-

ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސް ގެ ހިންގާ ގަވާއިދު

(ގަވާއިދު ނަންބަރު 2024-11)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 28 ޖަނަވަރީ 2024 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-05 (ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު) ގެ75 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، ބާ އިމްތިހާނުގެ މުގައްރަރާ ގުޅޭގޮތުން ގޮތް ނިންމައި، ބާ އިމްތިހާނާ ގުޅޭ ފަންނީ އެހެނިހެން ކަންކަމުގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމަށް ޓަކައި އެކުލަވައިލައިފައިވާ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ހިންގާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ހިންގާ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް

(ހ) ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ބާ އިމްތިހާނުގެ މުގައްރަރު ދިރާސާކޮށް ފައިނަލްކުރުން؛
  2. ބާ އިމްތިހާނުގައި ބޭނުންކުރާނެ ބަހެއް ކަނޑައެޅުން؛
  3. ބާ އިމްތިހާނުގެ ރީޑިންގ ލިސްޓް ފައިނަލްކުރުން؛
  4. ކޮމިޓީގެ މެންބަރުންގެ ތެރެއިން ވަކި މާއްދާތަކަށް "ސަބްޖެކްޓް މެޓަރ އެކްސްޕަރސްޓް ސް" ކަނޑައެޅުން؛
  5. ބާ އިމްތިހާނާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ބާ ކައުންސިލަށް ލަފާދިނުން؛
  6. ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން،

(ށ) ބާ އިމްތިހާނުގެ ސުވާލުތައް ތައްޔާރުކުރުމަށް ޓަކައި އައިޓަމް ރައިޓަރުންގެ އެހީތެރިކަން ހޯދުމުގެ އިހްތިޔާރު، ކޮމިޓީ އޮފް އެކްސްޕަރޓްސްއަށް ލިބިގެންވެއެވެ. މިގޮތުން އައްޔަނުކުރާ އައިޓަމް ރައިޓަރުންނަކީ، ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މެންބަރުންކަމުގައެއް ނުބެލެވޭނެއެވެ.

 

3 ވަނަ މާއްދާ - ކޮމިޓީ އޮފް އެކްސްޕަރޓްސް އެކުލެވިގެންވާ ގޮތް

(ހ) ލީގަލް އެކެޑަމިކްސްއިންނާއި ފަނޑިޔާރުންނާއި ޕްރެކްޓިސިންގ ގާނޫނީ ވަކީލުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އޮފް އެކްސްޕަރޓްސްއަށް، މަދުވެގެން 15 (ފަނަރަ) މެންބަރުން އައްޔަނު ކުރަންވާނެއެވެ.

(ށ) ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްއަށް އައްޔަނުކުރާ ފަރާތްތައް މަސައްކަތްކުރާނީ، ބާ އިމްތިހާނުގެ ސަބްޖެކްޓް މެޓަރ އެކްސްޕަރޓުންގެ ގޮތުގައެވެ.

(ނ) ކޮމިޓީ އޮފް އެކްސްޕަރޓްސްގައި، ބާ އިމްތިހާނުގެ ސަބްޖެކްޓް އޭރިއާތަކުގެ ތެރެއިން ކޮންމެ ސަބްޖެކްޓް އޭރިއާއަކުން މަދުވެގެން 2 (ދޭއް) މެންބަރުން ހިމަނަންވާނެއެވެ.

(ރ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މެންބަރުންނަށް، ބާ އިމްތިހާނުގެ ސަބްޖެކްޓް އޭރިއާތަކުގެ ތެރެއިން 1 (އެކެއް) އޭރިއާއަށްވުރެ ގިނަ އޭރިއާގެ ސަބްޖެކްޓް މެޓަރ އެކްސްޕަރޓަކަށް ވެވިދާނެއެވެ.

(ބ) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއާއި ސެކްރެޓޭރިއެޓުގެ ފަރާތްތަކަށް ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މެންބަރަކަށް ވެވިދާނެއެވެ. މިގޮތަށް ކޮމިޓީއަށް އައްޔަނުކުރާއެގްޒެކެޓިވް ކޮމިޓީއާއި ސެކްރެޓޭރިއެޓުގެ ފަރާތްތަކުގެ އިންސައްތަ ކޮމިޓީގެ %80 (އަށްޑިހަ އިންސައްތަ) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކޮމިޓީ އޮފް އެކްސްޕަރޓްސްއަށް މެންބަރުން އައްޔަނުކުރުމާ ހަމަޔަށް އެގްޒެކެޓިވް ކޮމިޓީއާއި ސެކްރެޓޭރިއެޓުގެ ފަރާތްތަކަށް އެ ކޮމިޓީގެ މަގާމުތައް ވަގުތީގޮތުން ފުރިދާނެއެވެ.

 

4 ވަނަ މާއްދާ - ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ދައުރު

(ހ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ދައުރަކީ، އެ އަހަރެއްގެ ބާ އިމްތިހާނުގެ މަސައްކަތްތައް ފަށާ ތާރީހުން ފެށިގެން، ބާ އިމްތިހާނުގެ މަސައްކަތްތައް ނިމުމާ ހަމަޔަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް، ބާ އިމްތިހާނުގެ މަސައްކަތްތައް ނިމުންކަމުގައި ބަލާނީ، އިމްތިހާނާ ގުޅޭ އިސްތިއުނާފީ މަރުހަލާ ނިމުމާ ހަމަޔަށެވެ.

 

5 ވަނަ މާއްދާ - މެންބަރުންގެ ށަރުތުތައް

(ހ) ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްއަށް އަ އްޔަނުކުރާ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛ 
  2. ގާނޫނީ ވަކީލުކަމުގެ ހުއްދައޮތް މީހަކު ކަމުގައި ވުން؛
  3. ގާނޫނީ ހިދުމަތް ފޯރުކޮށް ދިނުމުގައި ނުވަތަ ގާނޫނީ ތައުލީމު އުނގަންނައި ދިނުމުގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ 
  4. ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަ ފަރާތެއް ކަމުގައިވުން،

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރުން، ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މަސްއޫ ލިއްޔަތު އަދާކުރުމަށް ކޮންމެހެން މުހިންމުކަމަށް އެގްޒެކެޓިވް ކޮމިޓީއަށް ފެންނަ ށަރުތުތައް ހިމެނުމަށް، މި މާއްދާ ހުރަހެއް ނާޅައެވެ.

 

6 ވަނަ މާއްދާ - މެންބަރުން އަ އްޔަނުކުރުން

ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މެންބަރުން އައްޔަނުކުރާނީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

 

7 ވަނަ މާއްދާ - މެންބަރުން ވަކިކުރާނެ ގޮތް

(ހ) ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މެންބަރުންގެ މަގާމު ނިމުމަކަށް އަންނާނީ، އަންނަނިވި ގޮތަކުންކުރެ ގޮތަކަށެވެ.

  1. މެންބަރުކަމުން އިސްތިއުފާ ދިނުން؛  
  2. މެންބަރުކަށްވުމުގެ ށަރުތުތަކުގެ ތެރެއިން ށަރުތެއް އުނިވުން؛
  3. މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭފަދަ ދާއިމީ ހާލަތެއް މެދުވެރިވުން؛
  4. މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކުރާކަމަށް ގަބޫލުކުރާ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ފެނިގެން ނުވަތަ އެ މެންބަރަކާ ގުޅިގެން މައްސަލައެއް ބެލުމަށްފަހ،ު އެ މެންބަރަކު ވަކިކުރުމަށް، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމުން،

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮމިޓީން އިސްތިއުފާ ދިނުމަށް ބޭނުންވާ މެންބަރަކ،ު ސަބަބު ބަޔާންކޮށް، ބާ ކައުންސިލުގެ ރައީސަށް ހުށަހަޅައިފިނަމ،ަ ބާ ކައުންސިލުގެ ރައީސަށް އެ ސިޓީ ލިބުމުން އެ ހުށަހެޅުން ބަލައިގަތުމަށް ރައީސް ނިންމައިފިނަމ،ަ އެކަން އެ މެންބަރަކަށް އަންގަންވާނެއެވެ. އަދި އެގޮތުގެ މަތީން އެ މެންބަރަކަށް އެކަން އަންގާ ހިސާބުން މަގާމުން ވަކިވީކަމުގައި ބަލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން މެންބަރަކު ކޮމިޓީން ވަކިކުރުމާމެދު އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން، އެ މެންބަރަކަށް ދިފާއުގައި ވާހަކަދެއްކުމަށާއި ހެކި ހުށަހެޅުމަށް ފުރުސަތު ދޭންވާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީން ނިންމުމެއް ނިންމާއިރު، އެ މެންބަރަކު ދިފާއުގައި ދައްކާ ވާހަކައާއި ހުށަހަޅައިފައިވާ ހެކިތަކަށް ރިއާޔަތް ކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން، ކޮމިޓީގެ ދައުރުގެ ތެރޭގައި، ކޮމިޓީގެ މަގާމެއް ހުސްވެއްޖެނަމ،ަ އެ މަގާމަށް އެހެން މެންބަރަކު އައްޔަނުކުރަންވާނެއެވެ. މިގޮތުން އައްޔަނުކުރާ މެންބަރުންގެ މަގާމުގެ މުއްދަތަކީ، ކޮމިޓީގެ ދައުރުގެ ބާކީއޮތް މުއްދަތެވެ.

 

8 ވަނަ މާއްދާ - ގާނޫނީ އަދަދު 

ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ، ކޮމިޓީގެ ޖުމުލަ މެންބަރުންގެ ތިން ބައިކުޅަ އެއްބަޔަށްވުރެ މަދުނޫން އަދަދެކެވެ.

 

9 ވަނަ މާއްދާ - ކޮމިޓީގެ ބައްދަލުވުންތައް

(ހ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ކޮންމެ ދައުރެއްގެ ފުރަތަމަ ބައްދަލުވުމުގައި، އެ ބައްދަލުވުމަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން، ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ޗެއަރޕަރސަނާއި ވައިސް ޗެއަރޕަރސަން އިންތިހާބު ކުރަންވާނެއެވެ.

(ށ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ޗެއަރޕަރސަނެވެ. ކޮމިޓީގެ ޗެއަރޕަރސަން ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނީ، ކޮމިޓީގެ ވައިސް ޗެއަރޕަރސަނެވެ.

(ނ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބައްދަލުވުންތައް ބާއްވާނެ ދުވަހަކާއި ގަޑި ކަނޑައަޅާނީ ކޮމިޓީގެ ޗެއަރޕަރސަނެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މެންބަރުންގެ އަޣުލަބިއްޔަތު މެންބަރުން ބައްދަލުވުމެއް ބޭއްވުމަށް އެދިއްޖެނަމ،ަ އެކަމަށް އެދި ހުށަހަޅާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައިކޮމިޓީގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.

 

10 ވަނަ މާއްދާ - ކޮމިޓީގެ ނިންމުންތައް

ކޮމިޓީ އޮފް އެކްސްޕަރޓްސްގެ އެއްވެސް ކަމެއް ނިންމާނީ، ޖަލްސާއަށް މެންބަރުން ހާޒިރުވ،ެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

11 ވަނަ މާއްދާ - ކޮމިޓީގެ އެޖެންޑާ އާއި ޔައުމިއްޔާ

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބައްދަލުވުންތަކުގެ އެޖެންޑ،ާ ކޮންމެ ބައްދަލުވުމެއް ބޭއްވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން މެންބަރުންނާ ހިއްސާކުރަންވާނެއެވެ. އަދި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް، އެ ބައްދަލުވުމެއް ނިމޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ށ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބައްދަލުވުންތަކުގެ ޔައުމިއްޔ،ާ އެ ކޮމިޓީއަށް ހުށަހަޅައި، ފާސްކުރަންވާނެއެވެ. މިގޮތުން ޔައުމިއްޔާ ފާސްކުރާނީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

 

12 ވަނަ މާއްދާ - މަސްލަހަތު ފުށުއަރާ ހާލަތްތައް

(ހ) ކޮމިޓީ އޮފް އެކްސްޕަރޓްސްގެ ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަކާމެދު މަށްވަރާކުރާނަމ،ަ އެ މެންބަރެއްގެ މަސްލަހަތު އޮތްކަން ހާމަކުރަންވާނެއެވެ. އަދި އެ މަށްވަރާއާ ގުޅިގެން ނަގާ ވޯޓަކުން ނުވަތަ ނިންމާ ނިންމުމަކުން، އެ މެންބަރަކު ތަނާޒުލުވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް މަސްލަހަތު ފުށުއެރުމެއް އޮތްކަން ބެލުމުގައި ރިއާޔަތްކުރާނީ، އުސޫލު ނަންބަރު 2022-41 (މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) އަށެވެ.

 

13 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން

ބާ އިމްތިހާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގެ މަސައްކަތުގެ ތެރެއިން ލިބިފައިވާ އެއްވެސް މައުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ. އަދި އެފަދަ މައުލޫމާތެއް، ރަސްމީ ހައިސިއްޔަތުން އެ މައުލޫމާތު ހާމަކުރަންޖެހޭ ފަރާތެއް ފިޔަވައި، އެހެން ފަރާތަކަށް އެއްވެސް މެންބަރަކު ހާމަކޮށްގެން ނުވާނެއެވެ.

 

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު