ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު
(ގަވާއިދު ނަންބަރު 0000-00)
(ނޯޓް: މި ގަވާއިދަށް ނަންބަރެއް ދެވިފައިނުވާއިރު މި ގަވާއިދަށް އަމަލުކުރަން ފެށި ތާރީހެއްވެސް އެނގެންނެތް)
(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-186 ގެ 16 ވަނަ މާއްދާގެ (ށ) އިން އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފް
(ހ) މިއީ، ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އިމާރާތް އަދި އަމިއްލަ ބިމާއި އެބިމުގައިވާ އިމާރާތް އަދި އެއްމެދު އިމާރާތުގެ ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދެވެ.
(ށ) މިގަވާއިދު ހަދާފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) ގެ ދަށުންނެވެ.
(ނ) މިގަވާއިދަށް ކިޔާނީ، "ބިމާއި އިމާރާތް އަދި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު" އެވެ.
ރަހުނުކުރުން
2 ވަނަ މާއްދާ -
ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓް ރަހުނުކުރަންވާނީ، ވިޔަފާރި ބޭންކެއް ނުވަތަ ސަރުކާރު ގަބޫލުކުރާ މާލީ އިދާރާއެއްގައެވެ.
3 ވަނަ މާއްދާ -
ބިމެއް ނުވަތަ އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ރަހުނުކުރާ ހާލާތްތަކުގައި، ރަހުނު މުއާމަލާތާއި މުއާމަލާތު ކުރުމުގެ ނަތީޖާ، މުސްތަގިއްލު ދެހެކިންގެ ހާޒިރުގައި، ރަހުނު ބަހައްޓާ ފަރާތުން ރަހުނު ހިފާފަރާތަށް އޮޅުން ފިލުވައިދޭންޖެހޭނެއެވެ.
4 ވަނަ މާއްދާ -
އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއް ނުވަތަ ގޯތީގައިވާ އިމާރާތެއް ރަހުނުކުރަނީނަމަ، އެގޯތި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތެއްގެ ރުހުން އޮންނަންޖެހޭނެއެވެ. ނަމަވެސް މިފަދަ ގޯއްޗަކީ ގާނޫނު ނަންބަރު 2002-01 (ބިމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ (2) ގެ (ނ) ގައިވާ ފަދައިން އެގޯތި ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ މެދުގައި ބަހައި، އެކަން ގޯތީގެ ރަޖިސްޓްރީގައި ފާހަގަކޮށްފައިވާ ގޯއްޗެއްނަމަ އެމީހަކަށް ލިބިފައިވާ ބައި ރަހުނު ކުރުމުގައި ގޯތި ރަޖިސްޓްރީ ކުރެވިފައިވާ އެހެން ފަރާތްތަކުގެ ރުހުން ހޯދާކަށް ނުޖެހޭނެއެވެ.
ރަހުނު ރަޖިސްޓްރީކުރުން
5 ވަނަ މާއްދާ -
ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ނުވަތަ ފްލެޓެއް ރަހުނުކޮށްފިނަމަ، އެރަހުނެއް މާލޭގައިނަމަ، މާލޭ މުނިސިޕަލްޓީގައި، ރާއްޖެތެރޭގައިނަމަ، އެއަތޮޅެއްގެ އަތޮޅު އޮފީހުގައި ރަޖިސްޓްރީ ކުރަންވާނެއެވެ.
6 ވަނަ މާއްދާ -
މިގަވާއިދުގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ރަހުނު ރަޖިސްޓްރީކުރަން ހުށަހަޅާނީ ރަހުނު ހިފާފަރާތުންނެވެ. އަދި ރަހުނު ރަޖިސްޓްރީކުރަން ހުށަހަޅާއިރު، ތިރީގައި ބުނެފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.
(ހ) ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ، ރަހުނުކުރުމުގެ އެއްބަސްވުމުގެ އަސްލު
(ށ) ރަހުނުކުރަނީ:
- ދިރިއުޅުމަށްދޫކޮށްފައިވާ ގޯއްޗެއް ނަމަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނުވަތަ ގޯތީގެ ރަޖިސްޓްރީ
- އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުކަމަށް ދޫކޮށްފައިވާ ބިމެއްނަމަ ބިމުގެ ރަޖިސްޓްރީ
- އެއްމެދު އިމާރާތެއްގެ ފްލެޓެއްނަމަ، ފްލެޓްގެ ރަޖިސްޓްރީ
- ބިމާބެހޭ ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގައިވާ ފަދައިން އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީގައި ވަކިބައިތަކެއް ފާހަގަކޮށްފައިވާ ގޯއްޗެއްނަމަ، ރަހުނުކުރާ ބިން ހަވާލުކޮށްފައިވާ ފަރާތަށް ދޫކޮށްފައިވާ، އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ނުވަތަ ގޯތީގެ ރަޖިސްޓްރީ
ރަހުނުގެ ދަފްތަރު
7 ވަނަ މާއްދާ -
ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ރަހުނުކޮށްފިނަމަ، އެ ރަހުނެއް ރަހުނުގެ ދަފްތަރުގައި ލިޔަންވާނެއެވެ. އަދި އެ ރަހުނެއް ބެހެއްޓި ފަރާތަށް ދޫކޮށްފައިވާ ބިމުގެ ނުވަތަ ގޯތީގެ ނުވަތަ ފްލެޓްގެ ރަޖިސްޓްރީގެ އަސްލުގައި ރަހުނުކުރެވުނުކަން ލިޔަންވާނެއެވެ.
8 ވަނަ މާއްދާ -
ރަހުނު ދަފްތަރު ބަލަހައްޓާނީ، މާލޭގައިނަމަ، މާލޭ މުނިސިޕަލްޓީންނެވެ. ރާއްޖެތެރޭގައިނަމަ، އެއަތޮޅެއްގެ އަތޮޅު އޮފީހުންނެވެ.
9 ވަނަ މާއްދާ -
ރަހުނުގެ ދަފްތަރުގައިވާ މައުލޫމާގެ ތެރެއިން ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ފްލެޓެއް ރަހުނު ކުރެވިފައިވާކަން ނުވަތަ ނޫންކަން، އަދި ރަހުނު ކޮށްފައިވާ ކުރުން ނިމޭނެ ތާރީހް ބުނުން ފިޔަވައި އެ ރަހުނާ ބެހޭ މައުލޫމާތު، ރަހުނުގެ ބައިވެރިޔަކު ފިޔަވައި އެއްވެސް ފަރާތަކަށް ލިބިދެވޭނީ، ރަހުނުގެ މުއާމަލާތުގެ ބައިވެރިން އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ.
ރަހުނު ވިއްކާލުން
10 ވަނަ މާއްދާ -
ރަހުނެއް ތަންފީޒު ކުރުމަށްޓަކައި އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ އެއްވެސް ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލުމުގެ ހުއްދައަށް އެދި ށަރީއަތަށް ހުށަހަޅަންވާނީ، ތިރީގައި ބުނެފައިވާ ކަންތައްތައް ފުރިހަމަވެފައިވާނަމައެވެ.
(ހ) ރަހުނު ބެހެއްޓި ފަރާތާއި، ރަހުނު ހިފި ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައުވާ ހާލަތުތައް ފިޔަވައި، ރަހުނުގެ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން މީލާދީ 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައުވާކޮށްފައިވުން.
(ށ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެކުރިން، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގައި، ރަހުނު ބެހެއްޓި ފަރާތުން ލިޔެކިޔުމުން އެއްބަސްވެފައިވާ ހާލަތުތައް ފިޔަވައި، އެ އިސްލާހަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން މީލާދީ 1 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ހޯދުމަށް ދައުވާކޮށްފައިވުން.
(ނ) ލޯނު އެއްބަސްވުމުގެ ދަށުން، ފައިސާ ނުދައްކައިގެން ކުރި ދައުވާގައި ފައިސާ ދެއްކުމަށް ށަރީއަތުން ހުކުމްކޮށް އެ ހުކުމަށް އަމަލުކޮށްފައިނުވުން.
11 ވަނަ މާއްދާ -
ރަހުނެއް ތަންފީޒު ކުރުމަށްޓަކައި، އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ނުވަތަ ގޯއްޗެއްގައިވާ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާލެވޭނީ ރަހުނު ހިފާފައިވާ ބޭންކު ނުވަތަ މާލީ އިދާރާއިން މިގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ބާއްވާ ހުޅުވާލެވިފައިވާ ބީލަމެއްގައެވެ.
12 ވަނަ މާއްދާ -
މިގަވާއިދުގެ 11 ވަނަ ނަންބަރުގައި ބުނެފައިވާ ބީލަމަކީ ހުޅުވާލެވިފައިވާ ބީލަމެއް ނޫންކަމަށް، ނުވަތަ ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިގަވާއިދުގައިވާ އުސޫލުތަކާ ހިލާފު ބީލަމެއްކަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒަށް ފެނިއްޖެނަމަ، ބީލަން ހުއްޓުމައި، އެމިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ބީލަން ކުރިއަށް ގެންދިޔުމުގެ އިހްތިޔާރު އެމިނިސްޓްރީއަށް ލިބިގެންވެއެވެ.
13 ވަނަ މާއްދާ -
މިގަވާއިދުގެ 12 ވަނަ ނަންބަރުގައިވާ ހާލަތުގައި ވިއްކުމުގެ މުއާމަލާތު ނިމުމުން އެމުއާމަލާތު ހިންގި ފަރާތުން 10 ދުވަހުގެ ތެރޭގައި މިނަންބަރުގައި ބުނެފައިވާ މައުލޫމާތު މާލޭގައި ނަމަ މާލޭ މުނިސިޕަލްޓީއަށް ރާއްޖެތެރޭގައިނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހަށް ހުށަހަޅަންވާނެއެވެ.
(ހ) ބީލަން އިއުލާނު ކުރެވުނު ތާރީހް
(ށ) ބީލަން ފެށުނު ތާރީހް
(ނ) ބީލަން ނިމުނު ތާރީހް
(ރ) ރަހުނު ގަންނަން ހުށަހެޅި ފަރާތްތައް
(ބ) ރަހުނު ގަންނަން ހުށަހަޅާފައިވާ އަގުތައް
(ޅ) ރަހުނު ގަތް ފަރާތް
(ކ) ރަހުނު ގަތް އަގު
އިސްކަންދޭ ތަރުތީބު
14 ވަނަ މާއްދާ -
ބިމެއް ނުވަތަ ގޯއްޗެއް ނުވަތަ ބިމެއްގައި ހުރި އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެއްފަހަރާ އެއް ރަހުނަށްވުރެ ގިނަ ރަހުނު ކޮށްފައިވާ ހާލަތުތަކުގައި، ރަހުނު ތަންފީޒު ކުރުމުގައި އިސްކަންދޭނީ، ރަހުނު ރަޖިސްޓްރީކުރި ތަރުތީބުންނެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރީގައި ކޮށްފައިވާ މިފަދަ ރަހުނުތައް ތަންފީޒުކުރުމުގައި އިސްކަންދިނުމަށް ބެލޭނީ ރަހުނު ކުރެވުނު އެގްރީމެންޓްގައިވާ ތާރީހަށެވެ.
ރަހުނު ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރުން
15 ވަނަ މާއްދާ -
ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 36 ވަނަ މާއްދާގެ ދަށުން، ރަހުނެއް ތަންފީޒުކޮށްގެން ލިބޭ ފައިސާ ބޭނުންކުރަންވާނީ، ތިރީގައި ބުނެފައިވާ ކަންކަމަށް، ތިރީގައި ބުނެފައިވާ ތަރުތީބުންނެވެ.
(ހ) މިގަވާއިދުގެ 11 ވަނަ ނަންބަރުގައި ބުނެފައިވާ ބީލަން ބޭއްވުމަށްޓަކައި ސަރުކާރުން ހަރަދެއް ހިނގާފައިވާނަމަ އެފައިސާ އަނބުރާ ދެއްކުމަށް .
(ށ) ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމަށް.
(ނ) ރަހުނު ބަހައްޓައިގެން ނަގާފައިވާ ދަރަނި އަދާކުރުމަށް .
(ރ) ބަންޑާރަ ބިމެއްގެ ރަހުނު ތަންފީޒު ކުރަނީނަމަ، ބިމުގެ އަގު ކަމުގައި ދިވެހިރާއްޖޭހެ ބިމާބެހޭ ގާނޫނުގެ ދަށުން ކަނޑައެޅޭ އަގު، ސަރުކާރަށް ދެއްކުމަށް.
16 ވަނަ މާއްދާ -
(ހ) މިގަވާއިދުގެ 15 ވަނަ ނަންބަރު (ރ) ގައި ބުނެފައިވާ ބިމުގެ އަގު ރަހުނު ވިއްކައިގެން ލިބުނު ފައިސާއިން ފުރިހަމައަށް އަދާނުކުރެވޭ ހާލަތުގައި އަގުގެ ތެރެއިން ނުދެއްކި އޮންނަ ބައި ދެއްކުން އޭނާގެ މައްޗަށް ލާޒިމެއް ނޫނެވެ.
(ށ) މިގަވއިދުގެ 15 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ފައިސާ ނެގުމަށްފަހު، ބާކީ ހުންނަ ފައިސާ ރަހުނު ބެހެއްޓު ފަރާތަށް ލިބިދެވޭނެއެވެ.
ރަހުނު ގަންނަ ފަރާތުގެ ހައްގު
17 ވަނަ މާއްދާ -
ރަހުނެއް ތަންފީޒުކުރުމަށްޓަކައި ބިމާބެހޭ ގާނޫނާއި މިގަވާއިދުގައިވާ ގޮތުގެ މަތިން، އަމިއްލަ ބިމެއް ނުވަތަ ބަންޑާރަ ބިމެއް ނުވަތަ ބަންޑާރަ ބިމެއްގައިވާ އިމާރާތެއްގެ ފްލެޓެއް ވިއްކާލާ ހާލަތުގައި، އެބިމެއްގެ ނުވަތަ އެ ފްލެޓެއްގެ މިލްކުވެރިކަން ރަހުނު ގަންނަ ފަރާތަށް ލިބިދެވޭނެއެވެ. އަދި މިގަވާއިދުގައިވާ ގޮތުގެ މަތިން އެބިމެއް އަމިއްލަ ބިމެއްގެ ގޮތުގައި ނުވަތަ އެފްލެޓެއް އަމިއްލަ ފްލެޓެއްގެ ގޮތުގައި އެފަރާތަށް ރަޖިސްޓްރީކޮށްދެވޭނެއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮށްފައިވާ ރަހުނު
18 ވަނަ މާއްދާ -
ދިވެހިރާއްޖޭހެ ބިމާބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ރަހުނުކޮށްފައިވާ، ބަންޑާރަގޯތީގައިވާ އިމާރާތްތަކުގެ ރަހުނު ތަންފީޒު ކުރުމުގައިވެސް އަމަލުކުރެވޭނީ މިގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
ބިން ރަޖިސްޓްރީކުރުން
19 ވަނަ މާއްދާ -
ރަހުނެއް ތަންފީޒުކުރުމަށްޓަކައި ވިއްކާފައިވާ ބިމެްއ ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަންނަ ފަރާތުގެ އަމިއްލަ ބިމެއް ނުވަތަ ފްލެޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ތިރީގައި ބުނެފައިވާ ލިޔުންތަކާއެކު ހުށަހަޅާނީ، މާލޭގައިނަމަ މާލޭ މިނުސިޕްލަޓީއަށެވެ. އަދި ރާއްޖެތެރޭގައިނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހަށެވެ.
(ހ) ރަހުނު ކުރެވިފައިވާ ބިން ނުވަތަ ގޯތި ނުވަތަ އިމާރާތް ނުވަތަ ފްލެޓް ވިއްކުމަށް ށަރީއަތުން ހުއްދަދިން ލިޔުން .
(ށ) ބިން ނުވަތަ ގޯތި ނުވަތަ އިމާރާތް ނުވަތަ ފްލެޓް ގަތްކަމުގެ ލިޔުން
(ނ) ވިއްކި ބިމުގެ ނުވަތަ ގޯތީގެ ނުވަތަ އިމާރާތުގެ ނުވަތަ ފްލެޓްގެ ރަޖިސްޓްރީ
(ރ) ވިއްކުމުގެ މުއާމަލާތާ ގުޅިގެން ބިމޭބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ބ) ގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކިކަމުގެ ލިޔުން
ލޯނުގެ ފައިސާ ނުދެއްކިގެން އަމިއްލައަށް ބިން ވިއްކުން
20 ވަނަ މާއްދާ -
އެއްވެސް ބިމެއް ނުވަތަ ބިމެއްގައިވާ އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓް ރަހުނު ކުރުމަށްފަހު، ނަގާފައިވާ ލޯނަކަށް ފައިސާ ނުދެއްކިގެން ބިމާބެހޭ ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) ގެ (4) ގައިވާ ފަދައިން ރަހުނުކޮށްފައިވާ ބިން ނުވަތަ ގޯތި ނުވަތަ އިމާރާތް ނުވަތަ ފްލެޓް އަމިއްލައަށް ވިއްކާލެވޭލީ ތިރީގައި ބުނެފައިވާ ކަންތައްތައް ފުރިހަމަ ވާނަމައެވެ.
(ހ) ވިއްކަން އެދޭ ފަރާތަކީ ރަހުނުކޮށްފައިވާ ބިން ނުވަތަ ގޯތި ނުވަތަ އިމާރާތް ނުވަތަ ފްލެޓް އެފަރާތެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަށްވުން
(ށ) ރަހުނު ހިފާފަރާތާއި ރަހުނު ހަވާލުކުރުމަށް ކޮށްފައިވާ ށަރްއީ އަމުރެއް ނެތުން
(ނ) ލޯނުގެ ފައިސާ ދެއްކޭނެ ތަނަވަސްކަމެއް ނެތުން
21 ވަނަ މާއްދާ -
މިގަވާއިދުގެ 20 ވަނަ ނަންބަރުގައިވާ ހާލަތުގައި ރަހުނު ކޮށްފައިވާ ބިން ނުވަތަ ފްލެޓް މިގަވާއިދުގެ 11 ނަންބަރުގައިވާ ގޮތުގެ މަތިން ރަހުނު ހިފިފަރާތުން ބާއްވާ ބީލަމެއްގައި ވިއްކުމަކަށް އެންނަބަރު ހުރަހެއް ނާޅާނެއެވެ.
22 ވަނަ މާއްދާ -
މިގަވާއިދުގެ 21 ވަނަ ނަންބަރުގައިވާ ހާލަތުގައި ރަހުނު ވިއްކާނަމަ، ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ ބިމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ބިން ވިއްކުމާބެހޭ ގަވާއިދު" ގެ 10 ވަނަ ނަންބަރާއި 11 ވަނަ ނަންބަރުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ބިންގަންނަ ފަރާތަށް ބިން ރަޖިސްޓްރީކޮށްދެވޭނީ އެގަވާއިދުގައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ބިމުގެ އަގާއި ޓެކްސް ސަރުކާރަށް ދެއްކުމުން އަމިއްލަ ބިމެއްގެގޮތުގައެވެ.
23 ވަނަ މާއްދާ -
މިގަވާއިދުގައި ބިންކަމަށް ބުނެފައިވަނީ އަމިއްލަ ބިމެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ހިމެނޭ ގޮތުގައެވެ.
އުވި ގަވާއިދު
ބިމާއި އިމާރާތާއި ފްލެޓް ރަހުނުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2022-186)
ކިޔުންތެރިންގެ ހިޔާލު