-

މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަޙައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ދުއްވާ ތަކެތި ޕާކު ކުރުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގަވާއިދު (އދ.އޮމަދޫ)

(ގަވާއިދު ނަންބަރު 2022-142)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 8 ސެޕްޓެމްބަރު 2022 ގައި)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދުތަ ކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ދުއްވާތަކެތި ޕާކު ކުރުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގަވާއިދު މިއީ، ގާނޫނު ނަންބަރު 2017-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަށްވަރާއާއެކު އެކުލަވައިލެވިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ދުއްވާތަކެތި ޕާކު ކުރުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ ގުޅޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދާ ހިލާފަށް ހުރި ކަންކަ ން، މި ގަވާއިދާ އެއްގޮތަށް ހައްލުކޮށް ނިންމަންވާނެއެވެ.

 

3 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި، ގޯތިގެދޮރު އިމާރާތް ކުރުމަށް ޓަކައި ގެނެވޭ ތަކެތި ބެހެއްޓުން 

(ހ) 15 (ފަނަރަ) ފޫޓު ނުވަތަ އެއަށްވުރެ ފުޅާ މަގުތަކުގައި ގޯތިގެދޮރު އިމާރާތްކުރުމަށް ގެނެވޭ ތަކެތި ބެހެއްޓޭނީ، ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ތަކެތި  ބެހެއްޓޭނީ، ސަބަބު ބަޔާންކޮށް ކައުންސިލަށް ހުށަހަޅައި، އެކަމާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ނ) މަގުތަކުގައި ތަކެތި ބަހައްޓަންވާނީ، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތަކަށެވެ.

(ރ) 15 (ފަނަރަ) ފޫޓަށްވުރެ ހަނި މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އިތުރަށް ތަކެތި  ބެހެއްޓޭނީ، ސަބަބު ބަޔާންކޮށް ކައުންސިލަށް ހުށަހަޅައި، އެކަމާމެދުކައުންސިލުން ނިންމާ ގޮތެއްގެ މަތީންނެވެ.

(ޅ) ރަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ނިސްބަތްވާ އެއްވެސް މަގެއްގައި ނުވަތަ ގޯޅިއެއްގައި ގޯތިގެދޮރު އިމާރާތް ކުރުމަށް ނުވަތަ އެފަދަ މުހިންމު ކަމެއްގައި ގެނެވޭ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް 24 (ސައުވީސް) ގަޑިއިރަށްވުރެ ގިނަވަގުތު ބަހައްޓައިގެން ނުވާނެއެވެ.

(ކ) އެކިއެކި މަސައްކަތްތަކަށް މަގުތަކުގައި ބެހެއްޓޭ ތަކެތި ނެގުމަށްފަހު، އެ ސަރަހައްދު ރަނގަޅަށް ސާފުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި ގަސްގަހާގެހި އިންދުން

(ހ) 15 (ފަނަރަ) ފޫޓު ނުވަތަ އެއަށްވުރެ ފުޅާ މަގުތަކުގައި ގޭގެ އިމުން  ފެށިގެން 18 (އަށާރަ) އިންޗި ފުޅާމިނުގައި، ގަސް އިންދުމުގެ އިހްތިޔާރު ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދާ ގަހަކީ ހެދި ބޮޑުވެ ގަހުގެ ގޮފިތައް މަގަށް ފެތުރިގެން ނުދާނޭ ބާވަތްތަކުގެ ގަހަށް ވާންވާނެއެވެ.

(ށ) މަގުގެ ފުޅާމިން 15 (ފަނަރަ) ފޫޓު ހަމަނުވިނަމަވެސް، 10 (ދިހައެއް) ފޫޓު ނުވަތަ އެއަށްވުރެ ފުޅާނަމަ، ގޭގެ އިމުން ފެށިގެން 12 (ބާރަ) އިންޗި ފުޅާމިނުގައި، ގަސް އިންދުމުގެ އިހްތިޔާރު، ގޭގެ ވެރިފަރާތަށް ލިބިގެންވެއެވެ. މިގޮތަށް އިންދާ ގަހަކީ ހެދި ބޮޑުވެ، ގަހުގެ ގޮފިތައް މަގަށް ފެތުރިގެން ނުދާނޭ ބާވަތުގެ ގަހަށް ވާންވާނެއެވެ.

(ނ) ފުޅާމިނުގައި 10 (ދިހައެއް) ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދުމަކީ މަނާ ކަމެކެވެ. ނަމަވެސް، ފާރުކައިރީގައި އިންދާ ވެޔޮފަދަ ބާވަތްތައް، ފާރަށް އަރުވާގޮތަށް ހެއްދިދާނެއެވެ. މިގޮތަށް ހައްދާ ވެޔޮ ފަދަ ބާވަތްތަކުން މަގަށް 8 (އަށެއް) އިންޗިއަށްވުރެ ބޮޑަށް މަގަށް ފެތުރިފައި ހުރެގެން ނުވާނެއެވެ.

(ރ) ފުޅާމިނުގައި 6 (ހައެއް) ފޫޓު ހަމަނުވާ ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ ގަހެއް އިންދައިގެން ނުވާނެއެވެ. އަދި ޕޮޓެއްވިޔަސް ބަހައްޓައިގެން ނުވާނެއެވެ.

(ބ) ތިމާވެށި ހިމާޔަތްކޮށް މަގުތައް ޒީނަތްތެރިކުރުމަށް ޓަކައި މި ކައުންސިލުން  ނުވަތަ މި ކައުންސިލުން ހުއްދަދޭ އެފަދަ ފަރާތަކުން އިންދާ ގަސްގަހާގެހި، މި މާއްދާގެ (ނ) އާއި (ރ) އިން އިސްތިސްނާ ވާނެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ޖަހައިފައިވާ ގަސްގަހާގެހި، ރައްޔިތުންގެ ބޭނުމަކަށް ޓަކައި ހިންގޭ މަށްރޫއަކާ ގުޅިގެން ނަގަން ޖެހިއްޖެ ހާލަތެއްގައި، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެ ގަހެއް ނުވަތަ ގަސްތަކެއް ނައްތައިލެވޭނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރު ސަރަހައްދާއި، އިޖުތިމާއީ ސަރަހައްދުތަކާއި، ރަށުގެ ގްރީން ޒޯނުގައި ތަކެތި ބެހެއްޓުން

(ހ) ރަށުގެ ބަނދަރު ސަރަހައްދުގައި ތަކެތި ބަހައްޓަންވާނީ، ބަނދަރު ބޭނުންކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(ށ) ރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، ހޭޅިފަށާއި، ރަށުގެ ގްރީން ޒޯނުގައި ތަކެތި ބެހެއްޓުމަކީ މަނާކަމެކެވެ.

 

6 ވަނަ މާއްދާ - އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކުކުރުން

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކުކުރަންވާނީ، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިނުވާނޭ ގޮތެއްގެ މަތީން، ކަމާގުޅޭ ވުޒާރާއިންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ހަދައިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

 

7 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި ޖޯލިފައްޗާއި އެފަދަ އެހެން ތަކެތި ބެހެއްޓުން 

(ހ) މަގުތަކާއި ގޯޅިތަކުގައި ޖޯލިފައްޗާއި، ބެންޗާއި، ގޮނޑި ފަދަ ތަކެތި ބަހައްޓައިގެން ނުވާނެއެވެ.

(ށ) ރަށުގެ އިޖުތިމާއީ ސަރަހައްދުތަކާއި، އަތިރިމައްޗާއި، ހޭޅިފަށާއި، ފިނިމައިޒާންތަކުގައި ޖޯލިފަތި ފަދަ ތަކެތި ބެހެއްޓިދާނެއެވެ. މިގޮތަށް ބެހެއްޓޭ ޖޯލިފަތި ފަދަ ތަކެތި ހުންނަންވާނީ، ވަށައިގެން ހާމަކޮށް ފެންނާނޭހެންނެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މައިޒާންތައް ހެދުމަށް ޓަކައި، ހޭޅިން ގަސްގަހާގެހި ނުވަތަ ގޮފި ފަދަ ތަކެތި ކަނޑައިގެން ނުވާނެއެވެ.

 

8 ވަނަ މާއްދާ - މަގުތަކާއި ގޯޅިތަކުގައި ތަކެތި ބެހެއްޓުމާއި، އެފަދަ ތަންތަނުގައި މަސައްކަތްކުރުން 

(ހ) ގޯތިގެދޮރު އިމާރާތްކުރުމަށް ގެނެވޭ ތަކެތި މަގުތަކާއި ގޯޅިތަކުގައި ބަހައްޓަންވާނީ ކައުންސިލުން ހުއްދަ ލިބިގެންނެވެ.

(ށ) މަގުތަކާއި ގޯޅިތަކުގައި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކުރިޔަށްގެންދަންވާނީ، ކައުންސިލުން އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި މަސައްކަތް ކުރިޔަށްދާ ވަގުތު އެކަން އަންގައިދޭ ބޯޑު އެ ސަރަހައްދުގައި ބަހައްޓައިފައި ހުންނަންވާނެއެވެ.

(ނ) މަގުތަކާއި ގޯޅިތައް ކޮންނަންވާނީ، ކައުންސިލުން އެކަމަށް ހުއްދަ ހޯދައިގެންނެވެ. އަދި އެފަދަ ވަޅެއް އެ ދުވަހުގެ އިރުއޮއްސުނުއިރު ފޮރުވައިލެވެން ނެތްނަމަ، ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަންވާނެއެވެ.

 

9 ވަނަ މާއްދާ - ގޯތިތެރޭގައި ހައްދައިފައިވާ ގަސްގަހާގެހި ކޮށައި ބެލެހެއްޓުން

(ހ) ގޯތީގައި ހައްދައިފައި ހުންނަ ގަސްގަހާގެހިން މަގުތަކާއި ގޯޅިތަކަށް ނުކުމެފައި ހުންނަ ގޮފިތަކާއި ގަސްގަހާގެހީގެ ބައިތަކުގެ 12 (ބާރަ) ފޫޓަށްވުރެ ތިރީގައި ހުންނަ ބައިތައް، ގޭގެ ވެރިފަރާތުން ކޮށައި ބަލަހައްޓަންވާނެއެވެ.

(ށ) މަގުތަކުގައި ޖަހައިފައިވާ މަގުބައްތީގެ އަލި ގެއްލޭގޮތަށް ހުންނަ ގަސްގަހާގެހި، އޭގެ ވެރިފަރާތުން ކޮށައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.

(ނ) ގޯތިތެރޭގައި ހައްދައިފައިވާ ގަސްގަހާގެހިން މަގުތަކާއި ގޯޅިތަކުގެ މެދަށްވުރެ އިތުރަށް ބޭރަށް ނުކުމެފައި ހުރުމާމެދު އަވަށްޓެރިޔާގެ (މަގުގެ އަނެއް ފަރާތުގައިވާ ގޭގެ ވެރިޔާގެ) އިއުތިރާޒެއް ނެތްކަމުގައި ވާނަމަ، މި މާއްދާގެ (ހ) އާ ހިލާފު ނުވާގޮތަށް ބެހެއްޓިދާނެއެވެ. ނަމަވެސް، އެފަދަ ގަސްގަހާގެހި ވެސް އަވަށްޓެރިޔާގެ ގޯތިތެރެއަށް ނުވަތަ ސަރުކާރުގެ އެއްވެސް ބިމެއްގެ ތެރެއަށް ނުދާކަން ކަށަވަރުކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދާ ހިލާފުވުން

(ހ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވާ ފަރާތްތަކަށް، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 140 ވަނަ މާއްދާގެ ދަށުން 500 (ފަސްސަތޭކަ) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގައިވާ ކަންކަން ތަންފީޒު ކުރުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމަށް އެދުމުގެ އިހްތިޔާރު، މި ކައުންސިލަށް ލިބިގެންވެއެވެ.

 

11 ވަނަ މާއްދާ - ޖޫރިމަނާ

(ހ) އެހެން ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައެޅިފައި ނުވާ ކަންކަމުގައި، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން ނުވަތަ ނުކުރުމަށް މި ގަވާއިދުގައި ހިމެނިފައިވާ ކަމެއް ކުރުމުން، މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން އެ ކުށެއް ކުރި ފަރާތަކާމެދު އަމަލުކުރުމުގެ އިހްތިޔާރު، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުން ނުވަތަ އެފަދަ ކަންތައްތައް ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައި، ކުށުގެ ހާދިސާ ދިރާސާކޮށް، އެކަން ކައުންސިލުގެ ބައްދަލުވުމަކަށް ހުށަހަޅައި، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުން އެ ފަރާތެއް ޖޫރިމަނާ ކުރުމަށް ކަނޑައެޅުމުންނެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ނުވަތަ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

12 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ކަނޑައަޅާ އުސޫލުތައް

މި ގަވާއިދު ނަގަހައްޓައި ހިންގުމަށް ޓަކައި ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާ ގުޅޭގޮތުން ހަދަންޖެހޭ އުސޫލުތައް  ހަދައި، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ އުސޫލުތައް އާންމުކޮށް ށާއިއު ކުރަންވާނެއެވެ. އަދި މި ގަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތީން އެ ކަމެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށް ލިބިގެންވެއެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ، ތިރީގައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލަށެވެ.

(ށ) "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި ކައުންސިލާއި ބަނދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

(ނ) "އިޖުތިމާއީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ރަށުގައި ކުޅިވަރު ކުޅޭ މައިދާންތަކާއި، އާންމު މައިދާންތަކާއި، ހުސްބިންތަކާއި، އާންމުން އެއްވެ އުޅެވޭ ގޮތަށް ހުރި ސަރަހައްދުތަކަށެވެ.

(ރ) "ގްރީން ޒޯން" ކަމަށް ބުނެފައި އެވަނީ، ރަށުގެ އަތިރިމަތިން މޫދާ ކައިރިން 20 (ވިހި) މީޓަރުގެ ބޮޑުމިނަށް ހެދިފައިވާ ހޭޅިފަށަށެވެ.

(ބ) "ހުއްދަ" ކަމަށް ބުނެފައި އެވަނީ، ވަކި ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ޅ) "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިއުލާނުކުރާ ސަރަހައްދަށެވެ.

(ކ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސީރުކުރުމުގައި، މީހުންނާއި ފަރާތްތަކުގެ މާނައި ގައި، ކުންފުނި، ގުރޫޕު، އޮފީސް، ޖަމްއިއްޔާ، ޖަމާއަތްތައް ފަދަ، މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް، ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު