-

ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2022-131)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 22 އޮގަސްޓް 2022 ވަނަ ދުވަހު)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގައި ހިމެނޭ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތައް ހިންގުމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 6 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރޕޯސްޓުތަކުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) އާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރޕޯސްޓުތައް ގާއިމުކުރުމާއި، ހިންގުމާއި، ބަންދުކުރުމާއި، ހާލަތު ބަދަލުވުމުން އަމަލުކުރަންޖެހޭ އަސާސީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެ ތަންތަނުގެ އިދާރީ އޮނިގަނޑާއި މުވައްޒަފުންނާއި،ހާރިޖީ ސިޔާސަތު ހިންގުމަށް އަމަލުކުރަންޖެހޭނެ ގޮތްތަކާއި، ހޯސްޓް ސަރުކާރާއި މިނިސްޓްރީއާ އޮންނަންޖެހޭ ގުޅުންތައް ބަޔާންކޮށް، އެކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.

 

 

ދެވަނަ ބާބު

ސަފީރުން

 

3 ވަނަ މާއްދާ - ސަފީރުން

(ހ) ސަފީރުންނަކީ ބޭރު ގައުމުތަކުގައްޔާއި ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުގައި ދިވެހި ދައުލަތް ތަމްސީލުކުރުމަށްޓަކައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންނެވެ.

(ށ) ސަފީރުންގެ ވަޒީފާއަށް ފޮރިން ސަރވިސްގެ މުވައްޒަފުންނާއި ފޮރިން ސަރވިސްއިން ބޭރުންވެސް މީހުން އައްޔަނުކުރެވިދާނެއެވެ.

 

4 ވަނަ މާއްދާ - ސަފީރުން އައްޔަނުކުރެވޭ މުއްދަތު

ވަޒީފާއަށް އައްޔަނުކުރާ ސަފީރުންގެ ވަޒީފާގެ މުއްދަތަކީ 3 (ތިނެއް) އަހަރުދުވަހެވެ. އެ މުއްދަތު 1 (އެކެއް) އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް އިތުރުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

 

5 ވަނަ މާއްދާ - ސަފީރުން އައްޔަނުކުރުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް ސަފީރުން އައްޔަނުކުރާނީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ - ސަފީރުންގެ ށަރުތު

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަނުކުރާ ސަފީރުންގެ ކިބައިގައި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

 

7 ވަނަ މާއްދާ - ސަފީރުން އައްޔަންކުރުމުގެއިޖުރާއަތުތައް ފުރިހަމަކުރުން

ސަފީރުން އައްޔަންކުރުމުގައި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ އިތުރުން އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ހ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުން؛

(ށ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަދި ޑިޕްލޮމެޓިކް އާދަކާދަތަކުގެ ދަށުން އެ ގައުމަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ގައުމަކުން އެ މީހަކަށް ރުހުން ހޯދުން.

 

8 ވަނަ މާއްދާ - ސަފީރުންގެ މަސްއޫލިއްޔަތު އަދާކުރުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަންކުރާ ސަފީރުން، ދިވެހިރާއްޖޭގެ ފޮރިންސަރވިސްގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައްއަދާކުރަންވާނެއެވެ.

 

9 ވަނަ މާއްދާ - ސަފީރުން އިސްތިއުފާދިނުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަނުކުރާ ސަފީރުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިސްތިއުފާ ދެވިދާނެއެވެ.

 

10 ވަނަ މާއްދާ - ސަފީރުން އަނބުރާ ގެނައުމާއި ސަފީރުކަމުގެ ވަޒީފާއިން ވަކިކުރުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށް އައްޔަނުކުރާ ސަފީރުން އަނބުރާ ގެންނާނީ، އަދި މަގާމުން ވަކިކުރާނީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 19 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ - ނަން-ރެސި ޑެންޓް ސަފީރުން

(ހ) ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ އަރޓިކަލް 5 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަފީރަކު އެއް ގައުމަށްވުރެ ގިނަ ގައުމުތަކަށް ސަފީރުކަމުގައި، ނަން- ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަނުކުރެވިދާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ނަން-ރެސިޑެންޓް ސަފީރުންގެ ހުންނަންޖެހޭ ށަރުތާއި، އައްޔަނުކުރުމާއި، މަސްއޫލިއްޔަތާއި، އިސްތިއުފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރާނީ، މި ގަވާއިދުގެ 3، 4، 5، 6، 7، 8، 9، 10 ވަނަ މާއްދާއާ އެއްގޮތަށެވެ.

 

12 ވަނަ މާއްދާ - ނަން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ކަނޑައަޅާ ގައުމުގެ ރުހުން ހޯދުން

ނަން-ރެސިޑެންޓް ސަފީރުންނަށް ރުހުން ހޯދަން ހުށަހެޅުމުގައި ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ފުރަތަމަ ރުހުން ހޯދާނީ ރެސިޑެންޓް ސަފީރުގެ ގޮތުގައި އައްޔަނުކުރާ ގައުމުންނެވެ.

 

13 ވަނަ މާއްދާ - ފަތް ކޮޅު އެރުވުން

ސަފީރުން އެ ބޭފުޅުންގެ މަގާމުގެ ފަތްކޮޅު އަރުވާނީ، ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން،ފުރަތަމަ، ސަފީރު ގާއިމުވެގެން ހުންނަ ގައުމު، ދެން ގައުމުގައި ހުންނަ ސަފީރު އައްޔަންކޮށްފައި ހުންނަ ޖަމުއިއްޔާ، ދެން ނަން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖައްސާ ގައުމު،މި ތަރުތީބުންނެވެ.

 

 

ތިންވަނަ ބާބު

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ތައް

 

14 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންތައް

(ހ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަކީ، "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 "އާ އެއްގޮތްވާ ގޮތުގެމަތިން، އެ މިށަނެއް ކަނޑައަޅައިފައި ހުންނަ ގައުމެއްގައި، ނުވަތަ ޖަމުއިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިސާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި، ފުޅާކޮށް، މިށަން ހުންނަ ގައުމަށް ޒިޔާރަތްކުރާ، އަދި އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށްގާއިމުކޮށްފައި ހުންނަ ތަންތަނެވެ.

(ށ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަކީ އިދާރީ ގޮތުން މިނިސްޓްރީގެ ބައެކެވެ.

 

15 ވަނަ މާއްދާ - މިށަންތައް ގާއިމުކުރުމާއި ބަންދުކުރުން

(ހ) ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތައް ގާއިމުކުރުމާއި، އެ ގައުމުތަކުގައި ގާއިމުކޮށްފައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތައް ބަންދުކުރުމުގެ ނިންމުންތައް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޑިޕްލޮމެޓިކް މިށަނެއްގާއިމުކުރުމަށް ނުވަތަ ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފިނަމަ، އެ ކަންކަމާ ގުޅޭގޮތުން މި ގަވާއިދުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، އިޖުރާއަތުތައްފުރިހަމަކުރަންވާނެއެވެ.

 

16 ވަނަ މާއްދާ - މިށަންތައް ގާއިމުކުރުން

ބޭރު ގައުމެއްގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ގާއިމުކުރުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރަންވާނެއެވެ.

(ހ) ރާއްޖެއިން ބޭރުގައި ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމުން، އެ މިށަނަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކާއި، އެ މިށަންގެ މަސްއޫލިއްޔަތާއި، އޮނިގަނޑާއި، ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލާއި، މިށަން ގާއިމުކުރުމަށާއި، އަހަރެއްގެ މައްޗަށް ހިނގާނެ ހަރަދުގެ ތަފުސީލީ ބަޔާނެއް ތައްޔާރުކޮށް، މިނިސްޓަރ،ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނެއެވެ. މިށަން ގާއިމުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަދީ، މިނިސްޓަރަށް ލިޔުމުން އެންގުމުންނެވެ.

(ށ) ރާއްޖޭގެ ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނެއް އަލަށް ގާއިމުކުރެވޭނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، މިށަން ގާއިމުކުރާ ގައުމުގެ ސަރުކާރުން ނުވަތަ ޖަމްއިއްޔާއަކުން، ޑިޕްލޮމެޓިކް އާދަކާދަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ނ) ރާއްޖޭގެ ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނެއް ބޭރު ގައުމެއްގައި ގާއިމުކުރުމުގެ ކުރިން އެ މިށަނެއް ހިންގާނެގޮތުގެ އެންމެހައި ކަންކަން ހިމެނޭ ސްޓޭންޑަ ޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ.) މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމުކޮށްފައިހުރި މިށަންތަކުގެ އެސް.އޯ.ޕީ. އެކުލަވައިލެވިފައިނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީން އެކުލަވައިލައި، މިނިސްޓަރުގެ ހުއްދައާއެކު، އެއަށް އަމަލުކުރަން ފަށަންޖެހޭނެއެވެ.

 

17 ވަނަ މާއްދާ - މިށަނެއް ބަންދުކުރުން

ބޭރު ގައުމެއްގައި ގާއިމުކޮށްފައި ހުރި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

(ހ) ރާއްޖޭގެ ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރަން ސަރުކާރުން ނިންމާނީ، އެ މިށަނެއް ބަންދުކުރަންޖެހޭ ސަބަބާއި، ބަންދުކުރުމުން ނުކުމެދާނެ ސިޔާސީ، އިގްތިސާދީ، މާލީ އަދި އެހެނިހެން ނަތީޖާތައް ބަޔާންކުރާ ތަފުސީލީ ބަޔާނެއްމިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، އެ ހުޅަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް މިށަން ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަކަމަށް ބަޔާންކޮށް، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ލިޔުމުން ހުއްދަ ދިނުމުންނެވެ.

(ށ) ބޭރު ގައުމެއްގައި ގާއިމުކޮށްފައި ހުރި ރާއްޖޭގެ ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރާއިރު، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، ޑިޕްލޮމެޓިކްއާދަކާދައިގެ ދަށުން ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކަންކަން މިނިސްޓްރީންނާއި އެ މިށަނަކުން ފުރިހަމަކުރަންވާނެއެވެ.

(ނ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރާއިރު، ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން އެ މިށަނެއްގެ ހުރިހާ ލިޔެކިޔުންތަކެއްގެ ރައްކައުތެރިކަން ކަށަވަރުކުރަންވާނެއެވެ.

(ރ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރާނަމަ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އެންމެ ހައި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ބ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރާނަމަ، މިށަން ހުންނަ ގައުމެއްގެ ސަރުކާރަށް، ވިޔަފާރިތަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ނަމަވެސް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ. އަދި ފައިސާ ދެއްކުމަށް އެއްވެސް ހާލަތެއްގައި އުޒުރުވެރިވާނަމަ، މިނިސްޓްރީއަށް އެކަންލިޔުމުން އެންގުމާއެކު، އެކަމާ ގުޅޭގޮތުން މިނިސްޓްރީން އަންގާ ގޮތުގެމަތިންމިށަނުން އަމަލުކުރަންވާނެއެވެ.

 

18 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންގެބައެއްގެ ގޮތަށް ގާއިމުކުރެވޭ މަރުކަޒުތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައި ހުންނަ ބޭރުގެ ގައުމުތަކުގައި، ދިވެހިރާއްޖޭގެ ސަގާފަތް ކުރިއެރުވުމަށްޓަކައި، މިށަނުގެ ބައެއްގެ ގޮތުން، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރަށް މަރުކަޒުތައް ގާއިމުކުރެވިދާނެއެވެ.

 

19 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންގެބައެއްގެ ގޮތުގައި މަރުކަޒުގާއިމުކުރުމު ގެ އިޖުރާއަތުތައް

މި ގަވާއިދުގެ 18 ވަނަ މާއްދާގައި ބުނެފައިވާ މަރުކަޒުތައް ގާއިމުކުރުމުގައި ތިރީގައިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކުރާ މަރުކަޒުތައް ގާއިމުކުރުމަށް މިނިސްޓަރު ނިންމާނީ، އެފަދަ މަރުކަޒަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކާއި، އެ މަރުކަޒުގެ މަސްއޫލިއްޔަތާއި، އޮނިގަނޑާއި، ކުރަންޖެހޭ މަސައްކަތްތަކުގެ ތަފުސީލާއި، މަރުކަޒު ގާއިމުކުރުމަށާއި، އަހަރެއްގެ މައްޗަށް ހިނގާނެ ހަރަދުގެ ތަފުސީލީ ބަޔާނެއް ލިޔެ، ފޮރިން ސެކްރެޓަރީ، މިނިސްޓަރަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މަރުކަޒު ގާއިމުކުރުމަށް މިނިސްޓަރަށް ފެންނަ ނަމަ، އެކަމަށް، މިނިސްޓަރު ލިޔުމުން ހުއްދަ ދިނުމުންނެވެ.

(ށ) މިގޮތުން މަރުކަޒެއް ގާއިމުކުރުމަށް ފޮރިން ސެކްރެޓަރީ ހުށަހަޅަންވާނީ، އެ މަރުކަޒަކަށް ހިނގާނެ ހަރަދު ބަޖެޓުގައި ކަށަވަރުކުރުމަށްފަހުގައެވެ.

(ނ) މިފަދަ މަރުކަޒެއް ހުޅުވަންވާނީ، އެ މަރުކަޒެއް ގާއިމުކުރާ ގައުމެއްގެ ސަރުކާރުން، ހަމަޖައްސާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(ރ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒަކުން އެ ތަނުގެ ނަމުގައި ނުވަތަ އެ ތަނުން ހިންގާ ހަރަކާތްތަކަށް އަމިއްލަ ފަރާތަކުންނާއި ވިޔަފާރިތަކުންނާއި އެނޫން ފަރާތަކުން ޗަންދާ، ސްޕޮންސަރ ނުވަތަ އެހީގެ ގޮތުގައިވެސް، ފައިސާ އާއި ތަކެތި ހޯދަންވާނީ، ދައުލަތު މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން މިނިސްޓްރީން ހުއްދަ ލިބިގެންނެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފައިސާގެ ހިސާބާއި ތަކެތީގެ ރެކޯޑު ދައުލަތުގެމާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަމުން ގެންދާންވާނެއެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފައިސާ ބެލެހެއްޓުމަށް، މިނިސްޓަރަށް ފެނިވަޑައިގަންނަވާނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ޓްރަސްޓް އެކައުންޓެއް ހުޅުވިދާނެއެވެ.

(ކ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކުރާ މަރުކަޒުތައް ގާއިމުކުރުމުގެ ކުރިން އެ މަރުކަޒު ހިންގާނެގޮތުގެ އެންމެހައި ކަންކަން ހިމެނޭ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ.) މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމުކޮށްފައިހުރި މަރުކަޒުތަކުގެ އެސް.އޯ.ޕީ. އެކުލަވައިލެވިފައިނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ ގިނަވެގެން 3 މަސްދުވަހުގެ ތެރޭގައި އެސް.އޯ.ޕީ. މިނިސްޓްރީން އެކުލަވައިލައި، މިނިސްޓަރުގެ ހުއްދައާއެކު، އެއަށް އަމަލުކުރަން ފަށަންޖެހޭނެއެވެ.

 

20 ވަނަ މާއްދާ - ޑިޕްލޮމެޓިކް މިށަންގެ ބައެއްގެ ގޮތުގައި މަރުކަޒު ބަންދުކުރުމުގެ އިޖުރާއަތުތައް

ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒެއް ބަންދުކުރަންވާނީ ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

(ހ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒެއް ބަންދުކުރަން މިނިސްޓްރީން ނިންމާނީ، އެ މަރުކަޒެއް ބަންދުކުރަންޖެހޭ ސަބަބާއި، ބަންދުކުރުމުން ނުކުންނާނެ ނަތީޖާތަކަށް ރިއާޔަތްކުރާ ތަ ފުސީލީ ބަޔާނެއް ލިޔެ، ފޮރިން ސެކްރެޓަރީ މިނިސްޓަރަށް ހުށަހެޅުމުން، އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ މަރުކަޒު ބަންދުކުރުމަށް މިނިސްޓަރަށް ފެންނަ ނަމަ އެކަމަށް، މިނިސްޓަރު ލިޔުމުން ހުއްދަ ދިނުމުންނެވެ.

(ށ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒެއް ބަންދުކުރާއިރު، އޮންނަ އުސޫލަކުން އެ ގައުމެއްގެ ކަމާބެހޭ ފަރާތްތަކަށް އަންގައިއާންމުކޮށް ކުރަން ހުންނަ ކަންތައްތައް، މިނިސްޓްރީންނާއި އެ މިށަނުން ކުރަންވާނެއެވެ.

(ނ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒެއް ބަންދުކުރާނަމަ، ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނުގެ ދަށުން) އެ މަރުކަޒެއްގެ ހުރިހާ ލިޔެކިޔުންތަކެއްގެ ރައްކައުތެރިކަން ކަށަވަރުކުރަންވާނެއެވެ.

(ރ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒެއް ބަންދުކުރާނަމަ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ބ) ރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގެ ބައެއްގެ ގޮތުގައި ގާއިމުކޮށްފައި ހުންނަ މަރުކަޒެއް ބަންދުކުރާނަމަ، އެ މަރުކަޒު ހުންނަ ގައުމެއްގެ ސަރުކާރަށް، ވިޔަފާރިތަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ނަމަވެސް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ. އަދި ފައިސާ ދެއްކުމަށް އެއްވެސް ހާލަތެއްގައި އުޒުރުވެރިވާނަމަ، މިނިސްޓްރީއަށް އެކަން ލިޔުމުން އެންގުމާއެކު، އެކަމާ ގުޅޭގޮތުން މިނިސްޓްރީން އަންގާ ގޮތުގެމަތިން މިށަނުން އަމަލުކުރަންވާނެއެވެ.

 

21 ވަނަ މާއްދާ - މިށަންތަކުގެ މަސްއޫލިއްޔަތު

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކުން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައްއަދާކުރަންވާނެއެވެ.

(ހ) ހާރިޖީ އަދި އިގުތިސާދީ ސިޔާސަތު ހިންގުމާއި، ޑިޕްލޮމެޓިކް މިށަން ހުންނަ ގައުމުގައި ދިވެހިރާއްޖެ ތަމުސީލު ކުރުން.

(ށ) ދިވެހިރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރުމާއި، ދިވެހި ދައުލަތުގެ ސިޔާދަތާއި ރައްކައުތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތްތައް ދެނެގަތުން.

(ނ) އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށާއި، އެކިއެކި ބޭނުންތަކަށް ދަތުރުކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުސޫލުތަކެއް ކަނޑައަޅައި އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) މިށަން ހުންނަ ގައުމެއްގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ރިޕޯޓުކުރުން.

(ބ) ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ދެނެގަނެ، ދިވެހިރާއްޖެއާ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރެވޭނެ ގޮތްތައް ހޯދައި އެ މައުލޫމާތު، މިނިސްޓްރީއަށާއި ކަމާބެހޭ ފަރާތްތަކަށް އެންގުން.

(ޅ) މިށަން ހުންނަ ގައުމުގެ ސަރުކާރާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ޖަމުއިއްޔާ، ޖަމާއަތްތަކާއި، ޔުނިވަރސިޓީތަކާއި ދިރާސާކުރާ ތިންކްޓޭންކްސް ފަދަ ފަރާތްތަކާއި، އަދި އާންމު އެކިއެކި ފަރާތްތަކާ ގުޅުން ބަދަހިކުރުމާއި، އެކިއެކި ހަފުލާތަކާއި އިވެންޓްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

(ކ) ފޮރިން ސަރވިސްގެ އާންމު ގަވާއިދުގައިވާ ގޮތުގެމަތިން، ރާއްޖޭގެ އިގްތިސާދުކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ މައުލޫމާތާއި، ރާއްޖޭގެ ތަރައްގީއާއި، ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންނަށާއި، އިންވެސްޓަރުންނަށް އެކި ގޮތްގޮތުން ފޯރުކޮށްދިނުން.

(އ) ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި، ރާއްޖެއާބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމާއި، އެކި ގޮތްގޮތުން ރާއްޖެ ޕްރޮމޯޓްކުރުން.

(ވ) ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައިވާ ގައުމުގެ އެއްވެސް ފަރާތަކާ، ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަމުއިއްޔާއަކާ ދިވެހި ދައުލަތުން މުއާމަލާތް ކުރަންޖެހިއްޖެ ހާލަތުގައި، ދިވެހި ސަރުކާރު ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެ ފަރާތަކާ މުއާމަލާތު ކުރުން.

 

22 ވަނަ މާއްދާ - މިށަން މެދުވެރިކޮށް މުއާމަލާތުތައް ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައިވާ ގައުމުގެ އެއްވެސް ފަރާތަކާ، ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަ މުއިއްޔާއަކާ ދިވެހި ދައުލަތުން މުއާމަލާތު ކުރަންޖެހިއްޖެ ހާލަތުގައި އަމަލުކުރާނީ، އަންނަނިވި އުސޫލުންނެވެ.

(ހ) މިށަން ގާއިމުކޮށްފައިވާ ގައުމުގެ އެއްވެސް ފަރާތަކާ، ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަ މުއިއްޔާއަކާ ދިވެހި ދައުލަތުން މުއާމަލާތުކުރަންޖެހޭ ހާލަތުގައި، އެ ކުރަން ބޭނުންވާ މުއާމަލާތަކީ ސިޓީބިޓީގެ ޒަރީއާއިން ކުރާ މުއާމަލާތެއްނަމަ، އޭގެ ކޮޕީއާއެކު ހުށަހަޅާނީ މިނިސްޓްރީއަށެވެ.

(ށ) އެފަދަ މުއާމަލާތުތައް މިށަން ހުންނަ ގައުމުގެ ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަ މުއިއްޔާތަކަށް ރައްދުކުރުމަށް މިށަންތަކަށް ފޮނުވާނީ މިނިސްޓްރީންނެވެ.

(ނ) މިފަދައިން ކުރާ މުއާމަލާތުތަކުގައި އެ ފަރާތްތަކަށް އެޑްރެސް ކުރެވިފައިވާ ގޮތުގެ ސައްހަކަން މިނިސްޓްރީން ކަށަވަރު ކުރަންވާނެއެވެ.

(ރ) ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އޮފީސްތަކުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައިވާ ގައުމުގެ އެއްވެސް ފަރާތަކާ، ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަމްއިއްޔާތަކާ ބައްދަލުކުރަން އެދޭނަމަ، އެފަދަ ބައްދަލުވުމެއް ހަމަޖެއްސުމަށް އެދި ސަބަބު ބަޔާންކޮށް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ބ) ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އޮފީސްތަކުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައިވާ ގައުމަކުން ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަމުއިއްޔާއަކުން އެއްވެސް ކަހަލަ އެހީއަކަށް އެދޭނަމަ، ކަނޑައަޅައިފައިވާ ހުށަހެޅުންތަކުގެ ފޯމެޓާ އެއްގޮތަށް އެ ހުށަހެޅުމެއް ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާފުޅާއެކު މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ޅ) ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އޮފީސްތަކުން ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަން ގާއިމުކޮށްފައިވާ ގައުމުގެ އިސްވެރިންނަށް، ނުވަތަ މިށަން ކަނޑައަޅައިފައި ހުންނަ ޖަމުއިއްޔާގެ އިސްވެރިންނަށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް ދައުވަތު ދޭނަމަ އެ ދައުވަތު ރައްދުކުރާނީ މިނިސްޓްރީއަށެވެ.

 

23 ވަނަ މާއްދާ - ހެޑް އޮފް މިށަނާއި ށާޒެ ދަފެއާރ

ދިވެހިރާއްޖޭގެ ކޮންމެ ޑިޕްލޮމެޓިކް މިށަނެއްގެ ހެޑް އޮފް މިށަންގެ ގޮތުގައި ހުންނާނީ، އެ މިށަނެއް ކަނޑައަޅައިފައި ހުންނަ ގައުމަކަށް ނުވަތަ ޖަމުއިއްޔާއަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުންނަ ސަފީރެކެވެ. އެއްވެސް ސަބަބަކާހުރެ މިށަނެއްގެ ހެޑް އޮފް މިށަންގެ ގޮތުގައި ސަފީރަކު ނުހުންނަ ހާލަތެއްގައި، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މިށަނަކަށް ށާޒެ ދަފެއާރ، މިނިސްޓަރު އައްޔަންކުރަންވާނެއެވެ.

(ހ) މިށަން ގާއިމުކޮށްފައިވާ ގައުމުން ނުވަތަ އެ ގައުމު ހިމެނޭ ސަރަހައްދުން ސަފީރަކު ބޭރަށްދާނަމަ، އެކަން މިނިސްޓަރަށް ލިޔުމަކުން އަންގައި ހުއްދަ ހޯދަންވާނެއެވެ. އަދި އެ ހާލަތުގައި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 23 ވަނަ މާއްދާގެ

(ށ) ގައިވާ ގޮތުގެމަތިން މިށަންގެ ޑެޕިއުޓީ ހެޑް އޮފް މިށަން، އެ މިށަނެއްގެ ށާޒެ ދަފެއާރގެ ގޮތުގައި މިނިސްޓަރު އައްޔަންކުރަންވާނެއެވެ. އަދި ޑެޕިއުޓީ ހެޑް އޮފް މިށަންވެސް ނުހުންނަ ހާލަތުގައި، ފޮރިން ސަރވިސްގެ މުވައްޒަފެއް، އެ މިށަނެއްގެ ށާޒެ ދަފެއާރގެ ގޮތުގައި މިނިސްޓަރު އައްޔަންކުރަންވާނެއެވެ.

(ށ) ސަފީރަކު ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް ދިމާވެއްޖެ ނަމަ، އެކަން ސަފީރު ނުވަތަ މިށަންގައި އެ ވަގުތު ސަފީރުގެ ދަށުން މަސައްކަތްކުރާ އެންމެ އިސް މުވައްޒަފަކު ވަގުތުން މިނިސްޓަރަށް އަންގަންވާނެއެވެ. އަދި މިފަދަ ހާލަތެއްގައިވެސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 
އެ މިށަންގެ ށާޒެ ދަފެއާރ މިނިސްޓަރު އައްޔަންކުރަންވާނެއެވެ. އަދި މިކަން އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށް އެންގުމަށް، ސަފީރު ނުކުޅެދޭ ހާލަތެއް ދިމާވެއްޖެ ނަމަ އެކަން އަންގާނީ މިނިސްޓްރީންނެވެ.

(ނ) ސަފީރަކު މަގާމުން އިސްތިއުފާ ދީފިނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެއްވެސް ހާލަތެއްގައި ސަފީރުކަމުގެ މަގާމު ހުސްވެއް ޖެނަމަ، އަލުން އެ މަގާމަށް އައު ސަފީރަކު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަންދެން ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން ށާޒެ ދަފެއާރ އައްޔަނުކުރާނީ މިނިސްޓަރެވެ.

(ރ) އެއްވެސް ހާލަތެއްގައި ށާޒެ ދަފެއާރ އެއް އައްޔަނުކުރުމުގެ އިހްތިޔާރު މިނިސްޓަރު ނޫން ފަރާތަކަށް ލިބިގެނެއް ނުވެއެވެ.

 

24 ވަނަ މާއްދާ - ނަން-ރެސިޑެންޓް މިށަން

(ހ) ދިވެހިރާއްޖޭގެ ނަން-ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނަކީ ނަން-ރެސިޑެންޓް ސަފީރުގެ އިތުރުން އެ މިށަނެއްގެ މުވައްޒަފުން ނަން-ރެސިޑެންޓް ޑިޕްލޮމެޓުންގެ ގޮތުގައި އެހެން ގައުމަކަށް ކަނޑައަޅައިފައި ހުންނަ މިށަންތަކެވެ.

(ށ) ނަން-ރެސިޑެންޓް މިށަނެއްގެ ގޮތުގައި މިށަނެއް ކަނޑައަޅާނީ މިނިސްޓަރެވެ.

 

 

ހަތަރު ވަނަ ބާބު

ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓުތައް

 

25 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓުތައް

ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓުތަކަކީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނެވެ.

 

26 ވަނަ މާއްދާ - ކޮންސިއުލަރޕޯސްޓުތަކުގެ ގިންތިތައް

ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓުތައް ބެހިގެންވަނީ އަންނަނިވި 2 (ދޭއް) ގިންތީގެ މައްޗަށެވެ.

(ހ) ކޮންސިއުލަރ ޕޯސްޓު

(ށ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓު

 

27 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓު ގާއިމުކުރުމާއި ބަންދުކުރުން

(ހ) ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓު ގާއިމުކޮށް ބަންދުކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންސިއުލަރ ޕޯސްޓެއް ގާއިމުކުރުމަށް ނުވަތަ ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމައިފިނަމަ، އެ ކަންކަމާ ގުޅޭގޮތުން މި ގަވާއިދުގެ 28 ވަނަ މާއްދާއާއި 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ނ) ކޮންސިއުލަރ ޕޯސްޓުތަކާއި އެ ޕޯސްޓުތަކުގެ ދަށުން ގާއިމުކުރެވޭ އެހެނިހެން ތަންތަނަކީ، އިދާރީގޮތުން މިނިސްޓްރީގެ ބައެކެވެ.

 

28 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކުރުން

ބޭރު ގައުމުތަކުގައި ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކުރުމުގައި އަންނަނިވި އިޖުރާއަތްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ރާއްޖެއިން ބޭރުގައި ކޮންސިއުލަރ ޕޯސްޓެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމުން، އެ ޕޯސްޓަކުން ހާސިލުކުރަން ބޭނުންވާ މަގުސަދުތަކާއި، އެ ޕޯސްޓުގެމަސްއޫލިއްޔަތާއި، އޮނިގަނޑާއި، ކުރަންޖެހޭ މަސައްކަތްތަކުގެ ތަފު ސީލާއި، ހިނގާނެ ހަރަދުގެ ތަ ފުސީލީ ބަޔާނެއް ތައްޔާރުކޮށް، މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް 
ހުށަހަޅަންވާނެއެވެ. ކޮންސިއުލަރ ޕޯސްޓު ގާއިމުކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހުއްދަދީ، މިނިސްޓަރަށް ލިޔުމުން އެންގުމުންނެވެ.

(ށ) ރާއްޖޭގެ ކޮންސިއުލަރ ޕޯސްޓެއް އަލަށް ގާއިމުކުރެވޭނީ، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963 ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، ކޮންސިއުލަރ ޕޯސްޓު ގާއިމުކުރާ ގައުމުގެ ސަރުކާރުން، ޑިޕްލޮމެޓިކް އާދަކާދަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅައިފައިވާ

(ނ) ރާއްޖޭގެ ކޮންސިއުލަރ ޕޯސްޓެއް ގާއިމުކުރުމުގެ ކުރިން އެ ކޮންސިއުލަރ ޕޯސްޓު އުސޫލުތަކާ އެއްގޮތަށެވެ.ހިންގާނެގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ.) މިނިސްޓްރީން އެކުލަވައިލަންވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާއިރު ގާއިމުކޮށްފައިހުރިކޮންސިއުލަރ ޕޯސްޓުތަކުގެ މަސައްކަތްތައް ހިމެނޭ އެސް.އޯ.ޕީ. އެކުލަވައިލައިފައި ނުވާނަމަ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، މިނިސްޓްރީގެ ހުއްދައާއެކު، އެއަށް އަމަލުކުރަން ފަށަންވާނެއެވެ.

 

29 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓުތައް ބަންދުކުރުން

ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓުތައް ބަންދުކުރަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހުގައެވެ.

(ހ) ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރަން ސަރުކާރުން ނިންމާނީ، އެ ޕޯސްޓެއް ބަންދުކުރަންޖެހޭ ސަބަބާއި، ބަންދުކުރުމުން ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ހިދުމަތަށް ކުރާނެ އަސަރާއި، ނުކުމެދާނެ ސިޔާސީ، އިގްތިސާދީ، މާލީ އަދި އެހެނިހެން ނަތީޖާތައް ބަޔާންކުރާ ތަފުސީލީ ބަޔާނެއް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށްހުށަހެޅުމުން، އެ ހުޅަހެޅުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ޕޯސްޓު ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަކަމަށްބަޔާންކޮށް، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ލިޔުމުން ހުއްދަ ދިނުމުންނެވެ.

(ށ) ބޭރު ގައުމެއްގައި ގާއިމުކޮށްފައި ހުރި ރާއްޖޭގެ ރެސިޑެންޓް ޑިޕްލޮމެޓިކް މިށަނެއް ބަންދުކުރާއިރު، ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963 ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތައް ފުރިހަމަކުރުމާއެކު، ޑިޕްލޮމެޓިކްއާދަކާދައިގެ ދަށުން ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ 
ކަންކަން މިނިސްޓްރީންނާއި އެ ޕޯސްޓަކުން ފުރިހަމަކުރަންވާނެއެވެ.

(ނ) ރާއްޖޭގެ ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރާނަމަ، ގާނޫނު ނަންބަރު 2011-16 (ދިވެހިރާއްޖޭގެ ގައުމީ އަރުށީފުގެ ގާނޫނު) ގެ ދަށުން، އެ ޕޯސްޓެއްގެ ހުރިހާ ލިޔެކިޔުންތަކެއްގެ ރައްކައުތެރިކަން ކަށަވަރުކުރަންވާނެއެވެ.

(ރ) ރާއްޖޭގެ ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރާނަމަ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ބ) ރާއްޖޭގެ ކޮންސިއުލަރ ޕޯސްޓެއް ބަންދުކުރާނަމަ، ޕޯސްޓު ހުންނަ ގައުމެއްގެ ސަރުކާރަކަށް، ވިޔަފާރިތަކަށް ނުވަތަ އަމިއްލަ ފަރާތަކަށް ނަމަވެސް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ވާނަމަ، އެ ފައިސާ ދައްކައި ހަލާސްކުރަންވާނެއެވެ. އަދި ފައިސާ ދެއްކުމަށް އެއްވެސް ހާލަތެއްގައި އުޒުރުވެރިވާނަމަ، މިނިސްޓްރީ އޮފް ފިނޭންސުން އަންގާގޮތެއްގެ މަތިން އަމަލުކުރަންވާނެއެވެ.

 

30 ވަނަ މާއްދާ - ކޮންސިއުލަރ ޕޯސްޓުގެ މަސްއޫލިއްޔަތު

ދިވެހިރާއްޖޭގެ ކޮންސިއުލަރ ޕޯސްޓުތަކުން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައްއަދާކުރަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއެރުވުން.

(ށ) ދިވެހިރާއްޖެއަށް ފައިދާއާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުން.

(ނ) ކޮންސިއުލަރ ޕޯސްޓެއް ހުންނަ ސަރަހައްދަކަށް ޒިޔާރަތްކުރާ، އަދި އެ ސަރަހައްދެއްގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުން.

(ރ) ދިވެހިންނަށް ދޭންޖެހޭ ކޮންސިއުލަރ ހިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އެ ހިދުމަތްތައް އިތުރުކޮށް ފުޅާކޮށް ހަރުދަނާކުރުން.

(ބ) މިނިސްޓްރީގެ މަސައްކަތްތަކަށް މަދަދުވެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެ ހައި މަސައްކަތްތައް ކުރުން.

(ޅ) ދިވެހި ދައުލަތުގެ ވަފްދުތަކުން، ކޮންސިއުލަރ ޕޯސްޓު ހުންނަ ސިޓީއަކަށް ނޫނީ ސަރަހައްދަކަށް ކުރާ ރަސްމީ ދަތުރުތަކުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް، މެހެމާންދާރީ އަދާކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.


31 ވަނަ މާއްދާ - ހެޑް އޮފް ކޮންސިއުލަރ ޕޯސްޓު

(ހ) ދިވެހިރާއްޖޭގެ ކޮންމެ ކޮންސިއުލަރ ޕޯސްޓެއް ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހެޑް އޮފް ކޮންސިއުލަރ ޕޯސްޓު އައްޔަންކޮށް، އަދި އެ ފަރާތެއް އަނބުރާ ގެންނާނީ، މި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރެވެ.

(ށ) ހެޑް އޮފް ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް އައްޔަނުކުރާނީ، ކޮންސުލް ޖެނެރަލް ނުވަތަ ކޮންސުލްއެކެވެ.

(ނ) ހެޑް އޮފް ކޮންސިއުލަރ ޕޯސްޓުގެ މަގާ މަށް އައްޔަނުކުރަންވާނީ ހަމައެކަނި ފޮރިން ސަރވިސްގެ މުވައްޒަފުންނެވެ.

(ރ) އެއްވެސް ސަބަބަކާހުރެ ހެޑް އޮފް ކޮންސިއުލަރ ޕޯސްޓުގެ ވަޒީފާ ހުސްވެއްޖެނަމަ ވަގުތީގޮތުން އެ ކޮންސިއުލަރ ޕޯސްޓު ހިންގުމާ ހަވާލުވާނީ، އެ ޕޯސްޓުގައި ތިބި ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެކެވެ.

 

32 ވަނަ މާއްދާ - ހެޑް އޮފް ކޮންސިއުލަރޕޯސްޓުގެ މަސްއޫލިއްޔަތު

ހެޑް އޮފް ކޮންސިއުލަރ ޕޯސްޓުގެ މަސްއޫލިއްޔަތުތަކަކީ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނާއި، މި ގަވާއިދުގައި ކޮންސިއުލަރ ޕޯސްޓުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުވާނެހެން ކޮންސިއުލަރ ޕޯސްޓު ހިންގުމާއި، ދިވެހިރާއްޖެއާއިކޮންސިއުލަރ ޕޯސްޓު ގާއިމުކޮށްފައިވާ ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސިއުލަރ ޕޯސްޓުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމެވެ.

 

33 ވަނަ މާއްދާ - އޮނަރަރީ ކޮންސިއުލަރޕޯސްޓު

(ހ) ބޭރު ގައުމުތަކުގައި ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސިއުލަރ ޕޯސްޓުތައް ގާއިމުކޮށް ބަންދުކުރާނީ މިނިސްޓަރުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

(ށ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓެއްގެ "ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު" ގެ ގޮތުގައި ހުންނާނީ، "އޮނަރަރީ ކޮންސުލް ޖެނެރަލް" ނުވަތަ "އޮނަރަރީ ކޮންސުލް" އެކެވެ.

(ނ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓަކީ އިދާރީގޮތުން މިނިސްޓްރީގެ ބައެއް ނޫނެވެ.

(ރ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ "ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު" އަށް، އަދި ޕޯސްޓުގެ އެއްވެސް މުވައްޒަފަކަށް، ދައުލަތުގެ ބަޖެޓުން އެއްވެސް މުސާރައެއް، އުޖޫރައެއް، ނުވަތަ ފައިސާގެ އިނާޔަތެއް ނުދޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މިނިސްޓްރީން ލިޔުމުން އަންގާ އެންގުމަކަށް، ދައުލަތަށް އަނބުރާ ފައިސާ ދައްކާ ގޮތަށް، އޮނަރަރީކޮންސިއުލަރ ޕޯސްޓުން ރަސްމީ ބޭނުންތަކަށްޓަކައި ކުރާ ހަރަދުތަކަށް ދައުލަތުން ފައިސާ ދެއްކުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. އެގޮތުން، އޮނަރަރީ ކޮންސިއުލަރ
ޕޯސްޓުން ރަސްމީ ބޭނުންތަކަށްޓަކައި ކުރާ ހަރަދުތަކަށް ފައިސާ ދައްކާނީ، ގާނޫނު ނަންބަރު 2006-03 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއި ދާ އެއްގޮތްވާގޮތުގެމަތިންނެވެ.

 

34 ވަނަ މާއްދާ - ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު އައްޔަނުކުރުން

އޮނަރަރީ ކޮންސިއުލަރ ޕޯސްޓެއްގެ "ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު" މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އައްޔަނުކޮށް ވަކިކުރާނީ މިނިސްޓަރެވެ.

 

35 ވަނަ މާއްދާ - ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު އައްޔަނުކުރުމުގައިފުރިހަމަކުރަންޖެހޭ ކަންތައްތައް

ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު އައްޔަނުކުރުމުގައި ތިރީގައި މިވާ ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ.

(ހ) ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް އައްޔަނުކުރަން މިނިސްޓަރު ހުށަހަޅާ މީހަކު، އެ މަގާމާ ހަވާލުވުމަށް ރުހި ގަބޫލުކަން ކަށަވަރުކޮށް، އަދި އޭނާއަކީ ނަޒާހަތްތެރި، މާލީގޮތުން ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ އޮފީހެއް ގާއިމުކުރުމުގެ ތަނަވަސްކަން ހުރި މީހެއްކަން ކަށަވަރު ކުރުން.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދަ ފަރާތެއް އައްޔަނުކުރުމަށް މިނިސްޓަރު ނިންމައިފިނަމަ، އޭނާ އައްޔަނުކުރުމަށް އޭނާގެ ވަނަވަރާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިލިޔުމުން ރުހުން ހޯދުން.

(ނ) ރައީސުލްޖުމްހޫރިއްޔާގެ ރުހުން ލިޔުމުން ލިބުމާއެކު، އޭނާ އައްޔަނުކުރަން ގަސްތުކުރާކަން އޮނަރަރީ ކޮންސިއުލަރ ޕޯސްޓު ހުންނަ ގައުމެއްގެ ސަރުކާރަށް އަންގައި އެ ގައުމެއްގެ ސަރުކާރުގެ ރުހުން ލިޔު މުން ހޯދުން.

(ރ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓު ގާއިމުކުރާ ގައުމެއްގެ ރުހުން ލިބުމާއެކު،މިނިސްޓަރުގެ ސިއްކަ ޖަހައި ސޮއިކޮށް، މަގާމަށް އައްޔަނުކުރިކަމުގެ ސިޓީއެއް ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް ހުށަހަޅައިފައިވާ ފަރާތަށާއި އޮނަރަރީ ކޮންސިއުލަރ ޕޯސްޓު ގާއިމުކުރާ ގައުމުގެ ސަރުކާރަށް ފޮނުވުން.

(ބ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓެއް ގާއިމުކުރުމާއެކު އެ މައުލޫމާތު، އާންމުކޮށް އިއުލާންކުރުމާއި، އެ މައުލޫމާތު މިނިސްޓްރީގެ ހުރިހާ ޑިޕާޓްމަންޓްތަކަށާއި 
ޑިޕްލޮމެޓިކް މިށަންތަކަށާއި ކޮންސިއުލަރ ޕޯސްޓުތަކަށް އެންގުން.

(ޅ) ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް މީހަކު އައްޔަނުކުރުމަށްފަހު، އެ ގައުމެއްގެ ސަރުކާރުން އޭނާއަށް ދީފައިވާ 'އެގްޒެކިއުޓަރ' (Exequatur) ލިޔުން މިނިސްޓްރީން ހޯދައި، ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓާ ހަ ވާލުކުރުން.

 

36 ވަނަ މާއްދާ - ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓު ވަކިކުރުން

ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމުން ވަކިކުރާނީ، އޭނާއާ ހަވާލުކޮށްފައިވާ މަސައްކަތްތައް އޭނާ ނުކުރާނަމަ ނުވަތަ އެ މަސައްކަތް ކުރަން އުޒުރުވެރިވާނަމަ، ނުވަތަ އޭނާގެ މަގާމު ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ ނުވަތަ އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ހާލަތެއް ދިމާވެއްޖެ ނަމަ، މިނިސްޓަރެވެ.

 

37 ވަނަ މާއްދާ - އޮނަރަރީ ކޮންސިއުލަރޕޯސްޓުގެ މަސްއޫލިއްޔަތު

ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސިއުލަރ ޕޯސްޓުތަކުން ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ހ) ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ދެ ގައުމުގެ ދޭތެރޭ އޮންނަ އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުން.

(ނ) ދިވެހިރާއްޖޭގެ މަސްލަހަތު ރައްކައުތެރިކުރުން.

(ރ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓު ގާއިމުކުރެވިފައިވާ ސަރަހައްދަށް ރަސްމީ ދަތުރުތަކުގައި ޒިޔާރަތް ކުރާ ދިވެހި ދައުލަތުގެ ވަފްދުތަކާއި އެކިއެކި ފަރާތްތަކަށް އެ ސަރަހައްދެއްގައި ލިބެން ހުރި އިމްތިޔާޒުތަކާއި މެހެމާންދާރީއެއް ހޯދައިދިނުން.

 

38 ވަނަ މާއްދާ - ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަސްއޫލިއްޔަތު

ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުތަކުން ތިރީގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.

(ހ) ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުން.

(ށ) ދެ ގައުމުގެ ދޭތެރޭގައި އޮންނަ އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުން.

(ނ) ދިވެހިރާއްޖޭގެ މަސްލަހަތު ރައްކައުތެރިކުރުން.
(ރ) އޮނަރަރީ ކޮންސިއުލަރ ޕޯސްޓު ގާއިމުކުރެވިފައިވާ ސަރަހައްދަށް ރަސްމީ ދަތުރުތަކުގައި ޒިޔާރަތް ކުރާ ދިވެހި ދައުލަތުގެ ވަފްދުތަކާއި އެކިއެކި ފަރާތްތަކަށް އެ ސަރަހައްދެއްގައި ލިބެން ހުރި އިމްތިޔާޒުތަކާއި މެހެމާންދާރީއެއް ހޯދައިދިނުން.

(ބ) ކޮންސިއުލަރ ޕޯސްޓުގެ މަސައްކަތްތައް ގަވާއިދުން މިނިސްޓްރީއަށް ރިޕޯޓުކުރުން.

(ޅ) ކޮންސިއުލަރ ޕޯސްޓުތަކުން ކުރުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައްހާސިލުކުރުން.

 

 

ފަސްވަނަ ބާބު

ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓު ތަކުގެ ލޯކަލް މުވައްޒަފުން

 

39 ވަނަ މާއްދާ - މިށަންތަކާއި ކޮންސިއުލަރޕޯސްޓުތަކުގެ ލޯކަލް ސްޓާފުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި، އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ލޯކަލް ސްޓާފުންގެ ގޮތުގައި މުވައްޒަފުން އައްޔަނުކުރެވިދާނެއެވެ.

(ހ) މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ލޯކަލް ސްޓާފުންގެ ގޮތުގައި މުވައްޒަފުން އައްޔަނުކުރަންވާނީ، ފޮރިން ސަރވިސްގެ ގާނޫނުގެ 40 ވަނަ މާއްދާ ބަޔާންކުރާއިދާރީ މަސައްކަތްކުރުމަށް، ފޮރިން ސަރވިސްގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓަރުގެ ލަފަޔާއެކު ފޮރިން ސެކްރެޓަރީ އެކުލަވައިލާ ފޮރިން ސަރވިސްގެ އޮނިގަނޑުގެ ތެރެއިންނެވެ.

(ށ) މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ ލޯކަލް ސްޓާފުންގެގޮތުގައި މުވައްޒަފުން އައްޔަނުކުރަންވާނީ ކޮންޓްރެކްޓެއްގެ ދަށުން ކަނޑައެޅޭ ވަކި މުއްދަތަކަށެވެ.

(ނ) ލޯކަލް ސްޓާފަކު ގެންގުޅުމަށްޓަކައި ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނީ މިނިސްޓްރީން އެކަމަށް ލިޔުމަކުން ހުއްދަ ދިނުމުންނެވެ.

(ރ) ލޯކަލް ސްޓާފުންގެ ގޮތުގައި މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކަށް މުވައްޒަފުން އައްޔަނުކުރަންވާނީ، އެ ތަނެއް ގާއިމުކޮށްފައިވާ ގައުމުގެ ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

 

ހަވަނަ ބާބު

އާންމު އުސޫލުތައް

 

40 ވަނަ މާއްދާ - ހެޑް އޮފް މިށަ ނެއް އެ ގައުމެއްގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރުން

(ހ) އެއްވެސް ހާލަތެއްގައި ސަފީރަކު ހުންނަ ގައުމެއްގެ ފޮރިން މިނިސްޓްރީއަކުން ސަފީރު ހާޒިރުވާން (ސަމަން ކުރުން) އަންގައިފިނަމަ، އެކަން ވަގުތުން މިނިސްޓްރީއަށް އަންގައި، ހާޒިރުކުރާ މައްސަލައަކާ ގުޅޭގޮތުން އެނގޭ އެންމެ ހައި މައުލޫމާތު މިނިސްޓްރީއާ ހިއް ސާކޮށް، މިނިސްޓްރީއާ މަށްވަރާ ކުރަންވާނެއެވެ. އަދި އެކަމުގައި އަމަލުކުރާނީ މިނިސްޓްރީން އަންގާގޮތަށް އެ މިންވަރަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބައްދަލުވުން ނިމުމާއެކު، ބައްދަލުވުމުގައި ދެކެވުނު ވާހަކަ މިނިސްޓްރީއަށް ވަގުތުން ހިއްސާކޮށް، އެ ކަމާބެހޭ ރިޕޯޓެއް އެ ދުވަހު މިނިސްޓްރީއަށް ފޮނުވަން ވާނެއެވެ.

 

41 ވަނަ މާއްދާ - އިމަރޖެންސީ އިވެކުއޭށަން

(ހ) ދާހިލީ ހަމަނުޖެހުން ނުވަތަ ހަނގުރާމައިގެ ހާލަތެއްގައި ނުވަތަ އެނޫންވެސް ބޮޑެތި ހާލަތްތަކުގައި ހެޑް އޮފް މިށަންތަކާއި ހެޑް އޮފް ކޮންސިއުލަރ ޕޯސްޓުތަކުގެ އެންމެ އިސްވާޖިބަކީ، މިށަންގެ އެންމެހައި މުވައްޒަފުންގެ ރައްކައުތެރިކަން ކަށަވަރުކުރުމެވެ. އަދި މިފަދަ ހާލަތެއް ކުރިމަތިވާކަމުގެ އަލާމާތްތައް ފެންނަ ނަމަ އެކަން މިނިސްޓްރީއަށް ވަގުތުން ވަގުތަށް ހިއްސާކުރަމުން ގެންދަންވާނެއެވެ.

(ށ) އެއްވެސް ހާލަތެއްގައި ޗާންސަރީ ހުސްކުރަންޖެހިއްޖެނަމަ، ދިވެހި ދައުލަތުގެ ސިއްރު ލިޔެކިޔުންތައް ބޭރުގެ އެއްވެސް ފަރާތަކަށް ލިބުމުގެ ފުރުސަތު ނެތްކަން ހެޑް އޮފް މިށަން ނުވަތަ ހެޑް އޮފް ކޮންސިއުލަރ ޕޯސްޓު ކަށަވަރު ކުރަންވާނެއެވެ.

(ނ) މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ބަޔާންކުރާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރއެއް (އެސް.އޯ.ޕީ) ދިވެހިރާއްޖޭގެ ކޮންމެ ޑިޕްލޮމެޓިކް މިށަނަކާއި ކޮންސިއުލަރ ޕޯސްޓަކުން އެކުލަވައިލަންވާނެއެވެ. އަދި، އެސް.އޯ.ޕީ ގައިބަޔާންކޮށްފައިވާ ގޮތުގެމަތިން މިފަދަ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ގުޅޭގޮތުން ތަނުގެ ހުރިހާ މުވައްޒަފުންނަށް މައުލޫމާތު ދިނުމާއެކު، އެކަންކަމާ ގުޅޭގޮތުން މުވައްޒަފުން ތަމްރީނުކުރަންވާނެއެވެ.

 

42 ވަނަ މާއްދާ - ޑިޕްލޮމެޓިކް އިމްތިޔާޒު ގެބޭނުންކުރުން

ޑިޕްލޮމެޓަކު އެ ޑިޕްލޮމެޓަކު މަސައްކަތްކުރާ ގައުމެއްގެ ގާނޫނާއި ގަވާއިދާ ހިލާފުވިކަމުގެ ތުހުމަތުގައި އެ ގައުމެއްގެ ގާނޫނީ ފަރާތްތަކުން ހޯދާނަމަ، އެކަން ވަގުތުން މިނިސްޓްރީއަށް އަންގަންވާނެއެވެ.

 

43 ވަނަ މާއްދާ - ހޯސްޓް ގައުމުގެ ސަރުކާރުގެ އިތުބާރު އަނބުރާ ގެންދިއުން

(ހ) ދިވެހިރާއްޖެއިން ގައުމަކަށް ކަނޑައަޅައިފައި ހުންނަ ސަފީރަކަށް ނުވަތަ ޑިޕްލޮމެޓަކަށް އެ ގައުމެއްގެ ސަރުކާރަކުން އިތުބާރު ނެތްކަމަށް އަންގައިފިނަމަ އެކަން މިނިސްޓްރީއަށް ވަގުތުން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައި ސަފީރަކު ނުވަތަ ޑިޕްލޮމެޓަކު އަނބުރާ ރާއްޖެ އައުމުގެ އެންމެހައި އިންތިޒާ މުތައް މިނިސްޓްރީން އަންގާ އުސޫލެއްގެ ދަށުންއެ މިށަނަކުން ނުވަތަ ކޮންސިއުލަރ ޕޯސްޓަކުން ހަމަޖައްސަންވާނެއެވެ.

 

44 ވަނަ މާއްދާ - މިށަންތަކުގެ އިދާރީ އޮނިގަނޑު

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލަންވާނީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން އެކުލަވައިލާ މުވައްޒަފުންގެ ގަވާއިދުގެ ދަށުންނެވެ.

 

45 ވަނަ މާއްދާ - އޮނިގަނޑު އިސްލާހުކުރުން

ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކާއި ކޮންސިއުލަރ ޕޯސްޓުތަކުގެ އިދާރީ އޮނިގަނޑުތަކަށް ބަދަލުގެންނާނީ، މިނިސްޓަރުގެ ލަފަޔާއެކު ފޮރިން ސެކްރެޓަރީއެވެ.

 

46 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

47 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލު ކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(ނ) "ފޮރިން ސެކްރެޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2021-20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު) ގެ 10 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ ފަރާތަށެވެ.

(ރ) "ފޮރިން ސަރވިސްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.

(ބ) "ޑިޕްލޮމެޓިކް އާދާކާދަ" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ގައުމުތަކުން އަމަލުކުރާ ބައިނަލްއަގްވާމީ މިންގަނޑުތަކަށެވެ.

(ޅ) "ޑިޕްލޮމެޓިކް މިށަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަންތަކަށެވެ. (ނޯޓް: މި ނަންބަރުގައި "މި ގާނޫނާއި" ބުނެވިފައިވަނީ "މި ގަވާއިދާއި" ގެ ބަދަލުގައި އޮޅިގެން ކަމަށް ބެލެވޭ)

(ކ) "ކޮންސިއުލަރ ޕޯސްޓު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި، ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންސިއުލަރ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ގާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ. (ނޯޓް: މި ނަންބަރުގައި "މި ގާނޫނާއި" ބުނެވިފައިވަނީ "މި ގަވާއިދާއި" ގެ ބަދަލުގައި އޮޅިގެން ކަމަށް ބެލެވޭ)

(އ) "ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961" ކަމަށް ބުނެފައި އެވަނީ، 14 އެޕްރީލް 1961 ގައި އަމަލުކުރަން ފަށައިފައިވާ 2 އޮކްޓޫބަރު 2007 ގައި ދިވެހިރާއްޖޭގެ ފަރާތުން އެސީޑްކޮށްފައިވާ ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސަށެވެ.

(ވ) "ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސް 1963" ކަމަށް ބުނެފައި އެވަނީ، 19 މާރިޗު 1967 ގައި އަމަލުކުރަން ފަށައިފައިވާ 21 ޖަނަވަރީ 1991 ގައި ދިވެހިރާއްޖޭގެ ފަރާތުން އެސީޑްކޮށްފައިވާ ވިއެނާ ކޮންވެންށަން އޮން ކޮންސިއުލަރ ރިލޭށަންސަށެވެ.

(މ) "އެގްޒެކިއުޓަރ" ކަމަށް ބުނެފައި އެވަނީ، ހެޑް އޮފް އޮނަރަރީ ކޮންސިއުލަރ ޕޯސްޓުގެ މަގާމަށް މީހަކު އައްޔަނުކުރާ ފަރާތަށް މިނިސްޓްރީން ދޭ ރަސްމީ ލިޔުމަށެވެ.

(ފ) "ހޯސްޓް ގައުމު" ކަމަށް ބުނެފައި އެވަނީ، ޑިޕްލޮމެޓިކް މިށަނެއް ނުވަތަ ކޮންސިއުލޭޓެއް ގާއިމުކޮށްފައި ހުންނަ ގައުމަށެވެ.

(ދ) "ލޯކަލް ސްޓާފުން" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 އާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިށަނެއްގައި ވަޒީފާ އަދާކުރާ ހޯސްޓް ގައުމުގެ ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނަށެވެ.

(ތ) "ޑިޕްލޮމެޓިކް އިމްތިޔާޒު" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަންސް 1961 ގެ ދަށުން ޑިޕްލޮމެޓުންނަށް ލިބިދޭ އިމްތިޔާޒުތަކަށެވެ.

(ލ) "ޑިޕްލޮމެޓިކް އާދަކާދަ" ކަމަށް ބުނެފައި އެވަނީ، ހާރިޖީ ދާއިރާގައި ޒަމާނުއްސުރެ އަމަލުކުރާ އެކިއެކި އުސޫލުތަކަށެވެ.

 

މައި ގާނޫނު

ފޮރިން ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2021-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު