-

ސަރުކާރުގެ ސެކިއުރިޓީޒް ސެކަންޑަރީ މާކެޓުގައި މުޢާމަލާ ތުކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-181)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 27 ނޮވެމްބަރު 2023 ގައި)

 

އެވަނަ ބާބު

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 63 ވަނަ މާއްދާގެ ދަށުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ، "ސަރު ކާރުގެ ސެކިއުރިޓީޒް ސެކަންޑަރީ މާކެޓުގައި މުއާމަލާތުކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ގަވާއިދު ހިންގޭ ދާއިރާ

މި ގަވާއިދު ހިނގާނީ، ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވޭ ސަރުކާރުގެ ސެކިއުރިޓީޒްގެ މައްޗަށެވެ.

 

 

ދެވަނަ ބާބު

ލިސްޓުކުރެވިގެން ގަނެވިއްކާ ސަރުކާރު ސެކިއުރިޓީޒްގެ ށަރުތުތައް

 

3 ވަނަ މާއްދާ - ލިސްޓުކުރެވިގެން ގަނެވިއްކޭ ސަރުކާރުގެ ސެކިއުރިޓީޒް

(ހ) ޕަބްލިކް އޮފަރ މެދުވެރިކޮށް ވިއްކާ ސަރުކާރު ސެކިއުރިޓީޒް؛ ނުވަތަ 

(ށ) ޕްރައިވެޓް ޕްލޭސްމަންޓް މެދުވެރިކޮށް ވިއްކައިފައިވާ ސަރުކާރުގެ ސެކިއުރިޓީޒް ނުވަތަ ޕްރައިވެޓް ޕްލޭސްމަންޓް މެދުވެރިކޮށް އަލަށް ވިއްކާ ސަރުކާރުގެ ސެކިއުރިޓީޒ.ް

 

4 ވަނަ މާއްދާ - ލިސްޓުކުރެވޭ ސަރުކާރުގެ ސެކިއުރިޓީޒްގެ ށަރުތުތައް

ލިސްޓުކުރެވޭ ސަރުކާރުގެ ސެކިއުރިޓީޒްގެ މައްޗަށް އަންނަނިވިށަރުތުތައް ހިނގާނެއެވެ.

(ހ) ސަރުކާރުގެ ސެކިއުރިޓީޒް ވިއްކުމަށް ދޭ ކޮންމެ ދައުވަތަކަށް އޮފަރ ޑޮކިއުމަންޓެއް ތައްޔާރުކޮށް އާންމުކުރަންވާނެއެވެ.

(ށ) ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްއާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުގެ ސެކިއުރިޓީޒް ލިސްޓުކުރުމަށް އެޕްލިކޭށަން ހުށަހަޅަންވާނެއެވެ.

(ނ)

  1. މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުމުގައި އޮފަރ ޑޮކިއުމަންޓް ހިމަނަންވާނެއެވެ. އަދި މި އޮފަރ ޑޮކިއުމަންޓ،ްއޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.
  2. މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮފަރ ޑޮކިއުމަންޓަށް އެއްވެސް އިސްލާހެއް ގެނެވިއްޖެނަމަ، ސްޓޮކް އެކްސްޗޭންޖަށާއި އޮތޯރިޓީއަށް އެ އިސްލާހެއް ހުށަހަޅަންވާނެއެވެ.

(ރ) ސެކަންޑަރީ މާކެޓް މެދުވެރިކޮށް ސަރުކާރުގެ ސެކިއުރިޓީޒްގެ މިލްކުވެރިކަންއެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ.

(ބ) ސަރުކާރުގެ ސެކިއުރިޓީޒްގެ މުއާމަލާތްތައް މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރަންވާނީ ޑީމެޓީރިއަލައިޒްކޮށެވެ.

(ޅ) ސަރުކާރުގެ ސެކިއުރިޓީޒްގެ މުއާމަލާތްތައް ހިންގުމުގައި މި ގަވާއިދުގެ އިތުރުން ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސްއަށް އަމަލުކުރަންވާނެއެވެ. 

 

5 ވަނަ މާއްދާ - ޕްރައި މަރީ މާކެޓް މެދުވެރިކޮށް ވިއްކައިފައިވާ ސަރުކާރު ސެކިއުރިޓީޒް ލިސްޓުކުރުން

(ހ) ޕްރައިމަރީ މާކެޓް މެދުވެރިކޮށް ވިއްކައިފައިވާ ސަރުކާރު ސެކިއުރިޓީޒް ލިސްޓުކުރާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުގެ ސެކިއުރިޓީޒް ލިސްޓުކުރުމަށް ޓަކައި، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އާއި (ބ) ގައިވާށަރުތުތަކާ ފުށުއަރާ ހާލަތްތަކުގައި އެ ކަންކަން އިސްލާހުކުރުމާއެކު، އެޑެންޑަމްއެއް ތައްޔާރުކޮށް އިންވެސްޓަރުންނަށް ހުށަހަޅައި ކޮންސެންޓް ހޯދައިފައި އޮންނަންވާނެއެވެ.

 

ތިންވަނަ ބާބު

އެހެނިހެން ކަންކަން

 

6 ވަނަ މާއްދާ - މައުލޫމާތު ފޯރުކޮށްދިނުން

ސަރުކާރުގެ ސެކިއުރިޓީޒް ލިސްޓުކުރުމާ ގުޅޭގޮތުން ނުވަތަ ސެކިއުރިޓީޒްއާ ބެހޭގޮތުން، އޮތޯރިޓީއަށް އިތުރު މައުލޫމާތެއް ބޭނުންވެއްޖެނަމަ، ސަރުކާރުގެ ސެކިއުރިޓީޒް ދޫކުރާ ފަރާތުން އެ މައުލޫމާތެއް ފޯރުކޮށްދޭންވާނެއެވެ.

 

7 ވަނަ މާއްދާ - ގަވާއިދާ ފުށުއެރުން ނުވަތަ ގަވާއިދާ ހިލާފުވުން

މި ގަވާއިދާ ފުށުއަރާ ކަމެއް ހިނގައިފިނަމަ ނުވަތަ މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެ ކަމަކާ ގުޅޭ މައުލޫމާތު އެ ފަރާތަކަށް ދިނުމާއެކު، އެ ކަންކަން އިސްލާހުކުރުމަށް ހުށަހެޅިދާނެއެވެ.

 

8 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތީރިގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) އަށެވެ.

(ށ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ "ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" އަށެވ.

(ނ) "ސަރުކާރުގެ ސެކިއުރިޓީޒް" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގައި ސަރުކާރުގެ ސެކިއުރިޓީޒް ގޮތުގައި ކަނޑައަޅައިފައިވާ ތަކެއްޗާއި ސެކިއުރިޓީޒެއް ކަމުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ ފައިނޭންށަލް އިންސްޓުރުމަންޓަކަށެވެ.

(ރ) "ސެކިއުރިޓީޒް ދޫކުރާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ސަރުކާރު ސެކިއުރިޓީޒް ދޫކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މުއައްސަސާ އަށް ނުވަތަ މުއައްސަސާތަކަށެވެ.

(ބ) "އޮފަރ ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ވިއްކާ ސެކިއުރިޓީޒް ގަތުމަށް އިންވެސްޓަރުންނަށް ދެވޭ ސެކިއުރިޓީޒްގެ މައުލޫމާތު ހިމެނޭ ކޮންމެ ދައުވަތަކާއި އެ ދައުވަތަކަށް ގެންނަ ކޮންމެ އިސްލާހަކަށެވެ.

(ޅ) "ޑީމެޓީރިއަލައިޒް" ކަމަށް ބުނެފައި އެވަނީ، ފިޒިކަލް ސެޓުފިކެޓަކާ ނުލައި އިލެކްޓްރޯނިކަލީ ސެކިއުރިޓީޒް ގަނެވިއްކުމަށާއި، ސެކިއުރިޓީޒް ޑިޕޮޒިޓަރީއަށް ޖަމާކުރުމަށެވެ.

(ކ) "ސްޓޮކް އެކްސްޗޭންޖް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގަމުންދާ ސްޓޮކް އެކްސްޗޭންޖަށެވެ.

(އ) "ސެކިއުރިޓީޒް ޑިޕޮސިޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-02 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ލައިސަންސް ލިބިގެން ހިންގަމުންގެންދާ ސެކިއުރިޓީޒް ޑިޕޮސިޓަރީއަށެވެ.

 

9 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

 

މައި ގާނޫނު

މާލީ ސެކިއުރިޓީސްއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2006-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު