-

ފަޅުވެރިން ގެ ތަމްރީނާ އި ސަނަދާގުޅޭ ގަވާއިދު

(ގަވާއިދު ނަންބަރު 2023-20)

(މި ގަވާއިދަށް އަމަލުކުރަން ފަށާނީ/ފެށީ 5 އެޕްރީލް 2023 ގައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ތަމްރީނާއި ސަނަދު ދިނުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެވެ.

(ށ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) 6 ގެ (ށ) ގެ (16) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން، އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ "ފަޅުވެރިންގެ ތަމްރީނާއި ސަނަދާގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް ތަމްރީނާއި ސަނަދު ދިނުމުގައި އަމަލުކުރެވޭނެ އެންމެހައި އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި އާންމުކުރުމެވެ.

 

3 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކޮށް ހިންގާނީ މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ.

 

ދެވަނަ ބާބު

ފަޅުވެ ރިންގެ ތަމްރީނު ތައް

 

4 ވަނަ މާއްދާ - ތަމްރީނުދިނުން

(ހ) މި ގަވާއިދުގެ ދަށުން ތަމްރީނު ދިނުމުގައި ނުވަތަ ކޯސް ހިންގުމުގައި ނަގަންޖެހޭ ހުއްދަތަކާއި ފުރިހަމަވާންޖެހޭ މިންގަނޑުތައް ފުރިހަމަކުރުމަކީ، އެހެން ގާނޫނެއް ނުވަތަ ގަވާއިދެއްގައި އެފަދަ ކޯހެއް/ތަމްރީނެއް/ޓްރެއިނިންގއެއް ހިންގުމުގެ ކުރިން ނުވަތަ ހިންގުމުގައި އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރުމުން އިސްތިސްނާ ނުވާހައި ހިނދަކު، އެ ގާނޫނެއްގެ ދަށުން އަމަލުކުރަންޖެހޭނެ ކަމެކެވެ.  

(ށ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުގެ ފަޅުވެރިންނަށް ލިބިފައި ހުންނަންވާ ތަމްރީނުތަކާއި، އަމަލީ ތަމްރީނުތަކާއި، ސަނަދު ތިރީގައި ބަޔާންކުރާ ދެ ގޮތުންކުރެ ގޮތަކަށް ދެވިދާނެއެވެ.

  1. ލޯކަލް ޓްރެއިނިންގ؛
  2. އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ދަށުން ހަދާ ޓްރެއިނިންގ.

(ށ) މި މާއްދާގެ (ށ) ގެ (2 (ވަނަ ނަންބަރުގައި ބަޔާންކުރާ އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ދަށުން ހަދަން ލާޒި މުކުރާ އަދި ރީވެލިޑޭޓް ކުރުމަށް ލާޒި މުކުރާ ޓްރެއިނިންގތަކުގެ ލިސްޓު ޖަދުވަލު 3 ގައި ބަޔާންކޮށްފައި އެވަނީއެވެ. (ނޯޓް: މި (ނ) ގެ ބަދަލުގައި (ށ) ގެނެވިފައިވަނީ އޮޅިގެން ކަމަށް ބެލެވޭ)

 

5 ވަނަ މާއްދާ - ތަމްރީނުދިނުމަށް ހުއްދަ ހޯދުން

(ހ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް ލިބިފައި ހުންނަންވާ ތަމްރީނުތަކާއި، އަމަލީ ތަމްރީނުތަކާއި، ސަނަދު ދިނުމަށް ދިވެހިރާއްޖޭގައި ހިންގާ ތަންތަނާއި، އެފަދަ ތަންތަނުން ހިންގާ މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީނު ނުވަތަ ޓްރެއިނިންގތަކަކީ، ކަމާބެހޭ އެހެނިހެން އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ އިތުރުން، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހުއްދަ ލިބިގެން ހިންގާ ތަންތަނާއި ތަމްރީނު ނުވަތަ ޓްރެއިނިންގތަކެއްކަމުގައި ވާންވާނެއެވެ.

(ށ) ދިވެހިރާއްޖޭގައި ހިންގާ ކަނޑު ދަތުރުފަތުރުގެ ތަމްރީނުގެ ކޯހުގެ މަންހަޖާއި ތަމްރީނުދިނުމުގެ މިންގަނޑުތައް މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ތަމްރީނުދިނުމަށް ހުއްދައަށް އެދި ހުށަހެޅުން

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަމްރީނުދިނުމުގެ ކޯހެއް ހިންގުމުގެ ހުއްދައަށް އެދި ހުށަހަޅާނީ އެކަމަށް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މެރިޓައިމް ތަމްރީނުދޭ އިންސްޓިޓިއުޓްތަކުން ހިންގަން ބޭނުންވާ ކޯސް އެޕްރޫވް ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހެޅުމާ ގުޅިގެން، އެ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ތަމްރީނު ދިނުމަށް ނުވަތަ ޓްރެއިނިންގއެއް ނުވަތަ ކޯހެއް ހިންގުމަށް ހުށަހަޅާ ފަރާތަކީ މަތީ ތައުލީމާގުޅޭ ކަންކަން ބަލަހައްޓާ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައި ވުން؛
  2. މިނިސްޓްރީން ށާއިއުކޮށްފައިވާ ކޯހުގެ މަންހަޖާއި ތަމްރީނުދިނުމުގެ މިންގަނޑުތައް އެ ތަނެއްގައި އަދި އެ ތަނަކުން ހިންގުމަށް ހުށަހަޅާ ކޯހުގައި ފުރިހަމަވުން.

(ނ) އެ ޓްރެއިނިންގއަކީ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ޓްރެއިނިންގއެއްނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވުމުގެ އިތުރުން، އެ ހުށަހެޅުމާއެކު، އެ ތަމްރީނެއް ދިނުމުގެ ބޭނުން އަންގައިދިނުމާއެކު، އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ތަމްރީނުދޭ މަރުކަޒުގައި ކިޔަވައިދޭ މުގައްރަރު އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނަށްރިޕޯޓުކޮށްފައިވާ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން އެކްރެޑިޓްކޮށްފައިވާ ކަމުގެ ލިޔެކިޔުން؛
  2. އައި.އެސް.އޯ 9001 (މިނިސްޓްރީން ލިސްޓުކޮށްފައިވާ ތަނެއްގެ) މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ކޮލިޓީ މިންގަނޑުގެ ސިސްޓަމެއް އެ ތަނެއްގައި ގާއިމުކޮށްފައިވާ ކަމުގެ ސެޓިފިކޭށަން ނުވަތަ އެސް.ޓީ.ސީ.ޑަބްލިޔު މިންގަނޑަށް ފެތޭ އެފަދަ ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމުގެ ލިޔެކިޔުން؛
  3. މަރުކަޒުގައި ކިޔަވައިދޭ އިންސްޓްރަކްޓަރުންގެ ލިސްޓާއި އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަންގައިދޭ ލިޔެކިޔުން؛
  4. މަރުކަޒުން ފޯރުކޮށްދޭ ތަމްރީނުތަކުގެ މަންހަޖު ލިސްޓާއި، މަންހަޖުގައި ހިމެނޭ މާއްދާތަކުން ފުރިހަމަކުރަންޖެހޭ ގަޑިއިރުތަކާއި، ތަމްރީނުދޭ ކޮންމެ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުން ތަމްރީނު ހަދާ ދަރިވަރުންގެ އަދަދާއި، އިންސްޓްރަކްޓަރުންނާއި ވަސީލަތްތަކުގެ ތަފުސީލު؛ އަދި
  5. ތަމްރީނު ނިމުމުން ދޫކުރެވޭނެ ކޯސް ފުރިހަމަކުރިކަމުގެ ސެޓުފިކެޓުގެ ނަމޫނާ.

(ރ) ކަނޑު ދަތުރުފަތުރުކުރާ އުޅަނދުގެ ފަޅުވެރިންނަށް ލިބިފައި ހުންނަންވާ އަމަލީ ތަމްރީނުތައް ދިނުމަށް ބޭނުންވާ މަރުކަޒުތަކުންވެސް އެފަދަ އަމަލީ ތަމްރީނުތައް ދޭންވާނީ މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑާ އެއްގޮތްވާގޮތުގެމަތިން މި މާއްދާގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހުގައެވެ.

 

7 ވަނަ މާއްދާ - ތަމްރީނަށް ހުއްދަ ދިނުން

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ހުށަހެޅުމެއްގައި 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، ލޯކަލް ޓްރެއިނިންގ ދިނުމަށް ތަމްރީނުދޭ ތަނަށާއި އެ ތަނަކުން ހިންގާ ކޯހަކަށް ހުއްދަ ދޫކުރެވޭނެއެވެ.

(ށ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ހުށަހެޅުމެއްގައި 6 ވަނަ މާއްދާގެ (ށ) އާއި

(ނ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އެސް.ޓީ.ސީ.ޑަބްލިޔުމުއާހަދާގައި ޓްރެއިނިންގ ދިނުމަށް ތަމްރީނުދޭ ތަނަށާއި އެ ތަނަކުން ހިންގާ ކޯހަކަށް ހުއްދަ ދޫކުރެވޭނެއެވެ.

(ނ) މި ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ ދަށުން މިނިސްޓްރީއަށް ހުށަހަޅާ 
ހުށަހެޅުމަކާ ގުޅިގެން، އެ ހުށަހެޅުމެއްގައި 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމާއި މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އަމަލީ ތަމްރީނު ދިނުމަށް ތަމްރީނުދޭ ތަނަށާއި އެ ތަނަކުން ހިންގާ ތަމްރީނުތަކަށް ހުއްދަ ދޫކުރެވޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާނަމަ، ފުރިހަމަނުވާ ކަ މުގެ ތަފުސީލާއެކު އެކަން ހުށަހެޅުން ހުށަހެޅި ފަރާތަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ.

(ބ) މި މާއްދާގެ ދަށުން ދޫކުރާ ހުއްދަ ކޮންމެ 5 (ފަހެއް) އަހަރަ ކުން އައު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ހުއްދަ އައު ކުރުމާއި އިތުރު ހުއްދަ ހޯދުން

(ހ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުއްދަ ލިބިފައިވާ ފަރާތަކުން އެ ހުއްދަ އައު ކުރުމަށް ހުށަހަޅަންވާނީ ހުއްދައިގެ މުއްދަތު ހަމަވުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި މިނިސްޓްރީއަށް ހުށަހަޅައިގެންނެވެ.

  1. ކަމާބެހޭ އިދާރާތަކުން ދޫކޮށްފައިވާ ހުއްދަތައް؛
  2. އެންމެ ފަހުގެ ކޮލިޓީ އޯޑިޓުގެ ނަތީޖާ؛
  3. މަރުކަޒަށް އަލަށް ގުޅުނު އިންސްޓްރަކްޓަރުންގެ މައުލޫމާތާއި އެ ފަރާތްތަކުގެ ކަރިކިއުލަމް ވީޓާ؛
  4. ތަމްރީނުގެ މަންހަޖަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލުގެ ތަފުސީލު؛
  5. ތަމްރީނުގެ ސެޓުފިކެޓެއް ނުވަތަ ލިޔުމަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލެއްގެ ތަފުސީލު.

 

9 ވަނަ މާއްދާ - ތަމްރީނުގެ ފީ ނެގުން

(ހ) ކަނޑު ދަތުރުފަތުރުގެ ތަމްރީނުދޭ ތަންތަނުގައި ހިންގާ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކުން ނަގާ ފީއަކީ މިނިސްޓްރީން ހުއްދަ ދީފައިވާ ފީއަކަށް ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަމްރީނުދޭ ތަންތަނުން ނެގޭނެ ފީގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ތަމްރީނުދޭ ތަންތަނުން ނަގާ ފީއަށް މިނިސްޓްރީގެ ހުއްދަ ހޯދުމަށް، ފީ ނެގުމުގެ ކުރިން ފީގެ މިންވަރުތަކާއި ތަފުސީލުތައް ތަމްރީނުދޭ ފަރާތަކުން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅައި، ހުއްދަ ހޯދަންވާނެއެވެ.

 

10 ވަނަ މާއްދާ - ލޯކަލް ޓްރެއިނިން ގގެ މިންގަނޑާއި މަންހަޖު

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަނެއްގައި، މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ކޯހެއް ހިންގަންވާނީ މިނިސްޓްރީން ށާއިއުކޮށްފައިވާ ކޯހުގެ މަންހަޖާއި ތަމްރީނުދިނުމުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ތަމްރީނު ދިނުމަށް ހުއްދަ ދޫކުރެވޭ ތަންތަނުގައި، ކަމާބެހޭ އެހެން އިދާރާތަކުން ކަނޑައަޅައިފައިވާ މިންގަނޑުގެ އިތުރުން އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ކަންކަން ފުރިހަމަވުން؛
  2. ތަމްރީނުގައި ބޭނުންކުރަންޖެހޭ ވަސީލަތްތަކާއި، ކިޔަވައިދިނުމަށް ބޭނުންކުރަންޖެހޭ ވަސީލަތްތައް އެ ތަނެއްގައި ބޭނުންކުރެވޭ ވަރަށް ޖާގަ ހުރުން؛
  3. ފަސޭހައިން ވަދެ ނިކުމެވޭ ގޮތަށް ހުރުމާ އެކު، ރަނގަޅަށްވެންޓިލޭޓްކުރެވިފައިހުރުން؛
  4. ކިޔަވަން ފަސޭހަ ވަރަށް އަލިކަން ލިބުމާއި، ކިޔަވައިދޭ ފަރާތްތަކާއި ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ފެން ލިބުމުގެ އިންތިޒާމާއި ފާހާނާ ކުރުމުގެ އިންތިޒާމު ހަމަ ޖެހިފައިވުން.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ތިރީގައި ބަޔާންކޮށްފައިވާ ކުރު 4 (ހަތަރެއް) ކޯސް ހަދައި ފައިވާ ފަރާތްތައް މިނިސްޓްރީން ށާއިއުކޮށްފައިވާ އެ ކޯހުގެ މަންހަޖުގައި އެކަމާ ގުޅޭ މާއްދާތައް ފުރިހަމަކުރުމުން އިސްތިސްނާ ވެގެންވެއެވެ.

  1. އެލިމެންޓަރީ ފަސްޓް އެއިޑު 
  2. ފަޔަރ ޕްރިވެންށަން އެންޑް ފަޔަރ ފައިޓިންގ 
  3. ޕާސަނަލް ސަވައިވަލް ޓެކްނީކްސް 
  4. ޕާސަނަލް ސޭފްޓީ އެންޑް ސޯށަލް ރެސްޕޮންސިބިލިޓީ

(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މިނިސްޓްރީން ށާއިއުކޮށްފައިވާ ކޯހެއްގެ މަންހަޖުގައި ހިމެނޭ މާއްދާއަކާ ގުޅޭ ކޯހެއް ތަމްރީނު ލިބިގަންނަ ފަރާތުން ފުރިހަމަކޮށްފައިވާނަމަ، އެ ފަރާތެއް އެ މާއްދާ ފުރިހަމަކުރުމުން އިސްތިސްނާ ވެގެންވެއެވެ.

 

11 ވަނަ މާއްދާ - އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާ ޓްރެއިނިންގގެ މިންގަނޑާއި މަންހަޖު

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ތަމްރީނެއް ނަމަ، އެ ތަމްރީނުތަކަކީ މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާ އާއި ކޯޑު (ޕާޓް A) ގެ ދަށުން އެ ތަމްރީނެއްގައި ފުރިހަމަކުރަންޖެހޭ އެންމެ ދަށް މިންގަނޑު ފުރިހަމަވާ ތަމްރީނަކަށް ވާންވާނެއެވެ.

(ށ) ތަމްރީނުދޭ މަރުކަޒަކުން ހިންގާ ކޯސްތަކުގެ މަންހަޖު ހުންނަންވާނީ އެސް.ޓީ.ސީ.ޑަބްލިޔު ކޯޑުގައި ބަޔާންކޮށްފައިވާ މިންގަނޑާއި، އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުން ތައްޔާރުކޮށްފައިހުންނަ މޮޑަލް ކޯސްތަކާ އެއްގޮތަށެވެ.

(ނ) ތަމްރީނުދޭ މަރުކަޒަކުން ހިންގާ ތަމްރީނުތަކުގެ މަންހަޖަށް ބަދަލު ގެންނަންވާނީ، އެ ބަދަލެއް މިނިސްޓްރީއަށް ހުށަހަޅާ ހުއްދަ ހޯދުމަށްފަހުގައެވެ.

(ރ) އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާ އާއި ކޯޑާ އެއްގޮތްވާ ގޮތުގެމަތިންފުރިހަމަކޮށްފައިވާ ތަމްރީނު ފުރިހަމަކުރިކަމުގެ ސެޓުފިކެޓަކީ، އެ ތަމްރީނެއް ދޭ މަރުކަޒުގައި މިނިސްޓްރީއަށް ގަބޫލުކުރެވޭ ފެންވަރަށް ކޮލިޓީ މިންގަނޑުގެ ސިސްޓަމް ހިފަހައްޓައިފައިވާ ތަނެއް ކަމުގައި ނުވާނަމަ، އެ ސެޓުފިކެޓަކީ ބަލައިގަނެވޭނެ ނުވަތަ ހުއްދަދެވޭނެ ސެޓުފިކެޓެއް ނޫނެވެ.

 

12 ވަނަ މާއްދާ - ކޯހުގެ އިންޗާޖް

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަނެއްގައި ހުއްދަ ދޫކޮށްފައިވާ ކޯހެއް ހިންގުމުގެ އެންމެހައި ކަންކަމެއް ބެލުމަށް ކޯސް އިންޗާޖެއް ހުންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯސް އިންޗާޖަކީ މި ނިސްޓްރީން ކޯސް އިންޗާޖަކަށް ވުމުގެ ހުއްދަ ދީފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޯސް އިންޗާޖަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ކަނޑައަޅައިފައިވާ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތެއްކަމުގައިވުން؛
  2. ޓްރެއިންގ ދަ ޓްރެއިނަރސް (މިނިސްޓްރީން ލިސްޓުކުރެވިފައިވާ ފަރާތަކުން) ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން.

 

13 ވަނަ މާއްދާ - ތަމްރީނުދޭ އިންސްޓްރަކްޓަރުން

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަނެއްގައި ހުއްދަ ދޫކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދޭންވާނީ، މިނިސްޓްރީން ށާއިއުކޮށްފައިވާ އެ ކޯހުގެ މަންހަޖާއި ތަމްރީނުދިނުމުގެ މިންގަނޑުގައި ކަނޑައަޅައިފައިވާ ށަރުތުތައް ފުރިހަމަވާ އިންސްޓްރަކްޓަރުންނެވެ.

(ށ) އެ ކޯހަކީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކޯހެއްނަމަ، އެ ކޯސްތަކުގައި ކިޔަވައިދޭންވާނީ، އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ އިންސްޓްރަކްޓަރުންނެވެ.

 

14 ވަނަ މާއްދާ - ތަމްރީނުދޭ ތަނުގެ މަސްއޫލިއްޔަތު

މި ގަވާއިދުގެ ދަށުން ހުއްދަދޫކޮށްފައިވާ ތަމްރީނުދޭ ތަނަކުން އަންނަނިވި މައުލޫމާތުތައް ފަސޭހައިން ފެންނާނެ އިންތިޒާމު ހަމަޖައްސައި، އެ ތަނެއްގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ހ) އެ ތަނަކުން ދޭ ތަމްރީނުތަކުގެ މައުލޫމާތު؛

(ށ) އެ ތަނަކުން ދޫކުރާ ސެޓުފިކެޓުތަކުގެ މައުލޫމާތު؛

(ނ) އެ ތަނަކުން ދޭ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފީ އާއި ސެޓުފިކެޓުދޫކުރުމުގެ ފީ.

(ރ) އެ މަރުކަޒަކުން ދޫކުރާ ސެޓުފިކެޓު، އެ މަރުކަޒެއްގެ ވެބްސައިޓުން ކަށަވަރު ކުރެވެންވާނެއެވެ.

 

15 ވަނަ މާއްދާ - ތަމްރީނުދޭ ތަނުން ބަލަހައްޓަންޖެހޭ ރިކޯޑު

މި ގަވާއިދުގެ ދަށުން ހުއްދަ ދޫކޮށްފައިވާ ތަނަކުން، އެ ތަނަކުން ހިނގާ ކޯހެއްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ރަޖިސްޓަރީ ފޯމާއި، އެ ކޯހުގެ ހާޒިރީ، ސުވާލު ކަރުދާސްތައް، ޖަވާބު ކަރުދާސްތައް، އެސެސްމެންޓް ށީޓްތައް އަދި މިފަދަ ހުރިހާ ނަތީޖާ ކަރުދާސްތަކެއް، އެ ކޯހެއް ނިންމާ ތާރީހުން ފެށިގެން މަދުވެގެން 2 (ދޭއް) އަހަރުދުވަހަށް ރައްކާކޮށްފައި ބަހައްޓަންވާނެއެވެ.

 

16 ވަނަ މާއްދާ - ތަމްރީނުދޭ މަރުކަޒުތައް އިވެލުއޭޓްކޮށް އޮޑިޓްކުރުން

މި ގަވާއިދުގެ 7 ވަނަ މާއްދާގެ ދަށުން ހުއްދަ ދީފައިވާ ތަމްރީނުތައް ހިންގާ މަރުކަޒުތައް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން މަދުވެގެން ކޮންމެ އަހަރަކު އެއްފަހަރު އިވެލުއޭށަން އޮޑިޓެއް ކުރަންވާނެއެވެ.

 

17 ވަނަ މާއްދާ - ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ

(ހ) މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ޓްރެއިނިންގއެއް ފުރިހަމަކޮށްފިނަމަ، އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ގަވާއިދުގެ 2/1 އާ އެއްގޮތްވާ ގޮތުގެމަތިން، ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ މިނިސްޓްރީގެ ވެބްސައިޓުން ކަށަވަރު ކުރެވެންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީއާއި މި ގަވާއިދުގެ ދަށުން ދޫކުރާ ސެޓުފިކެޓުތައް އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާ ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތް ކަމުގައިވާނަމަ، އެ ސެޓުފިކެޓުތައް މިނިސްޓްރީން އެންޑޯސް ކޮށްދޭންވާނެއެވެ.

 

18 ވަނަ މާއްދާ - ސަރވިސް ސެޓުފިކެޓަށް ބިނާކޮށް ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ދޫކުރުން

(ހ) އެސްޓީ.ސީ.ޑަބްލިޔު 1995 ގެ އެމެންޑްމެންޓުގެ ކުރިން ސަރވިސް ސެޓުފިކެޓަށް ބިނާކޮށް ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ރިވެލިޑޭޓްކޮށް އަމަލުކުރާނީ ޖަދުވަލު 1 ގައިވާ އުސޫލުގެ ދަށުންނެވެ.

(ށ) ސަރވިސް ސެޓުފިކެޓަށް ބިނާކޮށް ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ އަންލިމިޓެޑް އެ ކެޓަގަރީގައި އައުކޮށްދެވިދާނެއެވެ. ނަމަވެސް ކެޓަގަރީ އަޕްގްރޭޑް ކުރެވޭނީ ސްޓޭންޑަރޑް އޮފް ޓްރޭނިންގ ސަރޓިފިކޭށަން، އެންޑް ވޮޗްކީޕިންގ 1978 މުއާހަދާއަށް 
ގެނެސްފައިވާ ބަދަލުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަމްރީނު ފުރިހަމަ ކުރުމުންނެވެ.

 

19 ވަނަ މާއްދާ - އޮފިސަރ އިންޗާޖް އޮފް ނެވިގޭށަނަލް ވޮޗް ލެސްދޭން GT 3000 ސީ.އޯ.ސީ އަދި އޮފިސަރ އިންޗާޖް އޮފް އިންޖިނިއަރިންގ ވޮޗް ލެސްދޭން kW 3000 ސީ.އޯ.ސީ ސެޓުފިކެޓު އަޕްގްރޭޑްކުރުން

(ހ) ދިވެހިރާއްޖޭގެ ސީމަނުންގެ ތެރެއިން ސެޓުފިކެޓު III އިން މެރިން އޮޕަރޭށަންސް ނުވަތަ ސެޓުފިކެޓު III އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށް ހިދުމަތުގައި ދެމިތިބި ފަރާތްތަކަށް ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ މަތިކުރެވިދާނެއެވެ.

(ށ) ސެޓުފިކެޓު III އިން މެރިން އޮޕަރޭށަންސް ނުވަތަ 
ސެޓުފިކެޓު III އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށް ހިދުމަތުގައި ދެމިތިބި ފަރާތްތަކަށް ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ދޫކުރި ތާރީހުން ފެށިގެން 5 އަހަރުދުވަހުގެ ތެރޭގައި 12 މަސްދުވަހުގެ ސީސަރވިސް ސެޓުފިކެޓުގައިވާ ކެޕޭސިޓީގެ ބޯޓެއްގައި މަސައްކަތްކޮށްފައިވާނަމަ އެ ފަރާތަކަށް މިނިސްޓްރީން ދޭ އޯރަލް އެގްޒާމުން ފާސްވުމުން ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކެޓަގަރީ E ގެ ސީއޯސީ ސެޓުފިކެޓު ދޭންވާނެއެވެ.

(ނ) ސެޓުފިކެޓު III އިން މެރިން އޮޕަރޭށަންސް ނުވަތަ ސެޓުފިކެޓު III އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށް ހިދުމަތުގައި ދެމިތިބި ފަރާތްތަކަށް ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ދޫކުރި ތާރީހުން ފެށިގެން 5 އަހަރުދުވަހުގެ ތެރޭގައި 24 މަސްދުވަހުގެ ސީސަރވިސް ސެޓުފިކެޓުގައިވާ ކެޕޭސިޓީގެ ބޯޓެއްގައި މަސައްކަތްކޮށްފައިވާނަމަ އެ ފަރާތަކަށް މިނިސްޓްރީން ދޭ އޯރަލް އެގްޒާމުން ފާސްވުމުން ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކެޓަގަރީ D ގެ ސީއޯސީ ސެޓުފިކެޓު ދޭންވާނެއެވެ.

(ރ) ސެޓުފިކެޓު III އިން މެރިން އޮޕަރޭށަންސް ނުވަތަ ސެޓުފިކެޓު III އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށް ހިދުމަތުގައި ދެމިތިބި ފަރާތްތަކަށް ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ ދޫކުރި ތާރީހުން ފެށިގެން 5 އަހަރުދުވަހުގެ ތެރޭގައި 36 މަސްދުވަހުގެ ސީސަރވިސް ސެޓުފިކެޓުގައިވާ ކެޕޭސިޓީގެ ބޯޓެއްގައި މަސައްކަތްކޮށްފައިވާނަމަ އެ ފަރާތަކަށް މިނިސްޓްރީން ދޭ އޯރަލް އެގްޒާމުން ފާސްވުމުން ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކެޓަގަރީ C ގެ ސީއޯސީ ސެޓުފިކެޓުދޭންވާނެއެވެ.

(ބ) ސެޓުފިކެޓު III އިން މެރިން އޮޕަރޭށަން ނުވަތަ ސެޓުފިކެޓު III އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށް އޯރަލް އެގްޒާމް ދިނުމަށްފަހު މި މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ސީއޯސީގެ ކެޓަގަރީ މަތިކުރެވޭ އެންމެ މަތީ ކެޓަގަރީއަކީ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ C ކެޓަގަރީއެވެ.

(ޅ) މި މާއްދާގައި ބަޔާންކޮށްފައިވާ C ކެޓަގަރީއަށްވުރެ މަތީ ކެޓަގަރީގެ ސީއޯސީ ދޫކުރެވޭނީ ސްޓޭންޑަރޑް އޮފް ޓްރޭނިންގ ސަރޓިފިކޭށަން، އެންޑް ވޮޗްކީޕިންގ 1978 މުއާހަދާއަށް ގެނެސްފައިވާ ބަދަލުގައި ބަޔާންކޮށްފައިވާ ތަ އުލީމާއި ތަމްރީނު ފުރިހަމަ ކުރުމުންނެވެ.

 

20 ވަނަ މާއްދާ - ބޭރު ގައުމުތަކުން ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕީޓެ ންސީ ދިވެހިރާއްޖެއިން ގަބޫލުކު ރާކަމުގެ ސެޓުފިކެޓުދޫކުރުން

(ހ) އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ރެގިއުލޭށަން 10/I ގެ ދަށުން ރާއްޖެއިން ބޭރުގެ ގައުމުތަކުން ދޫކޮށްފައިވާ ސެޓުފިކެޓު އޮފް ކޮމްޕީޓެންސީތައް ގަބޫލުކޮށް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޯޓުފަހަރުގައި ވަޒީފާ އަދާކުރުމަށްޓަކައި މިނިސްޓްރީން ސެޓުފިކެޓު އޮފް ރިކޮގްނިށަން ދޫކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ށ) ދިވެހިރާއްޖެއިން ސެޓުފިކެޓު އޮފް ކޮމްޕީޓެންސީ ރިކޮގްނައިޒް ކުރާ ގައުމަތަކަކީ؛

  1. އިނގިރޭސިވިލާތް 
  2. އޮސްޓްރޭލިޔާ
  3. އިންޑިޔާ
  4. ސްރީލަންކާ 
  5. ސިންގަޕޫރު
  6. މެލޭށިޔާ

(ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ގައުމުތަކުގެ ސެޓުފިކެޓުތައް ދޫކޮށްފައިވާ މުއްދަތަށް ހަދައިދެވޭނީ އެ ގައުމުތަކުގެ އެކަމާ ބެހޭ މުއައްސަސާތަކުން އެ ސެޓުފިކެޓުތަކަކީ ސައްހަ ސެޓުފިކެޓު ތަކެއްކަން ކަށަވަރު ކުރުމަށްފަހުނުވަތަ އެ ގައުމުތަކުގެ ކަމާބެހޭ މުއައްސަސާގެ ވެބްސައިޓުން އެ ސެޓުފިކެޓަކީ ސައްހަ ސެޓުފިކެޓެއްކަމަށް ކަށަވަރުވާނަމައެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގައުމުތައް ނޫން އެހެން ގައުމެއްގެ ސެޓުފިކެޓަކަށް ރިކޮގްނިށަން ދޫކުރެވޭނީ އެ ގައުމުތަކުގެ އެކަމާ ބެހޭ މުއައްސަސާތަކުން އެ ސެޓުފިކެޓުތަކަކީ ސައްހަ ސެޓުފިކެޓުތަކެއްކަން ކަށަވަރު ކުރުމަށްފަހު ނުވަތަ އެ ގައުމުގެ ކަމާބެހޭ މުއައްސަސާގެ ވެބްސައިޓުން އެ ސެޓުފިކެޓަކީ ސައްހަ ސެޓު ފިކެޓެއްކަމަށް ކަށަވަރުވާނަމައެވެ.

 

21 ވަނަ މާއްދާ - ކޮންޓިނިއުސް ޑިސްޗަރޒް ސެޓުފިކެޓާއި އައިޑެންޓިޓީ ޑޮކިއުމަންޓް

(ހ) މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދަންޖެހޭ ބޭސިކް ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ މައުލޫމާތު ރެކޯޑުކޮށްފައިވާ ކޮންޓިނިއުސް ޑިސްޗަރޒް ސެޓުފިކެޓު (ސީ.ޑީ.ސީ) އެއް މިނިސްޓްރީން ދޫކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ސީ.ޑީ.ސީ އަށް އެދި ހުށަހަޅާނީ މިނިސްޓްރީން އާންމުކޮށްފައިވާ ފޯމާއެކު މިނިސްޓްރީއަށެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ފޯމުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވާނަމަ އެ ފަރާތަކަށް ވަކި އައިޑެންޓިފިކޭށަން ނަންބަރެއްދީ ސީ.ޑީ.ސީ ދޫކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ދޫކުރާ ސީ.ޑީ.ސީ ގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ. އަދި ސީ.ޑީ.ސީ ގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން އައު ކުރުމަށް ހުށަހަޅަންވާނެއެވެ.

(ބ) މިނިސްޓްރީން ދޫކޮށްފައިވާ ސީ.ޑީ.ސީ އަކަށް މިނިސްޓްރީ ފިޔަ ވައި އެހެން ފަރާތަކުން އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

(ޅ) މި މާއްދާގެ ދަށުން ދޫކުރާ ސީ.ޑީ.ސީ އާއި ސީފެއަރަޒް އައި.ޑެން ޓިޓީ ޑޮކިއުމަންޓްތަކާ ގުޅޭ އެންމެހައި މައުލޫމާތުތައް މިނސްޓްރީން ބަލަހައްޓަންވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ދޫކުރާ ސީ.ޑީ.ސީ އާއި ސީފެއަރަޒް އައި.ޑެންޓިޓީ ޑޮކިއުމަންޓްތަކުގެ ސައްހަކަން މި މިނިސްޓްރީގެ ވެބްސައިޓުން ކަށަވަރު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ.

 

ތިން ވަނަ ބާބު

މެޑިކަލް އެގްޒެމިނޭށަން

 

22 ވަނަ މާއްދާ - މެޑިކަލް ޕްރެކްޓިށަނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުއްދައަށް އެދުން

(ހ) ދިވެހިރާއްޖޭގައި މެޑިކަލް ޕްރެކްޓިށަނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަ ލިބިފައިވާ ފަރާތަކުން މި ގަވާއިދުގައި ބަޔާންކުރާ މެޑިކަލް އެގްޒަމިނޭށަން ހަދާ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދި ހުށަހަޅާނީ މިނިސްޓްރީއަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މެޑިކަލް ޕްރެކްޓިށަނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހަޅާ ފަރާތަކީ އިންޓަރނޭށަނަލް ލޭބަރ އޯގަނައިޒޭށަނުން ކަނޑައަ ޅައިފައިވާ ގައިޑުލައިން އޮން ދަ މެޑިކަލް އެގްޒަމިނޭށަންސް އޮފް ސީފެއަރަރޒްގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާ ފަރާތެއްނަމަ، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންގެ މެޑިކަލް އެގްޒަމިނޭށަން ހަދާ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރު މަށް ހުއްދަ ދެވިދާނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިނިސްޓްރީން ހުއްދަ ދީފައިވާ މެޑިކަލް ޕްރެކްޓިށަނަރުންގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއު ކުރަންވާނެއެވެ.

 

23 ވަނަ މާއްދާ - މެޑިކަލް އެގްޒަމިނޭށަން ހެދުން

(ހ) ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަޅުވެރިއަކީ އެކަށީގެންވާ ސިއްހަތެއްގައި ހުރި ފަރާތެއްކަމާއި، އެ ފަރާތަކަށް ހަވާލުކުރެވޭ މަސައްކަތްތައް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަން ކަނޑައެޅުމުގެ ގޮތުން މި ގަވާއިދުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ހުއްދަ ލިބިފައިވާ ފަރާތަކުން މެޑިކަލް އެގްޒެމިނޭށަން ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މެޑިކަލް އެގްޒަމިނޭށަން ހަދާނީ، އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ގަވާއިދުގެ 9/1 އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ފަޅުވެރިޔާ ހަދާ މެޑިކަލް އެގްޒެމިނޭ ށަން ހެދުމަށްފަހު ދޫކުރާ މެޑިކަލް ސެޓުފިކެޓުގައި އެ ފަރާތަކީ އިންޓަރނޭށަނަލް ލޭބަރ އޯގަނައިޒޭށަނުން ކަނޑައަޅައިފައިވާ ގައިޑުލައިން އޮން ދަ މެޑިކަލް އެގްޒެމިނޭށަންސް އޮފް ސީފެއަރަޒްގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން، ދޫކުރާ މެޑިކަލް ސެޓުފިކެޓުގެ މުއްދަތަކީ އެ ސެޓުފިކެޓު ދޫކުރި ތާރީހުން ފެށިގެން 2 (ދޭއް) މީލާދީ އަހަރެވެ. އަދި 18 އަހަރު ނުފުރޭ ފަރާތްތަކަށް ދޫކުރާ މެޑިކަލް ސެޓުފިކެޓުގެ މުއްދަތަކީ 1 (އެކެއް) މީލާދީ އަހަރެވެ.

(ބ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ނުވާނަމަ އެ ސެޓުފިކެޓު މިނިސްޓްރީން ގަބޫލުކޮށްގެން ނުވާނެއެވެ.

 

24 ވަނަ މާއްދާ - ދަތުރެއްގެ މަތީގައި ވަނިކޮށް މެޑިކަލް ސެޓުފިކެޓުގެ މުއްދަތު ހަމަވުން

(ހ) ދަތުރެއްގެ މަތީގައި ވަނިކޮށް މި ގަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެޑިކަލް ސެޓުފިކެޓުގެ މުއްދަތު ހަމަވެއްޖެނަމަ، އަލުން މެޑިކަލް އެގްޒަ މިނޭށަން ހެދޭނެ ބަނދަރަކާ ހަމައަށް ދެވެންދެން މުއްދަތު ހަމަވެފައިވާ މެޑިކަލް ސެޓުފިކެޓު ގަބޫލުކުރެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، މިފަދަ ހާލަތެއްގައި މުއްދަތު ހަމަވެފައިވާ މެޑިކަލް ސެޓުފިކެޓު ގަބޫލުކުރެވޭނީ ގިނަވެގެން 3 (ތިނެއް) މަސްދުވަހަށެވެ.

 

ހަތަރު ވަނަ ބާބު

އާންމު މާއްދާތައް

 

25 ވަނަ މާއްދާ - ސެޓުފިކެޓާއި ލިޔުންތަކުގެ ލިސްޓު އާންމުކުރުން

މި ގަވާއިދުގެ ދަށުން މިނިސްޓްރީން ދޫކުރާ ހުއްދަތަކާއި، ލިޔުންތަކާއި ހުއްދަ ދީފައިވާ ތަމްރީނުތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ދޫކުރާ ސެޓުފިކެޓުތަކުގެ ލިސްޓެއް މިނިސްޓްރީގެ ވެބްސައިޓުގައި ކޮންމެ 6 މަހަކުން ށާއިއުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ޖޫރިމަނާކުރުން

(ހ) މި ގަވާއިދާ ހިލާފުވާ ފަރާތެއްގެ އަދަބަކީ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި، 5،000 (ފަސްހާސް) ރުފިޔާއާއި 10،000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާކުރުމަށްފަހު، އެ އަމަލެއް ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކަށް (ހ) ގައި ބަޔާންކުރާ އަދަދުގެ އިތުރުން 5،000 (ފަސްހާސް) ރުފިޔާ ނެގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންނެވެ.

(ރ) މި ގަވާއިދާ ހިލާފު އަމަލެއް 2 (ދޭއް) ފަހަރަށްވުރެ އިތުރަށް ކޮށްފިނަމަ އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރެވޭނެއެވެ.

 

27 ވަނަ މާއްދާ - އެއްބަސްވުން އެކުލަ ވައިލުން

އެސް.ޓީ.ސީ ޑަބްލިޔު ކޮންވެންށަނުގެ ދަށުން ދިވެހިރާއްޖެއިން ދޫކުރާ ސެޓުފިކެޓުތަކާއި އެހެން ގައުމުތަކުގެ ސެޓުފިކެޓުތައް ދެ ގައުމުގައި ގަބޫލުކުރުމަށްޓަކައި ގައުމުތަކާއެކު އެއްބަސްވުންތައް މިނިސްޓްރީއަށް އެކުލަވައިލެވިދާނެއެވެ.

 

28 ވަނަ މާއްދާ - އިސްތިސްނާ

ގާނޫނު ނަންބަރު 1978-69 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކުރާ، ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތަކާއި، ދިވެހިރާއްޖެއަށް އަންނަ ބޭރު ގައުމުތަކުގެ އަސްކަރީ އުޅަނދުތަކާއި، ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިގެން އަންނަ އުޅަނދުތައް މި ގަވާއިދުން އިސްތިސްނާ ވެގެންވެއެވެ.

 

29 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހުއްދަ ދީފައިވާ ފަރާތްތަކަށް މި ގަވާއިދުގައި ބަޔާންކުރާ ކަންކަން 6) ހައެއް) މަސްދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމުން ހުއްދަ އައު ކޮށްދޭންވާނެއެވެ.

 

30 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފްޒުތަކަށް ދީފައިވާނީ، އެ އިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ހުށަހަޅާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތް ލިބިގަންނަ ފަރާތަށެވެ.

(ށ) "އުޅަނދު" ކަމަށް ބުނެފައި އެވަނީ، ފެންމަތިން އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭގޮތަށް ހަދައިފައިވާ ހުރިހާ ބާވަތެއްގެ އުޅަނދަށެވެ.

(ނ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކަނޑުދަތުރުފަތުރު ކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ރ) "އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާ" ކަމަށް ބުނެފައި އެވަނީ،އިންޓަރނޭށަނަލް ކޮންވެންށަން އޮން ސްޓޭންޑަރޑްސް އޮފް ޓްރެއިނިންގ، ސެޓިފިކޭށަން، އެންޑް ވޮޗްކީޕިންގ ފޮރސީފެއަރސްއަށެވެ.

(ބ) "ކޮންޓިނިއުސް ޑިސްޗަރޒް ސެޓުފިކެޓު" ނުވަތަ "ސީ.ޑީ.ސީ" ކަމަށް ބުނެފައިވަނީ އުޅަނދުފަހަރުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މި ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތަކަށް އެ ފަރާތަކީ ކާކުކަން އަންގައިދިނުމުގެ ގޮތުން ދޫކުރާ އައިޑެންޓިފިކޭށަން ސެޓުފިކެޓަށެވެ.

(ޅ) "ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ،މިނިސްޓްރީން ނުވަތަ މިނިސްޓްރީން އައްޔަންކުރާ ފަރާތަކުން، އައި.އެލް.އޯ 185 މުއާހަދާގެ ދަށުން ދޫކޮށްފައިވާ ފޮޓޯ ޖަހައިފައިވާ ލިޔުމަށެވެ.

(ކ) "އެކްރެޑިޓް ކުރުން" ކަމަށް ބުނެފައި އެވަނީ، ތަމްރީނުދޭ މަރުކަޒުގައި ކިޔަވައިދޭ މުގައްރަރު މިންގަނޑަށް ފެތޭކަމަށް ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ ކަނޑައެޅުމަށެވެ.

(އ) "ލޯކަލް ޓްރެއިނިންގ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީނުތަކަށެވެ.

(ވ) "ތަމްރީނު ނުވަތަ ޓްރެއިނިންގ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ 
ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީނުތަކާއި ބައިނަލްއަގްވާމީ ކަނޑުދަތުރު ފަތުރާ ބެހޭ ޖަމްއިއްޔާގެ މުއާހަދާއެއްކަމަށްވާ ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގގެ ދަށުން ލާޒިމުކުރާ ތަމްރީނުތަކަށެވެ.

(މ) "ސަރޓިފިކެޓް އޮފް ކޮމްޕީޓަންސީ އަންލިމިޓެޑް" ކަމަށް ބުނެފައި އެވަނީ، ބައިނަލްއަގްވާމީ ކަނޑުދަތުރު ފަތުރާ ބެހޭ ޖަމްއިއްޔާގެ މުއާހަދާއެއްކަމަށްވާ ސްޓޭންޑަރޑްސް އޮފް ޓްރޭނިންގ، ސެޓްފިކޭށަން އެންޑް ވޮޗްކީޕިންގގެ 1978 އަށް ގެނެވުނު އިސްލާހުގެ ދަށުން ދޫކުރާ ސެޓުފިކެޓުތަކަށެވެ.

(ފ) "ޓްރެއިން ދަ ޓްރެއިނަރސް" ކަމަށް ބުނެފައި އެވަނީ،އިންޓަރނޭށަނަލް މެރިޓައިމް އޯގަނައިޒޭށަނުގެ 6.09 މޮޑިއުލް ކޯހަށެވެ. 

 

(މި ގަވާއިދުގެ ތިރީގައިވާ ޖަދުވަލުތައް އެޓޭޗްކުރެވިފައިވާ ފައިލުގައި ހިމެނިފައި)

 

ޖަދުވަލު 1

(ސަރވިސް ސެޓުފި ކެޓަށް ބިނާކޮށް ސެޓުފިކެޓު އޮފް ކޮމްޕިޓެންސީ (ސީއޯސީ) ރިވެލިޑޭޓް ކުރުމުގެ 
ޕްރޮސީޖަރ)

 

ޖަދުވަލު 2

(އޮފިސަރ އިންޗާޖް އޮފް ނެވިގޭށަނަލް ވޮޗް ލެސްދޭން GT 3000 ސީ.އޯ.ސީ އަދި އޮފިސަރ އިންޗާޖް އޮފް އިންޖިނިއަރިންގ ވޮޗް 
ލެސްދޭން kW 3000 ސީ.އޯ.ސީ ސެޓުފިކެޓު އަޕްގްރޭޑްކޮށް ދޫކުރާ ކެޓަގަރީތައް)

 

ޖަދުވަލު 3

(އެސް.ޓީ.ސީ.ޑަބްލިޔު މުއާހަދާގެ ދަށުން ހެދުމަށް ލާޒިމު ކުރާ ސެޓުފިކެޓު ނުވަތަ ޑޮކިއުމެންޓްރީ އެވިޑެންސްގެ ލިސްޓު)

 

މައި ގާނޫނު

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-69)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު