ކ. ގާފަރުން ކުނި އުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 2023-144)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 14 އޯގަސްޓް 2023 ގައި)
1 ވަނަ މާއްދާ - ތައާރުފާއި ނަން
(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާ އާއެކު، އެ މާއްދާގެ (ށ) ގެ ދަށުން، ކައުންސިލުން އެކުލަވައިލައިފައިވާ ކުނި އުކައިލުމާއި ކުނި ނައް ތައިލުމާބެހޭ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ "ކ. ގާފަރުން ކުނި އުކައިލުމާއި ކުނި ނައްތައިލުމާބެހޭ ގަވާއިދު" އެވެ.
2 ވަނަ މާއްދާ - ކުނި މެނޭޖުކުރާނެ ތަނެއް ކަނޑައެޅުން
(ހ) މި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު، މި ގަވާއިދުގެ ބޭނުމަށް ޓަކައި ރަށުގެ ލޭންޑްޔޫޒް ޕްލޭނާއި، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްށަން އެޖެންސީން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ކުނި މެނޭޖުކުރާނެ ތަނެއް ކަނޑައެޅުމަށްފަހު 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކަން، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންފީޒުކުރާ އިދާރާއަށް، ކައުންސިލުން ލިޔުމުން އަންގަންވާނެއެވެ.
(ށ) ރަށުގެ ވަކި ތަނެއް އެއީ، ކުނި މެނޭޖުކުރާ ތަން ކަމުގައި ކަނޑައެޅުމުގައި ކައުންސިލުން އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ރަށުގައި ޖާގަ އޮތް މިންވަރަކުން، މީހުން ދިރިއުޅޭ ސަރަހައްދަށް ދަތިނުވާ ދުރުމިނެއްގައި، ކުނި އުފުލުމަށް ފަސޭހަ ހިސާބެއް ކަނޑައެޅުން؛
- ރައްކައުތެރި ގޮތެއްގައި ކުނި މެނޭޖުކުރެވޭފަދަ ތަނަކަށް ވުން؛
- އެ ތަނަށް ކުނި ޖަމާކުރުމުގެ ސަބަބުން ރަށުގެ ވެށްޓަށާއި އާންމު ސިއްހަތަށާއި އިގުތިސާދަށް ކޮށް ފާނޭ ނޭދެވޭ އަސަރު، އެންމެ ކުޑަވާނޭ ސަރަހައްދެއް ކަނޑައެޅުން؛
- އަހަރުގެ ބޮޑު ބައިގައި، ރަށަށް ވައިޖެހޭ މިސްރާބަށް ބަލައި، ކުނީގެ ވަހާއި ދުމުގެ އަސަރު، ރަށު ތެރެއަށް ކުރާ މިންވަރު އެންމެ ކުޑަވާނެ ސަރަހައްދެއް ކަނޑައެޅުން؛
- ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ރަށުގައިވާނަމަ، އެފަދަ ސަރަހައްދަކަށް ކުނީގެ ސަބަބުން ނެދެވޭ އަސަރު އެންމެ ކުޑަވާނެ ތަނެއް ކަނޑައެޅުން؛
- ކުނި މެނޭޖުކުރުމަށް ކަނޑައެޅޭ ސަރަހައްދަކީ، ކުނީގެ ސަބަބުން ރަށުގެ ގޮނޑުދޮށަށް އަސަރުނުކުރާނެ ސަރަހައްދެއް ކަމުގައި ވުން؛
- ފެންސު ޖަހައި ނުވަތަ ވަށާފާރު ރާނައި ނުވަތަ އެނޫންވެސް އެކަށީގެންވާ ގޮތަކަށް، ކުނި މެނޭޖުކުރުމަށް ކަނޑައަޅާ ސަރަހައްދު ވަކިކުރެވިފައި ވުން؛
- ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ފަދ،ަ ކުނި އެޅުން މަނާ ތަނެއްކަމަށް ކަނޑައަޅައިފައިވާ ތަނަކަށް ނުވުން.
3 ވަނަ މާއްދާ - ކުނި އުފުލުން
(ހ) ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް ނުވަތަ އެ ނޫން ވެސް ތަނަކަށް ކުނި ގެންދަންވާނީ، އާންމުންނަށް އުނދަގޫ ނުފޯރާ ގޮތަށް ރަނގަޅަށް ނިވާކޮށްގެންނެވެ. މީހެއްގެ އަތުން ވިޔަސް ނުވަތަ ކުނި އުފުލާ ހާއްސަ އުޅަނދެއް، ނުވަތަ ލޮރީއެއް، ނުވަތަ ޕިކަޕެއް، ނުވަތަ ގާޑިޔަލެއް، ނުވަތަ ވީލްބަރޯފަދަ އެއްޗެއްގައި ވެސް ކުނި ގެންދަންވާނީ، އެ ތަކެތި މަގުމައްޗަށް ނުފައިބާނޭހެން ރައްކައުތެރިކޮށްގެންނެވެ. އަދި ކުނި ގެންދާ އުޅަނދު، ގަވާއިދުން ދޮވެ ސާފުކޮށް ބަލަހައްޓަންވާނެއެވެ. އަދި ކުނި ގެންދާ އުޅަނދު ހުންނަންވާނީ ކުނީގެ ބާވަތްތައް ވަކިކުރެވޭނެ ގޮތަށެވެ.
(ށ) ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް ކުނި އެޅިއްޖެނަމަ، ވީހާވެސް އަވަހަކަށް އެ ތަނެއް ސާފުކުރަންވާނެއެވެ. އަދި ކުނި އެޅުނު ތަނެއް ސާފުނުކޮށްފިނަމަ، މި ގަވާއިދުގެ ބޭނުމަށް އެއީ މަގުމައްޗަށް ކުނި އެޅުންކަމުގައި ބެލެވޭނެއެވެ. އަދި ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ހަރަދު، އެކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން ނެގޭނެއެވެ.
(ނ) ކުނިގޮނޑުގައި މަސައްކަތްކުރާ މީހުން ފިޔަވައި އެހެން ފަރާތްތަކުން ކުނިގޮނޑަށް ކުނި ގެންދަންވާނީ، ކުނި ގެންދިއުމަށް މާލެއަތޮޅު ގާފަރު ކައުންސިލް އިދާރާއިން ކަނޑައަޅައި އިއުލާނުކޮށްފައިވާ ދުވަސް ތަކާއި ގަޑިތަކުގައެވެ. މިނޫން ހާލަތްތަކުގައި ކުނިގޮނޑަށް ކުނި ގެންދެވޭނީ، ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.
4 ވަނަ މާއްދާ - ކުނިގޮނޑަށް ކުނި އެޅުމުގައި އަމަލުކުރަންޖެހޭ ގޮތް
ކުނި މެނޭޖުކުރާ ސެންޓަރަށް ކުނި އަޅަންވާނީ، އެ ސެންޓަރުގައި އެ ކުންޏެއް އެޅުމަށް ހާއްސަކޮ ށްފައިވާ ތަނަކަށެވެ. އަދި ވަކިބާވަތެއްގެ ކުނި އެޅުމަށް ކަނޑައަޅައިފައިވާ ތަނަކަށް އެނޫން ބާވަތެއްގެ ކުނި އަޅައިފިނަމަ، ކުނި އުކަން ހަމަޖެހިފައިވާ ތަން ނޫން އެހެން ތަނަކަށް ކުނި އެޅީކަމުގައި ބަލައި، މި ގަވާއިދުގެ ދަށުން އެ ފަރާތަކާމެދު ފިޔަވަޅު އެޅޭނެއެވެ.
5 ވަނަ މާއްދާ - ކުނި އެންދުން
(ހ) ކުނި އަންދަންވާނީ، އެ ނޫން އެއްވެސް ގޮތެއް ނެތްނަމައެވެ. އަދި ކުނި އަންދަން ޖެހިއްޖެ ހާލަތެއްގައި ކުނި އަންދަންވާނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން، އާންމު ސިއްހަތަށާއި ތިމާވެށްޓަށް އެންމެ ގެއްލުން ކުޑަވާނޭ ގޮތުގެ މަތީންނެވެ. ކުނި އަންދަންވާނީ، އެކަމަށް އެ ކައުންސިލުން ކަނޑައަޅާ ދުވަހެއްގައި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ. އަދި ދުވަސް ކަނޑައަޅަންވާނީ، ވައި ދައުރުވާ ގޮތާއި، ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުނި މެނޭޖުކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށް ކުނި އަޅަންވާނީ، ހެނދުނު 8:00 އިން ހެނދުނު 10:00 އާ ދެމެދުއެވެ. ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ވަގުތެއްގައެވެ.
(ނ) ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނ،ި ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ސްކޫލް، ޓިއުށަން ކުލާސްފަދަ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނާއި، އަމިއްލަ މީހުންގެ ގޯތިތަކާއި، ގޭބިސީތަކާއި، އަދި މިނޫން ވެސް މިފަދަ ތަންތަނުން އެއްވެސް ހާލަތެއްގައި ކުނި އަންދައިގެން ނުވާނެއެވެ. އަދި ކުނިކޮށި އެބައެއްގެ ބިމުގައި ހަދައިގެން ވެސް ނުވާނެއެވެ. އަދި ހާއްސަ ހާލަތެއްގައި ނައްތައިލަންޖެހޭފަދަ ބާވަތެއްގެ ކުނި ކައުންސިލުގެ ހުއްދަ ލިބިގެން ނައްތައިލެވިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައިވާ ހާއްސަ ހާލަތެއްގައި ނައްތައިލަންޖެހޭފަދަ ބާވަތެއްގެ ކުނިފަދަ ތަކެތި އަންދަންވާނީ ވެސް، އެ ސަރަހައްދުގައި ހުރ،ި ސަރުކާރާއި އަމިއްލަ މީސްމީހުންގެ އިމާރާތާއި، އެ ތަންތަނުގައި އުޅޭ މީހުންނަށް ދަތިނުވާނޭ ގޮތެއްގެ މަތީންނެވެ. އަދި މިނޫން އެއްވެސް އެއްޗެއް އިސްވެ ބަޔާންކޮށްފައިވާ ތަނެއްގައި އަންދައިގެން ނުވާނެއެވެ.
(ބ) ގޭސް ރައްކައުކޮށްފައިވާ ތަކެއްޗާއި، ޕްލާސްޓިކާއި ފައިބަރުފަދަ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނެ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ސިއްހަތަށް ގެއްލުންވާފަދަ ތަކެތި އަންދަންވާނީ ކުނިކޮށީގައި އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ނުވަތަ ހާއްސަކޮށްފައިވާ މެށިނުގައެވެ.
6 ވަނަ މާއްދާ - އަމިއްލަ ގޯތީގައި ކުނި އެންދުން
(ހ) މި ގަވާއިދު ގެ 5 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކައުންސިލުގެ ހާއްސަ ހުއްދައަކާއެކު ކޮންމެހެން ގޯތީގައި އަންދަންޖެހޭ ކުނި އެންދުމަށް ކައުންސިލަށް ހުއްދަ ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކައުންސިލުން ހުއްދަ ދިނުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.
- ކުނީގެ ބާވަތުން އެ ކުނި އެ ސަރަހައްދެއްގައި އަންދައިފިނަމަ، އެކަމުން އާންމުންނަށް އުނދަގޫވެދާނެކަން ނުވަތަ ނޫންކަން؛
- ކުނި އެންދުމުގެ ހުއްދަ އަށް އެދިފައިވާ ގޯއްޗަކީ އެފަދަ ކަމެއް ކުރުމަށް އެކަށީގެންވާ ސަރަހައްދެއްގައި އޮތް ގޯއްޗެއްކަން ނުވަތަ ނޫންކަން؛
- ކުނި އެންދުމުގެ ހުއްދައަށް އެދިފައިވާ ސަރަހައްދުގައި ހުރ،ި ސަރުކާރާއި އަމިއްލަމީހުންގެ އިމާރާތްތަކަށް ނުވަތަ އެ ތަނުގައި އުޅޭ މީހުންނަށް ކޮށްފާނޭ އަސަރު؛
- އެންދުމުގެ ހުއްދައަށް އެދިފައިވާ ކުނީގެ ގިނަ/ މަދުމިން.
(ނ) ކުނީގެ ތެރެއިން ނުބައިވަސްދުވާ ތަކެއްޗާއި، އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެފަދަ ތަކެތި އުކައިނުލައި 1 (އެކެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް ގޯތީގައި އަދި ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި ބަހައްޓައިފިނަމަ، އެކަމަކީ މި ގަވާއިދުގެ ދަށުން މަގުމައްޗަށް ކުނި އެޅުމާ އެއްފަދަ ކަމެއްކަމުގައި ބަލައި،އެފަދަ ފަރާތްތަކާމެދު މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
(ރ) ގޯތީގައި ހުންނަ ކުނި އުކައިލެވެންދެން ވެސް އެފަދަ ކުނި ޖަމާކޮށްފައި ބަހައްޓަންވާނީ ކުނީގެ ބާވަތްތައް ވަކިކޮށްފައެވެ.
(ބ) އަމިއްލަ ގޯތީގައި އެންދުން މަނާ ތަކެއްޗާއި، ގޭސް ރައްކައުކޮށްފައިވާ ތަކެއްޗާއި، ޕްލާސްޓިކާއި ފައިބަރުފަދަ ތަކެއްޗާއި، އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވައިފާނޭ ތަކެއްޗާއި، އެންދުމުގެ ސަބަބުން ސިއްހަތަށް ގެންލުންވާފަދަ ތަކެތ،ި އަމިއްލަ ގޯތީގައި އެންދުމުގެ ހުއްދަ ދީގެންނުވާނެއެވެ.
7 ވަނަ މާއްދާ - ކުނި ޖަމާކުރުމާއި ބެހެއްޓުން
(ހ) ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނ،ި ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ސްކޫލް، ޓިއުށަން ކުލާސްފަދަ ތަންތަނާއި، ވިޔަފާރިކުރާ ތަންތަނާއި، އަމިއްލަ މީހުންގެ ގޯތިތަކާއި، ގޭބިސީތަކާއި، އަދި މިނޫން ވެސް މިފަދަ ތަންތަނުގައި ކުނި ބަހައްޓަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުނީގެ ބައިތައް ވަކިކޮށްފައެވެ.
- ކުނިވާ ޒާތުގެ ކާބޯތަކެތި؛ (މި ތަކެތި ބަހައްޓަންވާނީ، މަތިޖެހި ޓައްޕެއްފަދަ އެއްޗެއްގައެވެ.)
- ފަތްކުނި؛ (ފަތްކުނި ބަހައްޓަންވާނީ، ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅައި ފައެވެ. ފަތްކުންޏާއެކު އެއްވެސް ވަރަކަށް ވެލި އަޅައިގެން ނުވާނެއެވެ.)
- ދަގަނޑު، ދަގަނޑުދަޅު، އެލްމިނިޔަމް، ކޮޕަރ، ތިމަރަފަދަ އެންމެހައި ތަކެތި؛ (މި ތަކެތި ބަހައްޓަންވާނީ، ގޯންޏެއްގައި ނުވަތަ ފަސޭހައިން ނަގައިގެން ގެންދެވޭފަދަ ގޮތަކަށެވެ.)
- ޕްލާސްޓިކް ފުޅި، ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް ހަން، ފޮތިފަދަ ތަކެތި؛ (މި ތަކެތި ބަހައްޓަންވާނީ ގޯންޏެއްގައެވެ.)
- ބިއްލޫރީގެ ބާވަތްތައް؛ (މި ތަކެތި ބަހައްޓަންވާނީ، މަތިޖެހި ޓައްޕެއްގައެވެ.)
- ނެޕީއާއި ޕެޑްފަދަ ތަކެތި؛ (މި ތަކެތި ބަހައްޓަންވާނީ، ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅައި ފައެވެ.)
- އުނބު، ބޮނބި، ކުރުނބާގެ ފިހ،ި ކީސްކުނޑި ފަދަ ތަކެތި؛ (މި ތަކެތި ބަހައްޓަންވާނީ، ކޮތަޅަކަށް ނުވަތަ ގޯންޏަކަށް އަޅައި ފައެވެ.)
- ނުރައްކައުތެރި ކުނި (އެސިޑް، ފައިބަރ، ބެޓެރ،ި ކައްކާތެޔޮ ފިޔަވައި އެހެނިހެން ތެޔޮ، ގަސްކާނާގެ ގޮތުގައި ބޭނުންކުރާ ކެމިކަލާއި ޑޮކްޓަރީ ބޭސްފަދަ ކެމިކަލް، ދޮވުމަށް ބޭނުންކުރާ ކެމިކަލް، ސިއްހީ މަރުކަޒުން އުފެދޭ ކެމިކަލާއި، ބަލިމީހުންނަށް ފަރުވާދީފައި ބާކީވާ އެންމެހާ ނުރައްކައުތެރި ތަކެތި)؛ (މި ތަކެތި ބަހައްޓަންވާނީ،މީގެ އެއްވެސް އެއްޗެއް ބޭރުނުވާގޮތަށް ޕްލާސްޓިކް ކޮތަޅެއްގައި ނުވަތަ އެފަދަ އެއްޗެއްގައި ރައްކައުތެރިކަމާއެކު ބަންދުކޮށްފައެވެ.)
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކުނި އުކައިނުލައި ޖަމާކޮށްފައި 2 (ދޭޢް) ދުވަހަށްވުރެ ގިނަ ދުވަހު ބަހައްޓައިގެން ނުވާނެއެވެ. އަދި ކުނީގެ ބާވަތްތައް ގޯތިން ނެރެ މަގުމަތީގައި ބަހައްޓައިގެން ވެސް ނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަނެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބަހައްޓައިފައިވާ ކުނީގެ ތެރޭގައި ނުބައިވަސް ދުވާ އެއްޗެއް ނުވަތަ އުކައިނުލައި ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެފަދަ އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެއެވެ.
(ރ) ގޯތިތެރޭގައި ބަހައްޓަން ދަތިވާވަރަށް އުފެދޭ އަދި އުފައްދާ ގާކުނޑިޔާއި ކަނޑައި ފައިވާ ގިނަ އަދަދެއްގެ ރުއްގަސްފަދަ ތަކެތި އުކައިލެވެންދެން ބަހައްޓަންވާނީ، ކައުންސިލުގެ ހުއްދައާ އެކު، ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް، ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.
8 ވަނަ މާއްދާ - ކައުންސިލުން ކުނި އުކައިލުމުގެ ހިދުމަތް ދިނުން
(ހ) ކައުންސިލުން ވެސް ކުނި އުކައިލުމުގެ ހިދުމަތް ދޭންވާނީ، ގަވާއިދު ނަންބަރު 2022-109 (ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު) އާއި، މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
(ނޯޓް: މިއީ ކ.ގާފަރު ގެ ގަވާއިދަކަށްވާއިރު މި ނަންބަރުގައި ހަވާލާދޭ ގަވާއިދު ނަންބަރު 2022-109 އަކީ އއ. ފެރިދޫ ގެ ގަވާއިދެއްކަމުން މިއީ އޮޅުމެއް ކަމަށް ބެލެވޭ.)
(ށ) ކުނި އުކައިލުމުގެ ހިދުމަތް ދެވޭނީ، އެ ހިދުމަތް ރަޖިސްޓަރީ ކުރުމަށް އެދި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުންނެވެ. މިފަދައިން ކުނި އުކައިލުމަށް ބޭނުންވާ ފަރާތްތަށް ހިދުމަށް ދިނުމަށް، މި ގަވާއިދު ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ، ކައުންސިލަށް ދައްކަންވާނެއެވެ.
(ނ) ކުނީގެ ހިދުމަތާ ގުޅިގެން އެހައި ތަނަށް ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ކުނީގެ ހިދުމަތުން ވަކިވުމަށް އެދި އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރިހަމަކޮށް ކައުންސިލަށް ހުށަހެޅުމުން،އެ ފަރާތެއް އެ ހިދުމަތުން ވަކިކޮށްދޭންވާނެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގައިވާ ގޮތުގެ މަތީ ން ކައުންސިލަށް ހުށަހަޅާ ފޯމުތަކަށް،އެންމެ ލަސްވެގެން ވެސް، ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ގޮތެއް ނިންމައި އެ ފަރާތަކަށް އެކަން އަންގަންވާނެއެވެ.
(ބ) ކައުންސިލް މެދުވެރިވެގެން ކުނި އުކައިލުމުގެ ހިދުމަތް ހޯދާ ތަންތަނުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ތަންތަނުގައި ހުންނަ ކުނި ނަގައިގެން ކުނިގޮނޑަށް (ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް) ގެންދަންވާނެއެވެ.
- މީހުން ދިރިއުޅޭ ގެތަކާއި، ސައިހޮޓާތަކާއި ގެސްޓްހައުސްފަދަ ތަންތަނަށް ދުވާލަކު އެއްފަހަރު؛
- ފިހާރަތަކާއި، ކާޕެންޓަރީ ވޯކްށޮޕްފަދަ ތަންތަނުން، މި އުސޫލުގައިވާ ގޮތުގެ މަތީން އެ ފަރާތަކުން ނަގައިފައިވާ ޕްލޭނާ އެއްގޮތަށް؛
- މީހުން ދިރިނޫޅޭ ގެތަކާއި ފަޅުގޯތިތަކުން ކުނިނެގުމަށް އެދި ކައުންސިލު ގައި އެދުމުން (ދުވަހު ފީއެއް ނަގާގޮތަށް)؛
- ހައްޖުދުވަހާއި، އަޒުހާ އީދުދުވަހާއި، ފިތުރު އީދުދުވަހާއި، ރަމަޒާންމަހުގެ ފުރަތަމަ ދުވަހު ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަދިގެއިން ބާކީވާ އެއްޗެއްސާއި، ނެޕީފަދަ ކުނިވާޒާތުގެ ތަކެއްޗެވެ.
(ޅ) ކައުންސިލް މެދުވެރިކޮށް ކުނީގެ ހިދުމަތް ހޯދާ ތަންތަނުން ކުނީގެ ބައިތައް ވަކިކޮށް ފަސޭހައިން ނަގައިގެން ގެންދެވޭނެ ގޮތަކަށް ވަކި ތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ، ތަނުގެ ވެރިފަރާތުގެ ނުވަތަ ހަވާލުވެހުރި ފަރާތުގެ ޒިންމާއެކެވެ. މިގޮތަށް އުކައިލުމަށް ޓަކައި ޖަމާކުރެވޭ ކުނި ހުންނަންވާނީ ގޯނި ނުވަތަ ޓައްޕު ފަދަ ތަކެއްޗަށް އަޅައި ބަންދުކޮށްފައެވެ. މި ގޮތަށް ކުނި އަޅައިފައި ބަހައްޓާއިރު، 2 (ދޭޢް) މީހުންނަށް ނޫފުލޭވަރުގެ ބޮޑެތި ތަކެއްޗަށް ކުނިއަޅައިފައި ބަހައްޓައިގެން ނުވާނެއެވެ.
9 ވަނަ މާއްދާ - ކުނި މެނޭޖުކުރާ ތަންފިޔަވައި އެހެން ތަނަކަށް ކުނިއެޅުން
ކުނި މެނޭޖުކުރުމަށް ކައުންސިލުން ކަނޑައަޅާ ތަން ނޫން އެހެން ތަނަކަށް ކުނި އަޅައިފިނަމަ، އެކަން ކުރި ފަރާތަކާމެދު، މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
10 ވަނަ މާއްދާ - ފަޅުގޯތިތަކާއި، މަގާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުން
(ހ) ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާ އިންވެގެންވާ މަގުތަކާއި، ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާ އިންވެގެންވާ މަގުތަކާއި، އެހެނިހެން ބޭނުންތަކަށް އެކި އިދާރާތަކަށް ދޫކޮށްފައިވާ ބިންތަކާ އިންވެގެންވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަކީ، އެ ގޯތިތަކާއި ބިންތައް އެ ވަގުތަކު ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުގެ ޒިންމާއެކެވެ.
(ށ) ގޯތިތެރެއާއި މަގުމައްޗާވީފަޅި ބާއްވަންވާނީ، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އެއްވެސް އުނދަގުލެއް ނުވާ ގޮތަށް ވިނަނޮޅައި ސާފުކޮށްފައެވެ. އަދި ސާފުތާހިރުކޮށް މަގުމައްޗާވީފަޅި ބޭއްވުމަށް މަގުމައްޗާވީފަޅި ކުނިކަހައި ސާފުކުރަންވާނެއެވެ.
(ނ) މީހުން ދިރިނޫޅޭ ގޯތިތަކާއި، އެ ގޯތިތަކުގެ މަގުމައްޗާވީފަޅި، މަދުވެގެން ކޮންމެ 3 (ތިނެއް) މަހުން އެއްފަހަރު ނޮޅައި ސާފުކޮށް ބަލަހައްޓަން ޖެހޭނެއެވެ. އަދި މަގުމައްޗާވީފަޅި އަކީ، ގަސްގަހުން ފަތްފައިބާ ފަޅިއެއްނަމަ، ހަ ފުތާއަކު މަދުވެގެން 2 (ދޭޢް) ފަހަރު ކުނިކަހައި ސާފުކުރަންވާނެއެވެ.
11 ވަނަ މާއްދާ - ކުނި އުކައިލުމަށް ފީނެގުން
(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ކައުންސިލުން ކުނީގެ ހިދުމަތަށް ފީއެއް ނެގިދާނެއެވެ.
(ށ) ކުނީގެ ހިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާ، ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުން އަންގާ ފަރާތަކަށް ދައްކަންވާނެއެވެ.
(ނ) ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ކުނީގެ ހިދުމަތުގެ އަގު ނުވަތަ ފީ ނުދައްކާ އޮވެއްޖެނަމަ، ކުނީގެ ހިދުމަތުގެ އަގު ނުވަތަ ފީ ދެން ބަލައިގަނެވޭނީ، އިތުރުވާ ކޮންމެ ދުވަހަކަށް 1 (އެކެއް) ރުފިޔާގެ ޖޫރިމަނާ އަކާއެކުގައެވެ. (ދުވަސްތައް ގުނުމުގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކެއް ނުހިމެނޭނެއެވެ.)
(ރ) ކުނި ނެގުމުގެ ފީ ނުދައްކައި 2 (ދޭޢް) މަސްދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ، ހިދުމަތްދިނުން މެދުކަނޑައިލެވޭނެއެވެ. އަދި އަލުން ހިދުމަތް ދޭން ފެށޭނީ، އެހައިތަނަށް ނުދައްކައި އޮތް ފައިސާއެއް ދެއްކުމުންނެވެ.
12 ވަނަ މާއްދާ - ހާއްސަ ހާލަތުގައި ނަގަންޖެހޭ ކުނި
ހާއްސަ ހާލަތުގައި ނަގަންޖެހޭ ކުނިކަމަށް ބަލާނީ ރުއްގަސްކޮށުމާއި ކެނޑުމުގެ ސަބަބުން އުފެދޭ ކުންޏާއި ގާކުނޑިއާއި، އާންމު ގޮތެއްގައި އުފެދޭ ކުނި ފިޔަވައި އުފެދޭ ނުވަތަ އުފައްދާ އާދަޔާ ހިލާފު ގިނަ ކުންޏެވެ. ގާކުނޑި ނައްތައިލުމަށް ހަމަޖެހިފައިވަނީ ކުނިގޮނޑަށް ގެންގޮސްގެންކަމަށް ނުވާތީ، ގާކުނޑި އަޅަންވާނީ ކައުންސިލުން އެކަމަށް ޓަކައި ކަނޑައަޅާ ހާއްސަ ތަނަކަށެވެ. ގާކުނޑި އުކައިލުމުގެ ކުރިން ކޮންމެ ފަހަރަކު ވެސް ކައުންސިލުން ހުއްދަ ނަގަންވާނެއެވެ. އަދި ބޭނުމެއް ނެތް ގޮތެއްގައި މިފަދަ ތަކެތި ގޯތިތެރޭގައްޔާއި އާންމު ތަނެއްގައި ނުބަހައްޓައި، ވީ އެންމެ އަވަހަކަށް ނައްތައިލަންވާނެއެވެ.
13 ވަނަ މާއްދާ - އޮޑިދޯނިފަހަރުން ބާލާ ކުންޏާއި، ފައިބަރު ކުންޏާއި، މަސްކަ އްކައިފައި ބާކީވާ ކުނި ނައްތައިލުން
(ހ) އޮޑިދޯނިފަހަރުން ބާލާ ކުނި ނައްތައިލުމަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއެއް ނެގޭނެއެވެ. އަދި ފައިބަރު ކުނި ނައްތައިލުމަށް، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއެއް ވެސް ނެގޭނެއެވެ.
(ށ) ވިޔަފާރި އުސޫލުން މަސްކައްކައިފައި ނުވަތަ ގިނަ އަދަދަކަށް މަސްކައްކައިފައި ބާކީވާ ކުނި އުކައިލަންވާނީ، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލުން ހުއްދަ ހޯދައިގެންނެވެ.
14 ވަނަ މާއްދާ - ޖޫރިމަނާ
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކުށެއްކަމަށް ކަނޑައަޅައިފައިވާ ކަންކަމުގައި ފިޔަވަޅު އެޅޭނީ، އެ ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވާ ގޮތުގެ މަތީންނެވެ. އަދި އެ ނޫން ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 500 (ފަސްސަތޭކަ) ރުފިޔާއާއި 1,000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 1,000 (އެއްހާސް) ރުފިޔާއާއި 3,000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ 3,000 (ތިންހާސް) ރުފިޔާއާއި 5,000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން. އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.
(ށ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.
15 ވަނަ މާއްދާ - ކައުންސިލުން ކުރަންޖެހުނު ހަރަދު ހޯދުން
އެއްވެސް ފަރާތަކުން، މި ގަވާއިދާ ހިލާފަށް ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކައުންސިލުން އެ ކަމެއް ރަނގަޅު ކުރަން ޖެހިއްޖެނަމަ، އެކަމަށް ދިޔަ ހަރަދު، އެކަން ކުރި ފަރާތަކުން ކައުންސިލަށް ދައްކަން ޖެހޭނެއެވެ.
16 ވަނަ މާއްދާ - ކުނީގެ ބޭނުން ހެޔޮގޮތުގައި ހިފުން
ކުނިގޮނޑަށް އުކައިލާ ތަކެތީގެ ތެރެއިން ކައުންސިލުގެ ނަޒަރުގައި ބޭނުންހިފޭނެ ތަކެތި ނަގައިގެން އެ ތަކެތި ވިއްކުމުގެ ހުއްދަ ނުވަތަ ބޭނުންކުރުމުގެ ހުއްދ،ަ ކައުންސިލަށާއި ކައުންސިލުން ކަނޑައަޅާ ފަރާތަކަށް ލިބިގެންވެއެވެ.
17 ވަނަ މާއްދާ - މި ގަވާއިދުގައި ނެތްކަމެއް ދިމާވުން
މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، އެކަމަށް ގޮތެއް ކަނޑައަޅާނީ ކައުންސިލުގެ ބައްދަލުވުމަކުން ނިންމާ ގޮތެއްގެ މަތީންނެވެ.
18 ވަނަ މާއްދާ - މާނަކުރުން
މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާން ނުކުރާހައި ހިނދަކު، ތިރީގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، ތިރީގައި ބަޔާންކޮށްފައިވާ އަކުރުތަކަށް ދީފައިވާ މާނަކުރުމެވެ.
(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ މާލެއަތޮޅު ގާފަރު ކައުންސިލަށެވެ.
(ށ) "ކުނި މެނޭޖުކުރާ ތަން" ނުވަތަ "ކުނި މެނޭޖުކުރާ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ކުނި އަޅާނޭ ތަން ކަމުގައި ކަނޑައަޅާ ތަންތަނަށެވެ.
(ނ) "ކުނި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 2013-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގައި ކުނިކަމަށް މާނަކޮށްފައިވާ ތަކެއްޗަށެވެ.
19 ވަނަ މާއްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.
މައި ގާނޫނު
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)
ކިޔުންތެރިންގެ ހިޔާލު