-

ނުއުފުލޭމުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2003-00)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 5 ޖޫން 2003 ގައި)

 

ތައާރަފު

 

1 ވަނަ މާއްދާ

(ހ ) މިއީ، ބަންޑާރަބިމުގައި ހުންނަ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން، އެ މުދާ ހުރި ބަންޑާރަ ބިމުން ލިބުމާއި، އެބިން ލިބޭ މީހުންގެ މެދުގައި ބިން ބައިކުރުމުގެ ގަވާއިދެވެ.

(ށ ) މިގަވާއިދު ހަދާފައިވަނީ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ.

(ނ ) މި ގަވާއިދަށް ކިޔާނީ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވާއިދު" ވެއެ .

 

2 ވަނަ މާއްދާ

ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން އޭނާގެ ވާރިސުންގެމެދުގައި ގޯތި ބައިކޮށްދެވޭނީ މިގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ބައިކުރެވޭ އެއްވެސް ގޯއްޗެއް، ބައިކުރެވޭ އެއްވެސް ބައެއްގައި 600 އަކަފޫޓަށްވުރެ ކުޑަވާގޮތަކަށް ބައިކޮށެއް ނުދެވޭނެއެވެ.

 

4 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކުމަރުވެގެން އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިން ބެހުމުގައި ބިންބައިކުރާއިރު އަމަލުކުރެވޭނީ ތިރީގައި މިވާގޮތްތަކުގެ ތެރެއިން ގޮތަކަށެވެ.

(ހ) މިގަވާއިދުގެ ދަށުން ބިމުން މީހަކަށްލިބޭ ބައިގައި 600 އަކަފޫޓު ހަމަވާނަމަ، ނުވަތަ 600 އަކަފޫޓަށް ވުރެ ބޮޑުވާނަމަ، މި ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން ބިން ބައިކޮށް ވަކިކޮށްދީ ރަޖިސްޓަރީ ކޮށްދިނުން.

(ށ) މިގަވާއިދުގެ ދަށުން ބިމުން މީހަކަށް ލިބޭވަރު 600 އަކަފޫޓަށްވުރެ ކުޑަވާނަމަ، ބަޔެއްގައި 600 އަކަފޫޓަށްވުރެ ކުޑަނުވާގޮތެއްގެ މަތިން ބިން ބައިކޮށް ވަކިކޮށްދީ އެ ބިމެއް ނުވަތަ އެ ބަޔެއް ލިބޭ އެންމެންގެ ނަމުގައި ރަޖިސްޓަރީ ކޮށްދިނުން .

(ނ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އާއި އެއްމެދު އިމާރާތާ ބެހޭގޮތުން އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، އެއްމެދު އިމާރާތެއްގެގޮތުގައި  ރަޖިސްޓަރީ ކޮށްދިނުން.

 

ބިމުން ލިބޭނެ މީހުން

 

5 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، އެ ގޯތީގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބަޔެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެ މީހަކަށް ނުލިބޭނެއެވެ.

 

6 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، ގޯތިބައިކުރެވޭއިރު އޭނާގެ ވާރިސުންގެ ތެރެއިން މީހަކަށްޖެހޭ ބައި 600 އަކަފޫޓަށްވުރެ ބޮޑުވާ ހާލަތުގައި، މިގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ބިމުން ލިބިދެވޭނެއެވެ.

 

7 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެމުދާހުރި ބިން ބައިކުރުމުގައި ބިމުން ލިބިދެވޭނީ ތަރިކަދޫކުރި މީހާގެ އުފަން ދަރިންނާއި، އަބިންނާއި ފިރިންނަށެވެ. ނަމަވެސް، ތަރިކަދޫކުރިމީހާއަށް ހަރަދުކޮށް ބެލީއޭނާ ބުނެވިދިޔަ މީހުންގެތެރެއިން މީހަ ނުވާކުކަމުގައި ތަރިކައިން ލިބޭ ވަކިމީހަކު ނުވަތަ ވަކިބަޔަކު ކަމުގައިވާނަމަ، އެމީހަކަށް ނުވަތަ އެބަޔަކަށް، އެގޯއްޗަކުން ލިބިދިނުމަކަށް މިގަވާއިދު ހުރަހެއްނާޅައެވެ.

 

8 ވަނަ މާއްދާ -

ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން އެމުދާހުރި ބިން ބައިކުރުމުގައި މިގަވާއިދުގެ 7 ވަނަ ނަންބަރުގައި ބުނެފައިވާ ބަޔަކު ނެތްނަމަ، ތަރިކައިން ލިބޭ އެހެންމީހުންގެ މެދުގައި މިގަވާއިދާއެއްގޮތްވާގޮތުގެ މަތިން ބިން ބައި ކޮށްދެވޭނެއެވެ .

 

9 ވަނަ މާއްދާ -

ނުއުފުލޭމުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯއްޗެއް ބަހަނީ އަމިއްލަ ބިމަކާއެކުގައިނަމަ، ބިމުން ހަމަހަމަކުރާނީ ބެހެނިވެރިންނަށް ލިބޭ އަމިއްލަބައި ހިމަނައިގެންނެވެ.

 

ރަހުނުކުރެވިފައިވާ ބިމާ އިމާރާތް

 

10 ވަނަ މާއްދާ -

މިގަވާއިދުގެ ދަށުން ބައިކުރަން ހުށަހަޅާ ބިމެއް ނުވަތަ އެ ބިމުގައިވާ އިމާރާތެއް ރަހުނުކުރެވިފައިވާނަމަ، އެ ބިމެއް ބަހައިދެވޭނީ ރަހުނު ފިލުވުމަށްފަހުގައެވެ. ނުވަތަ ރަހުނުހިފި ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

 

11 ވަނަ މާއްދާ -

މި ގަވާއިދުގެ ދަށުން ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބަޔެއްކަމުގައި ބެލެވޭނީ އެ ގޯއްޗެއްގެ ނުވަތަ އެ ބައެއްގެ ބިމުގެ ބޮޑުމިނުގައި 600 އަކަފޫޓު ހަމަވާ ތަންތަނެވެ.

 

މައި ގާނޫނު

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު