-

ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 0000-00)

(މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވާއިރު އަމަލުކުރަން ފެށި ތާރީހެއްވެސް އެނގެން ނެތް)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިގަވާއިދަކީ ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރެވޭނެ ގޮތްތައް ކަނޑައެޅުމަށާއި ދިރޭ ޖަނަވާރު ކަރަންޓީނު ކުރުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަގްސަދުގައި އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

(ށ) މިގަވާއިދަށް ކިޔާނީ "ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - ސްޓޭޓް ވެޓްރިނަރީ ސެޓްފިކެޓެއް ނެތި ދިރޭ ޖަނަވާރު އެތެރެނުކުރުން

(ހ) ދިވެހިރާއްޖެއަށް އެއްވެސް ދިރޭ ޖަނަވާރެއް އެތެރެކުރާއިރު، ދިރޭ ޖަނަވާރެއް ގެންނަ ގައުމެއްގެ ސަރުކާރުން ހުއްދަކުރާ އިދާރާއަކުން ދޫކޮށްފައިވާ، ތިރީގައި އެވާ މައުލޫމާތުތައް އެކުލެވޭ ސްޓޭޓް ވެޓްނިރަނީ ސެޓްފިކެޓެއް އެޖަނަވާރާއެކީގެނެސް ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނު ޔުނިޓަށް ހުށަހަޅަންވާނެއެވެ.

  1. ޖަނަވާރުގެ ބާވަތް، އަދަދު އަދި ޖަނަވާރު އެތެރެކުރެވޭބޭނުން.
  2. އެތެރެކުރެވޭ ޖަނަވާރުގެ ސައިންޓިފިކް ނަމާއި ނަސްލު
  3. މުޑުވައް (އެނގޭނަމަ)، ޖިންސް، އުމުރު އަދި ކުލަ. 
  4. ޖަނަވާރު ފާހަގަވާނޭ ނިށާން އަދި ޖަނަވާރު ލާފައިވާ ކޮށި ނުވަތަ ފޮށީގައިވާ ފާހަގަ / އެޑްރެސް 
  5. ޖަނަވާރުގެ ވެރިފަރާތް ނުތަވަ އިމްޕޯޓް ކުރާމީހާގެ ނަމާއި އެޑްރެސް.
  6. އެތެރެކުރާ ޖަނަވާރެއްގެ ބާވަތުން، އެތެރެކުރާ ބާވާތެއްގެ ޖަނަވާރަކާގުޅޭގޮތުން މިގަވާއިދުގެ އެހެން މާއްދާތަކުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަން އަންގައިދޭ ސެޓް ިފކެޓް

(ށ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ސްޓޭޓް ވެޓްރިނަރީ ސެޓްފިކެޓެއް ހުށަނާޅާ ދިވެހިރާއްޖެއަށް އެއްވެސް ދިރޭ ޖަނަވާރެއް އެތެރެކުރުމަކީ މަނާކަމެކެވެ. 

(ނ) މިމާއްދާގެ (ހ) ގެ ދަށުން ހުށަހަޅަންޖެހޭ ސެޓްފިކެޓްގެ  ނަމޫނާއެއް މިގަވާއިދުގެ ޖަދުވަލު 1 ގައި އެވަނީއެވެ.

 

3 ވަނަ މާއްދާ - އެތެރެކުރާ ދިރޭ ޖަނަވާރުގައި ހުންނަންޖެހޭ ސިއްހީ މިންގަނޑު

ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރު ވާންވާނީ އެފަދަ ޖަނަވާރުތަކަށް އާއްމުކޮށްޖެހޭ ބަލިތަކުން ސަލާމަތްވެފައިވާ ސަރަހައްދަކުން ނުވަތަ ގައުމަކުން އެތެރެކުރާ ޖަނަވާރަކަށެވެ. އަދި އެއެއްޗެހި ވާންވާނީ ސިއްހަތު ރަނގަޅު، އެކްސްޕޯޓް ކުރާއިރު އެއްވެސް ބައްޔެއްގެ ނިށާނެއް ފެންނަން ނެތް އަދި ދަތުރުކުރެވޭވަރުގެ ސިއްހަތެއްހުރި ޖަނަވާރަށެވެ.

 

4 ވަނަ މާއްދާ - ގެރި ބަކަރި އާބެހޭ

(ހ) ދިރޭ ޖަނަވާރުގެ ތެރެއިން ގެރި ބަކަރި ގެންނަ ގައުމު ނުވަތަ ސަރަހައްދު ވާންވާނީ،

  1. ގެރި ބަކައްޓަށްޖެހޭ އާންމު ބަލިތަކުން ސަލާމަތްވެފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށެވެ.
  2. ފުޓް އެންޑް މައުތު ޑިޒީސް (Foot and Mouth Disease) ނެތްކަމަށް ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާ  (އޯ.އައި.އީ) އިން ރަސްމީކޮށް އިއުލާންކޮށްފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށެވެ.

(ށ) ދިވެހިރާއްޖެއަށް ގެރިބަކަރި އެތެރެކުރުމުގެ 30 ދުވަސް ކުރިން ރާއްޖެއަށް އެއެއްޗެއް އެތެރެކުރާ ގައުމުގެ ވެޓްރިނަރީ އޮފިށަލުންގެ ބެލުމުގެ ދަށުން އެއްޗެހި އެގައުމުގައި ކަރަންޓައިން ކުރަންޖެހޭނެއެވެ.

(ނ) ދިވެހިރާއްޖެއަށް އެތެރެކުރާ ގެރި ބަކަރި ވާންޖެހޭނީ ރަނގަޅަށް ޑިސްއިންފެކްޓް ކުރެވިފައިވާ ސާފުތާހިރު ޖަނަވާރުތަކަށެވެ.

 

5 ވަނަ މާއްދާ - ބުޅަލާބެހޭ

(ހ) ދިރޭ ޖަނަވާރުގެ ތެރެއިން ބުޅާ ގެންނަ ގައުމު ނުވަތަ ސަރަހައްދު ވާންވާނީ ބުޅާ ގެނައުމުގެ 12 މަސްދުވަސްކުރިން ރޭބީސް (Rabies) އިން ސަލާމަތްވެފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށެވެ.

(ށ) ދިވެހިރާއްޖެއަށް އެތެރެކުރާ ބުޅާ ވާންވާނީ ރާއްޖެއަށް އެތެރެކުރުމުގެ 21 ދުވަސްކުރިން ރޭބީސްއަށް ވެކްސިން ކޮށްފައިވާ ބުޅަލަކަށެވެ.

(ނ) ރާއްޖެއަށް އެރެތެކުރާ ބުޅާ އެހެނިހެން ހާނިއްކަތުން ސަލާމަތްކުރުމުގެ ގޮތުން ހުންނަންވާނީ އަނގައާއި ނޭފަތް ފޮރުވޭގޮތަށް ބަންދުކުރެވިފައެވެ.

(ރ) ބުޅާ ގެނައުމުގައި ޓްރާންސިޓްކޮށް މަޑުކުރާ ހާލަތްތަކުގައި ބުޅާ އެހެން ޖަނަވާރުތަކަށް ފެންނަގޮތަށް ގެންގުޅެގެންނުވާނެއެވެ. އަދި ރަސްމީ ޓްރާންސިޓް ކަރަންޓީނު އޭރިޔާ ފިޔަވާ އެހެން ތަނަކަށް ބުޅާ ގެންގޮސްގެން ނުވާނެއެވެ.

 

6 ވަނަ މާއްދާ - އެތެރެކުރުން މަނާ ދިރޭ ޖަނަވާރު

(ހ) ތިރީގައި ބަޔާންކޮށްފައިވާ ދިރޭ ޖަނަވާރުތަކަކީ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޖަނަވާރުތަކެވެ.

  1. ކުއްތާ
  2. އޫރު
  3. ރާމާމަކުނު
  4. ވަލު ޖަނަވާރު (Wild Animal)

(ށ) މިމާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ދިރޭ ޖަނަވާރުގެ އިތުރުން، އިންސާނުންނަށާއި ރާއްޖޭގައި އުޅޭ އެހެން ޖަނަވާރުތަކަށް ގެއްލުމެއްވެދާނެ ފަދަ އެއްވެސް ދިރޭ ޖަނަވާރެއް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބޭނުމަށް ދިވެހިރާއްޖެއަށް ކުއްތާ އެތެރެކުރުން، މިމާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

7 ވަނަ މާއްދާ - ޅަފިޔޮށް، ކުކުޅު އަދި އަސްދޫނި ފަދަ ޖަނަވާރު

(ހ) ދިރޭ ޖަނަވާރުގެ ތެރެއިން ޅަފިޔޮށް، ކުކުޅު އަދި އަސްދޫނި ފަދަ ޖަނަވާރު ގެންނަ ގައުމު ނުވަތަ ސަރަހައްދު ވާންވާނީ، 

  1. ދޫނިރޯޯގާ (Avian Influenza) އިން ސަލާމަތްވެފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށެވެ.
  2. ނިއުކާސަލް ޑިޒީސް (New Castle) އަދި ސަލްމޮނެލޯޯސިސް (Salmonellosis) ފަދަ ބަލިތަކުން ސަލާމަތްވެފައިވާ ގައުމަކަށް ނުވަތަ ސަރަހައްދަކަށެވެ. ރާއްޖެ ގެނެވޭ ފިޔޮއް، ކުކުޅު އަދި އަސްދޫނިފަދަ ޖަނަވާރު ވާންޖެހޭނީ މިއިން އެއްވެސް ބައްޔެއް ކުރިމަތިވެފައިވާނުވާ ޖަނަވާރުތަކަށެވެ.

(ށ) އެއްދުވަސްވެފައިވާ ފިޔޮއް ވާންވާނީ ދޫނިރޯގާއިން ސަލާމަތްވެފައިވާ ގައުމަކުން ގެނެވޭ ފިޔޮއް ކަމުގައެވެ. އަދި ފިޔޮއް ކަމުގައެވެ. އަދި ފިޔޮއް ވާންވާނީ ދަތުރުކުރެވޭވަރުގެ ސިއްހަތު ރަނގަޅު އަދި އެކްޓޯޕެރަސައިޓިޒަމް (Ectoparasitism) ފަދަ އެއްވެސް ބައްޔެއް ފިޔޮއް ގެނައުމުގެ ކުރިން ފެނިފައި ނުވާ ފިޔޮއް ކަމުގައެވެ.

(ނ) ރާއްޖެ އެތެރެކުރާ ޅަފިޔޮއް، ކުކުޅު އަދި އަސްދޫނި ފަދަ ޖަނަވާރު ވާންވާނީ އެގެންގުޅޭ ފަރާތެއްގެ ގައުމެއްގެ ވެޓްރިނަރީ އޮފިށަލުން ގަބޫލުކުރާ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަ ްމއިއްޔާ (އޯ.އައި.އީ) ގެ އިންޓަރނޭށަނަލް އެނިމަލް ހެލްތް ކޯޑްގައިވާ ގޮތުގެ މަތިން ބަލަހައްޓަމުންދާ ޖަނަވާރުކަމުގައެވެ.

(ރ) ރާއްޖެގެންނަ ޅަފިޔޮއް، ކުކުޅު އަދި އަސްދޫނިފަދަ ތަކެތި ހުންނަންޖެހޭނީ އައު ފޮށީގައި ބަންދުކުރެވިފައެވެ. އަދި މިތަކެތި ވާންޖެހޭނީ އެހެން ދިރޭތަކެއްޗާއި އެކުނުވާގޮތަށް ބަންދުކުރެވިފައިވާ ތަކެއްޗަށެވެ.

 

8 ވަނަ މާއްްދާ - ޖަނަވާރު ގެންދާ އުޅަނދާއި ޖަނަވާރު އެތެރެކުރާ އުޅަނދު

(ހ) ރާއްޖެގެނައުމަށް ބޭނުންކުރާ އުޅަނދަށް ޖަނަވާރު ގެންދިއުމަށް ބޭނުންކުރާ އެއްގަމު އުޅަނދު ވާންވާނީ ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާ (އޯ.އައި.އީ) އިން ގަބޫލުކުރާ ފެންވަރަށް ފުރިހަމައަށް ސާފުކުރެވި އަދި ޑިސްއިންފެކްޓްކޮށްފައިވާ އުޅަނދަކަށެވެ.

(ށ) ރާއްޖެ ގެނައުމަށް ބޭނުންކުރާ އުޅަނދުގައި ޖަނަވާރު ބަހައްޓަން ހަމަޖެހިފައި ހުންނަތަން ހުންނަންވާނީ ޖަނަވާރަށް އެހެނިހެން އަނިޔާތަކާއި ހާނިއްކަތަކުން ސަލާމަތްވާނޭހެން ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމްއިއްޔާ (އޯ.އައި.އީ) ގަބޫލުކުރާ ފެންވަރަށެވެ.

(ނ) ޖަނަވާރު ގެންނަ ދަތުރުގައި ޓްރާންސިޓްކޮށް މަޑުކުރާ ހާލަތުގައި ޖަނަވާރު އެހެން ޖަނަވާރުތަކަށް ފެންނަގޮތަށް ގެންގުޅެގެންނުވާނެއެވެ. އަދި ރަސްމީ ޓްރާންސިޓް ކަރަންޓީނު އޭރިޔާ ފިޔަވާ އެހެން ތަނަކަށް ޖަނަވާރު ގެންގޮސްގެންވެސް ނުވާނެއެވެ.

 

9 ވަނަ މާއްދާ - ކަރަންޓީން ކުރުން

(ހ) އެއްވެސް ޖަނަވާރެއް ރާއްޖެ ގެނައުމަށްފަހު އެއްވެސް ޓެސްޓެއް ކުރަންޖެހިއްޖެނަމަ، އެކަމަށް މަދުވެގެން 30 ދުވަހަށް އެޖަނަވާރެއް ކަރަންޓީނު ކުރުމުގެ ބާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ހުއްދަދޭ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެސްޓްކުރުމަށާއި ކަރަންޓީން ކުރުމަށްދާ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަންޖެހޭނީ އެޖަނަވާރެއްގެ ވެރިފަރާތް ނުވަތަ އެޖަނަވާރެއް އެތެރެކުރި ފަރާތުންނެވެ.

 

10 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މިގަވާއިދާ ހިލާފަށް ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރާ ފަރާތްތަކާ މެދު، އެ ހިލާފުވި ކަމެއްގެ ބާވަތަށް ބަލައި، ތިރީގައިވާ ގޮތްތަކުން

  1. އެތެރެކުރި ދިރޭ ޖަނަވާރު ގެނައި ގައުމަށް އަނބުރާ ފޮނުވާލުން.
  2. އެތެރެކުރި ދިރޭ ޖަނަވާރު ނައްތާލުން.
  3. 50،000ރ (ފަސްހާސް ރުފިާޔ) އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އެތެރެކުރި ދިރޭ ޖަނަވާރު  ގެނައި ގައުމަށް އަނބުރާ ފޮނުވަލުމަށާއި އެތެރެކުރި ދިރޭޖަނަވާރު ނައްތާލުމަށް ދާ ހުރިހާ ހަރަދެއްގެ ޒިންމާ އުފުލަންޖެހޭނީ އެޖަނަވާރެއްގެ ވެރިފަރާތް ނުވަތަ އެޖަނަވާރެއް އެތެރެކުރި ފަރާތުންނެވެ.

 

11 ވަނަ މާއްދާ - އިންތިޒާމްތައް ހަމަޖެއްސުމާއި އުސޫލުތައް ހެދުމުގެ ބާރު

މި ގަވާއިދަށް އަމަލު ކުރުމަށްޓަކައި ނުވަތަ މިގަވާއިދު ތަންފީޛު ކުރުމަށްޓަކައި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށާއި ހަދަންޖެހޭ އުސޫލުތައް ހަދާ ހިންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

12 ވަނަ މާއްދާ - އަމަލު ކުރަންފެށުން

(ހ) މި ގަވާއިދަށް އަމަލު ކުރަން ފަށާނީ މި ގަވާއިދު އާންމުކޮށް އިއްލާން ކުރާ ތާރީހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން،  ދިވެހިރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމާގުޅޭގޮތުންއެތާރީހާ ހަމައަށް ކޮށްފައިވާ އިއުލާންތަކާއި އުސޫލުތައް ބާތިލުވާނެއެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައިވާ ބަސްބަސް މާނަ ކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

  1. "ދިރޭ ޖަނަވާރު" ކަމުގައި ބުނެފައިއެވަނީ އެއްގަމުގައިވިޔަސް ނުވަތަ ކަނޑުގައި ނުވަތަ ފެނުގައިވިޔަސް އުޅޭ ހުރިހާ ވައްތަރެއްގެ ނުވަތަ ހުރިހާ ބާވަތެއްގެ ދިރުންހުރި ޖަނަވާރުކަތަށެވެ.
  2. "ޕްލާންޓް އެންޓް އެނިމަލް ކަރަންޓީން ޔުނިޓް" ކަމުގައި ބުނެފައިއެވަނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ދަށުން، ގަސްގަހާ ގެއްސާއި ދިރޭ ޖަނަވާރު ކަރަންޓީނު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ އިދާރާއަށެވެ.
  3. "މިނިސްޓްރީ" ކަމުގައި ބުނެފައިއެވަނީ މިނިސްޓްރީ އޮފް ފިށަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް، މާލެ ދިވެހިރާއްޖެ އަށެވެ.

 

މައި ގާނޫނު

ނެތް

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު