-

އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2019-1004) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-24)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 9 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2019-1004 (އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 2 ވަނަ މާއްދާއަށް (ފ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

2. (ފ) ސިއްހީގޮތުން ރައްކައުތެރި ނޫން އިމާރާތްތަކާއި، ނުރައްކައުތެރި އިމާރާތްތަކާ މެދު އަމަލުކުރާނެ ގޮތް ކަނޑައެޅުން.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ކ) އާއި، އެ މާއްދާގެ (ސ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި، އެ މާއްދާއަށް (ހމ) ގެ ގޮތުގައި އަންނަނިވި ފަދައިން އަކުރެއް އިތުރުކުރުން.

6. (ކ) "ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ނުރައްކައުތެރި އިމާރާތްތައް ކަނޑައެޅުމުގެ ބޭނުމަށް އެކުލަވައިލާ ކޮމިޓީއަށެވެ.

(ސ) "މައްސަލަ ބަލާ ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ބަލައި ،އެފަދަ މައްސަލަތަކާ ގުޅިގެން އަންގާ އެންގުންތައް ކަނޑައެޅުމުގައި ލަފާ ދޭ ކޮމިޓީއަށެވެ. މައްސަލަ ބަލާ ކޮމިޓީން ބަލާ މައްސަލައަކާ ގުޅިގެން އިމާރާތަކީ ނު ރައްކައުތެރި އިމާރާތެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭނަމަ، އެ ކަން ކަނޑައަޅަންވާނީ "ނު ރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ" އަށް ފޮނުވައިގެން ، އެ ކޮމިޓީންނެވެ.

(ހމ) "ގަވާއިދު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އައު ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމުގައްޔާއި، އެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ އިސްލާހުތައް މުތާލިއާކުރުމުގައި ލަފާ ހޯދާ ކޮމިޓީއަށެވެ. އަދި އެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި، ނުވަތަ އެ ގާނޫނެއް ނުވަތަ އެ ގަވާއިދެއް ނުވަތަ އެ އުސޫލެއްގެ މަގުސަދުގައި ހިމެނޭ ކަމެއް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އުސޫލެއްގައި ބަޔާންކޮށްފައި ނެތް ހާލަތުގައި އެ ކަމެއް ނިންމާ ކޮމިޓީއަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހު ކުރުން.

15. (ށ) (2) އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މި ގަވާއިދުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަ ތީން ފައުންޑޭށަން ސިސްޓަމް ފާސްކުރުން؛

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހު ކުރުން.

22. (ހ) (2) އިމާރާތުގެ ފައުންޑޭށަން 2 (ދޭއް) މީޓަރަށް ވުރެ ފުންކޮށް ފަރުމާކުރާ ހާލަތްތަކުގައި.

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ފެށޭ އިބާރާތާއި، 24 ވަނަ މާއްދާގެ (13) ވަނަ ނަންބަރާއި،  (14) ނަންބަރާ އި، 24 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

24. (ށ) ކުރެހުން ފާސްކުރުމަށް އެދި ހުށަހަޅަންޖެހޭނީ "ބާވަތް 1 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ތަކެއްޗާއެކު އަދި ތިރީގައިވާ ކަންކަން ފުރިހަމަކުރުމާއެކު، މި ގަވާއިދުގެ 118 ވަނަ މާއްދާގައިވާ ފީއާއެކު، ހުއްދަ ދޫކުރާ އިދާރާއަށެވެ.

(13) މި ގަވާއިދުން ވަކި ގޮތަކަށް ހުއްދަ ކުރާ ހާލަތްތަކުގައި މެނުވީ، މުޅި ކުރެހުންސެޓުގައި، އާކިޓެކްޗަރަލް ޗެކަރއާއިސްޓްރަކްޗަރަލް ޗެކަރ، ތައްގަނޑު ޖަހައިފައިވުން؛

(14) މި ގަވާއިދުން ވަކި ގޮތަކަށް ހުއްދަކުރާ ހާލަތްތަކުގައި މެނުވީ، އާކިޓެކްޗަރަލް ޗެކަރއާއި ސްޓްރަކްޗަރަލް ޗެކަރ އެ ކުރެހުމަށް ތައްޔާރުކޮށްފައިވާ ސެޓުފިކެޓު ހުށަހަޅައިފައިވުން.

(ކ) މި މާއްދާގައިވާ ގޮތުގެ މަތީން ފުރިހަމަކޮށްފައި ހުށަހަޅާ އިމާރާތުގެ ކުރެހުންތަކާއި ލިޔުންތައް ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅުމުން، އެ ތަކެތި ބަލައިގަތްކަން ބަޔާންކޮށް، އެ އިދާރާއަކުން، އެ ތަކެތި ހުށަހެޅި ފަރާތަށް ލިޔުމެއް ދޫކުރަންވާނެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު، އަންނަނިވި ގޮތަށް އިސްލާހުކުރުން.

25. (ށ) (2) އެ އިސްލާހެއް ޗެކުކުރުމުގައި ބަލާނީ، އެ ކުރެހުމެއް ފާސްކުރަން ހުއްދަ ދޫކުރާ އިދާރާއަށް ފުރަތަމަ ހުށަހެޅި ތާރީޚުގައި އަމަލުކުރަމުންދިޔަ ގާނޫނުތަކާއި ގަވާއިދުތަކަށެވެ.

(ނ) (3) ކުރެހުން ޗެކްކުރުމަށްފަހު މިނިސްޓްރީން ހިއްސާކުރާ ނަމޫނާއާ އެއްގޮތަށް "ކުރެހުން އެސެސްމަންޓް ރިޕޯޓް" އެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި ފާހަގަކުރެވޭ މައްސަލަތައް ދޭހަވާނޭ ފަދައިން ބަޔާންކުރުމާއެކު، ރިޕޯޓު ނަންބަރާއި، ރިޕޯޓު ހަވާލުކުރެވުނު ފަރާތާއި، ހަވާލުކުރެވުނު ތާރީޚު، ރިޕޯޓުގައި ހިމެނުން؛

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 26 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

26. (ރ) ބާވަތް 1 ގެ އިމާރާތެއްގެ އިސްލާހު ކުރެހުމެއް ފާސްކުރުމަށް 1 ޖޫން 2019 އިން ފެށިގެން ހުށަހަޅާއިރު، ކުރެހުމުގެ އާކިޓެކްޗުރަލް ބަޔާއި ސްޓްރަކްޗަރަލް ބައި، ލައިސަންސްޑް އާކިޓެކްޓްއާއި ލައިސަންސްޑް އިންޖިނިއަރ ޑިޒައިންކުރުމާއެކު ސޮއިކޮށް، ކުރެހުން ހުށަހަޅަންވާނީ، އާކިޓެކްޗަރަލް ޗެކަރާއި ސްޓްރަކްޗަރަލް ޗެކަރ ޗެކްކުރުމަށްފަހު އެ ފަރާތުގެ ތައްގަނޑާއި ސޮއި ހިމެނޭގޮތަށެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އަށް އަންނަނިވި ގޮތަށް (4) ވަނަ ނަންބަރެއް އިތުރުކޮށް، އެ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ މާއްދާއަށް (ކ) އިތުރުކުރުން.

31. (ނ) (4) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިމާރާތަށް ބަދަލު ގެނައުމަށް ހުށަހަޅާ ކުރެހުމުގެ ސްޓްރަކްޗަރ ބަޔަށް ބަދަލެއް އަންނަނަމަ، އެ ބައި އިސްލާހުކުރުމާއެކު ކުރެހުން ހުށަހަޅަންވާނީ، އާކިޓެކްޗަރަލް ޗެކަރާއި ސްޓްރަކްޗަރަލް ޗެކަރެއް ޗެކްކުރުމާއެކުގައެވެ.

(ޅ) ބާވަތް 1 ގެ އިމާރާތެއްގެ އިސްލާހު ކުރެހުމެއް ފާސްކުރުމަށް 1 ޖޫން 2019 އިން ފެށިގެން ހުށަހަޅާއިރު، ކުރެހުމުގެ އާކިޓެކްޗުރަލް ބަޔާއި ސްޓްރަކްޗަރަލް ބައި އިސްލާހުކުރުމާއެކު ކުރެހުން ހުށަހަޅަންވާނީ އާކިޓެކްޗަރަލް ޗެކަރާއި ސްޓްރަކްޗަރަލް ޗެކަރެއް ޗެކްކުރުމާއެކުގައެވެ.

  1. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައިވާ ހާލަތްތަކުގައި އިމާރާތުގެ ކުރެހުމަށް ގެންނަން ބޭނުންވާ ބަދަލަކީ އިމާރާތުގެ ބޭނުމަށް އައިސްފައިވާ ބަދަލަކަށް ވުމާއެކު، ބަދަލުވާ ތަނަކީ އިމާރާތެއްގެ މައިގަނޑު ސްޓްރަކްޗުރަލް އޮނިގަނޑާ ވަކިން ބިންމަތީގައި ތަޅުންއަޅާގޮތަށް ހަދައިފައިވާ ތަނެއް ނަމަ، ކުރެހުމަށް ގެންނަ ބަދަލު އެނގޭނޭހެން، ބަދަލު ގެނެވޭ ބަޔާ ގުޅުންހުރި ކުރެހުންތައް ތައްޔާރުކޮށް ހުށަހަޅަންވާނީ، އެންމެ ދަށް މިންގަނޑަކަށް، ގަވާއިދު ނަންބަރު 2019-1010 (އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) ގެ ދަށުން ހުއްދަ އޮތް ލައިސަންސްޑް އާކިޓެކްޓެއް ޑިޒައިންކުރުމާއެކު، ހުއްދަ އޮތް އާކިޓެކްޗުރަލް ޗެކަރެއް ޗެކްކޮށް ޒިންމާވާގޮތަށެވެ.
  2. މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައިވާ ފަދަ ބަދަލު ނޫން އެހެން ބަދަލެއް ނުވަތަ މި މާއްދާގެ (ރ) ގައިވާ ހާލަތެއްގައި، ބަދަލު އެނގޭނޭހެން، ބަދަލު ގެނެވޭ ބަޔާ ގުޅުންހުރި ކުރެހުންތައް ތައްޔާރުކުރުމުގައި، އަންނަނިވި ކަންތައްތައް ފުރިހަމަވާންވާނެއެވެ.
    2.1 ކުރެހުން ހެދުމަށް އެކުލަވައިލައިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރުން؛
    2.2 އިމާރާތުގެ ކުރެހުމަށް ގެންނަ ބަދަލު ފާސްކުރުމަށް އެދި ހުށަހަޅާއިރު، އިމާރާތްކުރުމުގެ ގާނޫނާއި، ގަވާއިދު ނަންބަރު 2019-1010 (އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) ގައިވާ ގޮތުގެ މަތީން އާކިޓެކްޗުރަލް ޑިޒައިން ކުރުމުގެ ހުއްދަ އޮތް ފަރާތަކާއި ސްޓްރަކްޗުރަލް ޑިޒައިން ކުރުމުގެ ހުއްދަ އޮތް ފަރާތަކުން އެ ކުރެހުން ތައްޔާރުކުރުމާއެކު، އާކިޓެކްޗުރަލް ޗެކަރއާއި ސްޓްރަކްޗުރަލް ޗެކަރ ހުއްދަ އޮތް ފަރާތަކުން ގަވާއިދާ އެއްގޮތަށް އެ ކުރެހުން ޗެކްކޮށް ހުށަހެޅުން.

(ކ) މި މާއްދާގައި ޗެކަރ ޒިންމާވާގޮތަށް ހުށަހަޅަންޖެހޭ ކުރެހުންތައް ހުށަހަޅާއިރު ހުންނަންވާނީ، ޗެކަރއަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ތައްގަނޑު ޖަހައި ފައެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާ އުނިކުރުން.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 35 ވަނަ މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އުނިކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އިސްލާހުކޮށް، އެ މާއްދާއަށް (ރ) އަންނަނިވި ގޮތަށް އިތުރުކުރުން.

38. ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ ހުއްދަ އައުކޮށްދިނުމަށް އެދި ހުށަހެޅުން

މި ގަވާއިދުގެ 36 ވަނަ މާއްދާގެ ދަށުން ބާވަތް 1 ގެ އިމާރާތަކަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވާ ނަމަ، އަންނަނިވި ގޮތަށް ހުއްދަ އައުކުރުމަށް އެދި ހުށަހެޅިދާނެއެވެ.

(ހ) އެ ތަނަކަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވިއިރުގައި އެ ތަން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފައިވާނަމަ، އެކަން ބަޔާންކޮށް، މަސައްކަތުގެ މުއްދަތަށް ހުއްދަ އައުކޮށްދެވިދާނެއެވެ. އެގޮތުން ހުއްދައަށް އެދި ހުށަހަޅާ ފަރާތުން، ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. "ބާވަތް 1 ގެ އިމާރާތް، އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު"؛
  2. މަސައްކަތްކުރަން ފެށި ތާރީޚާއި، ނިމޭނޭ ތަރީޚާއި، މުއްދަތު އެނގޭނޭ ލިޔުމެއް؛
  3. ކުރިން ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދަ؛
  4. ކުރިން ދޫކޮށްފައިވާ ކުރެހުން ފާސްކުރިކަމުގެ ލިޔުމާއި، ފާސްކޮށްފައިވާ ކުރެހުން ސެޓު؛
  5. މި ގަވާއިދުގެ 119 ވަނަ މާއްދާގައިވާ ފީ.

(ށ) އެ ތަނަކަށް ދޫކޮށްފައިވާ އިމާރާތްކުރުމުގެ ހުއްދައިގެ މުއްދަތު ހަމަވިއިރުގައި އެ ތަން އިމާރާތްކުރުމުގެ މަސައްކަތް ފަށައިފައި ނުވާނަމަ، ހުއްދައަށް އެދި ހުށަހަޅާ ފަރާތުން، ތިރީގައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

  1. "ބާވަތް 1 ގެ އިމާރާތް، އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު"؛
  2. "ބާވަތް 1 ގެ އިމާރާތް، އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމު" އާއެކު ހުށަހަޅަންޖެހޭ ތަކެތި؛
  3. ކުރެހުން ފާސްކުރިކަމުގެ މުއްދަތު ހަމަނުވާ ލިޔުން؛
  4. ފާސްކޮށްފައިވާ މުއްދަތު ހަމަނުވާ ކުރެހުން ސެޓު؛
  5. މި ގަވާއިދުގެ 119 ވަނަ މާއްދާގައިވާ ފީ.

(ށ) މި މާއްދާގެ (ށ) ގައިވާ ފަދައިން ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ ހުއްދަ އައުކުރުމަށް އެދި ހުށަހަޅާއިރު، ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުކޮށްފައި ނުވާނަމަ، މި ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތަށް ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުކުރުމަ ށް ވެސް ހުށަހެޅިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ފަދައިން ބާވަތް 1 ގެ އިމާރާތެއްގެ އިމާރާތްކުރުމުގެ ހުއްދަ އައުކުރުމަށް އެދި ހުށަހަޅާއިރު، ކުރެހުން ފާސްކުރިކަމުގެ ލިޔުން އައުނުކޮށް އޮއްވައި ގަވާއިދު ބަދަލުވެފައިވާނަމަ ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ 24 ވަނަ މާއްދާއާއި 35 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން. 2025 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، ބާވަތް 2 ގެ އިމާރާތް،އިމާރާތްކުރުމުގެ ހުއްދައަށް އެދުމުގެ ކުރިން ، ކުރެހުން ފާސްކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 69 ވަނަ މާއްދާގެ އަރިމަތީ ސުރުޚީއާއި، އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

69. (ހ) 2024 ޑިސެންބަރު 31 ގެ ނިޔަލަށް އިންފްރާސްޓްރަކްޗަރގެ އިމާރާތްކުރުމުގެ ހުއްދަ ހޯދުން

މި ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ބާވަތް 2 ގެ އިމާރާތަކަށް 2024 ޑިސެންބަރު 31 ގެ ނިޔަލަށް އިމާރާތްކުރުމުގެ ގާނޫނުގައި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ނުވަތަ އެހެން ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ އެހެންވެސް ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުމެއް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ހުށަހަޅައިފައިވޭތޯ ހުއްދަ ދޫކުރާ އިދާރާއިން ޗެކުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 70 ވަނަ މާއްދާގެ އަރިމަތީ ސުރުޚީއާއި (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

70.  (ހ) 2025 ޖަނަވަރީ 1 އިން ފެށިގެން ބާވަތް 2 ގެ އިމާރާތެއްގެ ކުރެހުން ފާސްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުން 

2025 ޖަނަވަރީ 1 އިން ފެށިގެން އިމާރާތް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި މާއްދާގެ ދަށުން ހުށަހަޅާ ކުރެހުންތައް ހުންނަންވާނީ، އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ނުވަތަ ޕްލޭނިންގ ގާނޫނާ ނުވަތަ ގަވާއިދާ ނުވަތަ އެހެނިހެން ގާނޫ ނުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތީންނެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 71 ވަނަ މާއްދާގެ އަރިމަތީ ސުރުޚީ އަންނަނިވި ގޮތަށް އިސްލާހުކޮށް، ފެށޭ އިބާރާތެއް އިތުރުކުރުން.

71. 2025 ޖަނަވަރީ 1 އިން ފެށިގެން ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުން

2025 ޖަނަވަރީ 1 އިން ފެށިގެން ބާވަތް 2 ގެ އިމާރާތުގެ ކުރެހުން ފާސްކުރުމުގައި އަމަލުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 76 ވަނަ މާއްދާގެ އަރިމަތީ ސުރުޚީއާއި، އެ މާއްދާގެ (ހ) އާއި (ށ) އަންނަނިވި ގޮތަށް އިސްލާހު ކުރުން.

76. (ހ) 2025 ޖަނަވަރީ 1 އިން ފެށިގެން ބާވަތް 2 ގެ އިމާރާތެއް އިމާރާތް ކުރުމުގެ ހުއްދަ ދޫކުރުން

76. (ހ) 2025 ޖަނަވަރީ 1 އިން ފެށިގެން ކުރެހުން ފާސްކުރުމަށްފަހު، ހުއްދަ ދޫކުރާ އިދާރާގައި އިމާރާތްކުރުމުގެ ހުއްދައަށް އެދިފައިވާނަމަ،އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ހުރިހާ ލިޔެކިއުންތައް ހުށަހަޅައިފައިވަނީ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކާއި ޕްލޭނިންގ ގަވާއިދުތަކާއި އެއްގޮތަށްތޯއާއި ކުރެހުން ސެޓު ފާސްކޮށްފައިވޭތޯ ޗެކުކުރަންވާނެއެވެ.

(ށ) 2024 ޑިސެންބަރު 31 ގެ ނިޔަލަށް އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން، އެ އިންފްރާސްޓްރަކްޗަރގެ ކުރެހުމާއި، ހުށަހަޅައިފައިވާ ލިޔެކިޔުންތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިވޭތޯ ޗެކްކުރަންވާނެއެވެ.

  1. ބާވަތް 2 ގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަކޮށްފައި ހުށަހަޅައިފައިވުން؛ 
  2. ބިމުގެ ރަޖިސްޓަރީ ނުވަތަ ބިން ހަވާލުކުރިކަމުގެ ލިޔުން ދޫކޮށްފައިވާ ތަނެއް ނަމަ، ސައިޓްޕްލޭން، ރަޖިސްޓަރީ ނުވަތަ ބިން ހަވާލުކުރިކަމުގެ ލިޔުމުގައިވާ އައުޓްލައިނާ ދިމާވުން.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 93 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

93. (ށ) މި ގަވާއިދަށް އަމަލުކުރަން ފެށިއިރު ހަވާލުކޮށްފައިވާ ބާވަތް 2 ގެ އިމާރާތުގެ މައުލޫމާތުތަކުގެ ތެރެއިން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ން ފެށިގެން (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް، 2024 ޑިސެންބަރު 31 ގެ ނިޔަލަށް، ބާވަތް 2 ގެ އިމާރާތް ބަލަހައްޓާ ފަރާތުން މިނިސްޓްރީއަށް ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައިވާ މައުލޫމާތުތައް ފޯރުކޮށްދޭންވީ ވަކި ފޯމެޓެއްކަނޑައަޅައި، 2024 ފެބުރުވަރީ 28 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަ ންވާނެއެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 105 ވަނަ މާއްދާގެ (ހ) ގެ ފެށޭ އިބާރާތާއި އެ މާއްދާގެ (ރ) އާއި، (ބ) އާއި (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

105. (ހ) 2023 އެޕްރީލް 1 އިން ފެށިގެން، ތިރީގައިވާ ފަދަ އިމާރާތްކުރުމުގެ މަސައްކަތެއް ކުރަންވާނީ ، އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުމަށް ޓަކައި ގަވާއިދު ނަންބަރު 2019-1010 (އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ބިލްޑިންގ އިންސްޕެކްޓަރެއް މި މާއްދާގެ (ޅ) ގައިވާ މަސައްކަތްތައް ޗެކްކުރުމަށް އައްޔަނުކޮށްގެންނެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން އައްޔަނުކުރާ ބިލްޑިންގ އިންސްޕެކްޓަރުން، ތިރީގައިވާ ކަންތައްތައް ބަލައި ސެޓުފިކެޓު ދޫކުރަންވާނެއެވެ.

  1. އިމާރާތުގެ ސްޓްރަކްޗަރ (އޮނިގަނޑު) ގެ މަސައްކަތްތައް ކުރަމުންދާއިރު ބަލައި، އެ މަސައްކަތްތައް ކޮށްފައި ހުރީ ފާސްކޮށްފައިވާ ކުރެހުމާއި، މި ގަވާއިދާއި، ޕްލޭނިންގ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްފަހު، ގަވާއި ދުގައި ބަޔާންކޮށްފައިވާ ގޮތަށް އަދި ކުރެހުމާ އެއްގޮތަށް އެ ތަނެއްގެ އެ މަސައްކަތް ކޮށްފައިވާނަމަ، އިންސްޕެކްޓް ކުރިތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި "ސެޓްފިކެޓް އޮފް ސްޓްރަކްޗުރަލް ކޮމްޕްލަޔަންސް" އެއް، ބިލްޑިންގ އިންސްޕެކްޓަރ ދޫކުރަންވާނެއެވެ.
  2. އެ އިމާރާތެއް ނުވަތަ ތަނެއް ނިމޭއިރުގައި އެ ތަނެއް ހުރީ ފާސްކޮށްފައިވާ ކުރެހުމާއި، މި ގަވާއިދާއި، ޕްލޭނިންގ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށްފަހު، އެ ތަނެއް ގަވާއިދާއި ކުރެހުމާ އެއްގޮތަށް، އިންސްޕެކްޓް ކުރިތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، "އިމާރާތް ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމުގެ ލިޔުން" (ސެޓިފިކެޓް އޮފް ކޮމްޕްލަޔަންސް ފޮރ އޮކިއުޕަންސީ) އެއް ދޫކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ދޫކުރަންޖެހޭ ސެޓުފިކެޓުގެ ނަމޫނާ، 2023 ފެބުރުވަރީ 28 ގެ ނިޔަލަށް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކަންކަން ޗެކްކުރާއިރު، މި ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ފާސްކޮށްފައިވާ ކުރެހުންތަކާއި ލިޔުންތަކާ ތަފާތުކޮށް އިމާރާތް ހަދައިފައިވާނަމަ، ނުވަތަ މި ގަވާއިދާއި،ޕްލޭނިންގ ގަވާއިދާ ޚިލާފަށް އިމާރާތުގެ ބައެއް ހުރިކަން ފާހަގަވާނަމަ،އެ އިމާރާތެއް އިންސްޕެކްޓް ކުރުމަށްފަހު، ހުރި މައްސަލަތައް ބަޔާންކޮށް 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ އިމާރާތުގެ ވެރިފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 109 ވަނަ މާއްދާގެ (ބ) ގެ ފެށޭ އިބާރާތާއި އެ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

109. (ބ) މި މާއްދާގެ (ރ) ގައިވާ ފަދައިން އިމާރާތަކީ ނުރައްކައުތެރި އިމާރާތެއްކަމަށް މިނިސްޓްރީން ކަނޑައަޅައިފިނަމަ، ހުއްދަ ދޫކުރާ އިދާރާއިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ން އަމަލު ކުރަންވާނެއެވެ.

(ވ) މި މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ރަނގަޅުކުރަން އެންގި ކަންކަން ރަނގަޅުކުރުމަށްފަހު، އަލުން އެ ތަނެއް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ހުއްދަ ދޫކުރާ އިދާރާގައި އެދުމުން، އެ ތަނެއް ބަލައި ޗެކްކުރުމަށްފަހު، ހުރިހައި ކަމެއް ރަނގަޅުކޮށްފައިވާނަމަ، އަލުން ހުއްދަ ދޭންވާނެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 118 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ކުރެހުން ފާސްކުރުމުގެ ފީ 118.

ކުރެހުން ފާސްކުރުމަށް ނަގާނެ ފީއެއް، ތިރީގައި ބަޔާންކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާގޮތަށް، ހުއްދަ ދޫކުރާ އިދާރާއިން ކަނޑައެޅިދާނެއެވެ. މިގޮތުން ހުއްދަ ދޫކުރާ އިދާރާއިން ނަގަން ކަނޑައަޅާ ފީގެ މިންވަރު ނުވަތަ ފީ ނުނަގާން ނިންމައިފައިވާނަމަ، އެކަން، އަދި މިގޮތަށް އަމަލުކުރަން ފަށާނެ ތާރީޚު އެނގޭގޮތަށް ،އަމަލުކުރަން ފަށާ ތާރީޚުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެ ކުރިން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. ހުއްދަ ދޫކުރާ އިދާރާއިން ފީއެއް ކަނޑައަޅަންދެން، އެ އިރެއްގައި އެ ރަށެއްގައި ހިނގަމުންދާ ފީއެއްގެ ގޮތުގައި ބަލާނީ ތަޅުމުގެ ޖުމުލަ އޭރިޔާގެ އަކަމީޓަރަކަށް 2 (ދޭއް) ރުފިޔާކަމުގައެވެ.

(ހ) ކުރެހުން ފާސްކުރުމުގައި ފީއެއްގެ ގޮތުގައި ނަގާނީ، ފާސްކުރާ ކުރެހުން ސެޓުގައި ހިމެނޭ އިމާރާތުގެ ނުވަތަ ތަނުގެ މުޅި ޖުމުލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް ގިނަވެގެން 5 (ފަހެއް) ރުފިޔާއެވެ.

(ށ) ފާސްކުރުމަށް ހުށަހަޅައިފައިވާ ކުރެހުމެއްގެ އިސްލާހު ފާސްކުރުމަށް އެދި ހުށަހަޅާއިރު ފީ ނަގާނީ، އިސްލާހުކޮށްފައި ހުށަހަޅައިފައިވާ ފްލޯރތަކުގެ ތަޅުމުގެ ޖުމުލަ އޭރިޔާގެ އަކަމީޓަރަކަށް ގިނަވެގެން 5 (ފަހެއް) ރުފިޔާއެވެ.

(ނ) ކުރެހުން ފާސްކުރުމުގެ ލިޔުން އައުކުރަން އެދި ހުށަހަޅާއިރު ފީއެއްގެ ގޮތުގައި ނަގާނީ، ފާސްކުރާ ކުރެހުން ސެޓުގައި ހިމެނޭ އިމާރާތުގެ ނުވަތަ ތަނުގެ މުޅި ޖުމުލަ ތަޅުމުގެ އޭރިޔާގެ އަކަމީޓަރަކަށް ގިނަވެގެން 5 (ފަހެއް) ރުފިޔާއެވެ.

(ރ) ކުރެހުމަކަށް ބަދަލެއް އައިސްގެން ފާސްކުރުމަށް އެދި ހުށަހަޅާއިރު ފީ ނަގާނީ، ބަދަލު ގެނެސްގެން ހުށަހަޅައިފައިވާ ފްލޯރތަކުގެ ތަޅުމުގެ ޖުމުލަ އޭރިޔާގެ އަކަމީޓަރަކަށް ގިނަވެގެން 5 (ފަހެއް) ރުފިޔާއެވެ.

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 124 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

124. މަސައްކަތް ގަބޫލުކުރި ކަމުގެ ހުއްދަ ދިނުމުގައި ނެގޭ ފީ

މަސައްކަތް ގަބޫލުކުރިކަމުގެ ހުއްދައިގެ ފީއެއްގެ ގޮތުގައި ނަގަން، ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ބައިގެ ތަޅުމުގެ ޖުމުލަ އޭރިޔާގެ އަކަމީޓަރަކަށް 5 (ފަހެއް) ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ހުއްދަ ދޫކުރާ އިދާރާއިން ކަނޑައެޅިދާނެއެވެ. މިގޮތުން ހުއްދަ ދޫކުރާ އިދާރާއިން ނަގަން ކަނޑައަޅާ ފީގެ މިންވަރު ނުވަތަ ފީ ނުނަގާން ނިންމައިފައިވާނަމަ އެކަން، އަދި މިގޮތަށް އަމަލުކުރަން ފަށާނެ ތާރީ ޚުއެނގޭގޮތަށް، އަމަލުކުރަން ފަށާ ތާރީޚުގެ މަދުވެގެން 1 (އެކެއް) މަސްދުވަހުގެކުރިން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ. ހުއްދަ ދޫކުރާ އިދާރާއިން ފީއެއް ކަނޑައަޅަންދެން، އެ އިރެއްގައި އެ ރަށެއްގައި ނަ ގަމުންދާ ފީއެއްގެ ގޮތުގައި ބަލާނީ،ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ބައިގެ ތަޅުމުގެ ޖުމުލަ އޭރިޔާގެ އަކަމީޓަރަކަށް 2 (ދޭއް) ރުފިޔާއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 148 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރު މާއެކު، އެ މާއްދާގެ (ނ) އުނިކުރުން.

148. (ށ) ވަގުތުން ވަގުތަށް ރައްކައުތެރިކަމުގެ ޚާއްސަ ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ކޮމިޓީން ގޮތެއް ނިންމުން

މި މާއްދާގެ (ހ) ގައިވާ ހާލަތެއްގައި އެ ތަނެއްގެ ނުރައްކައުތެރިކަމުން އެ ތަނެއް ނަގަން ނުވަތަ ތަޅައިލަން ޖެހޭނެކަމަށް މިނިސްޓްރީއަށް ފާހަގަވާނަމަ، އެފަދައިން މިނިސްޓްރީއަށް ނިންމިދާނެއެވެ.

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 174 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

174. (ހ) އިމާރާތްކުރުމުގެ ގާނޫނާއި މި ގަވާއިދުގެ ދަށުން ހޯދުމަށް ލާޒިމުކޮށްފައިވާ އެއްވެސް ހުއްދައެއް ހޯދުމަށް، ގަވާއިދުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރުމާއެކު، އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކަށް ހުށަހެޅުމުން، އެއްވެސް އިދާރާއަކުން އެ ހުއްދައެއް ނުދީ ހިފަހައްޓާނަމަ، ނުވަތަ ހުއްދަ ނުދީފިނަމަ، އެ މައްސަލަ ބެލުމަށް ޓަކައި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައެއްގެ ހައްލު ހޯދުމަށް ޓަކައި ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. މައްސަލަ ހުށަހަޅާ ފޯމު؛
  2. ހުއްދަ ދޫކުރާ އިދާރާއަށް ހުށަހެޅި ހުށަހެޅުމުގެ ކޮޕީއެއް؛
  3. ހުއްދަ ހޯދުމަށްޓަކައި ހުށަހެޅުމުން، ހުއްދަ ދޫކުރާ އިދާރާއިން ލިޔުމުން ދީފައިވާ ޖަވާބުގެ ކޮޕީއެއް؛
  4. މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ލިޔުމެއް ނެތްނަމަ، އެ އިދާރާއަކުން އަނގަބަހުން ދީފައިވާ ޖަވާބެއް ލިޔުމަށްފަހު، ވެރިފަރާތުން ސޮއިކޮށްފައިވާ އެ ލިޔުމުގެ އަސްލު.

(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައިވާ ފޯމު، 2022 ޑިސެންބަރުމަހުގެ ނިޔަލަށް އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މައްސަލައެއްގެ ހައްލު ހޯދުމަށް ޓަކައި މިނިސްޓްރީއަށް ހުށަހެޅުމުން، އެ ހުށަހެޅުމެއް "މައްސަލަބަލާ ކޮމިޓީ" އަށް ހުށަހަޅައި މިނިސްޓްރީން އެ މައްސަލަ ބަލަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައްސަލަބަލާ ކޮމިޓީގެ ނިންމުމަށް ރިއާޔަތްކޮށް ހުއްދަ ދޫކުރާ އިދާރާގެ ނިންމުމަށް ބަދަލުގެންނަން ޖެހޭނަމަ، އެ ބަދަލެއް ގެނައުމަށް، ސަބަބު ބަޔާންކޮށް މައްސަލަ ނިންމާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ލިޔުމުން ހުއްދަ ދޫކުރާ އިދާރާއަށް މިނިސްޓްރީން އަންގަންވާނެއެވެ. އަދި މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ނިމުނުގޮތުގެ މައުލޫމާތު ވެސް، މައްސަލަ ނިމުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓަރީން ލިޔުމުން އަންގަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެންގޭ އެންގުމަކަށް ހުއްދަ ދޫކުރާ އިދާރާއިން އަމަލު ކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީން މައްސަލައެއް ބެލުމަށްފަހު، ހުއްދަ ދޫކުރާ އިދާރާގެ ނިންމުމަށް ބަދަލުގެންނަން ޖެހޭކަމަށް ނުފެންނަނަމަ، އެ ބަދަލެއް ގެންނަން ނުޖެހޭކަން، މައްސަލަ ނިމުނުތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި،ސަބަބު ބަޔާންކޮށް، މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(އ) މި މާއްދާގެ (ބ) އާއި (ކ) ގެ ދަށުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން "އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގެ ދަށުން އިސްތިއު ނާފުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާއާއި އެ މާއްދާގެ އަރިމަތީ ސުރުޚީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ކޮމިޓީ 182. (ހ)

ތިރީގައިވާ ކަންކަމުގައި މިނިސްޓްރީން ގޮ ތެއް ނިންމަންވާނީ، ގަވާއިދު ކޮމިޓީގެ ލަފާ ހޯދުމަށްފަހުގައެވެ.

  1. އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އައު ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލުމުގައި؛
  2. އިމާރާތްކުރުމުގެ ގާނޫއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އު ސޫލުތަކުގެ އިސްލާހުތައް މުތާލިޔާކުރުމުގައި؛ 
  3. އިމާރާތްކުރުމުގެ ގާނޫނުން ނުވަތަ އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކުން އަމަލުކުރަންވީ ވަކި ގޮތެއް ސާފުނުވާ ހާލަތްތަކުގައި؛
  4. އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ މަ ގުސަދުގައި ހިމެނޭ ނުވަތަ އެ ގާނޫނުން، މި ގަވާއިދުތަކުގެ މަ ގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމުން ކަމެއް،މި ގަވާއިދުތަކު ގައި ބަޔާންކޮށްފައި އޮތް ގޮތް ސާފުނުވާ ހާލަތުގައި.

(ށ) ގަވާއިދު ކޮމިޓީ އެކުލަވައިލާނީ މިނިސްޓަރެވެ.

(ނ) ގަވާއިދު ކޮމިޓީ ހިންގާ އުސޫލު، މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

(ރ) ގަވާއިދު ކޮމިޓީ ހިންގާ އުސޫލުގައި، ކޮމިޓީ އެކުލެވިގެންވާ ގޮތާއި،ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތް ހިމަނަންވާނެއެވެ.

(ބ) ގަވާއިދު ކޮމިޓީ ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ.

(ޅ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެއްޗެއް ސާފުނުވާ ހާލަތުގައި ކޮމިޓީގެ ލަފަޔަށް ރިއާޔަތްކޮށް މިނިސްޓްރީން ނިންމާ ގޮތެއްގެ މަ ތީން އެހެން ފަރާތްތަކުން އަމަލުކުރަންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން މިނިސްޓްރީން ނިންމާ ނިންމުންތައް އާންމުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ޅ) ގައިވާ ފަދަ އެންގުންތައް ބަލަންވާނީ މިނިސްޓްރީން އެކަމަކާ ގުޅޭގޮތުން ކަނޑައަޅާ އު ސޫލު ކަމުގައެވެ.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާގެ ފަހަތަށް 183 ވަނަ މާއްދާއާއި 184 ވަނަ މާއްދާ އިތުރުކުރުން.

މައްސަލަ ބަލާ ކޮމިޓީ 183.

(ހ) އިމާރާތްކުރުމުގެ ގާނޫނު ނުވަތަ އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ޚިލާފުވެގެން މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކާއި މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގުތަކާއި އެފަދަ މައްސަލަތަކާ ގުޅިގެން އަންގާ އެންގުންތައް ނިންމަންވާނީ މައްސަލަ ބަލާ ކޮމިޓީގެ ލަފާގެ މަ ތީންނެވެ. މައްސަލަ ބަލާ ކޮމިޓީން ބަލާ މައްސަލައަކާ ގުޅިގެން އިމާރާތަކީ ނުރައްކައުތެރި އިމާރާތެއްކަން ނުވަތަ ނޫންކަން ކަނޑައަޅަންޖެހޭނަމަ، އެ ކަން ކަނޑައަޅަންވާނީ، "ނުރައްކައުތެރި ނޫން އިމާރާތްތަކާ ގުޅޭ ކޮމިޓީ" އަށް ފޮނުވައިގެން، އެ ކޮމިޓީންނެވެ.

(ށ) އިމާރާތްކުރުމުގެ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ޚިލާފުވެގެން ގަވާއިދުތަކުގެ ދަށުން ފިޔަވަޅުތައް ކަނޑައަޅައި އިސްލާހުކުރުމުގައި މިނިސްޓްރީން މައްސަލަ ބަލާ ކޮމިޓީގެ ލަފާ ހޯދަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލާ އުސޫލު މިނިސްޓްރީން އާންމުކުރަންވާނެއެވެ.

(ރ) މައްސަލަ ބަލާ ކޮމިޓީ އެކުލަވައިލަންވާނީ، ތިރީގައިވާ ދާއިރާތަކުން ޖުމުލަ 7 (ހަތެއް) މެންބަރުން ހިމެނޭގޮތަށް މިނިސްޓަރެވެ.

  1. އިމާރާތްކުރުމުގެ ގާނޫނު ތަންފީޒުކުރާ ވުޒާރާގެ ކަމާ ގުޅޭ ޑިޕާޓްމަންޓުން ނުވަތަ އޮތޯރިޓީން، އިމާރާތްކުރުމުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ތެރެއިން 2 (ދޭއް) މެންބަރުން؛
  2. ގާނޫނީ ދާއިރާއިން 1 (އެކެއް) މެންބަރު؛
  3. އިމާރާތްކުރުމުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ފަންނީ ފަރާތްތަކުގެ ތެރެއިން 4( ހަތަރެއް( މެންބަރުން.

(ބ) މައްސަލަ ބަލާ ކޮމިޓީ ހިންގާ އު ސޫލު މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

(ޅ) މައްސަލަ ބަލާ ކޮމިޓީ ހިންގާ އު ސޫލުގައި، ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެ ގޮތް ހިމަނަންވާނެއެވެ.

ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ  184.

(ހ) މި ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން ނުރައްކައުތެރި އިމާރާތްތަކާއި އިމާރާތްތަކުގެ ބައިތައް ކަނޑައެޅުމުގެ ބޭނުމަށާއި، އެފަދަ ތަނެއް ރައްކައުތެރިކުރެވުނުކަމަށް ނިންމުމަށް ނުވަތަ އެފަދަ ތަނަކީ ނުރައްކައުތެރި ތަނެއް ނޫންކަމަށް ހުށަހަޅާ ރިޕޯޓު މުތާލިޔާކޮށް، އެއަށް ގޮތެއް ނިންމަންވާނީ، ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީގެ ލަފާގެ މަތީންނެވެ. 

(ށ) މި ގަވާއިދުގެ 148 ވަނަ މާއްދާގެ ދަށުން ރައްކައުތެރިކަމުގެ ފިޔަވަޅު އަޅާނެ ގޮތެއް ކަނޑައެޅުމުގައި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މިނިސްޓްރީން ކޮމިޓީގެ ލަފަޔަށް އެދޭ މައްސަލަތަކުގައި ކޮމިޓީގެ ލަފާ ދޭންވާނެއެވެ.

(ނ) ނުރައްކައު ތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ އެކުލަވައިލަންވާނީ، ތިރީގައިވާ ދާއިރާތަކުން، އިމާރާތްކުރުމުގެ ދާއިރާއިން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، ޖުމުލަ 9 (ނުވައެއް) މެންބަރުން ހިމެނޭގޮތަށް، މިނިސްޓަރެވެ.

  1. އިމާރާތްކުރުމުގެ ގާނޫނު ތަންފީޒުކުރާ ވުޒާރާގެ ސިޔާސީ ފަރާތްތަކުގެ ތެރެއިން 1 (އެކެއް) މެންބަރު؛
  2. އިމާރާތްކުރުމުގެ ގާނޫނު ތަންފީޒުކުރާ ވުޒާރާގެ ކަމާ ގުޅޭ ޑިޕާޓްމަންޓުން ނުވަތަ އޮތޯރިޓީން، އިމާރާތްކުރުމުގެ ދާއިރާގެ ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކުގެ ތެރެއިން 2 (ދޭއް) މެންބަރު؛
  3. ގައުމީ ދިފާއީ ވުޒާރާގެ ފަރާތުން 1 (އެކެއް) މެން ބަރު؛
  4. ޑިޒާސްޓަރ މެނޭޖްމަންޓާ ގުޅޭ އިދާރާގެ 1 (އެކެއް) މެންބަރު؛
  5. ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރާއިން 1 (އެކެއް) މެންބަރު؛
  6. އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން 1 (އެކެއް) މެންބަރު؛
  7. ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން 2 (ދޭއް) މެންބަރު؛

(ރ) ނުރައްކައު ތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ ހިންގާ އުސޫލު މިނިސްޓްރީން އެކުލަވައިލަންވާނެއެވެ.

(ބ) ނުރައްކައު ތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ ހިންގާ އުސޫލުގައި ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނެގޮތް ހިމަނަންވާނެއެވެ.

(ޅ) ނުރައްކައު ތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ ހިނގަމުންދާނީ މިނިސްޓްރީގެ ދަށުންނެވެ.

(ކ) "ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ" އަކީ މި ގަވާއިދު އިސްލާހުކުރުމުގެ ކުރިން، ބަޔާން ވިދިޔަ ގަވާއިދުގެ 182 ވަނަ މާއްދާގެ ދަށުން "އިމާރާތްކުރުމާ ގުޅޭ ކޮމިޓީ" ގެ ނަމުގައި އުފައްދައިފައިވާ ކޮމިޓީއެވެ. މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއު ކުރުމުން މިވަގުތު ހިނގަމުންދާ "އިމާރާތްކުރުމާގުޅޭ ކޮމިޓީ" ގެ ނަން "ނުރައްކައުތެރި އިމާރާތްތަކާ ގުޅޭ ކޮމިޓީ" ގެ ނަމަށް ބަދަލުވީއެވެ.

 

26 ވަނަ މާއްދާ - ބަޔާންވެދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާ ދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

27 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 2019-1004)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު