-

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-236)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 52 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްގީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމަށާއި، ތަރައްގީކޮށް ނިމި ހިންގަން ފަށައިފައިވާ ތަންތަން މަރާމާތުކުރުމުގައި ނުވަތަ އާބާތުރަފިލުވުމުގައި ލުއިދިނުމުގެ ގޮތުން ކުލި ފަސްކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ހަދައިފައިވާ ގަވާއިދެކެވެ.
 (ށ) މި ގަވާއިދަށް ކިޔާނީ، "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައިއަމަލުކުރާނެގޮތުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ލުއި ދެވޭނެ ގޮތްތައް

މި ގަވާއިދުގެ ދަށުން ލުއިތައް ދެވޭނީ، އަންނަނިވި ގޮތްތަކަށެވެ.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާއާ އެއްގޮތަށް ތަން ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް އިތުރު މުއްދަތެއް ދިނުން.

(ށ) ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކައި އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން.

(ނ) ހިންގަމުންގެންދާ ތަނެއް، މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތަށް އަލުން ތަރައްގީކުރުމަށް ނުވަތަ އާބާތުރަފިލުވުމަށް ބަންދުކުރާ މުއްދަތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން.

 

3 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުން

ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
 (ށ) މި މާއްދާގެ (ހ) ގެ ދަށުން މުއްދަތު އިތުރުކޮށްދެވޭނީ، އަންނަނިވި ކަންކަމަށް އެއްބަސްވާނަމައެވެ.

  1. މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑުގައި ތަން އެއްކޮށް ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާ ނަމަ، މަދުވެގެން 1 (އެކެއް) ފޭސް، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން؛
  2. ކޯޕަރޭޓް ސޯށަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރ) ގެ ގޮތުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްގީކޮށް ނިމި ހިންގަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން މިނިސްޓްރީ އޮފް ފިނޭންސްގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް އެއްބަސްވުން.

(ނ) ކޮންސްޓްރަކްށަން ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ،ހިނގަމުންދާ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވާ ތާރީހުން ފެށިގެންނެވެ.

(ރ) ކޮންސްޓްރަކްށަން ޕީރިއަޑުގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ،ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތަށް މިނިސްޓްރީއަށް ހުށަހަޅައި، މިނިސްޓްރީން އެ ހުށަހެޅުން ބަލައިގަންނަ ތާރީހުން ފެށިގެންނެވެ. 

(ބ) މި މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ، މަސްދުވަހުން ގުނާ މުއްދަތަކަށެވެ.

 

4 ވަނަ މާއްދާ - ހިންގަން ފަށައިފައި ނުވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކުރުން

(ހ) މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ތާރީހާ ހަމަޔަށް އަރައިފައިވާ ކުއްޔާއި ޖޫރިމަނާއާއި، މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑުގައި ދައްކަންޖެހޭ ކުލި ދެއްކުން ފަސްކޮށްދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކާނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރާ ގޮތަށެވެ.

  1. މިނިސްޓްރީން އެ ތަނެއް ހިންގުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ކޮންމެ އަހަރެއްގެ ވެސް 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އިންޓަރެސްޓެއް ނެތި ދެއްކުން؛
  2. ރަށް ތަރައްގީކޮށް ނިމިގެން ހުޅުވާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރައިފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު 4 (ހަތަރެއް) ކުއާޓަރަށް ހަމަހަމަޔަށް ބަހައިލައިގެން އަހަރަކު %3 (ތިނެއް އިންސައްތަ) ސިމްޕަލް އިންޓަރެސްޓާއެކު ކުއްޔާއި ޖޫރިމަނާ ދެއްކުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަހަރީ އިންޓަރަސްޓް ހިސާބުކުރާނީ، ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށާ ދުވަހުން ފެށިގެން، ކޮންމެ މީލާދީ އަހަރެއްގެ ވެސް އެ ތާރީހުގައި ދައްކަން ބާކީހުރި ޕްރިންސިޕަލް އަދަދުގެ މައްޗަށެވެ.

 

5 ވަނަ މާއްދާ - ފޭސްތަކަށް ބަހައިލައިގެން ފަޅު ހުޅުވުން

(ހ) މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާނަމަ، މަދުވެގެން 1 (އެކެއް) ފޭސް،ފުރަތަމަ ކޮންސްޓްރަކްށަން ޕީރިއަޑުގައި ނުވަތަ މި ގަވާއިދުގެ ދަށުން އިތުރުކޮށްދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގައި ނިންމައި، އެ ރަށުގައި ތަރައްގީކޮށްފައިވާ ރިޒޯޓް ނުވަތަ ފަޅުގައި ހިއްކައިފައިވާ ރަށްތަކުގެ ތެރެއިން އޮޕަރޭޓިންގ ލައިސަންސް ދޫކޮށްފައިވާ ރަށް ހިންގަން ފަށާ ތާރީހުން ފެށިގެން ބާކީ ނުނިމި ހުރި ރަށްތައް ތަރައްގީކުރުމަށް ކޮންސްޓްރަކްށަން ޕާމިޓެއް ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދޫކު ރާ ކޮންސްޓްރަކްށަން ޕާމިޓްގެ ދަށުން ތަރައްގީކުރަމުންދާ ރަށް/ރަށްތައް ތަރައްގީކުރާއިރު، އެ ރަށްތަކަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މިފަދައިން ފޭސްތަކަށް ބަހައިލައިގެން ފަޅުގައި ހިއްކައިފައިވާ ރަށްތައް ހަދާނަމަ، ކޮންމެ ރަށަކަށް ވަކިން ލޭންޑް ސަރވޭއެއް ހަދަންޖެހޭނެއެވެ. މުޅި ރަށުގެ ނުވަތަ ފަޅުގެ ޖުމުލަ ބިމު ކުލި ހިމެނެނީ ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަދުވަލު 1 ގެ ވަކި ގިންތިއަކަށް ނަމަ، ކުލި ދައްކާނީ ،ހިންގަން ފަށައިފައިވާ ރަށުގެ ބޮޑުމިން ބެލުމަށްފަހު އެ ރަށަށެވެ. އަދި ތަރައްގީކޮށްނިމިފައިނުވާ ރަށްތަކަށް އަރައިފައިވާ ބިމު ކުލި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން ފަސްކޮށްދެވޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރާ ގޮތަކަށެވެ.

(ބ) މި މާއްދާގައިވާ ގޮތަށް ކުލި ފަސްކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، ފުރަތަމަ ރަށް ތަރައްގީކޮށް ނިމިގެން ހިންގަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) އަހަރުދުވަހެވެ. އަދި، ކުލި ފަސްކޮށްދެވޭ މުއްދަތު ހަމަވުމުން ބާކީ ހުރި ރަށްތައް ތަރައްގީކޮށް ނިމިގެން ހިންގަން ފަށައިފައި ނުވިޔަސް، މި މާއްދާގެ (ރ) ގެ ދަށުން އިހްތިޔާރުކޮށްފައިވާ ގޮތަށް ފަސްކޮށްދެވުނު ކުލި ދައްކަން ލާޒިމުވާނެއެވެ.

 

6 ވަނަ މާއްދާ - ރީޑިވެލޮޕްމަންޓަށް ތަން ބަންދުކުރުން

(ހ) ހިންގަމުންގެންދާ ތަނެއްގެ ފެންވަރު މަތިކުރުމަށް ޓަކައި، ރީޑެވެލޮޕްމަންޓް ޕީރިއަޑެއްގެ ގޮތުގައި މުޅި ތަން އެކީގައި ބަންދުކުރާނަމަ، އެ ފަދައިން ބަންދުކުރުމަށް މި ގަވާއިދުގެ ދަށުން މިނިސްޓްރީން ހުއްދަދޭ މުއްދަތުގެ ކުލި ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ށ) ރީޑިވެލޮޕްމަންޓް ޕީރިއަޑް ހޯދުމަށް އެދި ހުށަހަޅާ ތަނަކީ މިނިސްޓްރީގެ ހުއްދަޔާއެކު ބަންދުކޮށްފައިވާ ތަނެއްނަމަ، އެ ތަނެއް ހިންގައިފައިނުވާ މުއްދަތަށް، ނުދައްކައިވާ ކުއްޔާއި،ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާއެއް އަރައިފައިވާނަމަ އެ ފައިސާއެއް ވެސް،ރީޑިވެލޮޕްމަންޓް ޕީރިއަޑުގެ މުއްދަތަށް ފަސްކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ، އެ ތަނެއް މަރާމާތުކުރުމަށް ޓަކައި ބަންދުކުރުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން، 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ކުއާޓަލީ އިންސްޓޯލްމަންޓަށް ހަމަހަމަޔަށް ބަހައިލައިގެން ދައްކަންވާނެއެވެ.

(ރ) ރީޑެވޮލަޕްމަންޓަށް ތަނެއް ބަންދުކުރަންވާނީ، މިނިސްޓްރީއަށް އެކަން ލިޔުމުން އަންގައި،މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުގައެވެ. 

(ބ) ރީޑެވޮލަޕްމަންޓަށް ތަނެއް ބަންދު ކުރުމަށް ހުއްދަ ދޭންވާނީ، ގިނަވެގެން 18 (އަށާރަ) މަސްދުވަހުގެ މުއްދަތަށެވެ.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހަޅާ ވާރކް ޕްލޭނުގައިވާ މަސައްކަތްތަކުގެ %50 (ފަންސާސް އިންސައްތަ) ފުރިހަމަ ކޮށްފައިވާނަމަ، އެ މުއްދަތު،ގިނަވެގެން 12 (ބާރަ) މަސްދުވަހަށް އިތުރުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ކ) މި ގަވާއިދުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ އެއްވެސް ތަނަކާ  ގުޅިގެން، ރީޑިވެލޮޕްމަންޓް ޕީރިއަ ޑައަކަށް ހުއްދަ ދެވޭނީ، ކޮންމެ 10 (ދިހައެއް) އަހަރަކުން 1 (އެކެއް) ފަހަރުއެވެ.

 

7 ވަނަ މާއްދާ - ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމާއި،ރީޑެވޮލަޕްމަންޓް ޕީރިއަޑު ގެ ކުލި ފަސްކޮށްދިނުމަށް އެދި ހުށަހެޅުން

(ހ) ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމަށާއި، ރީޑެވޮލަޕްމަންޓް ޕީރިއަޑުގެ ކުލި ފަސްކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ށ) ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމަށާއި، ރީޑެވޮލަޕްމަންޓް ޕީރިއަޑުގެ ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާއިރު، އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  1. ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ކަނޑައަޅާ ފޯމު؛
  2. އިތުރުކުރަން އެދޭ ކޮންސްޓްރަކްށަން ޕީރިއަޑް ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑުގައި މަސައްކަތް ހިންގަން ރާވައިފައިވާ ގޮތުގެ ވާރކް ޕްލޭން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަރކްޕްލޭން، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ މިންގަނޑަށް ނުފެތޭނަމަ، އެ ވަރކްޕްލޭން އިސްލާހުކުރުމަށް އެންގުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ގޮތަށް ވަރކްޕްލޭން އިސްލާހުކުރުމަށް މިނިސްޓްރީން އަންގާ ހާލަތުގައި މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުން ފުރިހަމަވީކަމުގައި ބެލެވޭނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭގޮތަށް ވަރކްޕްލޭން އިސްލާހުކޮށްފައި މިނިސްޓްރީއަށް ހުށަހަޅާ ތާރީހުން ފެށިގެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވަރކްޕްލޭން އިސްލާހުކުރުމަށް މިނިސްޓްރީން އަންގައިފައިވަނީ މިނިސްޓްރީއަށް ހުށަހެޅުން ލިބޭތާ ރަސްމީ 5 (ފަހެއް) ދުވަސް (ހުށަހެޅުން މިނިސްޓްރީއަށް ލިބޭ ދުވަހާއި މިނިސްޓްރީން އެ ވަރކްޕްލޭން އިސްލާހުކުރުމަށް އަންގާ ދުވަސް ނުހިމެނޭ ގޮތަށް) ފާއިތުވިފަހުންނަމަ،ފުރަތަމަ ހުށަހެޅުން މިނިސްޓްރީއަށް ލިބޭ ތާރީހަކީ އެ ހުށަހެޅުން ފުރިހަމަވި ތާރީހުކަމުގައި ބަލަންވާނެއެވެ.

(ޅ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުގައި، ތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކޮށްދިނުމަށް މިނިސްޓްރީއަށް ހުށަހަޅައިފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅައިފައި ނުވާނަމަ، މި ގަވާއިދުގެ ދަށުން އެ ހުށަހެޅުމެއް ބަލައެއް ނުގަނެވޭނެއެވެ.

 

8 ވަނަ މާއްދާ - ވަރކްޕްލޭނު ގައި ހުންނަންޖެހޭ ށަރުތުތައް

މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަރކްޕްލޭން ތައްޔާރުކުރަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(ހ) ވަރކްޕްލޭނުގައި، ތަން ހުޅުވަން ގަސްތުކުރާ ތާރީހު ބަޔާންކުރަންވާނެއެވެ. އަދި މި ތާރީހުވާންވާނީ، ކޮންސްޓްރަކްށަން ޕީރިއަޑް ނުވަތަ ރީޑެވޮލަޕްމަންޓް ޕީރިއަޑުގެ ގޮތުގައި އެދޭ މުއްދަތުގެ ތެރޭގައި ހިމެނޭ ތާރީހަކަށެވެ.

(ށ) ތަން ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ އެ ފަދަ ލިޔެކިޔުމެއް އިސްލާހުކޮށްފައިއަލުން ހުށަހަޅަން ގަސްތުކުރާނަމަ، އެ ލިޔެކިޔުންތައް ހުށަހެޅުމަށް ގަސްތުކުރާ ތާރީހުތައް ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ތިމާވެށްޓަށް އަސަރުކުރާ މިންވަރު ދެނެގަތުމުގެ ރިޕޯޓު، ސަރުކާރުގެ ކަމާބެހޭ އިދާރާއިން ފާސްކޮށްފައިވާނަމަ، އެ އިދާރާއަކުން، އެ ތަނުގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ މުއްދަތު ބަޔާންކުރަންވާނެއެވެ. އަދި އެ ފަދަ ހުއްދައެއް ލިބިފައިނުވާނަމަ، ނުވަތަ ހުއްދަ ދީފައިވާ މުއްދަތު ހަމަވެފައިވާނަމަ، ކަމާބެހޭ އިދާރާއަށް އެ ރިޕޯޓު ހުށަހެޅުމަށް ގަސްތުކުރާ ތާރީހު،ވަރކްޕްލޭނުގައި ހިމަނަންވާނެއެވެ.

(ރ) ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރީތައް ވުމަށް ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް (މޮބިލައިޒްކުރުމަށް) ވަކި މުއްދަތެއް ބޭނުންވާނަމަ، އެ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ބ) ބިން ހިއްކުމަށް ހުށަހަޅާނަމަ، ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ޅ) އެންމެ މަދު މިންވަރަކަށް ތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް ހުށަހަޅާ ޖުމުލަ މުއްދަތު ބަޔާންކުރަންވާނެއެވެ.

(ކ) ވަރކްޕްލޭނުގެ މުއްދަތު ފެށޭ ދުވަސް ބަޔާންކުރަންވާނީ އަންނަނިވި ގޮތަށެވެ.

  1. މިނިސްޓްރީއަށް ވަރކްޕްލޭން ހުށަހަޅަނީ ކުރިން ލިބިފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ މުއްދަތު ހަމަވުމަށްފަހުގައި ކަމަށްވާނަމަ، ވަރކްޕްލޭން މިނިސްޓްރީއަށް ހުށަހަޅާ ތާރީހުން ފެށިގެން؛
  2. މިނިސްޓްރީއަށް ވަރކްޕްލޭން ހުށަހަޅަނީ ކުރިން ލިބިފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށްވާނަމަ، ހިނގަމުންދާ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވާ ތާރީހުގެ ފަހު ދުވަހުން ފެށިގެން.

 

9 ވަނަ މާއްދާ - ތަން ހިންގަން ފަށަންޖެހޭ މުއްދަތުގައި ނުފެށުން

(ހ) މި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވުމުގެ ކުރިން ނުވަތަ މި ގަވާއިދުގެ ދަށުން ދެވޭ ރީޑިވެލޮޕްމަންޓް ޕީރިއަޑް ހަމަވުމުގެ ކުރިން އެ ތަނެއް ހިންގަން ފަށައިފައި ނުވާނަމަ، ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރާ ތަނެއް ނަމަ،މަދުވެގެން 1 (އެކެއް) ފޭސް ނިމި ހިންގަން ފަށައިފައި ނުވާނަމަ، ފަސްކޮށްދެވިފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ ހިމެނޭގޮތަށް އެހައިތަނަށް އަރައިފައިވާ އެންމެހައި ކުއްޔާއި ޖޫރިމަނާ، ކޮންސްޓްރަކްށަން ޕީރިއަޑް ނުވަތަ ރީޑިވެލޮޕްމަންޓް ޕީރިއަޑް ހަމަވާ ތާރީހުން ފެށިގެން 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ، މި މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ މުއްދަތުގައި ދައްކައި ފައި ނުވާނަމަ، ތަން ކުއްޔަށް ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވާ ތާރީހުން ފެށީގެން ސަރުކާރު ބަންދުނޫން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ތަން ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފިނަމަ، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކުން އެ ތަނެއް އިސްތިސްނާކޮށް، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކޮށްފައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާ ދެއްކުމަ ށް ފުރުސަތު ދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

10 ވަނަ މާއްދާ - ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން

(ހ) ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވެއްޖެކަމަށް ގާނޫނުގައިބަޔާންކޮށްފައިވާ ގޮތުގެ މަތީން ކަނޑައަޅައި ކަމާބެހޭ އިދާރާއަކުން އިއުލާނުކޮށްފިނަމަ، އެ ކުއްލި ނުރައްކަލުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާނަމަ، މަސައްކަތް ކުރުމަށް ހުރަސްއެޅުނު މުއްދަތު، ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރެއަށް އިތުރުކޮށްދިނުމަށް އެދި، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ، އަންނަނިވި ކަންކަން ފުރިހަމަކުރާ ފަރާތްތަކަށެވެ.

  1. ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން ތަން ތަރައްގީކުރުމަށް ހުރަސް އެޅިފައިވާކަމުގައި ބަޔާންކޮށް އެ މުއްދަތު އިތުރުކުރުމަށް އެދި މިނިސްޓްރީއަށް ހުށަހަޅައިފައިވުން.
  2. ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ކާރިސާގެ ސަބަބުން އެ ތަނެއް ތަރައްގީކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާކަން އަންގައިދޭ އެކަށީގެންވާ ލިޔެކިޔުން ހުށަހަޅައިފައިވުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް، ދިމާވެފައިވާ ކުއްލި ނުރައްކަލުގެ ސަބަބުން ނުވަތަ ކާރިސާގެ ސަބަބުން އެ ތަނަކަށް ދޫކޮށްފައިވާ ކޮންސްޓްރަކްށަން ޕީރިއަޑުގެ ތެރޭގައި އެ ތަނެއް ތަރައްގީކުރުމަށް ހުރަސްއެޅިފައިވާކަން މިނިސްޓްރީއަށް ގަބޫލުކުރެވޭނަމަ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ނުވަތަ ކާރިސާގެ ހާލަތުގެ ސަބަބުން ތަރައްގީކުރުމަށް ހުރަސްއެޅުނު މުއްދަތު، މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ދައްކަންޖެހޭ ސީ.އެސް.އާރ. ފީއާ ނުލައި އިތުރުކޮށްދޭން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރި ނަމަވެސް، އެ ތަނެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިވެފައިވަނިކޮށް، ކުރިން ދީފައިވާ ކޮންސްޓްރަކްށަން ޕީރިއަޑް ހަމަވެ، އެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް އެދި ހުށަހަޅާއިރު، އެ ހާލަތެއްގެ ސަބަބުން އެ ތަނަކަށް އަސަރުކޮށްފައިވާ މިންވަރު ބަޔާންކޮށް، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން އަރައިފައިވާ ޖޫރިމަނާއަށް ލުއިދިނުން

(ހ) ތަރައްގީކޮށް ނިމިގެން ހިންގަން ފަށައިފައި ނުވާ ތަންތަނުގެ ކުއްޔާ ގުޅިގެން ދުވާލަކަށް %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) ގެ ރޭޓުން ހިސާބުކޮށްފައިވާ ޖޫރިމަނާ ދުވާލަކަށް %0493.0 (ސުމެއް ޕޮއިންޓް ސުމެއް ހަތަރެއް ނުވައެއް ތިނެއް އިންސައްތަ) ގެ ރޭޓުން ހިސާބުކުރުމަށްފަހު، އެއަށްވުރެ އިތުރަށް ޖޫރިމަނާ އަރައިފައިވާނަމަ،އިތުރަށް އަރައިފައިވާ ޖޫރިމަނާ މާފުކޮށްދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ލުއިދިނުމަށްފަހު ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ފަސްކޮށްދެވޭ ކުލި ދެއްކުމަށް ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކޮށްފައިވާ ގޮތަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާއަށް ލުއިދެވޭނީ، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) ގެ ދަށުން 17 ޖޫން 2021 ގެ ނިޔަލަށް ލުއި ހޯދުމަށް އެދި ހުށަހަޅައިފައިވާ ފަރާތްތަކަށެވެ.

 

12 ވަނަ މާއްދާ - ތަރައްގީ ކުރެވިފައި ނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ މުއްދަތު

މި ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ގަވާއިދު ނަންބަރު 2020-129 (ގަވާއިދު ނަންބަރު 2019-1041، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އަށް އަމަލުކުރަން ފެށި ތާރީހުގެ ފަހުން ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާނީ، އަންނަނިވި ގޮތުގެ މަތީންނެވެ.

(ހ) މި މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް ކަނޑައަޅާ އެންމެ ދިގު މުއްދަތު ގުނަން ފަށާނީ، ގަވާއިދު ނަންބަރު 2020-129 (ގަވާއިދު ނަންބަރު 2019-1041، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު) އަށް އަމަލުކުރަން ފެށި ތާރީހުގެ ފަހުން އެ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑް އެންމެ ފުރަތަމަ އިތުރުކޮށްދޭ ތާރީހުން ފެށިގެންނެވެ.

(ށ) މި މާއްދާގެ ދަށުން ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، 3 (ތިނެއް) އަހަރުދުވަހެވެ.

(ނ) މި މާއްދާގެ ދަށުން ފަޅެއްގެ ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، 4 (ހަތަރެއް) އަހަރުދުވަހެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އަކުރުތަކުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރު، އެ ތަނެއްގެ ވާރކްޕްލޭނުގައި ކުރުމަށް ކަނޑައަޅައިފައިވާ މަސައްކަތުގެ %70 (ހަތްދިހަ އިންސައްތަ) މަސައްކަތް ނިމިފައިވާނަމަ، އެ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑަށް އިތުރު 1 (އެކެއް) އަހަރުދުވަސް އިތުރުކޮށްދިނުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނެ އެންމެ ކުރު މުއްދަތަކީ، 1 (އެކެއް) މަސްދުވަހެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށް ފައިވާ މުއްދަތުތައް ގުނުމުގައި، މި ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އިތުރުކޮށްދެވޭ މުއްދަތެއް ނުހިމެނޭނެއެވެ.

 

13 ވަނަ މާއްދާ - ކުލީގެ އެއްބަސްވުން އިސްލާހުކުރުން

މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭނީ ނުވަތަ ރީޑެވޮލަޕްމަންޓް ޕީރިއަޑެއް ދެވޭނީ އަދި ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ފަސްކޮށްދެވޭނީ، މިމާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހަކުންނެވެ. 
 (ހ) ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި، އަންނަނިވި ކަންތައްތައް ހިމަނަންވާނެއެވެ.

  1. މި ގަވާއިދުގެ ދަށުން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދެވޭ އެންމެ ދިގު މުއްދަތަކަށް ތަން ތަރައްގީކުރުމަށް މުއްދަތު ދޭ ހާލަތުގައި، އަދި ރީޑެވޮލަޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދެވޭ މުއްދަތުގައި ތަން ތަރައްގީކޮށް ނުނިމިއްޖެނަމަ، ކުލީގެ އެއްބަސްވުން އޭގެ އަމިއްލަ ޒާތުގައި ބާތިލުވާނެކަން؛
  2. ރީޑެވޮލަޕްމަންޓް ޕީރިއަޑެއް ދޭ ހާލަތުގައި ރީޑެވޮލަޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދޭއެންމެ ދިގު މުއްދަތެއްގެ ތެރޭގައި ތަނުގެ ފެންވަރު މަތިކޮށް ތަން ނުހުޅުވާނަމަ،އެ ތަން ކުއްޔަށް ދިނުމަށް ހަދައިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަން؛
  3. ކޮންސްޓްރަކްށަން ޕީރިއަޑް ނުވަތަ ރީޑެވޮލަޕްމަންޓް ޕީރިއަޑުގެ ގޮތުގައި ދެވޭ މުއްދަތު؛
  4. ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭނަމަ، އެ ކުއްޔާއި ޖޫރިމަނާ އަރައިފައިވާ މުއްދަތު؛
  5. ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭނަމަ، އެ ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު.

(ށ) ކުލީގެ އެއްބަސްވުމަށް ގެނެވޭ އިސްލާހުގައި ސޮއިކުރުމުގެ ކުރިން ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުތު ތައް ފުރިހަމަވެ މިނިސްޓްރީން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދިނުމަށް ހުއްދަ ދީފައިވާނަމަ، ތަން ތަރައްގީކުރުމަށް މިނިސްޓްރީގެ ފަރާތުން ދޫކުރާ ހުއްދަތައް ދޫކުރުމަށާއި، ތަން ތަރައްގީކުރުމަށް ގެންނަ މުދަލުން ޑިއުޓީ މާފުކޮށްދިނުމުގެ ހުއްދަ ދިނުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ކަމަށް ބަޔާންކޮށްފައި އެވަނީ، ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "ތަން" ނުވަތަ "ތަންތަން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމާބެހޭ ކަމަކަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅަށެވެ.

(ނ) "ކޮންސްޓްރަކްށަން ޕީރިއަޑް" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުއްޔަށް ދޭ ތަންތަން ތަރައްގީކުރުމަށް ދޭ މުއްދަތަށެވެ.

(ރ) "ފަތުރުވެރިކަމުގެ ބޭނުން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް، ޓްރެއިނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ، ސިޓީ ހޮޓާ، އަދި ޔޮޓް ބަނދަރު ފަދަ ތަންތަނަށެވެ.

(ބ) "ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް މެދުވެރިވުން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން، ނުވަތަ ގާނޫނު ނަންބަރު 2012-07 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން، ނުވަތަ ގާނޫނު ނަންބަރު 2015-28 (ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން ކާރިސާ އިއުލާނު ކުރުމަށެވެ.

(ޅ) "ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވި ތަރައްގީ ކުރެވިފައި ނުވާ ތަންތަން" ކަމަށް ބުނެފައި އެވަނީ ، މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަން ކުއްޔަށްދޫކުރުމަށް ފުރަތަމަ ސޮއިކުރި ކުލީގެ އެއްބަސްވުމުގައި (އިނީށަލް ލީޒް އެގްރީމަންޓުގައި) ކަނޑައެޅިފައިވާ "ކޮންސްޓްރަކްށަން ޕީރިއަޑް" ގެ މުއްދަތު ހަމަވެ ތަރައްގީކޮށް ނިމިފައިނުވާ ތަންތަނަށެވެ.

(ކ) "ރީޑެވޮލަޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް ނުވަތަ މަރާމާތު ކުރުމަށެވެ.

(އ) "ރީޑިވޮލަޕްމަންޓް ޕީރިއަޑް" ގެ ގޮތުގައި ބުނެފައި އެވަނީ، ތަން ބަންދުކުރުމަށްފަހު ތަނެއްގެ ފެންވަރު މަތިކުރުމަށް ނުވަތަ މަރާމާތު ކުރުމަށް އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާއެއް ފަސްކޮށްދެވޭ މުއްދަތަށެވެ.

(ވ) "ކޮންސްޓްރަކްށަން ޕާރމިޓް" ގެ ގޮތުގައި ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ހުއްދައަށެވެ.

 

15 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އުވުނީއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމަށް ގަވާއިދު ނަންބަރު 2019-1041 (ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެގަވާއިދު) ގެ ދަށުން މިނިސްޓްރީއަށް ހުށަހަޅައިފައިވާ ހުށަހެޅުންތަކާމެދު އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ރ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކޮށްދީފައިވާ ތަންތަނަށް ދީފައިވާ ލުއިތައް، އެ ތަންތަނުގެ ކުލީގެ އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ތަނެއްގެ ކޮންސްޓްރަކްށަން ޕީރިއަޑް އެންމެ ފަހުން އިތުރުކޮށްދިންއިރު ކޮންސްޓްރަކްށަން ޕީރިއަޑް އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓްރީން އަމަލުކުރަމުން ގޮސްފައިވާ ގަވާއިދާ އެއްގޮތަށް ނުވަތަ އުސޫލާ އެއްގޮތަށް ދެމިގެންދާނެއެވެ.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2022-236)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު