-

މަރުކަޒުތަކުގައި ބައިތިއްބާ ކުދިން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-92)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 19 މާރިޗު 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގެ 80 ވަނަ މާއްދާގެ ދަށުން ގާއިމްކުރާ ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި ތިބޭ ކުދިން އެފަދަ އެހެން މަރުކަޒަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، އެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ގާއިމްކުރާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ކުރިއަށްވުރެ މިނިވަންކަމާއެކު އުޅެވޭނެ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒަކަށް ނުވަތަ ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ޓަކައި، އެ ގާނޫނުގެ 94 ވަނަ މާއްދާއާއި، 114 ވަނަ މާއްދާގެ (ހ) ގެ  (6) ވަނަ ނަންބަރާއި، އެ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައި ފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "މަރުކަޒުތަކުގައި ބައިތިއްބާ ކުދިން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުން ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ކުދިން، މުޖުތަމައުގެ ރައްކައުތެރިކަން ނުގެ އްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު ޕެރޯލްގެ ދަށުން ދޫކޮށްލުމާއި، ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަދަލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

(ށ) މަރުކަޒުތަކުގައި ތިބޭ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި މި ގަވާއިދުގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުށަހަޅާ ހުށަހެޅުންތައް ވަޒަންކޮށް، އެ ހުށަހެޅުންތަކާމެދު ވަކި ގޮތެއް ކަނޑައެޅުމަށް ޓަކައި ކޮމިޓީއެއް އެކުލަވައިލުމާއި، އެ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި، އެ ކޮމިޓީ ހިންގުމާބެހޭ ކަންކަން ބަޔާންކުރުމާއި، ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތައް ބެލުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު ބަޔާންކުރުން.

(ނ) މަރުކަޒުތަކުގައި ތިބޭ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ކޯޓަށް ހުށަހެޅުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކާއި އެ މަރުކަޒުތަކުގެ ތަފުސީލު

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތައް ބެހިގެންވަނީ، އަންނަނިވި 3 (ތިނެއް) ބާވަ ތުގެ މަރުކަޒުތަކަށެވެ.

(ހ) ރެޒިޑެންށަލް ޓްރީޓްމަންޓް ސެންޓަރ: މިއީ ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށް ޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.

(ށ) ކުޑަކުދިންގެ ށެލްޓަރ ނުވަތަ ހާފްވޭ ހައުސް: މިއީ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދަ ލޯންގ ޓަރމް ރެސިޑެންށަލް ކެއަރ ފެސިލިޓީއެއްގައި،ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ޓަކައި އެ ކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒުތަކެވެ.

(ނ) ލޯންގް ޓަރމް ރެޒިޑެންށަލް ކެއަރ ފެސިލިޓީ: މިއީ ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، ކުއްޖާގެ އާއިލާއާއި މުޖުތަމައު ބައިވެރިވެވޭނެ ފަދައިން ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.

 

4 ވަނަ މާއްދާ - ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކާއި އެ މަރުކަޒުތަކުގެ ތަފުސީލު

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މަރުކަޒުތަކަށެވެ.

(ހ) ޖުވެނައިލް ޑިޓެންށަން ސެންޓަރ: މިއީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބައިތިއްބުމަށް ހާއްސަކުރާ މަރުކަޒުތަކެވެ.

(ށ) ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީ: މިއީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބައިތިއްބުމަށް ހާއްސަކުރާމަރުކަޒުތަކެވެ.

 

5 ވަނަ މާއްދާ - ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި ތިބޭ ކުދިން އެހެން މަރުކަޒުތަކަށް ބަދަލުކުރުން

(ހ) ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 80 ވަނަ މާއްދާއަށް ރިއާޔަތްކޮށްމިނިސްޓްރީން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2023-79 (ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ގަވާއިދު) ގައި ބަޔާން ކޮށްފައިވާކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށް ޓަކައި، ކުއްޖާ ހުރި މަރުކަޒަށް ވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ، ކުޑަކުދިންގެ އެފަދަ އެހެން ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ. އަދި މިކަމުގައި އެންމެ އިސްކަންދޭންވާނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކަށެވެ.

(ށ) މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، އެފަދަ އެހެން ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ކުދިންނަށެވެ.

  1. ކުއްޖާ މަރުކަޒުގައި ބެހެއްޓުމަށް އަމުރުކޮށް ޖުވެނައިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ 1/3  (ތިންބައިކުޅައެއްބައި) ތަންފީޒުވެ ނިމިފައިވުން؛
  2. ގަވާއިދު ނަންބަރު 2023-79 (ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ގަވާއިދު) ގެ ދަށުން ކުއްޖާއާ ގުޅޭގޮތުން އެކުލަވައިލާ ފަރުވާ ޕްލޭނުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރެއިންބޮޑުބައި ހާސިލުކޮށްފައިވުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ކުދިން، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުދިންގެ އެހެން ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމަށް އެދި ކުއްޖާ ބަހައްޓައިފައި ހުރި ރެޒިޑެންށަލް މަރުކަޒަށް ހުށަހެޅިދާނެއެވެ. މިގޮތަށް ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި ތިބޭ ކުދިން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކޮށްދިނުމަށް އެދި މަރުކަޒުތަކުން ހުށަހަޅާނީ،ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށެވެ.

 

6 ވަނަ މާއްދާ - ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން އެހެން މަރުކަޒަކަށް ބަދަލުކުރުމާއި، ޕެރޯލްގެ ދަށުން ދޫކުރުން

(ހ) ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކުލަވައިލާ ކަމާބެހޭ ގަވާއިދެއްގައި ބަޔާންކުރާ ކުޑަކުދިންގެ އެންމެހައި ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށް ޓަކައި، އަދި ކުއްޖާ ހުރި މަރުކަޒަށް ވުރެ ކުއްޖާއަށް މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކުރުމުގެ ގޮތުން، ކުޑަކުދިންގެ ކަރެކްށަނަލް އެހެން މަރުކަޒަކަށް (ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީން ޖުވެނައިލް ޑިޓެންށަން ސެންޓަރަކަށް)، ނުވަތަ ގަވާއިދު ނަންބަރު 2023-79 (ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިދޭންވާނެއެވެ. އަދި މިކަމުގައި އެންމެ އިސްކަންދޭންވާނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކަށެވެ.

(ށ) ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކުލަވައިލާ ކަމާބެހޭ ގަވާއިދެއްގައި ބަޔާންކުރާ ކުޑަކުދިންގެ އެންމެހައި ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންނަށް، މުޖުތަމައުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތީން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށް ޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ފުރުސަތު ލިބިދޭންވާނެއެވެ. އަދި، މިކަމުގައި އެންމެ އިސްކަންދޭންވާނީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ގޮތަކަށެވެ.

(ނ) މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކުއްޖާ ހުރި މަރުކަޒަށް ވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ އެހެން މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނީ، ނުވަތަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައެޅޭ ވަކި ށަރުތުތަކަކާއެކު، ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ފުރުސަތު ދެވޭނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ކުދިންނަށެވެ.

  1. މަރުކަޒުގައި ކުއްޖާ ބެހެއްޓުމަށް އަމުރުކޮށް ޖުވެނައިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގެ 1/3 (ތިންބައިކުޅަ އެއްބައި) ތަންފީޒުވެ ނިމިފައިވުން؛
  2. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެކުލަވައިލާ ކަމާބެހޭ ގަވާއިދެއްގެ ދަށުން ކުއްޖާއާ ގުޅޭގޮތުން އެކުލަވައިލާ ފަރުވާ ޕްލޭނުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ބޮޑުބައި ހާސިލުކޮށްފައިވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ކުދިން، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކުޑަކުދިންގެ އެހެން މަރުކަޒަކަށް ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫ ކޮށްލުމަށް އެދި ކުއްޖާ ބަހައްޓައިފައި ހުރި ކަރެކްށަނަލް މަރުކަޒަށް ހުށަހެޅިދާނެއެވެ. މި ގޮތަށް ކުޑަކުދިންގެ ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކޮށްދިނުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި މަރުކަޒުތަކުން ހުށަހަޅާނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށެވެ.

 

7 ވަނަ މާއްދާ - މަރުކަޒުތަކުން ކުދިން ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) އާއި 6 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުދިން ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލު މަށް އެދި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާއި، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް، ކުދިން ބަހައްޓައިފައި ތިބޭ މަރުކަޒުތަކުން ހުށަހަޅަންވާނީ ލިޔުމުންނެވެ.

(ށ) މި މާއްދާގެ ދަށުން މަރުކަޒުތަކުން ލިޔުމުން ހުށަހަޅާ ހުށަހެޅުމުގައި، ތިރީގައިވާ ބަޔާންކޮށްފައިވާ މައުލޫމާތާއި ލިޔެކިޔުންތައް ހިމަނަންވާނެއެވެ.

  1. ކުއްޖާއާ ގުޅޭ ތަފުސީލީ މައުލޫމާތު؛
  2. ކުއްޖާގެ ބެލެނިވެރިންގެ މައުލޫމާތު؛
  3. ކުއްޖާ ކުރި އަމަލު ނުވަތަ ކުށާ ގުޅޭ މައުލޫމާތާއި، ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅޭ މައުލޫމާތު؛
  4. ކުއްޖާ މަރުކަޒަށް ގެނައި ތާރީހާއި، ވަގުތު؛
  5. މަރުކަޒަށް ގެނައި އިރު ކުއްޖާގެ ޖިސްމާނީ ހާލަތު ހުރި ގޮތާއި،ނަފްސާނީ ހާލަތު ހުރިގޮތް އަންގައިދޭ ރިޕޯޓު ނުވަތަ އެސެސްމަންޓް؛
  6. ކުއްޖާ މަރުކަޒުގައި ބެހެއްޓި މުއްދަތު ފެށުނީއްސުރެ، މި މާއްދާގެ ދަށުން މަރުކަޒުން ހުށަހެޅުމާ ހަމަޔަށް، މަރުކަޒުން ބަލަހައްޓަމުން އަންނަ ކުއްޖާގެ ސިއްހީ ހާލަ ތާއި ނަފްސާނީ ހާލަތާއި ޖިސްމާނީހާލަތު ހުރި ގޮތް އަންގައިދޭ ތަފުސީލީ ރިކޯޑު؛
  7. އެންމެ ފަހުން ހަދައިފައިވާ ނުވަތަ ގިނަވެގެން 1 (އެކެއް) މަސްދުވަސް ހަމަނުވާ، ކުއްޖާގެ ސައިކޯސޯށަލް އެސެސްމަންޓް ޕްރޮފައިލް ނުވަތަ ރިޕޯޓް؛
  8. މަރުކަޒުގެ ސުޕްރިންޓެންޑެންޓުގެ ރިޕޯޓާއި، މަރުކަޒުގައި ކުއްޖާއަށް ފަރުވާ ދިނުމުގައި ށާމިލުވާ ރިހެބިލިޓޭށަން އޮފިސަރުންނާއި، ހެލްތް އެސިސްޓެންޓުންނާއި، ސައިކޮލޮޖިސްޓުންނާއި، މަރުކަޒުގައި  މަސައްކަތްކުރާ އެފަދަ ޓެކްނިކަލް މުވައްޒަފުން ކުއްޖާއާ ގުޅޭގޮތުން ދީފައިވާ ބަޔާންތައް؛
  9. ކުއްޖާގެ ފަރުވާ ޕްލޭނާއި، އެ ފަރުވާގެ ދަށުން ކުއްޖާ ބައިވެރިވެފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު؛
  10. ކުއްޖާގެ ފަރުވާގެ ޕްލޭންގެ ދަށުން ކުއްޖާ ހާސިލުކުރަން ޖެހޭކަމަށް ކަނޑައަޅައިފައިވާ ލަނޑުދަނޑުތަކާއި، ފަރުވާގެ ޕްލޭނުގެ ދަށުން ކުއްޖާއަށް ހާސިލުކުރެވުނު ލަނޑުދަނޑިތަކާއި ނަތީޖާތަކުގެ މައުލޫމާތު؛
  11. މަރުކަޒުގައި ކުއްޖާ ބަހައްޓައިފައިވާ މުއްދަތުގައި ކުއްޖާއަށް ދީފައިވާ ތައުލީމާއި ތަމްރީނުތަކުގެ މައުލޫމާތު؛
  12. ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި މަރުކަޒުން ހުށަހަޅާނަމަ، ކުއްޖާ ޕެރޯލްގެ ދަށުން ދޫކޮށްލުމަށްފަހު ދިރިއުޅޭނެ ތަނާއި، ކުއްޖާ ޕެރޯލްގެ ދަށުން ދޫކޮށްލުމަށްފަހު ކުއްޖާއާ ހަވާލުވާ ފަރާތްތަކުގެ މައުލޫމާތު؛
  13. ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި މަރުކަޒުން ހުށަހަޅާނަމަ، ޕެރޯލްގެ ދަށުން ކުއްޖާ ދޫކޮށްލުމަށްފަހު ކުއްޖާއަށާއި މުޖުތަމައަށް ކޮށްފާނެ އަސަރުތައް ކަމަށް މަރުކަޒުން ފާހަގަކުރާ ކަންކަން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، އިތުރު ލިޔެކިޔުމާއި މައުލޫމާތު ހުށެހެޅުމަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން މަރުކަޒަށް ލިޔުމުން އަންގައިފިނަމަ، ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ އެންގުމާ އެއްގޮތަށް މަރުކަޒުން އަމަލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ހުށަހެޅުން ރިވިއުކުރުމާއި، ކުއްޖާއާ ގުޅޭގޮތުން އެސެސްމަންޓް ހެދުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ރިވިއުކޮށް، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުއްޖާއާ ގުޅޭގޮތުން އެސެސްމަންޓެއް ހަދަންވާނެއެވެ.

(ށ) މި މާއްދާގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ނުވަތަ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން، ކުއްޖާއާ ގުޅޭގޮތުން އެސެސްމަންޓް ހެދުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތް ކުރަންވާނެއެވެ.

  1. ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމް؛
  2. ކުއްޖާގެ ކުށުގެ ރިކޯޑެއް އޮތްނަމަ، އެ ރިކޯޑުގެ އިތުރުން، ތުހުމަތު ކުރެވިފައިވާ މައްސަލަތަކާއި މައްސަލަތަކުގެ ބާވަތްތައް؛
  3. މަރުކަޒުގެ ސުޕްރިންޓެންޑެންޓުގެ ރިޕޯޓާއި، މަރުކަޒުގައި ކުއްޖާއަށް ފަރުވާ ދިނުމުގައި ށާމިލުވާ ރިހެބިލިޓޭށަން އޮފިސަރުންނާއި، ހެލްތް އެސިސްޓެންޓުންނާއި، ސައިކޮލޮޖިސްޓުންނާއި، މަރުކަޒުގައި މަސައްކަތްކުރާ އެފަދަ ޓެކްނިކަލް މުވައްޒަފުން ކުއްޖާއާ ގުޅޭގޮތުން ދީފައިވާ ބަޔާންތައް؛
  4. ކުއްޖާގެ ސައިކޯ ސޯށަލް އެސިސްމެންޓް ޕްރޮފައިލް ރިޕޯޓް؛
  5. ޕެރޯލްގެ ދަށުން ކުއްޖާ ދޫކޮށްލުމަށްފަހު، ކުއްޖާއާ ހަވާލުވާ 
    ބެލެނިވެރިޔާގެ އިންޓަވިއު؛
  6. ކުއްޖާ ޕެރޯލްގެ ދަށުން ދޫކޮށްލާއިރު، ކުއްޖާގެ ބެލެނިވެރިޔާގެ 
    ހާލަތާއި، ކުއްޖާ ދިރިއުޅޭނެ މާހަ އުލު؛
  7. ކުއްޖާ ޕެރޯލުގައި ދޫކޮށްލުމުން ކުއްޖާއަށާއި ކުއްޖާގެ ފަރާތުން މުޖުތަމައަށް ކުރިމަތިވެދާނެ ކަމަށް ފެންނަ ނުރައްކާ؛
  8. ކުއްޖާ ހުރި މަރުކަޒުން އެހެން މަރުކަޒަކަށް ބަދަލުކުރުމުން ކުއްޖާއަށް އަންނާނެ ބަދަލުތައް؛
  9. މަރުކަޒުގައި ހުރި މުއްދަތުގައި ކުއްޖާގެ ސުލޫކު ހުރި ގޮތް؛
  10. ކުއްޖާ ކުރި ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާ ނުވަތަ މީ ހުންގެ ފަރާތުން ލިބޭ މައުލޫމާތު؛
  11. ކުއްޖާގެ ދާއިމީ ބައްޔެއް ހުރިނަމަ އެކަމުގެ މައުލޫމާތާއި، ކުއްޖާގެ ނަފްސާނީ ހާލަތާއި، ޖިސްމާނީ ހާލަތު؛
  12. ކުށްކުރުމާ މެދު ކުއްޖާ ދެކޭގޮތަށް އައިސްފައިވާ ބަދަލު. 

 

9 ވަނަ މާއްދާ - ކޮމިޓީއަށް ހުށަހެޅުން

(ހ) މި ގަވާއިދުގެ 8 ވަނަ މައްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒުތަކުގައި ތިބޭ ކުދިން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެހެން ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމާމެދު ގޮތެއް ނިންމުމަށް ޓަކައި، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހުށަހަޅާއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން މަރުކަޒުން އެ ޑިޕާޓްމަންޓަށް ހުށަހަޅައިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެ ޑިޕާޓްމަންޓުން ހަދައިފައިވާ މުޅި އެސެސްމަންޓާއި، އެހެން މަރުކަޒަކަށް ކުއްޖާ ބަދަލުކުރުމާ ގުޅޭގޮތުން ޑިޕާޓްމަންޓުން ފާހަގަކުރާ ކަންކަން، ކޮމިޓީއާ ހިއްސާކުރަންވާނެއެވެ.

(ނ) މި ގަވާއިދުގެ 8 ވަނަ މައްދާގައި ބަޔާންކޮށްފައިވާ އެސެސްމަންޓް ހަދާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، ކަރެކްށަނަލް މަރުކަޒުތަކުގައި ތިބޭ ކުދިން، ކުޑަކުދިންގެ ކަރެކްށަނަލް އެހެން މަރުކަޒަކަށް (ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީން ޖުވެނައިލް ޑިޓެންށަން ސެންޓަރަކަށް) ނުވަތަ ކުޑަކުދިންގެ ރެޒިޑެންށަލް މަރުކަޒަކަށް ބަދަލުކުރުމާމެދު، ނުވަތަ ކަނޑައެޅޭ ވަކި ށަރުތުތަކާއެކު ޕެރޯލްގެ ދަށުން ކުއްޖާ ދޫކުރުމާމެދު ގޮތެއް ނިންމުމަށް ޓަކައި، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޓީއަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ހުށަހަޅާއިރު، މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން މަރުކަޒުން އެ ސަރވިސްއަށް ހުށަހަޅައިފައިވާ މައުލޫމާތާއި ލިޔެކިޔުންތަކާއި، މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން އެ ސަރވިސްއިން ހަދައިފައިވާ މުޅި އެސެސްމަންޓާއި، އެހެން މަރުކަޒަކަށް ކުއްޖާ ބަދަލުކުރުމާ ގުޅޭގޮތުން ނުވަތަ ޕެރޯލްގެ ދަށުން ކުއްޖާ ދޫކޮށްލުމާ ގުޅޭގޮތުން އެ ސަރވިސްއިން ފާހަގަކުރާ ކަންކަން، ކޮމިޓީއާ ހި އްސާކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ޖުވެނައިލް ޕެރޯލް ކޮމިޓީ

(ހ) މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ނ) ގެ ދަށުން މަރުކަޒުތަކުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ޓަކައި "ޖުވެނައިލް ޕެރޯލް ކޮމިޓީ" ގެ ނަމުގައި، އަންނަނިވި ފަރާތްތައް ހިމެނޭ ގޮތަށް ކޮމިޓީއެއް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓަރު އެކުލަވައިލަންވާނެއެވެ. 

  1. ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ކަނޑައަޅާ ފަރާތެއް؛
  2. މިނިސްޓްރީން ކަނޑައަޅާ ފަރާތެއް؛
  3. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
  4. ތައުލީމާބެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
  5. ކުޑަކުދިންގެ ސައިކޮލޮޖީގެ ދާއިރާއިން ނުވަތަ ކުޑަކުދިންގެ ނަފްސާނީ ކަންކަމާ ގުޅޭ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެއް؛
  6. މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ކަނޑައަޅާ ޕެރޯލް އޮފިސަރެއް؛
  7. ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ޖަމްއިއްޔާއަކުން ކަނޑައަޅާ ފަރާތެއް.

(ށ) މި މާއްދާގެ(ހ) ގައި ބަޔާންކޮށްފައިވާ ޖުވެނައިލް ޕެރޯލް ކޮމިޓީގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އެ ކޮމިޓީ ހިންގާނެ ގޮތާއި، ކޮމިޓީގެ ކޯރަމާއި، ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ކޮމިޓީގެ ނިންމުންތައް ނިންމާނެ ގޮތާ ގުޅޭގޮތުންނާއި، ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާ ގުޅޭ އިޖުރާއަތުތައް ހިމެނޭގޮތަށް، ކޮމިޓީ އެކުލަވައި ލާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި،ޖުވެނައިލް ޕެރޯލް ކޮމިޓީން، ކޮމިޓީ ހިންގުމާ ގުޅޭ އުސޫލެއް އެކުލަވައިލަންވާނެއެވެ.

(ނ) ޖުވެނައިލް ޕެރޯލް ކޮމިޓީގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީންނެވެ.

 

11 ވަނަ މާއްދާ - ޖުވެނައިލް ޕެރޯލް ކޮމިޓީން މައްސަލަ ބެލުން

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުވެނައިލް ޕެރޯލް ކޮމިޓީން، އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުއްޖާ ބަދަލުކުރުމަ ށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް ޓަކައި ގޮތެއް ނިންމަންވާނީ، އަންނަނިވި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ. 

  1. ކުއްޖާއާ ގުޅޭގޮތުން ހަދައިފައިވާ އެސެސްމަންޓަށް ރިއާޔަތްކޮށް،ކުއްޖާ މަރުކަޒަށް ގެނައި އިރުގައި ހުރި ހާލަތާއި، މަރުކަޒުގައި ހުރިއިރު ކުއްޖާއަށް އައިސްފައިވާ ކުރިއެރުންތަކަށް؛
  2. ކުއްޖާއާ އިންޓަވިއުކުރުމަށްފަހު ޕެރޯލްގެ ދަށުން ދޫކޮށްލުމާ މެދުނުވަތަ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމާމެދު ކުއްޖާ ދެކޭގޮތް؛
  3. ކުއްޖާ ބަދަލުކުރުމުގެ ސަބަބުން ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ސަބަބުން ކުއްޖާއަށް ލިބޭނެ ފައިދާ. 

(ށ) ކުއްޖާ ޕެރޯލްގެ ދަށުން ދޫކޮށްލަންވާނީ، ކުއްޖާއަކީ މުޖުތަމައަށް ނުކުމެ އުޅެވޭ ފަދަ ކުއްޖެއްކަމަށް ކޮމިޓީ މެންބަރުންގެ އަޣުލަބިއްޔަތުންނިންމުމާއެކު، ކުއްޖާ އެފަދައިން ބޭނުންވާނަމައެވެ.

(ނ) ކުއްޖާ އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނިންމާނީ، ކުއްޖާގެ އެސެސްމަންޓަށް ބިނާކޮށް، ކުއްޖާ ހުރީ އަނބުރާ މުޖުތަމައަށް ނުކުތުމަށް ތައްޔާރުވުމުގެ މަރުހަލާ ފެށުމަށް ބޭނުންވާ ހާލަތެއްގައިކަމަށް ކޮމިޓީއަށް ގަބޫލުކުރެވުމާއެކު، އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުއްޖާ ބަދަލުކުރުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

(ރ) އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުއްޖާ ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ލިބޭ ހުށަހެޅުމަށް ރިއާޔަތްކޮށް ކުއްޖާ ބަދަލުނުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްނުލުމަށް ނިންމަންވާނީ، ކުއްޖާ ބަދަލުކުރުމުގެ ސަބަބުން ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކެއް ހުރިނަމައެވެ.

(ބ) އެއް މަރުކަޒުން އަނެއް މަރުކަޒަށް ކުއްޖާ ބަދަލުނުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްނުލުމަށް ނިންމާނަމަ، ސަބަބު ބަޔާންކޮށް ލިޔުމުން ރިކޯޑުކުރުމަށްފަހު، ހުށަހެޅުން ހުށަހެޅި ފަރާތަށް ހިއްސާކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން މަރުކަޒުން ބަދަލުނުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްނުލުމަށް ނިންމުމެއް ނިންމައިފިނަމަ، އެ ކުއްޖެއްގެ ފަރުވާގެ ޕްލޭނުގައި ކަނޑައަޅައިފައިވާ ދެން އޮންނަ މަރުހަލާ ފުރިހަމަކުރަންވާނެއެވެ.އަދި އެ ކުއްޖަކު ހުރި މަރުކަޒަކުން ޖުވެނައިލް ޕެރޯލް ކޮމިޓީއަށް އަލުން ހުށަހަޅައިގެން އެކަމާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. 

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުއްޖެއްގެ ފަރުވާގެ ޕްލޭނުގައި ކަނޑައަޅައިފައިވާ ދެން އޮންނަ މަރުހަލާ ފުރިހަމަކުރުމަށްފަހު، އެ ކުއްޖަކު އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި އަލުން ޖުވެނައިލް ޕެރޯލްގެ ކޮމިޓީއަށް ހުށަހެޅުމަށް ޓަކައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކުއްޖަކު ހުރި މަރުކަޒަކުން މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ހުށަހަޅަންވާނެއެވެ.

(އ) ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އެ ހުށަހެޅުން ހުށަހެޅޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ކޮމިޓީން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ވ) ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އެ ކޮމިޓީން ގޮތެއް ނިންމާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން އެ ހުށަހެޅުން ހުށަހެޅި ފަރާތާ ކޮމިޓީން ހިއްސާކުރަންވާނެއެވެ.

(މ) މި މާއްދާގެ (ވ) ގެ ދަށުން ކޮމިޓީން ހިއްސާކުރާ މައުލޫމާތު ހިއްސާކުރާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހުށަހެޅި މަރުކަޒަކަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ލިޔުމުން ހިއްސާކުރަންވާނެއެވެ.

(ފ) ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ހުށަހެޅޭ ހުށަހެޅުންތަކާއި، އެ ކޮމިޓީން ނިންމާ ނިންމުންތައް، މަރުކަޒުތަކުން ކުއްޖާއަށާއި ކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިންނާ ހިއްސާކޮށް، އެކަން ލިޔުމުން ރިކޯޑުކުރަންވާނެއެވެ.

 

12 ވަނަ މާއްދާ - ޕެރޯލަށް ދޫކޮށްލުމުގައި ށަރުތު ކަނޑައެޅުން

ކުއްޖަކު ޕެރޯލްގެ ދަށުން ދޫކޮށްލުމުގައި، ތިރީގައި ކަންތައްތަކަށް ޖުވެނައިލް ޕެރޯލް ކޮމިޓީން ށަރުތު ކުރެވިދާނެއެވެ.

(ހ) ކުއްޖާ ދިރިއުޅޭ ގެއިން ނުވަތަ އެޕާޓްމަންޓުން ބޭރަށް ނުދިޔުމަށް ނުވަތަ ދިރިއުޅޭ ސަރަހައްދުން ބޭރަށް ނުދިއުމަށް އެންގުން. 

(ށ) ޖުވެނައިލް ޕެރޯލް ކޮމިޓީން ކަނޑައަޅާ ވަކި ގަޑިތަކަކަށް، ވަކި ކަންތައްތަކެއް ކުރުން.

(ނ) ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޕެރޯލް އޮފިސަރަކަށް ރިޕޯޓުކުރަމުން ދިއުން.

(ރ) ޖުވެނައިލް ޕެރޯލް ކޮމިޓީން ކަނޑައަޅާ ޕްރޮގްރާމްތަކުގައި ބައިވެރިވުން.

(ބ) ޖުވެނައިލް ޕެރޯލް ކޮމިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުން.

(ޅ) ކޮމިޓީން ކަނޑައަޅާ ށަރުތުތަކަށް ތަބާވުން.

(ކ) ޖުވެނައިލް ޕެރޯލް ކޮމިޓީއަށް ނުވަތަ ޕެރޯލް އޮފިސަރަށް މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ށައްކުކުރެވޭ ހާލަތުގައި ސާމްޕަލް ނެގުމަށް ޓަކައި ކުޑަކަމުދާތަކެތި ދިނުން.

(އ) މުޖުތަމައަށް ފައިދާކުރާނެ ހިދުމަތެއް ކުރުން.

(ވ) ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ނުވަތަ ބައިވެރިވެފައިވާ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުން. 

(މ) ސިއްހީ ފަރުވާ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުމަށާއި، ޖުވެނައިލް ޕެރޯލް ކޮމިޓީން ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ސިއްހީ ފަރުވާދޭ ނުވަތަ ނަފްސާނީ ފަރުވާދޭ މަރުކަޒެއްގައި ހުރެގެން އެ މަރުކަޒަކުން ފަރުވާ ލިބިގަތުން.

 

13 ވަނަ މާއްދާ - ޖުވެނައިލް ކޯޓަށް ހުށަހެޅުން

މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ޖުވެނައިލް ޕެރޯލް ކޮމިޓީން ކުއްޖަކު އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ނިންމައިފިނަމަ، އެ ނިންމުން ނިންމާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ ކުއްޖާގެ މައްސަލަ ނިންމި ކޯޓަށް، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން ނުވަތަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން ހުށަހަޅަންވާނެއެވެ.

 

14 ވަނަ މާއްދާ - ޕެރޯލް އޮފިސަރުން

ޕެރޯލްގެ ދަށުން މުޖުތަމައަށް ދޫކުރެވޭ ކުޑަކުދިންނަށް ޕެރޯލްގެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރުމަށް މަގުފަހިކޮށްދީ، އެ ށަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލާނީ ، އެ ކުއްޖަކަށް ޒިންމާވާ ޕެރޯލް އޮފިސަރެވެ.

 

15 ވަނަ މާއްދާ - ޕެރޯލް ފުރިހަމަކުރުން

ޕެރޯލުގެ ދަށުން ދޫކޮށްފައިވާ ކުއްޖަކު އޭނާ އަމަލުކުރުން ކަނޑައަޅައިފައިވާ ޕެރޯލުގެ ށަރުތުތަކާ ހިލާފުނުވެ، އޭނާގެ މައްޗަށް ކަނޑައެޅިފައިވާ ޕެރޯލުގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ ކުއްޖެއްކަމަށް ޖުވެނައިލް ޕެރޯލް ކޮމިޓީން ނިންމަންވާނެއެވެ.

 

16 ވަނަ މާއްދާ - ޕެރޯލްގެ ށަރުތަކާ ހިލާފުވުން

(ހ) ޕެރޯލްގެ ދަށުން ދޫކޮށްފައިވާ ކުއްޖެއްގެ މައްޗަށް ކޮށްފައިވާ ޕެރޯލުގެ ށަރުތުތަކުގެ ތެރެއިން ށަރުތަކާ އެ ކުއްޖަލު ހިލާފުވެއްޖެނަމަ، އެ ކުއްޖަކު ކުރިން ހުރި މަރުކަޒަކަށް ވަގުތުން ރުޖޫއަކުރެވޭނެއެވެ.

(ށ) މި މާއްދާގެ(ހ) ގެ ދަށުން މަރުކަޒަކަށް ރުޖޫއަކުރެވޭ ކުއްޖަކަށް އަލުން ޕެރޯލްގެ ފުރުސަތު ދިނުމަށް އެދި ކޯޓަށް ހުށަހަޅަންވާނީ، މަދުވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ކުއްޖާ މޮނިޓަރކުރުމަށްފަހުގަ އެވެ.

 

17 ވަނަ މާއްދާ - އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

18 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ޖުވެނައިލް ކޯޓަށެވެ.

(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނު ހިންގުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީގެ މިނިސްޓަރަށެވެ.

(ރ) "ކުޑަކުދިންގެ އަދުލުގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) އަށެވެ.

(ބ) "ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށެވެ.

(ޅ) "ޕެރޯލް އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭ ޕެރޯލް އޮފިސަރުން ނަށެވެ.

 

މައި ގާނޫނު

ކުޑަކުދިންގެ އަދުލުގެ ގާނޫނު (ގާނޫނު ނަންބަރު 2019-18)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު