މާލެއާއި ރާއްޖެތެރޭގައި ޢާންމުކޮށް އިލެކްޓްރިކް ކަރަންޓަ ދިނުމާބެހޭ ގަވާޢިދު
(ގަވާއިދު ނަންބަރު 0000-00)
(މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހު އެނގެން ނެތް)
މިގަވާއިދަކީ ގާނޫނު ނަންބަރު 1996-04 (އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދެކެވެ.
1 ވަނަ މާއްދާ - އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ދިނުން
1.1 ދިވެހިރާއްޖޭގައި އާންމު ބޭނުންތަކުގެ ހިދުމަތެއްގެ ގޮތުން އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ދޭންވާނީ އެހިދުމަތްދޭ ފަރާތް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓްރީކޮށް ހުއްދަ ލިބުމަށްފަހު މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
1.2 އިލެކްޓްރިކް ކަރަންޓް ހިދުމަތްދިނުމަށް ބަހައްޓާ އިންޖީނު ބެހެއްޓުމުގެ ކުރިން އެއިންޖީނާބެހޭ ފުރިހަމަ މައުލޫމާތު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ހުށަހަޅަންވާނެއެވެ.
2 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތާއި ލިބޭ ފަރާތާ ދެމެދު އެއްބަސްވާ އެއްބަސްވުން
އިލެކްޓްރިކް ކަރަންޓްގެ ހިދުމަތްދޭންވާނީ ހިދުމަތް ދޭފަރާތާއި ލިބޭ ފަރާތާ ދެމެދު މިގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ލިޔެފައި އޮންނަ އެގްރިމެންޓެއް ކޮށްގެންނެވެ. މިއެގްރިމެންޓްގެ ނަމޫނާއެއް މިގަވާއިދާއެކު ވާނެއެވެ.
3 ވަނަ މާއްދާ - އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ދިނުމުގައި އެހެންފަރާތެއް ޒިންމާވުން
1.3 އިލެކްޓްރިކް ކަރަންޓް ހިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ހުއްދަ ލިބިފައިވާ ފަރާތަކުން މިހިދުމަތް ނުވަތަ މިހިދުމަތުން ބައެއްވިޔަސް އެހެން ފަރާތެއް ޒިންމާވާގޮތަށް ދޭންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ހުއްދަ ހޯދައިގެންނެވެ.
2.3 އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުން ލިބިފައިވާ ހިދުމަތް ނުވަތަ ހިދުމަތުން ބައެއްވިޔަސް އެހެން ފަރާތެއްގެ ޒިންމާ ކުރެވޭނީ ހިދުމަތްދޭ ފަރާތުން ކަނޑައަޅާ އުސޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ލިބިގަންނަ ފަރާތާއި ޒިންމާވާ ފަރާތާ ދެމެދު ލިޔުމަކުން އެގްރިމެންޓެއް ކޮށްގެންނެވެ.
4 ވަނަ މާއްދާ - އެގްރިމެންޓް ހިލާފުވެގެން ހިދުމަތް ހުއްޓާލުން
އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ލިބިގަންނަ ފަރާތަކުން އެހިދުމަތް ނުވަތަ އެހިދުމަތުން ބައެއް ވިޔަސް އެހެން ފަރާތަކަށް ދިނުމުގެ ގޮތުންކުރާ އެގްރިމެންޓާ ފަހުން ހިދުމަތް ލިބިގަންނަ ފަރާތަކުން ހިލާފުވެއްޖެ ހިނދެއްގައި ހިދުމަތްދިނުން ހުއްޓާލެވޭނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ހުށަހެޅުމަށްފަހު މިމިނިސްޓްރީން ހަމަޖައްސަވާ އުސޫލެއްގެ ދަށުން މިމިނިސްޓްރީގެ އެންގުމަށެވެ.
5 ވަނަ މާއްދާ - އިލެކްޓްރިކް ކަރަންޓްގެ ހިދުމަތްދިނުން ހުއްޓާލުން ނުވަތަ ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލުން
5.1 އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ދިނުން އެއްވެސް ސަބަބަކާހުރެ މުޅިން ހުއްޓާލެވޭނީ، ހުއްޓާލަންޖެހޭ ސަބަބު ބަޔާންކޮށް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ލިޔެ އެމިނިސްޓްރީގެ ހުއްދަ ލިބުމަށްފަހުގައެވެ.
5.2 އިލެކްޓްރިކް ކަރަންޓްގެ ހިދުމަތްދޭ ފަރާތަކުން އެކަމާބެހޭ މަސައްކަތަށްޓަކައި ވަގުތީގޮތުން ހިދުމަތް ކަނޑާލުމާއި، ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރިމެންޓްގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ކަރަންޓް ކަނޑާލުމަކީ މިގަވާއިދު ހުރަސްއަޅާ ކަމެއްނޫނެވެ. ނަމަވެސް މިގޮތުންވެސް ހިދުމަތް މެދުކަނޑާލަންވާނީ، ކަރަންޓް ލިބިގަންނަ ފަރާތަށް ކުރިންއެކަން އެންގުމަށްފަހުގައެވެ. މީގެތެރޭގައި އިމަޖެންސީގޮތުގައި ކަރަންޓްކަނޑާލަންޖެހޭ ކަންކަމެއް ނުހިމެނެއެވެ.
6 ވަނަ މާއްދާ - ހިދުމަތަށް ފީނެގުން
އިލެކްޓްރިކް ކަރަންޓުގެ ހިދުމަތުގެ އަގު ނަގަންވާނީ މަދުވެގެން 10 އަހަރަށް ބެލިފައިވާ އިލެކްޓްރިސިޓީ ޑިމާންޑް ފޯކާސްޓެއްގެ ދަށުން ރޭވިފައިވާ އިންވެސްޓްމަންޓުގެ ތަފްސީލާއި އަގުނަގަން ބޭނުންވާގޮތުގެ ތަފްސީލް، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ހުށަހެޅުމަށް ފަހު އެހުށަހެޅި އަގުތަށް މިމިނިސްޓްރީން ގަބޫލުކުރުމުންނެވެ. އަދި ކަރަންޓްގެ އަގަށް ބަދަލެއް ގެންނަންވާނީވެސް ހަމަ މިގޮތުގެ މަތިންނެވެ.
7 ވަނަ މާއްދާ - ގަވާއިދު ހެދުން
އިލެކްޓްރިކް ކަރަންޓްގެ ހިދުމަތްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތާ އެހެން ފަރާތެއް ޒިންމާކޮށް ކަރަންޓްގެ ހިދުމަތްދޭ ފަރާތުން އަމަލު ކުރަންޖެހޭ ގަވާއިދުތަކަކީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ހުއްދަ ލިބިގެން އަމަލު ކުރާ ގަވާއިދުތަކަކަށް ވާންޖެހޭނެއެވެ.
8 ވަނަ މާއްދާ - އިންޖީނުގެ ހުންނަންވީ ގޮތާއި އިންޖީނު ބަހައްޓާފައި ހުންނަންވީގޮތް
8.1 އިންޖީނު ބަހައްޓާފައި ހުންނަންވާނީ އިންޖީނުގޭ ތެރޭގައި ހުންނަ ވައިބްރޭޝަންގެ ވަރާއި، ފައުންޑޭޝަންގެ މައްޗަށް އަރާނެ މެކޭނިކަލް ލޯޑް ބެލުމަށްފަހު މިލޯޑްތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ، ފައުންޑޭޝަންގެ މަތީގައެވެ. އިންޖީނާއި ފައުންޑޭޝަނާއި ދޭތެރޭގައި އެންޓި ވައިބްރޭޝަން މައުންޓިން ހަރުކޮށްފައި ހުންނަންވާނެއެވެ.
8.2 އިންޖީނުގެ ދުންހޮޅި ހުންނަންވާނީ 14 ފޫޓުގެ އުސް އިންޖީނުގެއެއް ނަމަ 24 ފޫޓަށް ބިމުން މައްޗަށް ގާފައެވެނަ. 14 ފޫޓަށްވުރެ އުސް އިންޖީނުގެއެއްނަމަ ދުންހޮޅި ހުންނަންވާނީ ފުރާޅުގެ އެންމެ އުސް ހިސާބުންފެށިގެން 4 ފޫޓަށްވުރެ ތިރިނޫން އުސްމިނެއްގައެވެ.
8.3 އިންޖީނުގެ ހުންނަންވާނީ ރާނާ، ދެފަރާތުގައި ސިމެންތި ޖަހާ، ޕްލާސްޓިކް ޝީޓް ނުވަތަ ފައިބަރޝީޓް ފަދަ ރަނގަޅު ފެންވަރުގެ އެއްޗެއް ބިތުގައިޖަހާ، ތަޅުން އަޅާފައެވެ. އަލިފާނުގެ ހާދިސާ ނުވަތަ އެނޫންވެސް ނުރައްކަލެއް ދިމާނުވާނެ ގޮތަށް އަބަދުވެސް އިންޖީނުގޭރެތޭ، ސާފުތާހިރުކޮށް ބަލަހައްޓަންވާނެއެވެ.
8.4 އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދުާ މަދުވެގެން 200 ފޫޓު ދުރުގައެވެ.
8.5 މިމާއްދާގެ 4.8 ގައި ބަޔާންކޮށްފައިވާ ސަރަހައްދު ކަނޑައެޅޭ ފަދަ ހުސްބިން ނެތް ރަށްރަށުގައި، އިންޖީނުގެ އަޅާނެ ސަރަހައްދެއް ކަނޑައަޅާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިންނެވެ.
8.6 އިންޖީނުގެ ހުންނަންވާނީ އިންޖީނުގޭގެ އެތެރޭގެ ހޫނުމިނާއި ބޭރުގެ ހޫނުމިނުގެ ތަފާތަށް މަތިވެގެން ހުރިހާ އިންޖީނެއް ހިންގާފައި ހުންނައި 100 ޑިގްރީ އަށް ވުރެ އެމްބިއެންޓް ހޫނުމިން ދަށްވާ ވަރަށް އިންޖީނުގޭތެރެ ވެންޓިލޭޓްކޮށްފައެވެ.
8.7 އިންޖީނުގެ ހެދުމާއި، ތެޔޮގެންގުޅުމާއު، ރައްކާކުރުމާއި، މިފަދަ ކަންތައްތައް ހުންނަންވާނީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަމަންޓާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގައި މިފަދަ ކަންކަމާއި ބެހޭގޮތުން ހަދާދައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެފަދަ ގަވާއިދެއް ނެތްނަމަ އެކަންކަން ކުރަންޖެހޭނީ އެކަމާބެހޭ ސަރުކާރުގެ މިނިސްޓްރީއަކާއި މަޝްވަރާކުރުމަށްފަހު އެމިނިސްޓްރީއަކުން އަންގާ ގޮތެއްގެމަތިންނެވެ. އަދި އެމިނިސްޓްރީއަކުން އެކަން ނިންމިގޮތުގެ ލިޔުމެއް ހޯދައި މިނިސްޓްރީ އޮފް ޓްރޭޑް އެން އިންޑަސްޓްރީޒްއަށް ހުށަހަޅަންވާނެއެވެ.
8.8 އިންޖީނުގެ އާއި އިންޖީނުގެ ހުރި ސަރަހައްދުގައި އަލިފާންނިވާ ސާމާނު އެން.އެސް.އެސްގެ ސްޕެސިފިކޭޝަނާ އެއްގޮތަށް އަބަދުވެސް ބަހައްޓާފައި ހުންނަންވާނެއެވެ.
8.9 އިންޖީނުގެ ހުންނަންވާނީ މިގަވާއިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވައިރުކޮށްފައެވެ.
8.10 އިންޖީނުގޭ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށްޓަކައި އަލިފާން ރޯވެދާނެ އަމަލުތަށް ކުރުމާއި އެފަދަ އެއްޗެއް ގެންގުޅުމަކީ މަނާކަމެއްކަން އެނގޭފަދަ ނިޝާނާއި، ލިޔުންތައް އިންޖީނުގޭ ތެރޭގައާއި ދޮރުން ވަންނައިރު ފަސޭހައިން ފެންނާނޭ ތަންތަނުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
8.11 މުޅި އިންޖީނުގެއިން ކަރަންޓް އެއްކޮށް ދިޔަނަމަވެސް އިންޖީނުގޭގައި ފަސޭހައިން މަސައްކަތް ކުރެވޭވަރަށް އަލިކުރުމަށްޓަކައި އިންޖީނުގެއާއި ޕެނަލް ބޯޑުތައް ކައިރީގައާއި ކޮންޓްރޯލް ރޫމުގައި އިމްޖެންސީ ލައިޓް ހަރުކޮށްފައި ހުންނަންވާނެއެވެ.
9 ވަނަ މާއްދާ - ކޮންޓްރޯލް ރޫމާއި ސްވިޗްބޯޑާއި ޑިސްޓްރިބިއުޝަން ފީޑަރުތައް ހުންނަންވީ ގޮތް
9.1 ކޮންޓްރޯލް ރޫމާއި ޑިސްޓްރިބިއުޝަން ފީޑަރުތަށް ހުންނަންވާނީ، ކޮންޓްރޯލްރޫމާއި ޑިސްޓްރިބިއުޝަން ފީޑަރުތައް ހުންނަންވީގޮތުގެ ކުރެހުން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ހުށަހަޅާ މިމިނިސްޓްރީއިން ހުއްދަ ދިނުމަށްފަހު އެކުރެހުންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
9.2 ސްވިޗްބޯޑު ނުވަތަ ޕެނަލް ބޯޑު ހަދާފައި ހުންނަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ގަބޫލުކުރާ ފެންވަރުގައެވެ. ސްވިޗްބޯޑު ނުވަތަ ޕެނަލްބޯޑު ބޭނުންކުރަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ މިމިނިސްޓްރީއިން ކަނޑައަޅާ ތަނަކަށް ގެންގޮސްގެން ޓެސްޓްކުރުމަށްފަހު، ހުއްދަ ލިބިގެންނެވެ. މިގޮތަށް ޓެސްޓް ކުރުމަށް ގެންދާއިރު ބޯޑު ވައިރުކޮށްފައިވާ ގޮތުގެ ތަފްސީލު ހުށަހަޅަންވާނެއެވެ.
9.3 ސްވިޗްބޯޑު ފަހަތާއި އަރިމަތި ހުންނަންވާނީ ކަރަންޓްގައި ނުޖެހޭގޮތަށް ރަނގަޅަށް ބަންދުކޮށްފައެވެ.
9.4 ސްވިޗްބޯޑު ހަދާފައި ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށް އަދި ހިމަނައިގެންނެވެ.
(ހ) އިންކަމިންގ ބްރޭކަރެއް ހަރުކުރުން. މިބްރޭކަރަކީ ދަށްވެގެން ޖެނަރޭޓަރުގެ ރޭޓަޑް ކަރަންޓަށްވުރެ %10 ށްވުރެ ދަށްނޫން %50 ށްވުރެ މަތިނޫން ކަރަންޓް ނެގޭވަރުގެ ބްރޭކަރަކަށް ވާނެޖެހޭނެއެވެ.
(ށ) އިންކަމިންގ އިންޑިކޭޝަން ލައިޓްސް ހަރުކޮށްފައިހުރުން.
(ނ) ފޭސް-ނިއުޓްރަލް އަދި ފޭސް-ފޭސް ވޯލްޓޭޖް ބެލެންހުރުން.
(ރ) ތިންފޭހުގެ އެމްޕެޔަރ ބެލެން ހުރުން.
(ބ) ޖެނަރޭޓަރުގެ ފްރީކުއެންސީ ބެލެންހުރުން.
(ޅ) ޖެނަރޭޓަރުގެ ކިލޯވޯރޓް ބެލެންހުރުން.
(ކ) ޖެނަރޭޓަޑް އެނަރޖީ ބެލެންހުރުން.
(އ) އާރތް ފޯލްޓް ޕްރޮޓެކްޝަން ހުރުން.
(ވ) އައުޓްގޮއިންގ ފީޑަރތަކަށް ލޯޑް ހިފޭވަރުގެ ބްރޭކަރުލުން.
(މ) އެއް ޖެނަރޭޓަރަށްވުރެ ގިނަ ޖެނަރޭޓަރ ބޭނުންކުރާނަމަ ސިންކްރޮނައިޒިންގ ޕެނަލް ނުވަތަ އެންމެ ބޮޑު ޖަނެރޭޓަރުގެ %125 ނެގޭވަރުގެ ޗޭންޖްއޯވަރ ސްވިޗް ބޭނުންކުރުން.
9.5 ކޮންޓްރޯލްރޫމް ތެރޭގައި ނުވަތަ ޕެނަލް ވައިރުކޮށްފައި ހުރިގޮތުގެ ކުރެހުން ހަރުކޮށްފައި ހުންނަންވޭނެއެވެ.
9.6 ކޮންޓްރޯލް ރޫމްތެރޭގައި އިންޖީނު ރޫމްތެރޭގައި ކަރަންޓްގައި މީހަކު ޖެހިއްޖެނަމަ އަވަސްފަރުވާދޭނެ ގޮތުގެ މައުލޫމާތު އެނގޭނެފަދަ ކުރެހުމެއް ހަރުކޮށްފައި ހުންނަންވާނެއެވެ.
9.7 ކޮންޓްރޯލް ރޫމާއި ޑިއުޓީގައި ތިބޭ މުވައްޒަފުންނަށް ފަސޭހައިން އަތުޖެހޭގޮތަށް އަލިފާންނިވާ ފުޅި ހުންނަންވާނެއެވެ.
10 ވަނަ މާއްދާ - ކަރަންޓް ދިނުމުގައި ޑިސްޓްރިބިއުޝަން ސިސްޓަމް ހުންނަންޖެހޭގޮތް
10.1 ޖެނަރޭޓްކުރާ ވޯލްޓޭޖަށްވުރެ %10 ޑިސްޓްރިބިއުޝަންގެ އެއްވެސް ޕޮއިންޓަކުން ދަށްވެގެން ނުވާނެއެވެ.
10.2 ޑިސްޓްރިބިއުޓް ކުރަނީ އޯވަރހެޑް ލައިނަކުން ކަމަށްވަނީނަމަ މަގުމަތީގައި ލޭނު ދަމާނޭގޮތުގެ ކުރެހުމެއް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ހުށަހަޅައި ފާސްކުރުމަށްފަހު އެކުރެހުމާ އެއްގޮތަށެވެ. ލޭނު ދަމާފައި ހުންނަންވާނީ ޑައިމީޓަރގައި 4 އިންޗި ހުރި ދަގަނޑު ހޮޅި ނުވަތަ އެފެންވަރުގެ ލަކުޑި މުޑި ޖަހައިގެންނެވެ.
10.3 ލޭނުހިފާފައި ހުންނަ ކޮންމެ ދެޕޯސްޓެއްގެ ދޭތެރޭގައި ދުރުވެގެން ހުންނަންވާނީ 75 ފޫޓެވެ. އަދި ޕޯސްޓްޖަހާފައި ހުންނަންވާނީ މަގުމަތީފާރުން ފެށިގެން 1 ½ފޫޓަށް ވުރެ ކަރިނޫން ހިސާބެއްގައެވެ.
10.4 ލޭނުގެ އެންމެތިރީ ނަރުންފެށިގެން ބިމާދޭތެރޭ 14 ފޫޓަށްވުރެ ތިރިވެގެންނުވާނެއެވެ. އަދި ލޭނުގައި ދަމާފައި ހުންނަ ދެނަރު ދޭތެރޭ 1 ފޫޓަށްވުރެ ކައިރިކޮށްފައި ބަހައްޓައިގެންނުވާނެއެވެ.
10.5 ހޮޅިއަށް ނުވަތަ މުޑިއަށް ލޭނުހިފަންވާނީ އިންސިއުލޭޓަރ މެދުވެރިކޮށެވެ. ލޭނުދަމަން ބޭނުންކޮށްފައި ހުންނަ ނަރުން އާންމު ލޯޑަށްވުރެ %25 އިތުރަށް ނެގެންވާނެއެވެ.
10.6 ލޭނުދަމާފައި އޮންނަ ފަރާތުގައި ލޭނާއި އެއްހަމައެއްގައި އުސް އިމާރާތެއް ހުރެފައި ފަހަރުގައި ނުރައްކަލެއް ދިމާވެދާނެކަމަށް ވިސްނައި ލޭނު އިންސިއުލޭޓް ކުރަންވާނެއެވެ. މިގޮތުން އިންސިއުލޭޓް ކުރާއިރު އިމާރާތުން ނައްޓައި ކޮންމެ ފަރާތަކަށްވެސް 5 ފޫޓް އިންސިއުލޭޓްކޮށްފައި ހުންނަންވޭނެއެވެ. ލޭނު ދެމުމަށްފަހު ގަސްފަދަ ޖެހުނަތަކެތި ނުދީ އަބަދުވެސް ބަލަހައްޓަންވާނެއެވެ.
10.7 ކަރަންޓްދީފައި ހުންނަ ލޭނެއްގައި މަސައްކަތް ކުރަންވާނީ ރައްކާތެރިވެ ހުރުމުގެގޮތުން އިންސިއުލޭޓަޑް ގްލޯވްސް، އިންސިއުލޭ ގަންބޫޓަޑް ޓް، ސޭފްޓީ ބެލްޓް، ހެލްމެޓްފަދަ ތަކެތި ބޭނުންކޮށްގެންނެވެ.
10.8 ކަރަންޓްދީފައިހުރި ލޭނެއްގައި އެކަނި މަސައްކަތް ކޮށްގެން ނުވާނެއެވެ. ހަރުގަނޑައަށް އަރާ މަސައްކަތްކުރާއިރު ހަރުގަނޑު ހުންނަންޖެހޭނީ ރަނގަޅަށް އައްސާފައެވެ. ހަރުގަނޑުގެ ތިރީގައި ހުންނަމީހާ އަބަދުވެސް ލޭނުގައި މަސައްކަތްކުރާ މީހާއަށް ސަމާލުކަންދޭނެވާނެއެވެ.
10.9 ޑިސްޓްރިބިއުޝަން ސިސްޓަމް ބިމުއަޑީގައި ވަޅުލާނަމަ ކޭބަލް ޓެކްނިކަލް ސްޓޭންޑަޑްއަކީ 6346ބީ. ނުއެސް ވަތަ ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ ފެންވަރުގެ ކޭބަލްކަމުގައި ވާންޖެހޭނެއެވެ.
10.10 ކޭބަލް ވަޅުލާއިރު އޭގެ ބޭރުދާފަރާއަށް ގެއްލުން ނުލިބޭގޮތަށް ވީހާވެސް ފަރުވާތެރިކަމާއެކު ވަޅުލަންވާނެއެވެ. ގައި 2 ½ ފޫޓަށްވުރެ ފުންމިނުގައެވެ. 1 ކޭބަލް ވަޅުލާފައި އޮންނަންވާނީ މަގުގެ 3/
10.11 ކޭބަލް ވަޅުލުމަށްފަހު ފަސްލުމުގެ ކުރިން 6 އިންޗި އުސްމިން ހުންނަވަރަށް ދޮންވެލި އަޅަންވާނެއެވެ. ނުވަތަ މިއުސްމިނަށް އާދައިގެ ފަސްއަޅައި އެއީ ކަރަންޓް ކޭބަލްކަން އެނގޭފަދަ ޓޭޕެއްއަޅާފައިން އޮންނަންވާނެއެވެ،
10.12 ކޭބަލް ޖޮއިންޓް ކުރަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން އެކަން ކުރުމަށް ހުއްދަދީފައިވާ ފަރާތަކުންނެވެ. ޖޮއިންޓަކީ ހީޓް ޝްރިކްސް ނުވަތަ ރެސިން ބޭނުންކޮށްގެން ކުރެވޭ ޖޮއިންޓަކަށް ވާންޖެހޭނެއެވެ.
10.13 މަގުމަތީގައި ބަހައްޓާ ޑިސްޓްރިބިއުޝަން ފޮށީގެ ސިންގަލް ލައިން ޑައިގްރަމް ހުންނަންވާނީ، ޑިސްޓްރިބިއުޝަން ފޮށީގެ ސިންގަލް ލައިންގެ ޑައިގްރަމްގެ ކުރެހުން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ހުށަހަޅާ ފާސްކުރުމަށްފަހު އެކުރެހުމާ އެއްގޮތަށެވެ.
10.14 ޑިސްޓްރިބިއުޝަން ފޮއްޓަކީ ވެދަރޕްރޫފް ފޮށްޓެއްކަމުގައި ވާންޖެހޭނެއެވެ. އަދި ފޮށި ހަދާފައި ހުންނަންވާނީ ކޮންޑަކްޓް ނުކުރާފަދަ މެޓީރިއަލަކުންނެވެ. ޑިސްޓްރިބިއުޝަން ފޮށިތެރޭގައި ވައި ދައުރުވާގޮތަށް ލޯވަޅު އަޅާފައި ހުންނަންވާނެއެވެ.
10.15 ޑިސްޓްރިބިއުޝަން ފޮށި ހުންނަންވާނީ ފޮށީގެ ތިރީގައި 3 ފޫޓަށްވުރެ ތިރިނޫން އުސްމިނެއްގައި ރަނގަޅަށް ބޯލްޓްއަޅާ ނުވަތަ އިސްކުރުޖަހާ ހަރުކޮށްފައެވެ. ގޭގެއަށް ކަރަންޓްދޭ ކޭބަލް ފޮށްޓަށް ނަގަންވާނީ ހޮޅިއެއް ނުވަތަ ބުޑުގެ ގޮތުގައި އަޅުވާފައިވާ ޑަކްޓެއްގެ ތެރޭގައެވެ.
16.10 ގޭގެއަށް ކަރަންޓް ދިނުމަށްޓަކައި ޑިސްޓްރިބިއުޝަން ފޮށީގެ ތެރޭގައި ގުޅާފައިވާ ސަޕްލައިތައް ހުންނަންވާނީ ކޭބަލް ގުޅާފައިވާ ތަންދޫވެގެން އަލިފާން ކަނޑައި ގެއްލުންނުވާ ގޮތަށް ވަރުގަދަކޮށް ހިފެހެއްޓި ރީތިގޮތަކަށް ރާފައެވެއަތު.
17.10 ކޮންމެ ޑިސްޓްރިބިއުޝަން ފޮށްޓެއްގައިވެސް ކަރަންޓް ފޮށްޓެއްކަން އެނގޭގޮތަށް "ނުރައްކާ 400 ވޯލްޓް" މިހެންޖަހާފައި ހުންނަންވާނެއެވެ.
11 ވަނަ މާއްދާ - ގޭގެއަށް ކަރަންޓް ދޫކުރުމުގައި ކަންތައްތައް ހުންނަންވީގޮތް.
11.1 ކަރަންޓްގެ ހިދުމަތް ބޭނުންވާ ގޭގެއާއި އިމާރާތްތައް ހުންނަންވާނީ މިގަވާއިދުގެ 12 ވަނަ މާއްދާގައިވާގޮތަށް ވައިރުކޮށްފައެވެ.
11.2 ކަރަންޓް ހިދުމަތް ބޭނުންވާ ކޮންމެ ތަނެއްގައިވެސް އޯވަރލޯޑް ޕްރޮޓެކްޝަން (ކަޓްއައުޓް ފިއުޒަ އެމް.ސީ.ބީ، އެމް.ސީ.ސީ.ބީ) އަދި އާރތް ފޯލްޓް ޕްރޮޓެކްޝަން (އީ.އެލް.ސީ.ބީ އީ،.އެލް.އާރ) އައިސޮއަދި ލޭޝަން (މެއިންސްވިޗް) ހަރުކޮށްފައި ހުންނަންވާނެއެވެ.
11.3 ކަރަންޓްދީފައި ހުންނަ ކޮންމެ ތަނަކަށް ސަޕްލައި ވަޅުލާފައިވާ ގޮތުގެ ކުރެހުމެއް ހަދާފައި އޮންނަންވާނެއެވެ. ކަރަންޓް ދިނުމަށްޓަކައި ކުރެހުމެއް ނެތި އެއްވެސް ތަނެއްގައި ސަޕްލައި ވަޅުލައިގެން ނުވާނެއެވެ.
11.4 ކަރަންޓްގެ ހިދުމަތްދޭންވާނީ ނުވަތަ ލިބިގަންނަންވާނީ، ކަރަންޓް ބޭނުންކުރެވޭ ވަރު އެނގޭފަދަ މީޓަރެއް ބަހައްޓައިގެންނެވެ. މީޓަރު ބަހައްޓަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ މިމިނިސްޓްރީއިން ކަނޑައަޅާ ތަނަކުން ޓެސްޓް ކުރުމަށްފަހު ހުއްދަލިބިގެންނެވެ. އަދި ހަމަ މިގޮތަށް ޓެސްޓްކޮށް އީ.އެލް.ސީ.ބީ ވެސް ބަހައްޓަންވާނެއެވެ.
12 ވަނަ މާއްދާ - އިލެކްޓްރިކް ވައިރުކުރުން.
12.1 އިލެކްޓްރިކް ވައިރު ކުރަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން އިލެކްޓްރިކް ވައިރުކުރުމުގެ ހުއްދަލިބިގެންނެވެ.
12.2 ވައިރު ކުރުމުގައި ސިންގަލް ފޭސް ވައިރު ކުރަންވާނީ ފޭހަށް ރަތްކުލައިގެ ނަރު، ނިއުޓްރަލްއަށް ކަޅުކުލައިގެ ނަރު، އަރތަށް ފެހިކުލައިގެ ނަރު، ލަނުވަތަ ފެހިކު އިގެ ނަރެއްގައި ރީނދޫކުލައިގެ ރޮނގެއްދަމާފައިވާނަމަ އެނަރު ބޭނުންކޮށްގެނެވެ.
12.3 ތްރީފޭސް ވައިރު ކުރަންވާނީ ފުރަތަމަ ފޭހަށް ރަތްކުލައިގެ ނަރު، ދެވަނަ ފޭހަށް ރީނދޫކުލައިގެ ނަރު، ތިންވަނަ ފޭހަށް ނޫކުލައިގެ ނަރު، ނިއުޓްރަލްއަށް ކަޅުކުލައިގެ ނަރު އަދި އާރތަށް ފެހިކުލައިގެ ނަރު ނުވަތަ ފެހިކުލައިގެ ނަރެއްގައި ރީނދޫ ރޮނގު ދަމާފައިވާނަމަ އެނަރު ބޭނުންކޮށްގެންނެވެ.
12.4 އެއްވެސް ހާލެއްގައި ފެހިކުލައިގެ ނަރު ނުވަތަ ފެހިކުލައިގެ ނަރެއްގައި ރީނދޫ ރޮނގެއްދަމާފައި ހުރި ނަރު އާރތް ނަރުގެ ގޮތުގައި ނޫނީ ބޭނުންކޮށްގެންނުވާނެއެވެ. އަދި ކަޅުކުލައިގެ ނަރު ނިއުޓްރަލް ފަށަށް ނޫނީ ބޭނުންކޮށްގެން ނުވާނެއެވެ.
12.5 ތްރީފޭސް ވައިރުކުރާ ތަންތަނަށް، އެކަމަށް އެކަށީގެންވާ ފޭހަށް ބޭނުންކުރާ ތިންކުލައިގެ ނަރު ނުލިބިއްޖެނަމަ، ބޭނުންކުރާ ނަރުގެ ދެކޮޅުގައި އެފޭހެއްގެ ކުލަ އެނގޭގޮތަށް ސްލީވިންގ ލައްވަންވާނެއެވެ.
12.6 ތްރީފޭސް ވައިރުކުރާއިރު ވައިރުކޮށްފައި ހުންނަންވާނީ ތިންފޭހަށް ލޯޑްބެލެންސްވާގޮތަށެވެ.
12.7 އިމާރާތެއްގެ މެއިން އާރތް ބިމަށް ގުޅަންވާނީ އެތަނަކާ އެކަށީގެންވާ ވަރުގެ ފަލަނަރަކުންނެވެ. މެއިން އާރތް ބިމަށްނެރެންވާނީ ޑީބޯރޑުން ނުވަތަ މެއިން ސްވިޗުން އެކަމަށް ކަނޑައަޅާފައިވާ ތަނަކާ ގުޅައިގެންނެވެ. އަދި އާރތް ހޮޅިބުރިއަށް ގުޅަންވާނީ ކޭބަލް ލަގެއް ހަރުކުރުމަށް ފަހުގައެވެ. އާރތް ހޮޅިބުރީގެ ބަދަލުގައި އާރތް ރޮޑުވެސް ބޭނުންކުރެވިދާނެއެވެ. އާރތް ޖަހާފައި ހުންނަންވާނީ " 8C8 " ޖަންގްޝަނެއްގެ ތެރޭގައިމަތިޖެހޭގޮތަށެވެ.
12.8 ވައިރުކުރާއިރު ކިތަންމެ ކުޑަ ވައިރެއްކަމުގައި ވިޔަސް ޑީބޯރޑް، މެއިން ސްވިޗް، އީ.އެލް.ސީ.ބީ ހަރުކޮށްފައި ހުންނަންވާނެއެވެ.. އީ އެލް.ސީ.ބީ ހަރުކުރަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ މިމިނިސްޓްރީއިން ކަނޑައަޅާ ފަރާތަކުން ޓެސްޓްކޮށް ހުއްދަ ލިބުމަށް ފަހުގައެވެ. ވައިރުކޮށްފައި ހުންނަ ސިންގަލް ފޭސް ތަންތަނަކީ އެންމެ މަދުވެގެން 1 ސޮކެޓް، 2 ދިއްލުން ހުންނަތަންތަން ކަމުގައި ވާންވާނެއެވެ. އަދި ތްރީފޭސް ތަންތަނުގައި މަދުވެގެން 3 ސޮކެޓް، 6 ދިއްލުން ހުންނަންވާނެއެވެ.
12.9 ގޭގެއާއި އިމާރާތްތަކުގައި ހަރުކުރާ އީ.އެލް.ސީ.ބީގެ ރޭޓިންއަކީ ސިންގަލް ފޭސް ނަމަ ޓްރިޕިންގ ކަރަންޓް 30 މިލި އެމްޕަޔަރ، 240 ވޯލްޓް ރޭޓަޑް ކަރަންޓް 63-30 އެމްޕަޔަރ، 2 ޕޯލް. ކަރަންޓް އޮޕަރޭޓަޑް އީ.އެލް.ސީ.ބީއެވެ. ތްރީފޭސް ނަމަ ޓްރިޕިންގ ކަރަންޓް 30 މިލިއެމްޕިއަރ، 440 ވޯލްޓް / 380 ވޯލްޓް، 63-40 އެމްޕަޔަރ 4 ޕޯލް ކަރަންޓް އޮޕަރޭޓަޑް އީ.އެލް.ސީ.ބީ ކަމުގައި ވާންވާނެއެވެ. މިއަށްވުރެ ދަށް ރޭޓަޑް ކަރަންޓްގެ އީ.އެލް.ސީ.ބީއެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް އޭގެ ޓްރިޕިންގ ކަރަންޓް 30މިލިއެމްޕަޔަރަށްވުރެ މަތިވެގެން ނުވާނެއެވެ.
12.10 ކޮންމެ ސަރކިޓެއް ޑީބޯރޑަށް އަންނައިރު ފޭސްފަށަކާއި، އަދި އާރތް ފަށެއް ގެންނަންވާނެއެވެ. ޑީބޯރޑްގައި ސީ.ބީ ނުވަތަ ފިއުޒު ހަރުކުރަންވާނީ އެސަރކިޓާއި އެކަށީގެންވާވަރުގެ ސީ.ބީ އެއް ނުވަތަ ފިއުޒެވެ. އެއަށްވުރެ މަތީ ސީ.ބީ އެއް ނުވަތަ ފިއުޒެއް ހަރުކޮށްގެން ނުވާނެއެވެ.
12.11 ޑީބޯރޑުގައި ބާސްބަރ ފަތިކޮޅު ނޫނީ ބޭނުންކޮށްގެންނުވާނެއެވެ. މިފަތިކޮޅު ބޭނުންކުރުމުގެ ބަދަލުގައި ނަރުން ލޫޕްކޮށްފައި ހުރެގެންނުވާނެއެވެ. ތްރީފޭސް ޑީބޯރޑު ބާސްބަރ ލިންކް ހަރުކޮށްފައި ހުންނަންވާނީ ދެފޭސް ދެފޭހާއި މާކައިރިނުވާ ގޮތަށެވެ.
12.12 ނަރުގެ ސައިޒު 029/3 ނުވަތަ 5.1 ސްކެއަރ އެމް އެމްގެ ނަރުން ވައިރުކުރާނަމަ، ސަރކިޓަށް ލާންވާނީ 5 ދިއްލުމެވެ. މީގެ ތެރޭގައި ފަންކާވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، މިސާރކިޓުން ބޭނުންކުރާ ލޯރޑް 500 ވޮޓަށްވުރެ ބޮޑުވެގެން ނުވާނެއެވެ. ސޮކެޓް ސާރކިޓެއްނަމަ ސަރކިޓަށް ލާންވާނީ 2 ސޮކެޓެވެ. އެއީ 029/7 ނުވަތަ 5.2 އެމް އެމްގެ ނަރުން ވައިރުކުރާނަމައެވެ.
12.13 ވައިރުކުރާއިރު ދެގޭންގުގެ ސްވިޗް ނުވަތަ މިއަށްވުރެ އިތުރު ގޭންގުގެ ސްވިޗް ބޭނުންކުރާނަމަ (އެއްފޮށްޓެއްގެ ތެރޭގައި) އެއްފޭހަށް ވުރެ އިތުރު ފޭހެއް ސްވިޗްތަކަށް ގުޅައިގެން ނުވާނެއެވެ.
12.14 ސިންގަލް ފޭސް ވައިރެއްނަމަ 30 އެމްޕިއަރުގެ މެއިން ސްވިޗެއްގެ ބަދަލުގައި 2 ޕޯލް 40 އެމްޕެއަރއަށްވުރެ މަތީ އެމް.ސީ.ބީ އެއް ހަރުކޮށްގެން ނުވާނެއެވެ. އަދި ތްރީފޭސް ވައިރެއްނަމަ 60 އެމްޕެއަރުގެ ސްވިޗްގެ ބަދަލުގައި 63 އެމްޕެއަރގެ 3 ޕޯލް ނުވަތަ 4 ޕޯލަށްވުރެ މަތީ އެމް.ސީ.ބީ އެއް ހަރުކޮށްގެން ނުވާނެއެވެ. ޑީބޯރޑްގައި މެއިން ސްވިޗް ހަރުކުރާނަމަ ހަރުކޮށްފައި ހުންނަންވާނީ ބިމުގައި ހުރެގެން އަތްފޯރާ ހިސާބުގައި 5 ފޫޓާ 6 ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ.
12.15 ވައިރުކުރަންވާނީ ކޮންޑިއުޓް ހޮޅިއަށް ނުވަތަ އެސްލޯން ހޮޅިފަދަ އެނޫންވެސް ރައްކާތެރި ހޮޅިއަކަށް ލައްވައިގެންނެވެ. ހޮޅިއަށް ނުލާ ކުރާ ވައިރުކޮށްފައި ހުންނަންވާނީ ކޭބަލް ކްލިޕް ޖަހައިގެން ފަދަ ގޮތަކަށް ނަމަވެސް ރަނގަޅަށް އެއްޗެއްގައި ހަރުކޮށްގެންނެވެ،
12.16 އެއަރކޯން، ޑީޕްފްރީޒަރ ފަދަ މަތީ ލޯޑުނަގާ ތަކެއްޗަށް ކަރަންޓްދޭ ޕޮއިންޓްތައް ވައިރުކޮށްފައި ހުންނަންވާނީ ވަކި ސަރކިޓަކަށެވެ.
12.17 މެޝިނަރީޒް ފަދަ ތަކެއްޗަށް ވައިރުކޮށްފައި ހުންނަންވާނީ އެކަށީގެންވާ ނަރަކުން، ސްޓާރޓަރ ނުވަތަ މެއިން ސްވިޗް މެދުވެރިކޮށެވެ. އަދި ސްޓާރޓަރ ނުވަތަ މެއިން ސްވިޗް ހަރުކޮށްފައި ހުންނަންވާނީ މަސައްކަތްކުރާ މެޝިނާ ދުރުނޫން ހިސާބެއްގައި ފަސޭހައިން އޮޕަރޭޓްކުރެވޭ ހިސާބެއްގައެވެ.
12.18 ޑީބޯރޑު ހަރުކޮށްފައި ހުންނައިރު ޑީބޯރޑުގެ ތިރީކައިރި ހުންނަންވާނީ 6 ފޫޓަށްވުރެ އުސްނުވާ ވަރެއްގައެވެ.
12.19 ފާހާނައިގައި ނުވަތަ ފެން ވިއްސާ ތަނެއްގައި ހަރު ކުރަންވާނީ ވޯޓަރ ޕްރޫފް ސްވިޗެކެވެ. މިނޫން ވައްތަރެއްގެ ސްވިޗެއް ހަރުކުރާނަމަ ހަރުކުރަންވާނީ ފެންނުވިއްސާ ހިސާބުގައެވެ.
12.20 ސްވިޗް ނުލާ ހުންނަ ސޮކެޓް ބޭނުންކުރާނަމަ، ބޭނުންކުރަންވާނީ ސްވިޗް މެދުވެރިކޮށެވެ. އާންމުގޮތެއްގައި ސްވިޗް ނުލާ ހުންނަ ސޮކެޓް ހުއްދައެއް ނުކުރެވޭނެއެވެ.
12.21 ބޮޑެތި އިމާރާތްތަކުގައި ވައިރުކުރާއިރު ފޭސް ނިއުޓްރަލް، ފޭސް އާރތް، އަދި ނިއުޓްރަލް އާރތާއި ދޭތެރޭގައި ހުންނަންވާނީ އެންމެ ދަށްވެގެން 1 މެގަރ އޯމްސްއެވެ. ނަމަވެސް 5 ޕޮއިންޓަށް ވުރެ ކުޑަކޮށްފައި ހުންނަ ވައިރުގައި 1 މެގަރ އޯމްސް ހުރި ކަމުގައި ވިޔަސް އެއީ ރަނގަޅު ވައިރެއްކަމުގައި ނުބެލެވޭނެއެވެ. މިފަދަ ތަންތަނުގައި ވައިރު ރަނގަޅުކަމަށް ބެލެވޭނީ މަދުވެގެން 10 މެގަރ އޯމްސް ހުރެގެންނެވެ.
12.22 އެރަށެއްގައި އާންމުކޮށް ދޫކޮށްފައިވާ ކަރަންޓް ބޭނުންކުރާ ފަރާތަކުން، އިމަޖެންސީ ހާލަތެއްގައި ބޭނުން ކުރުމަށް އެހެން ޖެނަރޭޓަރެއްގެ ކަރަންޓް ބޭނުންކުރާ ގޮތަށް ހަމަޖައްސާފައިވާނަމަ އެތަނެއްގައި ކަރަންޓް ބޭނުންކުރަންވާނީ ޗޭންޖްއޯވަރ ސްވިޗް މެދުވެރިކޮށްގެންނެވެ. ބޭނުންކުރާ ޗޭންޖްއޯވަރ ސްވިޗަކީ ފޭހާއި ނިއުޓްރަލް އާ ކެނޑޭގޮތަށް ހުންނަ ސްވިޗްކަމުގައި ވާންޖެހޭނެއެވެ. އަދި ތަނަކަށް ނަގާ ލޯޑާއި އެކަށީގެންވާ ރޭޓިންގގެ އެއްޗަކަށް ވާންވާނެއެވެ.
12.23 މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ މިމިނިސްޓްރީއިން ހުއްދަދޭ ފަރާތަކުން ވައިރު ޓެސްޓް ކުރުމަށްފަހު އެތަނެއްގައި އިތުރަށްކުރާ ވައިރު ޑީބޯޑަށް ގުޅަންވާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ މިމިނިސްޓްރީއިން ހުއްދަދޭ ފަރާތަކުން، އެތަނެއްގަ ވައިރު ޓެސްޓް ކުރުމަށްފަހު ހުއްދަ ލިބިގެންނެވެ. މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ހުއްދަ ނުކުރާ ވައިރު ޑީބޯޑަށް ގުޅައިގެން ނުވާނެއެވެ.
12.24 ވައިރު ކުރާ ފަރާތްތަކުން ކުރާވައިރެއް ރަނގަޅުނުވެއްޖެނަމަ، އެކަމާއި ޒިންމާވާންޖެހޭނީ ވައިރު ޓެސްޓް ފޯމުގައި ވައިރުކުރިކަމަށް ސޮއިކޮށްފައިވާ ފަރާތުންނެވެ.
13 ވަނަ މާއްދާ - އިލެކްޓްރިކް ކަރަންޓްގެ ހިދުމަތް ދިނުމުގެ އެކި އެކި މަސައްކަތުގައި އުޅެންޖެހޭ މީހުން
13.1 އިންޖީނު ހިންގުމާއި ކަރަންޓް ދިނުމާއި ބެހޭ ކަންތައްތަކުގައި، އިންޖީނުގޭގައި އުޅޭ ހުރިހާ މުވައްޒަފުންނަކީވެސް އެމީހަކާއި ހަވާލުވެފައިވާ މަސައްކަތާބެހޭ ތަމްރީނު ލިބިފައިވާ މީހުން ކަމުގައި ވާންޖެހޭނެއެވެ.
13.2 އިލެކްޓްރިކް އިންޖީނު ހިންގުމުގައި އެންމެ އިސްކޮށް ހުންނަ މީހަކީ ޓެކްނިކަލް ރޮގުން މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ގަބޫލުކުރާ ފެންވަރުގެ ތައުލީމާއި ތަމްރީނު ލިބިފައިވާ މީހަކަށްވާންޖެހޭނެއެވެ.
13.3 އިންޖީނުގޭގައި އުޅޭ ހުރިހާ މުވައްޒަފުންނަކީ އަލިފާން ނިއްވުމާބެހޭ މައުލޫމާތު ހުރި އަދި އަލިފާން ނިއްވަން ބޭނުންކުރާ ތަކެތީގެ ބޭނުން ރަނގަޅަށް ކުރަން އެނގޭ މީހުންކަމުގައި ވާންޖެހޭނެއެވެ.
13.4 އިންޖީނުގޭގެ މުވައްޒަފުން ފިޔަވައި ކަމާނުބެހޭ މީހުން އިންޖީނު ރޫމް ތެރޭއަށް ވައްދައި ހަދައިގެން ނުވާނެއެވެ.
13.5 ކޮންޓްރޯލް ރޫމްގައި ތިބޭ މީހުންނަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއިން ހިންގާ
ބޭސިކް ފަޔަރ އެކްސްޓިންގްޝަން އެންޑް ޕްރިވެންޝަން ކޯސް ފުރިހަމަ ކޮށްފައިވާ މީހުންކަމުގައި ވާންޖެހޭނެއެވެ.
14 ވަނަ މާއްދާ - ވައިރުކުރާ ފަރާތްތަކުން މިގަވާއިދަށް އަމަލުކުރުން
މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފަރާތުން ވައިރުކުރުމުގެ ހުއްދަދީފައިވާ ފަރާތްތަކުން މިގަވާއިދަށް އަމަލުކުރަންވާނެއެވެ. މިގަވާއިދާ ހިލާފަށްކޮށްފައި ހުންނަ ވައިރު ގަބޫލެއް ނުކުރެވޭނެއެވެ. މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ކަނޑައަޅާ ފަރާތަކުން ވައިރު ޓެސްޓްކުރާއިރު ތަކުރާރުކޮށް މައްސަލަ ޖެހެމުންދާކަމަށް ވަނީނަމަ ވައިރުކުރި މީހާއަށް ދޫކޮށްފައިވާ، ވައިރުކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއަށް ފެނިއްޖެ ހިނދެއްގައި ބާތިލްކުރެވޭނެއެވެ.
15 ވަނަ މާއްދާ - މިގަވާއިދަށް އަމަލުކުރުން
1 ޖެނުއަރީ 1997 ގެ ކުރިން ކަރަންޓްގެ ހިދުމަތްދޭން ފައްޓާފައިވާ ތަންތަނުގެ ތެރެއިން ހިދުމަތް ދިނުމުގައި މިގަވާއިދާ އެއްގޮތަށް ކަންތައްތައް ފުރިހަމަކޮށްފައި ނެތްތަންތަނަށް އެތަނެއްގައި ފުރިހަމަކޮށްފައި ނެތްކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި އެކަމެއް ގަވާއިދާ އެއްގޮތަށް ފުރިހަމަ ކުރުމަށް މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ކަނޑައަޅާ މުއްދަތެއް އެފަރާތަކަށް ދިނުމުގެ އިހްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ.
16 ވަނަ މާއްދާ - މިގަވާއިދާ ހިލާފުވުން
މިގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ހިލާފު އަމަލެއްކޮށްފި ފަރާތެއް އެކުރި އަމަލެއްގެ ބޮޑު ކުޑަ މިނަށްބަލައި 100 ރުފިޔާއިން ފެށިގެން 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ކަރަންޓްގެ ހިދުމަތްދޭ ފަރާތާއި ލިބޭ ފަރާތާ ދެމެދު ކުރެވޭ އެއްބަސްވުމުގެ ނަމޫނާ
ކަރަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެގޮތަކަށެވެ. އެއީ ސަޕްލައި މަތިން ދަމައިގެންނާއި، އަޑިން ވަޅުލައިގެންނެވެ.
1 - ސަޕްލައި މަތިން ދަމާ ކަރަންޓް ދޫކުރުން
(ހ) ކަރަންޓް ދޫކުރެވޭނީ ކަރަންޓްލުމަށް އެދޭ ފަރާތުން އެތަންތަނަށް ކަރަންޓްލުމަށް އެދި ފުރިހަމަ އެޑްރެސް މަގުގެ ނަމާއެކު ލިޔެ މިތަނަށް ސިޓީ ފޮނުވުމުންނެވެ.
(ށ) ކަރަންޓަށް އެދިފައިވާ ތަނަކީ، ކަރަންޓް ދޫކުރެވެން ހުރިތަނެއްނަމަ، އެތަނަކަށް ކަރަންޓް ދިނުމަށް ބޭނުންވާ ތަކެތީގެ ލިސްޓެއް ކަރަންޓަށް އެދޭ ފަރާތަށް މިތަނުން ދޫކުރެވޭނެއެވެ. މިގޮތުން މިތަނަށް ލިސްޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓަށް އެދޭ ފަރާތުން ލިސްޓާއި ހަވާލުވުމަށް މީހަކު އައުމުންނެވެ.
(ނ) ކަރަންޓްލުމަށް ބޭނުންވާ ތަނެއްގައި ބަހައްޓާ މީޓަރ ޓެސްޓް ކުރެވިފައި ހުންނަންޖެހޭނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ އެމިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ފަރާތުންނެވެ.
(ރ) ކަރަންޓަށް އެދޭ ތަނަކީ ވަޔަރު، ނުކޮށް ކަރަންޓް ބޭނުންކުރާ ތަނެއްނަމަ، އެފަދަ ތަނަކަށް ކަރަންޓް ދޫކުރެވޭނީ ވަޔަރ ކުރުމާ ބެހޭ ގޮތުން ހަމަޖެހިފައިވާ ކަންތައްތައް ނިންމުމަށްފަހުގައެވެ.
(ބ) ކަރަންޓަށްއެދޭ ތަނަކީ، ވަޔަރުނުކޮށް ކަރަންޓް ބޭނުންކުރާ ތަނެއްނަމަ ކަރަންޓަށް އެދޭ ފަރާތަށް ދޫކުރި ލިސްޓްގައިވާ ތަކެތި ހަމަކޮށް މިތަނަށް ދައްކަންވާނެއެވެ. އެތަނެއްގައި ބެހެއްޓުމަށް ބޭނުންވާ މީޓަރ ބޯޑު ވަޔަރ ކުރެއްވުމަށްފަހު ހުންނަންޖެހޭނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ނުވަތަ އެމިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ފަރާތަކުން ޓެސްޓްކޮށްފައެވެ. މިބޯޑުގައި މީޓަރާއި، މެއިންސްވިޗް، އީ.އެލް.ސީ.ބީ އަދި ކަޓް އައުޓް ފިއުޒާއި، ޕްލަގް ސްވިޗް ފަދަ ތަކެތި ގަވާއިދުން ހަރުކުރެވިފައި ހުންނަންވާނެއެވެ. އަދި މިފަދަ ބޯޑުގައި ހަރުކުރެވިފައިވާ ކަޓް އައުޓް އުފި ޒުގައި ސިލް ޖެހޭގޮތަށް ހުރުން ބޭނުމެވެ.
(ޅ) މީޓަރބޯޑު ޓެސްޓްކޮށް ނިމުމަށްފަހު ކަރަންޓަށް އެދޭ ފަރާތުން "ކަރަންޓްދޫކުރުމަށް ކުރެވޭ އެގްރިމެންޓް ފޯމް" ނަގަންވާނެއެވެ.
(ކ) ކަރަންޓަށް އެދޭ ފަރާތަކީ އިމާރާތުގެ ވެރިފަރާތް ނޫންނަމަ ކަރަންޓަށް އެދޭ ފަރާތުގެ މަސްއޫލުވެރި ކަމުގައި އެއިމާރާތަށް ކަރަންޓަ ލުމާމެދު އިމާރާތުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް "ކަރަންޓް ދޫކުރުމަށް ކުރެވޭ އެގްރިމެންޓް ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު އެފޯމާއެކު ހުށަހަޅަންވާނެއެވެ.
2 - ބިމުގައި ސަޕްލައި ވަޅުލައިގެން ކަރަންޓް ދޫކުރުން
(ހ) ކަރަންޓަށް އެދޭ ފަރާތަށް ބިމުގައި ސަޕްލައިވަޅުލައިގެން ކަރަންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަޕްލައި މަތިންދަމާ ކަރަންޓް ދޫކުރުމުގެ ގަވާއިދުގެ ހ، ށ، ނ، ރ، ބ، ޅ، ކ، މިމާއްދާތަކުގައި ވާފަދައިން އަމަލުކުރުމަށްފަހު، މިތަނުގެ ގަވާއިދާ އެއްގޮތަށް ސަޕްލައި ވަޅުލާ ނިންމުމުންނެވެ.
3 - ސަޕްލައި ވަޅުލުމަށްޓަކައި މަގުކޮނުމުގެ ގަވާއިދު
(ހ) ސަޕްލައި ވަޅުލުމަށްޓަކައި ކޯރުކޮންނަންވާނީ މިތަނުން އެތަނަކަށް ފޮނުވާ މީހަކު އަންގާ ގޮތަކަށެވެ.
(ށ) ސަޕްލައި ވަޅުލުމަށް ކޯރު ކޮނުމުގައި ވަޅުލެވިފައިވާ ސަޕްލައިއަށް ގެއްލުމެއް ލިބިއްޖެނަމަ، އެގެއްލުމެއްގެ ޒިންމާ އުފުލަންވާނީ އެސަޕްލައި ވަޅުލުމުގެ މަސައްކަތާއި ހަވާލުވި ފަރާތުންނެވެ.
(ނ) ސަޕްލައި ވަޅުލުމަށްޓަކައި ކޯރުކޮނުމުގެ ކުރިން އެކޯރަށް އަޅަންބޭނުންވާ ދޮންވެލި އެކޯރުކޮންނަ ސަރަހައްދުގައި ބަހައްޓަންވާނެއެވެ.
(ރ) ސަޕްލައި ވަޅުލުމަށްޓަކައި ކޯރު ކޮންނަން ފެށުމަށްފަހު އެމަސައްކަތް ނިމުމުން މެނުވީ ކޯރުކޮނުމުގެ މަސައްކަތް ހުއްޓާލައިގެންނުވާނެއެވެ. މިގޮތުން ރަސްމީ ގަޑީގައި ނުނިމޭ ފަދަ ދިގު ކޯރެއްނަމަ ޖެހިގެން އަންނަ ދުވަހު ނިމުނު ހިސާބުން ގެންދާނީއެވެ.
4 - ވަޔަރ ކުރުން
(ހ) ވަޔަރކޮށްފައި ހުންނަން ޖެހޭނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ހުއްދައޮތް ފަރާތަކުންނެވެ. (ށ) ކުރިން ވަޔަރކޮށްފައިވާ ބައެއްގައި އިތުރު ބައެއް ވަޔަރ ކުރަން ބޭނުންވެއްޖެނަމަ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ނުވަތަ އެކަން މިމިނިސްޓްރީއިން ހަވާލުކޮށްފައިވާ ފަރާތެއްގެ ހުއްދަ ހޯދަންވާނެއެވެ.
5 - އިލެކްޓްރިކް މީޓަރ
(ހ) ކަރަންޓް ދޫކުރެވިފައިވާ ތަންތާގައި ބަހައްޓާފައިވާ މީޓަރ ހަލާކުވެގެން ނުވަތަ އެމީޓަރާއި މެދު ހިތްހަމަނުޖެހުން ފަދަ ކަމެއް މެދުވެރިވެގެން އެހެން މީޓަރެއް ބަހައްޓަން ބޭނުންވެއްޖެނަމަ، އެކަން މިތަނަށް ލިޔުމަކުން އަންގަންވާނެއެވެ.
(ށ) މީޓަރެއްގެ ބަދަލުގައި އެހެން މީޓަރެއް ބެހެއްޓޭނީ ބަހައްޓަން ބޭނުންވާ މީޓަރު ގަވާއިދުން ޓެސްޓްކުރުމަށް ފަހުގައެވެ.
(ނ) ޓެސްޓްކޮށްފައިވާ މީޓަރެއް ކަރަންޓް ނުދީ 6 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގައި ބޭނުން ނުކުރެވި ހުރެއްޖެނަމަ އެމީޓަރަކަށް ކަރަންޓް ދޫކުރެވޭނީ އަލުން މިތަނުން ޓެސްޓްކުރުމަށް ފަހުގައެވެ. މިގޮތުން ޓެސްޓްކުރެވޭ މީޓަރަކަށްވެސް ގަވާއިދުން ސިންގަލް ފޭސް މީޓަރެއްނަމަ ---- ރުފިޔާ، ތްރީފޭސް މީޓަރެއްނަމަ ---- ރުފިޔާ ދައްކަންވާނެއެވެ.
(ރ) އެއްވެސް ހާލެއްގައި ކަރަންޓްދީފައިވާ މީޓަރަކާއި އަމިއްލައަށް ކުޅެ ހެދުމަކީ މަނާކަމެކެވެ.
6 - މީޓަރ ބޯޑުބަދަލުކުރުން
(ހ) ކަރަންޓް ދޫކުރާ ތަންތަނުގައި ބަހައްޓަން ބޭނުންވާ މީޓަރ ބޯޑު މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ނުވަތަ މިމިނިސްޓްރީއިން ކަނޑައަޅާ ފަރާތަކުން ޓެސްޓްކުރުމަށްފަހު އެބޯޑަށް ކަރަންޓް ދޫކުރުމުގެ ކުރިން އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.
(ށ) ކަރަންޓް ދޫކޮށްފައިވާ ތަނެއްގައި ބަހައްޓާފައި ހުރި މީޓަރ ބޯޑު އެހެން ތަނަކަށް ބަދަލުކުރަން ބޭނުންވެއްޖެނަމަ، އެކަން މިތަނަށް ލިޔުމުން ބޭނުންވާ ތަކެތީގެ ލިސްޓެއް އެފަރާތަށް ދޫކުރެވޭނެއެވެ. މިގޮތުން އެދިފައިވާ ތަނަށް މީޓަރ ބޯޑު ބަދަލުކުރެވޭނީ ސިންގަލް ފޭސް ނަމަ ---- ރުފިޔާ، ތްރީފޭސް ނަމަ ---- އެދޭ ފަރާތުން މިތަނަށް ދެއްކުމަށްފަހު މިތަނުގެ ފަރާތުންނެވެ.
(ނ) އެއްވެސް ހާލެއްގައި މީޓަރ ބޯޑު އަމިއްލައަށް ނައްޓައި އަދި ގޮތްގޮތަށް ބަހައްޓާހެދުމަކީ މަނާކަމެކެވެ.
7 - ސަޕްލައި ބަދަލުކުރުން
(ހ) ކަރަންޓް ދޫކޮށްފައިވާ ސަޕްލައިއެއް ބާވެގެން ނުވަތަ، އެހެންވެސް ސަބަބެއް ދިމާވެގެން ސަޕްލައި ބަދަލުކުރުމަށް ބޭނުންވެއްޖެނަމަ އެކަން މިތަނަށް ލިޔުމުން، އެކަމަށް ބޭނުންވާ ތަނެތީގެ ލިސްޓެއް އެދޭ ފަރާތަށް ދޫކުރެވޭނެއެވެ.
(ށ) "ސަޕްލައި ބަދަލުކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓް" ގައިވާ ތަކެތި ހަމަކޮށް ލިސްޓާއެކު މިތަނަށް ދެއްކުމުން، ސަޕްލައި ބަދަލުކުރެވޭނީ ސިންގަލް ފޭސް ނަމަ ---- ރުފިޔާ، ތްރީފޭސް ނަމަ ---- ރުފިޔާ، އެދޭ ފަރާތުން މިތަނަށް ދެއްކުމަށްފަހު މިތަނުގެ ފަރާތުންނެވެ.
(ނ) ކަރަންޓް ދޫކޮށްފައިވާ ތަނެއްގެ ސަޕްލައި ސޯޓް ވެއްޖެނަމަ، އެތަނަކުން ކަރަންޓް ކަނޑާލުމަށްފަހު މަސްއޫލުވެރި ފަރާތުން ސަޕްލައި ދިނުމުން ވަގުތީގޮތުން ކަރަންޓްދޫކުރެވޭނެއެވެ. މިގޮތުން ކަރަންޓް ދޫކުރެވޭނީ މިތަނުން ދޫކުރާ ސަޕްލައި ބަދަލުކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ލިބުމަށްފަހު ---- ގަޑިއިރުގެތެރޭގައި ލިސްޓާއެކު ތަކެތި އަދި ސަޕްލައި ބަދަލުކުރުމުގެ އަގު ދެއްކުން ޝަރުތުކޮށްފައެވެ. ވަޅުލެވިފައިވާ ސަޕްލައިގެ ވެރިފަރާތުން އެސަޕްލައި ޖޮއިންޓްކޮށް ނިންމުމުން އެސަޕްލައި މިތަނުން ޓެސްޓްކުރުމަށްފަހު އަލުން ޓެސްޓްކުރެވޭނެއެވެ. މިފަދަ ސަޕްލައިއަށް ކަރަންޓް ދިނުމުގައި ސަޕްލައިގެ ވެރިފަރާތުން މިތަނަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ.
8 - ހިދުމަތަށް ފީނެގުން
(ހ) ކަރަންޓްގެ މަސައްކަތަށް ފީ ނަގާނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްއިން ހަމަޖައްސާފައިވާ އުސޫލެއްގެ މަތީންނެވެ.
9 - ކަރަންޓް ކަނޑާލުން
މިތަނުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކަރަންޓް އެތަނަކުން ނުވަތަ އެގެއަކުން ކަނޑާލެވޭނީ ތިރީގައިމިވާ ގޮތުގެ މަތިންނެވެ.
(ހ) ގަވާއިދާ ހިލާފަށް ކަރަންޓް ބޭނުންކުރާ ފުރަތަމަ ފަހަރު އެތަނަކުން 7 ދުވަހަށް ކަރަންޓް ކަނޑާލުމާއެކު --
-- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ށ) ގަވާއިދާ ހިލާފަށް 2 ވަނަ ފަހަރު ކަރަންޓް ބޭނުންކޮށްފިނަމަ އެތަނަކުން 14 ދުވަހަށް ކަރަންޓް ކަނޑާލުމާއެކު ---- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) ގަވާއިދާ ހިލާފަށް 3 ވަނަ ފަހަރަށް ކަރަންޓް ބޭނުންކޮށްފިނަމަ، އެތަނަކުން 30 ދުވަހަށް ކަރަންޓް ކަނޑާލުމާއެކު ---- ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ޝަރީއަތަށް ހުށަހެޅޭނެއެވެ.
(ރ) މަތީގައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަމަލުކުރުމާއެކު ގަވާއިދާ ހިލާފަށް ކަރަންޓް ބޭނުންކުރުމުގެ ސަބަބުން، އެތަނަކުން ކުރިން ކަރަންޓް ހިނގާފައިވާ ނިސްބަތުން ގަވާއިދާ ހިލާފަށް ކަރަންޓް ބޭނުންކުރި ދުވަސްތަކަށް ބިލް ހެދޭނެއެވެ.- ކަރަންޓް ދޫކުރެވިފައިވާ އިމާރާތެއް މަރާމާތުކުރުންފަދަ ކަމަކަށް ބޭނުންވެގެން މަސްއޫލު ފަރާތުން ވަގުތީގޮތުން ކަނޑާލަން އެދިއްޖެނަމަ، އެތަނަކުން ކަރަންޓްކަނޑާލާ އެމަސައްކަތް ނިމުމުން މަސްއޫލު ފަރާތުން އަލުން ކަރަންޓަށް އެދެފިނަމަ، ކުރިންދޫކޮށްފައިވާ އުސޫލުން ކަރަންޓް ދޫކުރެވޭނެއެވެ. މިގޮތުން ކަރަންޓް ކަނޑާލުމުންވެސް އެއްވެސް ހާލެއްގައި މީޓަރ ބޯޑު އަމިއްލައަށް ނައްޓާލައިގެން ނުވާނެއެވެ.
- ކަރަންޓް ދޫކޮށްފައިވާ ތަނަކުން މިތަނަށް ދައްކަންޖެހޭ ފައިސާ ބިލްގައިވާ މުއްދަތުގެ ތެރޭގައި ނުދެއްކުމުން އެތަނެއްގެ ކަޓްއައުޓް ފިއުޒް ނެގޭނެއެވެ. މިގޮތުން ކަޓްއައުޓް ފިއުޒް ނެގުމަށްފަހު އަލުން ފިއުޒް ޖަހައިދެވޭނީ ބިލްގައިވާ ފައިސާ ޖޫރިމަނާއާއެކު ދެއްކެވުމުންނެވެ. އަދި ފިއުޒް ނެގުމަށްފަހު 1 މަސް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެތަނެއްގެ މަސްއޫލު ފަރާތް ޝަރީއަތަށް ފޮނުވޭނެއެވެ.
- އެކަށީގެންވާ އުޒުރެއްނެތި މިތަނުގެ ފަރާތުން ކަރަންޓްދޫކޮށްފައިވާ އެއްވެސް ތަނަކުން ކަރަންޓް ކަނޑައެއް ނުލެވޭނެއެވެ.
ކަރަންޓް ދޫކުރުމަށް ކުރެވޭ އެގްރީމެންޓް
އަޅުގަނޑު އެދެނީ ------------------------- ހަމަޖައްސަވާފައިވާ ގަވާއިދުގެ މަތީން، -------------------- އަށް
އިލެކްޓްރިކް ސަޕްލައި ލިބޭނޭގޮތް ހައްދަވައި ދެއްވުމެވެ. އިލެކްޓްރިކް ސަޕްލައި ލިބުމަށްފަހު އެކަމާ ގުޅިގެން -----------
---- ދޭންޖެހޭ ހުރިހާ ހަރަދެއް (މިއެގްރީމެންޓް އުވާލުމަށް އެދި ލިޔުމަކުން އެއްބަސްވެވޭ ދުވަހަކާއި ހަމައަށް) ގަވާއިދުގެ
މަތިން ދިނުމުގެ މަސްއޫލުވެރިއަކީ އަޅުގަނޑެވެ. އަދި ކަރަންޓް ބޭނުންކުރުމުގައި ------------------------------------
ހަމަހައްސަވާފައިވާ ގަވާއިދުތަކާ ހިލާފު އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރުމަށް އެއްބަސްވެ، މިއެގްރިމެންޓް އަޅުގަނޑުގެ
އިހްތިޔާރުގައި ގަބޫލުކުރީމެވެ.
ސޮއި:------------------------
ނަން:------------------------
އިމާރާތުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް:------------------------------------------------------------------------
އިމާރާތުގައި ކުރާ : މަސައްކަތް -----------------------------------------------------------------------------------
އައިޑެންޓިޓީ ކާރޑް ނަންބަރު------------------------------------------------------------------------------------
ވަޔަރކުރިމީހާގެ ފުރިހަމަ ނަމާއި އެޑްރެސް -------: ----------------------------------------------------------------
ވަޔަރކުރުމުގެ ހުއްދައިގެ ނަންބަރާއި ތާރީހް:----------------------------------------------------------------------
14-----------
20-----------
މަތީގައި ބަޔާންވެގެންވާ ގޮތުގެމަތިން މިއެގްރިމެންޓް ގަބޫލުކުރެވިއްޖެއެވެ.
ބިލް ނަންބަރު:---------------------
ފައިސާގެ އަދަދު:---------------------
-----------20 ތާރީހް:---------------------
މައި ގާނޫނު
އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-04)
ކިޔުންތެރިންގެ ހިޔާލު