ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު
(ގަވާއިދު ނަންބަރު 2022-183)
(މި ގަވާއިދަށް އަމަލުކުރަން ފެށީ 2 ނޮވެމްބަރު 2022 ގައި)
(މި ގަވާއިދުގެ 11 ވަނަ މާއްދާއިން ވަނީ ގަވާއިދު ނަންބަރު 2015-134 އުވާލެވިފައި)
1 ވަނަ މާއްދާ - ތައާރުފު
މިއީ، ޖަލުގައި ބަންދުކުރެވޭ މީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެގޮތް ބަޔާންކުރުމަށާއި، މީހަކު ޖަލުގައި ބަންދުކުރެވޭހިނދު، އޭނާގެ އަތުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއްވާނަމަ، އެ އެއްޗަކާމެދު އަމަލުކުރަންވީގޮތް ބަޔާންކުރުމަށް، ގާނޫނު ނަންބަރު 2013-14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެވެ.
2 ވަނަ މާއްދާ - ގަވާއިދުގެ ނަން
މި ގަވާއިދަށް ކިޔާނީ، "ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެގޮތުގެ ގަވާއިދު" އެވެ.
3 ވަނަ މާއްދާ - މަގުސަދު
މި ގަވާއިދުގެ މަގުސަދަކީ، ޖަލަށް ގެނެވޭ ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުން ތަކެތިއަތުލެވޭނެ އުސޫލުތަކާއި، އަތުލެވޭ ތަކެތީގެ ތެރެއިން، އާއިލާއާ ހަވާލުކުރަންޖެހޭ ތަކެތިހަވާލުކުރުމާބެހޭ އުސޫލުތަކާއި އަތުލެވޭ ތަކެތި މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިވާނަމަ، ނުވަތަ ހަލާކުވެފައިވާނަމަ އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
4 ވަނަ މާއްދާ - ގަވާއިދު ހިންގާ ފަރާތް
މި ގަވާއިދު ހިންގާނީ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިންނެވެ.
5 ވަނަ މާޢްދާ - އަމަލުކުރަން ފެށުން
މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާދުވަހުން ފެށިގެންނެވެ.
6 ވަނަ މާއްދާ - ތަކެތި އަތުލުމުގައި އަމަލު ކުރަންވީގޮތް
(ހ) ގައިދީން ނުވަތަ ބަންދުމީހުން ޖަލުގައި ބަންދުކުރެވޭހިނދު، އެ މީހުންގެ އަތުން ހޯދޭ އަންނަނިވި ތަކެއްޗާއި، ޖަލުގައި ބަންދުކުރުމަށްފަހު އެ މީހުންގެ އަމިއްލަ ބޭނުންތަކަށް ލިބިގަންނަ އަންނަނިވި ތަކެތި އަތުލަންވާނެއެވެ.
- ދިވެހިރާއްޖޭގައި ހަދައިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ތަކެތި؛
- ގާނޫނާއި ގަވާއިދު ހުއްދަކުރާ، އެހެންނަމަވެސް ޖަލަށް ވެއްދުން މަނާ ތަކެތި.
(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ޖަލަށް ވެއްދުން މަނާ ތަކެތި ކަމުގައި ބުނެފައި އެވަނީ، ޖަލުގެ ސެކިއުރިޓީ ނިޒާމަށް ބުރޫއަރާފަދަ ކޮންމެ އެއްޗަކާއި، ޖަލުގެ އަމަންއަމާންކަމަށް ނުރައްކާވެދާފަދަ ކޮންމެ އެއްޗަކާއި، ޖަލުގެ އިމާރާތް ކުރެވިފައިވާ ގޮތަށް ބަދަލު ގެނެވިދާނެ ކޮންމެ އެއްޗަކާއި، ގައިދީ ނުވަތަ ބަންދުމީހާ ބޭނުންކުރަން ގެންގުޅޭ ތަކެތި ނުވަތަ އެ ފަރާތުން ބޭނުންކުރުމަށް ލިބިގަންނަ ތަކެތީގެ ތެރެއިން ޖަލުގެ ސަރަހައްދާއި، ޖަލުގައި މަސައްކަތްކުރާ މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނާއި، ޖަލުގައި ތިބޭ އެހެނިހެން ގައިދީން ނުވަތަ ބަންދުމީހުންނަށް ނުރައްކާ ކުރިމަތިކުރުވާ ފަދަ ކޮންމެ އެއްޗެކެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި އަތުލުމަށްފަހު، ތަކެތި އަތުލިކަމުގެ ސްލިޕް ހަދައި، އެ ސްލިޕް އެ ގައިދީއަކާ ނުވަތަ އެ ބަންދުމީހަކާ ވަގުތުން ހަވާލު ކުރަންވާނެއެވެ. މިގޮތުން މި ސްލިޕް ހަދަންވާނީ، އެ ތަކެތި އަތުލާ ޖަލު އޮފިސަރަކު، އެ ގައިދީ ނުވަތަ ބަންދުމީހެއްގެ ހާޒިރުގައެވެ. އަދި އެ ސްލިޕުގެ ކޮޕީއެއް އެ ގައިދީ ނުވަތަ ބަންދުމީހެއްގެ ފައިލުގައި ފައިލްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސްލިޕުގައި ތިރީގައިވާ މައުލޫމާތު ހިމަނަންވާނެއެވެ.
- ސްލިޕް ނަންބަރު ނުވަތަ ރެފަރެންސް ނަންބަރު؛
- ތަކެތީގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ބާވަތް (އެއީ ކޮން އެއްޗެއްކަން އެނގޭ މިންވަރަށް އެ އެއްޗަކާބެހޭ ކުރު ތަފުސީލު)؛
- ތަކެތީގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓު ނަންބަރާއި، ޕްރިޒަން އައިޑެންޓިފިކޭށަން ނަންބަރު؛
- ތަކެތި އަތުލާ ޖަލު އޮފިސަރުގެ ނަމާއި، މަގާމާއި، ސަރވިސް ނަންބަރު؛
- ތަކެތި އަތުލެވުނު ތާރީހާއި، ތަނާއި، ވަގުތު؛
- ތަކެތީގެ ވެރިފަރާތާއި، ތަކެތި އަތުލާ ޖަލު އޮފިސަރުގެ ސޮއި.
7 ވަނަ މާއްދާ - އަތުލެވޭ ތަކެތި ސްލިޕު ގައި ނޯޓު ކުރުމުގައި އަމަލުކުރާނެ ގޮތް
(ހ) ގައިދީގެ ނުވަތަ ބަންދުމީހާގެ އަތުން އަތުލާ ކޮންމެ އައިޓަމެއްގެ ތަފުސީލު ވަކިވަކިން ލިޔެފައި އޮންނަންވާނެއެވެ.
(ށ) ކޮންމެ އެއްޗެއް ނޯޓު ކުރާއިރުވެސް އެ އެއްޗެއް ހުރި/އޮތް ހާލަތެއް ނޯޓު ކުރަންވާނެއެވެ.
(ނ) އެއްޗެއް ނޯޓު ކުރާއިރު އެ އެއްޗެއް އުފައްދައިފައިވަނީ ކޮން އެއްޗަކުންތޯ ނުވަތަ ކޮންކަހަލަ މައުދަނަކުންތޯ ބަޔާންކުރަންވާނެއެވެ. (މިސާލަކަށް: ލަކުޑި، ޕްލާސްޓިކް، ލޯ ނުވަތަ ފޮތި)
(ރ) އެއްޗެއް ނޯޓުކުރާއިރު، އެ އެއްޗެއްގެ ކުލަ ނޯޓުކުރަންވާނެއެވެ. އަދި ހަމައެއާއެކު އެއްޗެއްގެ ބްރޭންޑް އެ އެއްޗަކުން އެނގޭނަމަ އެކަންވެސް ނޯޓުކުރަންވާނެއެވެ. އެ އެއްޗެއްގެ ބްރޭންޑް އެ އެއްޗަކުން އެނގެން ނެތްނަމަ، އެ އެއްޗެއް އަތުލެވުނު ގައިދީ ނުވަތަ ބަންދުމީހާއާ ސުވާލުކޮށް، އެ އެއްޗަކާ ގުޅޭގޮތުން އޭނާ ދިން މައުލޫމާތުކަން އެނގޭގޮތަށް ނޯޓުކުރަންވާނެއެވެ.
(ބ) އެއްވެސް ގަހަނާއެއް ނޯޓުކުރާއިރު، އެ ގަހަނާއަކީ ސީދާ ރަން ނުވަތަ ރިހި އެއްޗެއްގެ ގޮތުގައި ނޯޓުކޮށްގެން ނުވާނެއެވެ. ނަމަވެސް، އެފަދަ އެއްޗެއް ނޯޓުކުރާނީ އެ ގަހަނާއެއްގެ ކުލައަށް ބަލާފައެވެ. މިސާލަކަށް: 1 އަނގޮޓި (ރަންކުލައިގެ) 1 ކެވެލިކޮޅު (ރިހިކުލައިގެ).
(ޅ) ކޭށްކާޑު، އައިޑީކާޑު، ކުރެޑިޓްކާޑު ނުވަތަ ޕާސްޕޯޓު ފަދަ ތަކެތި ނޯޓުކުރާއިރު، އެ ތަކެތީގައި ޖަހައިފައިވާ ނަންބަރުވެސް ނޯޓުކުރަންވާނެއެވެ.
(ކ) އެއްވެސް ފައިސާއެއް ނޯޓުކުރާއިރު އެއީ ކޮން ގައުމެއްގެ ފައިސާއެއް ކަމާއި، އަތުލި ފައިސާގެ އަދަދު ހިސާބު އަދަދުންނާއި ތާނައިން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.
8 ވަނަ މާއްދާ - އަތުލެވޭ ތަކެތި ބެހެއްޓުން
(ހ) ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުން އަތުލެވޭ ހުރިހާ އެއްޗެއްވެސް ރައްކައުތެރިކަމާއެކު ބެލެހެއްޓުމަކީ އެ ތަކެތި ބެލެހެއްޓުމާ ހަވާލުކުރެވިފައިވާ ފަރާތެއްގެ ޒިންމާއެކެވެ.
(ށ) ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުން އަތުލެވޭ ތަކެތި ރައްކައުކޮށްފައިވާ ތަނަށް ވަދެވެންވާނީ ހަމައެކަނި އެ ތަނަށް ވަނުމުގެ ހުއްދަ ދީފައިވާ ނުވަތަ އެ މަސައްކަތާ ހަވާލުވެ ތިބި ފަރާތްތަކަށެވެ.
9 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފު ތަކެއްޗާމެދު އަމަލުކުރާނެ ގޮތް
ގައިދީން ނުވަތަ ބަންދުމީހުން ޖަލަށް ގެންނަހިނދު އެ މީހެއްގެ އަތުން އަތުލެވޭ އެއްޗަކީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އެއްޗަކަށްވާނަމަ، އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި އެ އެއްޗެއް، ލިޔުމަކުން ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރަންވާނެއެވެ.
10 ވަނަ މާއްދާ - އަތުލެވޭ ތަކެތި ހަވާލު ކުރުން
(ހ) ގައިދީ ނުވަތަ ބަންދުމީހަކު ޖަލުގައި ބަންދުކުރެވޭހިނދު، އޭނާގެ އަތުން އަތުލައިފައިވާ ޖަލަށް ވެއްދުން މަނާ ތަކެތި، އޭނާ ކަނޑައަޅާ އޭނާގެ ޒިންމާދާރު ބަލަދުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ލިޔުމުން ހަވާލުކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފިނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކު އެ ތަކެއްޗާ ހަވާލުނުވެއްޖެނަމަ، އެ މީހަކު ޖަލުން ދޫކޮށްލާއިރު، ޑައިރެކްޓަރ އޮފް ޕްރިޒަންގެ ބެލުމުގެ ދަށުން އެ ތަކެތި އެ މީހަކާ ލިޔުމުން ހަވާލުކުރަންވާނެއެވެ. އަދި އެ ތަކެތީގެ ތެރެއިން ގިނަ ދުވަހަށް ނުބެހެއްޓޭފަދަ ނުވަތަ އަމިއްލަ ޒާތުގައި ހަލާކުވެ ނެތިދާ ފަދަ ތަކެއްޗަށް ބަދަލެއް ނުދެވޭނެއެވެ.
(ށ) ގައިދީގެ ނުވަތަ ބަންދުމީހާގެ އަތުން އަތުލައިފައިވާ، ޖަލަށް ވެއްދުން މަނާ ނުކުރާ ތަކެތި، އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ލިޔުމުން ހަވާލު ކުރަންވާނެއެވެ. މިގޮތުން މީހަކު ކަނޑަނާޅައިފިނަމަ ނުވަތަ އޭނާ ކަނޑައަޅާ ޒިންމާދާރު ބަލަދުވެރިއަކު އެ ތަކެއްޗާ ހަވާލުނުވެއްޖެނަމަ، އެ މީހަކު ޖަލުން ދޫކޮށްލާއިރު، އެ ތަކެތި އެ މީހަކާ ލިޔުމުން ހަވާލުކުރަންވާނެއެވެ. (ނޯޓް: މި މާއްދާގެ (ށ) ދެފަހަރު ގެނެވިފައި ވަނީ އޮޅުމަކުން ކަމަށް ބެލެވޭ)
(ށ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ލިޔުމުގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ. އަދި މި ލިޔުމުގެ ކޮޕީއެއް ފައިލްކޮށް، ރައްކާކުރަންވާނެއެވެ. (ނޯޓް: މި މާއްދާގެ (ށ) ދެފަހަރު ގެނެވިފައި ވަނީ އޮޅުމަކުން ކަމަށް ބެލެވޭ)
- ތަކެތީގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ބާވަތް (އެއީ ކޮން އެއްޗެއް ކަން އެނގޭ މިންވަރަށް އެ އެއްޗަކާބެހޭ ކުރު ތަފުސީލު)؛
- ތަކެތީގެ ވެރިފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓު ނަންބަރު؛
- ތަކެތި ހަވާލުކުރާ ޖަލު އޮފިސަރުގެ ނަމާއި، މަގާމާއި، ސަރވިސް ނަންބަރު؛
- ތަކެތި އަތުލެވުނު ތާރީހާއި، ތަނާއި، ވަގުތާއި، ސްލިޕް ނަންބަރު؛
- ތަކެތި ހަވާލުކުރެވޭ ތާރީހާއި، ތަނާއި، ވަގުތު؛
- ތަކެތި ހަވާލު ކުރެވޭފަރާތަކީ ވެރިފަރާތްކަމުގައި ނުވާނަނަމަ، ތަކެތި ހަވާލުކުރެވޭ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެހާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނުވަތަ ބިދޭސީއެއްނަމަ ޕާސްޕޯޓު ނަންބަރާއި ވެރިފަރާތާ ހުރި ގުޅުން؛
- ތަކެތީގެ ވެރިފަރާތާއި، ތަކެތި ހަވާލުކުރާ ޖަލު އޮފިސަރުގެ ސޮއި؛
(ރ) ގައިދީ ނުވަތަ ބަންދުމީހާގެ އަތުން އަތުލައިފައިވާ، އެއްވެސް އެއްޗެއް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިވާނަމަ، ނުވަތަ ހަލާކުވެފައިވާނަމަ، ވީ އެންމެ އަވަހަކަށް އެ މަސައްކަތާ ހަވާލުވެފައިވާ އޮފިސަރަކު ނުވަތަ މުވައްޒަފަކު އެ މައްސަލައާ ގުޅޭ ހާދިސާގެ ރިޕޯޓު ތައްޔާރުކޮށް ޑައިރެކްޓަރ އޮފް ޕްރިޒަންސަށް ހުށަހަޅަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ޑައިރެކްޓަރ އޮފް ޕްރިޒަންސަށް ހުށަހެޅިފައިވާނަމަ، އެ މައްސަލައެއް ހުށަހެޅޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މައްސަލައާ ގުޅޭ އިދާރީ ތަހުގީގު ކުރުމަށްޓަކައި އެ މައްސަލައެއް ކޮމިށަނަރ އޮފް ޕްރިޒަންސަށް ހުށަހަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކޮމިށަނަރ އޮފް ޕްރިޒަންސަށް އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ތަހުގީގުކޮށް މޯލްޑިވްސް ކަރެކްށަނަލް ސަރވިސްއިން އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތެއް، އެ ގައިދީ ނުވަތަ ބަންދުމީހަކަށް ލިޔުމުން އަންގަންވާނެއެވެ.
11 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2015-134 (ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު) އުވުނީއެވެ.
މައި ގާނޫނު
ޖަލުތަކާއި ޕެރޯލްގެ ގާނޫނު (ގާނޫނު ނަންބަރު 2013-14)
އުވުނު ގަވާއިދު
ގައިދީންގެ ނުވަތަ ބަންދުމީހުންގެ އަތުގައި ހުންނަ މުދަލާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު
ކިޔުންތެރިންގެ ހިޔާލު