-

ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގެ ގަވާއިދު

(ގަވާއިދު ނަންބަރު 0000-00)

(މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވާއިރު އަމަލުކުރަން ފެށި ތާރީހެއްވެސް އެނގެން ނެތް)

 

މިފަންޑުގެ ނަމަކީ "ސަރުކާރު މުވައްޒަފުންގެޕްރޮވިޑެންޓް ފަންޑު" އެވެ. މިފަންޑް ހިންގައި ބަލަހައްޓާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.

 

1 ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެވޭނީ ސަރުކާރުގެ ދާއިމީ މުވައްޒަފުންނަށާއި، ސަރުކާރުން ވިޔަފާރި އުސޫލުން ހިންގަވާ ތަންތަނުގެ ވަޒީފާދެއްވާފައިވާ އެތަންތަނުގެ ދާއިމީ މުވައްޒަފުންނަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ގާނޫނުތަކުގެ ދަށުން އުފައްދަވާ މުސްތަގިއްލު މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، ރައުސުލްމާލްގައި 51 އިންސައްތައަށްވުރެ މަދުނޫން އަދަދަކަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ދާއިމީ މުވައްޒަފުންނާއި، އެތަނުގައި ކޮންޓްރެކްޓެއްގެ ދަށުން ދާއިމީ ވަޒީފާއަދާކުރާ މުވައްޒަފުންނަށެވެ. މިފަންޑުގައި ބައިވެރިވާން އެދޭ މުވައްޒަފުން އެކަމަށް އެދި ސިޓީފޮނުވާނީ އެމީހަކު ވަޒީފާއަދާކުރާ ތަނަކަށެވެ. ފަންޑުގައި ބައިވެރިވާން އެދި ސިޓީ ފޮނުވުމަށްފަހު، މިގަވާއިދުގައިވާ ގޮތުގެމަތިން ފަންޑަށް ދެއްކުމަށް އެމުވައްޒަފެއްގެ މުސާރައިން ކަނޑަން ފެށުމުން އެމީހަކު ފަންޑުގެ މެންބަރަކަށްވީއެވެ.

 

2  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑަށް ދޭންޖެހޭ ފައިސާއަކީ ކޮންމެމަހަކު އެމީހެއްގެ މުސާރައިގެ %5 އެވެ. ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެއްޖެނަމަ މުވައްޒަފުގެ މުސާރައިގެ %5 ކޮންމެ މަހަކު އެފަންޑުގައި ޖަމާކުރެވޭނެއެވެ. ވީމާ މުސާރަ ލިބޭނީ ޕްރޮވިޑެންޓް ފަންޑަށް މުސާރައިގެ %5 ކެނޑުމަށް ފަހުގައެވެ. ފަންޑުގައި ބައިވެރިވެރިވެފައިވާ މުވައްޒަފަކަށް އެމީހެއްގެ މުސާރައިގެ %5 ހަމަވާވަރަށް މުސާރަ ނުލިބޭގޮތް ދިމާވެއްޖެނަމަ، އެމީހަކަށް އެމަހަކު މުސާރައަށް ލިބޭ އަދަދެއް އެކުގައި ޖަމާކުރެވޭނީ ޕްރޮވިޑެންޓް ފަންޑަށެވެ. ވަޒީފާއިން ވަކިވާ މަހު ލިބޭ މުސާރައިން ފަންޑަށް ޖަމާކުރުމެއް ނޯންނާނެއެވެ.  

 

3 ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ ކޮންމެ މުވައްޒަފަކަށް، އެމީހެއްގެ މުސާރައިން ފަންޑަށް ޖަމާކުރުމަށް ކެނޑި އަދަދާ އެއްވަރު އަދަދެއް، ސަރުކާރުން ފަނޑަށް ޖަމާކޮށްދޭނެއެވެ. ސަރުކާރުގެ މުވައްޒަފުންނަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ގާނޫނުތަކުގެ ދަށުން އުފައްދަވާ މުސްތަގިއްލު މުއައްސަސާތަކުގެ މުވައްޒަފުންނަށް މިފަންޑަށް ޖަމާކޮށްދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރޭޒަރީއިންނެވެ. ސަރުކާރުން ވިޔަފާރި އުސޫލުން ހިންގަވާ ތަންތަނަށް ސަރުކާރުގެ ވަޒީފާ މެދުނުކެނޑޭގޮތަށް ދޫކޮށްފައިވާ ސަރުކާރުގެ މުވައްޒަފުންނަށާއި، މިފަދަ ތަންތަނުން ވަޒީފާ ދެއްވާފައިވާ އެތަންތަނުގެ ދާއިމީ މުވައްޒަފުންނަށާއި، ރައުސުލްމާލުގައި 51 އިންސައްތައަށްވުރެ މަދުނޫން އަދަދަކަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ދާއިމީ މުވައްޒަފުންނާއި، އެތަނުގައި ކޮންޓްރެކްޓެއްގެ ދަށުން ދާއިމީ ވަޒީފާއަދާކުރާ މުވައްޒަފުންނަށް މިފައިސާ ޖަމާކޮށްދޭނީ އެމީހަކު ވަޒީފާ އަދާކުރާ ތަނަކުންނެވެ.

 

4 ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ފަންޑަށް ނަގަންޖެހޭ ފައިސާ ނަގައި ފަންޑަށް ޖަމާކުރުމުގެ ކަންތައް ހަމަޖައްސާނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން އަންގަވާފައިވާ ގޮތެއްގެ މަތިން، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކުންނެވެ. ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް ސަރުކާރުން ޖަމާކޮށްދޭ ްނޖެހޭ ފައިސާ ޖަމާކޮށްދޭނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ. 5 .ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ ކޮންމެ މުވައްޒަފަކަށް ފަންޑުގައި ވަކި އެކައުންޓެއް ހުޅުވޭނެއެވެ. ފަންޑަށް ޖަމާކުރުމަށް މުވައްޒަފުގެ މުސާރައިން ކަނޑާ ފައިސާއާއި އެފައިސާއަށް ލިބޭ ފައިދާއާއި ސަރުކާރުން އެމުވައްޒަފަކަށް ޖަމާކޮށްދޭ  ފައިސާއާއި އެފައިސާއަށް ލިބޭ ފައިދާ ޖަމާކުރާނީ މިއެކައުންޓަށެވެ.

 

6  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް ފަންޑުން ފައިސާ ނެގޭނީ ތިރީގައިމިވާ ގޮތަށެވެ.

 

 

7 ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުން ފައިސާ ނެގޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

7.1 ޕްރިވިޑެންޓް ފަންޑުގެ ބައިވެރިޔާއަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ، އަދި އޭނާގެ މައިންބަފައިން، އަދި އޭނާގެ ބެލުމުގެ ދަށުގައިވާ ދަރިން ަނށް ބޭނުންވާ ސިއްހީ ހިދުމަތް ހޯދުމަށް، ސިއްހީ ހިދުމަތްހޯދުމަށް ރާއްޖޭން ބޭރަށް ދިއުމަށް ފައިސާ ނެގެނީ ރާއްޖޭން ލިބެންނެތް ހިދުމަތް ހޯދުމަށެވެ.

7.2 ފަންޑުގެ ބައިވެރިޔާ ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ދަރިންގެ ތައުލީމަށް ، މިކަމަށް ފައިސާ ނެގޭނީ ޖީ.ސީ.އީ އޯލެވެލް  އަދި އޭލެވެލް އިމްތިހާނުގައި ފީ ދެއްކުމަށާއި، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ޕޯޯސްޓް ސެކަންޑަރީ ތައުލީމު/ ތަމްރީނު  ހޯދުމަށެވެ. 

7.3 ފަންޑުގެ ބައިވެރިޔާގެ ގެދޮރު އިމާރާތްކުރުމަށް ނުވަތަ މިލްކުކުރުމަށް ފައިސާ ދެއްކުމަށް. 

7.4 ފަންޑުގެ ބައިވެރިޔާ ފަރުޒު ހައްޖުގެ އަޅުކަން އަދާކުރުމަށް، އެމީހަކަށް ލިބޭ އެންމެ މަތީ އަދަދެއް ދޫކުރުމަށް.

 

8  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި އެމުވައްޒަފެއްގެ އެކައުންޓްގައި ހުރިފައިސާއެއް މިގަވާއިދުގެ 6 ވަނަ ނަންބަރު އާއި އެއްގޮތްވާގޮތުގެ މަތިން މިގަވާއިދުގެ 7 ވަނަ ނަންބަރުގައިވާ ކަންކަމަށް ވިޔަފާރި ބޭންކުތަކުން ނަގާ ލޯނުތަކުގެ ގެރެންޓީއެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. 

9  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވުމަށްފަހު 5 އަހަރު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ލިބޭނީ ހަމައެކަނި ފަންޑުގައި އެމީހަކު ޖަމާކޮށްފައިވާ ފައިސާއާއި އެފައިސާގެ ފައިދާއަށް ލިބިފައިވާ ފައިސާއެވެ. ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާއާއި އެފައިސާއަށް ލިބިފައިވާ ފައިދާގެ ތެރެއިން އެއްވެސް ފައިސާއެއް ނުލިބޭނެއެވެ.

 

10  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވުމަށްފަހު 5 އަހަރުވެފައި 10 އަހަރު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ އެމީހަކު ޖަމާކޮށްފައިވާ ފައިސާ، ފައިދާއާއެކު ލިބުމުގެ އިތުރަށް އެމީހާގެ ނަމުގައި ސަރުކާރުން ޖަމާކޮށްފައިވާ ފައިސާގެ %50 އާއި ސަރުކާރުން ޖަމާކޮށްފައިވާ ފައިސާގެ ފައިދާއަށް ލިބިފައިވާ ފައިސާގެ %50 އެމީހަކަށް ލިބޭނެއެވެ.

 

11  ވަނަ މާއްދާ -

ފަންޑުގައި ބައިވެރިވުމަށްފަހު، 10 އަހަރުވެފައި ވަޒީފާއިން ވަކިވެއްޖެނަމަ ފަންޑުގައި އެމީހަކު ޖަމާކޮށްފައިވާ ފައިސާ، ފައިދާއާއެކު ލިބުމުގެ އިތުރަށް އެމީހާގެ ނަމުގައި ސަރުކާރުން ޖަމާކޮށްފައިވާ ފައިސާއާއި ސަރުކާރުން ޖަމާކޮށްފައިވާ ފައިސާގެ ފައިދާއަށް ލިބިފައިވާ ފައިސާއާއެކުގައި އެމީހަކަށް ލިބޭނެއެވެ.

 

12  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފަކު ނިޔާވެއްޖެނަމަ އެމީހަކު ފަންޑަށް ޖަމާކޮށްފައިވާ ފައިސާއާއި އެފައިސާއަށް ލިބިފައިވާ ފައިދާއާއި އެމުވައްޒަފަކަށް ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާއާއި ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާގެ ފައިދާއަށް ލިބިފައިވާ ފައިސާ، ށަރީއަތް މެދުވެރިކޮށް އެމީހެއްގެ ވާރުތަވެރިންނަށް ލިބިދެވޭނެއެވެ.

 

13  ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފަކަށް މިގަވާއިދުގައިވާ ގޮތުގެމަތިން ލިބެންޖެހޭ ފައިދާ ލިބޭނީ ވަޒީފާއިން ވަކިވާ ދުވަހާ ހަމަޔަށެވެ. ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފަކު ނިޔާވެއްޖެނަމަ ފައިދާ ލިބޭނީ އެމީހަކު ނިޔާވިދުވަހާއި ހަމަޔަށެވެ.

 

14 ވަނަ މާއްދާ -

ޕްރޮވިޑެންޓް ފަންޑުގައި ބައިވެރިވެފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ ދޭންޖެހޭ ފައިސާ ދިނުމާއި 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން ށަރީއަތް މެދުވެރިކޮށް އެމީހެއްގެ ވާރުތަވެރިންނަށް ފައިސާ ލިބިދިނުމުގެ ކަންތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީންނެވެ.

 

15 ވަނަ މާއްދާ -

ކޮންމެއަހަރަކު އެއްފަހަރު ފަންޑުގެ ހިސާބުތައް އޯޑިޓްކޮށް، އޮޑިޓް ރިޕޯޓަކާއި އަހަރީ ހިސާބެއް ތައްޔާރު ކުރެވޭނެއެވެ.  ފަންޑުގައި ބައިވެރިވެފައިވާމުވައްޒަފުންގެ ތެރެ ިއން ބަލަން އެދޭ މީހުންނަށް މިއޯޑިޓް ރިޕޯޓާއި އަހަރީ ހިސާބު ބެލޭނެ އިންތިޒާމް މިނިސްޓްރީ އޮފް ފިނޭންސް  އެންޑް ޓްރެޒަރީން ހަމަޖައްސައިދެވޭނެއެވެ.

 

މައި ގާނޫނު

(ނެތް)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު