-

އެއްމެދު އިމާރާތް ރީޑިވެލޮޕް ކުރުމާ ގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2024-27)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 23 މާޗް 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ އެއްމެދު އިމާރާތް ރީޑިވެލޮޕް ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 50 ވަނަ މާއްދާގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އެއްމެދު އިމާރާތް ރީޑިވެލޮޕް ކުރުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކ،ީ އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސް ޓަރީކޮށްފައިވާ އިމާރާތެއް، ބާވެ ހަލާކުވުމުގެ ސަބަބުން ، ނުވަތަ ދިމާވާ ހާދިސާއެއްގެ ސަބަބުން އިމާރާތް ވީރާނާވުމުން، ނުވަތަ އެއްމެދު އިމާރާތުގެ ވެރިފަރާތްތަކުން އެ އިމާރާތުގެ އާބާތުރަ ފިލުވުމުގެ މަގުސަދުގައި ނުވަތަ ޖެހިޖެހިގެން އިންވެގެން ހުންނަ ދެ ސްޓްރާޓާ ސްކީމު އެއްކޮށް އަލުން ޑިވެލޮޕް ކުރުމުގެ މަގުސަދުގައި އެފަދަ އިމާރާތެއް އަލުން ރީޑިވެލޮޕް ކުރުމަށް ޓަކައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށް ހުށަހެޅޭނެ ހާލަތްތައް

(ހ) އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށް ހުށަހެޅޭނީ އަންނަނިވި ހާލަތްތަކުގައެވެ.

  1. އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ އިމާރާތެއް، އެ އިމާރާތުގެ ކޮމްޕްލީށަން ސެޓްފިކެޓް ދޫކުރާ ތާރީހުން ފެށިގެން މަދުވެގެން 15 (ފަނަރަ) އަހަރުދުވަސް ވެފައިވުން؛
  2. އިމާރާތް ބޭނުން ނުކުރެވޭފަދަ ހާދިސާއެއް ދިމާވުމުގެ ސަބަބު ނުވަތަ ކާރިސާއެއް ދިމާވުމުގެ ސަބަބުން މުޅި އިމާރާތް ވީރާނާވުން ނުވަތަ އިމާރާތްބޭނުން ނުކުރުވޭ ފެންވަރުގައި ހުރުން؛
  3. އެއްމެދު އިމާރާތްތަކުގެ ވެރިފަރާތްތަކުން އެ އިމާރާތެއްގެ އާބާތުރަ ފިލުވުމަށް ޓަކައި އިމާރާތް ރީޑިވެލޮޕް ކުރުމަށް ބޭނުންވުން؛
  4. ޖެހިޖެހިގެން އިންވެގެން ހުންނަ ދެ ސްޓްރާޓާ ސްކީމު އެއްކޮށް އަލުން ޑިވެލޮޕް ކުރުމަށް ބޭނުންވުން،

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއް ކަނޑައަޅާނީ، ލައިސަންސް ލިބިފައިވާ ސްޓްރަކްޗަރަލް އިންޖިނިއަރަކު މެދުވެރިކޮށ،ް އެ އިމާރާތާ ގުޅޭ "ސްޓްރަކްޗަރަލް އޮޑިޓް" އެއް ހެދުމަށްފަހު އެ ފަރާތުގެ ލަފަޔާއި އިރުށާދުގެ މައްޗަށްބިނާކުރުމަށްފަހުގައެވެ.

 

4 ވަނަ މާއްދާ - އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށް އެދި ހުށަހެޅުން

ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށ،ް ރީޑިވެލޮޕްމެންޓް ޕްލޭނެއް އެކުލަވައިލައި މާލޭގައިނަމަ، މިނިސްޓްރީއަށް އަދި މާލެ ފިޔަވައި އެހެން ރަށެއްގައިނަމަ، އެ ރަށެއް ނިސްބަތްވާ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެފަދަ ރީޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާކޮށް ހުށަހަޅާނީ، އަންނަނިވި އުސޫލުތަކުގެ މަތީންނެވެ.

(ހ) ރީޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރަންވާނީ އެއިރެއްގައި އަމަލުކުރަމުންދާ އިމާރާތްކުރުމުގެ ގާނޫނާއި، ޕްލޭނިންގ އާ ބެހޭގޮތުން އަމަލުކުރެވޭ ގާނޫނެއް ނުވަތަ ގަވާއިދެއްވާނަމަ، އެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން، އެނޫން ވެސް ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ހަމަތަކާއި އުސޫލުތަކުގެ ދަށުންނެވެ.

(ށ) ރީޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އަލުން އެކުލަވައިލާ އިމާރާތުގެ ޔުނިޓުގެ ހިއްސާ އަދި އެއްމެދު އިމާރާތުގެ ގާނޫނު ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "އަން ޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ބެހިފައި ހުންނަންވާނީ، މިނިސްޓްރީން ފާސްކޮށްފައިވާ ޔުނިޓްތަކުގެ ށެއަރ ވެލިއުތަކާއި، އެ ޔުނިޓަށް ކަނޑައަޅާ "އަން ޑިވައިޑެޑް ށެއަރ އޮފް ލޭންޑް" ތަކުގެ މައްޗަށް ރިއާޔަތްކުރެވިގެން،ހަމަހަމަ އުސޫލެއްގެ ދަށުންނެވެ.

(ނ) ރީޑިވެލޮޕްމަންޓް ޕްލޭނަށް ހުށަހަޅާއިރު އެއްމެދު އިމާރާތް ނުވަތަ އެއްމެދު އިމާރާތުގެ ޔުނިޓެއް ނުވަތަ ޔުނިޓްތަކެއް ރަހުނުކުރެވިފައިވާނަމަ، އެ ރަހުނެއް އެގޮތުގައި ދެމިއޮންނާނެއެވެ. އަދި އެފަދަ ހާލަތެއްގައި ރަހުނު ހިފައިފައިވާ ފަރާތް ނުވަތަ ފަރާތްތަކުން ރީޑިވެލޮޕްމަންޓް ޕްލޭނެއް ހުށަހެޅުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. 

(ރ) ރީޑިވެލޮޕްމަންޓް ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގައި، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާނަމަ، އެކަންކަން ފުރިހަމަކުރުމަށް އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ފުރިހަމަކޮށް އަލުން ހުށަހަޅަންވާނެއެވެ.

(ބ) ރީޑިވެލޮޕްމަންޓް ޕްލޭނަށް ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ފުރިހަމަކުރަން އެންގުމުން މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ފުރިހަމަކޮށް އަލުން ހުށަހަޅައިފައިނުވާނަމަ، އެ ހުށަހެޅުން ބާތިލުވާނެއެވެ.

 

5 ވަނަ މާއްދާ - ރީޑިވެލޮޕްމަންޓް ޕްލޭނާ އެކު ހުށަހަޅަންޖެހޭ ތަކެތި

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ރީޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވައިލައި ހުށަހަޅާނީ އަންނަނިވި ލިޔެކިޔުންތަކާއެކުގައެވެ.

  1. ރީޑިވެލޮޕްމަންޓް ޕްލޭންގެ ހުއްދަ ހޯދުމަށް މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ ފޯމު؛
  2. އެއްމެދު އިމާރާތް ރީޑިވެލޮޕް ކުރުމަށް އިމާރާތާގުޅޭ މެނޭޖްމަންޓް ކޯޕަރޭށަނުން ފާސްކޮށްފައިވާ ގަރާރު؛
  3. ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތަށް ތައްޔާރުކުރާ ކުރެހުން ނުވަތަ ކޮންސެޕްޓް ޕްލޭން؛ މި މާއްދާގައި ބަޔާންކޮށްފައިވާ ކޮންސެޕްޓް ޕްލޭން ވާންވާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީއެއްގެ ސިޓީ ކައުންސިލުގެ އުސޫލުތަކުގެ ދަށުން ފާސްކޮށްފައިވާ ކުރެހުމަކަށެވެ.
  4. ރީޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ތަރައްގީކުރާ ބިމާއި އިމާރާތުގެ ޔުނިޓްތަކަށް މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ޕްލޭނުގެ ޑްރާފްޓް ތައްޔާރުކޮށ،ް އެ ޑްރާފްޓަށް ރިއާޔަތްކޮށް ހިއްސާގެ އަދަދު ކަނޑައަޅައި ހުށަހެޅުން؛
  5. ރީޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ތަރައްގީކުރާ ބިމާއި އިމާރާތުގެ ޔުނިޓްތަކާ ގުޅިގެން ޔުނިޓްތަކުގެ ވެރިފަރާތްތަކުން ޔުނިޓްތަކުގެ ހިއްސާގެ އަދަދާ ގުޅޭ ގޮތުން ވެފައިވާ އިގުރާރުތައް ނުވަތަ އެއްބަސްވުންތައް، އަދި ޔުނިޓުގެ ވެރިފަރާތް ނޫން އެހެން ފަރާތްތަކަށް ހިއްސާކަނޑައަޅާނަމަ، އެ ފަރާތްތަކަށް ހިއްސާ ހުށަހަޅާ ގޮތްތަކުގެ ތަފު ސީލު؛
  6. ރީޑިވެލޮޕްމަންޓުގެ ދަށުން ހިންގާ މަށްރޫއު ތަރައްގީކުރާ ޑިވެލޮޕަރގެ މައުލޫމާތު އަދި އެ ފަރާތްތަކުން ތަރައްގީކުރުމަށް ހުށަހަޅާ ގޮތްތައް؛ މިގޮތުން އިމާރާތުގެ ޑިވެލޮޕްމަންޓް ފައިނޭންސިންގެ ތަފުސީލުތަކާއި، މަށްރޫއުގެ މުއްދަތުގެ އިތުރުން މަށްރޫއާ ގުޅޭ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
  7. މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލައިސަންސް އޮތް އިންޖިނިއަރަކު ސޮއިކޮށްފައިވާ ސްޓްރަކްޗަރަލް އޮޑިޓް ރިޕޯޓ.ު

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، ރީޑިވެލޮޕްމަންޓް ޕްލޭންގެ ހުއްދަ ހޯދުމަށް ހުށަހެޅުން ޕޯޓަލެއް މެދުވެރިކޮށް ހަމަޖައްސައިފި ހިނދެއްގައި، މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު، އެގޮތުން ގާއިމުކުރާ ޕޯޓަލް މެދުވެރިކޮށެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރުން، ރީޑިވެލޮޕްމެންޓް ޕްލޭނަށް ހުއްދަ ދިނުމުގެ ކުރިން، އިތުރު ލިޔެކިޔުން ހުށަހަޅަން އެންގުމަށް މި މާއްދާގެ (ހ) އިން ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - ރީޑިވެލޮޕް ކުރުމަށް ކަނޑައަޅާ ބިމަށް ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމުގެ ހުއްދަ ހޯދުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ރިޑިވެލޮޕްމަންޓް ޕްލޭނަށް މިނިސްޓްރީން ހުއްދަ ދޫކުރުމުން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2024-23 (ސްޓްރާޓާ ޕްލޭން އަދި ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުމާ ބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މަތީން ރީޑިވެލޮޕް ކުރުމަށް ކަނޑައަޅާ ބިމަށް ސްޓްރާޓާ ޕްލޭންގެ އަދި ސްޓްރާޓާ ސްކީމުގެ ހުއްދަ ހޯދުމަށް ހުށަހަޅަންވާނެއެވެ.

 

7 ވަނަ މާއްދާ - ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ބިނާކުރެވިފައިވާ އެއްމެދު އިމާރާތްތައް

އެއްމެދު އިމާރާތެއް ރީޑިވެލޮޕް ކުރުމަށް ހުށަހަޅަނީ، ސަރުކާރުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ތަރައްގީކޮށްފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމާ ގުޅޭ އެއްމެދު އިމާރާތެއްނަމަ، އެފަދަ ތަންތަން ރީޑިވެލޮޕްކުރުމަށް ހުށަހަޅާއިރު އަންނަނިވި ކަންކަން ކަށަވަރު ކުރަންވާނެއެވެ.

(ހ) ރީޑިވެލޮޕްކުރުމަށް ހުށަހަޅާ މަށްރޫއުން ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އެންމެހައި ހައްގުތައް ހިމާޔަތްކުރުން އަދި ޔުނިޓުގެ ވެރިފަރާތަށް ބަދަލެއް ދޭންޖެހޭނަމަ، އެ ފަރާތަށް ލިބިފައިވާ ހައުސިންގ ޔުނިޓަށް ކަނޑައަޅައިފައިވާ ހިއްސާގެ އަދަދުތަކަށް ރިއާޔަތް ކުރެވޭކަން ކަށަވަރުކުރުން،

(ށ) ރީޑިވެލޮޕްމަންޓް ޕްލޭން، ރާއްޖޭގައި އެއިރެއްގައި އެކުލަވައިލާ އަމަލުކުރަމުން ގެންދާ ހައުސިންއާ ގުޅޭ ސިޔާސަތުތަކާ އެއްގޮތް ކަން،

 

8 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވާ މާނައިގައެވެ. އަދި އެ ގާނޫނުގައި މާނަކޮށްފައިނުވާ އެހެން ނަމަވެސް، މި ގަވާއިދުގައި ހިމަނައިފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެންމާނައެއް ދޭހަނުވާހައި ހިނދަކު، އެ އި ބާރާތްތަކާއި ލަފުޒުތަކަށް ދީފައި މިވަނީ، ތިރީގައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުންތަކެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާ ގުޅުން ހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "އެއްމެދު އިމާރާތުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އަށެވެ.

 

9 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓު ގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ރީޑިވެލޮޕް ކުރުމުގެ ހުއްދަ ދެވިފައިވާ އިމާރާތްތަކަށް ދޫކުރެވިފައިވާ ހުއްދައަކ،ީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާގޮތަށް ދޫކޮށްފައިވާ ހުއްދައެއްނަމަ، އަދި ހުއްދަދީފައިވާ ރީޑިވެލޮޕްމަންޓުގެ މަށްރޫއު ނިމިފައިނުވާނަމަ، މި ގަވާއިދުގައިވާ ގޮތުގެ މަތީން ރީޑިވެލޮޕް ކުރުމުގެ ހުއްދައަށް އެދި މި ގަވާއިދަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަމަށް ޓަކައި ގާއިމުކުރާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. 

 

މައި ގާނޫނު

އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު