-

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު 

(ގަވާއިދު ނަންބަރު 2022-123)

ބާބު 1

އިބްތިދާއީ މާއްދާތައް

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ށ) އާއި، 71 ވަނަ މާއްދާގެ (ޅ) އާއި،(ކ) އާއި، (އ) އާއި، (ވ) އާއި، (މ) އާއި، (ފ) އާއި، (ލ) އާއި، (ދ) އާއި، (ތ) އާއި، (ލ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރުން ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު" މިފަދައިންނެވެ.

 

2 ވަނަ މާއްދާ - ގަވާއިދުގެ މަގުސަދު

މި ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި،ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން (އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ފިށިންގ) ހުއްޓުވުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރު ހިފެހެއްޓުމާއި އެ އުޅަނދުފަހަރުގެ މައްސަލަ ބެލުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ގާއިމުކުރުން.

(ނ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ އުޅަނދުފަހަރާމެދު އަޅާނެ އިދާރީ ފިޔަވަޅުތައް ބަޔާންކުރުން.

(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ހިފެހެއްޓޭ، އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ގެންގުޅުމާއި ވިއްކުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކުރުން.

(ބ) ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން "ހޮޓް ޕަރސޫޓް" އަދި "ޑޮކްޓަރިން އޮފް ކޮންސްޓްރަކްޓިވް ޕްރެސެންސް" ގެ ދަށުން ދި ވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފުވިކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ހިފެހެއްޓުމުގައްޔާއި ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުން.

(ޅ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އަދި ހުރަސްކޮށްފައިދާ ބޭރުގެ މަސްވެރި އުޅަނދުތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމާއި، އެފަދަ އުޅަނދުތަކަށް ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

(ކ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހިފެހެއްޓޭ އުޅަނދުތަކާއި އާލާތްތައް ދޫކޮށްލުމަށް ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބޮންޑް ނެގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުން

މި ގަވާއިދު ހިނގާނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ ބިދޭސީންނާއި، ކަނޑުގައި ދުއްވާ ބޭރުގެ އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރާއި، ނުވަތަ އެނޫންވެސް އުޅަނދުފަހަރާއި، އެ އުޅަނދުތަކުގައި ހަރަކާތްތެރިވާ އެންމެހައި ފަޅުވެރިންނާއި، އެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ ހަރަކާތްތަކާ ގުޅިފައިވާ އެންމެހައި ފަރާތްތަކުގެ މައްޗަށެވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

ބާބު 2

މައުލޫމާތު ހިއްސާކުރުމާއި ރިކޯޑު ކުރުން

 

5 ވަނަ މާއްދާ - މައުލޫމާތު ބަދަލުކުރާނެ ނިޒާމެއް ގާއިމުކުރުން

މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންތަކާ ގުޅޭ މައުލޫ މާތު ނުވަތަ ލިޔުންތައް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑު، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭށަން އަދި ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެވުޒާރާއާއި މިނިސްޓްރީގެ މެދުގައި ބަދަލުކުރެވޭނެ ނިޒާމެއް މި ގަވާއިދަށް އަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ގާއިމުކުރަން ވާނެއެވެ.

 

6 ވަނަ މާއްދާ - ކޮމިޓީއެއް އެކުލަވައިލުން

(ހ) މި ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންތަކާ ގުޅޭގޮތުން ސިފައިންގެ ކޯސްޓްގާޑު، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭށަން، ދިވެހިރާއްޖޭގައި ކަނޑު ދަތުރުފަތުރާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމުގެ ޒިންމާ މަތިކުރެވިފައިވާ ދައުލަތުގެ ވުޒާރާއާއި މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް "ގާނޫނާއި ގަވާއިދާއި ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސް ކުރާ ކޮމިޓީ" ގެ ނަމުގައި މި ގަވާއިދަށް އަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޮމިޓީއެއް އެކުލަވައިލަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ މަސައްކަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާ ގުޅޭގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުން؛
  2. ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ގަވާއިދު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަމާ  ގުޅޭގޮތުން ދާއިރާތަކުން އިދާރާތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުން؛
  4. މި ގަވާއިދު ތަންފީޒުކުރުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން އިތުރަށް ހަރުދަނާކުރަންޖެހޭ ކަންތައްތައް މިނިސްޓަރަށް ހުށަހެޅުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިދާރާތަކުގެ ތެރެއިން ކޮންމެ އިދާރާއަކުން ކޮމިޓީއަށް މަދުވެގެން 2) ދޭއް) މެންބަރުން އައްޔަނުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ކޮމިޓީއަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުން

"ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓު ކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސް ކުރާ ކޮމިޓީ" އަށް އައްޔަނުކުރާނެ މެންބަރުން ކަނޑައަޅައި މެންބަރުން ވަކިކުރާނީ، އެ މެންބަރު ނިސްބަތްވާ އިދާރާއަކުންނެވެ.

 

8  ވަނަ މާއްދާ - [މި މާއްދާގައި ސުރުހީއެއް ދެވިފައިނުވޭ]

(ހ) "ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި، އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސް ކުރާ ކޮމިޓީ" ގެ ބައްދަލުވުމެއް މަދުވެގެން އަހަރަކު 2) ދޭއް) ފަހަރު ބާއްވަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމިޓީގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ މިނިސްޓްރީގެ ފަރާތުންނެވެ.

 

9 ވަނަ މާއްދާ - ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކާއި މައުލޫމާތު ހިއްސާކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަމާއި، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކުގެ މައުލޫމާތު، ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކާ މިނިސްޓްރީން ހިއްސާކުރަން ވާނެއެވެ.

 

ބާބު 3

ބޭރުގެ މަސްވެރި އުޅަނދު ފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމާއި ހުރަސްކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް

 

10 ވަނަ މާއްދާ - ބޭރުގެ މަސްވެރި އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން ނުވަތަ ހުރަސްކުރުން

(ހ) ބޭރުގެ މަސްވެރި އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ވާނީ ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފައި ދަތުރުކުރަން ވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދުރާލައި މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމަށް މަސައްކަތް ކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރު ކަނޑުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ދިވެހި ފުލުހުންގެ ހިދުމަތުގެ ތަންފީޒީ އޮފިސަރުންނަށާއި ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ބޭރުގެ މަސްވެރި އުޅަނދެއް ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ ނަމަ، ނުވަތަ ވަންނަން މަސައްކަތްކޮށްފިނަމަ، ނުވަތަ ހުރަސްކުރަން މަސައްކަތްކޮށްފިނަމަ، ނުވަތަ ހުރަސްކޮށްފިނަމަ، އެ އުޅަނދަކުން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހައި ހިނދެއްގައި ބެލެވޭނީ، އެ އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ، މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ކަމުގައެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުރިއާލައި މިނިސްޓްރީން ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަނެވޭ އުޅަނދުތަކުގައި ހުރި އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަހުގެ ބައިތައް އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހައި ހިނދަކު ބެލެވޭނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބާނައިފައި ނުވަތަ ހިފައިފައިވާ މަސް ކަމުގައެވެ.

 

11 ވަނަ މާއްދާ - ހުއްދައަށް އެދި ހުށަހެޅުން

(ހ) ބޭރުގެ މަސްވެރި އުޅަނދުފަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ނުވަތަ ހުރަސްކޮށްފައި ދިއުމުގެ ބޭނުމަށް ދަތުރުކުރަން ފެށުމުގެ 96) ނުވަދިހަ ހައެއް) ގަޑިއިރު ކުރިން އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ށ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފައި ދިއުމަށް ގަސްތުކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ، "ރިކުއެސްޓް ބައި ފިށިންގ ވެސެލްސް ޓު ކްރޮސް އޯ އެންޓަރ މެރިޓައިމް ޒޯންސް އޮފް މޯލްޑިވްސް" އެޕްލިކޭށަން ފޯމު މެދުވެރިކޮށެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމުން، ހުއްދައަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުގައި ށާއިއުކުރަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފޯމުގެ ފުރިހަމަކުރުމަށްފަހު ހުށަހަޅާއިރު އެ ފޯމާއެކު ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް ވެސް ހުށަހަޅަން ވާނެއެވެ.

  1. އުޅަނދު އެންމެފަހުން ބަނދަރުކުރި ގައުމެއް/ ބަނދަރުން ދޫކޮށްފައިވާ ލާސްޓް ޕޯޓް އޮފް ކޯލް ނުވަތަ ޑިޕަރޗަރ ފޯމު؛
  2. އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ؛
  3. އުޅަނދުގެ ފޮޓޯ؛ (އުޅަނދުގެ އަރިމަތިން ރަޖިސްޓަރީ ނަންބަރު އަދި އުޅަނދުގެ ނަން ފެންނަ ގޮތަށް ނަގައިފައިވާ ފޮޓޯ)؛
  4. އުޅަނދުގެ ފަޅުވެރިންގެ މައުލޫމާތު (ޕާސްޕޯޓުގެ ނަންބަރު ނުވަތަ އައިޑީ ކާޑުގެ ނަންބަރު އަދި ފަޅުވެރިން ނިސްބަތްވާ ގައުމުގެ މައުލޫމާތު. އަދި މިނިސްޓްރީން އަންގައިފި ނަމަ ޕާސްޕޯޓުގެ ނުވަތަ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.)؛
  5. އުޅަނދުގައި ހަތިޔާރު ނުވަތަ ގޮވާއެއްޗިހި ހުރި ނަމަ އެތަކެއްޗާ ގުޅޭ މައުލޫމާތު އެނގޭނެ ލިޔުން.

 

12 ވަނަ މާއްދާ - ހުއްދަ ދޫކުރުމުގެ ކުރިން އިދާރާތަކާއި މައުލޫމާތު ހިއްސާކުރުން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކުރުމަށް ބޭނުންވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ފޮނުވާ ރިކުއެސްޓްތަކާ ގުޅޭ މައުލޫ މާތު، މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު މެދުވެރިކޮށް ކަމާބެހޭ އިދާރާތަކާ ހިއްސާކުރަން ވާނެއެވެ.

 

13 ވަނަ މާއްދާ - ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުތަކާ ގުޅޭގޮތުން ފޯމު ހުށަހަޅާތާ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތެއް މިނިސްޓްރީން ނިންމައި ހުއްދައަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެއެވެ.

  1. އިންސްޕެކްށަނަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމަށް ހުއްދަ ދިނުން.
  2. އެޕްލިކޭށަން ހުށަހެޅި އުޅަނދާ ގުޅޭގޮތުން އިތުރު މައުލޫމާތު ހުށަހެޅުމަށް ނުވަތަ އެޕްލިކޭށަން ފޯމު ފުރިހަމަ ކުރުމަށް އެންގުން.
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމަށް ހުއްދަ ނުދިނުމަށް ނިންމުން.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާގޮތުގެ މަތިން އިތުރު މައުލޫ މާތު ހުށަހެޅުމަށް ނުވަތަ އެޕްލިކޭށަން ފުރިހަމަ ކުރުމަށް މިނިސްޓްރީން އަންގާއިރު ކަނޑައަޅާ މުއްދަތުގައި އެ މައުލޫމާތު ހުށަހަޅައިފައި ނުވާނަމަ، ނުވަތަ އެޕްލިކޭށަން ފޯމު ފުރިހަމަކުރުމަށް އެންގުމުން ފުރިހަމަކޮށް އަލުން ހުށަހަޅައިފައި ނުވާނަމަ، އެ އެޕްލިކޭށަނެއް ބާތިލުކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ވާގޮތުގެ މަތިން ހުއްދަ ނުދިނުމަށް ނިންމާ ހާލަތުގައި، ހުއްދަ ނުދިނުމަށް ނިންމާ ސަބަބުތައް ހުއްދައަށް އެދި ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ ފަރާތުން އިތުރު މައުލޫމާތު ހުށަހެޅުމަށް އެންގުމުން، މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ މުއްދަތުގައި އެ މައުލޫމާތު ހުށަހަޅައިފައި ނުވުމުގެ ސަބަބުން ހުއްދައަށް އެދި ހުށަހަޅާ ފޯމު ބާތިލުކުރަން ނިންމާ ހާލަތުގައި، އެކަން ވެސް ލިޔުމުން އަންގަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީން ނިންމައިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދެއް ވާހިނދު، އެކަށީގެންވާ ހަމަތަކުން ބަލާއިރު އެ އުޅަނދެއް އިންސްޕެކްޓް ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަންފީޒީ އޮފިސަރުންނަށް ގަބޫލުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ އުޅަނދެއް ކަނޑުމަތިން ހުއްޓުވައި އިންސްޕެކްޓް ކުރެވިދާނެއެވެ.

 

14 ވަނަ މާއްދާ - ހުއްދަ ދޫކުރުން

(ހ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމަށް ހުއްދަ ދޫކުރަން ވާނީ، ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށްފައި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް އަދި މިނިސްޓްރީގެ ފަރާތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް އެދި ހުށަހެޅުމަށް އަންގާ ހާލަތުގައި، އެ މައުލޫމާތު ހުށަހެޅުމުން، އެ އުޅަނދަކީ މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގައި ނުހިމެނޭ އުޅަނދެއްކަން ކަށަވަރު ކުރުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީގެ ފަރާތުން ދޫކުރާ ހުއްދައިގައި އަންނަނިވި މައުލޫމާތު ހިމަނަން ވާނެއެވެ.

  1. އުޅަނދުގެ ނަން؛
  2. އުޅަނދުގެ ރަޖިސްޓަރީ ނަންބަރު އަދި އައި.އެމް.އޯ ނަންބަރު؛
  3. އުޅަނދުގެ ވެރިފަރާތް/ އޮޕަރޭޓަރުގެ މައުލޫމާތު؛
  4. ރޭޑިއޯ ކޯލް ސައިން؛
  5. އުޅަނދުގެ ކެޕޭސިޓީ؛
  6. އުޅަނދުގައި ހުރި މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތަކުގެ މައުލޫމާތު؛
  7. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދަ ދެވޭ ތާރީހު/ވަގުތު އަދި ވަނުމަށް ހުއްދަދެވޭ ޖީޕީއެސް ޕޮޒިށަން؛
  8. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނިކުންނަން ޖެހޭ ތާރީހު/ ވަގުތު އަދި ނިކުތުމަށް ހުއްދަދެވޭ ޖީޕީއެސް ޕޮޒިށަން.

 

15 ވަނަ މާއްދާ - ހުއްދަ ދޫކޮށްގެން ނުވާނެ ހާލަތްތައް

(ހ) އަންނަނިވި ހާލަތްތަކުގައި މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް ހުއްދަ ދޫކޮށްގެން ނުވާނެއެވެ.

  1. ހުއްދައަށް އެދި ހުށަހަޅާ އުޅަނދުގެ ވެރިފަރާތް، މާސްޓަރު ނުވަތަ އޮޕަރޭޓަރަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ އެއްވެސް ގަވާއިދަކާ ހިލާފުވެގެން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ މިނިސްޓްރީއަށް ދައްކައިފައި ނުވާ ފަރާތެއް ކަމުގައިވުން؛
  2. ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް އެ އުޅަނދެއްގެ ފްލެގް ސްޓޭޓުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ހުއްދައެއް ނެތް އުޅަނދުފަހަރު؛
  3. ހުއްދައަށް އެދި ހުށަހަޅާ އުޅަނދުގެ ވެރިފަރާތް، މާސްޓަރު ނުވަތަ އޮޕަރޭޓަރު ކަމުގައި ހަރަކާތްތެރިވާ ފަރާތުގެ ފަރުދީ ނުވަތަ ވިޔަފާރީގެ މަސްލަހަތު އޮތް އެއްވެސް އުޅަނދެއް، ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމުގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވައިލައިފައިވާ އެއްވެސް އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް (އައި.ޔޫ.ޔޫ) ވެސަލް ލިސްޓެއްގައި ހިމަނައިފައިވުން؛
  4. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފު ހަރަކާތެއް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހަރަކާތެއް ފާއިތުވި 10 (ދިހައެއް) އަހަރުގެ ތެރޭގައި ހިންގައިފައިވާ ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރު އަދި އެފަދަ އެއްވެސް ހަރަކާތެއް ކުރިން ހިންގައިފައިވާ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ އެފަދަ ފަރާތެއް އޮޕަރޭޓަރު ނުވަތަ މާސްޓަރުގެ ގޮތުގައި ނުވަތަ ފަޅުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ މަސްވެރި އުޅަނދުފަހަރު.
  5. އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް މޮނިޓަރިން ސިސްޓަމް ނުވަތަ އޮޓޮމެޓިކް އައިޑެންޓިފިކޭށަން ސިސްޓަމް (އޭ.އައި.އެސް) ގެ ސިގްނަލް ބަރާބަރަށް ނުލިބޭ އުޅަނދުފަހަރު.

 

16 ވަނަ މާއްދާ - ހުއްދަ ދޫކޮށްފައިވާ ތާރީހު އަދި ޕޮޒިށަން ބަދަލުކޮށްދިނުން

(ހ) މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ހުއްދައެއްގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށްދިއުމަށް ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ކަނޑައަޅައިފައިވާ ވަގުތު ނުވަތަ ތާރީހު ފަސްކޮށްދިނުމަށް ބޭނުންވާ ނަމަ، ނުވަތަ ހުއްދައިގައި ކަނޑައަޅައިފައިވާ ޕޮޒިށަންތަކަށް ބަދަލު ގެންނަން ބޭނުންވާ ނަމަ،އެކަމަށް އެދި މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދައިގެ ތާރީހު ފަސްކޮށްދެވޭނީ އެންމެ ފުރަތަމަ ދޫކޮށްފައިވާ ހުއްދައިގައި ބަޔާންކޮށްފައިވާ ތާރީހު ނުވަތަ ވަގުތުން ފެށިގެން 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރު ނުވާގޮތަށެވެ. އަދި 24 (ސައުވީސް) ގަޑިއިރަށް ވުރެ އިތުރުވާގޮތަށް ހުއްދައިގެ ތާރީހަށް ބަދަލެއް ގެންނަ ނަމަ، ހުއްދައަށް އެދި އާ ފޯމެއް ހުށަހަޅަން ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ ގެ ފަރާތުން ހުއްދައަކަށް ބަދަލު ގެނެސްދިނުމަށް ނިންމައިފި ނަމަ، އެ ފަރާތަށް އަލުން ހުއްދައެއް ދޫކުރަން ވާނެއެވެ. މި ހުއްދައިގައި އެއީ ކުރިން ދޫކޮށްފައިވާ ހުއްދައިގެ ތާރީހަށް ބަދަލު ގެނައުމަށްފަހު ދޫކޮށްފައިވާ ހުއްދައެއް ކަން ބަޔާންކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ބަދަލު ގެނައުމަށް އެދި ހުށަހަޅަންވާނީ،ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ކުރިންނެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށްފަހު މިނިސްޓްރީގެ ފަރާތުން ހުއްދަ ދީފައިވާ ޕޮޒިށަނަށް ނުވަތަ ތާރީހަށް އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

 

17 ވަނަ މާއްދާ - ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާހިނދު ބޭރުގެ މަސްވެރި އުޅަނދުތަކުން އަމަލުކުރަންޖެހޭ ށަރުތުތައް

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކުރުމުގެ ނުވަތަ ވަނުމުގެ ހުއްދަ މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވާހިނދު، އަންނަނިވި ށަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެއެވެ.

  1. ބޭރުގެ މަސްވެރި އުޅަނދުގައި ހުރި މަސްވެރިކަމަށް ބޭނުންކުރާ އެންމެހައި އާލަތްތައް އެ އުޅަނދުގެ ފަލްކާއެއްގައި ރައްކާކުރުން. އަދި ފަލްކާގައި ނުބެހެއްޓޭ ތަކެތި ފޮށީގައި ނުވަތަ ދާގީނާއެއްގައި ބަންދުކޮށްފައި ނުވަތަ ބަނދެފައި ބެހެއްޓުން؛
  2. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ވަގުތުން ފެށިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނިކުތުމާ ހަމައަށް ބޭރުގެ މަސްވެރި އުޅަނދުގެ ވެސަލް ޓްރެކިން ޑިވައިސް އަދި އޭ.އައި.އެސް ޖައްސައިފައި ބެހެއްޓުން؛
  3. މިނިސްޓްރީގެ ފަރާތުން ދޫކުރާ ހުއްދައިގައި ބަޔާންކޮށްފައިވާ ޗެނަލަ ށް ވީ.އެޗް.އެފް ސެޓް އޮންކޮށްފައި ބެހެއްޓުން؛
  4. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ފަހު، ބޭރުގެ މަސްވެރި އުޅަނދުގެ ދުވެލި އެއްމިނެއްގައި ހިފެހެއްޓުމާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެއްވެސް ހިސާބެއްގައި މަޑުނުކުރުން؛
  5. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިމާވެށްޓަށް އަދި ކަނޑުގެ ދިރުންތަކަށް ގެއްލުންވާނެ އަމަލެއް ނުކުރުމާއި، ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފު ހަރަކާތެއް ނުހިންގުމާއި،އެފަދަ ހަރަކާތެއްގައި އެއްވެސް ގޮތަކަށް ބައިވެރިނުވުމާއި،ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ނުހިންގުމާއި، އަދި އެފަދަ އެއްވެސް އަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން.
  6. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވާހިނދު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުވަތަމަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ނުހިންގުމާއި، އެފަދަ އެއްވެސް ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިނުވުން. އަދި އެފަދަ ހަރަކާތެއް ހިންގާ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްނުދިނުން .

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ށަރުތަ ކާ ހިލާފަށް އަމަލުކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްތަކަށް އިދާރީ ފިޔަވަޅު އަޅާނީ މި ގަވާއިދުގެ ޖަދުވަލު 2 ގައި ވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކޮށްފައިވާ އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތެއް މެދުވެރިވެގެން، މި ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޕޯޓުކޮށްފައިވާ ނަމަ އެ އުޅަނދެއް، މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާ ހިލާފުވީ ކަމުގައި ނުބެލެވޭނެއެވެ.

 

18 ވަނަ މާއްދާ - ހުއްދަ ދޫކުރާ އުޅަނދުތަކާގުޅޭ މައުލޫ މާތު ބެލެހެއްޓުން

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ބޭރުގެ މަސްވެރި އުޅަނދުތަކާއި މިނިސްޓްރީން ހުއްދަ ދޫކުރާ އުޅަނދުތަކާ ގުޅޭ ގޮތުން، އަންނަނިވި މައުލޫމާތު ހިމެނޭ ރަޖިސްޓަރީއެއް މިނިސްޓްރީގެ ފަރާތުން އަދާހަމަކޮށް ބަލަހައްޓަން ވާނެއެވެ.

(ހ) ބޭރުގެ މަސްވެރި އުޅަނދުގެ ނަން އަދި ރަޖިސްޓަރީ ނަންބަރު؛

(ށ) ބޭރުގެ މަސްވެރި އުޅަނދު ނިސްބަތްވާ ގައުމު؛

(ނ) ބޭރުގެ މަސްވެރި އުޅަނދަށް ހުއްދަ ދޫކުރި ތާރީހު؛

(ރ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްވެރި އުޅަނދު ވަދެފައިވާ އަދި ނިކުތް ތާރީހު؛

(ބ) ހުއްދައިގެ ށަރުތާ ހިލާފުވެގެން އިދާރީ ތަހުގީގު ހިންގައިފައިވާ ބޭރުގެ މަސްވެރި އުޅަނދުތަކުގެ މައުލޫމާތު؛ އަދި

(ޅ) މިނިސްޓްރީގެ ފަރާތުން އިދާރީ ފިޔަވަޅު އަޅައިފައިވާ ބޭރުގެ މަސްވެރި އުޅަނދުތަކުގެ އަދަދު.

 

19 ވަނަ މާއްދާ - "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތު ރިޕޯޓުކުރުން

"ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތެއް މެދުވެރިވެގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ މަސްވެރި އުޅަންދަކަށް ނުވަތަ މި ގަވާއިދުގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ނުވަތަ ހުރަސްކޮށްފައިދާ ބޭރުގެ މަސްވެރި އުޅަނދަކަށް "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާ ލަތެއް މެދުވެރިވެއްޖެ ނަމަ، ވަގުތުން މޯލްޑިވްސް ނެށެނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް ރިޕޯޓުކުރަން ވާނެއެވެ.

 

20 ވަނަ މާއްދާ - [މި މާއްދާގައި ސުރުހީއެއް ދެވިފައިނުވޭ]

(ހ) މި ގަވާއިދުގެ ދަށުން ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފެހެއްޓޭ ބޭރުގެ މަސްވެރި އުޅަނދެއް ނުވަތަމި ގަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށްވަދެފައިވާ ބޭރުގެ މަސްވެރި އުޅަނދެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވަނިކޮށް "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތެއް ދިމާވެފައިވާ ކަމަށް ރިޕޯޓުކުރާ ހާލަތުގައި އެ އުޅަނދަކީ އެފަދަ ހާލަތެއްގައިވާ އުޅަނދެއްކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ އުޅަނދުގެ މާސްޓަރަށް ނުވަތަ އުޅަނދުގައި އެވަގުތަކު އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތަށެވެ.

(ށ) ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފެހެއްޓޭ ބޭރުގެ މަސްވެރި އުޅަނދަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތުގައިވާ އުޅަނދެއް ނޫންކަމަށް އެކަށީގެންވާ ހަމަތަކުން ބަލާއިރު ސިފައިންގެ ތަންފީޒީ އޮފިސަރުންނަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ނޫން ގޮތަކަށް ސާބިތުކޮށްނުދެވޭހައި ހިނދަކު ބެލެވޭނީ، އެ އުޅަނދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ވަދެފައިވާ އުޅަނދެއްގެ ގޮތުގައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ފޯސް މެޖުއަރ" ނުވަތަ "ޑިސްޓްރެސް" ހާލަތެއް އުޅަނދަކަށް ދިމާވެފައިވާ ކަމަށް ކަނޑައެޅުމުގައި ނުވަތަ އެފަދަ ހާލަތެއް އުޅަނދަކަށް ދިމާވެފައިނުވާކަމަށް ކަނޑައަޅާ ސަބަބުތައް ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދުގައި އެވަގުތު އެންމެ އިސްކޮށް ހުންނަ ފަރާތުން ލިޔުމުން ރިކޯޑުކުރަން ވާނެއެވެ.

 

21 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނެގުމުން އިސްތިސްނާ ކުރެވިފައިވާ ބޭރުގެ މަސްވެރި އުޅަނދުތައް

ގަވާއިދު ނަންބަރު 2020-04 "ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު" ގެ ދަށުން ހުއްދަ ނަގައިފައިވާ ބޭރުގެ މަސްވެރި އުޅަނދުތަކާއި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިފައިވާ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް މި ގަވާއިދުގެ ދަށުން ހުއްދައެއް ނަގާކަށް ނުޖެހޭނެއެވެ.

 

ބާބު 4

ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދުތަކާ މެދު އަމަލު ކުރާނެ ގޮތް

 

22 ވަނަ މާއްދާ - އުޅަނދުފަހަރު ހުއްޓުވުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު ހަރަކާތެއް ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ހުއްޓުވުމުގައި އަދި ހިފެހެއްޓުމުގައި ހަރަކާތްތެރިވާނީ ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަންފީޒީ އޮފިސަރުންނެވެ.

 

23 ވަނަ މާއްދާ - ހޮޓް ޕަރސޫޓް ހިންގުން

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާގަވާއިދަކާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ބޭރުގެ މަސްވެރި އުޅަނދަކުން ހިންގައިފިކަމަށް ނުވަތަ ހިންގަފާނެ ކަމަށް ނުވަތަ ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދެއް ހުއްޓުމަށް ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދަކުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ އުޅަނދަކުން އަންގާ އެންގުމަކާ އެއްގޮތަށް އަމަލުނުކުރާ ބޭރުގެ މަސްވެރި އުޅަނދެއް ހިފެހެއްޓުމަށް ހޮޓް ޕަރސޫޓެއް ފެށުމުގެ ބާރު ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދުގައި ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ އުޅަނދުގައި އެވަގުތު ހުރި އެންމެ އިސް އޮފިސަރަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހޮޓް ޕަރސޫޓެއް ފަށަންޖެހޭ ހާލަތެއް 
އޮތްކަމަށް ނިންމުމުގެ ކުރިން ތިރީގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރަން ވާނެއެވެ.

  1. މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ އުޅަނދެއް ކަމުގައި ބެލެވިދާނެ ފަދަ އެކަށީގެންވާ ސަބަބުތައް ހުރުން؛
  2. ހޮޓް ޕަރސޫޓުގެ ދަށުން ފަހައި ދުއްވޭ އުޅަނދު ހުއްޓުމަށް ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދަކުން އެންގުމުން އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައި ނުވުން؛
  3. ހޮޓް ޕަރސޫޓް ފަށާއިރު މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފަށް ހަރަކާތްތެރިވާކަމަށް ބެލެވޭ އުޅަނދު އޮތީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމުގައިވުން.

(ނ) ހޮޓް ޕަރސޫޓެއްގެ ގޮތުގައި ބޭރުގެ މަސްވެރި އުޅަނދެއް ފަހައި ދުއްވަން ބޭނުންކުރަން ވާނީ، ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދެކެވެ. އަދި އެ އުޅަނދަކީ، ސިފައިންގެ ކޯސްޓް ގާޑުގެ އުޅަނދެއް ކަން އެނގޭ ގޮތަށް ނަން ނުވަތަ ލޯގޯ ނުވަތަ ދިދައެއް ޖަހައިފައިވާ އުޅަނދަކަށް ވާން ވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދެއް ހިފެހެއްޓުމަށް ކުރާ މަސައްކަތުގައި ބޭރު ގައުމެއްގެ އަސްކަރީ އުޅަނދެއްގެ އެހީތެރިކަމާއެކު ބޭރުގެ މަސްވެރި އުޅަނދު ފަހައި ދުއްވުމާއި އަދި ހައްޔަރުކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ބ) ހޮޓް ޕަރސޫޓުގެ ދަށުން އުޅަނދެއް ހައްޔަރުކުރުމަށް އޭގެ ފަހަތުން ދުއްވަމުން ގޮސް އެ އުޅަނދެއްގެ ފްލެގް ސްޓޭޓް ނުވަތަ އެހެން ގައުމެއްގެ ޓެރިޓޯރިއަލްސީ (ސަރަހައްދީ ކަނޑު) ގެ ތެރެއަށް އެ އުޅަނދު ވަންނަ ހިސާބުން އެ ހޮޓްޕަރސޫޓެއް ނިމުމަކަށް ގެންނަން ވާނެއެވެ.

(ޅ) ހޮޓް ޕަރސޫޓެއް ހިންގުމަށް ފަހު ހިފެހެއްޓޭ ބޭރުގެ މަސްވެރި އުޅަނދަކަށް ސިފައިންގެ ތަންފީޒީ އޮފިސަރުން އެރުމުގެ ކުރިން އިތުރު އެންގުމެއް އަންގާކަށް ނުޖެހޭނެއެވެ.

(ކ) ހޮޓް ޕަރސޫޓެއް ހިންގުމަށް ފަހު ހިފެހެއްޓޭ ބޭރުގެ މަސްވެރި އުޅަނދެއް ހުއްޓުވުމަށް ސިފައިންގެ ކޯސްޓްގާޑުން ހަރަކާތްތެރިވުމުގައި ނުވަތަ އެފަދަ އުޅަނދަކަށް ސިފައިންގެ ތަންފީޒީ އޮފިސަރުން އެރުމުގައި އެ އުޅަނދަކަށް ނުވަތަ އުޅަނދުގައި ހުރި އާލާތްތަކަށް ނުވަތަ މުދަލަކަށް ލިބޭ ގެއްލުމަކަށް ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

24 ވަނަ މާއްދާ - ކޮންސްޓްރަކްޓިވް ޕްރެޒެންސް ހިންގުން

(ހ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ހިލާފަށް މަސްވެރިކަން ކުރަމުން ގެންދާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތަކާއެކު ހަރަކާތްތެރިވާ ނުވަތަ އެ އުޅަނދުތަކާ ގުޅިފައިވާ އުޅަނދުތައް ނުވަތަ އެ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ވީ ނަމަވެސް އެ އުޅަނދެއް ހައްޔަރުކުރުމުގެ ބާރު ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބޭރުގެ މަސްވެރި އުޅަނދެއް ހިފެހެއްޓުމަށް ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންގެ ފަރާތުން މަސައްކަތް ފަށަންވާނީ، އެ އުޅަނދަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ހިންގިކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދަކާ ގުޅުންހުރި ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތަކެއް ވުޖޫދުގައިވާ ނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ އެކަށީގެންވާ ސަބަބުތަކުގެ ގޮތުގައި ބޭރުގެ މަސްވެރި އުޅަނދެއް ނުވަތަ އެނޫންވެސް ބޭރުގެ އުޅަނދަކުން ހަރަކާތްތެރިވެފައިވާ ގޮތުގެ ވެސަލް ޓްރެކިން (އޭ.އައި.އެސް ޑޭޓާ)، މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމްއިއްޔާތައް، ބައިނަލްއަގްވާމީ ޖަމްއިއްޔާތައް ނުވަތަ ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކުން އެ އުޅަނދަކާ ގުޅޭގޮތުން ސިފައިންގެ ކޯސްޓްގާޑާއި ނުވަތަ މިނިސްޓްރީ އާއި ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކާ ހިއްސާކޮށްފައިވާ މައުލޫމާތު އަދި މި ނޫންވެސް މިފަދަ މައުލޫމާތު ބެލެވޭނެއެވެ.

 

25 ވަނަ މާއްދާ - އުޅަނދުތަކަށް އެރުން

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފުވިކަމުގެ ތުހުމަތުގައި ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުން ބޭރުގެ މަސްވެރި އުޅަނދެއް ހިފަހައްޓައިފި ނަމަ އެ އުޅަނދަކަށް އެރުމުގައި އަމަލުކުރަން ވާނީ، ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަންފީޒީ އޮފިސަރުން ބޭރުގެ މަސްވެރި އުޅަނދެއް ހުއްޓުވައިފި ނަމަ އުޅަނދަކަށް އެރުމުގައި އަދި އެރުމަށްފަހު އަމަލުކުރަން ވާނީ، ގާނޫނު ނަންބަރު 2008-01 (ސިފައިންގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބޭރުގެ މަސްވެރި އުޅަނދެއް ހުއްޓުވުމަށްފަހު އެ އުޅަނދަކަށް އެރުމުގައި އަދި އެރުމަށްފަހު އަމަލުކުރަން ވާނީ، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލަފައިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަންފީޒީ އޮފިސަރުން ބޭރުގެ މަސްވެރި އުޅަނދަކަށް އަރައިފި ނަމަ، އެކަމާ ގުޅޭ ރިޕޯޓެއް އެކުލަވައިލަން ވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތައްޔާރުކުރާ ރިޕޯޓުފުރިހަމަ ކުރުމަށްފަހު ވީ އެންމެ އަވަހަކަށް މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު މެދުވެރިކޮށް މިނިސްޓްރީއާ، އަދި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަން ވާނެއެވެ.

 

26 ވަނަ މާއްދާ - އުޅަނދު ހިފެހެއްޓުމާއި ބަނދަރަށް ގެނައުން

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު ހަރަކާތެއް ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދެއް ކަނޑުމަތިން ހުއްޓުވައި ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ބޯޑުކުރުމަށްފަހު، އެ އުޅަނދަކީ މަސްވެރިކަމުގެ ގާނޫނާއި ހިލާފު ހަރަކާތެއް ހިންގައިފައިވާ ކަމަށް ބެލެވޭ އުޅަނދެއް ނަމަ، އުޅަނދު ހިފެހެއްޓުމަށްފަހު އެންމެ ކައިރީގައިވާ ދިވެހިރާއްޖޭގެ ބަނދަރަކަށް ނުވަތަ މި ގަވާއިދުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ބަނދަރަކަށް ގެންނަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުން ހިފަހައްޓާ ބޭރުގެ މަސްވެރި އުޅަނދުތައް ބަނދަރަށް ގެނައުމަށްފަހު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރަން ވާނެއެވެ. އަދި މިގޮތަށް އުޅަނދެއް ހަވާލުކުރުމުގެ ކުރިން ސިފައިންގެ ކޯސްޓްގާޑުގެ ފަރާތުން އެ އުޅަނދެއްގައި ހުރި އެންމެހައި ތަކެތީގެ އިންވެންޓްރީއެއް ތައްޔާރުކޮށް ދިވެހި ފުލުހުންގެ ހިދުމަތާއި އަދި މިނިސްޓްރީ އާ ހިއްސާކުރަން ވާނެއެވެ.

 

27 ވަނަ މާއްދާ - ހިފެހެއްޓޭ އުޅަނދުތައް ބެހެއްޓުމަށް ހާއްސަބަނދަރުތައް ކަނޑައެޅުން

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފުވެފައިވާ ކަމުގެ ތުހުމަތަށް ނުވަތަ މިނިސްޓްރީގެ ފަރާތުން އިދާރީ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ޖޫރިމަނާ ނުދައްކައިގެން ހިފެހެއްޓޭ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހާއްސަކުރާ ބަނދަރުތައް، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، ސިފައިންގެ ކޯސްޓްގާޑް އަދި މިނިސްޓްރީ ގުޅިގެން ކަނޑައަޅަން ވާނެއެވެ.

 

28 ވަނަ މާއްދާ - ބަނދަރުގައި ބާއްވައިގެން އުޅަނދު އިންސްޕެކްޓްކުރުން

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު ހަރަކާތެއް ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދެއް ބަނދަރަށް ގެނައުމަށްފަހު، ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމާއެކު މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން އެ އުޅަނދެއް އިންސްޕެކްޓް ކުރަން ވާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ކަސްޓަމްސް ގާނޫނުގެ ދަށުން އެ އިދާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އަދި މޯލްޑިވްސް އިމިގްރޭށަނު ގެ ފަރާތުން އިމިގްރޭށަން ގާނޫނުގެ ދަށުން އެ އިދާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެ އުޅަނދެއް އިންސްޕެކްޓް ކުރަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ ފަރާތުން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭށަނުން އިންސްޕެކްށަންތައް ކުރިއަށް ގެންދާތާ ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި ކޮންމެ އިދާރާއަކުން ވެސް ތައްޔާރުކުރާ އިންސްޕެކްށަނުގެ ރިޕޯޓުތައް މި ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު މެދުވެރިކޮށް އެހެން އިދާރާތަކާ ހިއްސާކުރަން ވާނެއެވެ.

 

29 ވަނަ މާއްދާ - އުޅަނދާއި އުޅަނދުގެ އެންމެހައި އާލާތްތައް ހިފެހެއްޓުން

(ހ) މި ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރާ އުޅަނދެއްގެ މައްސަލަ ބަލައި ނިމެންދެން ނުވަތަ އެ އުޅަނދަކަށް އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައަޅައިފައިވާ ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކުރުމާ ހަމައަށް އެ އުޅަނދެއް އޮންނަން ވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގައި ދަށުގައި ބެހެއްޓޭ އުޅަނދުތަކުގެ މެއިންޓެނަންސް ހަރަދުތަކަށް ޒިންމާވާނީ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރެވެ. އަދި މި މުއްދަތުގައި އުޅަނދަކަށް ނުވަތަ އުޅަނދުގައި ހުރި އެއްވެސް އާ ލާތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ދިވެހި ފުލުހުންގެ އިދާރާއިން ޒިންމާވާކަށް ނުޖެހޭނެއެވެ.

 

30 ވަނަ މާއްދާ - ބޮންޑެއް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓެއް ބެހެއްޓުމުން އުޅަނދު ނުވަތަ ހިފެހެއްޓުނު އެއްޗެއް ދޫކޮށްލުން

(ހ) މި ގަވާއިދުގެ 26 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފެހެއްޓޭ އުޅަނދެއް ބަނދަރަށް ގެނައުމަށްފަހު މި ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަނދަރުގައި އިންސްޕެކްޓްކޮށް ނިމުމުން، އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުން އުޅަނދު ދޫކޮށްދިނުމަށް އެދި ކަމާބެހޭ ކޯޓަށް ހުށަހަޅައިފި ނަމަ، ކޯޓުން ކަނޑައަޅާ ސެކިއުރިޓީ ޑިޕޮޒިޓެއް ނުވަތަ ބޮންޑެއް ބެހެއްޓުމުން އުޅަނދެއް ދޫކޮށްލެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، އެ އުޅަނދަކަށް ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބޮންޑުގެ ގޮތުގައި ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

• އުޅަނދުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށް ނުވަތަ ކުށްތަކަށް މި ގަވާއިދުގެ ދަށުން އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށް ކަނޑައެޅޭނެ އެންމެ ބޮޑު އަދަބުގެ %50 (ފަންސާސް އިންސައްތަ).

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބޮންޑެއްގެ ގޮތުގައި ބަހައްޓާ ފައިސާ އާ މެދު އަމަލުކުރެވޭނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ.

އުޅަނދު ނުވަތަ އުޅަނދުގެ މާސްޓަރަށް ނުވަތަ އޮޕަރޭޓަރާމެދު އިދާރީ ފިޔަވަޅުގެ ގޮތުގައި އަޅައިފައިވާ ފިޔަވަޅުގައި ބަޔާންކުރާ ފައިސާގެ އަދަދު ހަމަވުމާ ހަމައަށް ބޮންޑް ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ބެހެއްޓި ފައިސާ މިނިސްޓްރީއަށް ނެގުން.

 

31 ވަނަ މާއްދާ - ދޫކޮށްލާ އުޅަނދުތަކާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ގޮތް 

މަސްވެރިކަމުގެ ގާނޫނާ ހިލާފުވިކަމަށް ތުހުމަތުކުރެވިގެން ހިފެހެއްޓޭ ބޭރުގެ މަސްވެރި އުޅަނދަކަށް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ދެއްކުމުން ނުވަތަ އުޅަނދުގެ މައްސަލަ ބަލައި ނިންމުމަށްފަހު އުޅަނދު ދޫކޮށްލުމަށް މިނިސްޓްރީން ނިންމާ ހާލަތުގައި ނުވަތަ ސެކިއުރިޓީ ޑިޕޮޒިޓް ނުވަތަ ބޮންޑެއް ބެހެއްޓުމުން ދޫކޮށްލާ ބޭރުގެ މަސްވެރި އުޅަނދެއް ދިވެހިރާއްޖެއިން ފުރުވައިލުމުގެ ކުރިން އުޅަނދަށް އަދި އުޅަނދުގެ ފަޅުވެރިންނާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭށަން އަދި އެނޫންވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ނަގައިފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަށަވަރުކުރަން ވާނެއެވެ.

 

32 ވަނަ މާއްދާ - ހިފެހެއްޓޭ އުޅަނދުތަކުގެ ފަޅުވެރިންނާ މެދު އަމަލުކުރާނެ ގޮތް

(ހ) ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު ހަރަކާތެއް ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކުގެ މައްސަލަ ކުރިއަށްދާއިރު ނުވަތަ މައްސަލައިގައި ހިމެނޭ އުޅަނދެއްގެ ފަޅުވެރިން ފުރުވައިލެވެންދެން ބައިތިއްބަން ވާނީ، އެ ފަރާތްތައް ހަރަކާތްތެރިވި އުޅަނދުގައި ނުވަތަ އިމިގްރޭށަނުގެ ޑިޓެންށަން ފެސިލިޓީއެއްގައެވެ. މިފަދަ އުޅަނދެއްގައި، ރާއްޖެ އެތެރެވުމުގެ ހުއްދަ ދެވެންނެތް މީހަކު ހިމެނޭނަމަ، އެ މީހަކު އަނބުރާ ފޮނުވައިލެވެންދެން ބަހައްޓަންވާނީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭށަން ކަނޑައަޅާ ތަނެއްގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދުގެ ފަޅުވެރިން ދިވެހިރާއްޖެއިން ފުރުވާލުމާ ހަމައަށް އެ ފަރާތްތައް ހަރަކާތްތެރިވި އުޅަނދުގައި ބައިތިއްބަން ނިންމާ ހާލަތުގައި އެ އުޅަނދަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން އެރުމާއި، އުޅަނދަށް ތަކެތި އެރުވުމާއި،ނުވަތަ އުޅަނދުން ތަކެތި ބާލުވައި ނުހަދާކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކަށަވަރު ކުރަން ވާނެއެވެ.

 

33 ވަނަ މާއްދާ - އުޅަނދާ ގުޅޭ މައުލޫމާތު އުޅަނދުގެ ފްލެގް ސްޓޭޓާ ހިއްސާކުރުން

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފު ހަރަކާތެއް ހިންގައިފައިވާކަމަށް ތުހުމަތުކުރެވޭ އުޅަނދެއް ހިފަހައްޓައިފިނަމަ އެ މައުލޫމާތު، އެ އުޅަނދެއް ނިސްބަތްވާ ގައުމެއްގެ މަސްވެރިކަމާ ބެހޭ ވުޒާރާއަށް ނުވަތަ އެ ގައުމެއްގެ ޑިޕްލޮމެޓިކް މިށަނަކާ ވީއެންމެ އަވަހަކަށް ހިއްސާކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހިފެހެއްޓޭ އުޅަނދުތަކާ މެދު މިނިސްޓްރީގެ ފަރާތުން އިދާރީ ފިޔަވަޅެއް އަޅައިފިނަމަ، އެކަމުގެ މައުލޫމާތު އުޅަނދުގެ ފްލެގް ސްޓޭޓާ ހިއްސާކުރަން ވާނެއެވެ.

 

ބާބު 5

އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ނައްތަ އި ލުން އަދި ހިފެހެއްޓޭ ތަކެތި ވިއްކައިލުން

 

34 ވަނަ މާއްދާ - އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ނައްތައިލުން

(ހ) ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ހިލާފު އެއްވެސް އަމަލެއް ނުވަތަ ހަރަކާތެއް ހިންގައިފައިވާ ކަމުގެ ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދެއްގައި ހުންނަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެއްޗާ މެދު އަމަލުކުރާނީ އަންނަނިވި ގޮތްތަކުގެ މަތިންނެވެ.

  1. ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން ހުއްދަ ބާވަތެއް ނަމަ، އެ ބާވަތެއް އާންމުކޮށް އިއުލާންކުރުމަށް ފަހު ނީލަމުގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކައިލުން.
  2. އެ އެއްޗެއް ނުވަތަ ބާވަތެއްގެ ސަބަބުން އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ތަކެތި ހުރިކަމަށް ބެލެވޭ ނަމަ އެ މައުލޫމާތު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި މިނިސްޓްރީގެ ފަރާތުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހިއްސާކުރުމަށް ފަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ ގޮތެއްގެ މަތިން އެ ތަކެތި ނައްތައިލުން.

(ށ) މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ތަކެތި ނައްތައިލާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެ މަތިން މިނިސްޓްރީގެ ފަރާތުން ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ނުވަތަ ސިފައިންގެ ކޯސްޓްގާޑުގެ ފަރާތުންނެވެ.

(ނ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ނީލަމުގައި ވިއްކައިލާ ތަކެއްޗާ ގުޅޭ ރިކޯޑު މިނިސްޓްރީގެ ފަރާތުން ބަލަހައްޓަން ވާނެއެވެ. އަދި މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނައްތައިލެވޭ ތަކެއްޗާ ގުޅޭ ރިކޯޑު އެ ތަކެއްޗެއް ނައްތައިލުމުގެ މަސައްކަތް ކުރާ އިދާރާއަކުން ބަލަހައްޓައި އެ މައުލޫމާތު ގަވާއިދުން މިނިސްޓްރީ އާ ހިއްސާކުރަން ވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ނީލަމުގައި ވިއްކުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީގެ ފަރާތުންނެވެ. އަދި އެ ތަކެތި ވިއްކާނެ އެންމެ ދަށް އަގު ކަނޑައަޅާނީ އެ ވަގުތު ރާއްޖޭގެ މާކެޓުގައި އެފަދަ ބާވަތްތަކުގެ އަގު ހުރި މިންވަރަށް ބެލުމަށްފަހުގައެވެ.

(ބ) ބޭރުގެ މަސްވެރި އުޅަނދަކުން ހިފެހެއްޓޭ އަވަހަށް ހަލާކުވާ ޒާތުގެ އެއްވެސް އެއްޗެއް 5 (ފަހެއް) ދުވަހުގެ ތެރޭގައި ނީލަމުގައި ވިއްކައިނުލެވިއްޖަ ނަމަ ، އެ އެއްޗެއް މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނައްތައިލެވިދާނެއެވެ.

 

35 ވަނަ މާއްދާ - ވިއްކައިލުމަށްފަހު ލިބޭ ފައިސާއާމެދު އަމަލުކުރާނެ ގޮތް

ބޭރުގެ މަސްވެރި އުޅަނދަކުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފުވެފައިވާކަމަށް ސާބިތުވެ މިނިސްޓްރީގެ ފަރާތުން އިދާރީ ފިޔަވަޅު އަޅައިފިނަމަ، އެ އުޅަނދެއްގައި ހުރި އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ވިއްކައިލުމަށްފަހު ލިބޭ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ކަމާބެހޭ ކޯޓަށް ހުށަހަޅަން ވާނެއެވެ.

 

ބާބު 6

ޖޫރިމަނާގެ ފައިސާ ނުދައްކާ އުޅަނދުތައް

 

36 ވަނަ މާއްދާ - ޖޫރިމަނާގެ ފައިސާ ނުދައްކާ އުޅަނދުތަކާއި މެދު އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދާ ހިލާފުވެގެން މިނިސްޓްރީގެ ފަރާތުން ބޭރުގެ އުޅަނދެއްގެ ވެރިފަރާތްނުވަތަ އޮޕަރޭޓަރު ނުވަތަ މާސްޓަރަށް ކަނޑައަޅައިފައިވާ ޖޫރިމަނާގެ އަދަދު، ޖޫރިމަނާގެ ނޯޓިސް ރައްދުކުރެވޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކައިފައި ނުވާނަމަ ޖޫރިމަނާގެ ފައިސާ ހޯދުމަށާއި އަދި އެ އުޅަނދަކާއި އުޅަނދުގައި ހިމެނޭ އެންމެހައި މުދަލަކާއި، މަސްވެރިކަމަށް ބޭނުންކުރާ އެންމެހައި އާލާތްތައް ދައުލަތަށް ނަގައިދިނުމަށް އެދި މިނިސްޓްރީގެ ފަރާތުން ކަމާބެހޭ ކޯޓަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޯޓަށް ހުށަހެޅުމުން އެ އުޅަނދާއި އުޅަނދުގައިވާ އެންމެހައި މުދަލަކާއި އަދި މަސްވެރިކަމަށް ބޭނުންކުރާ އެންމެހައި އާލާތްތައް ދައުލަތަށް ނަގައިދިނުމަށް ކޯޓުން ނިންމާ ހާލަތުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އެ އުޅަނދާ މެދު އަމަލުކުރެވިދާނެއެވެ.

  1. އުޅަނދު އަދި އުޅަނދުގައިވާ އެންމެހައި މުދާ އަދި މަސްވެރިކަމަށް ބޭނުންކުރާ އެންމެހައި އާލާތްތައް ގަތުމަށް ނީލަމުގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކައިލުން.
  2. ދައުލަތުގެ މާލީ ވުޒާރާގެ މަށްވަރާގެ މަތިން އުޅަނދާއި އުޅަނދުގައިވާ އެންމެހައި މުދާ އަދި މަސްވެރިކަމަށް ބޭނުންކުރާ އާލާތްތައް ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ކުއްޔަށް ދޫކުރުން ނުވަތަ ދައުލަތަށް އާމްދަނީ ލިބޭނެ ކަމަކަށް މަގުފަހިކުރުމަށް ބޭނުންކުރުން.

(ނ) މި މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދު އަދި އުޅަނދުގައިވާ އެންމެހައި މުދާ އަދި މަސްވެރިކަމަށް ބޭނުންކުރާ އެންމެހައި އާލާތްތައް ނީލަމުގައި ވިއްކާނެ އެންމެ ދަށް އަގު ކަނޑައެޅުމާއި އެ ނީލަމުގެ އިދާރީ އިންތިޒާމުތައް ކުރިއަށް ގެންދާނީ، މިނިސްޓްރީގެ ފަރާތުންނެވެ. މިގޮތުން ނީލަމުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ހަރަދު ވެސް ނީލަން ކާމިޔާބުކުރާ ފަރާތުން ދައްކަން ވާނެއެވެ.

 

ބާބު 7

މަނާކަންތައް އަދި އިދާރީ ފިޔަވަޅު އެޅުން

 

37 ވަނަ މާއްދާ - ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުތަކުން ކުރުން މަނާކަންތައް

(ހ) މި ގަވާއިދުގައި ވަކިގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައިވާ ކަމެއް ނުވަތަ މި ގަވާއިދުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފައިދާ ބޭރުގެ މަސްވެރި އުޅަނދުތަކުން ކުރުން މަނާކަންތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ އަމަލެއް ކުރުން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ހަރަކާތެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގުމަކީ ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވުމަކީ ކުށެކެވެ.

  1. މިނިސްޓްރީގެ ފަރާތުން ދުރާލައި ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން ނުވަތަ ވަންނަން މަސައްކަތް ކުރުން.
  2. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކޮށްފައި ދިއުމަށް ދޫކުރާ ހުއްދައިގެ ށަރުތަކާ ހިލާފު އަމަލެއް ހިންގުން.
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދައަށް އެދި ހުށަހެޅުމުގައި ދޮގު މައުލޫ މާތު ދިނުން.
  4. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން ނުވަތަ އެފަދަ މަސްވެރިކަމެއް ކުރުމަށް މަސައްކަތް ކުރުން ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  5. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުން ނުވަތަ މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް ނެތި މަސްވެރިކަމާ ގުޅުންހުރި އެއްވެސް ހަރަކާތެއް ހިންގުން.
  6. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއް އުޅަނދުން އަނެއްއުޅަނދަށް މިނިސްޓްރީގެ ހުއްދައަކާ ނުލައި މަސް ބަދަލުކުރުމުގެ އެއްވެސް ހަރަކާތެއް (އެޓްސީ ޓްރާންށިޕްމަންޓް) ހިންގުން ނުވަތަ އެފަދަ ހަރަކާތެއް ހިންގުމަށް މަސައްކަތް ކުރުން ނުވަތަ އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  7. މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ އެއްވެސް ބާވަތެއް ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން ނުވަތަ އެފަދަ ބާވަތަކަށް ގޯނާކުރުން.
  8. މި ގަވާއިދުގެ ޖަދުވަލު 1 ގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން، ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން،ނުވަތަ މަނާ ބާވަތެއް ކަމުގައި ކަނޑައަޅައިފައިވާ އެއްވެސް ބާވަތެއް ނުވަތަ ބާވަތެއްގެ ބައެއް އުޅަނދުގައި ބަހައްޓައިފައި ހުރުން. 
  9. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އޮއިވާލި ކަނދުފަތި ނުވަތަ މަސް ތިލަކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ދޫކުރުން.
  10. ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން.

(ށ) މި މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރުގައި ހަވާލާދީފައިވާ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން، ހިފުން، ނުވަތަ ބޭނުން، ނުވަތަ ނެގުން، ނުވަތަ މެރުން، އަދި އެކްސްޕޯޓްކުރުން މަނާ ބާވަތެއް ކަމުގައި ކަނޑައަޅައިފައިވާ އެއްވެސް ބާވަތެއް ބޭރުގެ މަސްވެރި އުޅަނދެއްގައި ބަހައްޓައިފައި ހުރީ، މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފައި ދިއުމުގެ ހުއްދަ ހޯދައިގެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށްފައިދާ އުޅަނދެއް ނުވަތަ ގަވާއިދު ނަންބަރު 2020-04 "ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު" ގެ ދަށުން ހުއްދަ ލިބިފައިވާ ބޭރުގެ މަސްވެރި އުޅަނދެއްގައި ކަމަށްވެފައި، އެ އުޅަނދަކުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަކޮށްފައިވާ ނަމަ އެ އުޅަނދުގައި އެ ބާވަތެއް ނުވަތަ ބާވަތްތަކެއް ބަހައްޓައިފައި ހުރީ މި ގަވާއިދާ ހިލާފަށް ކަމުގައި ނުބެލެވޭނެއެވެ.

  1. ބޭރުގެ މަސްވެރި އުޅަނދުގައި ހުރި މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ބާވަތްތައް، ބޭނި ސަރަހައްދު އެނގޭ ގޮތަށް ރެކޯޑުކޮށްފައިވުން.
  2. ބޭރުގެ މަސްވެރި އުޅަނދުގައި ހުރި މި ގަވާއިދުގެ ޖަދުވަލު 1 ގައި ހިމެނޭ ބާވަތްތައް ހިފުމުގެ ލައިސަންސް ފްލެގް ސްޓޭޓުން ދޫކޮށްފައިވާ އުޅަނދަކަށް ވުން.

(ނ) މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުން ފެށިގެން 10 ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް އަމަލެއް ކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށްތަކަށް އަދަބު ކަނޑައަޅާނީ، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ ކުށަކަށް ވަކިންނެވެ.

(ރ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ހިމެނޭ، ގަވާއިދާއ ހިލާފު ހަރަކާތްތަކާއި ކަނޑައެޅިފައިވާ ޖޫރިމަނާގެ އަދަދުތައް ކަނޑައަޅައިފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރުމަށްފަހުގައެވެ.

 

38 ވަނަ މާއްދާ - ގާނޫނާއި ގަވާއިދާ ހިލާފުވާ އުޅަނދުތަކާމެދު އަޅާނެ އިތުރު ފިޔަވަޅުތައް

މި ގަވާއިދުގެ ދަށުން އަދަބު ކަނޑައަޅާ ބޭރުގެ މަސްވެރި އުޅަނދުތަކުގެ ތެރެއިން ޖޫރިމަނާގެ ފައިސާ ދެއްކުމަށް މިނިސްޓްރީން ކަނޑައަޅައިފައިވާ މުއްދަތުގައި އެ ފައިސާ ދައްކައިފައި ނުވާނަމަ، އެފަދަ އުޅަނދުތައް، ގާނޫނާއި ގަވާއިދާ ހިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓުކުރުމެއް ނެތި މަސްވެރިކަން ކުރާ އުޅަނދުތަކުގެ ދަފްތަރުގައި ހިމަނައިދިނުމަށް އެދި މިނިސްޓްރީގެ ފަރާތުން މަސްވެރިކަމާ ގުޅުންހުރި ސަރަހައްދީ ޖަމްއިއްޔާތަކަށް ހުށަހެޅުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

39 ވަނަ މާއްދާ - އިދާރީ ފިޔަވަޅު އެޅުން

މި ގަވާއިދާ ހިލާފުވިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނީ، ގަވާއިދު ނަންބަރު: 74-R/2020) މަސްވެރިކަމުގެ ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް އިދާރީ ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތަށެވެ.

 

40 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި ލަފުޒެއް ނުވަތަ އިބާރާތެއް، އެ އިބާރާތެއް ނުވަތަ ލަފުޒެއް ހިމެނިފައިވާ ގޮތުން، އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ."މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ؛

  1. ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛
  2. މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛
  3. އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
  4. "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
  5. މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މި މާއްދާގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި (4) ވަނަ ނަންބަރުގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.

(ށ) "މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ:

  1. މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް، ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް (ޓްރާންށިޕްކުރުން)؛
  2. މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުން، ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކާކުރުމަށް؛
  3. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެނެވޭ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކާކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛
  4. މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛
  5. މަސްވެރިކަންކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުކޮށްދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް؛ އަދި 
  6. މި މާއްދާގެ (1) ވަނަ ނަންބަރުން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.

(ނ) "ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި އެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކޮންމެ އޮފިސަރަކަށެވެ.

(ރ) "މަސް" ނުވަތަ "މަސްވެރިކަމުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެ ސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި، ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.

(ބ) "ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ:

  1. ބޭރު ގައުމެއްގައި އެ ގައުމެއްގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ 
  2. ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން،ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމުނުވާ އުޅަނދު.

(ޅ) "ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ،

  1. ބޭރުގެ މަސްވެރި އުޅަނދަކުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިނިސްޓްރީގެ ހުއްދަނެތި ނުވަތަ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދަކާ ހިލާފަށް ކުރާ މަސްވެރިކަން؛ ނުވަތަ
  2. ސަރަހައްދީ މަސްވެރިކަން ހިންގައި ބަލަހައްޓާ ޖަމްއިއްޔާއެއްގައި ބައިވެރިވާ ގައުމަކަށް ނިސްބަތްވާ އުޅަނދަކުން އެ ޖަމްއިއްޔާގެ ފަރާތުން ކަނޑައަޅައިފައިވާ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފަށް ނުވަތަ ކަމާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ކުރާ މަސްވެރިކަން؛ ނުވަތަ
  3. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ނުވަތަ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާތަކުން ކަނޑައަޅައިފައިވާ އުސޫލުތަކާ ގުޅިގެން އެ އުޅަނދެއް ނިސްބަތްވާ ފްލެގް ސްޓޭޓަކާއި މަތިކުރެވިފައިވާ އިލްތިޒާމުތަކާ ހިލާފަށް ކުރާމަސްވެރިކަން؛ ނުވަތަ
  4. އެ އުޅަނދެއްގެ ފްލެގް ސްޓޭޓުގެ މަސްވެރިކަމާބެހޭ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް، ފްލެގް ސްޓޭޓުގެ ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމެއްނެތި، ނުވަތަ ކަނޑައަޅައިފައިވާ ގޮތަށް ރިޕޯޓުކުރުމަކާނުލައި ކުރާ މަސްވެރިކަން؛ ނުވަތަ
  5. މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމްއިއްޔާއެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދެއްގައި،އެ ޖަމްއިއްޔާގެ ރިޕޯޓުކުރުމުގެ އިޖުރާއަތުތަކާ އެއްގޮތަށް ރިޕޯޓުކޮށްފައިނުވާ ނުވަތަ ކަނޑައަޅައިފައިވާގޮތަށް ރިޕޯޓުކުރުމަކާނުލައި ކުރާ މަސްވެރިކަން؛ ނުވަތަ 
  6. މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމްއިއްޔާތަކުގެ އިހްތިސާސް ހިނގާ ސަރަހައްދެއްގައި، އުޅަނދު ނިސްބަތްވާ ގައުމު ނޭނގޭ ނުވަތަ ޖަމްއިއްޔާގެ ބައިވެރިއެއްކަމުގައި ނުވާ ގައުމަކަށް ނިސްބަތްވާ ފަރާތަކުން އެ ޖަމްއިއްޔާގެ އުސޫލުތަކާއި 
    ގަވާއިދުތަކާ ހިލާފަށް ނުވަތަ ފުށުއަރާގޮތަށް ކުރާ މަސްވެރިކަން؛ ނުވަތަ
  7. މަހުގެ ސްޓޮކް ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތައް ނުހިނގާ ސަރަހައްދެއްގައި، މާކަނޑުގައި އުޅޭ މަސްވެރިކަމުގެ ދިރުންތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ބައިނަލްއަގްވާމީ ގާނޫނުގައި ފްލެގް ސްޓޭޓްތަކުން އަދާކުރަންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ޒިންމާތަކާ ހިލާފަށް ނުވަތަ ފުށުއަރާގޮތަށް ކުރާ މަސްވެރިކަން.

(ކ) "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1996-06 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގްތިސާދީ ކަނޑަށެވެ.

(އ) "މާސްޓަރު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.

(ވ) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، އެކުއަކަލްޗަރ ކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމާ ގުޅޭ އެންމެހައި ކަންކަމުގެ ޒިންމާ ހަ ވާލުވެފައިވާ ވަޒީރަށެވެ.

(މ) "އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތް، ޗާޓަރަރ، މާސްޓަރު އަދި އެ އުޅަނދު ދުއްވައިގެން ހޯދާ އިގްތިސާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ހިމެނޭގޮތުން، އެ އުޅަނދާ ހަވާލުވެހުރި، އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުށާދުތައް ދޭ ނުވަތަ ކޮންޓްރޯލްކުރާ ކޮންމެ ފަރާތަކަށެވެ.

(ފ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ، ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައިވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމުތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް،ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރ، ޑިރެކްޓަރ ނުވަތަ ސެކްރެޓަރީއަށެވެ.

(ދ) "މީހުން" ނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ނުވަތަ ގާނޫނީ ށަހްސަށެވެ. "ދިވެހިރައްޔިތުން" ނުވަތަ "ދިވެހިން" އަށް ހަވާލާދެވޭއިރު ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭނެއެވެ.

(ތ) "މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭ ސަރަހައްދީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ދުރު ހިސާބުތަކަށް ހިޖުރަކުރާ މަހުގެ ސްޓޮކްތަކާއި، ގައުމީގޮތުން މަސްވެރިކަން ބެލެހެއްޓޭ ސަރަހައްދުގެ ތެރޭގައި އަދި މާކަނޑުގައިވެސް އުޅޭ މަހުގެ ސްޓޮކާއި، އަދި މާކަނޑުގައި އުޅޭ އެ ނޫން ބާވަތްތައް ހިމާޔަތްކުރުމާއި، ބެލެހެއްޓުމާ ގުޅޭ ފިޔަވަޅުތައް އެކަށައެޅުމާއި، އަދި ބެލެހެއްޓުން ވިލަރެސްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ތިނެއް ނުވަތަ އެއަށްވުރެ ގިނަ ގައުމުތައް ހިމެނޭގޮތުން އުފައްދައިފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަށެވެ.

(ލ) "ކުށް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، މި ގަވާއިދުގައި ކުށެއް ކަމަށް ކަނޑައަޅައިފައިވާ އިދާރީ ކުށްތަކަށެވެ.

(ގ) "ހޮޓް ޕަރސޫޓް" ކަމަށް ބުނެފައި އެވަނީ، ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިފެހެއްޓުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތަކުން ކުށުގެ ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތައް ފަހައި ދުއްވުމަށެވެ.

(ޏ) "ފްލެގް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ، އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމަށެވެ. 

 

މައި ގާނޫނު

މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-14)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު