-

މުވައްޒަފުން ތަމްރީނު ކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-141)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ސެޕްޓެމްބަރު 2022 ގައި)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ، ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކަށްއައްޔަނުކުރެވޭ އެންމެހައި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މުވައްޒަފުން ތަމްރީނު ކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގު ސަދަކީ، ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަކީ ފޮރިން ސަރވިސްގެ މަގުސަދުތައް ހާސި ލުކުރެވޭ ފަދަ ހާއްސަ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމަށް ޓަކައި މުވައްޒަފުންނަށް ދޭންޖެހޭ އެންމެހައި ތައުލީމާއި ތަމްރީނުތައް ދީ، އެކަން ހިންގައި ބެލެހެއްޓުމެވެ. އަދި ހާރިޖީ ދާއިރާއަށް ލިބޭ ތަމްރީނުތަކުގެ ފެންވަރު ހިފެހެއްޓުމުގައި އަމަލުކުރާނޭ މިންގަނޑުތައް ކަނޑައެޅުމާއި، މުވައްޒަފުންނަށް ހަމަހަމަކަމާއިއިންސާފުވެރިކަމާއެކު ތައުލީމާއި ތަމްރީނާއި އުނގެނުމުގެ ފުރުސަ ތު ދިނުމާއި، މި ކަމާ ގުޅޭ އެންމެހައި ކަންކަން ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ފޮރިން އިންސްޓިޓިއުޓް މެދުވެރިކޮށް ތަމްރީނު ދިނުން

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ފޮރިން ސަރވިސްގެ މުވައްޒަފުން، ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭ ފަދަ ގާބިލު ބަޔަކަށް ހެދުމަށް ޓަކައި، ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއަށް އައްޔަނުކުރާ އެންމެހައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު، ފޮރިން ސަރވިސް އިންސްޓިޓިއުޓުން ދޭންވާނެއެވެ.

 

4 ވަނަ މާއްދާ - މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުން

(ހ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި ޑިވިޒަންތަކާއި ޔުނިޓްތަކާ މަށްވަރާކޮށްގެން ދެނެގަނެ، ޓްރޭނިންގ ރިކުއަރމަންޓް ހެދުމަށްފަހު، މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންވާ ކުރު ރާސްތާގެ ޕްލޭނާއި، މެދު ރާސްތާގެ ޕްލޭނާއި، ދިގު ރާސްތާގެ ޕްލޭނެއް، ފޮރިން ސަރވިސް އިންސްޓިޓިއުޓުން، މީލާދީ ކޮންމެ އަހަރެއްގެ މޭ މަހުގެ ނިޔަލަށް ތައްޔާރުކުރަންވާނެއެވެ.

(ށ) އެ އަހަރަކު (ޓްރޭނިންގ ރިކުއަރމަންޓް) އިތުރަށް މުރާޖައާ ކުރަންޖެހޭނަމަ، އެކަން ކުރުމަށްފަހު، އޭގައިވާ ތަމްރީނުތަކަށް ކުރިމަތިލުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވައިލަންވާނެއެވެ.

(ނ) ތަމްރީނުތަކަށް މުވައްޒަފުން ހޮވުމާއި، ދިގު މުއްދަތުގެ ތަމްރީނަށްފަހު ހިދުމަތްކުރުން ފަދަ ކަންކަން ނިންމާނީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ލަފަޔާއި އިރުށާދުގެ މަތީންނެވެ.

 

5 ވަނަ މާއްދާ - ހާރިޖީ ދާއިރާއިން މުވައްޒަފުން ތަމްރީނުކުރުން

(ހ) ޕްރޮފެށަނަލް ފޮރިން ސަރވިސް ކޭޑަރއެއް އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުން ފޮރިން ސަރވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ހާރިޖީ ދާއިރާގެ އެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ލިބިފައިވާ، ގާބިލު، ޕްރޮފެށަނަލް ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީނު، މުވައްޒަފުންނަށް ގަވާއިދުން ދޭންވާނެއެވެ.

 

6 ވަނަ މާއްދާ - ކުރު މުއްދަތުގެ ތަމްރީނު

(ހ) ކުރު މުއްދަތުގެ ތަމްރީނުގެ ގޮތުގައި ހާރިޖީ ދާއިރާގެ އެކި މަސައްކަތާ ގުޅޭގޮތުން އަހުލުވެރިކުރުމާއި، މައުލޫމާތާއި ހުނަރު ހޯދައިދިނުމަށް ހިންގޭ ތަފާތު އެކި ޕްރޮގްރާމްތައް ހިމެނޭނެއެވެ. ކުރު މުއްދަތުގެ ތަމްރީނުތަކާއި ދިގު މުއްދަތުގެ ތަމްރީނުތަކުގައި މުވައްޒަފުން ބައިވެރިކުރުމުގައި އަމަލުކުރާނީ މިނިސްޓްރީގައި އެކަމަށް ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ކުރު މުއްދަތުގެ ތަމްރީނު ކަމުގައި ބެލެވޭނީ، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ޓަކައި ބައިވެރިކުރެވޭ ކުރު ކޯސްތަކާއި، ސެމިނަރ، ވަރކްށޮޕް، ސިމްޕޯޒިއަމް، ސްޓަޑީ ޓުއަރ ފަދަ ކަންކަމަށެވެ.

(ށ) ތަމްރީނުގެ ބާވަތްތައް، ތިރީގައި މިވަނީއެވެ.

  1. ހާރިޖީ ދާއިރާގެ ވަކި ކަންކަމަށް ހާއްސަކޮށްގެން ހިންގޭ މައުލޫމާތު ދިނުމުގެ ކޯސްތަކާއި، ސެމިނަރތަކާއި، ވަރކްށޮޕާއި، ސިމްޕޯޒިއަމްތަކާއި، ސްޓަޑީ ޓުއަރ ފަދަ ތަމްރީނު ޕްރޮގްރާމްތައް؛
  2. ހާރިޖީ ދާއިރާއަށް ބޭނުންވާ ބޭސިކް ޑިޕްލޮމެޓިކް ޓްރޭނިންގ ނުވަތަ އެ ފެންވަރުގެ ސެޓުފިކެޓު ލެވެލް 1 އިން ފެށިގެން މަތީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިކޮށްގެން ހާރިޖީ ދާއިރާގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތައް.

 

7 ވަނަ މާއްދާ - ކުރު މުއްދަތަށް ތަމްރީނަށް ދާ މުވައްޒަފުން

ކުރު މުއްދަތަކަށް ތަމްރީނުތަކުގައި ބައިވެރިވާ މުވައްޒަފުންނާމެދު އަމަލުކުރެވޭނީ، އަންނަނިވި ގޮތުގެ މަތީންނެވެ.
(ހ) މިނިސްޓްރީގެ ފަރާތުން ނުވަތަ އަމިއްލަގޮތުން ތަމްރީނެއްގައި ބައިވެރިވުމަށް ޓަކައި އޮފީހުން ވީއްލާ ދުވަހުން ފެށިގެން އެނބުރި އައިސް ވަޒީފާއަށް ނުކުންނަ ދުވަހާ ދެމެދުގައިވާ ދުވަސްތަކަކީ އޮފީހަށް ހިދުމަތްކުރި މުއްދަތުގެ ގޮތުގައެއް ނުގުނޭނެއެވެ.

(ށ) ތަމްރީނުގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިވެފައި ނުވާނަމަ، ތަމްރީނު ނިމުނު ތާރީހުން ފެށިގެން އެ މުވައްޒަފު އޮފީހަށް ހިދުމަތްކުރަންޖެހޭ މުއްދަތުން ކެނޑެމުންދާނެއެވެ. ތަމްރީނުގައި ބައިވެރިވުމާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއްނަމަ، ހިދުމަތްކުރުމުގެ މުއްދަތު ކެނޑެމުންދާނީ، ތަމްރީނު ނިންމުމަށްފަހު އެ މުވައްޒަފު ވަޒީފާ އަދާކުރަން ފަށާ ތާރީހަކުންނެވެ.

(ނ) މިނިސްޓްރީގެ މުވައްޒަފަކު އޮފީހަށް ހިދުމަތްކުރަން ޖެހިފައިވާ މުއްދަތުގެ ތެރޭގައި ށަރީއަތަށް ކުށް ސާބިތުވެ، އެ ކުށުގެ އަދަބުގައި ހައްޔަރުކޮށްފިނަމަ، ހައްޔަރުކޮށްފައި ހުންނަ ދުވަސްތައް، ހިދުމަތްކުރަން އޮންނަ މުއްދަތުގެ ތެރެއަކުން ނުކެނޑޭނެއެވެ. ހައްޔަރުކުރިއިރު އޮފީހަށް ހިދުމަތް ކުރަން ޖެހިފައިވާ މުއްދަތުން ބާކީ އޮތްބައި ކެނޑެން ފަށާނީ، އޮފީހުގެ ވަޒީފާ އަލުން ހަމަޖެހުމުންނެވެ.

(ރ) ރާއްޖޭގައި ހިންގޭ ތަމްރީނުތަކުގެ ތެރެއިން އޮފީހުގެ ރަސްމީގަޑި ނޫން ގަޑިތަކުގައި ކިޔެވުން އޮންނަ ތަމްރީނެއްގައި މުވައްޒަފު އަމިއްލަގޮތުން ބައިވެރިވެވޭނީ، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ދަތިނުވާނޭ ގޮތެއްގެ މަތީން، މުވައްޒަފުންގެ ކަންތައްތައް ބަލާ ސެކްށަނަށް އަންގައިހުއްދަ ހޯދުމަށްފަހުގައެވެ. މިގޮތުން، ރާއްޖޭގައި ހުރެގެން، ރާއްޖެއިން ބޭރުގައި ހިންގާ ޑިސްޓަންޓް ލަރނިންގ ކޯސްތަކުގައި ވެސް މިނިސްޓްރީގެ މަސައްކަތަށް ދަތިނުވާނޭ ގޮތެއްގެ މަތީން މުވައްޒަފުންނަށް ބައިވެރިވެވިދާނެއެވެ.

(ބ) މުވައްޒަފަކު ޕޯސްޓިންގައި ހުރެ އަމިއްލަގޮތުން ތަމްރީނު ހާސިލު ކުރެވޭނީ ޕޯސްޓިންގައި ހުންނަ މުއްދަތުގައި މިށަންގެ މަސައްކަތްތަކަށް ދަތިނުވާނޭ ގޮތެއްގެ މަތީން، ހެޑް އޮފް މިށަންގެ ހުއްދަ ލިބިގެންނެވެ. މިގޮތުން މިށަން ޕޯސްޓިންގައި ހުންނަ މުއްދަތުގައި އަމިއްލަގޮތުން ތަމްރީނެ އްގައި ބައިވެރިވާނަމަ، އެކަން މިނިސްޓްރީއާ ވެސް ހިއްސާ ކުރަންވާނެއެވެ.

(ޅ) ކުރު މުއްދަތުގެ ތަމްރީނުކަމަށް ބަލާނީ، 12 (ބާރަ) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތުގެ ތަމްރީނުތަކެވެ. ދިގު މުއްދަތުގެ ތަމްރީނުކަމަށް ބަލާނީ، 12 (ބާރަ) މަސްދުވަހަ ށްވުރެ ދިގު މުއްދަތުގެ ތަމްރީނުތަކެވެ.
12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިވާނަމަ، ވަގުތީގޮތުން ވަޒީފާއިން ވަކިކުރެވޭނެއެވެ.

 

8 ވަނަ މާއްދާ - ތަމްރީނުތަކުގައި ބައިވެރިކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް

މިނިސްޓްރީގެ ފަރާތުން 12 (ބާރަ) މަސްދުވަހުގެ ތަމްރީނުތަކުގައި ނުވަތަ 12 (ބާރަ) މަސްދުވަހަށްވުރެ ކުރު މުއްދަތުގެ ތަމްރީނުތަކުގައި ރާއްޖެއިން ބޭރަށް ފޮނުވޭ މުވައްޒަފުން ތަމްރީނުގައިވާ މުއްދަތުގައި އެ މުވައްޒަފަކަށް ލިބެމުންދިޔަ މަގާމުގެ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ. ނަމަވެސް، 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތުގެ ތަމްރީނުތަކުގައި، ވަޒީފާއިން ވަގުތީގޮތުން ވަކިކުރާގޮތަށް އޮފީހުގެ ފަރާތުން ފޮނުވާ މުވައްޒަފު ތަމްރީނުގައި ގޮސް ހުންނަ މުއްދަތުގައި މުވައްޒަފަށް ލިބޭނީ، މަގާމުގެ އަސާސީ މުސާރައާ އެއްވަރުގެ އެލަވަންސެކެވެ.

 

9 ވަނަ މާއްދާ - ތަމްރީނު ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރާއިރު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ފުރިހަމަކުރަންޖެހޭ ކަންތައްތައް

މި ގަވާއިދުގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރާއިރު، ތިރީގައިވާ ކަންތައްތައް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްށަނުން ފުރިހަމަ ކުރަންވާނެއެވެ.

(ހ) މުވައްޒަފު ތަމްރީނު ފުރިހަމަކުރުމަށްފަހު އެނބުރި އައިސް ގުޅޭނެ މަގާމު، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ރިޒާވްކުރުން.

(ށ) މުވައްޒަފު ތަމްރީނު ފުރިހަމަކުރަން ހުންނަ މުއްދަތުގައި މުވައްޒަފުގެ 
ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ އިންތިޒާމު އޮފީހުން ހަމަޖެއްސުން.

(ނ) ތަމްރީނުގައި ފޮނުވޭ މުވައްޒަފަކީ އޮފީހުގައި ވަޒީފާ އަދާކުރުމުގައި ފާއިތުވެދިޔަ 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އިސްލާހީ ފިޔަވަޅެއްގެ ގޮތުން ލިޔުމުން އިންޒާރު ދީފައިވާ މުވައްޒަފެއް ކަމުގައި ވެގެން ނުވުން.

(ރ) މުވައްޒަފު އަމިއްލަގޮތުން ހޯދާ ކުރު މުއްދަތުގެ ޕްރޮގްރާމާއި ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމާމެދު، މުވައްޒަފު މަސައްކަތްކުރާ ޑިޕާޓްމަންޓް/ޑިވިޒަން/ ޔުނިޓުގެ އިއުތިރާޒެއް އޮތްތޯ ބެލުން.

(ބ) ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް މި ގަވާއިދުގެ ދަށުން ވީއްލައިފައިވާ މުވައްޒަފަކު އަމިއްލަގޮތުން ހޯދާ އިތުރު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ވީއްލޭނީ، ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު، އޮފީހަށް ހިދުމަތްކުރާތާ 1 (އެކެއް) އަހަރުދުވަސް 
ވުމަށް ފަހުގައިތޯ ބެލުން.

 

10 ވަނަ މާއްދާ - ތަމްރީނުތަކަށް ކުރާ ހަރަދު

(ހ) ރާއްޖެއިން ބޭރުގައި ހިންގޭ ތަމްރީނުތަކުގައި މުވައްޒަފުން ބައިވެރިކުރާނަމަ، އެ މުވައްޒަފު ބައިވެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ކުރަންޖެހޭ ހަރަދުތައް އޮފީހުގެ ބަޖެޓުގައި ހިމެނިފައި އޮންނަންވާނެއެވެ.

(ށ) ރާއްޖެއިން ބޭރުގައި ހިންގޭ ތަމްރީނުތަކުގައި ބައިވެރިކުރުމާ ގުޅޭގޮތުން ރާއްޖޭގައި ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެން ހުރިހައި ހަރަދުތަކެއް ތަމްރީނު ކުރުމަށް އެހީދޭ ފަރާތުން ލިބޭގޮތަށް ހަމަޖެހިފައިވާނަމަ، އެފަދަ ހަރަދުތައް ކުރާނީ، އެ އެހީދޭ ފަރާތުންނެވެ.

(ނ) ކުރު މުއްދަތުގެ ކޯހާއި، ޓްރެއިނިންގއާއި، ސެމިނަރއާއި، ވަރކްށޮޕާއި، ސްޓަޑީޓުއަރ ފަދަ، އެކިއެކި ފަރާތްތަކުގެ އެހީގެ ގޮތުގައި ހުރިހައި ހަރަދެއް ލިބޭގޮތަށް ހަމަޖެހިފައިނުވާ ތަމްރީނެއްގައި މުވައްޒަފަކުބައިވެރިކުރަން ކޮންމެހެން ބޭނުންވެއްޖެނަމަ، އެކަން ކުރާނީ،މިނިސްޓްރީގެ އެ އަހަރެއްގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނިފައިވާ ދާއިރާއެއްތޯ ބެލުމަށްފަހު، ކަނޑައެޅިފައިވާ ބަޖެޓުން އެކަމަށް ހަރަދުކުރެވެން ހުރި ނަމައެވެ. ނަމަވެސް، އޮފީހުން ހަރަދުކުރެވެން ނެތް ހާލަތެއްގައި، އެ މުވައްޒަފު އެދޭކަމަށްވާނަމަ، މުވައްޒަފު އަމިއްލައަށް އެ ހަރަދުކުރާގޮތަށް ހަމަޖެއްސިދާނެއެވެ.

 

11 ވަނަ މާއްދާ - ތަމްރީނުތަކަށް ފޮނުވޭ މުވައްޒަފުން އިގްރާރުކުރުވުން

މުވައްޒަފުން ފޮނުވާ، ކުރު މުއްދަތުގެ ތަމްރީނުތަކަށާއި ދިގު މުއްދަތުގެ ތަމްރީނުތަކަށް ފޮނުވޭނީ، އޮފީހަށް ހިދުމަތްކުރުމަށް އިގްރާރުކުރުވުމަށް ޓަކައި،މުވައްޒަފަކާ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.

 

12 ވަނަ މާއްދާ - ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުން

ކިޔެވުމަށް ޓަކައި މުސާރަ ނުލިބޭގޮތަށް މުވައްޒަފުން ވީއްލޭނީ، މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ރާއްޖެއާއި ރާއްޖެއިންބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމުތަކުގައި އޮފީހުގެ ފަރާތުން މުވައްޒަފުން ބައިވެރިކުރުން

އެކިއެކި ފަރާތްތަކުގެ އެހީ ލިބޭގޮތަށް ހަމަޖެހިފައިވާ ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުމުގައި ތިރީގައިވާ ގޮތުގެ މަތީން އަމަލުކުރަންވާނެއެވެ.

(ހ) އެކިއެކި ފަރާތްތަކުގެ އެހީ ލިބޭގޮތަށް ހަމަޖެހިފައިވާ ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި މުވައްޒަފުން ބައިވެރިކުރުމުގައި މި ގަވާއިދުގައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ށ) މުވައްޒަފު ތަމްރީނު ފުރިހަމަކުރުމަށްފަހު އެނބުރި އައިސް ގުޅޭނެ މަގާމު، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ރިޒާވް ކުރެވޭނެއެވެ.

(ނ) މުވައްޒަފު ތަމްރީނުގައި ހުންނަ މުއްދަތުގައި މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ އިންތިޒާމު އޮފީހުން ހަމަޖައްސަންވާނެއެވެ. މިގޮތުން ރިޒާވް ކޮށްފައިވާ މަގާމު، އެ މުވައްޒަފަކު ތަމްރީނު ނިމިގެން އެނބުރި ވަޒީފާއަށް ނުކުންނަންދެން ރިޒަރވް ކޮށްފައިވާ މުއްދަތުގައި، އެ މަގާމުގައި މީހަކު ނެތުމުން އޮފީހުގެ މަސައްކަތަށް ދަތިވާނަމަ، ވަގުތީގޮތުން އެ މަގާމުގައި މުވައްޒަފަކު ގެންގުޅެވޭނެއެވެ.

(ރ) ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ދިގު މުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިކުރާ މުވައްޒަފުން، ތިރީގައި ބަޔާންވެގެންވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހިދުމަތްކުރަންވާނެއެވެ. އަދި ތަމްރީނުގެ މުއްދަތުގައި މުސާރައާ އެއްވަރުގެ އިނާޔަތް ލިބޭގޮތަށް ދާން އެދޭކަމަށްވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހިދުމަތްކުރަންޖެހޭ މުއްދަތުގެ ދެބައިކުޅަ އެއްބަޔަށް އިތުރަށް ހިދުމަތްކުރަންވާނެއެވެ.

  1. ތަމްރީނުގެ މުއްދަތަކީ، 3 (ތިނެއް) މަސްދުވަސް ނުވަތަ 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް؛
  2. ތަމްރީނުގެ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަސް ނުވަތަ 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތެއްނަމަ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް؛
  3. ތަމްރީނުގެ މުއްދަތަކީ، 2 (ދޭއް) އަހަރުދުވަސް ނުވަތަ 1 (އެކެއް) އަހަރުދުވަހާއި 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 4 (ހަތަރެއް) އަހަރުދުވަހުގެ މުއްދަތަށް؛
  4. ތަމްރީނުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ 2 (ދޭއް) އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 5( ފަހެއް( އަހަރުދުވަހުގެ މުއްދަތަށް؛
  5. ތަމްރީނުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަހަށްވުރެ ދިގު މުއްދަތެއްނަމަ، 7 (ހަތެއް) އަހަރުދުވަހުގެ މުއްދަތަށް.

 

14 ވަނަ މާއްދާ - ރާއްޖެއާއި ރާއްޖެއިންބޭރުން މުވައްޒަފު އަމިއްލަގޮތުން ހޯދާ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަށް މުވައްޒަފުން ވީއްލުން

(ހ) ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން އަމިއްލަގޮތުން ހާރިޖީ ދާއިރާއާ ގުޅޭގޮތުން ހޯދާ ކުރު މުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިވުމަށް މުވައްޒަފުން ވީއްލުމުގައި، މި މާއްދާއާއި މި ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

(ށ) ރާއްޖޭގައި ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމާ ގުޅިގެން މުވައްޒަފު ރަސްމީ ގަޑީގައި ނުވަތަ ނުރަސްމީގަޑީގައި މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ލިޔުމުން އޮފީހުގައި އެއްބަސްވެފައި އޮންނަންވާނެއެވެ.

(ނ) ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމާމެދު، މުވައްޒަފު މަސައްކަތްކުރާ ޑިޕާޓްމަންޓް/ޑިވިޒަން/ޔުނިޓުގެ އިއުތިރާޒެއް އޮވެގެން ނުވާނެއެވެ.

(ރ) އަމިއްލަގޮތުން މުވައްޒަފު ބައިވެރިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް މި ގަވާއިދުގެ ދަށުން މުވައްޒަފުން ވީއްލޭނީ، ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށެވެ.

(ބ) ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ މުއްދަތުގައި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހަމަޖެއްސޭނީ، ތަމްރީނުގެ މުއްދަތަކީ 3 (ތިނެއް) މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް މުވައްޒަފު އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްވެ ސޮއިކުރުމުންނެވެ.

 

15 ވަނަ މާއްދާ - ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގޭ ދިގު މުއްދަތުގެ ތަމްރީނުތަކުގައި އަމިއްލަގޮތުން ބައިވެރިވާ މުވައްޒަފުން، އޮފީހަށް ހިދުމަތް ކުރަންޖެހޭ އުސޫލު

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ދިގު މުއްދަތުގެ ތަމްރީނުތަކުގައި އަމިއްލަގޮތުން ބައިވެރިވާ މުވައްޒަފުން، މުސާރައާއި އެއްވަރުގެ އިނާޔަތް ލިބޭގޮތަށް ދާން އެދޭކަމަށްވާނަމަ، ތިރީގައިވާ ގޮތުގެ މަތީ ން އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްވެ، ސޮއިކުރަންވާނެއެވެ.

(ހ) ތަމްރީނުގެ މުއްދަތަކީ 3 (ތިނެއް) މަސްދުވަސް ނުވަތަ 3 (ތިނެއް)މަސްދުވަހާއި 6 (ހައެއް) މަ ސްދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް.

(ށ) ތަމްރީނުގެ މުއްދަތަކީ 1 (އެކެއް) އަހަރުދުވަސް ނުވަތަ 6 (ހައެއް)މަސްދުވަހާއި 1 (އެކެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 1 (އެކެއް) އަހަރުދުވަހާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް.

(ނ) ތަމްރީނުގެ މުއްދަތަކީ 2 (ދޭއް) އަހަރުދުވަސް ނުވަތަ 1 (އެކެއް) އަހަރުދުވަހާއި 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް)  އަހަރުދުވަހުގެ މުއްދަތަށް.

(ރ) ތަމްރީނުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރުދުވަސް ނުވަތަ 2 (ދޭއް)  އަހަރުދުވަހާއި 4 (ހަތަރެއް) އަހަރުދުވަހާ ދެމެދުގެ މުއްދަތެއްނަމަ، 2 (ދޭއް) އަހަރުދުވަހާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް.

(ބ) ތަމްރީނުގެ މުއްދަތަކީ 4 (ހަތަރެއް) އަހަރަށްވުރެ ދިގު މުއްދަތެއްނަމަ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް.

 

16 ވަނަ މާއްދާ - ކުރުމުއްދަތާއި ދިގުމުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިވާ ފަރާތްތަކަށް މުސާރަޔާ އެއްވަރުގެ އިނާޔަތް ދިނުން

ކުރު މުއްދަތުގެ ތަމްރީނުތަކާއި ދިގު މުއްދަތުގެ ތަމްރީނުތަކުގައި ބައިވެރިވާ ފަރާތްތަކަށް މުސާރައާ އެއްވަރުގެ އިނާޔަތް ހަމަޖައްސައިދެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

(ހ) އޮފީހުން މުސާރަޔާ އެއްވަރުގެ އިނާޔަތް ލިބޭގޮތަށް ކުރިން ތަމްރީނެއް ފުރިހަމަކޮށްފައިވާ މުވައްޒަފަކު ނަމަ، އެ ތަމްރީނު ފުރިހަމަކުރުމަށްފަހު އޮފީހަށް ހިދުމަތްކުރާތާ މީލާދީ 1 (އެކެއް) އަހަރުދުވަސް ވާންވާނެއެވެ.

(ށ) މުސާރައާއި އެއްވަރުގެ އިނާޔަތާއެކު މުވައްޒަފު ވީއްލޭ ތަމް ރީނަކީ ރާއްޖޭގައި ފުރިހަމަކުރާ ތަމްރީނެއް ނަމަ، އޮފީހުގެ ރަސްމީ ގަޑީގައި ހިންގާ ތަމްރީނެއްކަމުގައި ވާންވާނެއެވެ.

(ނ) ފުރިހަމަކުރަމުންދާ ތަމްރީނުގެ ދާއިރާ، އޮފީހުގެ ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނިފައި އޮންނަންވާނެއެވެ. ޓްރެއިނިންގ ރިކުއަރމަންޓުގައި ހިމެނިފައި ނުވާނަމަ، އެ ތަމްރީނަކީ އޮފީހަށް ބޭނުންތެރި ތަމްރީނެއްކަމަށް ބަޔާންކޮށް، ފޮރިން ސެކްރެޓަރީ ސޮއިކޮށްފައިވާ ލިޔުމެއް އޮންނަންވާނެއެވެ.

(ރ) މުސާރައާ އެއްވަރުގެ އިނާޔަތާއެކު މުވައްޒަފު ވީއްލުމަށް ޓަކައި މުވައްޒަފާއި އޮފީހާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ތަމްރީނަށް ބަދަލުގެނައުމާއި، ތަމްރީނު ފުރިހަމަ ނުވުން ނުވަތަ ފާސްނުވުން

އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްވެގެން ތަމްރީނުގައި ގޮސް ހުންނަ މުވައްޒަފަކު ތަމްރީނު ފުރިހަމަ ނުކުރެވިއްޖެނަމަ ނުވަތަ ފާސްނުވެއްޖެނަމަ، އޮފީހަށް އެކަން އަންގަންވާނެއެވެ. އަދި ތަމްރީނުގެ މުއްދަތަށް ބަދަލެއް ގެންނަންޖެހުމާއި، ތަމްރީނާ ގުޅޭގޮތުން ގެންނަންޖެހޭ އެހެނިހެން ބަދަލު ގެންނަންވާނީ، އޮފީހުގެ ހުއްދަ ހޯދައިގެންނެވެ.

 

18 ވަނަ މާއްދާ - ތަމްރީނު ފުރިހަމަކޮށްފައި އެކަންއެންގުމާއި ސެޓުފިކެޓު ހުށަހެޅުން

ރާއްޖޭގައި ހިންގާ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާ މުވައްޒަފުން، ތަމްރީނު ނިމޭތާ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

19 ވަނަ މާއްދާ - ތައުލީމީ ސެޓުފިކެޓު ހުށަހެޅުން

ތަމްރީނު ފުރިހަމަކޮށްގެން އަންނައިރު، ތަމްރީނުގެ ސެޓުފިކެޓު ގެންނަންވާނެއެވެ. ދިވެހިރާއްޖެ އަންނަންވާއިރަށް ނުވަތަ އޮފީހަށް ނުކުންނަންވާއިރަށް ސެޓުފިކެޓު ނުލިބުނުނަމަ، ކިޔެވި މަރުކަޒުން ނުވަތަ ތަމްރީނު ހިންގުމާ ބެހޭ ރަސްމީ ފަރާތަކުން އެ މުވައްޒަފަކު ތަމްރީނު ފުރިހަމަކުރިކަމުގެ ލިޔުމެއް ހޯދައި، އެ ލިޔުން ގެންނަންވާނެއެވެ. މި ލިޔުމުގައި، ތަމްރީނުގެ ހުރިހާ ބައިތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކުރިކަން އެނގެން އޮންނަންވާނެއެވެ. ތަމްރީނުގެ މޮޑިއުލް ނުވަތަ ސެމެސްޓަރތަކުގެ ނަތީޖާ )ޓްރާންސްކްރިޕްޓް( ފަދަ ލިޔުމަކީ އެކިއެކި މަރުކަޒުތަކުން ތަފާތު ފޯމެޓުގައި ދޫކުރާ ލިޔުންތަކަކަށް ވުމާއެކު، އެފަދަ ލިޔުމެއް އެއީ ތަމްރީނު ފުރިހަމަކުރިކަމުގެ ލިޔުމެއް ކަމުގައި ގަބޫލެއް ނުކުރެވޭނެއެވެ.

 

20 ވަނަ މާއްދާ - ތަމްރީނު ފުރިހަމަކުރުމަށްފަހު ވަޒީފާ ހަމަޖެއްސުން

ތަމްރީނު ފުރިހަމަކުރާ މުވައްޒަފު އެނބުރި އައުމުން، ރިޒާވްކޮށްފައިވާ މަގާމަށް މުވައްޒަފު ހަމަޖައްސައިދެވޭނެއެވެ.

 

21 ވަނަ މާއްދާ - އޮފީހަށް ހިދުމަތްކުރަންޖެހޭ މުވައްޒަފުން ހިދުމަތް ނުކުރުމުން އެމުވައްޒަފުންނާމެދު އަމަލުކުރެވޭނެ ގޮތް

(ހ) އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްވެފައިވާ މުވައްޒަފަކު އޮފީހުގެ ފަރާތުން ނުވަތަ އަމިއްލަގޮތުން ތަމްރީނެއް ފުރިހަމަކުރިކަމުގައި ވިޔަސް، އެނބުރި އައިސް ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތުގައި އޮފީހަށް ހިދުމަތްކުރަންވާނެއެވެ. އޮފީހަށް ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު އެ މީހަކު ހިދުމަތް ކުރަންޖެހޭ މުއްދަތަށް ހިދުމަތްނުކޮށް ނުވަތަ ފަރުވާކުޑަކޮށް، ނުވަތަ މިނޫންވެސް މި ބާވަތުގެ އެކަށީގެންނުވާ އަމަލު ހިންގާނަމަ، އެ މުވައްޒަފަކާ މެދު މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ. އަދި ހިދުމަތް ކުރަންޖެހިފައިވާ މުއްދަތަށް ހިނގި ހަރަދުގެ ބަދަލު ހޯދުމަށް ށަރީއަތަށް ހުށަހެޅޭނެއެވެ.

(ށ) އޮފީހަށް ހިދުމަތްކުރަންޖެހޭ މުވައްޒަފަކު، ކޮންމެހެން ވަޒީފާއިން ދޫކޮށްލަންޖެހޭ ހާލަތެއްގައި، އެ މީހަކު ތަމްރީނު ކުރުމަށް ކުރި ހަރަދު، އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތީން ދައްކައި ހަލާސްކުރާގޮތަށް، އެ މުވައްޒަފަކާއި އޮފީހާ ދެމެދުގައި އެއްބަސްވުމަށްފަހު، އޮފީހަށް ހިދުމަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހިދުމަތް ނުކުރާގޮތަށް ހަމަޖައްސައިފައި ދޫކޮށްލެވިދާނެއެވެ.

 

22 ވަނަ މާއްދާ - އޮފީހަށް ހިދުމަތް ނުކުރާގޮތަށް ދޫކޮށްލާ މުވައްޒަފުން ތަމްރީނު ކުރުމަށް ކުރި ހަރަދު ހޯދުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތީން، މި އޮފީހަށް ހިދުމަތް ކުރަންޖެހޭ މުވައްޒަފަކު ހިދުމަތް ނުކޮށްފިނަމަ، ނުވަތަ ނުކުރާގޮތަށް ހަމަޖައްސައިފިނަމަ، މުވައްޒަފާ އޮފީހާ ދެމެދު ވެފައިވާ އެއްބަސްވުމުގައި،ހިދުމަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ހިދުމަތް ނުކުރާގޮތަށް ހަމަޖައްސައިފައި ދޫކޮށްލެވިދާނެއެވެ.

(ށ) ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތު ހަމަވުމުގެ ކުރިން ތަމްރީނުކުރެވުނު ފަރާތް ހިދުމަތުން ދޫކޮށްލުމުގައި، ތަމްރީނު ކުރެވުނު މުވައްޒަފުގެ ތަމްރީނަށް ހަރަދުވާނެ އަންދާސީ ހިސާބެއް، އޮފީހާއި އެ މުވައްޒަފަކާ ދެމެދު ހަދާ އެއްބަސްވުމުގައި ބަޔާންކުރެވޭނެއެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފަށާއިރު، އޮފީހުގެ ފަރާތުން ދޭ ތަމްރީނެއްގައި ބައިވެރިވެގެން ތަމްރީނުވަމުންދާ މުވައްޒަފުންނާއި، ތަމްރީނު ފުރިހަމަ ކުރުމަށްފަހު ވަޒީފާ އަދާކުރަން ފަށައިފައިނުވާ މުވައްޒަފުން، ހިދުމަތް ކުރަންޖެހޭ މުއްދަތު ހަމަނުވަނީސް ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރެވޭނީ، މި މާއްދާގެ (ހ) އާއި (ށ) ގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ތަމްރީނުގެ ހަރަދާއި، މުވައްޒަފާއި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގައިވާ ގޮތުގެ މަތީން ދައްކަންޖެހޭ އިތުރު ފައިސާއެއްވާނަމަ، އެ ފައިސާއެއް އޮފީހަށް އަނބުރާ ދެއްކުމަށް އެއްބަސްވެ، އިގުރާރެއްގައި ސޮއި ކުރުމަށްފަހުގައެވެ.

 

23 ވަނަ މާއްދާ - އޮފީހަށް ހިދުމަތް ކުރަންޖެހޭ މުއްދަތު ފަސްކުރުން

(ހ) ސަރުކާރު މެދުވެރިވެގެން ނުވަތަ އަމިއްލަގޮތުން ތަމްރީނެއް ފުރިހަމަކުރުމާ ގުޅިގެން މުސާރައާ އެއްވަރުގެ އެލަވަންސް ހަމަޖައްސައި ފައިވާ މުވައްޒަފަކު، އިތުރަށް ކިޔެވުމަށް ޓަކައި އޮފީހަށް ހިދުމަތް ކުރަންޖެހިފައިވާ މުއްދަތު ފަސްކުރަން އެދޭނަމަ އަމަލުކުރެވޭނީ، ތިރީގައިވާ ގޮތުގެ މަތީންނެވެ.

  1. އިތުރު ތަމްރީނެއް ފުރިހަމަ ކުރުމަށް ޓަކައި، ކިޔަވަން ދިއުމަށް ހަމަޖެހިފައިވާ މަރުކަޒުން ޖާގަ ލިބިފައިވާކަމުގެ ލިޔުން 
    ހުށަހެޅުމުން، އޮފީހަށް ހިދުމަތްކުރަން އެއްބަސްވެފައިވާ މުއްދަތު ފަސްކޮށްދެވޭނެއެވެ. މިގޮތަށް ހިދުމަތް ފަސްކޮށްދެވޭނީ، ތަމްރީނުގެ މުއްދަތަށެވެ. 
  2. ސިއްހީގޮތުން ތިމާއަށް ނުވަތަ ތިމާ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތަކަށް ފަރުވާ ހޯދުމަށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހިދުމަތް ފަސްކޮށްދެވިދާނެއެވެ.
  3. ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދައުލަތުގެ ބޭނުންތަކުގައި ސަރުކާރުގެ ފަރާތުން ފޮނުވާ މުވައްޒަފުންގެ ފިރިން/އަނބިންނާއި ދަރިން އެ ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުމަށް 1 (އެކެއް) އަހަރުދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ހިދުމަތް ފަސްކޮށްދެވިދާނެއެވެ. 
  4. ހިދުމަތް ފަސްކޮށްދެވޭ މުވައްޒަފުންނަށް ލިޔުމުން މިކަން އެންގޭނެއެވެ. އަދި ހިދުމަތް ފަސްކޮށްފައިވާ މުއްދަތު ހަމަވުމުން ހިދުމަތަށް ނުކުންނަންވާނެއެވެ. 
  5. އޮފީހުން ހުރިހާ ހަރަދެއް ހަމަޖައްސައިދީގެން ކުރިން ތަމްރީނެއް ފުރިހަމަކުރުމާ ގުޅިގެން އޮފީހަށް ފައިސާގެ ވަކި މިންވަރެއް އަނބުރާ ދައްކާގޮތަށް އެއްބަސްވެފައިވާނަމަ، ފުރިހަމަކުރަންދާ ތަމްރީނުގެ މުއްދަތުގައި އޮފީހަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތާއި އޮފީހާ ދެމެދު މިގޮތަށް އަމަލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދިފުރިހަމަކުރަމުންދާ ތަމްރީނުގެ މުއްދަތުގައި ދައްކަމުންދާ ފައިސާ އަނބުރާ ދެއްކުން ފަސްކުރަން އެދޭކަމަށްވާނަމަ، އެކަމަށް އެދި އޮފީހަށް ހުށަހަޅަންވާނެއެވެ.

(ށ) އޮފީހަށް ހިދުމަތްކުރަން ޖެހިފައިވާ މުވައްޒަފަކު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން، ސަބަބެއް މެދުވެރިވެގެން ހިދުމަތް ފަސްކޮށްދިނުމަށް އެދިއްޖެނަމަ، އެކަން ނިންމާނީ، މުވައްޒަފުންގެ ކަންތައްތައް ހިންގާ ފަރާތުން، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހުށަހަޅައި، އެ ކޮމިޓީން ނިންމާ ގޮތެއްގެ 
މަތީންނެވެ.

 

24 ވަނަ މާއްދާ - އޮފީހަށް ހިދުމަތްކުރަންޖެހޭ މުވައްޒަފުން ދައުލަތުގެ އެހެން އިދާރާއަކަށްބަދަލުވުން

އޮފީހަށް ހިދުމަތްކުރުމަށް އެއްބަސްކުރެވިގެން ތަމްރީނުކުރެވިފައިވާ މުވައްޒަފަކު، ދައުލަތުގެ އެހެން ވަޒީފާއަކަށް ދިއުމަށް އެދޭނަމަ، އެ މުވައްޒަފު ތަމްރީނު ކުރުމަށް އޮފީހުން ކުރި ހަރަދު އަނބުރާ ދައްކާގޮތަށް ހަމަޖައްސައިފައިދޫކޮށްލެވިދާނެއެވެ.

 

25 ވަނަ މާއްދާ - އޮފީހުގެ ފަރާތުން ތަމްރީނުދޭ މުވައްޒަފުންގެ މައުލޫމާތު ބެލެހެއްޓުން

ތަމްރީނެއްގައި މުވައްޒަފަކު ބައިވެރިވުމުން، އެ މުވައްޒަފާ ބެހޭ މައުލޫމާތާއި، އެ މުވައްޒަފު ތަމްރީނުގައި ގޮސް ހުންނަ ހުރުމުގައި އެ މުވައްޒަފުގެ ތަމްރީނާބެހޭ މައުލޫމާތާއި، މުވައްޒަފުންގެ ކިޔެވުން ކުރިޔަށްދާ ގޮތް، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ފަރާތުން، މުވައްޒަފުގެ ފައިލުގައި ބަލަހައްޓަމުން ގެންދަންވާނެއެވެ.

 

26 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

27 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދުގައިވާ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސގެ ގާނޫނުގައި އެ ލަފުޒުތަކާއި އިބާރާތްތަކަށް ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ޕޯސްޓިންގ" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަންތަކަށާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ވަޒީފާ އަދާކުރުމަށް ދާ ދިއުމަށެވެ.

(ނ) "ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާއި އެ ގާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނޭގޮތުންނެވެ.

 

މައި ގާނޫނު

ފޮރިން ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2021-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު