-

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-199)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 13 ނޮވެމްބަރު 2022 ގައި)

 

ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) އަށް 3 ވަނަ އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 2 ގައިވާ، އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމު އިސްލާހު ކުރުން. 

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 5 ގައިވާ، ޕާޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމު އިސްލާހު ކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 6 ގައިވާ، ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވުމަށް އެދި ހުށަހަޅާ ފޯމު (ސިޔާސީ ޕާޓީގެ ދަފުތަރަށް ށަކުވާ ހުށަހަޅާ ފޯމު) އިސްލާހުކުރުން.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 8 ގެ ގޮތުގައި ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް  ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު އިތުރުކުރުން.

 

5 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

 

 

 

ޖަދުވަލު 8

ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކަށް ށަކުވާ ހުށަހެޅުމާބެހޭ އުސޫލު 

 

1 ވަނަ މާއްދާ - ތައާރުފު

މިއީ، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފުތަރު ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމު ޕްރޮސެސް ކުރުމުގެ ކުރިން، އެ ފޯމަކީ ސައްހަ ފޯމެއްކަން ކަށަވަރު ކުރުމަށް ޓަކައި، ފޯމާ ގުޅޭގޮތުން އެއްވެސް ށަކުވާއެއް އޮތް ނަމަ އެ ށަކުވާ ހުށަހެޅުމާއި، އެ ށަކުވާއާ ގުޅިގެން އިލެކްށަންސް ކޮމިށަނުން އަމަލުކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.

 

2 ވަނަ މާއްދާ - މައުލޫމާތު އާންމުކުރުން

ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދިވެހި ރައްޔިތަކު ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅައިފިނަމަ، ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުން، ހުށަހަޅާ ފޯމުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްށަންސް ކޮމިށަނުން މި މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރަން ވާނެއެވެ.

(ހ) ސިޔާސީ ޕާޓީތަކުން ސިޔާސީ ޕާޓީގައި ދަފުތަރުކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކާއެކު ފޮނުވާ ލިސްޓު، އިލެކްށަންސް ކޮމިށަނުގެ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ. މިގޮތުން އާންމުކުރާ ލިސްޓުގައި މެންބަރަކަށް ވުމަށް އެދި ހުށަހަޅައިފައިވާ ފަރާތުގެ ފުރިހަމަ ނަމާއި، އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަކުރާއި،ދަފުތަރުކޮށްދިނުމަށް އެދި ހުށަހަ ޅައިފައިވާ ޕާޓީގެ ނަން ހިމަނަންވާނެއެވެ. މި މާއްދާގެ ބޭނުމަށް ސިޔާސީ ޕާޓީގެ ދަފުތަރުގައި ދަފުތަރުކޮށްދިނުމަށް، އެދި ޕާޓީތަކުން ފޮނުވާ ލިސްޓުގައި މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަވާންވާނެއެވެ.

(ށ) މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމަނައިގެން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި، މެންބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯނު ނަންބަރުކަމަށް ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އިލެކްށަންސް ކޮމިށަނުން އެސް.އެމް.އެސް.އެއް (އެ ފަރާތް ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ހުށަހަޅައިފައިވާކަން ބަޔާންކޮށްދޭ މެސެޖެއް) ފޮނުވަން ވާނެއެވެ. އަދި އެ މެސެޖަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ފަރާތުން ޖަވާބު ދޭން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަ ތީން އާންމުކުރާ ލިސްޓު، ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަކަށް އިލެކްށަންސް ކޮމިށަނުގެ ރަސްމީ ވެބްސައިޓުގައި އާންމުކުރަންވާނެއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެ މަތީން އާންމުކުރާނީ، ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ ދުވަހުއެވެ. އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހެއްގައެވެ.

 

3 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން

(ހ) މި އުސޫލުގައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅިގެން އެއްވެސް ށަކުވާއެއް އޮތްނަމަ، މި އުސޫލުގެ 2 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި، މި އުސޫލުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ ކޮމިށަނުން ކަނޑައަޅާ ގޮތެއްގެ މަތީން 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަކުވާ ހުށަހަޅަންވާނެއެވެ. ށަކުވާ ހުށަހަޅަންވާނީ، ފޯމުގެ ވެރިފަރާތުންނެވެ.

(ށ) ށަކުވާ ފޯމު ހުށަހަޅާނީ، އިލެކްށަންސް ކޮމިށަނުގެ ރަސްމީ އިދާރާއަށް ނުވަތަ [email protected]  އީމެއިލަށެވެ.

(ނ) ށަކުވާގެ ޖަވާބު 3 (ތިނެއް) ދުވަހުގެ ތެރޭގައި، އިލެކްށަންސް ކޮމިށަނުން، ށަކުވާ ހުށަހެޅި ފަރާތަށް ދޭންވާނެއެވެ. ށަކުވާގެ ޖަވާބާއެކު، ށަކުވާ ހު ށަހެޅި ފަރާތުގެ ނަމުގައި ޕާޓީގެ މެންބަރަކަށް ވުމަށް އެދި އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފައިވާ ފޯމުގެ ކޮޕީއެއް ދޭންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ ފޯމާ ގުޅިގެން އިތުރު މައްސަލައެއް ބަލަން ބޭނުންވާނަމަ، ނުވަތަ ށަކުވާއެއް އޮތްނަމަ، ދައުލަތުގެ ކަމާބެހޭ ފަރާތަށް އެ ކަމެއް ހުށަހަޅައިގެން ކުރިޔަށް ގެންދަންވާނީ ފޯމުގެ ވެރިފަރާތުންނެވެ.

 

4 ވަނަ މާއްދާ - ފިޔަވަޅު އެޅުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އިލެކްށަންސް ކޮމިށަނުން އާންމުކުރާ ލިސްޓުގައިވާ ނަމަކާ ގުޅޭގޮތުން ހުށަހަޅައިފައިވާ ށަކުވާއަކީ ސައްހަ ށަކުވާއެއްނަމަ، ސިޔާސީ ޕާޓީން ހުށަހަޅައިފައިވާ ފޯމު ބާތިލުކޮށް، އެ ޕާޓީއަކަށް އިލެކްށަންސް ކޮމިށަނުން އެކަން އަންގަންވާނެއެވެ.

(ށ) ސިޔާސީ ޕާޓީއަކުން ހުށަހަޅާ ސައްހަ ނޫން ފޯމަކާ ގުޅިގެން އިލެކްށަންސް ކޮމިށަނުން އެ މައްސަލަ ބެލުމަށްފަހު، ގަވާއިދު ނަންބަރު 2019-110 (ސިޔާސީ ޕާޓީގެ ގަވާއިދު) ގެ އުސޫލުތައް ތަންދޭ މިންގަނޑުގެ ތެރޭގައި ސައްހަނޫން ފޯމު ހުށަހެޅި ޕާޓީއަކާ މެދު އިލެކްށަންސް ކޮމިށަނުން ފިޔަވަޅު އަޅަންވާނެއެވެ. 

 

މައި ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-110)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ސިޔާސީ ޕާޓީގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2019-110)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު