-

ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-23) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-54)

(މި ގަވާއިދަށް އަމަލު ކުރަން ފެށީ 23 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2021-23 (ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފެނުގެ، ނުވަތަ ނަރުދަމާގެ، ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރުން 7.

7. (ނ) (3) ލޮނުފެނުން މީރު ފެން އުފައްދާނަމަ، ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެދުން. މިގޮތުން، މީރު ފެން އުފައްދާ ޕްލާންޓެއް ގާއިމުކޮށްފައިވާފެސިލިޓީއެއްގައި ނުވަތަ ރަށެއްގައި ނުވަތަ ކަރަންޓުނެޓްވަރކް އެއް ވިއުގައަކުން ގުޅުވައިލައިފައިވާރަށްތަކަކުންކުރެ ރަށެއްގައި ނުވަތަ ރަށްރަށުގައި، އެ ޕްލާންޓެއް ހިންގުމަށް ބޭނުންވާ ވަރަށް، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ އިންތިޒާމު ހަމަޖެހިފައިވާނަމަ، ލޮނުފެނުން މީރު ފެން އުފެއްދުމަށްބޭނުންވާ އަދަދަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެގޮތް ހަމަޖެހިފައިވާ ކަމަށް ބެލެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 13 ވަނަ މާއްދާއަށް (ކ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ދަފުތަރު ބެލެހެއްޓުން 13.

(ކ) އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތައް (ތާނގީ ހުރި ސަރަހައްދުގެ ނަމާއި،ތާނގީތަކުގެ އަދަދާއި، ތާނގީތަކުގެ ކެޕޭސިޓީއާއި، ތާނގީތައް ބަލަހައްޓާ ފަރާތާއި، ތާނގީތަކުގައި ފެންހުރި މިންވަރު އެނގޭގޮތަށް).

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (އ) ގެ ފަހަތަށް (ވ) އާއި، (މ) އާއި، (ފ) އާއި، (ދ) އާއި، (ތ) އާއި، (ލ) އާއި، (ގ) އާއި، (ޏ) އާއި، (ސ) އިތުރުކުރުން.

ފެނުގެ ހިދުމަތް ފޯރުކޮށްދިނުން 15.

(ހ) ކުރިމަތިވާ ކާރިސާއަކާ ގުޅިގެން ނުވަތަ ރަށެއް ފެނަށްޖެހިގެން ފެން އުފައްދައިގެން ފޯރުކޮށްދިނުން، މި ގަވާއިދުގެ 14 ވަނަ މާއްދާއިން އިސްތިސްނާވާނެއެވެ. އަދި މިފަދަ ހާލަތެއްގައި އެ ރަށެއްގައި ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ފަރާތަކުން، ވީ އެންމެ އަވަހަކަށް ރަށުގެ ރައްޔިތުންނަށް ބޭނުންވާ ފެން ،އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭންވާނެއެވެ.

(ވ) މި ގަވާއިދުގެ 1-15 ވަނަ ވަނަ މާއްދާއާއި 2-15 ވަނަ މާއްދާއާއި، 3-15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތައް މަރާމާތުކުރުމާއި، ސާފުކުރުމާއި، ފެން ރައްކައުކޮށް ބެލެހެއްޓުމަކީ، ރަށެއްގައި ނަމަ ރަށު ކައުންސިލުގެ ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ. 

(މ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރިޔަށްގެންދާ އެންމެހައި މަށްރޫއުތަކާއި މަސައްކަތްތައް ހިންގަންވާނީ، އެ ރަށެއްގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުން ދޭ ހިދުމަތަށް ބުރޫ ނާރާނޭ ފަދަ ގޮތަކަށެވެ. އަދި އެފަދަ މަށްރޫއުތަކުގެ ސަބަބުން ނުވަތަ މަސައްކަތެއްގެ ސަބަބުން އެ ރަށެއްގެ ފެނުގެ ނިޒާމަށް ލިބިދާނެ ގެއްލުން ފޫބެއްދުމާއި، އެކަމަށް ދާ ހަރަދާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް، އެ މަށްރޫއުގެ ތެރޭގައި ނުވަތަ އެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާކަން، މަށްރޫއު ހިންގާ ފަރާތުން ނުވަތަ އެ މަސައްކަތެއް ކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ފ) ފެނުގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހު،އެ ނިޒާމުތަކުން ހިދުމަތް ދެމުން ދާއިރު، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމަށް ދާ ކަރަންޓުގެ ހަރަދާއި، މަރާމާތުކުރުމުގެ ހަރަދާއި،ބޭނުންވާ އާލާތްތައް ހޯދުމުގެ ހަރަދުތައް ކުރަންޖެހޭނީ، ހިދުމަތް ދޭ ފަރާތުންނެވެ.

(ދ) ފެނުގެ މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތު ތެރޭގައި ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރަން ޖެހޭނީ، އެ މަށްރޫއުގެ ކޮންޓްރެކްޓަރު މެދުވެރިކޮށް، މަށްރޫއު ހިންގާ ފަރާތުންނެވެ. އެހެންނަމަވެސް، މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތުގެ ތެރޭގައި، ނިޒާމަށް ދިމާވި މައްސަލައަކީ ހިދުމަތްދޭ ފަރާތުގެ އިހުމާލުން ދިމާވި މައްސަލައެއްނަމަ، އެ މައްސަލައެއް ހައްލުކުރަން ޖެހޭނީ، އެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުންނެވެ.

(ތ) ފެނުގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ފެނުގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ތަންތަނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓައިފައިވާ ކަރަންޓު މީޓަރު، ފެނުގެ ހިދުމަތްދޭ ފަރާތުގެ ނަމަށް، ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބަދަލުކުރަންވާނެއެވެ.

(ލ) އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ނިޒާމުތަކުގެ ހިދުމަތް ނުވަތަ މީރުފެން އުފައްދާ ޕްލާންޓުތަކުގެ ހިދުމަތް ނުވަތަ ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަށް، ފަންނީގޮތުން މަސައްކަތުގައި ތިބެންވާނީ، އެންމެ ދަށްވެގެން، ދާއިރާއާ ގުޅޭ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ސެޓުފިކެޓު 3 (ތިނެއް) ފެންވަރުގެ ސެޓުފިކެޓު އޮންނަ ފަރާތްތަކުންނެވެ. އަދި ހިދުމަތް ދިނުމުގެ ލައިސަންސް ދިނުމުގައި އޮތޯރިޓީން މިކަން ކަށަވަރުކުރަންވާނެއެވެ.

(ގ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ގާއިމުކޮށް ނިމި ހިދުމަތް ދެމުންދާ ފެނުގެ ނިޒާމުތަކާއި، މީރުފެން އުފައްދާ ޕްލާންޓުތަކާއި، ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކޮށްފައިވާ ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ފަރާތްތައް ތިބިކަން،ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ޏ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފެނުގެ ނިޒާމު ނުވަތަ މީރުފެން އުފައްދާ ޕްލާންޓް ނުވަތަ ޓްރީމަންޓް ސިސްޓަމާއެކު ގާއިމުކުރާ،ވާރޭ ފެން ނަގައި ރައްކައުކުރާ ނިޒާމު ގާއިމުކޮށް ނުނިމޭ ރަށްތަކުގައި، އެ ނިޒާމު ނިންމާ ހިދުމަތްދޭ ފަރާތާ ހަވާލުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ފެންވަރުގެ ފަރާތްތައް ތިބިކަން ހިދުމަތްދޭ ފަރާތްތަކުން ކަށަވަރު ކުރަންވާނެއެވެ.

(ސ) ފެނުގެ ނިޒާމުގެ އޮޕަރޭޓިންގ ލައިސަންސް ލިބުމަށްފަހު،ހިއްކައިގެން އެ ރަށަކަށް ފަހުން އިތުރުކުރާ ސަރަހައްދުތަކަށާއި،އަލަށް އާބާދުވާ ސަރަހައްދުތަކަށް ފެނުގެ ނެޓްވޯކް ފުޅާކޮށް، އަލަށް އާބަދުވާ ސަރަހައްދުތަކުގައި، އާބާދުވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ހިދުމަތް ދިނުމަކީ، ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާއަށް 1-15 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުމުގެ ޒިންމާ 1-15.

(ހ) ރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކުން ހިދުމަތްދީ ބެލެހެއްޓުމަކީ ރަށެއްގައި ނަމަ ރަށު ކައުންސިލުގެ ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުގެ ޒިންމާއެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ހަވާލުކުރުމުގެ އިހްތިޔާރު، ރަށެއްގައި ނަމަ ރަށު ކައުންސިލަށް މި ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުން އެހެން ފަރާތަކާ ނުވަތަ ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން، މި މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރަންވާނީ،ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންއެކުލަވައިލާ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުން އެކުލަވައިލާތާ ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި،އެއްބަސްވުމުގެ ކޮޕީއެއް މިނިސްޓްރީއާ ހިއްސާކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުން އެހެންފަރާތަކާ ހަވާލުކުރާނަމަ، އެ މަސައްކަތް ކުރަންވާނީ، ކައުންސިލުގެބަޖެޓުގައި ހިމަނައިގެން އެ ބަޖެ ޓުގެ ތެރެއިންނެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުން އެހެންފަރާތަކާ ހަވާލުކުރި ކަމުގައި ވި ޔަސް، އެ މަސައްކަތް ހަވާލުކުރިފަރާތުގެ މަސައްކަތް ކައުންސިލުން މޮނިޓަރކޮށް، މައުލޫމާތު އެއްކުރަން ވާނެއެވެ. އަދި މި ނިޒާމުތަކާ ގުޅޭގޮތުން ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން އެއްވެސް މައުލޫމާތެއް ބޭނުންވެއްޖެ ނަމަ ،އެ މައުލޫމާތު، އެ ރަށެއްގެ ކައުންސިލުން އެ އިދާރާއަކަށް ފޯރުކޮށް ދޭންވާނެއެވެ.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާއަށް 2-15 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

އިޖުތިމާއީ ސަރަހަ އްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެންނަގައިރައްކަ އުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް 2-15.

އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެންނަގައިރައްކައުކުރާ ނިޒާމުތައް ބަލަހައްޓައި ހިދުމަތް ދިނުމުގައި އަންނަނިވި ކަންކަން ސިޓީ ކައުންސިލުތަކުން ނުވަތަ ރަށު ކައުންސިލުތަކުންކުރަންވާނެއެވެ.

(ހ) މި ނިޒާމުތައް ބަލަހައްޓާ ހިދުމަތް ފޯރުކޮށްދޭންވާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އާންމުކޮށްފައިވާ ގާނޫނުތަކާއި،ގަވާއިދުތަކާއި، މިންގަނޑުތަކާ އެއްގޮތަށެވެ.

(ށ) މި ނިޒާމުތަކުން ފޯރުކޮށްދޭ ފެނަކީ ސާފު ރައްކައުތެރި ފެންކަން ކަށަވަރުކުރަންވާނެއެވެ.

(ނ) ވާރޭފެން ރައްކައުކުރާ ނިޒާމުން މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި، އެ ނިޒާމުތައް މަރާމާތުކޮށް، ފުޅާކޮށް،ބަލަހައްޓައި ހިދުމަތް ދިނުމަށް ދާ ހަރަދު ކުރަންވާނީ ކައުންސިލުގެ ބަޖެޓުގައި ހިމަނައިގެންނެވެ.

(ރ) މި ނިޒާމުތަކުން ފެން ދޫކުރުމަށް ރާވައިފައިވާ ގޮތާއި، ފެން ދޫކުރާ ގަޑިތަކާއި މިންވަރާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކޮށް އާންމުންނަށް ފެންނާނޭ ގޮތަށް ބަހައްޓަންވާނެއެވެ.

(ބ) މި ނިޒާމުގައި ހިމެނޭ ފުރާޅާއި، ދިޔަދޮވިތަކާއި، ހަންތަކާއި،ނިޒާމުގައި ހިމެނޭ އެހެނިހެން ބައިތައް ގަވާއިދުން ސާފުކުރަންވާނެއެވެ. އަދި އަހަރުތެރޭގައި ވާރޭ ވެހޭނެކަމަށް ބެލެވޭދުވަސްވަރަކީ ކޮބައިތޯ ކަމާބެހޭ އިދާރާތަކާ ގުޅިގެން ދުރާލައި ބަލައި އެ ދުވަސްވަރަށް ތައްޔާރުވެ، ވާރޭވެހުމުގެ ކުރިން މި ނިޒާމަށް ފެންނެގޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. 

(ޅ) ވާރޭވެހޭ ދުވަސްވަރު، ގަވާއިދުން މި ނިޒާމަށް ފެން ނަގައި ރައްކައުކުރަންވާނެއެވެ.

(ކ) ދެމެހެއްޓެނިވި ގޮތެއްގައި މި ނިޒާމުތަކުން ހިދުމަތް ދިނުމަށް ޓަކައި، މި ނިޒާމުތަކުގެ އިންސްޕެކްށަނެއް، ކޮންމެ މަހެއްގެ 1 (އެކެއް) ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދަންވާނެއެވެ. އަދި އެއްވެސް މައްސަލައެއް ނުވަތަ މާރާމާތެއް ކުރަންޖެހޭ ކަމަށް ފާހަގަވެފައިވާނަމަ، އެ ކަމެއް ފާހަގަވި ދުވަހުން ފެށިގެން،ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކަމެއް ހައްލު ކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާއަށް 3-15 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުން.

އަގު ކަނޑައެޅުން 3-15.

(ހ) އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ހިދުމަތް ދިނުމަށް ޓަކައި، މި ނިޒާމުތަކުން ފޯރުކޮށްދޭ ފެނުން ކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކައުންސިލުތަކުން އަގެއް ނެގިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް ނަގާ އަގު ވާންވާނީ، މި ނިޒާމުތައްބަލަހައްޓައި ހިދުމަތް ދިނުމަށްދާ ހަރަދަށް ބަލައި، އެކަށީގެންވާ ހެޔޮއަގަކަށެވެ.

(ނ) މި ނިޒާމުތަކުން އަގު ކަނޑައަޅާއިރު އާންމު ބޭނުންތަކަށް ގޭބީސީތަކަށް ދޫކުރާ އަގާއި އެހެނިހެން ބޭނުންތަކަށް ދޫކުރާ އަގު ތަފާތުކުރެވިދާނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) އާއި، (ބ) އާއި، (މ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާގެ (ފ) ގެ ފަހަތަށް (ދ) އާއި، (ތ) އާއި، (ލ) އާއި، (ގ) އާއި، (ޏ) އާއި، (ސ) އިތުރުކުރުން.

ނަރުދަމާގެ ހިދުމަތް ދިނުން 18.

(ހ) މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ހުރިހާ ރަށެއްގައްޔާއި، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައި، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކުރަންވާނެއެވެ. އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ފަޅުރަށްތަކާއި ބިންތަކުގައި،އެ މަސައްކަތަކާ އެކަށީގެންވާ، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމެއް، އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތަށް ގާއިމުކުރަންވާނެއެވެ. މިގޮތުން، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކޮށްފައިވާ ރަށްރަށާއި ތަންތަނުގައި، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު މެދުވެރިކޮށްގެން ނޫން ގޮތަކަށް ނަރުދަމާގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ.

(ބ) ޓޫރިސްޓް ގެސްޓްހައުސް/ހޮޓާތަކާއި، ސިއްހީ ހިދުމަތްދޭތަންތަނާއި، އިގްތިސާދީ މަސައްކަތްކުރާ ތަންތަނުންނާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ބޭނުންކޮށްފައި އުކައިލާ ނުސާފު ފެން،ނަރުދަމާއަށް ދޫކުރެވޭނީ، އެފަދަ ތަންތަނުން ދޫކުރާ ނަޖިސްފެނުގައި ހުންނަންޖެހޭ މިންގަނޑު އޮތޯރިޓީން ކަނޑައެޅުމުން، އޮތޯރިޓީން ކަނޑައަޅައިފައިވާ މިންގަނޑާ އެއްވަރަށް ސާފުކުރުމަށްފަހު ،ނަރުދަމާގެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުގެ ހުއްދަ ލިބިގެންނެވެ.

(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ޓަކައި ނަރުދަމާގެ ނިޒާމުން ބޭރުވާ ފެން، ބިމަށް ހިންދޭނެ ހާލަތްތަކާއި ބިމަށް ހިންދާ ފެނުގައި ހުންނާންވާނެ ފެނުގެ މިންގަނޑު އޮތޯރިޓީން އެކުލަވައިލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ދ) ނަރުދަމާ މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތު ތެރޭގައި ނިޒާމަށް ދިމާވާ މައްސަލަ ހައްލުކުރަން ޖެހޭނީ ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމެއްގެ ދަށުން އެ މަށްރޫއުގެ ކޮންޓްރެކްޓަރު މެދުވެރިކޮށް، މަށްރޫއު ހިންގި ފަރާތުންނެވެ. އެހެންނަމަވެސް، މަށްރޫއުގެ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތު ތެރޭގައި، ނިޒާމަށް ދިމާވި މައްސަލައަކީ ހިދުމަތްދޭ ފަރާތުގެ އިހުމާލުން ދިމާވި މައްސަލައެއްނަމަ، އެ މައްސަލައެއް ހައްލުކުރަންޖެހޭނީ، އެ ނިޒާމުގެ ހިދުމަތް ދޭ ފަރާތުންނެވެ.

(ތ) ނަރުދަމާގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ލިބޭ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ނަރުދަމާގެ ހިދުމަތްދިނުމަށް ގާއިމްކޮށްފައިވާ ތަންތަނަށް ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓައިފައިވާ ކަރަންޓު މީޓަރު، ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ ނަމަށް ބަދަލުކުރަންވާނެއެވެ. 

(ލ) ނަރުދަމާ ނިޒާމުގެ އޮޕަރޭޓިންގ ލައިސަންސް ލިބުމަށްފަހު،ހިއްކައިގެން އެ ރަށަކަށް ފަހުން އިތުރުކުރާ ސަރަހައްދުތަކަށާއި،އަލަށް އާބާދުވާ ސަރަހައްދުތަކަށް ނަރުދަމާގެ ނެޓްވޯކް ފުޅާކޮށްގެން ހިދުމަތް ދިނުމަކީ، ހިދުމަތްދޭ ފަރާތުގެ ޒިންމާއެކެވެ.

(ގ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރިޔަށްގެންދާ އެންމެހައި މަށްރޫއުތަކާއި މަސައްކަތްތައް ހިންގަންވާނީ، އެ ރަށެއްގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުން ދޭ ހިދުމަތަށް ބުރޫ ނާރާނޭފަދަ ގޮތަކަށެވެ. އަދި އެ ފަދަ މަށްރޫއެއްގެ ސަބަބުން ނުވަތަ މަސައްކަތެއްގެ ސަބަބުން އެ ރަށެއްގެ ނަރުދަމާގެ ނިޒާމަށް ލިބިދާނެ ގެއްލުން ފޫބެއްދުމާއި، އެކަމަށް ދާ ހަރަދާއި، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް އެ މަށްރޫއުގެ ތެރޭގައި ނުވަތަ އެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެކުލަވައިލާ އެއްބަސްވުމުގައި ހިމަނައިގެން ކުރިޔަށްގެންދާކަން، މަށްރޫއު ހިންގާ ފަރާތުން ނުވަތަ އެ މަސައްކަތެއް ކުރާ ފަރާތުން ކަށަވަރުކުރަންވާނެއެވެ.

(ޏ) އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ނަރުދަމާ ނިޒާމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިބޭ ފަންނީ މުވައްޒަފުންގެ ކިބައިގައި، އެންމެ ދަށްވެގެން، ދާއިރާއާ ގުޅޭ މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީގެ ސެޓުފިކެޓު 3 ގެ ފެންވަރު ހުންނަންވާނެއެވެ. އަދި ހިދުމަތްދިނުމުގެ ލައިސަންސްގެ ދަށުން އޮތޯރިޓީން މިކަން ކަށަވަރުކުރަންވާނެއެވެ.

(ސ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމުކޮށް ނިމި ހިދުމަތް ދެމުންދާ ނަރުދަމާގެ ނިޒާމުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ޏ) އާ އެއްގޮތަށް، ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ޑ) މި ގަވާއިދަށް އަމަލު ކުރަން ފަށާއިރު ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނުނިމޭ ރަށްތަކުގައި، އެ ނިޒާމު ނިންމައިފައި ހިދުމަތްދޭ ފަރާތާ ހަވާލުކުރާ ތާރީހުން ފެށިގެން، ގިނަވެގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި، މި މާއްދާގެ (ޏ) އާ އެއްގޮތަށް ހިދުމަތްދޭ ފަރާތުން އަމަލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

"ވޯޓަރ ސޭފްޓީ ޕްލޭން" އާއި "ސެނިޓޭށަން ސޭފްޓީ ޕްލޭން" 23.

(ހ) ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ޓަކައި، މިނިސްޓްރީގެ މަށްވަރާއާއެކު، އެ ރަށެއްގެ "ވޯޓަރ ސޭފްޓީ ޕްލޭން" އާއި، "ސެނިޓޭށަން ސޭފްޓީ ޕްލޭން"، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި، އެ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ މަށްވަރާއާއެކު ސިޓީ ކައުންސިލުން ނުވަތަ ރަށު ކައުންސިލުން އެކުލަވައިލައި، އޮތޯރިޓީން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

ނޭށަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން 24.

(ހ) ރައްޔިތުންނަށް ބޭނުންވާ ފެން މެދުކެނޑުމެއްނެތި ލިބެން ހުންނަކަން ކަށަވަރުކުރުމަށް ޓަކައި، "ނޭށަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭން" މި ގަވާއިދަށް އަމަލުކުރަން ފަށާތާ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކަލަވައިލައި، އާންމު ކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (ސ) ގެ ފަހަތަށް (ޑ) އާއި، (ޒ) (ޓ) އާއި (ޔ) އިތުރުކުރުން.

މާނަކުރުން 29.

(ޑ) "އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށުގެ އާންމު އެންމެހައި ތަންތަން ހިމެނޭގޮތުން، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި، އެ ތަންތަނާ އިންވެގެންވާ މަގުގެ އިތުރުން، ރަށުގެ މަލަމައްޗަށްވާ ގޮތަށް އޮންނަ ހުސްބިންތަކާއި، ރަށުގެ އަތިރިމައްޗާއި، ވަށައިގެންވާ މަގުތަކަށެވެ.

(ޒ) "އިޖުތިމާއީ ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުރި ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ތަންތަނުގައި ގާއިމުކޮށްފައިވާ ވާރޭފެން ނަގައި ރައްކައުކުރާ ނިޒާމުތަކަށެވެ.

(ޓ) "ސާފު ރައްކައުތެރި ފެން" ކަމަށް ބުނެފައި އެވަނީ، ރައްކައުތެރި ގޮތެއްގައި ފެން ރައްކައުކުރާ ނިޒާމަށް ފެން ނެގޭނެ އިންތިޒާމު ހަމަޖައްސައި، އެ ފެނުގައި އެންމެ ދަށް މިންގަނޑަށް، އެއްވެސް ކުލައެއް ރަހައެއް ނުހުންނަ ފެނަށެވެ.

(ޔ) "ޑިފެކްޓް ލައިބިލިޓީ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ އަމަލީ މަސައްކަތް ނިންމައި، ގާއިމުކުރެވޭ ނިޒާމު ނުވަތަ ފެސިލިޓީ އޮޕްރޭޓްކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށާއި، އެ ނިޒާމަށް ނުވަތަ ފެސިލިޓީއަށް ދިމާވާ މައްސަލަތައް ކޮންޓްރެކްޓަރ ހައްލުކުރަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ކަނޑައަޅައިފައިވާ މުއްދަތަށެވެ.

 

11 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-23)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު (ކޮންސޮލިޑޭޓް ކުރެވިފައި) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-23)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު