-

އާސަންދަ ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޭ ހިދުމަތްތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ށަކުވާ ހުށަހެޅުމާއި، ށަކުވާ ބަލައިގަތުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-137)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 25 އޮގަސްޓް 2022 ގައި)

1 ވަނަ މާއްދާ - ތައާރުފު

މިއީ، ގާނޫނު ނަންބަރު 2011-15 (އިޖްތިމާއ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 40 ވަނަ މާއްދާއިން ސްކީމް މެނޭޖްމަންޓް ބޯޑަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެ، މި ސްކީމުގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހުށަހަޅާ ކްލެއިމްސް ޕްރޮސެސްކުރުމާއި ފައިސާއާ ގުޅުންހުރި ހިޔާލުތަފާތުވުންތަކާމެދު އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ ނަން

މި ގަވާއިދަށް ކިޔާނީ، "އާސަންދަ ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޭހިދުމަތްތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ށަކުވާ ހުށަހެޅުމާއި، ށަކުވާ ބަލައިގަތުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމެވެ.

(ހ) ކްލެއިމްސް ޕްރޮސެސްކުރުމާއި، ފައިސާއާ ގުޅުންހުރި ށަކުވާތަކާ ގުޅިގެން ހުށަހެޅޭ ހުށަހެޅުންތަކާމެދު އަމަލުކުރާނެ ގޮތް، އާސަންދަ ސްކީމުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދޭ ހިދުމަތްތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ހުށަހެޅޭ ށަކުވަކާމެދު އަމަލުކުރާނެ ގޮތާއި، މި ކަމުގައި އިދާރީ ގޮތުން ސްކީމް ބަލަހައްޓާ ފަރާތްތަކުން އަމަލުކުރާނެ އިޖުރާތުތައް ކަނޑައަޅައި، އެކަމާ ގުޅޭ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތް ބަޔާންކުރުން.

(ށ) ކްލެއިމްސް ޕްރޮސެސްކުރުމުގެ މަރުހަލާއާއި އިންވޮއިސްތަކަށް ފައިސާ ދެއްކުމުގެ މަރުހަލާ ވީހާވެސް ދެފުށް ފެންނާނެ ފަދަ ގޮތަކަށް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމާއި، ސްކީމާ މެދު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ގާއިމްކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކީ ހަރުދަނާ ކަމާއެކު ފޯރުކޮށްދޭ ހިދުމަތެއްކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހިދުމަތެއްކަން ކަށަވަރުކުރުން.

(ނ) ސްކީމުގެ ދަށުން ރަޖިސްޓަރީވެ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް ވެސް، ކްލެއިމްސްއާއި ފައިސާއާ ގުޅުންހުރި ހިޔާލުތަފާތުވުންތަކާ ގުޅުންހުރި ނިންމުންތަކާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމަށް ބާރުއެޅުމަށާއި، އެފަދަ ކަންކަމަށް ހައްލު ހޯދައިދިނުމަށް މަގުފަހިކުރުން.

(ރ) ކްލެއިމްސް ޕްރޮސެސްކުރުމުގައްޔާއި، ފައިސާއާ ގުޅުންހުރި ހިޔާލުތަފާތުވުންތަކާ ގުޅިގެން ފަސޭހައިން ށަކުވާ ހުށަހެޅޭނެ އިންތިޒާމެއް ގާއިމްކުރުން.

 

4 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިނގާނީ، ސްކީމު އިދާރީ ގޮތުން ބަލަހައްޓާ ފަރާތްތަކަށާއި، ސްކީމުގެ ދަށުން ރަޖިސްޓަރީވެ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިދުމަތް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށެވެ.

 

5 ވަނަ މާއްދާ - މައްސަލަ މުރާ ޖާކުރުމަށް ހުށަހެޅޭނެ ފަރާތްތައް

ސްކީމުގެ ދަށުން ރަޖިސްޓަރީވެ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކަށް ވެސް، ކްލެއިމްސްއާއި ފައިސާއާ ގުޅުންހުރި ށަކުވާތަކާއި، ގުޅުންހުރި ނިންމުންތަކާ ގުޅޭގޮތުން މައްސަލަ ހުށަހެޅުމުގެ ހައްގު މި ގަވާއިދުގެ ދަށުން ލިބިދެވޭނެއެވެ.

 

6 ވަނަ މާއްދާ - މައްސަލަ މުރާ ޖާކުރުމަށް ހުށަހެޅޭނެ ހާލަތްތައް

ކްލެއިމްސް ޕްރޮސެސްކުރުމާ ގުޅޭ ށަކުވާތަކާ ގުޅިގެން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މައްސަލަ މުރާޖާކުރުމަށް އަންނަނިވި ހާލަތްތަކުގައި ހުށަހެޅިދާނެއެވެ.

(ހ) ލިޔެކިޔުންތައް ހަމަނުވުން ނުވަތަ ފުރިހަމަ ނުވުން.

(ށ) އަގު ކަނޑައެޅުމުގައި މައްސަލައެއް ހުރިކަން ފާހަގަކުރެވުން.

(ނ) ޕޯޓަލް މެދުވެރިކޮށް ޓްރާންސެކްށަންތައް ބްލޮކްކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅިގެން.

(ރ) ކްލެއިމްސް ޕްރޮސެސްކުރުމުގައި ދިމާވާ އެހެނިހެން މައްސަލަތަކާ ގުޅިގެން.

 

7 ވަނަ މާއްދާ - މައްސަލަ މުރާ ޖާކުރުމަށް ހުށަހެޅުން

މި ގަވާއިދުގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ށަކުވާ ހުށަހަޅަންވާނ، އެކަމަށް އެޖެންސީން ކަނޑައަޅައިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމު މެދުވެރިކޮށެވެ. މި ފޯމު،އެޖެންސީ ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެޖެންސީ ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. މި ފޯމު ހުށަހަޅަންވާނީ، އެޖެންސީއަށް ނުވަތައެޖެންސީން ކަނޑައަޅާ ތަނަކަށެވެ.

 

8 ވަނަ މާއްދާ - މައްސަލަ މުރާޖާ ކުރުމަށް ހުށަހެޅުމުގެ މުއްދަތު

(ހ) ކްލެއިމްސް ޕްރޮސެސްކުރުން ނުވަތަ އިންވޮއިސްތަކަށް ފައިސާ ދެއްކުމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް މި ގަވާއިދުގެ ދަށުން މުރާޖާކުރުމަށް އެދޭނަމަ، އެކަމާ ގުޅޭ ނިންމުމެއް ނިންމާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ށ) "ރިޖެކްޓް" ކުރެވޭ ކްލެއިމްސްތަކާ ގުޅިގެން މި ގަވާއިދުގެ ދަށުން މުރާޖާކުރުމަށް އެދޭނަމަ، ކުންފުނިން ކްލެއިމްސް "ރިޖެކްޓް" ކުރިކަން އަންގާތާ  45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެފަދައިން ބަޔާންކޮށްފައި އޮތްނަމަވެސް، މަގުބޫލު އުޒުރެއް މެދުވެރިވެގެން އެ މުއްދަތުގެ ފަހުން ހުށަހަޅާ މައްސަލަތައް ބަލައިގަތުގެ އިހްތިޔާރު އެޖެންސީ އަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި ބަލާނީ، އެ ކަމެއް ހިނގިކަމަށް ކުންފުނިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައިވާ ތާރީހުތަކަށެވެ.

 

9 ވަނަ މާއްދާ - ހުށަހެޅޭ ފޯމުތަކަށް ޖަވާބުދިނުން 

(ހ) ފޯމު ފުރިހަމަކުރުމަށްފަހު، އެޖެންސީ އަށް ފޯމު ބަލައިގަންނަތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، ފޯމާމެދު ނިންމުނު ގޮތް، ފޯމު ހުށަހެޅި ފަރާތަށް އީމެއިލްގެ ޒަރީއާއިން އަންގަންވާނެއެވެ.

(ށ) މައްސަލައިގެ ބާވަތުން އިތުރަށް ހެކި ހޯދުމަށް ނުވަތަ އިތުރު ކަންކަން ބަލަންޖެހޭފަދަ ހާލަތްތަކުގައި ކަނޑައަޅައިފައިވާ މުއްދަތަށްވުރެ އިތުރު ވަގުތު ހިނގާނެކަމަށް ފެންނަނަމަ، އެކަމަށް ހިނގާނެ މުއްދަތު، ފޯމު ހުށަހެޅި ފަރާތަށް އެޖެންސީން އެސް.އެމް.އެސް. މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަންވާނެއެވެ.

(ނ) ކަމާ ގުޅުންހުރި އެހެން އެއްވެސް ގަވާއިދަކުން ނުވަތަ އުސޫލަކުން ހިދުމަތްދޭ ފަރާތްތަކުން ހުށަހަޅާ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާ މުއްދަތު ގުނުމުގައި، މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.

 

10 ވަނަ މާއްދާ - މައްސަލަ މުރާޖާކުރުމުގެ މަރުހަލާ 

(ހ) އެޖެންސީ އަށް ފޯމު ލިބޭތާ 1 (އެކެއް) ދުވަހުގެ ތެރޭގައި، ފޯމު ލިބުނުކަން، ފޯމު ހުށަހެޅި ފަރާތަށް އެސް.އެމް.އެސް. މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަންވާނެއެވެ. 

(ށ) ފޯމު ބަލައިގަންނާނީ، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަޔަށް ހުށަހަޅައިފާނަމައެވެ. އެޖެންސީ އަށް ފޯމު ލިބޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި، ހުށަހަޅައިފައިވާ ފޯމު ބަލައިގަނެވުނުކަން ނުވަތަ ބަލައިނުގަންނަނަމަ، އިތުރު މައުލޫމާތާއި ލިޔެކިޔުން ހަމަކުރުމަށް އެސް.އެމް.އެސް. ނުވަތަ އީމެއިލްގެ ޒަރީއާއިން، ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

(ނ) ހުށަހަޅައިފައިވާ ފޯމާ ގުޅޭގޮތުން ކުންފުނީ ގެ ބަހެއް ހޯދުމަށް 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެޖެންސީން ކުންފުންޏަށް ފޮނުވަންވާނެއެވެ. އަދި މައްސަލަ ކުންފުންޏަށް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، ކުންފުނިން އެޖެންސީ އަށް ޖަވާބު ފޮނުވަންވާނެއެވެ.

(ރ) ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ބޭނުންވާ އެންމެހައި މައުލޫމާތާއި ލިޔެކިޔުންތައް ހަމަވުމުން، މައްސަލައަށް ގޮތެއް ނިންމުމަށް ޓަކައި، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ބޯޑަށް ހުށަހަޅަންވާނެއެވެ.

(ބ) ހުށަހަޅައިފައިވާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތާއި ކަންހިނގައިދިޔަ ގޮތަށް 
ރިއާޔަތްކޮށް، އަންނަނިވި ގޮތްތަކަށް އަމަލުކުރުމަށް ބޯޑުން ނިންމިދާނެއެވެ.

  1. ހުށަހަޅައިފައިވާ މައްސަލަ ބަލައިގަނެ، ކްލެއިމްސް ޕްރޮސެސް ކުރުމަށް ޓަކައިފުރިހަމަނުވާ މައުލޫމާތު ހަމަކުރުމަށާއި، ހަމަނުވާ ލިޔެކިޔުންތައް ހަމަކުރުމަށްނުވަތަ އިތުރު ލިޔެކިޔުންތައް ހުށަހެޅުމަށް ފުރުސަތު ދިނުން؛
  2. ކުންފުނިން އަމަލުކޮށްފައިވަނީ ރަނގަޅަށްކަމަށް ބަލައި، ހުށަހަޅައިފައިވާ މައްސަލަ އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނިންމުން؛
  3. މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޓަކައި ހިދުމަތް ފޯރުކޮށްދޭ ފަރާތުން ނުވަތަ/އަދި ކުންފުނިން އިތުރު މައުލޫމާތާއި ލިޔެކިޔުން ހޯދުމަށް ނިންމުން؛
  4. ހުށަހަޅައިފައިވާ މައްސަލަ ދިރާސާކުރުމަށްފަހު، ކަމުގެ ބާވަތާއި ތަފުސީލުތަކަށް ރިއާޔަތްކޮށް ގޮތެއް ނިންމުން.

(ޅ) މައްސަލައަށް ގޮތެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ށަކުވާއާމެދު ނިންމުނު ގޮތް، އީމެއިލުގެ ޒަރީއާއިން ފޯމު ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ. މި އީމެއިލުގައި، ބޯޑުގެ ނިންމުން ތަފުސީލުކޮށް ހިމަނައިފައި އޮންނަންވާނެއެވެ.

 

11 ވަނަ މާއްދާ - ނިންމުމާ ގުޅިގެން "ކްލެއިމްސް ޕްރޮސެސިންގ" ކުރުމަށް އަލުން ހުށަހެޅުން

މި ގަވާއިދުގެ 10 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ އުސޫލުން މައްސަލަ ނިންމޭ ހާލަތްތަކުގައި، ހިދުމަތް ފޯރުކޮށްދޭ ފަރާތުން އަންނަނިވި ގޮތަށް އަމަލުކުރަންވާނެއެވެ.

(ހ) ނިންމުމާ އެއްގޮތަށް އިތުރު މައުލޫމާތު ނުވަތަ ލިޔެކިޔުންތަކާއެކު އަލުން "ކްލެއިމްސް ޕްރޮސެސިންގ" މަރުހަލާ ކުރިޔަށް ގެންދިއުމަށް ޓަކައި ހިދުމަތް ފޯރުކޮށްދޭ ފަރާތަށް އެކަން އަންގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ މައުލޫމާތާއި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ކުންފުންޏަށް ހުށަހަޅަންވާނެއެވެ.

(ށ) މިފަދަ ކްލެއިމްސްތައް ޕްރޮސެސްކުރުމަށް ޓަކައި "ކްލެއިމްސް ޕްރޮސެސިންގ" ފީ ގެ ގޮތުގައި، އެޖެންސީން "ކްލެއިމްސް ޕްރޮސެސް" ކުރުމަށް ކުންފުންޏަށް ދައްކަމުންދާ ފައިސާ ދައްކަންވާނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނެވެ. އެގޮތުން ހުށަހަޅާ އިންވޮއިސްތަކުގެ ޖުމުލަ ފައިސާގެ %5 (ފަހެއް އިންސައްތަ) ކުންފުންޏަށް ދައްކަންވާނެއެވެ. 

(ނ) މިފަދައިން ހުށަހެޅޭ ކްލެއިމްސް ކުންފުނިން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ޕްރޮސެސްކުރުމަށްފަހު ފައިސާ ހޯދުމަށް އެޖެންސީ އަށް ހުށަހަޅަންވާނެއެވެ.

 

12 ވަނަ މާއްދާ - ގަވާއިދު މުރާޖާ ކުރުން 

ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ހިޔާލާއި، އިދާރީ އުސޫލުތަކަށް ގެންނަ ބަދަލާއި، ކަމާ ގުޅުންހުރި އިދާރާތަކާއި އެހެނިހެން ފަރާތްތަކުން އަންގާ އެންގުންތަކާއި އަޅާ ފިޔަވަޅުތަކާއި، ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަ ބަދަލާއި މިނޫންވެސް ކަންކަމަށް ރިއާޔަތްކޮށް، ކޮންމެ 2 (ދޭއް) އަހަރުން އެއް އަހަރު، މި ގަވާއިދު މުރާޖާ ކުރަންވާނެއެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން 

މި ގަވާއިދަށް އަމަލުކުރަން ފަށާނ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

14 ވަނަ މާއްދާ - ގަވާއިދު ތަންފީޒުު ކުރުމާއި، ގަވާއިދު އިސްލާހު ގެނައުން

(ހ) މި ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒުުކޮށް ހިންގުމަކީ އެޖެންސީ ގެ ޒިންމާއެކެވެ. އަދި އެޖެންސީ ގެ ޒިންމާ ކަމުގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުުކުރުމަށް އެކަމާ ގުޅުންހުރި މަސައްކަތްތައް އެޖެންސީން ކަނޑައަޅާ ފަރާތަކާ ހަވާލުކުރުމުގެ އިހްތިޔާރު އެޖެންސީ އަށް ލިބިގެންވެއެވެ. މިގޮތަށް މަސައްކަތްތައް ހަވާލުކުރާ ހާލަތްތަކުގައި ވެސް، އެ ކަންކަމުގެ ޒިންމާ އުފުލާނ އެޖެންސީންނެވެ.

(ށ) މި ގަވާއިދަށް އިސްލާހެއް ގެންނަން ޖެހިއްޖެ ހިނދެއްގައި، އެ އިސްލާހު ގެނައުމުގެ ބާރާއި އިހްތިޔާރު ލިބިގެންވަނީ ސްކީމް މެނޭޖްމަންޓް ބޯޑަށެވެ.

 

15 ވަނަ މާއްދާ - ދުވަސް ގުނުން

މި ގަވާއިދުގެ ބޭނުމަށް ދުވަސް ގުނައިފައިވާނ، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

 

16 ވަނަ މާއްދާ - މާނަކުރުން 

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތައް މާނަކުރާނ، މި މާއްދާގައި އެ ލަފުޒުތަކުގެ މާނަކަމުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މި ގަވާއިދުގައި މުފުރަދުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް، އެ ލަފުޒުތައް ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް އަދި އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފުރަދު މާނައިގައި ބޭނުން ކުރެވޭނެއެވެ.

(ހ) "ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމުގައި ބުނެފައި އެވަނީ، ސްކީމުގެ ދަށުން ރަޖިސްޓަރީވެ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިދުމަތް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކަށެވެ.

(ށ) "ސްކީމް" ކަމުގައި ބުނެފައި އެވަނީީ، ގާނޫނު ނަންބަރު 2011-15 (އިޖުތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެގާނޫނު) ގައި ބަޔާންކޮށްފައިވާ ސްކީމަށެވެ.

(ނ) "ކްލެއިމްސް" ކަމުގައި ބުނެފައި އެވަނީ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކުންފުންނަށް ފައިސާ ހޯދުމަށް ފޮނުވާ ބިލުތަކަށެވެ.

(ރ) "ސްކީމް އިދާރީ ގޮތުން ބަލަހައްޓާ ފަރާތްތައް" ކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާއެޖެންސީ އާއި، މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކުންފުންޏަށެވެ.

(ބ) "ޕޯޓަލް" ކަމުގައި ބުނެފައި އެވަނީ، ސްކީމުގެ ހިދުމަތް ދިނުމަށް އާސަންދަ ކުންފުނިން ބޭނުންކުރުމަށް ކަނޑައަޅައިފައިވާ އޮންލައިން ޕޯޓަލަށެވެ.

(ޅ) "އެޖެންސީ" ކަމުގައި ބުނެފައި އެވަނީ، އިޖުތިމާއ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމު ހިންގުމަށް ޓަކައި، "ނޭށަނަލް ސޯށަލް ޕްރޮޓެކްށަން އެޖެންސީ" ގެ ނަމުގައި ގާނޫނު ނަންބަރު 2011-15 (އިޖުތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ އޮފީހަށެވެ.

(ކ) "ކުންފުނި" ކަމުގައި ބުނެފައި އެވަނީ، ސްކީމް ހިންގާ ފަރާތް ކަމުގައިވާ، އާސަންދަ ކޮމްޕެނީ ލިމިޓެޑަށެވެ.

(އ) "ށަކުވާ" ކަމުގައި ބުނެފައި އެވަނީ، ކްލެއިމްސްއާއި ފައިސާއާ ގުޅިގެން އުފެދޭހިޔާލުތަފާތުވުންތަކާ ގުޅުންހުރި ނިންމުންތަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލަތަކަށެވެ.

(ވ) "މަގުބޫލު އުޒުރު" ކަމުގައި ބުނެފައި އެވަނީ، އިންސާނީ ބާރު ނުފޯރާ ގުދުރަތީ ކާރިސާތަކަށް ނުވަތަ މި ގަވާއިދުގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީވާ ފާމަސީ ތަކާއި،އެޖެންސީ އާއި ކުންފުނީ ގެ ބާރުނުފޯރާފަދަ ކަންކަމަށެވެ.

(މ) "ސްކީމް މެނޭޖްމަންޓް ބޯޑު" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-15 (އިޖުތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ސްކީމު މެނޭޖްމަންޓް ބޯޑަށެވެ.

 

މައި ގާނޫނު

އިޖްތިމާއީ ސިއްހީ އިންށުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު