމެންޓަށް މަގެއްގެ ލޭނުގެ ދިގުމިނުން ޖާގަ ހިސާބުކުރުމަށް  ބޭނުންކުރެވޭ ޔުނިޓަކަށެވެ.

(ޅ) "ޕާކިންގ އޭރިއާ" ނުވަތަ "ޕާކިންގ ޖާގަ" ކަމަށް ބުނެފައި އެވަނީ، އުޅަނދެއް ޕާކުކުރުމަށް ޓަކައި ކަނޑައަޅާ ޖާގައަށް ނުވަތަ ލިބެންހުރި ޖާގައަށެވެ.

(ކ) "ވެހިކަލް ކެޕޭސިޓީ" ކަމަށް ބުނެފައި އެވަނީ، ރަށެއްގެ ޖުމުލަ ލޭން މީޓަރަށާއި ލިބެންހުރި ޕާކިންގ އޭރިއާއަށް ބަލައި، އެ ރަށެއްގައި ގިނަވެގެން ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދުކަމަށް ކަނޑައަޅާ އަދަދަށެވެ.

 

8 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-170)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-170)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު