-

އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2024-25)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 23 މާޗް 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގެ 97 ވަނަ މާއްދާގެ (ރ) އާއި 103 ވަނަ މާއްދާގެ (ށ) އާއި 107 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އެއްމެދު އިމާރާތު ގެ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކޮށް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އެއްމެދު އިމާރާތެއް ރަޖިސްޓަރީކުރުމާއެކު، އެ އިމާރާތާ ގުޅޭ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމުގައި އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރުމާއި ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ތަފުސީލުކޮށް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުން

އެއްމެދު އިމާރާތުގެ ގާނޫނުގެ 97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެއްމެދު އިމާރާތަކަށް ނިސްބަތްވާ ސްޓްރާޓާ ޕްލޭން މިނިސްޓްރީން ފާސްކުރުމާއެކު، އަންނަނިވި އުސޫލާއި ހަމަތަކުގެ މަތީން، އެ ސްކީމަކަށް ނިސްބަތްވާ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީ ކުރަންވާނެއެވެ.

(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިމާރާތެއްގައި މަދުވެގެން 5 (ފަހެއް) ޔުނިޓު ހިމެނޭނަމަ، އޭގެ ތެރެއިން މަދުވެގެން 3 (ތިނެއް) ޔުނިޓުގެ ވެރިފަރާތަކީ، ތަފާތު 3 (ތިނެއް) ފަރާތަކަށް ވާނަމަ، މިނިސްޓްރީން އެކަމަށްޓަކައި ގާއިމުކުރާ ޕޯޓަލްމެދުވެރިކޮށް، މިނިސްޓްރީގައި އެ އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީ ކުރަންވާނެއެވެ.

(ށ) 5 (ފަހެއް) ޔުނިޓަށްވުރެ މަދު ޔުނިޓު ހުންނަ އެއްމެދު އިމާރާތްތައް ބެލެހެއްޓުމަށާއި، އެ އިމާރާތްތަކާ ގުޅޭގޮތުން މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރަން ޖެހޭނެކަމަށް އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ މެދުގައި މެނޭޖްމަންޓް އެއްބަސްވުމެއް އޮންނަންވާނެއެވެ. އަދި އެފަދަ އެއްބަސްވުމެއް ބައްޓަންކުރަންވާނީ އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތަކާއި، ޔުނިޓްތަކުގެ ވެރިފަރާތްތަކުން އެއްމެދުއިމާރާތުގެ އާންމު ތަންތަން ބަލަހައްޓާނެގޮތްތަކާ ގުޅޭ ކަންކަމު ގެ އަސާސްތައް ނުގެއްލޭގޮތަށް، މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނުކުތާތަކުގެ މައްޗަށެވެ.

(ނ) ސަރުކާރުގެ އިދާރާއަކުން ބޭނުންވެއްޖެ ހިނދެއްގައި، 1 (އެކެއް) އެއްމެދު އިމާރާތަށްވުރެ ގިނަ އިމާރާތްތައް ހިމެނޭގޮތަށް ސްކީމެއް އެކުލަވައި ލައި، 1 (އެކެއް) މެނޭޖްމަންޓް ކޯޕަރޭށަނެއްގެ ދަށުން ހިންގުމުގެ މަގުސަދުގައި، މެނެޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީކުރުމަށް ހުށަހެޅިދާނެއެވެ. ނަމަވެސް، އެފަދައިންމެނޭޖްމަންޓް ކޯޕަރޭށަނެއް ރަޖިސްޓަރީކުރެވޭނީ، އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ "ސްޓްރާޓާ ޕްލޭނާއި ސްޓްރާޓާ ސްކީމަށް ހުއްދަ ދިނުމާބެހޭ ގަވާއިދު" ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އީޒްމަންޓް" ގެ ދަށުން "ރައިޓް އޮފް ވޭ" ގެ ގޮތުގައި ކަނޑައެޅިފައިވާ ބިމެއްގެ އިމުން ގުޅިފައިވާ އެއްމެދު އިމާރާތްތަކެއްގެ މައްޗަށެވެ.

(ރ) އެއްމެދު އިމާރާތަށް ނިސްބަތްވާ ސްޓްރާޓާ ޕްލޭން މިނިސްޓްރީން ފާސްކުރުމާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީކުރުމުގެ މަގުސަދުގައި، މި ގަވާއިދުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ "އާރޓިކަލް އޮފް އިންކޯޕަރޭށަން" ދޫކުރުމާއެކު، މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމާއެކު، އެ ބައްދަލުވުގެ ނިންމުންތައް މިނިސްޓްރީއަށް ހުށަހަޅާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މެނޭޖްމަންޓް ކޯޕަރޭށަން، މިނިސްޓްރީގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

(ޅ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީ ކުރުމަށްފަހު، ރަޖިސްޓަރީ ކޮށްދީފިކަން ބަޔާންކޮށްފައިވާ ރަޖިސްޓްރޭށަން ސެޓްފިކެޓެއް، އެ ކޯޕަރޭށަނަށް މިނިސްޓްރީން ދޫކުރަންވާނެއެވެ. އަދި ހުއްދަ ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނާއި މެނޭޖްމަންޓް ކޯޕަރޭށަނުގެ ރަޖިސްޓްރޭށަން ސެޓްފިކެޓުގެ ކޮފީ، އެ ކޯޕަރޭށަން ރަޖިސްޓަރީކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މިނިސްޓްރީން ކަމާބެހޭ ކައުންސިލަށް ފޮނުވަންވާނެއެވެ.

 

4 ވަނަ މާއްދާ - 5 (ފަހެއް) ޔުނިޓަށްވުރެ މަދުން ޔުނިޓްތައް ހުންނަ އެއްމެދު އިމާރާތްތައް

އެއްމެދު އިމާރާތެއްގައި ހިމެނެނީ 5 (ފަހެއް) ޔުނިޓަށްވުރެ މަދު ޔުނިޓުނަމަ، އެ އިމާރާތް ބެލެހެއްޓުމަށާއި، އެ އިމާރާތާގުޅޭގޮތުން މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރާނީ، އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންގެ މެދުގައި އެކުލަވައިލެވޭ މެނޭޖްމަންޓް އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެފަދަ މެނޭޖްމަންޓް އެއްބަސްވުމެއްގައި މަދުވެގެން އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) އިމާރާތުގެ ވެރިފަރާތް ނުވަތަ ޑިވެލޮޕަރާއި، ޔުނިޓުތަކުގެ ވެރިފަރާތްތަކުގެ ނަން،

(ށ) އެއްބަސްވުމުގެ މަގުސަދާއި، ބާވަތާއި ތަފުސީލު،

(ނ) އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގެ ބައިވެރިން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުތައް.

(ރ) އެއްބަސްވުމުގެ މާއްދާއަކާ ހިލާފުވެއްޖެނަމަ އަމަލުކުރާނެގޮތް.

(ބ) އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތް.

(ޅ) ވަކި ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމެއްވާނަމަ، އެކަމެއް ބަޔާންކުރުން،

 

5 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ރަޖިސްޓަރީ ވުމުން ފުރިހަމަކުރަންޖެހޭ ކަންކަން

އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާ އިމާރާތަކީ އެއްމެދު އިމާރާތުގެ ގާނޫނުގެ 70 ވަނަ މާއްދާއާއި، 88 ވަނަ މާއްދާއާއި، 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާތަކުގެ ދަށުން ސްޓްރާޓާ ސްކީމެއްގެ ގޮތުގައި ރަޖިސް ޓަރީކޮށް، މިލްކުވެރިކަން ބަދަލުކުރަން ހުށަހަޅާ ސްކީމެއްނަމަ، އެފަދަ ސްކީމަކާގުޅޭ މެނޭޖްމަންޓް ކޯޕަރޭށަން މިނިސްޓްރީގައި ރަޖިސްޓަރީކުރުމުން، ބިމުގެ އަސްލުވެރި ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން، ޔުނިޓު ތަކުގެ ވެރިފަރާތްތަކަކީ ތަފާތު 3 (ތިނެއް) ފަރާތްކަމުގައިވެފައި، ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައި ފައިވާ ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިކުމާއެކު، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާމެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، ބިމުގެ އަސްލުވެރި ފަރާތުން މެނޭޖްމަންޓް ކޯޕަރޭށަންގެ ހަރަކާތްތައް ހަރުދަނާގޮތެއްގައިފެށުމަށާއި، ހިންގުމަށް ބާއްވާ ފުރަތަމަ އާންމު ޖަލްސާ ބާއްވަން ބޭނުންވެއްޖެ ހިނދެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މުއްދަތުގެ ތެރޭގައި އެ ކަންކުރުމުގެ ހުރަހެއްނެތެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާތަކުގެ ދަށުން މެނޭޖްމަންޓް ކޯޕަރޭށަން ފުރިހަމަ ބާރުގައި ފެށެން ދެން، އެ އިމާރާތާގުޅޭ އެންމެހައި ކަންކަން ކުރަންވާނީ ބިމުގެ އަސްލުވެރި ފަރާތުންނެވެ.  

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އިމާރާތަކީ ރިއަލް އެސްޓޭޓް އުސޫލުން ނުވަތަ ސްޓޭޖް ޑިވަލޮޕްމަންޓުގެ ދަށުން ޔުނިޓުތައް ވިއްކުމަށް ފަރުމާކުރެވި، ނުވަތަ އެފަދަ އުސޫލަކުން ޔުނިޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހުށަހަޅާ އިމާރާތެއްނަމަ، އެ އިމާރާތާގުޅޭ މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމަށް އަމަލުކުރާނީ،މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ތަކާއި ހަމަތަކުގެ މަތީންނެވެ.

 

6 ވަނަ މާއްދާ - ސްޓޭޖް ޑިވެލޮޕްމަންޓުގެ ދަށުން މަށްރޫއުތަކުގެ މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލާގެ ދަށުން އެކުލަވައިލާ ހިންގާ ސްކީމެއްގެ މެނޭޖްމަންޓް ކޯޕަރޭށަންގެ އާންމު ޖަލްސާއާއި ހަރަކާތްތަކާ ގުޅޭ އެންމެހައި ކަންކަން ބިމުގެ އަސްލު ވެރިފަރާތް ނުވަތަ ޑިވެލޮޕަރ ކުރިޔަށްގެންދަންވާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.

(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިނީށިއަލް ޕީރިއަޑް ހަމަވުމާ ހަމައަށް ސްޓްރާޓާ ޕްލޭނުގައި ހިމެނޭ އިމާރާތުގެ ޔުނިޓްތަކާއި، އާންމު ތަންތަނާއި، އެ ސްޓްރާޓާ ސްކީމާ ގުޅޭ އެނޫން ވެސް ކަންކަން ހިންގައި ބެލެހެއްޓުމަކީ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

(ށ) ސްޓްރާޓާ ޕްލޭނަށް ހުއްދަ ދޫކުރުމަށްފަހު ސްޓްރާޓާ ޕްލޭން އިސްލާހުކުރެވޭނީ ގާނޫނުގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ނ) ސްޓްރާޓާ ޕްލޭނުގައި ކަނޑައަޅައިފައިވާ ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިއްކުމާ ހަމައިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމާ ހަމައަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އެކުލަވައިލަންވާނެއެވެ.

(ރ) ޔުނިޓުތަކަށް ކަނޑައެޅިފައިވާ މުޅި ޖުމުލަ ހިއްސާގެ އަދަދުގެ 1/3 (ތިންބައިކުޅަ އެއްބައި) ހިއްސާ ވިކުމާއެކު، އެ ތާރީހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަންގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ. އަދި މި ބައްދަލުވުމުގެ އެންމެހައި ކަންކަން ހަމަޖައްސާނީ"ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އިންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމޭ ތާރީހުގެ ކުރިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ހަރުދަނާގޮތެއްގައި ފެށުމަށާއި ހިންގުމަށް "ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އިން ފުރަތަމަ އާންމު ޖަލްސާ ބާއްވަން ބޭނުންވެއްޖެ ހިނދެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މުއްދަތުގެ ތެރޭގައި އެކަންކުރުމުގެ ހުރަހެއް ނެތެވެ.

 

7 ވަނަ މާއްދާ - ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ އެކުލަވައިލުން

މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމުގެ މަގުސަދުގައި މަށްރޫއު ތަރައްގީކުރުމަށް ފަށާ ހިސާބުން ނުވަތަ މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުގައި ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެ ލޮޕަރުގެ ފަރާތުން "ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީ" އެއް އުފައްދައި ހިންގަންވާނެއެވެ. މި ކޮމިޓީ އުފައްދާނެ ގޮތާއި، ކޮމިޓީގެ މައިގަނޑު މަގުސަދުތައް ތިރީގައި މިވަނީއެވެ.

(ހ) ބިލްޑިންގ މެނޭޖްމަންޓް ކޮމިޓީގެ މައިގަނޑު މަގު ސަދަކަށް ވާންވާނީ އިމާރާތުން ވިއްކާ ޔުނިޓްތައް ވިއްކުމާ ގުޅިގެން، ޑިވެލޮޕަރ އަދި އެ ޔުނިޓުތައް ގަންނަ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާ ގުޅޭ ކަންކަމުގައި ދެފަރާތަށް އެހީތެރިވެދިނުމާއި، އިމާރާތް ތަރައްގީކޮށް ނިމޭއިރު، ފުރިހަމަ އަދި ބާރުވެރި މެނޭޖްމަންޓް ކޯޕަރޭށަނަކަށް ވާސިލުވުމަށްޓަކައި ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ނުވަތަ ޔުނިޓުގެ ވެރިފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ. މި ކޮމިޓީއަކީ ވަގުތީ ކޮމިޓީއެކެވެ.

(ށ) ކޮމިޓީ އެކުލަވައިލާނީ މަދުވެގެން 3 (ތިނެއް) މެންބަރުން އަދި ގިނަވެގެން 14 (ސާދަ) މެންބަރުން ހިމެނޭގޮތަށެވެ. ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެލޮޕަރުގެ ފަރާތުން ކޮމިޓީގެ މެންބަރުންގެ ތެރޭގައި ދިވެހިރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ އޮތް، މަދުވެގެން 1 (އެކެއް) ފަރާތް ހިމަނަންވާނެއެވެ. އަދި ބިމުގެ އަސްލުވެރި ފަރާތުން ނުވަތަ ޑިވެލޮޕަރ ބޭނުންވެއްޖެނަމަ، އުސޫލެއް އެކުލަވައިލައި، އެ އުސޫލުގެ ދަށުން ޔުނިޓް ގަނެފައިވާ ފަރާތްތައް މިކޮމިޓީގައި ހިމެނިދާނެއެވެ.

(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެކުލަވައިލާ އެންމެހައި ލިޔެކިޔުންތައް މި ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން ތައްޔާރުކުރުން؛ މީގެ ތެރޭގައި މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައި-ލޯސްތައް ޑްރާފްޓްކުރުމާއި، މެއިންޓެނަންސް ބަޖެޓް ތައްޔާރުކުރުމާއި އެކަމާގުޅޭ އެހެނިހެން ލިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ.

(ރ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ހޯދުމާއި ތައްޔާރުކުރުން،

(ބ) އެއްމެދު އިމާރާތުގެ ގާނޫނުގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެއިންޓެނަންސް ފަންޑް ހުޅުވުމާއި ބެލެހެއްޓުން،

(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައްވުން؛ މި ގޮތުން މެނޭޖްމަންޓް ކޯޕަރޭށަނަށް އައްޔަނުކުރާ ފަރާތްތައް އައްޔަން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛ އަދި އެއްމެދު އިމާރާތުގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތު ފުރިހަމަވުމުން، މި ގަވާއިދުގެ 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ބޭއްވުން،

(ކ) މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، މެނޭޖްމަންޓް ކޯޕަރޭށަނަކުންކުރަންޖެހޭ އެންމެހައި ކަންކަން ކޮމިޓީގެ މުއްދަތުގައި ކުރުން،

 

8 ވަނަ މާއްދާ - ބިމުގެ އަސްލުވެރިފަރާތް ނުވަތަ ޑިވެލޮޕަރުގެ ޒިންމާތައް

މި ގަވާއިދުގެ 5 ވަނަ މާއްދާއާއި، 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން، ބިމުގެ އަސްލުވެރިފަރާތް ނުވަތަ ޑިވެލޮޕަރ އަދާކުރަމުންދިޔަ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރަންވާނެއެވެ.

(ހ) މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުން މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރުން،

(ށ) އެއްމެދު އިމާރާތުގެ ގާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެއިންޓެނަންސް ފަންޑް މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރުން،

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް މެނޭޖްމަންޓް ކޯޕަރޭށަން އުފެއްދުމާގުޅޭ އެންމެހައި ކަންކަންކުރުން.

 

9 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަން ހިންގުން

މި ގަވާއިދުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާއާއި 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން، ބިމުގެ އަސްލުވެރިފަރާތް ނުވަތަ ޑިވެލޮޕަރ އަދާކުރަމުންދިޔަ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މެނޭޖްމަންޓް ކޯޕަރޭށަނާހަވާލުކުރުމުން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ހަރަކާތްތައް ފެށުމާއެކު، އެއްމެދު އިމާރާތުގެ ގާނޫނުގެ 102 ވަނަ މާއްދާއާއި މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތައް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މެނޭޖްމަންޓް ކޯޕަރޭށަނުން ހިންގަންވާނެއެވެ.

 

10 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ މަސްއޫލިއްޔަތުތައް

އެއްމެދު އިމާރާތުގެ ގާނޫނުގެ 102 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ އިތުރުން، ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މެނޭޖްމަންޓް ކޯޕަރޭށަނުން އަދާކުރަންވާނެއެވެ.

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޖަލްސާތައް ރާވައި ބައްދަލުވުމުގައި އެޖެންޑާކުރެވޭ ކަންތައްތައް ނިންމާނެގޮތާއި، އަދި ވޯޓުލުމުގެ އެންމެހައި ކަންކަން ކުރުން،

(ށ) އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމުގައި އިމާރާތުގައި ކުރަންޖެހޭ މަރާމާތުތަކާއި ގުޅޭ ފަންޑު ބެލެހެއްޓުމާއި، އެ ފަންޑު ބޭނުންކުރުމާ ގުޅޭ އެންމެހައި ކަންކަން ކުރުން،

(ނ) އަލިފާނުގެ ހާދިސާތަކާއި ގުދުރަތީ ކާރިސާތަކުން ސަލާމަތްވުމަށްޓަކައި، އިމާރާތުގެ ރިޕްލޭސްމަންޓް ވެލިއުގައި އިމާރާތް އިންށުއަރކޮށް ބެލެހެއްޓުމާއި، އިންށުއަރެންސް ޕްރިމިއަމް ގަވާއިދުން ދެއްކުން،

(ރ) އިމާރާތް ބެލެހެއްޓުމާއި ބޭނުންކުރުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ ނޯޓިސްތަކާއި އެންގުންތައް އިމާރާތުގެ ވެރިފަރާތްތަކަށް އެންގުން،

(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ މާލީ ހިސާބުތައް ބެލެހެއްޓުމާއި މާލީ ހިސާބުތައް ގަވާއިދުން އޮޑިޓްކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން،

(ޅ) މެއިންޓެނަންސް އަދި ސިންކިންގ ފަންޑު ބެލެހެއްޓުން،

(ކ) ކޮންމެ އަހަރަކު މަދުވެގެން 1 (އެކެއް) ފަހަރު އާންމު ޖަލްސާ ބޭއްވުން،

(އ) ސްޓްރާޓާ ރޯލް ތައްޔާރުކޮށް ބެލެހެއްޓުން،

(ވ) ކޮންމެ އަހަރަކު މަދުވެގެން 2 (ދޭއް) ފަހަރު، ޔުނިޓްތަކުގެ ވެރިފަރާތްތަކާ ބައްދަލުކުރުމާއި، އެ ފަރާތްތަކުގެ ހިޔާލުތަކާއި ށަކުވާތައް ބަލައިގަނ،ެ މައްސަލަތަކަށް ހައްލު ހޯދުމާއި އެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

 

11 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ މެންބަރުން

މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކެވެ.

(ހ) ޑިވެލޮޕަރު (ވަގުތީ މެންބަރު).

(ށ) ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓް ގަންނަ ފަރާތްތައް.

(ނ) އެއްމެދު އިމާރާތުގައި ހިމެނޭ ކޮންމެ ޔުނިޓެއްގެ ވެރިފަރާތް.

 

12 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ ނިންމުންތައް ކަނޑައެޅުން

މެނޭޖްމަންޓް ކޯޕަރޭށަނުގެ ނިންމުންތައް ނިންމުމަށް ޔުނިޓުގެ ވެރިފަރާތްތަކުގެ މެދުގައި ވޯޓުލާނީ، ސްޓްރާޓާ ޕްލޭނާއެކު ދޫކުރާ ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ކަނޑައަޅައިފައިވާ ޔުނިޓްތަކުގެ ހިއްސާގެ މިންވަރުތަކުގެ މައްޗަށް ބިނާކޮށެވެ.

 

13 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ މެންބަރުކަމުން ވަކިވުން

(ހ) އިމާރާތުގެ ޑިވެލޮޕަރު މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުކަމުން ވަކިވާނީ، އިމާރާތުގެ ޑިފެކްޓް ލައިބިލިޓީ މުއްދަތު ނިމުމުންނެވެ.

(ށ) ގަނެ ވިއްކުމުގެ އެއްބަސްވުމުގެ ދަށުން އެއްމެދު އިމާރާތުގެ ޔުނިޓު ގަންނަ ފަރާތް މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުކަމުން ވަކިވާނީ، އިމާރާތުގެ ޔުނިޓް ގަނެވިއްކުމަށް އެކުލަވައިލައިފައިވާ އެއްބަސްވުން އެއްވެސް ސަބަބަކާހުރެ ބާތިލުކުރާ ހިނދުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ ކައުންސިލް

(ހ) މެނޭޖްމަންޓް ކޯޕަރޭށަން ހިންގުމަށާއި އެ ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުން، މަދުވެގެން 3 (ތިނެއް) ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އިންތިހާބު ކުރަންވާނެއެވެ. އަދި ކައުންސިލް މެންބަރުންގެ ގޮތުގައި އެންމެ ގިނަވެގެން ކަނޑައެޅޭނީ 15 (ފަނަރަ) މެން ބަރުންނެވެ.  

(ށ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބާއްވާ ފުރަތަމަ އާންމު ބައްދަލުވުމުގައި، އެންމެ މަދުވެގެން އެ ކޯޕަރޭށަނުގެ ކައުންސިލުގެ ރައީސާއި، ހަޒާންދާރު އަދި ސެކްރެޓަރީއެއް އިންތިހާބު ކުރަންވާނެއެވެ.

 

15 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ރައީސްގެ މަސްއޫލިއްޔަތުތައް

މެނޭޖްމަންޓް ކޯޕަރޭށަނުން އިންތިހާބުކުރާ ކައުންސިލުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ މަދުވެގެން ތިރީގައި ކަންކަން ހިމެނޭނެއެވެ.

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ޖަލްސާތައް ޗެއަރ ކޮށް ބެލެހެއްޓުން،

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ޖަލްސާތައް ރާވައި ހިންގުމާއި ރަނގަޅަށް ކުރިޔަށްދޭތޯ ބެލުމާއި، ރިވިއުކުރުން،

(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި، ހުށަހެޅޭ މައްސަލަތަކަށް ހައްލު ހޯދައިދިނު މަށް ފުރިހަމަ އެއްބާރުލުންދިނުން،

(ރ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ކައުންސިލުގެ ރައީސް ގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.

 

16 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ހަޒާންދާރުގެ މަސްއޫލިއްޔަތުތައް

މެނޭޖްމަންޓް ކޯޕަރޭށަނުން އިންތިހާބުކުރާ ކައުންސިލުގެ ހަޒާންދާރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ މަދުވެގެން ތިރީގައިވާ ކަންކަން ހިމެނޭނެއެވެ.

(ހ) ޔުނިޓްތަކުގެ ވެރިފަރާތްތަކުން ދަންކަންޖެހޭ ފީއާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެކަމާ ގުޅޭ ނޯޓިސް އެ ފަރާތްތަކަށް ދިނުން،

(ށ) ޔުނިޓްތަކުގެ ވެރިފަރާތްތަކަށް ފައިސާ ދެއްކުމުން ދޫކުރާ ފައިސާގެ ރަސީދު ދޫކުރުން،

(ނ) މެނޭޖްމަންޓް ފީއާ ގުޅޭ ފަންޑުތައް ބެލެހެއްޓުމާއި ފައިނޭންށިއަލް އިންސްޓިއުޓްތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން،

(ރ) ފަންޑާ ގުޅިގެން ނިންމަންޖެހޭ ފައިނޭންށިއަލް ސްޓޭޓްމަންޓް ނުވަތަ އެކަމާ ގުޅުންހުރި އެންމެހައި ލިޔެކިޔުން ނިންމުން،

(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ މާލީ ހިސާބުތައް ގަވާއިދާއި އުސޫލުތަކުގެ ދަށުން ބެލެހެއްޓުން،

(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ކައުންސިލުގެ ހަޒާންދާރުގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ އެންމެހައިމަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން،

 

17 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް

މެނޭޖްމަންޓް ކޯޕަރޭށަނުން އިންތިހާބުކުރާ ކައުންސިލް ސެކްރެޓަރީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެންމެ މަދުވެގެން ތިރީގައިވާ ކަންކަން ހިމެނޭނެއެވެ.

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ ޖަލްސާތަކާއި އާންމު ޖަލްސާތަކާގުޅޭ ގޮތުން ނޯޓިސްދިނުމާއި، ޖަލްސާތަކުގެ ޔައުމިއްޔާ ބެލެހެއްޓުމާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން،

(ށ) ސްޓްރާޓާ ރޯލް އަޕްޑޭޓްކޮށް ބެލެހެއްޓުން،

(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް ފޮނުވާ ސިޓީތަކުގެ ޖަވާބުތައް ތައްޔާރުކުރުމާއި، ރިކޯޑު ބެލެހެއްޓުން،

(ރ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލުގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން؛

(ބ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ކައުންސިލުގެ ސެކްރެޓަރީގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން،

 

18 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނު ގެ ފުރަތަމަ އާންމު ޖަލްސާ

(ހ) އެއްމެދު އިމާރާތުގެ ގާނޫނުގެ 15 ވަނަ މާއްދާއާއި 95 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވަންވާނެއެވެ.

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ޖަލްސާ ބާއްވާނީ، ބިލްޑިންގ މެނޭޖިންގ ކޮމިޓީން ނުވަތަ އެ ކޮމިޓީގެ ބެލުމުގެ ދަށުން ކަނޑައަޅާ ފަރާތަކުންނެވެ.

(ނ) ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގ،ެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، ޔުނިޓުގެ ވެރިފަރާތްތަކަށް އަންނަނިވި މައުލޫމާތު އެކުލެވޭ ނޯޓިހެއް ފޮނުވަންވާނެއެވެ.

  1. ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ވަގުތު؛
  2. ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަން،

 

19 ވަނަ މާއްދާ - ފުރަތަމަ އާންމު ބައްދަލުވުމުގެ އެޖެންޑާ

މެނޭޖްމަންޓް ކޯޕަރޭށަނުގެ ފުރަތަމަ އާންމު ބައްދަލުވުމުގެ އެޖެންޑާގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ސްޓްރާޓާ ސްކީމަށް ނިސްބަތްވާ އިމާރާތް ނުވަތަ އިމާރާތްތައް ހިންގައި ބެލެހެއްޓުމަށް ހިނގާނެ ހަރަދުތަކާ ގުޅޭ އެންމެހައި މައުލޫމާތު ހުށަހެޅުމާއި މަށްވަރާކުރުން ނުވަތަ ފާސްކުރުން،

(ށ) މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މެއިންޓެނަންސް ފަންޑު ޕްލޭނެއް އެކުލަވައިލުމާއި ހުށަހެޅުމާއި ފާސްކުރުން،

(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލަށް އައްޔަނުކުރާ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، އެފަރާތްތައް ވޯޓު ލައިގެން ހޮވުމާ ގުޅޭ އެންމެހައި ކަންކަން ނިންމުން،

(ރ) ބިމުގެ އަސްލު ވެރިފަރާތް ނުވަތަ ޑިވެލޮޕަރުގެ ފަރާތުން މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައުލޫމާ ތާއި ތަފުސީލު މެނޭޖްމަންޓް ކޯޕަރޭށަނާއި ނުވަތަ މެންބަރުންނާއި ހިއްސާކުރުމާއި ހަވާލުކުރުން،

(ބ) ޑިވެލޮޕަރުގެ ފަރާތުން ހުށަހަޅާ މުހިންމު އެހެން ކަންކަން،

(ޅ) މި ބައްދަލުވުމުގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ނިންމުންތައް، އެ ނިންމުންތައް ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމެޓާ އެއްގޮތަށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

 

20 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރަންޖެހޭ ލިޔެކިޔުންތައް

އެއްމެދު އިމާރާތުގެ ގާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އިތުރުން އަންނަނިވި ލިޔެކިޔުން މެނޭޖްމަންޓް ކޯޕަރޭށަނާ ހަވާލުކުރުމަކީ ބިމުގެ އަސްލުވެރިފަރާތުގެ ނުވަތަ ޑިވެލޮޕަރުގެ ޒިންމާއެކެވެ.

(ހ) ކަމާބެހޭ ކައުންސިލަކުން ނުވަތަ އިދާރާއަކުން ފާސްކޮށްފައިވާ ކުރެހުންތަކާއި، އިމާރާތްކުރުމާ ގުޅޭ ހުރިހާ ކުރެހުންތަކާއި ލިޔެކިޔުން، ކުރެހުމަށް ގެނެވިފައިވާ އިސްލާހުތަކާއި، އިމާރާތްކުރުމާގުޅޭ ހުއްދަތަކުގެ ކޮޕީ.

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ރަޖިސްޓަރީއާއި މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ އެހެނިހެން ލިޔެކިޔުން،

(ނ) މިނިސްޓްރީން ފާސްކޮށް ދޫކޮށްފައިވާ ސްޓްރާޓާ ޕްލޭނާއި ސްޓްރާޓާ ޕްލޭނަށް ދޫކުރެވިފައިވާ ހުއްދައާއި ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސް.

(ރ) ކަމާބެހޭ ކައުންސިލުން ނުވަތަ އިދާރާއަކުން ދޫކުރާ އިމާރާތް ބޭނުންކުރުމުގެ ހުއްދައާއި ދިރިއުޅުމަށް ނުވަތަ ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަތަކުގެ ކޮޕީ.

(ބ) އިމާރާތުގެ ފަޔަރ ސޭފްޓީ ކުރެހުންތަކާއި، ސެޓްފިކެޓުތަކުގެ އަސްލު،

(ޅ) އިމާރާތުގެ މެއިންޓެނަންސް ޕްލޭނާއި ނަގާ ފީގެ ތަފުސީލު،

(ކ) މި މާއްދާގައި (ހ) އިން ފެށިގެން (ޅ) އާ ހަމައަށް ބަޔާންކޮށްފައިވާ ލިޔެކިޔުމުގެ އިތުރުން، މެނޭޖްމަންޓް ކޯޕަރޭށަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ބޭނުންވެދާނެ މުހިންމު ލިޔެކިޔުން،

 

21 ވަނަ މާއްދާ - އަހަރީ އާންމު ޖަލްސާ

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުން، ކޮންމެ މީލާދީ އަހަރަކު މަދުވެގެން އެއްފަހަރު އެ ކޯޕަރޭށަނުގެ އަހަރީ އާންމު ބައްދަލުވުމެއް ބާއްވަންވާނެއެވެ.

(ށ) އަހަރީ އާންމު ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން، މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރަކަށް އަންނަނިވި މައުލޫމާތު އެކުލެވޭ ނޯޓިހެއް ފޮނުވަންވާނެއެވެ.

  1. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހާއި، ތަނާއި، ވަގުތު؛
  2. ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަން؛
  3. ހުރިހާ މެންބަރުންގެ ވޯޓުން ފާސްކުރަންޖެހޭ ނިންމުމެއްވާނަމަ، އެ މައްސަލައާގުޅޭ ހުލާސާއެއް.

 

22 ވަނަ މާއްދާ - ކުއްލި ޖަލްސާ

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރުންގެ ތެރެއިން، މަދުވެގެން 1/3 (ތިންބައިކުޅަ އެއްބައި) މެންބަރުން އެދިއްޖެ ހިނދެއްގައި، ކޯޕަރޭށަނުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ވާނެއެވެ.

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭނީ، އެ ޖަލްސާ ބާއްވަން ބޭނުންވާ ސަބަބާއި، ތަނާއި، ތާރީހު، ހިމެނޭ ނޯޓިސް 1 (އެކެއް) ދުވަހުގެ ކުރިން މެންބަރުންނަށް ފޮނުވުމަށް ފަހުގައެވެ.

 

23 ވަނަ މާއްދާ - ވޯޓުލުން

(ހ) އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަނުގެ ކޮންމެ މެންބަރަކަށްމ،ެ އެ ކޯޕަރޭށަނުގެ ޖަލްސާތަކަށް ހާޒިރުވެގެން، ނުވަތަ އެ މެންބަރު ގެ ފަރާތުން ވޯޓުލުމުގެ ހައްގު އަދާކުރުމަށްޓަކައި އެ ފަރާތުން އައްޔަނުކުރާ އެހެން ފަރާތެއް ޖަލްސާތަކަށް ހާޒިރުވެގެން، ވޯޓުދެވިދާނެއެވެ.

(ށ) އާންމު ޖަލްސާތަކުގައި ވޯޓުލާނީ، އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، އަތް އުފުލައިގެންނެވެ.

(ނ) ކޮންމެ މެންބަރަކަށް ވެސް ވޯޓު ދެވޭނީ، ޔުނިޓުގެ ހިއްސާގެ މިންވަރު ކަނޑައެޅިފައިވާ ގޮތުގެ މަތީންނެވެ. މި ގޮތުން ށެޑިއުލް އޮފް ސްޓްރާޓާ ޔުނިޓްސްގައި ޔުނިޓަށް ކަނޑައަޅައިފައިވާ ހިއްސާގެ އަދަދަކީ ޔުނިޓެއްގެ ވެރިފަރާތަށް ލިބިފައިވާ ހިއްސާގެމިންވަރެވެ.

(ރ) ވަކި ޔުނިޓެއްގެ މިލްކުވެރިކަން އޮތީ، އެއް ފަރާތަށްވުރެ ގިނަ ފަރާތުގައި ކަމަށްވާނަމަ، އެ ޔުނިޓެއްގެ މިލްކުވެރި ފަރާތްތަކުން ވޯޓުދޭނީ، އެ ފަރާތްތަކުން އައްޔަނުކުރާ ފަރާތެއް މެދުވެރިކޮށެވެ.

(ބ) ޔުނިޓެއްގެ މިލްކުވެރިކަން އޮތީ، ކުންފުންޏެއް ނުވަތަ ޕަރޓްނަރށިޕެއް ނުވަތަ ޖަމުއިއްޔާއަކަށްނަމަ، އެ ފަރާތުން ވޯޓުދިނުމަށް ރެޕްރެޒެންޓޭޓިވެއް އައްޔަނު ކުރަންވާނެއެވެ. އަދި އެ ފަރާތުން ވޯޓު ދިނުމަށް އައްޔަނުކުރާ ފަރާތުގެ މައުލޫމާތު އެނގޭނޭހެން ބޯޑު ރިސޮލިއުށަނެއް ނުވަތަ ރަސްމީ ލިޔުމެއް މެނޭޖްމަންޓް ކޯޕަރޭށަނަށް ހުށަހަޅަންވާނެއެވެ.

(ޅ) ވޯޓުލާނެ އުސޫލާއި އޭގެ ތަފުސީލުތައް މެނޭޖްމަންޓް ކޯޕަރޭށަނު ގެ ބައި-ލޯސްގައި ހިމަނަންވާނެއެވެ.

 

24 ވަނަ މާއްދާ - އިއްތިފާގުން ނިންމަންޖެހޭ ކަންކަމުގައި ވޯޓުދިނުން

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރަންޖެހޭ ކަމެއްވާނަމަ، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް، މެނޭޖްމަންޓް ކޯޕަރޭށަނުގެ މެންބަރަކަށް ވޯޓު ދެވިދާނެއެވެ.

(ހ) އެ ނިންމުން ފާސްކުރުމަށް ހަމަޖެހިފައިވާ އާންމު ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދީގެން؛ ނުވަތަ

(ށ) އެ ނިންމުން ފާސްކުރުމަށް ހަމަޖެހިފައިވާ އާންމު ބައްދަލުވުމަށް ހާޒިރުވެވެން ނެތްނަމަ، އެ ޖަލްސާ ބާއްވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މެންބަރަކު ވޯޓުދޭން ބޭނުންވާ ގޮތް، ލިޔުމުން ހުށަހަޅައިގެން.

 

25 ވަނަ މާއްދާ - މެއިންޓެނަންސް ފަންޑް ހުޅުވުން

އެއްމެދު އިމާރާތުގެ ގާނޫނުގެ 110 ވަނަ މާއްދާއާއި، 114 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މެނޭޖްމަންޓް ކޯޕަރޭށަނުން މެއިންޓެ ނަންސް ފަންޑް ހުޅުވައި، ހިންގައި ބަލަހައްޓަންވާނެއެވެ.

 

26 ވަނަ މާއްދާ - ސޯސަލް ހައުސިންގ މަށްރޫއުތަކާ ގުޅޭ މެއިންޓެނަންސް ފަންޑް ހުޅުވުމާއި ބެލެހެއްޓުން

މި ގަވާއިދުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެއިން ޓެނަންސް ފަންޑް ހުޅުވަނީ ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަށްރޫއެއްގެ ނުވަތަ ސޯސަލް ހައުސިންގ މަށްރޫއެއްގެ ދަށުންނަމަ އެ ފަންޑް ހުޅުވާނީ، އެ މަށްރޫއު ހިންގާ އިދާރާއެއްގެ ނުވަތަ ކުންފުންޏެއްގެ ނަމުގައެވެ. އަދި އެފަދަ ފަންޑަކާ ގުޅޭ އެންމެހައި ކަންކަން ކުރަންވާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.

(ހ) އެ މަށްރޫއު ހިންގާ އިދާރާއެއްގެ ނުވަތަ ކުންފުއްޏެއްގެ ނަމުގައި މެއިންޓެނަންސް ފަންޑް ހުޅުވުމަށްފަހު، ނިސްބަތްވާ ސްކީމާ ގުޅޭ މެނޭޖްމަންޓް ކޯޕަރޭށަނާ ދެމެދު ފަންޑް ބޭނުންކުރުމަށް އެއްބަސްވުމެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ފަންޑް ބެލެހެއްޓުމާ ގުޅޭ ދެފަރާތުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން ފައިސާ ދޫކުރާނެ އުސޫލުތައް ކަނޑައެޅިފައި އޮންނަންވާނެއެވެ. އަދި މި އެއްބަސްވުން މެނޭޖަމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ފާސްކުރަންވާނެއެވެ.

(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ނަމަށް މެއިންޓެނަންސް ފަންޑް ބަދަލުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެގޮތަށް ބަދަލުކުރެވޭނީ، އެ ސްކީމެއްގައި ހިމެނޭ ޔުނިޓްތަކުގެ ތެރެއިން %60 (ފަސްދޮޅަސް އިންސައްތަ) ޔުނިޓުގެ އަގު، އެ ޔުނިޓްތަކުގެ ވެރިފަރާތްތަކުން ސަރުކާރުގެ އިދާރާއަށް ނުވަތަ ކުންފުންޏަކަށް ދައްކައި ހަލާސްކޮށްފައިވުމާއެކު، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ބައްދަލުވުމުން އެކަން ފާސްކުރުމަށްފަހު، އެކަމާ ގުޅޭ ހުއްދަ މިނިސްޓްރީން ލިބުމުންނެވެ.

 

27 ވަނަ މާއްދާ - މެއިންޓެނަންސް ފީ ނުދެއްކުން

އެއްމެދު އިމާރާތުގެ ޔުނިޓުގެ ވެރިފަރާތުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މެއިންޓެނަންސް ފީ ނުދައްކާނަމަ، މެނޭޖްމަންޓް ކޯޕަރޭށަނުން އެ ފަރާތަށް ފީ ދެއްކުމަށް އަންގައި، އަންނަނިވި ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅައިފައިވާ އުސޫލުން މެއިންޓެނަންސް ފީ ނުދައްކާނަމަ، އެ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ފުރަތަމަ ނޯޓިސްދިނުން، އަދި އެ މުއްދަތުގެ ތެރޭގައި ފީ ދައް ކައިފައިނުވާނަމަ، އިތުރު 7 (ހަތެއް) ދުވަހުގެ ތެރޭގައި ފީ ދެއްކުމަށް އަންގައި ނޯޓިސްދިނުން،

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުން ކަނޑައަޅާ މުއްދަތުގައި ދެވަނަ ފަހަރު ނޯޓިސް ދިނުމުން ފީ ނުދައްކާނަމަ، އިތުރު 3 (ތިނެއް) ދުވަހުގެ މުހުލަތެއް ދިނުމަށްފަހު މުއްދަތު ހަމަވުމުން ޔުނިޓުގެ ވެރިފަރާތަށް މެނޭޖްމަންޓް ކޯޕަރޭށަނުން އަޅަން ނިންމައިފައިވާ ފިޔަވަޅުތައް ބަޔާންކޮށް، ލިޔުމުން އެންގުން،

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ފީ، ޔުނިޓުގެ ވެރިފަރާތުން ނުދައްކާނަމަ، ށަރުއީ ކޯޓަށް ހުށަހަޅައިގެން މެއިންޓެނަންސް ފައިސާއާއި މެއިންޓެނަންސް ފީ ނުދައްކާ ހޭދަވީ މުއްދަތަށް، މެނޭޖްމެންޓް ކޯޕަރޭށަނުން ކަނޑައަޅާ ގޮތެއްގެ މަތީން ފ،ީ އަދި ޖޫރިމަނާ ހޯދުމުގެ ބާރު މެނޭޖްމަންޓް ކޯޕަރޭށަނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ފީ ނުދެއްކުމުން އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލުތަކާއި، ޖޫރިމަނާއާއި އެނޫން ވެސް އެކަމާ ގުޅޭ އެންމެހައި އުސޫލުތަކާއި ތަފުސީލުތައް މެނޭޖްމަންޓް ކޯޕަރޭށަނުގެ ބައި-ލޯސްގައި ހިމަނައި، އާންމު ޖަލްސާއިން ފާސްކޮށް، އާންމުކުރަންވާނެއެވެ. އަދި އެ އުސޫލުގައި ޖޫރިމަނާކުރެވޭނެ އަދަދުތަކާއި، ޖޫރިމަނާ ފައިސާ ބަލައިގަންނާނެ ގޮތާއި، ޖޫރިމަނާ ފައިސާ ނުދެއްކުމުން އެ ފަރާ ތަކާމެދު އެ ކޯޕަރޭށަނުން އަޅާނެ ފިޔަވަޅުތައް ހިމެނިދާނެއެވެ.

 

28 ވަނަ މާއްދާ - މެނޭޖިންގ އެޖެންޓް އައްޔަނުކުރުން

މެނޭޖްމަންޓް ކޯޕަރޭށަނުން ބޭނުންވެއްޖެ ހިނދެއްގައި، ސްޓްރާޓާ ސްކީމަށް ނިސްބަތްވާ އާންމު ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް، އެ ކޯޕަރޭށަނުގެ އާންމު ބައްދަލުވުމަކުން ފާސްކުރުމަށްފަހު، މެނޭޖިންގ އެޖެންޓެއް އައްޔަނުކުރެވިދާނެއެވެ. މެނޭޖިންގ އެޖެންޓް އައްޔަނުކުރުމުގައި އަންނަނިވި ކަންކަން މެނޭޖްމެންޓް ކޯޕަރޭށަނުން ބަލަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ %100 (ސައްތައިން ސައްތަ) ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޕާޓްނަރށިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ކަމުގައިވުން.

(ށ) މެނޭޖިންގ އެޖެންޓުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއްގައި އިމާރާތުގެ މެއިންޓެނަންސް ދާއިރާ ނުވަތަ އެފަދަ ދާއިރާއެއް ގެ ކަމާ ގުޅޭ ފަންނީ 2 (ދޭއް) މުވައްޒަފުން މަދުވެގެން ހުންނަންވާނެއެވެ.

(ނ) މެނޭޖިންގ އެޖެންޓް އައްޔަނުކުރަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނާއި މެނޭޖިންގ އެޖެންޓްކަން ހަވާލުކުރެވޭ ފަރާތާ ދެމެދު ދެ ފަރާތުގެ މަސްއޫލިޔަތުތައް ބަޔާންކޮށް ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

(ރ) މެނޭޖިންގ އެޖެންޓަކީ މެނޭޖްމެންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއަކުން ފާސްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

29 ވަނަ މާއްދާ - ސޯސަލް ހައުންސިންގއާ ގުޅޭ މެނޭޖްމަންޓް އެޖެންޓް އައްޔަނުކުރުން

ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަށްރޫއުތަކުގެ ނުވަތަ ސޯސަލް ހައުސިންގ މަށްރޫއުތަކުގެ ދަށުން މެނޭޖިންގ އެޖެންޓް އައްޔަންކުރާނީ އަންނަނިވި އުސޫލުތަކުގެ ދަށުންނެވެ.

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސޯސަލް ހައުސިންގ ހިންގާ އިދާރާއެއްގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތު ހަމަވާނަމަ، އެފަދަ މަށްރޫއެއްގެ މެނޭޖިންގ އެޖެންޓެއްގެ ގޮތުގައި ވާންވާނީ ސޯސަލް ހައުސިންގ ހިންގާ އިދާރާއެވެ.

(ށ) މި މާއްދާގެ (ހ) އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ސޯސަލް ހައުސިންގ ސްކީމް ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމުގެ މަގުސަދުގައި އެހެން ފަރާތެއް މެނޭޖިންގ އެޖެންޓެއްގެ ގޮތުގައި އައްޔަންކުރެވިދާނެއެވެ. ނަމަވެސް އެފަދައިން މެނޭޖިންގ އެޖެންޓެއް އައްޔަންކުރަންވާނީ މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން މެނޭޖިންގ އެޖެންޓް ފާސްކުރުމުގެ އިތުރުން، މިނިސްޓްރީގެ ހުއްދަ ލިބުމާއެކުގައެވެ.

 

30 ވަނަ މާއްދާ - އާރޓިކަލް އޮފް އިންކޯޕަރޭށަން

ކޮންމެ މެނޭޖްމަންޓް ކޯޕަރޭށަނަކުން ވެސް، އެ މެނޭޖްމަންޓް ކޯޕަރޭށަން އުފެއްދުމަށާއި ހިންގުމަށް އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމަނައިފައިވާ ނަމޫނާގައި ހިމެނޭ މަ އުލޫމާތުތައް ހިމެނޭގޮތަށް "އާރޓިކަލް އޮފް އިންކޯޕަރޭށަން" އެކުލަވައިލައި، އަންނަނިވި އުސޫލުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.

(ހ) ސްޓްރާޓާ ޕްލޭން މިނިސްޓްރީން ފާސްކުރާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީއަށް ހުށަހަޅައިފާސްކުރަންވާނެއެވެ.

(ށ) "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީން ފާސްކުރުމަށްފަހު، އެ ލިޔުމަށް އެއްވެސް ބަދަލެއް ނުވަތަ އިސްލާހެއް ގެނެވޭނީ މެނޭޖްމަންޓް ކޯޕަރޭށަނަށް ކަނޑައަޅައިފައިވާ ޔުނިޓްތަކުގެ ހިއްސާގެ ޖުމުލަ އަދަދުގެ %80 (އަށްޑިހައިންސައްތަ) ހިއްސާ ހަމަވާ ވަރަށް އާންމު ޖަލްސާއަކުން ވޯޓު ލިބި ފާސްވެފައިވާނަމައެވެ.

(ނ) "އާރޓިކަލް އޮފް އިންކޯޕަރޭށަން" މިނިސްޓްރީން ފާސްކުރުމުގެ ކުރިން، އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން "އާރޓިކަލް އޮފް އިންކޯޕަރޭށަން" ގައި އެއްމެދު އިމާރާތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާ ތައާރުޒުވާ ކަމެއް ހިމެނޭނަމަ، އެ މާއްދާތަކަށް ބަދަލު ގެނައުމަށް އެންގުމުގެ ބާރު، މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

31 ވަނަ މާއްދާ - އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމާއި، ބޭނުންކުރުމާ ގުޅޭ އެހެނިހެން އުސޫލުތައް އަދި ބައި-ލޯސްތައް އެކުލަވައިލުން

ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާ ގޮތުގެ މަތީން އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމަށް، އެއްމެދު އިމާރާތުގެ ގާނޫނާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެކަމާ ގުޅޭ އުސޫލުތައް ނުވަތަ ބައި-ލޯސްތައް އެކުލަވައިލައި، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ބައްދަލުވުމަކުން ފާސްކޮށް، އާންމު ކުރުމަށްފަހު މެނޭޖްމަންޓް ކޯޕަރޭށަނުގެ އެންމެހައި މެންބަރުން އެއަށް އަމަލުކުރަންވާނެއެވެ.

 

32 ވަނަ މާއްދާ - ސްޓްރާޓާ ޕްލޭނުގެ ހުއްދަ ހޯދުމަށް ހުށަހަޅާ އުސޫލުތައް / ބައި-ލޯސްތައް

މި ގަވާއިދުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތައް ނުވަތަ ބައި-ލޯސްތައް މެނޭޖްމަންޓް ކޯޕަރޭށަނުން ފާސްކުރިކަމުގައި ވީނަމަވެސް، އެއްމެދު އިމާރާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސްޓްރާޓާ ޕްލޭންގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ އުސޫލުތައް / ބައި-ލޯސްތައް މެނޭޖްމަންޓް ކޯޕަރޭށަނުން މިނިސްޓްރީއަށް ހުށަހަޅައި މިނިސްޓްރީން ފާސްކުރަންވާނެއެވެ.

(ހ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ކައުންސިލް އައްޔަނުކުރުމާއި ހިންގުމާ ގުޅޭ އުސޫލުތަކުގެ އިތުރުން، ކައުންސިލަށް އައްޔަނުކުރާ ފަރާތްތަކާއި މެންބަރުންގެ ޒިންމާއާ ގުޅޭ އުސޫލުތައް.

(ށ) މެނޭޖްމަންޓް ކޯޕަރޭށަނުގެ އިލެކްށަން ބޭއްވުމާއި ވޯޓުލުމާ ގުޅޭ އުސޫލުތައް.

(ނ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޖަލްސާތައް ބާއްވާނެ ގޮތުގެ އުސޫލުތައް.

(ރ) އެއްމެދު އިމާރާތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ޔުނިޓުގެ ވެރިފަރާތުން ކޮންމެހެން ކުރަން ލާޒިމުކުރާ ކަންކަމާގުޅޭ އުސޫލުތައް. (މެއިންޓެނަންސް ފީ ދެއްކުން، އިމާރާތް ރަނގަޅު ފެންވަރަށް ބެލެހެއްޓުމަށް ކުރަންޖެހޭ ދާއިމީ މަރާމާތާ ގުޅޭ ކަންކަމާއި، އިމާރާތަށް ގެންލުންވާ އަލިފާ ނުގެ ހާދިސާ ނުވަތަ ފެނުގެ ހާދިސާ ފަދ،ަ އިމަޖެންސީ ހާލަތްތަކުގައި ކަންކަންކުރާނެ އުސޫލުތަކާއި، މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅިގެން، ޔުނިޓުގެ ވެރިފަރާތުން ކޮންމެހެން އަދާކުރަންޖެހޭ މުހިންމު ޒިންމާތަކާ ގުޅޭފަދަ ކަންކަން)

(ބ) ޕާކިންއާ ގުޅޭ ކަންކަމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް.

 

33 ވަނަ މާއްދާ - އެހެނިހެން އުސޫލުތައް އެކުލަވައިލުން

މި ގަވާއިދުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ އުސޫލުތަކުގެ ނުވަތަ ބައި-ލޯސްތަކުގެ އިތުރުން، މެނޭޖްމަންޓް ކޯޕަރޭށަނުން ތިރީގައިވާ ކަންކަމާގުޅޭ އުސޫލުތައް އެކުލަވައިލައި، މިނިސްޓްރީން ފާސްކުރަންވާނެއެވެ.

(ހ) އެއްމެދު އިމާރާތުގައި ހިމެނޭ އާންމު ތަންތަން ޔުނިޓުގެ ވެރިފަރާތްތަކުން ނުވަތަ އިމާރާތަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުންކުރުމުގައި އަދި ވަދެ ނިކުމެ އުޅުމުގައި އަމަލުކުރާނެ އުސޫލުތައް؛ އަދި އެފަދަ ތަންތަން ބޭނުންކުރާއިރު ލިބޭ ގެންލުންތަކުގެ ޒިންމާ ނަގާނެ ފަރާތްތަކާއި އެކަމާ ގުޅޭ އުސޫލުތައް؛

(ށ) ޔުނިޓް ތެރޭގައި އަޑުގަދަކުރުމާއި، ޕާޓީ ބޭއްވުން ނުވަތަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އުދަނގުވާ ކަންކަމާ ގުޅޭ އުސޫލުތައް؛ 

(ނ) އިމާރާތުގައި ޕެޓް ނުވަތަ ދިރޭތަކެތި ގެންގުޅޭނަމަ، އެ ފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތައް؛

(ރ) އާންމު ތަންތަނަށް ކުނިއެޅުމާއި، އިމާރާތުގެ ތެރޭގައި ކުނި މެނޭޖްކުރުމާ ގުޅޭ ކަންކަމުގެ އުސޫލުތައް؛

(ބ) އިމާރާތުގައި ހިމެނޭ އާންމު ތަންތަން ނުވަތަ ކޮމަން ފްރޮޕަރޓީ ކަމުގައިވާ ސްވިމިން ޕޫލް، ކުލަބް ހައުސް ފަދަ ތަންތަން، ޔުނިޓުގެ ވެރިފަރާތްތަކުންނާއި ތަނަށް ޒިޔާރަތްކުރާ ފަރާތަތަކުން ބޭނުންކުރާނެ ގޮތުގެ އުސޫލުތައް؛

(ޅ) މެނޭޖްމަންޓް ކޯޕަރޭށަނުގެ ޔުނިޓުގެ ވެރިފަރާތްތަކުގެ މެދުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުސޫލުތައް؛

(ކ) ޔުނިޓަށް ބޭނުންންވާ ފަރުނީޗަރ ފަދަ އެއްޗިހި އުފުލާއިރު، އާންމު ތަންތަން ނުވަތަ ކޮމަން ފްރޮޕަރޓީ ބޭނުންކުރާނެ ގޮތުގެ އުސޫލުތައް؛

(އ) އެއްމެދު އިމާރާތް ހިންގައި ބެލެހެއްޓުމާއި، މެނޭޖްމަންޓް ކޯޕަރޭށަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެހެނިހެން އުސޫލުތައް.

 

34 ވަނަ މާއްދާ - މެނޭޖްމަންޓް ކޯޕަރޭށަނުން ވިޔަފާރީގެ މުއާމަލާތްކުރުން

ކޮމަން ޕްރޮޕަޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސްތަނެއްގައި ވިޔަފާރީގެ މުއާމަލާތެއް ކުރެވޭނީ، ކަމާބެހޭ މިނިސްޓްރީއެއްގައި އެ ވިޔަފާރިއަކާ ގުޅޭ ކަންކަން ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. އަދި އެކަންކުރަންޖެހޭ އުސޫލު އެކުލަވައިލެވި، މެނޭޖްމަންޓް ކޯޕަރޭށަނުގެ އާންމު ޖަލްސާއިން ފާސްކޮށްފައި އޮންނަންވާނެއެވެ.

 

35 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތަކުގެ ތެރެއިން، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) ގައި މާނަކޮށްފައިވާ ލަފުޒުތަކާއި އިބާރާތްތައް މި ގަވާއިދުގައި ބޭނުންކޮށްފައި އެވަނީ، އެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކޮށްފައިވާ މާނައިގައެވެ. އަދި އެ ގާނޫނުގައި މާނަކޮށްފައިނުވާ އެހެން ނަމަވެސް، މި ގަވާއިދުގައި ހިމަނައިފައިވާ އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އެ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، ތިރީގައި މިވާ އަކުރުތަކަށް ދީފައިވާ މާނަކުރުންތަކެވެ.

(ހ) "ރިޕްލޭސްމަންޓް ވެލިއު" ކަމަށް ބުނެފައި އެވަނީ، އިމާރާތް ބާވެ ހަލާކުވުން ނުވަތަ ހާދިސާއެއްގެ ސަބަބުން އެފަދަ އިމާރާތެއް އަލުން ބިނާކުރުމަށް އެއިރެއްގައި ހިނގާނެކަމަށް ލަފާކުރާ ހަރަދަށެވެ.

(ށ) "ޑިޕްރިށިއޭށަން ށެޑިއުލް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ހަދައިފައިވާ ގޮތުގެ ފެންވަރު ދުވަހުން ދުވަހަށް ބެލުމަށްޓަކައި ތައްޔާރުކުރާ ށެޑިއުލަށެވެ. މި ށެޑިއުލްގައި އިމާރާތުގެ ސްޓްރަކްޗަރަށް ބިނާކޮށް އިމާރާތް ބޭނުންކުރުމަށް އަންދާޒާކުރެވޭ މުއްދަތާއި، އިމާރާތުގައި ހިމެނޭ މުހިންމު ވަސީލަތްތަކާ ގުޅޭ ކަންކަމުގެ މައުލޫމާތު ހިމެނޭނެއެވެ.

(ނ) "ބައި-ލޯސް" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތުގެ އާންމު ތަންތަން ބޭނުންކުރުމަށާއި ބެލެހެއްޓުމަށް ހުށަހަޅާ ބަޔާނަށެވެ.

(ރ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ބ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-33 (އެއްމެދު އިމާރާތުގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

 

36 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

37 ވަނަ މާއްދާ - އިންތިގާލީ މުއްދަތު 

މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭށަންގެ މަސްއޫލިއްޔަތު މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން އަދާކުރުމަށްޓަކައި މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރަންވާނެއެވެ.

 

 

(މި ގަވާއިދުގެ އަންނަނިވި ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައިވާނެ)

ޖަދުވަލު 1

އިންގާ ގަވާއިދު (އިންގިރޭސި)

 

 

ޖަދުވަލު 2

މެނޭޖްމަންޓް ކޯޕަރޭށަނާ ގުޅޭ ބައިލޯސް ތައްޔާރުކުރުމާއި ހުށަހަޅާނެގޮތުގެ އުސޫލު 

 

 

ށެޑިއުލް

(---------) މެނޭޖްމަންޓް ކޯޕަރޭށަންގެ ބައިލޯސް

 

 

 

މައި ގާނޫނު

އެއްމެދު އިމާރާތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-33)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު