-

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-168) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-29)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 10 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2021-168 (މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ ފެށޭ އިބާރާތާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އި ސްލާހުކުރުން.

އިންޓަވިއު ޕެނަލް އެކުލެވިގެންވާގޮތް 4.

މި ގަވާއިދުގެ ދަށުން ރަޖިސްޓްރަރ ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލް އެކުލެވިގެންވަނީ އަންނަނިވި 4 (ހަތަރެއް) މެންބަރުންގެ މައްޗަށެވެ.

(ހ) ކައުންސިލުން ކަނޑައަޅާ 2 (ދޭއް) މެންބަރުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 5 ވަނަ މާއްދާގެ ފަހަތަށް އަންނަނިވިގޮތަށް މާއްދާއެއް އިތުރުކުރުން.

މަސްލަހަތު ފުށުއެރުން 1-5.

ތިމާ ނުވަތަ ތިމާގެ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ނުވަތަ ތިމާގެ ދަރިއަކީ ތިރީގައި ބަޔާންކޮށްފައިވާ ފަދަ ކަމެއްގައި ސީދާގޮތުން ށާމިލުވާ ފަރާތެއް ކަމުގައި ވާނަމަ، ކައުންސިލުގެ ރަޖިސްޓްރަރގެ މަގާމަށް އެ ފަދަ ފަރާތެއް އައްޔަނެއް ނުކުރެވޭނެއެވެ.

(ހ) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ އިހްތިސާސް ހިނގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާއަކަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތްކުރާ، އެލައިޑް ހެލްތު ޕްރޮފެށަނަލުން ހިދުމަތް ދޭ ތަނެއްގެ ހިއްސާ އޮތުން ނުވަތަ މި ފަދަ ތަނެއްގެ ބޯޑު މެންބަރެއް ކަމުގައި ވުން، ނުވަތަ ކަންކަން ނިންމުމުގެ ބާރު ލިބޭފަދަ މަގާމެއްގައި ހުރި މީހެއް ކަމުގައި ވުން.

(ށ) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ ފަރާތްތައް ރެކްރޫޓުކުރާ މީހެއްކަމުގައި ވުން، ނުވަތަ އެފަދަ ރެކްރޫޓިންގ އެޖެންސީއެއްގެ ހިއްސާ އޮތް މީހަކު ކަމުގައި ވުން، ނުވަތަ އެފަދަ ތަނެއްގައިކަންކަން ނިންމުމުގެ ބާރު ލިބޭ ފަދަ މަގާމެއްގައި ހުރި މީހަކު ކަމުގައި ވުން.

(ނ) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެލައިޑް ހެލްތު ޕްރޮފެށަނަލުންގެ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނުދޭ މަރުކަޒެއްގެ ބޯޑު މެންބަރެއް ކަމުގައި ވުން، ނުވަތަ ކަންކަން ނިންމުމުގެ ބާރު ލިބޭ ފަދަ މަގާމެއްގައި ހުރި މީހަކު ކަމުގައި ވުން، ނުވަތަ އެފަދަ ތަމްރީނުދޭ މަރުކަޒެއްގެ ހިއްސާ އޮތް މީހެއް ކަމުގައި ވުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

މަގާމުގެ ށަރުތު 6.

ކައުންސިލުގެ ރަޖިސްޓްރަރގެ ކިބައިގައި އަންނަނިވި ށަރުތުތައް ފުރިހަމަވާންވާނެއެވެ.

(ހ) މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށް ފައިވާ ސިފަތައް ފުރިހަމަވުން.

(ށ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވަލް 7 އިން ފެށިގެން މަތީގެ ސަނަދެއް، ސިއްހީ ހިދުމަތުގެ ފަންނަކުން ނުވަތަ ސިއްހީ ނިޒާމު ހިންގުމުގެ ރޮނގަކުން ހާސިލުކޮށްފައިވުން.

(ނ) ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރުދުވަހު މަސައްކަތްކޮށް، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.

15. (ރ) "ސިއްހީ ހިދުމަތުގެ ފަންނީ ތަމްރީނުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ، އެލައިޑް ހެލްތު ޕްރޮފެށަނަލުންގެ ހިދުމަތުގެ ފަންނުގެ ދާއިރާއަށް ބޭނުންވާ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކަށެވެ.

(ބ) "ރެކްރޫޓުކުރާ މީހެއް ނުވަތަ ރެކްރޫޓިންގ އެޖެންސީއެއް" ކަމަށް ބުނެފައި އެވަނީ އެކިއެކި މަސައްކަތްކުރާ މީހުންނަށް ވަޒީފާ ހޯދައިދިނުމުގެ ގޮތުން، ނުވަތަ ވަޒީފާ ދޭ އެކިއެކި ފަރާތްތަކަށް އެ މީހުންގެ ވަޒީފާގައި އުޅޭނެ މީހުން ހޯދައިދިނުމުގެ ގޮތުން، ނުވަތަ އެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވިޔަފާރި އުސޫލުން ހިދުމަތްދޭ ކޮންމެ ފަރާތަކަށެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-168)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލު ގެ ރަޖިސްޓްރަރގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2021-168)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު