ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-125) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-247)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 21 ޑިސެމްބަރު 2022 ގައި)
ގަވާއިދު ނަންބަރު 2022-125 (ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.
1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 6 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
(ބ) މި މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލައަދަދު ދެއްކުމުގެ ކުރިން، އަންނަނިވި ށަރުތުތަކާއެކު ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވިދާނެއެވެ.
- ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތުން މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން މަދުވެގެން 1 (އެކެއް) މިލިޔަން ޑޮލަރު ދައުލަތަށް ދައްކައިފައިވުން؛
- މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގެ ދަށުން ދެވޭ މުއްދަތުގައި މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދު ދައުލަތަށް ދައްކައި ހަލާސް ނުކޮށްފިނަމަ، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ބާތިލު ކުރަންވާނެކަމަށް ކުލީގެ އެއްބަސްވުމުގައި ހިމެނުން؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ރަށް، ނުވަތަ އެ ފަޅު، ނުވަތަ އެ ބިން ކުއްޔަށް ހިފާ ފަރާތަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށް، ކުލީގެ އެއްބަސްވުމުގައި ހިމެނުން؛
- މި އަކުރުގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ކުލީގެ އެއްބަސްވުން ބާތިލުކުރާ ހާލަތުގައި، އެ ރަށް، ފަޅު، ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތުން މަށްރޫއަށް ހަރަދުކުރަން ކަނޑައަޅައިފައިވާ ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން، ކުލީގެ އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް ދައްކައިފައިވާ އެއްވެސް ފައިސާއެއް އަނބުރާ ރައްދުނުކުރެވޭނެ ކަމަށް ކުލީގެ އެއްބަސްވުމުގައި ހިމެނުން.
2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
މައި ގަވާއިދު
ކިޔުންތެރިންގެ ހިޔާލު