-

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25) އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-169)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ނޮވެމްބަރު 2023 ގައި)

 

ގަވާއިދު ނަންބަރު 2021-25 (ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް އަންނަނިވި ގޮތަށް ޖަދުވަލު 6 އިތުރުކުރުން. 

 

ޖަދުވަލު 6

 

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތައް

 

(ހ) ވެލަޔާއި ކަހަނބާ އި، އެ ތަކެތީގެ މާހައުލުތައް ރައްކައުތެރިކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތައް

  1. ގުދުރަތީ މާހައުލުގައި ފެންނަ ވެލަޔާއި ކަހަނބުގެ ތަބީއަތު ދަމަހައްޓައި، އެ ތަކެއްޗަށާއި މާހައުލަށް ބުރޫނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، މިކަމުގައި ގެންގުޅެންވީ އުސޫލުތައް.
    1.1 ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފީނާއިރު ނުވަތަ ފަތާއިރު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) ވެލަޔާއި ކަހަނބަކީ، ބާރު އަޑުތަކަށް ފަސޭހައިން ސިހޭ ދިރުމަކަށްވާތީ، ވެލަޔާއެކު ނުވަތަ ކަހަނބާއެކު މޫދުގައި ހަރަކާތްތެރިވާއިރު، އަޑުގަދަވާގޮތަށް ބަކަތަޅައި ހަދައިގެން ނުވާނެއެވެ. ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު އޮންނަންވާނީ، ވީހާވެސް މަޑުމައިތިރިކޮށެވެ.
    (ށ) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފީނައިފައި ނުވަތަ ފަތައިފައި ދާންވާނީ، ވެލާގެ ނުވަތަ ކަހަނބުގެ އަރިމަތިންނެވެ. އޭރުން ފަތައިފައިދާ މީހާ ވެލަޔަށް ނުވަތަ ކަހަނބަށް ފަސޭހައިން ފެނ،ި ވެލަޔަށް ނުވަތަ ކަހަނބަށް އޭތީގެ އަމިއްލަ އިހްތިޔާރުގައި އެހެން ދިމާއަކަށް ފީނައިފައި ދިޔުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ނޭވާލާން މައްޗަށް އަރަން ފަސޭހަވާނެއެވެ.
    (ނ) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު، އަބަދުވެސް އެ އެއްޗެއްސާ 6 (ހައެއް) ފޫޓުގެ ދުރުމިން ބަހައްޓަންވާނެއެވެ. އަދި ފަތާމީހާގެ ނުވަތަ ފީނާމީހާގެ ގާތަށް އެސޮރުމެން އަތުވެއްޖެނަމަ، މަޑުމަޑުން ހަމަޖެހިލައިގެން އޮވެ، ވެލާ ނުވަތަ ކަހަނބު ބޭނުން ދިމާއަކަށް ދަންދެން މަޑުކުރަންވާނެއެވެ.
    (ރ) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު، ވެލާ ނުވަތަ ކަހަނބު މޫދުއަޑީގައި އޮންނަ ވަގުތުތަކުގައި އޭގެ މަތިން ފަތައިގެން ނުވަތަ ފީނައިގެން ނުވާނެއެވެ.
    (ބ) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު، ވެލާގެ ނުވަތަ ކަހަނބު، ފަހަތުން ފައްސައިގެން ނުވާނެއެވެ.
    (ޅ) ވެލަޔާއެކު ނުވަތަ ކަހަނބާއެކު މޫދުގައި ހަރަކާތްތެރިވާއިރު، ވެލާގެ ނުވަތަ ކަހަނބުގެ ތަބީއީ އުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

    1.2 ވެލާ ނުވަތަ ކަހަނބު ބިސްއަޅަން އަރައި އުޅޭއިރު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) ރާއްޖޭގެ އެއްވެސް ރަށެއްގައި ނުވަތަ ހިކިފަސްތަނެއްގައި ވެލާ ނުވަތަ ކަހަނބު ބިސް އަޅާނަމަ، ބިސްވަޅުން ޅަ ވެލާ ނުވަތަ ކަހަނބުތައް އޭގެ އަމިއްލަ ޒާތުގައި ނުކުންނަންދެނ،ް ބިސްވަޅަށް އެއްވެސް އަސަރެއްކުރާ ފަދަ އަމަލެއް ކޮށްގެން ނުވާނެއެވެ.
    (ށ) ބިސްވަޅާއި ބިސްއަޅަން އޮންނަ ވެލަޔާ ނުވަތަ ކަހަނބ،ާ މަދުވެގެން 6 (ހައެއް) ފޫޓަށްވުރެ ކައިރިވެގެން ނުވާނެއެވެ. އަދި މިފަދަ ހާލަތެއްގައި މި މަންޒަރު ބަލާނަމަ، ބިސްއަޅަން އޮންނަ (ކ) ވެލަޔާއެކު ނުވަތަ ކަހަނބާއެކު ފަތާއިރު ނުވަތަ ފީނާއިރު، އަދި އެއްވެސް ގުދުރަތީ މާހައުލެއްގައި ހަރަކާތްތެރިވަނިކޮށް ވެލަޔަށް ނުވަތަ ކަހަނބަށް ކާންދީގެން ނުވާނެއެވެ. ވެލާ ނުވަތަ ކަހަނބާ 6 (ހައެއް) ފޫޓަށްވުރެ ދުރުގައި، ވެލާ ނުވަތަ ކަހަނބުގެ އެއްފަރާތެއްގައި ނުވަތަ ފަހަތުގައި މަޑުކުރެވިދާނެއެވެ. އަދި އެ ވެލާގެ ނުވަތަ ކަހަނބުގެ ކުރިމައްޗަށް އަރައިގެން ނުވާނެއެވެ.
    (ނ) ރޭގަނޑުގެ ވަގުތުގައި ހުދު އަލި ނުވަތަ މާބޮޑަށް އަލިގަދަ އެއްވެސް ބައްތިއެއް ބޭނުންކޮށްގެން ނުވާނެއެވެ. އެހެން ނަމަވެސް، އެއްވެސް ސަބަބަކާހުރ،ެ ކޮންމެހެން ބައްތިއެއްގެ އަލި ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަންވާނީ، ރަތްއަލީގެ ބައްތިއެކެވެ.
    (ރ) ވެލާ ނުވަތަ ކަހަނބު ބިސްއަޅަން އަރައިއުޅޭ ސަރަހައްދުގައި، އަޑުގަދަވާ ޒާތުގެ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. 
    (ބ) ވެލާ ނުވަތަ ކަހަނބު ބިސްއަޅަން އަރައިފޭބުމަށް ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ. 
    (ޅ) ބިސް އަޅަން އޮތްނަ ވެލާގައި ނުވަތަ ކަހަނބުގައި އަތްލައިގެން ނުވާނެއެވެ.
    (ކ) ބިސްއަޅަން އަރައިފައިވާ ވެލާ ނުވަތަ ކަހަނބު، ބިސްވަޅު ކައިރީގައި ތާށިވެފައިވާނަމަ )އޭގެ އަމިއްލަ ޒާތުގައި އަނބުރާ މޫދަށް ނުދެވިދާނެކަމަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި(، އެކަން ވަގުތުން އެޖެންސީއަށް އަންގަންވާނެވެ. މި ހާލަތްތަކުގައިވާ ވެލައެއް ނުވަތަ ކަހަނބެއް ފެނިއްޖެނަމަ، އެންމެ ފުރަތަމަ އަމިއްލައަށް އޭގެ ހާލަތު ވަޒަންކުރަންވާނެއެވެ. މިފަދައިން ތާށިވެފައިވާކަމަށް ބެލެވިފައިވާ ވެލައެއް ނުވަތަ ކަހަނބެއް އަނބުރާ މޫދަށް ގެންގޮސް ދެވިދާނެއެވެ. ނަމަވެސް، މިފަދައިން އަނބުރާ ގެންދާއިރު ވެލާ ނުވަތަ ކަހަނބުގެ ފިޔަގަނޑުގައި ހިފައިގެން އުފުލައި ހަދައިގެން ނުވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ، ވެލާގެ ނުވަތަ ކަހަނބުގެ ތޮށިގަނޑުގައި ހިފައިގެން އުފުއްލައިލައިގެން ގެންދިއުމެވެ. އަދި މިގޮތަށް އުފުއްލުމަށްފަހު، މޫދަށް ލާންވާނީ މަޑުމަޑުންނެވެ.

    1.3 ބިސްވަޅުން ނުކުންނަ ޅަ ވެލަޔާމެދު ނުވަތަ ޅަ ކަހަނބާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) ޅަ ވެލާ ނުވަތަ ޅަ ކަހަނބު ބިސްވަޅުން ނުކުންނަނިކޮށް ފެނިއްޖެނަމަ، އެ ތަނެއްގައި މަޑުކުރަންވާނީ، ބިސްވަޅާ މަދުވެގެން 6 (ހައެއް) ފޫޓު ދުރުގައެވެ. 
    (ށ) އެސޮރުމެން ބެލުމަށް، އެއްވެސް ކަހަލަ ފްލޭށްލައިޓެއް ނުވަތަ އައްޔެއް އަޅުވައިގެން ނުވާނެއެވެ. 
    (ނ) ބިސްވަޅުން ނުކުންނަ ކުދި ވެލާ ނުވަތަ ކުދި ކަހަނބުގައި، އެއްވެސް ހާލަތެއްގައި އަތްލައިގެން ނުވަތަ އޭގެ ޅަ ވެލާ ނުވަތަ ޅަ ކަހަނބު ބިސްވަޅުން ނުކުތުމާއި މޫދަށް ދިޔުމުގައި، ގުދުރަތީ ނިޒާމަށް އެއްވެސް ހުރަހެއް އަޅައިގެން ނުވާނެއެވެ. އެހެންނަމަވެސް، ކުދި ވެލާ ނުވަތަ ކުދި ކަހަނބުތަކަށް މޫދަށް ދާން ނޭނގި، އެ ތަކެތި ރަށުތެރެއަށް ދާން ފަށައިފިނަމަ، މި ހާލަތުގައި އެފަދަ ވެލާ ނުވަތަ ކަހަނބު ނަގައި، ލަސްކުރުމެއްނެތި އަވަހަށް މޫދުކައިރިން އަތިރިމައްޗަށް ދޫކޮށްލުމަށް ހުރަހެއް ނެތެވެ.
  2. ގުދުރަތީ މާހައުލުގައި ވެލަޔަށް ނުވަތަ ކަހަނބަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތްތަކުގައި އަމަލުތައް ބަހައްޓަންވީގޮތާއި ގެންގުޅެންވީ އުސޫލުތައް.
    2.1 ސަލާމަތްކުރެވޭ ވެލަޔާއި ކަހަނބާއި، ގެއްލުމެއް ލިބިފައިވާ ނުވަތަ ބަލިވެފައިވާ ވެލަޔާމެދު ނުވަތަ ކަހަނބާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) އެއްވެސް ގޮތަކުން ގެއްލުމެއް ލިބިފައިވާ ނުވަތަ ބަލިވެފައިވާ ނުވަތަ އެއްޗެއްގައި އަޅައިގެންފައިވާ ނުވަތަ އެއްޗެއްގައި އައްސައިފައިވާ ނުވަތަ ތާށިވެފައިވާ ވެލައެއް ނުވަތަ ކަހަނބެއް ފެނިއްޖެނަމަ، އެ އެއްޗަކުން ނުވަތަ އެ ކަމަކުން ސަލާމަތް ކުރަންވާނެއެވެ.
    (ށ) ސަލާމަތްކުރެވޭ ވެލަޔަކީ ނުވަތަ ކަހަނބަކީ، އެއްގަމުގައިވާ ވެލައެއްނަމަ ނުވަތަ ކަހަނބެއް ނަމަ، އޭގެ ތޮށިގަނޑުގެ ދެފަރާތުގައި ހިފައިގެން ނެގުމަށްފަހު، ފަރުވާތެރިކަމާއެކު މޫދަށް ދޫކޮށްލާށެވެ. އަދި ގެއްލުމެއް ލިބިފައި ނުވާނަމަ، އޭގެ އަމިއްލަ ޒާތުގައި މޫދަށް ދިއުމަށް ދޫކޮށްލާށެވެ.
    (ނ) ސަލާމަތްކުރެވޭ ވެލަޔަކީ ނުވަތަ ކަހަނބަކީ، ކަނޑުގައިވާ ވެލައެއްނަމަ ނުވަތަ ކަހަނބެއް ނަމަ، ނުވަތަ އޮއިވާލި ދާގަނޑުގައި ތާށިވެފައިވާ ވެލައެއްނަމަ ނުވަތަ ކަހަނބެއް ނަމަ، އެންމެ ފުރަތަމަ އެ ވެލާ ނުވަތަ ކަހަނބާއި އެސޮރު ފެނިފައިވާ މާހައުލުގެ ހާލަތު ވަޒަންކުރަންވާނެއެވެ. އަދި ވެލާ ނުވަތަ ކަހަނބު ސަލާމަތްކުރުމުގައި އެސޮރުމެންގެ ރައްކައުތެރިކަމަށާއި،އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
    (ރ) ފަރުގައި އަޅައިގަނެފައިވާ ވާގަނޑެއްނަމަ ނުވަތަ ދާގަނޑެއްނަމަ، މުރަކައަށާއި ފަރަށް ވީހާވެސް ގެއްލުން ކުޑަގޮތަކަށް، ވަޅިއެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން، އޮއިވާލި ދާގަނޑު ބުރިކޮށްލައި، އެ ދާގަނޑު ނަގަންވާނެއެވެ. އެއަށްފަހު ވެލަޔަށް ނުވަތަ ކަހަނބަށް ވެފައިވާ ގެއްލުން ނުވަތަ ދާގަނޑުގައި ވެލާ ނުވަތަ ކަހަނބު ތާށިވެފައިވާގޮތް ބެލުމަށްފަހު، އެސޮރަށް އެންމެ ގެއްލުން ކުޑަވާނެގޮތަކަށް އުޅަނދަށް އަރުވަންވާނެއެވެ.
    (ބ) ވެލާ ނުވަތަ ކަހަނބު އުޅަނދަށް އަރުވަންވާނީ، އޭގެ ތޮށިގަނޑުގެ ދެފަރާތުން ހިފައިގެން ނެގުމަށް ފަހުގައެވެ. ވެލާ ނުވަތަ ކަހަނބު މޫދުން ނަގާއިރު އޭގެ ފިޔަފަތްގަނޑުގައި ހިފުމާއި، ވެލާ ނުވަތަ ކަހަނބު ތާށިވެފައިވާ އެއްޗެއްގައި ހިފައި ނެގުމާއި، އޮޅިފައިވާ ދާގަނޑުގައި ހިފައިފައި ނަގައިގެން ނުވާނެއެވެ. އަދި ވެލާ ނުވަތަ ކަހަނބު ނަގައިގެން އުޅޭއިރު، އެ ނަގައިގެން އުޅޭ މީހެއްގެ އަތް ގެންގުޅެންވާނީ، އެސޮރުމެންގެ އަނގަޔާ ވީހާވެސް ދުރުންނެވެ.
    (ޅ) ސަލާމަތްކުރެވޭ ވެލާ ނުވަތަ ކަހަނބު ދާގަނޑުން ސަލާމަތްކުރުމުގައި ވެލާގެ ނުވަތަ ކަހަނބުގެ ހަށިގަނޑަށް ވަދެފައިވާ ދާގަނޑުގެ އެއްވެސް ބައެއް އަމިއްލައަށް ބުރިކޮށްގެން ނުވާނެއެވެ. އަދި ވީ އެންމެ އަވަހަކަށް އެޖެންސީގެ ހޮޓްލައިން މެދުވެރިކޮށް އެޖެންސީއަށް މިކަން އަންގައި، އެޖެންސީގެ އިރުށާދުގެ ދަށުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
    (1) ވެލަޔަށް ނުވަތަ ކަހަނބަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޓަކަޒއި އޭގެ ފޮޓޯ ނެގުން. މިގޮތުން ގައިން ތަނެއް ހަލާކުވެފައިވޭތޯ ބަލައި ޗެކް ކުރުމަށްފަހު، އެޖެންސީއަށް އަންގަންވާނެއެވެ؛
    (2) ސިއްހީ ފަރުވާ ބޭނުންވާފަދަ ހާލަތުގައިވާ ވެލައެއްނަމަ ނުވަތަ ކަހަނބެއްނަމަ، ފަރުވާދޭ މަރުކަޒަކަށް ގެންދިއުމަށްތައްޔާރުކުރާށެވެ. އެގޮތުން ތުވާއްޔެއް ނުވަތަ ޓީށާރޓެއް ކަހަލަ އެއްޗެއް ތެންމައިލުމަށްފަހު، ވެލާގެ ނުވަތަ ކަހަނބުގެފިޔަފަތްގަނޑު ނުތެޅުވޭނެ ފަދައިން އޮޅައިލާށެވެ. އެއިން ވެލާގެ ތޮށިގަނޑު ހިކުނަނުދީ ހިފަހައްޓައި، ތެޅިފޮޅުން ހުއްޓުވައިދޭނެއެވެ. މިފަދައިން ވެލާ ނުވަތަ ކަހަނބު ބާއްވާއިރު، އެސޮރުމެން ބާއްވަންވާނީ ބަނޑުވަތަށެވެ؛
    (3) ފަރުވާދޭ މަރުކަޒަކަށް ގުޅައިގެން ފަރުވާދިނުން ހަމަޖެހޭ ހިސާބުނ،ް ވެލާ ނުވަތަ ކަހަނބު އެޖެންސީގައިރަޖިސްޓަރީވެފައިވާ ފަރުވާދޭ މަރުކަޒާ ހަވާލުކުރަންވާނެއެވެ. އޮއިވާލި ދާގަނޑުން ވެލާ ނުވަތަ ކަހަނބު ސަލާމަތްކުރެވޭ ހާލަތްތަކުގައި، ދާގަނޑު އަނބުރާ މޫދަށް ދޫކޮށްނުލައި، އެއްގަމަށް އެ ދާގަނޑު ގެންދަންވާނެއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކަށް ގެންދެ ވެން އޮތްނަމަ ގެންދަންވާނެއެވެ؛
    (4) ސަލާމަތްކުރެވޭ ވެލާ ނުވަތަ ކަހަނބު ކަނޑަށް ދޫކޮށްލާ ހާލަތްތަކުގައި ވެލާ ނުވަތަ ކަހަނބު ނަގައި އެއްލުމުގެ ބަދަލުގައި ވީހާވެސް ބަލައިގެން އެސޮރު ކަނޑަށް ދޫކޮށްލާށެވެ. މޫދަށް ދޫކޮށްލުމުން ވެސް ވެލާ ނުވަތަ ކަހަނބު ފީނުމަށް ނުކުޅެދޭކަމަށް ފެންނަނަމަ، މި މާއްދާގައި (ޅ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފަރުވާދޭ މަރުކަޒަކަށް، ވެލާ ނުވަތަ ކަހަނބު ގެންދަން ތައްޔާރުކުރާށެވެ.
    (ކ) އޮއިވާލިން ސަލާމަތްކުރެވ،ޭ ގެއްލުމެއް ލިބިފައިވާ ވެލާ ނުވަތަ ކަހަނބު، މަތީގައިވާ ގޮތަށް ހަވާލުނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ވީ އެންމެ އަވަހަކަށް އެޖެންސީގެ ހޮޓްލައިނަށް އެކަން އަންގަންވާނެއެވެ. އަދި އެޖެންސީން އެދޭ ފޮޓޯއާއި ސަރަހައްދުގެ މައުލޫމާތު އެޖެންސީއާ ހިއްސާ ކުރަންވާނެއެވެ. މި މައުލޫމާތު އެޖެންސީއަށް ލިބުމުނ،ް ވީ އެންމެ އަވަހަށް، ވެލާތަކާ ނުވަތަ ކަހަނބުތަކާ، އެޖެންސީން ނުވަތަ އެޖެންސީން އަންގާ ފަރާތަކުން ހަވާލުވާން ވާނެއެވެ.
  3. ގަވާއިދާ ހިލާފަށް ގެންގުޅޭ ވެލައާއި ކަހަނބުގެ މައްސަލަ އެޖެންސީއަށް ރިޕޯޓުކުރުމާއި، އެޖެންސީން ވެލަޔާ ނުވަތަ ކަހަނބާ ހަވާލުވުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) އެޖެންސީ ފިޔަވައި އެހެން ތަންފީޒީ އިދާރާއަކުން (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) ވެލައެއް ނުވަތަ ކަހަނބެއް، އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހިނދ،ު އެޖެންސީއަށް ގުޅައިގެނ،ް ނުވަތަ އީމެއިލްކޮށްގެނ،ް ނުވަތަ ވައިބަރ ފަދަ އެހެނިހެން މުވާސަލާތީ ވަސީލަތެއް މެދުވެރިކޮށް، އެޖެންސީއަށް ވަގުތުން އަންގަންވާނެއެވެ. 
    (ށ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިން އެ ތަކެތި އެ އިރަކު ހުރި މާހައުލު ސާފުވާނޭހެން ވެލާގެ ނުވަތަ ކަހަނބުގެ ފޮޓޯއާއި އެ ހިފައި ގެންގުޅުނު ފަރާތްތަކުގެ މައުލޫމާތާއި، ތަހުގީގަށް ބޭނުންވާ އެހެނިހެން ފޮޓޯއާއި މައުލޫމާތު ތަންފީޒީ އިދާރާއިން ފުރިހަމައަށް ނަގަންވާނެއެވެ.
    (ނ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ވެލަޔަށް ނުވަތަ ކަހަނބަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާނަމަ، ވެޓެރިނަރީ އެސެސްމެންޓެއް ފުރިހަމަކުރުމަށްފަހު، މޫދަށް ނުވަތަ ކަނޑަށް ވަގުތުން ދޫކޮށްލަންވާނެއެވެ. ވެލާ ނުވަތަ ކަހަނބު މޫދަށް ދޫކުރުމުގައި އަމަލުކުރަންވާނީ، އެޖެންސީގެ ލަފަޔާ އެއްގޮތަށެވެ.
    (ރ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ވެލާ ނުވަތަ ކަހަނބު ސިއްހީ ފަރުވާ ބޭނުންވާފަދަ ހާލަތުގައިވާނަމަ، އެޖެންސީގެ ލަފާގެ މަތީން ވެލަޔަށް ނުވަތަ ކަހަނބަށް ފަރުވާދޭ މަރުކަޒަކަށް ގުޅައިގެނ،ް ފަރުވާދިނުމުގެ ކަންކަން ކުރިޔަށް ގެންދަންވާނެއެވެ. 
    (ބ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ވެލަޔަކީ ނުވަތަ ކަހަނބަކީ، މީރު ފެނުގައި ބަހައްޓައިފައިވާ ވެލާނަމަ ނުވަތަ ކަހަނބުނަމަ، އެ ވެލަޔަކީ ނުވަތަ ކަހަނބަކީ، ބޭރުފުށުން ގެއްލުންވެފައިވާ ވެލަޔަކަށް ނުވަތަ ކަހަނބަކަށް ނުވިނަމަވެސް އަމަލުކުރަންވާނީ، މި ޖަދުވަލުގެ (ހ) ގެ 2.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީނ،ް އަނިޔާވެފައިވާ ވެލަޔާމެދު ނުވަތަ ކަހަނބާ މެދު އަމަލުކުރާ ގޮތަށެވެ. އަދި ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ގެންގޮސް ބެލުމަށްފަހު، ފަރުވާދޭން ނުޖެހޭނަމަ، އޭގެ ގުދުރަތީ މާހައުލަށް، ވީ އެންމެ އަވަހަކަށް ދޫކޮށްލަންވާނެއެވެ.
    (ޅ) އެޖެންސީ ފިޔަވައި މި އުސޫލުގައި ބަޔާންކޮށްފައިވާ ތަންފީޒީ އިދާރާއެއް (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) ގެ ބެލުމުގެ ދަށަށް ނެގ،ޭ ގެއްލުމެއް ވެފައިވާ ވެލާ ނުވަތަ ކަހަނބު، އެފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ގެންދިއުމުގައި ނުކުޅެދިއްޖެނަމަ، އެ މައުލޫމާތު އެޖެންސީއަށް ރިޕޯޓު ކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ތަކެއްޗާ އެޖެންސީން ހަވާލުވެ ނުވަތަ ހަވާލުވާނެ ފަރާތެއް ހަމަޖައްސައި، ވީ އެންމެ އަވަހަކަށް ފަރުވާދޭ މަރުކަޒަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
    (ކ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ނެގޭތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ލިބިފައިވާ އެންމެހައި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ތަންފީޒީ އިދާރާގެ ފަރާތުން ކަން ހިނގައިދިޔަގޮތުގެ ފުރިހަމަ ރިޕޯޓެއް އެކުލަވައިލައި، އެޖެންސީއަށް ހުށަހަޅަންވާނެއެވެ.
  4. ގެއްލުމެއް ލިބުމުގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ގުދުރަތީ މާހައުލަށް ދޫނުކުރެވޭ ހާލަތުގައިވާ ވެލަޔާއި ކަހަނބު، ރާއްޖެއިން ބޭރުގެ "އެކުއޭރިއަމްތަކަށް" ގެންދިއުމުގެ ހުއްދަ ހޯދުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގައި ފަރުވާ ދިނުމަށްފަހުގައި ވެސް، އަމިއްލައަށް ނޫޅެވޭފަދަ ޒަހަމުތަކެއް ލިބިފައިވާ ވެލަޔާއި ކަހަނބު، ޖަނަވާރަށް ފަރުވާދޭ ޑޮކްޓަރުންގެ ލަފަޔާއެކ،ު އެޖެންސީން ކަނޑައަޅައިފައިވާ ށަރުތުތައް ހަމަވާ އެކުއޭރިމްތަކުގައި ގެންގުޅުމަށް ބައެއް ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ގެންދެވިދާނެއެވެ. މިފަދައިން އެހެން ގައުމެއްގެ އެކުއޭރިއަމްއަކަށް ގެންދެވެނީ، އެންމެ މަދުވެގެން ވެސް، އަންނަނިވި ށަރުތުތައް ވެލާގައި ނުވަތަ ކަހަނބުގައި ފުރިހަމަވާކަން އެޖެންސީން ކަށަވަރު ކުރުމަށްފަހުގައެވެ.
    (1) ވެޓިރެނަރީ މެޑިކަލް ޑައިގްނޯސްޓިކްސް (ލޭގެ ތަހުލީލާއި އެކްސ-ްރޭ ހިމެނޭހެން)؛
    (2) މިފަދަ ވެލާ ކަހަނބަކީ، ގުދުރަތީ މާހައުލުގައި އަމިއްލައަށް ނޫޅެވޭފަދަ ޒަހަމްތަކެއް ވެފައިވާ )މިސާލަކަށް، އެއްފަރާތަކުން ވެލާގެ ނުވަތަ ކަހަނބުގެ ދެ ފިޔަގަނޑު ބޭނުންނުކުރެވޭ ވަރަށް ޒަހަމްވެފައިވާ( އެއްޗަކަށް ވެފައި އަދި އެސޮރުގެ ތަބީއަތު )އަމިއްލައަށް ފީނައި، ފަތައި، ކެއުން ފަދަ ކަންކަން ކުރެވޭ( “behaviours natural “ސަލާމަތުން ހުރި ވެލާ ނުވަތަ ކަހަނބު ކަމުގައި ސާބިތުކޮށްދެވުން؛
    (3) މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުނ،ް އެޖެންސީއަށް ފެނިއްޖެ ހިނދެއްގައި، ވެލާގެ ނުވަތަ ކަހަނބުގެ ހާލަތަށް ބަލައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ އިތުރަށް އެހެން ށަރުތުތަކެއް ފުރިހަމަކުރުމަށް އެޖެންސީއަށް އެންގިދާނެއެވެ.
    (ށ) ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ނުކުޅެދުންތެރިކަން ލިބިފައިވާ، އަލުން އަނބުރާ އޭގެ ގުދުރަތީ މާހައުލަށް ދޫނުކުރެވޭ ވެލަޔާއި ކަހަނބު، ރާއްޖެއިން ބޭރުގެ އެކުއޭރިއަމްތަކަށް ގެންދިއުމުގައި، މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭ ހާއްސަ ހުއްދައަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅާއިރު، އެ ފޯމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. 
    (1) އެޖެންސީން ފުރިހަމަކުރުމަށް އަންގައިފައިވާ ޓެސްޓުތަކާއި ޑައިގްނޯސްޓިކްތައް ފުރިހަމަކުރުމަށްފަހު، ޖަނަވާރަށް ފަރުވާދޭ ޑަކްޓަރެއް (ވެޓެއްގެ) ލިޔުމެއް؛
    (2) މިފަދައިން ވެލާ ނުވަތަ ކަހަނބު ގެންދެވޭ ރާއްޖެއިން ބޭރުގެ އެކުއޭރިއަމްތަކަކީ، ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގެ ޓޭންކާއި ކްލިނިކްގެ ށަރުތުތައް ހަމަވާކަމާއި، ވެޓެރިނަރީ ކެޕޭސިޓީ ހުރިކަމާއި، ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ހަމަޖެހިގެން އުޅެވޭފަދ،ަ އެދެވޭވަރުގެ ސިންތެޓިކް މާހައުލެއްކަން އަންގައިދޭ ލިއުމެއް؛ 
    (3) ވެލަޔާއި ކަހަނބު ފަދަ ތަކެތި ގެންދެވޭ އެކުއޭރިއަމްގެ "ލެޓަރ އޮފް ކޮންފަރމޭށަން" އެއް ހޯދަންވާނެއެވެ. މި ލިޔުމުގައި، އެކުއޭރިއަމުގެ ރަޖިސްޓްރޭށަނާ ގުޅޭ މައުލޫމާތާއި އެޑްރެސް ފަދަ މުހިންމު މައުލޫމާތު ހިމަނަންވާނެއެވެ.

 

(ށ) މަޑީގެ އާއިލާގެ ހުރިހާ ދިރުމަކާއި އެސޮރުމެންގެ މާހައުލުތައް ރައްކައުތެރިކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތައް 

  1.  ގުދުރަތީ މާހައުލުގައި ފެންނަ މަޑީގެ ތަބީއަތު ދަމަހައްޓައި، އެއަށް ބުރޫނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، މިކަމުގައި ގެންގުޅެންވީ އުސޫލުތައް.
    1.1 މަޑި އުޅޭ ސަރަހައްދުތަކުގައި މޫދަށް އެރިއުޅޭއިރު ނުވަތަ ޑައިވްކުރާއިރު ނުވަތަ ސްނޯކްލްކޮށް ފީނައި ހަދާއިރު އަމަލުތައް ބަހައްޓަންވާނީ، އަންނަނިވި އުސޫލުންނެވެ. 
    (ހ) މޫދަށްއެރި ފީނަމުންދާއިރު ނުވަތަ ޑައިވްކުރަމުންދާއިރު، އެ މީހެއްގެ ގާތަށް ނުވަތަ އެބައެއްގެ ގާތަށް މަޑިއެއް އަތުވެއްޖެނަމަ އޮންނަންވާނީ މަޑުމައިތިރިކަމާއެކުގައެވެ. މިގޮތަށް ކައިރިއަށް އަންނަ އެއްވެސް ބާވަތެއްގެ މަޑިއެއްގައި އަތްލައިގެން ނުވާނެއެވެ. 
    (ށ) ޑައިވްކުރާއިރު ނުވަތަ ސްނޯކްލްކޮށް ފީނައި ހަދާއިރު ނުވަތަ އެހެން ހަރަކާތެއް ކުރާއިރު، މަދުވެގެން 3 (ތިނެއް) މީޓަރުގެ ދުރުމިނެއް، އެ މަޑިއާ ދެމެދު ބަހައްޓަންވާނެއެވެ. 
    (ނ) މަޑި ބަލައިލުމަށް ޓަކައި މަޑިއާ ކައިރިވާންވާނީ، ވީހާވެސް މަޑުމަޑުނ،ް މަޑީގެ އަރިމަތިން އެސޮރަށް ފެންނާނޭހެނ،ް މަޑި ކުރިޔަށްދާ މަގަށް ހުރަސްނޭޅޭ ގޮތަށެވެ.
    (ރ) ގުދުރަތީ މާހައުލެއްގައި ހަރަކާތްތެރިވާ އެއްވެސް މަޑިއަކަށް ކާންދީގެން ނުވާނެއެވެ.

    1.2 މަޑީގެ ދިރުންތައް ސާފުވުމަށް ޓަކައި ގޮސްއުޅޭ ބޮޑެތި ގައު ނުވަތަ "ކްލީނިންގ ސްޓޭށަން" ތަކަށް ޑައިވްކުރާއިރު ނުވަތަ ސްނޯކްލްކޮށް، ފީނައި ހަދާއިރު އަމަލުތައް ބަހައްޓަންވާނީ، އަންނަނިވި އުސޫލުންނެވެ.
    (ހ) މަޑީގެ ދިރުންތައް ސާފުވުމަށް ޓަކައި ގޮސްއުޅޭ ބޮޑެތި ގައު ނުވަތަ "ކްލީނިންގ ސްޓޭށަން" ތަކުގައި މަޑިއުޅޭ ވަގުތ،ު އެ ސްޓޭށަނުގެ މަތީގައި، ޑައިވްކުރުމާއި ސްނޯކްލްކޮށް، ފީނައި ހަދައިގެން ނުވާނެއެވެ. 
    (ށ) ކްލީނިންގ ސްޓޭށަނަށާއި ފަރުތައް ފަދަ މަޑީގެ އެހެން މާހަލުތަކުގައި މަޑީގެ ބާވަތްތައް ވަދެ ނުކުތުމަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް ނުވަތަ މަގު ބަންދުވާގޮތަށް، މޫދުގައި އުޅެގެން ނުވާނެއެވެ. 
    (ނ) ކްލީނިންގ ސްޓޭށަނެއްގެ ކައިރިއަށް ފީނާމީހުން ބާލައި ނަގައި ހަދާއިރު، 40 (ސާޅީސް) މީޓަރަށް ވުރެ ކައިރިއަށް، އެއްވެސް އުޅަނދެއް އައިސްގެން ނުވާނެއެވެ.
    (ރ) ކްލީނިންގ ސްޓޭށަނުގައި މަޑިތައް މަޑުކޮށްގެން ތިބޭ ވަގުތ،ު ކްލީނިންގ ސްޓޭށަނާ 3 (ތިނެއް) މީޓަރަށްވުރެކައިރިވެގެން ނުވާނެއެވެ. މިގޮތަށް ކްލީނިންގ ސްޓޭށަނާ އެއްފަހަރާ ކައިރިވެވޭނީ، ގިނަވެގެން 20 (ވިހި) މީހުންނަށެވެ. 
    (ބ) ކްލީނިންގ ސްޓޭށަނުގެ ކައިރީގައި ބިންމަތީގައި (bed sea) މަޑުކޮށްގެން ތިބޭއިރު ތިބެންވާނީ، ކައިރީގައި ވީހާވެސް މަޑުމައިތިރި ކަމާއެކުގައެވެ. 
    (ޅ) ކްލީނިންގ ސްޓޭށަންތައް ކައިރ،ި ފީނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
    (ކ) ކްލީނިންގ ސްޓޭށަނެއްގެ ކައިރިއަށް ނަގިލިލައިގެން ދޯނި މަޑުކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް، ކްލީނިންގ ސްޓޭށަނެއް ކައިރީގައި އިމަރޖެންސީއެއް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިދާނެފަދަ ހާލަތެއް ދިމާވެއްޖެނަމަ، މިފަދަ ހާލަތްތައް މިކަމުން އިސްތިސްނާވާނެއެވެ.

    1.3 އެންމަޑިއާއި ހޮނޑުމަޑީގެ ކޮންޓެކްޓް ޒޯނުގެ ކައިރީގައި ނުވަތަ ޒޯނުގެ ތެރޭގައި އުޅަނދުތައް އެޅުމާއި ދުއްވުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ. 
    (ހ) އެންމަޑިއާއި ހޮނޑުމަޑީގެ ވަށައިގެންވާ 250 (ދުއިސައްތަފަންސާސް) މީޓަރު ނުވަތަ 820 (އަށްސަތޭކަ ވިހި) ފޫޓުގެ ސަރަހައްދަކީ، ކޮންޓެކްޓް ޒޯނެވެ. 
    (ށ) ކޮންޓެކްޓް ޒޯނުގެ ތެރޭގައި އޮޑިދޯނިފަހަރުގެ ދުވެލި ގަޑިއަކު 9.3 (ނުވައެއް ޕޮއިންޓް ތިނެއް) ކިލޯމީޓަރަށް ވުރެ ބާރުވެގެން ނުވާނެއެވެ.
    (ނ) ކޮންޓެކްޓް ޒޯނުގެ ތެރޭގައި އުޅަނދަށް އެންމަޑިއާއި ހޮނޑުމަޑިއާ އެންމެ ކައިރިވެވޭނީ، 20 (ވިހި) މީޓަރަށެވެ.
    (ރ) އެންމަޑިއާއި ހޮނޑުމަޑި ބަލައިލުމަށް ޓަކައި ސްނޯކްލްކުރާ މީހުންނާއި ފީނާ މީހުން ބާލަންވާނީ، މަޑި ތިބި ސަރަހައްދުގެ އޮއިވަރު މައްޗަށްވާގޮތަށް 25 (ފަންސަވީސް) މީޓަރު ދުރުންނެވެ. އަދި މަޑި ބަލައި ނިމުމުން މީހުން ނަގަންވާނީ، މަޑީގެ އޮއިވަރު ދަށަށްވާގޮތަށް 25 (ފަންސަވީސް) މީޓަރު ދުރުންނެވެ. 
    (ބ) މަޑިތައް ބަލަން އުޅުމުގައި މަޑިތަކުގެ ކައިރިން އުޅަނދުގައި ވައުޖަހައިގެން މީހުން ޓޯކޮށްގެން ނުވަތަ ވަލުގައި ހިފަހައްޓައިގެން މޫދުގައި ދަމައިގެން ނުވާނެއެވެ. 
    (ޅ) އެންމަޑި ނުވަތަ ހޮނޑުމަޑި އެއްވެއުޅޭ ސަރަހައްދުތަކުގައި މަޑިއެއް ކައިރިވެއްޖެނަމަ،އުޅަނދުގެ އިންޖީނު ނިވައިލާށެވެ.
    (ކ) އެންމަޑި ނުވަތަ ހޮނޑުމަޑި ބަލައިލުމަށް ފަހުގައި މަޑިއާ ދުރަށް ދާއިރު، މަޑީގެ ކޮންޓެކްޓް ޒޯނުން ބޭރުވަންދެން ގަޑިއަކު 9.3 (ނުވައެއް ޕޮއިންޓް ތިނެއް) ކިލޯމީޓަރުގެ ދުވެލި ދަމަހައްޓަންވާނެއެވެ. 
    (އ) މަޑި އެއްވެއުޅޭ ސަރަހައްދުގައި އޮޑިދޯނިފަހަރު ބާރަށް ދުއްވަން ޖެހިއްޖެ ހާލަތެއްގައި (ސަލާމަތީ ހާލަތެއްގައި ނުވަތަ އެމަރޖެންސީ ހާލަތެއްގައި) ދޯނީގެ ދިރުނބާކޮޅުގައި މަޑިތަކަށް ސަމާލުވެ ބެލުމަށް މީހަކު ބެހެއްޓުމަށްފަހު، ވަރަށް ބަލައިގެން މަޑީގައި ނުޖެހޭނެ ފަދައިން ވީހާވެސް އަވަހަކަށް، އެ ސަރަހައްދުން ނުކުތުމަށް މަސައްކަތް ކުރަންވާނެއެވެ.
    1.4 މަޑީގެ ބާވަތްތައް ދިރިއުޅޭ ސަރަހައްދުތަކުގައި އޮޑިދޯނިފަހަރުގައި ފައްތިޔާ އަޅާނީ އަންނަނިވި އުސޫލުންނެވެ.
    (ހ) މަޑި އެއްވެއުޅޭ ސަރަހައްދާ ވީހާވެސް ދުރުން ފައްތިޔާއާއި ބޯސާ ނުވަތަ އޮޑިދޯނިފަހަރު އަޅަން ބޭނުންކުރާ ވައު އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ފައްތިޔާ އަޅާއިރު މަޑީގެ އެއްވެސް ބާވަތެއް ވަލުގައި ނޯޅޭގޮތަކަށް ފައްތިޔާ އެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
    (ށ) ފައްތިޔާ އެޅުމުގެ ކުރިން ރަށް ވަށައިގެން ހުރި ހުރިހާ ފައްތިޔާތަކާއި ބޮއިލައިންތައް ދެނެގަންނަންވާނެއެވެ. އަދި ފައްތިޔާ އެޅުމުގައި ވާތައް ރަނގަޅަށް އައްސައިފައިވާކަން ޔަގީންކޮށް، ވަލުގައި އިތުރު ބައެއް އޮޔާ ނުދާނެ ގޮތަށް ބާރަށް އައްސަންވާނެއެވެ. ވައު ބާރުނުކޮށް ވަލުގައި "ބޮޅެއް" ނުވަތަ ލޫޕްތަކެއް ހުންނަ ގޮތަށް ބަހައްޓައިގެން ނުވާނެއެވެ. 
    (ނ) ފައްތިޔާ ނުވަތަ މޫރިން ލައިންތަކުގައި އެންމަޑި އޮޅުނަ ނުދިނުމަށް ޓަކައި ގިނަދުވަހު ހަލާކުނުވެ ހުންނާނެކަހަލަ، ވަރުގަދަ 24 (ސައުވީސް) އިންޗި ނުވަތަ 26 (ސައްބީސް) އިންޗީގެ ދިގު "ކޭބަލް ޓައި" ފައްތިޔާއާ ވަޑިފަތިވާގޮތަށް އައްސާށެވެ.
    (ރ) ފައްތިޔާގައި ކޭބަލް ޓައި އައްސަމުންދާނީ، ކުރިން އެއްސި ކޭބަލް ޓައިއާ 1 (އެކެއް) ފޫޓު ދުރުމިނުގައި 45° (ސާޅީސްފަހެއް ޑިގްރީސް) އަށް ވާގޮތަށެވެ. އަދި މިގޮތަށް ފައްތިޔާގައި އައްސާ ކޮންމެ ކޭބަލް ޓައިއެއް އައްސަމުން ގެންދާށެވެ. މިގޮތަށް ކޭބަލް ޓައި ފައްތިޔާގައި ގުޅުމުނ،ް އެންމަޑިއާއި ހޮނޑުމަޑީގެ އާއިލާގެ މަޑިތަކަށް ފައްތިޔާ ނުވަތަ މޫރިންގ ލައިންތައް ދެނެގަތުމަށާއި އެއިން ރެކެން ފަސޭހަވާނެއެވެ.

 

ތަސްވީރު. 1 ފައްތިޔާ އަޅާއިރު ކޭބަލް ޓައި އައްސަންވީގޮތް ދައްކުވައިދޭ ކުރެހުން 

 

(ބ) މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ފައްތިޔާގައި ކޭބަލްޓައި އައްސާނަމަ، އެންމެ ގިނައިން މަޑި އެއްވެއުޅޭ ސަރަހައްދުތައް (ވިހެއުމަށާއި ކެއުމަށް އެއްވެއުޅޭ ސަރަހައްދުތައް) ކައިރީގައި އަޅައިފައިވާ ފައްތިޔާ ނުވަތަ މޫރިންގ ބޮއެތަކުގައި ކޭބަލް ޓައި އެޅުމަށް އިސްކަންދޭންވާނެއެވެ.

(ޅ) މަސްވެރިކަމަށް ބޭނުންކުރާ އޮއިވާލި ކަނދުފަތީގެ އިތުރުނ،ް އަތޮޅުތެރޭގައި އަޅާ އެން ކަނދުފަތިތަކާއި ފަރު މަސްވެރިކަމަށް އަޅާކަނދުފަތިތައް އަޅާއިރު، މަޑި އެއްވެއުޅޭ ސަރަހައްދުތަކާ ދުރުން ކަނދުފަތިތައް އަޅަން ސަމާލުވާންވާނެއެވެ.

2. ގެއްލުމެއް ލިބިފައިވާ ނުވަތަ ބަލިވެފައިވާ މަޑިއާމެދު އަމަލުކުރުމުގައި ގެންގުޅެންވީ އުސޫލުތައް

(ހ) މަސްވެރިކަމުގައި ބޭނުންކުރާ ކަންވާރުފަދަ އެއްޗެއްގައި ނުވަތަ އޮޑިދޯނިފަހަރު ހިފަހައްޓަންޖަހާ ވަލެއްގައި ނުވަތަ މޫރިންގ ލައިނެއްގައި ނުވަތަ އޮއިވާލި ކަނދުފައްޗެއްގައި ދިރިހުރި މަޑިއެއް ޖެހިއްޖެނަމަ، ދޯނީގެ ފަޅުވެރިންނަށް އެކަން އަވަހަށް އަންގައި، އެ ސަރަހައްދު ފާހަގަކުރާށެވެ.

(ށ) ހައްޔަރުވެފައިވާ މަޑީގައި އޮޅިފައިވާ ވައު ނުވަތަ ދައު (ނުވަތަ އެނޫން ވެސް އެފަދަ އެހެން އެއްޗެއް) މަޑިއަށް ގެއްލުން ނުވާނޭހެން ވަޅިއަކުން ނުވަތަ ތޫނު އާލާތެއް ބޭނުންކޮށްގެން ކަނޑައި ވަކިކޮށްލުމަށްފަހު މިނިވަންކުރާށެވެ.

(ނ) އެންމަޑި އާއިލާގެ މަޑިއެއް ސަލާމަތްކުރާއިރު އޭގެ ބޮލާ ދިމާގައިވާ "ހޮނޑު" ގައި އަތްލައި އެއަށް ދަމައިގެން ނުވާނެއެވެ. އަދި އޭގެ ބަދަލުގައި މަޑި ސަލާމަތްކުރުމުގެ މަސައްކަތްކުރަންވާނީ، މަޑީގެ "ފިޔަގަނޑުގައި" ނުވަތަ ގައިގެ މެދުގައިވާ ފުޅާ ސަރަހައްދުގައި ހިފަހައްޓައިގެންނެވެ.

(ރ) އޮޑިދޯނިފަހަރުގެ ބުރަފަތިން ޖެހިގެން ނުވަތަ ގުދުރަތީގޮތުން ކުރިމަތިވި ހާދިސާއެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާ މަޑިއެއް ފެނިއްޖެނަމަ، މަޑިއަށް ލިބިފައިވާ ޒަހަމްތައް އަމިއްލައަށް އޭގެ ގުދުރަތީ މާހައުލުގައި ފަސޭހަވުމަށް މަޑީގައި އަތްލައިގެން ނުވަތަ ނަގައިގެން ތަނަކަށް ގެންގޮސްގެން ނުވާނެއެވެ.

(ބ) ހާދިސާ ހިނގައިފައިވާ ސަރަހައްދާއި މަޑީގެ މައުލޫމާތު (ފޮޓޯ ތަފުސީލުކޮށް ނެގޭނަމަ) ވީހާވެސް އަވަހަށް އެޖެންސީއަށް އަންގަންވާނެއެވެ.

(ޅ) އޮއިވާލި އަނބުރާ މޫދަށް ދޫކޮށްނުލައި އެއްގަމަށް ގެންދަންވާނެއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކަށް ގެންދެވެން އޮތްނަމަ ގެންދަންވާނެއެވެ.

 

3. މަރުވެފައިވާ ނުވަތަ މަރައިލައިފައިވާ މަޑީގެ އާއިލާގެ އެއްވެސް ދިރުމަކާ ދޭތެރޭ އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) މަރުވެފައިވާ ނުވަތަ މަރައިލައިފައިވާކަމަށް ށައްކުކުރެވޭ އެއްވެސް ބާވަތެއްގެ މަޑިއެއް ފެނިއްޖެނަމަ، އެ ފެނުނު ފަރާތަކުން އެކަން ވީހާވެސް އަވަހަކަށް އެޖެންސީއަށް އަންގަންވާނެއެވެ. އެކަން އަންގާއިރު، އެ މަޑީގެ ފޮޓޯއެއް ވެސް ފޮނުވަންވާނެއެވެ.

(ށ) ގިނަ އަދަދަކަށް މަޑީގެ އެއްވެސް ބާވަތެއް މަރުވެފައިވާނަމަ، ނުވަތަ މަރުވެފައިވަނީ އާދަޔާ ހިލާފު ގޮތަކަށް ކަމަށް ށައްކުކުރެވޭނަމަ، އެކަން އެޖެންސީގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

(ނ) މަޑި މަރުވެފައިވަނީ، ގުދުރަތީ ސަބަބަކާހުރެ ނޫންކަމަށްވާނަމަ، މިފަދަ ހާލަތެއްގައި މަޑި މަރުވެފައިވާ ތަނުން އެހެން ތަނަކަށް ގެންދިޔަކަމުގައި ވިޔަސް ގެންދަންވާނީ، ތަހުގީގު ފުރިހަމަކުރުމަށް ބޭނުންވާ ހެއްކާއި ގަރީނާއާއި ބަޔާން ނެގުމަށް ފަހުގައެވެ.

(ރ) ގިނަ އަދަދަކަށް މަޑި މަރުވެފައިވާނަމަ، ނުވަތަ މަރުވެފައިވަނީ ގުދުރަތީ ކާރިސާއަކުން ނުވަތަ އާދަޔާ ހިލާފު ގޮތަކަށް ކަމަށް ށައްކުކުރެވޭނަމަ، އެކަން ދެނެގަތުމަށް ކުރަންޖެހޭ އެސެސްމަންޓްތައް އެޖެންސީން ކުރަންވާނެއެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ދެނެގަތުމަށްފަހު، އެޖެންސީއާ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަންވާނެއެވެ.

(ބ) ގުދުރަތީ މަރަކުން މަރުވެފައިވާ މަޑިއެއްކަމަށް އެޖެންސީން ނިންމައިފި ހާލަތެއްގައި، މޫދުގައި ފަނާވުމަށް މަޑި ދޫކޮށްލާށެވެ.

 

4. ގަވާއިދާ ހިލާފަށް ގެންގުޅޭ މަޑީގެ އާއިލާގެ އެއްވެސް ދިރުމެއް ފެނިއްޖެނަމަ، މަޑިއާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) އެޖެންސީ ފިޔަވައި އެހެން ތަންފީޒީ އިދާރާއަކަށް (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) މަޑީގެ ބާވަތެއް، މަސްފެންގަނޑެއްގައި ނުވަތަ ޓޭންކެއްގައި ގެންގުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ، އެޖެންސީއަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެނ،ް ނުވަތަ ވައިބަރ ފަދަ މުއާސަލާތީ އެހެން ވަސީލަތެއް މެދުވެރިކޮށް ވީހާވެސް އަވަހަށް އެކަން އަންގަންވާނެއެވެ.

(ށ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށުން ދޫކޮށްލުމުގެ ކުރިނ،ް އެ ތަކެތި އެ އިރަކު ހުރި މާހައުލު ރަނގަޅަށް އެނގޭނޭ މައުލޫމާތާއި، މި ތަކެތި ބަންދުކޮށްގެން ގެންގުޅޭ ފަރާތްތަކުގެ މައުލޫމާތާއި، ތަހުގީގަށް ބޭނުންވާ އެހެނިހެން ތަފުސީލު، ތަންފީޒީ އިދާރާއިން ފުރިހަމައަށް ނަގަންވާނެއެވެ.

(ނ) އޭގެ ބޭރުފުށުން އެއްވެސް ޒަހަމެއް ލިބިފައިވޭތ،ޯ ތަންފީޒީ އިދާރާގެ ބެލުމުގެ ދަށުން އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހު، މޫދަށް ނުވަތަ ކަނޑަށް ވަގުތުން ދޫކޮށްލަންވާނެއެވެ. މޫދަށް ދޫކޮށްލުމުގައި އަމަލުކުރަންވާނީ، އެޖެންސީގެ ލަފަޔާ އެއްގޮތަށެވެ.

(ރ) އެޖެންސީ ފިޔަވައި، މި އުސޫލުގައި ބަޔާންކޮށްފައިވާ ތަންފީޒީ އިދާރާއަކުން (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށުން މަޑި ދޫކޮށްލުމަށް ނުކުޅެދިއްޖެނަމަ، އެ މައުލޫމާތު އެޖެންސީއަށް ރިޕޯޓު ކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ތަކެއްޗާއި އެޖެންސީން ހަވާލުވެ ނުވަތަ ހަވާލުވާނެ ފަރާތެއް ހަމަޖައްސައި، ވީ އެންމެ އަވަހަކަށް މޫދަށް ދޫކޮށްލުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ބ) ތަންފީޒީ އިދާރާގެ ބެލުމުގެ ދަށުން ދޫކޮށްލުމަށްފަހު، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ލިބިފައިވާ އެންމެހައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް، ތަންފީޒީ އިދާރާއިން އެޖެންސީއަށް، އެ ރިޕޯޓު ހިއްސާކުރަންވާނެއެވެ.

 

(ނ) ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތްތައް ބަލަހައްޓައި، އެ ތަކެތީގެ މާހައުލުތައް ރައްކައުތެރިކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތައް

1 ގުދުރަތީ މާހައުލުގައި ފެންނަ ދޫނީގެ ތަބީއަތު ދަމަހައްޓައި، ބުރޫނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، މިކަމުގައި ގެންގުޅެންވީ އުސޫލުތައް.

1.1 ގުދުރަތީ މާހައުލުން ފެންނ،ަ ހިމާޔަތްކޮށްފައިވާ ދޫންޏާމެދު އަމަލުތައް ބަހައްޓަންވާނީ އަންނަނިވި އުސޫލުންނެވެ. 
(ހ) ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ އެއްވެސް ބާވަތެއް އެސޮރުމެން ދިރިއުޅޭ ސަރަހައްދަކުން ފެނިއްޖެ ހާލަތެއްގައި، ދޫނީގެ ތަބީއީ އުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) މިފަދަ ދޫނި ދިރިއުޅޭ އެއްވެސް މާހައުލަކުން ދޫންޏެއް ފެނިއްޖެނަމަ، އުޅަނދެއްގައި ނުވަތަ ދުއްވާ އެއްޗެއްގައި ގޮސް 2 (ދޭއް) މީޓަރަށް ވުރ،ެ އެޔާ ކައިރިވެގެން ނުވާނެއެވެ. ދޫންޏެއް ބަލައިލަން ބޭނުންވެއްޖެނަމަ ކައިރިވާންވާނީ، ދޫންޏަށް ސިހުން ނުލިބޭ ގޮތަށް، މަޑުމަޑުންނެވެ. ދޫނި ބިރުން ފަހަތަށް ޖެހިއްޖެނަމަ ނުވަތަ އުދުހިގެންދާނަމަ، ފަހަތަށް ޖެހި އެސޮރުމެންނަށް ޖާގަދޭށެވެ.

(ނ) ދޫނި ޖައްސައިގެން ތިބި ނުވަތަ ބިސްއަޅައިގެން ތިބި ފިނޮޅަކަށް ފައިމަގުގައި ނުވަތަ އެއްވެސް އުޅަނދެއް ކައިރިވާނީ، ދޫނިތަކާ ވީހާވެސް ދުރާވީ ފަޅިންނެވެ.

(ރ) ބާރު އަޑުތަކުން ވަރަށް ފަސޭހައިން ދޫންޏަށް ބިރުވެރިކަން އިހުސާސް ކުރެވޭނެތީ، ދޫނި ދިރިއުޅޭ މާހައުލަކަށް ވަދެނުކުމެ އުޅޭއިރު، އަޑުގަދަ ނުކުރުމަށް ސަމާލުވާންވާނެއެވެ. އަދި އެފަދަ މާހައުލުގައި އުޅޭއިރު ފައިމަގުގައި އުޅުމަށް އިސްކަން ދޭންވާނެއެވެ.

(ބ) ށިކާރަކުރަން އުޅޭ އައިންމަތީ ދޫނި މޫދަށް ތިރިވެ މަސްހިފައިހަދަން އުޅޭއިރު، މިފަދަ މަންޒަރު ބަލައިލުމަށް އުޅަނދުފަހަރު 10 (ދިހައެއް) މީޓަރަށްވުރެ ކައިރިވެގެން ނުވާނެއެވެ. އަދި މަސްބާނާއިރު އަމަލުތައް ބަހައްޓަންވާނީ، ދޮށްޓާއި ކަންވާރުން ދޫންޏެއްގައި ނުޖެހޭގޮތަށެވެ.

(ޅ) އައިންމަތީ ދޫނީގެ އާއިލާގެ ދޫންޏެއް އޭތީގެ ނުވަތަ އޭގެ ހާލީގެ ނުވަތަ ދަރިންގެ ރަށްކަލަކަށް، މީހުންނާ ދިމާއަށް ކުއްލި ކުއްލިއަށް ބާރަށް ތިރިވެ ގޮވަން ފަށައިފިނަމަ، މަޑުމަޑުން ފަހަތަށް ޖެހެންވާނެއެވެ.

(ކ) ގުދުރަތީ މާހައުލަކުން ފެންނަ ދޫންޏެއް ހިފައިގެން ނުވާނެއެވެ. އަދި އެފަދަ ދޫންޏެއްގައި އެއްގޮތަކަށް ވެސް އަތްލައިގެން ނުވާނެއެވެ.

(އ) ގުދުރަތީ އެއްވެސް މާހައުލެއްގައި ހުންނަ އެއްވެސް ދޫންޏަކަށް ކާންދީގެން ނުވަތަ ކާން އަޅައިގެން ނުވާނެއެވެ.

1.2 ދޫނި ވިހައި އާލާވާ ސަރަހައްދުތަކުގައްޔާއި ނިދަންއަރާ ސަރަހައްދުތަކުގައި އަމަލުތައް ބަހައްޓަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި ވިހައި، އާލާވާ ސަރަހައްދުތަކުގައްޔާއި ނިދަންއަރާ ސަރަހައްދުތަކުގައި، ދޫނީގެ ތަބީއަތަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ދޫނި ވިހައި އާލާވާ ނުވަތަ ނިދަން އެރުމަށް ހާއްސަ ރަށްރަށާއި ފިނޮޅުތަކަށް ގޮސްއުޅޭއިރު އެ ތަނަށް ދާންވާނީ، އިރުއަރާ ވަގުތުން ފެށިގެން މަދުވެގެން 1 (އެކެއް) ގަޑިއިރު ފަހުންނާއި، އިރުއޮއްސޭ ވަގުތުގެ މަދުވެގެން 1 (އެކެއް) ގަޑިއިރުގެ ކުރިންނެވ.

(ނ) ދޫނި ވިހައި އާލާވާ ނުވަތަ ނިދަން އެރުމަށް ހާއްސަ ރަށްތަކަށާއި ފިނޮޅުތަކަށް ޒިޔާރަތްކުރާއިރު ދޫނިތައް ބިސްއަޅައި، ހާލި ހަދާ ސަރަހައްދަކާ 5 (ފަހެއް) މީޓަރަށްވުރެ ގާތްނުވާށެވެ.

1.3 ހިމާޔަތްކޮށްފައިވާ ދޫނިތަކާމެދ،ު ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކާއި، ގައުމީ ވައިގެ ބަނދަރުތަކާއި،ސީޕްލޭން ފުރާ ސަރަހައްދުތަކާއި، ސީޕްލޭން ޖައްސާ ޕްލެޓްފޯމް ހުންނަ ސަރަހައްދުތަކުގައި އަމަލުކުރަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދޫނި ހިޖުރަކުރާ ހާއްސަ ދުވަސްވަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކާއި، ގައުމީ ވައިގެ ބަނދަރުތަކާއި، ސީޕްލޭން ފުރާ ސަރަހައްދުތަކާއި، ސީޕްލޭން ޖައްސާ ޕްލެޓްފޯމުތައް އޮޕަރޭޓްކުރަންވާނީ މިކަމަށް ސަމާލުވެ، ދޫންޏަށް ރައްކައުތެރި ގޮތެއްގައެވެ.

(ށ) ރަންވޭއިން ނުވަތަ ރަންވޭ ސަރަހައްދުން ދޫނި ފައްސަންވާނީ، އެކަމަށް ބޭނުންކުރުމަށް ކަނޑައަޅައިފައިވާ ހާއްސަ ސައިރެން ނުވަތަ ސައުންޑް ޑިވައިސް ބޭނުންކޮށްގެންނެވެ.

(ނ) ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކާއި، ގައުމީ ވައިގެ ބަނދަރުތަކާއި، ސީޕްލޭން ފުރާ ސަރަހައްދުތަކާއި، ސީޕްލޭން ޖައްސާ ޕްލެޓްފޯމް ހެދުމަށް ކަނޑައެޅޭ ސަރަހައްދުތަކަކީ، ދޫންޏެއް ބިސްއަޅާ (ނެސްޓިންގ ގްރައުންޑްސް) ނުވަތަ ކާނާ ހޯދުމަށް އުޅޭ ސަރަހައްދެއްތޯ (ފޮރޭޖިން ގްރައުންޑްސް) އެފަދަ ޕްރޮޖެކްޓްތައް ރާވައި ހިންގުމުގައި ބަލަންވާނެއެވެ.

(ރ) ސީޕްލޭން ޕްލެޓްފޯމް ހެދުމުގައި ވެސް ދޫންޏެއް ބިސްއަޅާ (ނެސްޓިންގ ގްރައުންޑްސް)، ކާނާ ހޯދުމަށް އުޅޭ ސަރަހައްދެއް (ފޮރޭޖިންގ ގްރައުންޑްސް) ހުރިނަމަ ޕްލެޓްފޯމް ހަދަންވާނީ، މިފަދަ ސަރަހައްދަކާ 200 (ދުއިސައްތަ) މީޓަރު ދުރުގައެވެ.

(ބ) ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކާއި، ޑޮމެސްޓިކް ވައިގެ ބަނދަރުތަކާއި، ސީޕްލޭން ފުރާ ސަރަހައްދުތަކާއި، ސީޕްލޭން ޖައްސާ ޕްލެޓްފޯމް ހުންނަ ސަރަހައްދުތަކުގައި، ހިމާޔަތްކޮށްފައިވާ އެއްވެސް ދޫންޏަކަށް ގެއްލުމެއް ނުވަތަ "އެކްސިޑެންޓް" އެއް ދިމާވެއްޖެނަމަ، އޭގެ ރިކޯޑު ބަލަހައްޓައި، އެޖެންސީއާ އެ މައުލޫމާތު ހިއްސާކުރަންވާނެއެވެ.

(ޅ) "އެރޯޑްރޯމް" ތަކުގައި ދޫނި މެނޭޖުކުރާނެ ގޮތްތައް ކަނޑައަޅަންވާނީ، އެޖެންސީގެ ހުއްދަޔާއެކުގައެވެ.

1.4 ހިމާޔަތްކޮށްފައިވާ ދޫނި ވިހައި އާލާވާ ސަރަހައްދުތަކުގައި ނުވަތަ ނިދަންއަރާ ސަރަހައްދުތަކުގައި ޑްރޯން/ އަންމޭންޑް އޭރިއަލް ވެހިކަލް )ޔ.ޫއ.ޭވީ( އެރުވުމުގައި އަމަލުތައް ބަހައްޓަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދޫނި ވިހައި އާލާވާ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ނުވަތަ ނިދަންއަރާ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ހާއްސަ ސަރަހައްދުތަކުގެ (ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، ސެންސިޓިވް އޭރިއާސް ލިސްޓުގައި ހިމެނޭ ސަރަ ހައްދުތައް) މަތިން ޑްރޯން / ޔ.ޫއ.ޭވީ އެރުވޭނީ، ލިޔުމުން އެޖެންސީގެ ހުއްދަ ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ފާހަގަކޮށްފައިވާ އެޖެންސީން ހުއްދަ ނަގަންޖެހޭ ސަރަހައްދުތަކުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(1) ޑްރޯން / ޔ.ޫއ.ޭވީ އަރުވާއިރު، ދޫނިތަކާ މަދުވެގެން 30 (ތިރީސް) މީޓަރުގެ ދުރުމިނެއް (ހޮރިޒޯންޓަލް ޑިސްޓަންސް) އާއި، 100 (އެއްސަތޭކަ) މީޓަރުގެ އުސްމިނެއް (ވާޓިކަލް ޑިސްޓެންސް) ބަހައްޓަންވާނެއެވެ. ނަމަވެސް، ދޫނި ނުވަތަ ދޫނިތައް ބިރުގަނެ، އަޑުގަދަކޮށް، ބަލައިބެލުމަށް "ސްޓްރެސް" ވާކަމަށް ފެންނަނަމަ، މިއަށްވުރެ ޑްރޯން ދުރުކުރަންވާނެއެވެ؛

(2) މި މާއްދާގެ (1) ގައި ބަޔާންކޮށްފައިވާ މިންތަކަށްވުރެ ދޫންޏާ ކައިރިން އަދ/ި ނުވަތަ ފާހަގަކޮށްފައިވާ މިންތަކަށްވުރެ ތިރިނ،ް ޑްރޯން / ޔ.ޫއ.ޭވީ އެރުވޭނީ އެޖެންސީގެ ހުއްދައަކާއެކުގައެވެ؛

(3) ޑްރޯން / ޔ.ޫއ.ޭވީ އަބަދުވެސް އޭތި ދުއްވާ ނުވަތަ އޮޕަރޭޓްކުރާ މީހާގެ ހަމަލޮލަށް (ވިށުއަލް ލައިން އޮފް ސައިޓް) ފެންނަންވާނެއެވެ؛

(4) ޑްރޯން / ޔ.ޫއ.ޭވީ ދުއްވަންވާނީ، އޭގެ އޮބްސްޓެކަލް އެވޮއިޑެންސް ސިސްޓަމް ޖައްސައިގެންނެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގެ މަތިނ،ް ރޭގަނޑުގެ ވަގުތުގައި ޑްރޯން / ޔ.ޫއ.ޭވީ އަރުވައިގެން ނުވާނެއެވެ. އަދި މި ޖަދުވަލުގެ (ނ) ގެ 1.2 (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިނ،ް މިފަދަ ސަރަހައްދުތަކުގައި ޑްރޯން / ޔ.ޫއ.ޭވީ އަރުވައިގެން ނުވާނެއެވެ.

(ރ) ޑްރޯން އަރުވާއިރު، ދޫނި ފައްސައި، ދޫނީގެ ފަހަތުން ޑްރޯން ދުއްވައިގެން ނުވާނެއެވެ.

 

.2 ގުދުރަތީ މާހައުލުގައި ހިމާޔަތްކޮށްފައިވާ ދޫންޏަށް ރައްކައުތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ހާލަތްތަކުގައި މީހުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، މިކަމުގައި ގެންގުޅެންވީ އުސޫލުތައް.

2.1 ގެއްލުމެއް ލިބިފައިވާ ދޫންޏަށް ފަރުވާދ،ީ އެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލުކުރަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގެއްލުމެއް ލިބިފައިވާ ދޫންޏެއް ފެނިއްޖެނަމަ، އެކަން އެޖެންސީއަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތަށް އަންގަންވާނެއެވެ. އަދި އެޖެންސީގެ ލަފަޔާއި އިރުށާދާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

(ށ) ގެއްލުމެއް ލިބިފައިވާ ދޫންޏަކަށް ފަރުވާދިނުމަށް ޓަކައި ދޫނި ހިފަންވާނީ، ފޮތިގަނޑެއް ނުވަތަ ތުވާއްޔެއް ބޭނުންކޮށްގެންނެވެ.

(ނ) ދޫންޏަށް ނޭވާލެވޭގޮތަށް ލޯވަޅުއަޅައިފައިވާ، އެ ދޫންޏަށް އެކަށީގެންވާ ފޮށިގަނޑަކަށް ލާންވާނެއެވެ. ފޮށިގަނޑު ހުންނަންވާނީ، އޭގެ ތެރޭގައި ފޮތިގަނޑެއް ނުވަތަ ތުވާއްޔެއް އަޅައިފައެވެ. އަދި ފޮށިގަނޑު ބަހައްޓަންވާނީ، އަޑުމަޑު ސަރަހައްދެއްގައެވެ.

(ރ) ގެއްލުމެއް ލިބިފައިވާ ނުވަތަ ފަރުވާ ބޭނުންވާ ދޫނިތައް އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، އެ ދޫންޏަކަށް އެކަށީގެންވާ ފޮށިގަނޑެއްގެ ތެރޭގައެވެ. މި ފޮށިގަނޑުގައި ދޫންޏަށް ކޮޅަށް އިނދެވޭވަރުގެ ޖާގަ (އުސްމިން) އާއި ދޫނީގެ ފިޔަގަނޑު ހުޅުވޭވަރުގެ ފުޅާމިނެއް ހުންނަން ޖެހޭނެއެވެ.

(ބ) ދޫންޏަށް ފަރުވާދިނުމަށް ޓަކައި އެހެންފަރާތަކާ ހަވާލުކުރެވޭނީ، އެޖެންސީގެ އިރުށާދާ އެއްގޮތަށެވެ.

(ޅ) ފަރުވާދިނުމަށް ޓަކައި ވަގުތީގޮތުން ދޫނި ބައިންދާ މާހައުލަކީ، އެ ދޫންޏަށް އެކަށީގެންވާ ޖާގަ ލިބިގެންވާ ތަނަކަށް ވާންޖެހޭނެއެވެ.

(ކ) ގެއްލުމެއް ލިބިފައިވާ ދޫންޏަށް ފަރުވާދިނުމަށް ޓަކައި ވަގުތީގޮތުން އެއްވެސް ތަނެއްގައި ގެންގުޅޭއިރު، އެ ދޫންޏަކަށް ކާންދޭންވާނީ، އެ ދޫނީގެ ގުދުރުތީ މާހައުލުގައި ކައިބޮއި އުޅޭ ބާވަތުގެ ތަކެއްޗެވެ.

(އ) ގެއްލުމެއް ލިބިފައިވާ ދޫނި އަލުން އަނބުރާ ދޫކޮށްލެވޭ ހާލަތަށް އައުމުނ،ް ދޫކޮށްލަން ޖެހޭނެއެވެ. އަދި އެކަން އެޖެންސީއަށް އަންގަން ޖެހޭނެއެވެ.

2.2 މަސްބާނާ އާލާތްތަކުގައި ނުވަތަ އެހެންވެސް އެއްޗެއްގައި ބެދިފައިވާ، އަދި މަސްބޭނުމުގެ ތެރޭގައި ހިފޭ ދޫންޏާމެދު އަމަލުކުރަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) މާކަނޑުގައި މަސްހިފަން ބޭނުންކުރާ ދާފަދަ ތަކެތީގައި ތާށިވެފައިވާ ދޫންޏެއް ފެނިއްޖެނަމަ، ތޫނު ވަޅިއެއް/ ކަތުރެއް ނުވަތަ އެނޫން ވެސް ތޫނު އެއްޗަކުނ،ް ދޫނީގައި އޮޅިފައިވާ ކަންވާރު ނުވަތަ ދަލުގެ ބައިތައް ކޮށައިލުމަށްފަހު، ދޫނި މިނިވަން ކުރަންވާނެއެވެ.

(ށ) ދޫނި މިނިވަންކުރުމުގައި ދޫންޏަށް ގެއްލުމެއްނުވާގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.

(ނ) މަސްބޭނުމުގައި އޮޅިގެން ދޫންޏެއް ހިފިއްޖެނަމަ، ދޫންޏަށް މާބޮޑު ގެއްލުމެއް ވެފައި ނުވާނަމަ، އެ ދޫނި ދޫކޮށްލަންވާނެއެވެ.

(ރ) މިގޮތަށް ދޫކޮށްލާ ދޫންޏަށް ބޮޑެތި ގެއްލުންވެފައި ވާނަމަ އަމަލުކުރާނީ، މި ޖަދުވަލުގެ (ނ) ގެ 2.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

 

.3 ގަވާއިދާ ހިލާފަށް ގެންގުޅ،ޭ ހިމާޔަތްކޮށްފައިވާ ދޫނީގެ މައްސަލަ އެޖެންސީއަށް ރިޕޯޓުކުރުމާއި، ދޫންޏާ އެޖެންސީންހަވާލުވުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ހިމާޔަތްކޮށްފައިވާ އެއްވެސް ބާވަތެއްގެ ދޫންޏެއް ގެންގުޅ،ެ ހިފައި، ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު އެނގޭނަމަ، އެކަން އެޖެންސީއަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރަން ވާނެއެވެ.

(ށ) އެޖެންސީ ފިޔަވައި އެހެން ތަންފީޒީ އިދާރާ (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) އިނ،ް ހިމާޔަތްކޮށްފައިވާ ދޫންޏެއް/ ދޫނިތަކެއް، އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހިނދ،ު އެޖެންސީއަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެން، ނުވަތަ ވައިބަރ ފަދަ މުއާސަލާތީ އެހެން ވަސީލަތެއް މެދުވެރިކޮށް އެޖެންސީއަށް ވަގުތުން އަންގަންވާނެއެވެ.

(ނ) އެޖެންސީ ފިޔަވައި އެހެން ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިނ،ް އެ ތަކެތި އެ އިރަކު ހުރި މާހައުލު ސާފުވާނޭހެން ދޫނީގެ ފޮޓޯއާއި، އެ ހިފައިގެން ގެންގުޅުނު ފަރާތްތަކުގެ މައުލޫމާތާއި، ތަހުގީގަށް ބޭނުންވާ އެހެނިހެން ފޮޓޯއާއި މައުލޫމާތު ތަންފީޒީ އިދާރާއިން ފުރިހަމައަށް ނަގަންވާނެއެވެ.

(ރ) އެޖެންސީ ފިޔަވައި، އެހެން ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެނެވޭ ދޫނިތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާނަމަ، އެ ތަކެތި އެ އިރަކު ހުރި މާހައުލަށް އަނބުރާ ދޫކޮށްލަންވާނެއެވެ. އަދި ދޫނިތައް ދޫކޮށްލުމުގެ ކުރިން އެޖެންސީއަށް އެކަން އަންގައި، އެޖެންސީގެ ލަފާގެ މަތީން އަމަލު ކުރަންވާނެއެވެ.

(ބ) އެޖެންސީ ފިޔަވައި އެހެން ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެނެވޭ ދޫނ،ި ސިއްހީ ފަރުވާ ބޭނުންވާ ފަދަ ހާލަތުގައިވާނަމަ، މި ޖަދުވަލުގެ (ނ) ގެ 1.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަ ގޮތަށް އަމަލުކުރާށެވެ.

(ޅ) އެޖެންސީ ފިޔަވައި ތަންފީޒީ އެހެން އިދާރާއެއްގެ ބެލުމުގެ ދަށަށް ދޫނިތައް ގެންނަތާ ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ލިބިފައިވާ އެންމެހައި މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، ކަން ހިނގައިދިޔަގޮތުގެ ފުރިހަމަ ރިޕޯޓެއް، އެ ތަންފީޒީ އިދާރާއިން އެޖެންސީއަށް ހުށަހަޅަންވާނެއެވެ.

 

(ރ) ކަންޒުކަހަނބާއި އެސޮރުމެންގެ މާހައުލުތައް ރައްކައުތެރިކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތައް

.1 ގުދުރަތީ މާހައުލުގައި ފެންނަ ކަންޒުކަހަނބުގެ ތަބީއަތު ދަމަހައްޓައި، އެއަށް ބުރޫނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، މިކަމުގައި ގެންގުޅެންވީ އުސޫލުތައް.

1.1 ދިވެހިރާއްޖޭގައި ކަންޒުކަހަނބު އާލާވެފައިވާ ސަރަހައްދުތަކުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ކަންޒުކަހަނބެއް ދިވެހިރާއްޖޭގައި އާލާވެ ދިރިއުޅޭ ސަރަހައްދަކުން ފެނިއްޖެ ހާލަތެއްގައި، ކަހަނބުގެ ތަބީއީ އުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

(ށ) ވަލުތެރެއިން ނުވަތަ ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދަކުން ކަންޒުކަހަނބެއް ފެނިއްޖެނަމަ، 1 (އެކެއް) މީޓަރަށް ވުރެ އެޔާ ކައިރިވެގެން ނުވާނެއެވެ. އަދި ދާންވާނީ އޭގެ އަރިމަތިންނެވެ. މިފަދަ ދިރުމަކަށް ފައިން އަރައި، އެއްވެސް ގެއްލުމެއް ދީގެންނުވާނެވެ.

(ނ) ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދެއްގެ ގޮތުގައި އެޖެންސީން ފާހަގަކޮށްފައިވާ ސަރަހައްދަކަށް ވަދެ ނުކުމެ އުޅެންވާނީ ފައިމަގުގައެވެ.

(ރ) ގުދުރަތީ މާހައުލުން ފެންނަ ކަންޒުކަހަނބުގައި، އެއްވެސް ގޮތަކަށް އަތްލައިގެން ނުވާނެއެވެ.

(ބ) ގުދުރަތީ އެއްވެސް މާހައުލެއްގައި ހަރަކާތްތެރިވަނިކޮށް ފެންނަ ކަންޒުކަހަނބަށް ކާންދީގެން ނުވާނެއެވެ.

(ޅ) ދަނޑުވެރިކަން ކުރުމުގައި ކަންޒުކަހަނބުގެ މާހައުލުތަކުގައި ނުވަތަ އޭގެ ކައިރި ސަރަހައްދެއްގައި އަލިފާން ރޯކުރާކަމުގައި ވާނަމަ ރޯކުރަންވާނީ، ކަންޒުކަހަނބުގެ މާހައުލުގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދ،ާ އެންމެ މަދުވެގެން ވެސް، 20 (ވިހި) މީޓަރު ދުރުންނެވެ.

(ކ) ދަނޑުވެރިކަން ކުރުމުގައި ކަންޒުކަހަނބު ދިރިއުޅޭ މާހައުލާ ކައިރި ސަރަހައްދެއްގައި ޕެސްޓިސައިޑް ބޭނުންކުރާ ކަމުގައިވާނަމަ އެކަން ކުރަންވާނީ، ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅައިފައިވާ ގޮތުގެ މަތީނ،ް ރައްކައުތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އަޅައިގެނ،ް ވަށައިގެންވާ މާހައުލަށް، އެ ބޭނުންކުރާ ޕެސްޓިސައިޑްތައް ނުފެތުރޭ ގޮތަށެވެ.

(އ) ކަންޒުކަހަނބު ދިރިއުޅޭ މާހައުލުތައް ފާހަގަކޮށް، މިނިސްޓްރީއާއި ކައުންސިލްތަކާ ގުޅިގެން މި ސަރަހައްދުތަކުގެ އިންވަކިކޮށް، މިއީ ކަންޒުކަހަނބުގެ މާހައުލެއްކަން ފާހަގަކުރާ ބޯޑެއް ހަރުކުރަންވާނެއެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި މިފަދަ ސަރަހައްދުތަކުގައި ބައުންޑަރީ ފެންސެއް، އެޖެންސީގެ ހުއްދައާއި އިރުށާދާއެކު ޖެހިދާނެއެވެ.

(ވ) ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދުގައި ނުވަތަ އޭގެ ކައިރީގައި، މި ތަކެތި ވެއްޓި ތާށިވެދާނެފަދަ ވަޅުގަނޑުގަނޑު ކޮނެފައި ބަހައްޓައިގެން ނުވާނެއެވެ.

1.2 ކަންޒުކަހަނބު މާހައުލުގައި ބިސްއަޅަނިކޮށް ފެނިއްޖެނަމަ އަމަލުތައް ބަހައްޓަންވާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ކަންޒުކަހަނބު އާލާވެފައިވާ މާހައުލުގައި ބިސް އަޅާނަމަ، ބިސްވަޅުން ޅަ ކަހަނބު އޭގެ އަމިއްލަ ޒާތުގައި ނުކުންނަންދެނ،ް ބިސްވަޅަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެއެވެ.

(ށ) ބިސްވަޅާ މާބޮޑަށް ގާތްނުވެ، މި މަންޒަރު ބަލައިލަން ބޭނުންނަމަ، ބިސްވަޅާއި ބިސްއަޅަން އޮންނަ ކަންޒުކަހަނބާ މަދުވެގެން 2 (ދޭއް) މީޓަރު ވަރު ދުރުގައި، ކަންޒުކަހަނބުގެ ކުރިމައްޗަށްވާ ގޮތަށް މަޑުކޮށްގެން ނުވާނެއެވެ.

(ނ) އެ ސަރަހައްދެއްގައި ދިއްލައިފައިވާ އަލިގަދަ ބޮކިތައް ނިއްވައި، އެ ސަރަހައްދުގައި ހަރަކާތްތެރިވުން ވީހާވެސް މަދުކުރަންވާނެއެވެ.

(ރ) އަޑުގަދަވާ ޒާތުގެ އެއްވެސް ކަމެއް، އެ ސަރަހައްދުގައި ކޮށްގެން ނުވާނެއެވެ.

(ބ) ފްލޭށްލައިޓް ބޭނުންކޮށްގެން ފޮޓޯނެގުމާއި ކަންޒުކަހަނބުގެ މޫނަށް އަލިއަޅުވައިގެން ނުވާނެއެވެ. ފޮޓޯ ނަގާނަމަ ނަގަންވާނީ، ބިސްއަޅާ ކަންޒުކަހަނބަށް އެއްވެސް އުނދަގުލެއް ނުވާގޮތަށް، ރަތްކުލައިގެ ބައްތިއެއް ބޭނުންކޮށްގެންނެވެ.

(ޅ) ކަންޒުކަހަނބު ބިސްއެޅުމަށް ހުރަސްއެޅޭފަދަ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެއެވެ.

(ކ) ބިސް އަޅަން އޮންނަ ކަންޒުކަހަނބުގައި ނުވަތަ އޭގެ ބިހުގައި އަތްލައިގެން ނުވާނެއެވެ.

(އ) ކަންޒުކަހަނބުގެ ބިސްވަޅު ކޮނ،ެ ބިސް ނަގައި ނުވަތަ ބިސްވަޅަށާއި ބިހަށް އެއްވެސް ގެއްލުމެއް ދީގެން ނުވާނެއެވެ.

(ވ) ބިސްއަޅާ ކަންޒުކަހަނބެއް، ބިސްވަޅު ކައިރީގައި ތާށިވެފައިވާނަމަ، (އޭގެ އަމިއްލަ ޒާތުގައި އަނބުރާ ނުދެވި އޮންނަ ހާލަތްތަކުގައި)، އެކަން ވަގުތުން އެޖެންސީއަށް އަންގަންވާނެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައިވާ ކަންޒުކަހަނބެއް ފެނިއްޖެނަމަ، ކަންޒުކަހަނބު ސަލާމަތްކުރުމުގައި ރައްކައުތެރިކަމަށާއި އެކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކައުތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

1.3 ބިސްވަޅުން ނުކުންނަ ޅަ ކަންޒުކަހަނބާ މެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ކުދި ކަންޒުކަހަނބު ނުވަތަ ޅަ ކަންޒުކަހަނބު ބިސްވަޅުން ނުކުންނަ މަންޒަރު ފެނިއްޖެނަމަ، ބިސްވަޅާ ކައިރިވެގެން ނުވާނެއެވެ. އަދި މި މަންޒަރު ބަލައިލަން ބޭނުންނަމަ މަޑުކުރާނީ، ބިސްވަޅާ މަދުވެގެން 3 (ތިނެއް) ފޫޓެއްހައި ދުރުގައެވެ.

(ށ) އެސޮރުމެން ބެލުމަށް، (ރޭގަނޑު ނަމަ) ފްލޭށްލައިޓް ނާޅުވާށެވެ. މީގެ ބަދަލުގައި ރަތްކުލައިގެ ބައްތިއެއްގެ އަލިނ،ް ޅަ ކަހަނބުތައް ބަލައިލެވިދާނެއެވެ. ނަމަވެސް އެއިން އެއްވެސް ކަހަނބެއްގައި އަތްލައިގެން ނުވާނެއެވެ.

(ނ) ޅަ ކަންޒުކަހަނބަށް އޮޅިގެން ރަށުތެރެއަށް ނުކުންނަން ފަށައިފިނަމަ، މި ހާލަތުގައި އެފަދަ ކަންޒުކަހަނބު ނަގައި، އަވަހަށް އޭގެ މާހައުލަށް ރުޖޫއަކުރާށެވެ. އެއްވެސް ހާލެއްގައި މި ތަކެތި ނަގައިގެން ގެންގޮސް ގޭގައި ނުވަތަ އެހެން ތަނެއްގައި ވެސް ގެންގުޅެގެން ނުވާނެއެވެ. އަދި މިފަދަ ކަމެއް ހިނގައިފިނަމަ، ވީހާވެސް އަވަހަކަށް އެޖެންސީއަށް މި މައުލޫމާތު ފޮނުވަންވާނެއެވެ.

1.4 ގެއްލުމެއް ލިބިފައިވާ ނުވަތަ ބަލިވެފައިވާ ކަންޒުކަހަނބާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ހ) އެއްވެސް ގޮތަކަށް ގެއްލުމެއް ލިބިފައިވާ ނުވަތަ ބަލިވެފައިވާ ކަންޒުކަހަނބެއް ފެނިއްޖެނަމަ، އެންމެ ފުރަތަމަ ބަލާނީ، އެ ކަންޒުކަހަނބު އެއްޗެއްގައި އަޅައިގަނެ ނުވަތަ އައްސައިފައިވޭތޯއެވެ. އަދި އެއްވެސް ގޮތަކަށް އެ ކަންޒުކަހަނބު ތާށިވެފައިވާނަމަ، އެ ތާށިވެފައިވާ އެއްޗަކުން ސަލާމަތް ކުރަންވާނެއެވެ.

(ށ) ސަލާމަތްކުރެވޭ ކަންޒުކަހަނބު ނަގާއިރު، އޭގެ ތޮށިގަނޑުގެ ދެފަރާތުގައި ހިފައިގެން ނަގާށެވެ. އަދި މިފަދައިން ކަންޒުކަހަނބު ނަގައިގެން އުޅޭއިރު، އެސޮރުމެންގެ އަނގަޔާ ވީހާވެސް ދުރުން އަތް ގެންގުޅޭށެވެ. ކަންޒުކަހަނބަކީ، ދަތްއެޅުމުގެ ކުޅަދާނަކަން ލިބިފައިވާ ޖަނަވާރެކެވެ.

(ނ) ސަލާމަތްކުރެވޭ ކަންޒުކަހަނބު، އެޖެންސީން ހުއްދަދީފައިވާ ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކާ ގުޅައި، އެފަރާތުގެ އިރުށާދުގެ ދަށުން ކުރިޔަށްގެންދާށެވެ. މިފަދަ ޖަމުއިއްޔާތަކުގެ މައުލޫމާތު އެޖެންސީގެ ވެބްސައިޓުގައި ލިބެންހުންނާނެއެވެ. އަދި މިފަދަ މަރުކަޒަކަށް ގެންދެވެންދެނ،ް ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ރ) ކަންޒުކަހަނބަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ޓަކައި އޭގެ ފޮޓޯ ނަގާށެވެ. އަދި އޭގެ ގައިން ތަނެއް ހަލާކުވެފައިވޭތޯ ބަލައި ޗެކްކުރުމަށްފަހު، ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކާ އެ މައުލޫމާތު (ފޮޓޯއާއެކު) ހިއްސާ ކުރަންވާނެއެވެ. މި ފޮޓޯތަކުގެ ބޭނުމަކީ، ވެލާގެ ސިއްހީ މަރުކަޒުތަކުގައި ފަރުވާ ހޯދަންޖެހޭ ކަންޒުކަހަނބެއްކަން ދެނެގަނ،ެ މިފަދަ ހާދިސާތަކުގެ ރިކޯޑު ބެލެހެއްޓުމެވެ.

(ބ) މިފަދަ މަރުކަޒަކަށް ކަންޒުކަހަނބު ގެންދިޔުމަށް ޓަކައި، ކަންޒުކަހަނބު ނުފިތޭނެ ވަރުގެ އަދި އޭގެ ފައިތައް ތާށިނުވާނެ ކަހަލަ ފޮށިގަނޑަކަށް ލުމަށްފަހު، ނޭވާލެވޭނެ ގޮތަށް ލޯވަޅު އަޅައިފައި ފޮނުވިދާނެއެވެ. މިކަން ކުރަންވާނީ، އެޖެންސީއަށް އެންގުމަށްފަހުގައެވެ.

(ޅ) މިފަދައިން ފޮށީގައި ކަންޒުކަހަނބު ބާއްވާއިރު އެސޮރުމެން ބާއްވަންވާނީ ބަނޑުވަތަށެވެ. އިދިފުށަށް ޖަހައިފިނަމަ، އެސޮރުމެންނަށް ނޭވާލާން އުނދަގޫވާނެއެވެ.

(ކ) ސަލާމަތްކުރެވޭ ގެއްލުމެއް ލިބިފައިވާ ކަންޒުކަހަނބު މަތީގައިވާ ގޮތަށް ހަވާލުނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެޖެންސީގެ ހޮޓްލައިނަށް، ވީ އެންމެ އަވަހަކަށް އެކަން އަންގަންވާނެއެވެ. އަދި އެޖެންސީން އެދޭ ފޮޓޯފަދަ މައުލޫމާތު އެޖެންސީއާ ހިއްސާ ކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މައުލޫމާތ،ު އެޖެންސީއަށް ލިބޭތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި އެޖެންސީން ކަންޒުކަހަނބާ ހަވާލުވާން ވާނެއެވެ. އެޖެންސީއަށް ކަންޒުކަހަނބާ ހަވާލުނުވެވޭނަމަ، އެއާ ހަވާލުވާނެ ފަރާތެއް ހަމަޖެއްސުމުގެ އިހްތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.

 

.2 ގަވާއިދާ ހިލާފަށް ގެންގުޅޭ ކަންޒުކަހަނބު އެޖެންސީއަށް ރިޕޯޓުކުރުމާއި، އެޖެންސީން ވެލަޔާއި ކަހަނބާ ހަވާލުވުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) އެޖެންސީ ފިޔަވައި، އެހެން ތަންފީޒީ އިދާރާއަކުން (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) ކަންޒުކަހަނބެއް، އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހިނދ،ު އެޖެންސީގެ ހޮޓްލައިނަށް ގުޅައިގެން ނުވަތަ އީމެއިލްކޮށްގެނ،ް ނުވަތަ ވައިބަރ ފަދަ މުއާސަލާތީ އެހެން ވަސީލަތެއް މެދުވެރިކޮށް، އެޖެންސީއަށް ވަގުތުން އަންގަންވާނެއެވެ.

(ށ) އެޖެންސީ ފިޔަވައި އެހެން ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށަށް ނެގުމުގެ ކުރިނ،ް އެ ތަކެތި އެ އިރަކު ހުރި މާހައުލު ސާފުވާނޭހެނ،ް ކަންޒުކަހަނބުގެ ފޮޓޯއާއި އެ ހިފައި ގެންގުޅުނު ފަރާތްތަކުގެ މައުލޫމާތާއި، ތަހުގީގަށް ބޭނުންވާ އެހެނިހެން ފޮޓޯއާއި މައުލޫމާތު ތަންފީޒީ އިދާރާއިން ފުރިހަމައަށް ނަގަންވާނެއެވެ.

(ނ) އެޖެންސީ ފިޔަވައި، އެހެން ތަންފީޒީ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެނެވޭ ކަންޒުކަހަނބަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާނަމަ، ވެޓެރިނަރީ އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހު، ކަންޒުކަހަނބު ދިރިއުޅޭ ރަށެއްގައިވާ އޭގެ މާހައުލަށް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. މިކަމުގައި އަމަލުކުރަންވާނީ އެޖެންސީގެ ލަފަޔާ އެއްގޮތަށެވެ.

(ރ) އެޖެންސީ ފިޔަވައި، ތަންފީޒީ އެހެން އިދާރާއެއްގެ ބެލުމުގެ ދަށަށް ގެނެވޭ ކަންޒުކަހަނބު ސިއްހީ ފަރުވާ ބޭނުންވާފަދަ ހާލަތުގައިވާނަމަ، އެޖެންސީގެ ލަފާގެ މަތީން ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ގުޅައިގެން ފަރުވާދިނުމުގެ ކަންކަން ކުރިޔަށް ގެންދަންވާނެއެވެ.

(ބ) އެޖެންސީ ފިޔަވައި، ތަންފީޒީ އެހެން އިދާރާއެއްގެ ބެލުމުގެ ދަށަށް ގެނެވޭ ކަންޒުކަހަނބަކީ، ގެއްލުމެއް ލިބިފައިވާ ކަންޒުކަހަނބަކަށްވާނަމަ، ގެއްލުމެއް ލިބިފައިވާ ނުވަތަ ބަލިވެފައިވާ ކަންޒުކަހަނބާމެދު އަމަލުކުރާނީ، މި ޖަދުވަލުގެ (ރ) ގެ 1.4 ވަނަ ނަންބަރުގައިވާ ގޮތަށެވެ.އަދި ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ގެންގޮސް ބެލުމަށްފަހު، ފަރުވާދޭން ނުޖެހޭނަމަ އޭގެ މާހައުލަށް، ވީ އެންމެ އަވަހަކަށް ދޫކޮށްލަންވާނެއެވެ.

(ޅ) އެޖެންސީ ފިޔަވައި، ތަންފީޒީ އެހެން އިދާރާ (ފުލުހުންނާއި، ސިފައިންނާއި، ކަސްޓަމްސް) ގެ ބެލުމުގެ ދަށަށް ގެންނ،ަ ގެއްލުން ލިބިފައިވާ ކަންޒުކަހަނބާއި ވެލަޔާއި ކަހަނބު ފަދަ ތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ގެންދިއުމުގައި ނުކުޅެދިއްޖެނަމަ، އެ މައުލޫމާތު އެޖެންސީއަށް ރިޕޯޓު ކުރާތާ 24 (ސައުވީސް) ގަޑިއިރުގެ ތެރޭގައި، އެ ތަކެއްޗާ އެޖެންސީން ހަވާލުވެ ނުވަތަ ހަވާލުވާނެ ފަރާތެއް ހަމަޖައްސައި، ވީ އެންމެ އަވަހަކަށް ރިހެބިލިޓޭށަން ސެންޓަރަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ކ) އެޖެންސީ ފިޔަވައި ތަންފީޒީ އެހެން އިދާރާއެއްގެ ބެލުމުގެ ދަށަށް ނެގޭތާ ރަސްމީ 7 )ހަތެއް( ދުވަހުގެ ތެރޭގައި، ކަން ހިނގައިދިޔަގޮތުގެ ފުރިހަމަ ރިޕޯޓެއް، ލިބިފައިވާ އެންމެހައި މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރުމަށްފަހު، އެޖެންސީއާ ހިއްސާ ކުރަންވާނެއެވެ.

 

.3 މަރުވެފައިވާ ކަންޒުކަހަނބާމެދު އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ގުދުރަތީ މަރަކުން މަރުވެފައިވާ ކަންޒުކަހަނބެއް ކަމަށް ބެލެވޭ ހާލަތެއްގައި، މަރުވެފައިވާ ކަންޒުކަހަނބު އޭގެ ގުދުރަތީ މާހައުލުގައި ފަނާވުމަށް ދޫކޮށްލާށެވެ. ނަމަވެސް، ކަންޒުކަހަނބު މަރުވެފައިވަނީ މީހެއްގެ އިހުމާލުންކަމަށް ބެލެވޭނަމަ، ފޮޓޯއާއެކު، އެކަމާ ގުޅޭ އިތުރު 
މައުލޫމާތު އެޖެންސީއާ ހިއްސާ ކުރަންވާނެއެވެ.

(ށ) ގިނަ އަދަދަކަށް ކަންޒުކަހަނބު މަރުވެފައިވާނަމަ ނުވަތަ މަރުވެފައިވަނީ، އާދަޔާ ހިލާފު ގޮތަކަށްކަމަށް ށައްކުކުރެވޭނަމަ، އެކަން އެޖެންސީގެ ސަމާލުކަމަށް ގެންނަންވާނެއެވެ.

(ނ) ގިނަ އަދަދަކަށް ކަންޒުކަހަނބު މަރުވެފައިވާނަމަ ނުވަތަ މަރުވެފައިވަނީ، ގުދުރަތީ ކާރިސާއަކުން ނުވަތަ އާދަޔާ ހިލާފު ގޮތަކަށް ކަމަށް ށައްކުކުރެވޭނަމަ، އެކަން ދެނެގަތުމަށް ޓަކައި ހަދަންޖެހޭ އެސެސްމަންޓް އެޖެންސީން ހަދަންވާނެއެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ދެނެގަތުމަށްފަހު، އެޖެންސީއާ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަންވާނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-25)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު