-

ބަނދަރު ބެލެހެއްޓުމާބެހޭ ގަވާއިދު (ހދ.ވައިކަރަދޫ)

(ގަވާއިދު ނަންބަރު 2022-121)

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން އެ މާއްދާގެ (ހހ) އަށް ރިއާޔަތްކޮށް، ލޯކަލް ގަވަރން މަންޓް އޮތޯރިޓީގެ މަށްވަރާއާއެކު ބަނދަރު ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވަ އިލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލުން ބަލަހައްޓާނީ، ހދ. ވައިކަރަދޫބަނދަރާއި، އެ ބަނދަރާ ގުޅިފައިވާ ސަރަހައްދެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލުގެ އިދާރާއިން ބަނދަރުގެ ސަރަހައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަހައްދު ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

 

3 ވަނަ މާއްދާ - ބަނދަރު ބެލެހެއްޓުން

(ހ) ބަނދަރު ބެލެހެއްޓުމަކީ ކައުންސިލުގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަންވާނީ މި ގަވާއިދާ އެއްގޮތަށެވެ.

(ށ) ކައުންސިލުގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި، މި ގަވާއިދުގެ ދަށުން ނަގަން ޖެހޭ ފީ ނެގުމުގެ މަސައްކަތް ކުރާނީ ކައުންސިލުންނެވެ.

(ނ) ބަނދަރުގައި އުޅަނދުފަހަރު އެޅުމާއި، މުދާ ބޭލުމުގެ ސަރަހައްދުތައް ކަނޑައެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

4 ވަނަ މާއްދާ - އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހައްދުތައް

ބަނދަރުގެ ތެރޭގައި އުޅަނދުފަހަރު އެޅުމަށް ހާއްސަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް ކައުންސިލުން ކަނޑައަޅައި އާން މުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

5 ވަނަ މާއްދާ - ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް، ނުވަތަ އެ ނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅައިފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވާ ބޭލުމަށް 3 މީޓަރާއި 21 މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރަށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 22 މީޓަރާއި 36 މީޓަރާ ދެމެދުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ، ގިނަވެގެން 72 (ހަތްދިހަ ދޭއް) ގަޑިއިރަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މުދާ އަރުވައި ބޭލުމަށް 37 މީޓަރަށްވުރެ ދިގު އުޅަނދު ފީ ނުދައްކައި ބޭއްވޭނީ ގިނަވެގެން 96 (ނުވަދިހަ ހައެއް) ގަޑިއިރަށެވެ.

(ބ) މި މާއްދާގެ (ށ) އާއި، (ނ) އާއި، (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫ ލުންނެވެ.

  1. 3 މީޓަރާއި 21 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެމީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 3 (ތިނެއް) ރުފިޔާގެ މަގުންނެވެ.
  2. 22 މީޓަރާއި 36 މީޓަރާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 5 (ފަހެއް) ރުފިޔާގެ މަގުންނެވެ.
  3. 37 މީޓަރަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ، ކޮންމެ މީޓަރަކަށް ކޮންމެ ގަޑިއެއްގެއިރަށް 7/50 (ހަތެއް ރުފިޔާ ފަންސާސް ލާރި) ގެ މަގުންނެވެ.

(ޅ) މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ ބާއްވަންވާނީ، ތޮށިގަނޑުގެ ހުރަހަށެވެ.

(ކ) ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިއާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދުފަހަރުން އެފަދަ ތަކެތި އަރުވައި ބާލަންވާނީ، ކައުންސިލުން ކަނޑައަޅާ ސަރަހައް ދެއްގައެވެ. ތެލާއި ގޭސް ފިޔަވައި އެހެނިހެން ތަކެތި ބާލަންވާނީ، އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން، އެންމެ ލަސްވެގެން 5 ( ފަހެއް) ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދުން ބޭލުމަށްފަހުބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.

(ވ) މި މާއްދާގެ (އ) އާ ހިލާފަށް، 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވާ ގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލައިފައިވާ ތަކެތިކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން އަމަލުކުރެވޭނެއެވެ.

 

6 ވަނަ މާއްދާ - ބަނދަރު ސާފުކުރުން

(ހ) ބަނދަރާއި ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލުގެ މަސްއޫލިއްޔަތެކެވެ.

(ށ) މުދާ އަރުވައި ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި ކުނި ފަދަ ތަކެތި، އެ މަސައްކަތް ނިމުމުން، އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ މަސައްކަތް ކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500 (ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

7 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކުރުން

މުދާ ބޭލުމުގެ ތެރޭގައި ނުވަތަ މުދާ ބަރުކުރުމުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ، އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެފަދައިން ލިބޭ ގެއްލުމަކަށް އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާ ތަކުން ޒިންމާވާން ޖެހޭނެއެވެ. އަދި ތޮށިގަނޑަށް ލިބުނު ގެއްލުން ކައުންސިލުން ބަލައި، އެ ތަނެއް މަރާމާތުކުރުމަށް އަންގައިފިނަމަ، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން، ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތު ކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

މި ގަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ތޮށިގަނޑަށް ލިބުނު ގެއްލުމަށް ޒިންމާވުމަށް ނުވަތަ ތޮށިގަނޑަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް އުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތުން އިންކާރުކޮށްފިނަމަ، މައްސަލަ ނިންމާނީ، ށަރުއީ ކޯޓު މެދުވެރިކޮށެވެ.

 

9 ވަނަ މާއްދާ - މައްސަލަ ހައްލުކުރުމަށް ހިނގާ ހަރަދު

މި ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތަށް ކައުންސިލުގެ ފަރާތުން ކޯޓަށް ދާންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމަށް ހިނގާ ހަރަދު އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކުން ދޭންވާނެއެވެ.

 

10 ވަނަ މާއްދާ - އެއްގަމަށް ވާ އެޅުމާއި ލޮތާރި އެޅުން

(ހ) އުޅަނދުތަކުގެ ވައު އައްސަންވާނީ، ކައުންސިލުގެ ފަރާތުން ބަނދަރުގައި ވައު އެޅުމަށް، ނުވަތަ ވައު އެއްސުމަށް ކަނޑައަޅައިފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ށ) އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް ލައިގެން ނުވާނެއެވެ.

 

11 ވަނަ މާއްދާ - ބަނދަރު ވަކި ފަރާތަކަށް ހާއްސަވުން

(ހ) ބަނދަރުގެ ހިދުމަތަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވައިލައިގެން ދޭ ހިދުމަތަކަށްވުމުން، މުދާ ބޭލުމަށް ކައުންސިލުގެ ފަރާތުން ބަނދަރުން ކަނޑައަޅައިފައިވާ ބަނދަރު ސަރަހައްދުގެ ވަކި ދިމާއެއް ވަކި އުޅަނދަކަށް ހާއްސަކޮށް ފައެއް ނުބޭއްވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކޮންމެ ބަނދަރެއްގައި ވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިއާޔަތްކޮށްފައި، ކައުންސިލުގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި، ފައްތިޔާ ބޭއްވުމަށް ވަކި ސަރަހައްދެއް ކަނޑައެޅުމުގެ އިހުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތުން ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ހާއްސަކޮށްފައި ބޭއްވުމަށް ހުއްދަ ދިނުމުގެ ކުރިން، ދަތުރުވެރީން ރަށަށް އަރައި ފޭބުމަށާއި މުދާ އަރުވައި ބޭލުމަށް އެހެން އުޅަނދުތަކަށް އެކަށީގެންވާ ޖާގަ ހުރިކަން ކައުންސިލުން ކަށަވަރުކުރަން ވާނެއެވެ.

(ނ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ބަނދަރުގައި ހާއްސަކުރާ ސަރަހައްދުގައި އުޅަނދު ބޭއްވޭނެ ވަގުތު ކަނޑައެޅުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ.

(ބ) މުދާ އަރުވައި ބޭލުމަށާއި، މީހުން އަރައި ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތް ކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި އެ ނޫން އެހެން ބޭނުމަކު އުޅަނދުފަހަރު ބޭއްވުމަކީ މަނާކަމެކެވެ.

 

12 ވަނަ މާއްދާ - ފަޅުތެރޭގައި ވައު އެޅު މާއި ލޮތާރި ލުން

ފަޅުތެރޭގައި ވައު އެޅުމާއި ލޮތާރި ލު ން ފަދަ ކަންތައްތައް ކުރަންވާނީ، ވައު އެޅުމާއި ލޮތާރި ލުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

 

13 ވަނަ މާއްދާ - ރަސްމީ ފާލަމުގެ ސަރަހައްދު

(ހ) ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާގޮތަށް، ފާލަން ކައިރީގައި އެއްވެސް އުޅަނދެއް އަޅައިފައި ބާއްވައިގެން ނުވާނެއެވެ.

(ށ) ކައުންސިލުން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި، އެހެން އެއްވެސް އުޅަނދެއް "ރަސްމީ ފާލަން" އަށް ކައިރިކޮށް، ފަސިންޖަރުންނާއި ފަސިންޖަރުންގެ ފޮށި ތަންމަތި އަރުވައި ބޭލުމަކީ މަނާކަމެކެވެ.

 

14 ވަނަ މާއްދާ - ބަނދަރު ތެރޭގައި މަސްކިރުން

(ހ) ބަނދަރުތެރޭގައި އެއް އުޅަނދުން އަނެއް އުޅަނދަށް މަސްކިރުވަންވާނީ، ބަނދަރުތެރޭގައި މަސްކިރުމާ ގުޅޭގޮތުން ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތީން، ކައުންސިލަށް ހުށަހަޅައިގެން ލިޔު މުން ހުއްދަ ލިބިފައިވާ މަސްކިރާ ފަރާތްތަކަށެވެ.

(ށ) މަސްކިރުމުގެ ތެރޭގައި ވެސް، ބަނދަރުތެރެއަށް، ކުންޏާއި މަހުގެ ބާވަތްތަކާއި މި ނޫންވެސް މިފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ.

 

15 ވަނަ މާއްދާ - ފަތުރުވެރިންގެ އުޅަނދުފަހަރު

(ހ) ފަތުރުވެރިން ދަތުރުކުރާ އުޅަނދުފަހަރު ބަނދަރަށް ވަދެނުކުމެ ހަދަންވާނީ،ކައުންސިލުގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދުފަހަރު، ބަނދަރުގައިއޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 50 (ފަންސާސް) އެމެރިކާޑޮލަރު ނުވަތަ 50 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރުހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ) ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށްފަހު، އުޅަނދު ނެރުން ނުކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި، ފަޅުވެރިން އާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ އެކަށީގެންވާ ހެދުމެއްގައެވެ.

(ނ) ސިއްހީ ކުއްލި ފަރުވާއެއް ހޯދުމަށް ފަތުރުވެރިއަކު ގޮވައިގެން ދަތުރުކުރާ އުޅަނދުފަހަރަކީ މި މާއްދާގައި ބުނާ ފަތުރުވެރިން ދަތުރުކުރާ އުޅަނދެއްކަމުގައިނުބެލެވޭނެއެވެ.

 

16 ވަނަ މާއްދާ - ވިޔަފާރިކުރާ އުޅަނދުފަހަރު

(ހ) ބަނދަރުގައި އޮވެގެން އޮޑިދޯނިފަހަރުގައި ވިޔަފާރިކުރަންވާނީ ކައުންސިލުގެ ހުއްދަ ނަގައިގެންނެވެ. މިގޮތުން ވިޔަފާރިކުރާއިރު ވާޓަރުމަތީ މުދާ ބަހައްޓާނަމަ ބަހައްޓަންވާނީ އެ އުޅަނދެއްގެ ދިގުމިނަށްވުރެ އިތުރުނުވާގޮތަށެވެ. މިފަދަ އުޅަނދުފަހަރު، ބަނދަރުގައި އޮންނަ ފުރަތަމަ 3 ގަޑިއިރަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

(ށ) ބަނދަރުގައި އޮވެގެން އޮޑިދޯނިފަހަރުން ވިޔަފާރިކުރާއިރު 3 ގަޑިއިރަށްވުރެ އިތުރުވެއްޖެނަމަ ކޮންމެ ދުވަހަކަށް 800 (އަށްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަން ވާނެއެވެ. ވާޓަރުމަތީ މުދާ ބަހައްޓާނަމަ، އިތުރު 200 ރުފިޔާގެ ފީއެއް ނެގޭނެއެވެ. މިގޮތުން 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައި ވިޔަސް ފައިސާ ނަގާނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

(ނ) ވިޔަފާރި ކުރުމުގެ ބޭނުމަށް ބަނދަރަށް ވަންނަ އުޅަނދުފަހަރުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަ އާންމުކޮށް ފެންނަން ހުންނަންވާނެއެވެ.

 

17 ވަނަ މާއްދާ - ހާއްސަ ހާލަތެއްގައި އުޅަނދު އަޅައިފައިވާ ސަރަހައްދުން ނެގުން

(ހ) ހާއްސަ ހާލަތެއް މެދުވެރިވެގެން ކައުންސިލުގެ ފަރާތުން، އުޅަނދެއް އޮތްތަނުން ނަގަން ބޭނުންވެއްޖެނަމަ، އެ އުޅަނދެއް ނަގަންޖެހޭ ހާއްސަ ހާލަތް ބަޔާންކޮށް ލިޔުމަކުން އުޅަނދުގެ ވެރި ފަރާތަށް ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި ހާއްސަ ހާލަތުތައް ކަމުގައި އަންނަނިވި ކަންތައްތައް ބެލެވިދާނެއެވެ.

  1. ވަކި ރަސްމިއްޔާތަކާ ގުޅިގެން އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރަން ޖެހުން؛
  2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން؛
  3. ބަނދަރުތެރެ ސާފުކުރުމަށް ރާވައިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާ ގުޅިގެން؛
  4. ބަނދަރު މަރާމާތުކުރުމަށް ކުރަންޖެހޭ ކަމަކާ ގުޅިގެން އުޅަނދު ނަގަންޖެހުން.

(ނ) މި ގޮތަށް ހާއްސަ ހާލަތްތަކުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންކަމުގައި،އިމަރޖެންސީ ހާލަތެއްގައި ނަގަންޖެހޭ ޖެހުން އިސްތިސްނާވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތާ ނުވަތަ އުޅަނދު އޮޕަރޭޓްކުރާ ފަރާތަކާ ހަވާލު ކުރުމުން، ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާ ހަވާލުކުރުމުން، ނުވަތަ ފަޅުވެރިޔަކުވެސް ނެތްނަމަ ނުވަތަ އެ ނޯޓިސްއާ ހަވާލުވުމަށް އުޒުރުވެރިވާނަމަ، އެ އުޅަނދުގައި އެ ލިޔުން އާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން އެ އުޅަނދު ނެގުމަށް އެންގުނީ ކަމަށް ބަލަންވާނެއެވެ.

 

18 ވަނަ މާއްދާ - އިންޖީނަށް ގެއްލުން ލިބުން ފަދަ ދަތުރު ނުކުރެވޭ ހާލަތު މެދުވެރިވާ އުޅަނދު

އިންޖީނަށް ގެއްލުން ލިބުން ފަދަ ކަންކަމުގައި ދަތުރު ނުކުރެވޭ ގޮތް ދިމާވެފައިވާ އުޅަނދުފަހަރު ވެސް ތޮށިގަނޑު ކައިރީގައި ތޮށިގަނޑުގެ ދިގަށް ބޭއްވޭނީ ކައުންސިލުގެ ހުއްދައާއެކު، ގިނަވަގެން 5 (ފަހެއް) ދުވަސް ވަންދެންނެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް 100) އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށްދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަ ނުވިކަމުގައި ވިޔަސް، 5 (ފަހެއް) ގަޑިއިރަށްވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށް ފީ ނެގޭ މިންވަރަށެވެ. މި މާއްދާގެ ދަށުން ކައުންސިލުން ހުއްދަ ދޭނީ، ލިބިފައިވާ ގެއްލުން ބަޔާންކޮށް ކައުންސިލަށް ލިޔުމަކުން ހުށަހެޅުމުންނެވެ. އަދި މި ގޮތަށް ހުށަހަޅާތާ ގިނަވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން އުޅަނދަށް ޖަވާބެއް ދޭންވާނެއެވެ.

 

19 ވަނަ މާއްދާ - ބަނދަރާއި ބަނދަރު ސަރަހައްދަށް ކުނި އެޅުން

(ހ) އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން ފަޅުތެރެއަށާއި ބަނދަރާއި ބަނދަރު ސަރަހައްދަށް ކުންޏާއި އެފަދަ އެހެން ތަކެތި އެޅުމާއި، ޑަސްބިން ދޮވުމާއި، މަހުގެ އުކައިލެވޭ ބައިތަކާއި، ކަރުގޮހޮރު ފަދަ ތަކެތި އެޅުމަކީ މަނާކަމެކެވެ. އަދި ބަނދަރާއި ބަނދަރު ސަރަހައްދަށް ގަޒާހާޖަތް ކުރުމަކީވެސް މަނާކަމެކެވެ.

(ށ) އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއެކުތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

 

20 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި މަސްކެނޑުމާއި މަސް ވިއްކުން

(ހ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަން ފިޔަވައި ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި މަސް ކެނޑުމާއި މަސް ވިއްކުމަކީ މަނާކަމެކެވެ.

(ށ) މަސް މާރުކޭޓަށް ނުވަތަ މަސްކެނޑުމަށް ކައުންސިލުން ކަނޑައަޅާ ތަނަށް މަސް ގެންދިއުމުގައި ނުވަތަ މަސް އުފުލުމުގައި، ބަނދަރުގެ އެއްގަމުތޮށްޓާއި ބަނދަރު ސަރަހައްދުގައި އަޅައިފައިވާ ގާތަށް ހަޑިވާގޮތަށް އެކަން ކުރުމަކީ މަނާކަމެކެވެ. އަދި އެ ފަދަ ކަމެއް ދިމާވެއްޖެނަމަ، އެ ހަޑިވި ތަނެއް ސާފުކުރުމަކީ އެކަން ކުރި ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

 

21 ވަނަ މާއްދާ - ބަނދަރުތެރޭގައި އެންކޮށްޓާއި ދިރޭމަސް ގެން ގުޅުން

(ހ) ބަނދަރުތެރޭގައްޔާއި ބަނދަރު ސަރަހައްދުގައި އެން ކޮށްޓާއި ދިރޭމަސް ކޮށީގައި ބަހައްޓައިގެން ދާއިމީކޮށް ގެންގުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތް ނަމަވެސް، މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައްޔާއި ދޯނީގައި ހަރުކޮށްފައި ހުންނަ ދާތަކުގައި ވަގުތީގޮ ތުން ގެންގުޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މި ގޮތަށް މަސް ގެންގުޅެންވާނީ، އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެ ގޮތަށެވެ.

 

22 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ފެތޭ އުޅަނދު

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އުޅަނދެއް 
އަޑިއަށް ހިނގައްޖެނަމަ، އެ އުޅަނދެއް ގިނަވެގެން 720 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލުގެ ފަރާތުން އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދެއްގެ އޮޕަރޭޓަރަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި ފަރާތް ނޭނގޭނަމަ، އެ ފަރާތެއް ހޯދުމަށް ޓަކައި އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިއުލާނު ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ހަބަރެއް ނުވެއްޖެނަމަ، ނުވަތަ އެ ފަރާތް އެނގިގެން، މި މާއްދާގެ

(ހ) ގައިވާ އެންގުން އެ ފަރާތަށް އެންގުމަށްފަހު ވެސް އެ އުޅަނދު އޮތް ސަރަހައްދުން ނުނަގައިފިނަމަ، ބަނދަރު ސަރަހައްދުން އެ އުޅަނދެއް ނަގައި،ކައުންސިލުން ކަނޑައަޅާ ތަނަކަށް ގެންދިއުމުގެ ބާރު، ކައުންސިލަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ގެންދާ ގެންދިއުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށެއް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ އުސޫލުން ނަގާ އުޅަނދުތައް ނެގުމަށާއި، އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިއުލާނު ކުރުމަށާއި، އުޅަނދު އެ ސަރަހައްދުން ނެގުމަށް ދިޔަ ހަރަދާއި، އެ އުޅަނދަށް އިތުރު އެއްވެސް ފީއެއް ދައްކަންޖެހި ނުދައްކައިވާނަމަ، އަދި ޖޫރިމަނާއެއް ކުރެވި އެ ފައިސާ ނުދައްކައިވާނަމަ، އެ ކަންކަމުގެ ފައިސާ ދައްކައި ހަލާސްކޮށް، ފައިސާ ދެއްކިކަމުގެ ލިޔުމާއި އެ އުޅަނދާބެހޭ ރަސްމީ ލިޔުންތައް ހުށަހެޅުމުން، އުޅަނދުގެ ވެރިފަރާތާ އެ އުޅަނދެއް ހަވާލުކުރަންވާނެއެވެ.

(ރ) އުޅަނދު ކައުންސިލަށް ނަގާތާ 15) ފަނަރަ) ދުވަސްވުމުން، ދެން އުޅަނދު ދޫކުރެވޭނީ، މި މާއްދާގެ (ނ) ގައިވާ ފީއާއި ޖޫރިމަނާގެ ފައިސާއާއި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް 75) ހަތްދިހަ ފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މި ގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6) ހައެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނައްތައިލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކައިލުމުގެ އިހުތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ. މި ގޮތަށް ކަންތައް ކުރާނީ، އާންމުކޮށް އިއުލާނުކުރުމަށްފަހު، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ނައްތައިލެވޭ އުޅަނދުތަކަށް، ޖޫރިމަނާއާއި ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާމެދު ދައުވާކުރުމުގެ އިހްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ފަޅުތެރެއިން ނަގާ އުޅަނދުތައް ނެގުމުގައި އަމަލުކުރާނެ ގޮތް

(ހ) މި ގަވާއިދުގެ 22 ވަނަ މާއްދާގެ ދަށުން ބަނދަރު ސަރަހައްދުން ނަގާ އުޅަނދުތައް ނެގުމުގެ ކުރިން، ތިރީގައިވާ ގޮތަށް އަމަލުކުރަންވާނެއެވެ.

  1. އުޅަނދު އޮތް ތަނުން ނެގުމުގެ ކުރިން، ފޮޓޯ ނަގަންވާނެއެވެ. ނުވަތަ ވީޑިއޯ ކުރަންވާނެއެވެ.
  2. އުޅަނދު ނެގުމުގެ ކުރިން، އުޅަނދު އޮތް ހާލަތު ބަޔާންކޮށްފައިވާރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރުކުރި ފަރާތާއި، އެ އުޅަނދުގެ ހާލަތު ވަޒަންކުރި، ކައުންސިލުގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކީންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ (2 (ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވައިލުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ.

 

24 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް މޫދަށް އެރި އުޅުން

(ހ) ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް ކޮންމެހެން އެރެންޖެހިގެން މެނުވީ އާންމުކޮށް މޫދަށް އެރި އުޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) އާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރުނަސޭހަތް ދިނުމަށްފަހު، އެކަން ތަކުރާރުކޮށްފިނަމަ، އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500) ފަސްސަތޭކަ) ރުފިޔާއިން ޖުރިމަނާ ކުރުމުގެ އިހުތިޔާރު، މި ގަވާއިދުގެ ދަށުން، ކައުންސިލަށް ލިބިގެންވެއެވެ.

 

25 ވަނަ މާއްދާ - ފަޅުތެރޭގައި އުޅަނދު ދުއްވަންޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި އުޅަނދު ދުއްވަންވާނީ، ދިމާވެދާނެ ނުރައްކައުތެރި ހާދިސާއަކުން ސަލާމަތްވެވޭ ވަރުގެ ރައްކައުތެރި ސްޕީޑެއްގައެވެ.

 

26 ވަނަ މާއްދާ - ބަނދަރު ސަރަހައްދުގައި އޮޑިދޯނިފަހަރު މަރާމާތުކުރުން

ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ، ކައުންސިލުގެ އިދާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަކަށް އެދި އެކަށީގެންވާސަބަބާއެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެ މަސައްކަތެއް ކުރުމުގެ ހުއްދަލަސްނުކޮށް ދޭންވާނެއެވެ.

 

27 ވަނަ މާއްދާ - ސަބަބެއްނެތި ބަނދަރުގައި އަޅައިފައި ބާއްވާ އުޅަނދުތައް

(ހ) އެކަށީގެންވާ ސަބަބެއް ނެތި އުޅަނދުފަހަރު ބަނދަރުގައި އަޅައިފައި، ބޭނުންނުކޮށް ބޭއްވޭނީ، އެންމެ ގިނަވެގެން 7) ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ކައުންސިލަށް ލިޔުމަކުން ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ މަތީން، އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައިފައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) އާ ހިލާފުވާ ފަރާތްތަކުގެ އުޅަނދުފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއެއްގެއިރަށް 100 (އެއްސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ގަޑިއިރު ހަމަނުވެ އޮންނަ ވަގުތަށް ވެސް ފީ ނެގޭނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

 

28 ވަނަ މާއްދާ - ކައުންސިލުން ކަނޑައަޅާ ކަންކަން އާންމުކުރުން

މި ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން، ކައުންސިލުން އާންމުކޮށް އިއުލާނުކުރުމާއެކު، އާންމުކޮށް ފެންނާނޭހެން ބަހައްޓަންވާނެއެވެ.

 

29 ވަނަ މާއްދާ - ޖޫރިމަނާ

(ހ) އެހެން ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައި ފައި ނުވާ ކަންކަމުގައި، މި ގަވާއިދުގައި ކުރުމަށް އަންގައިފައިވާ ކަމެއް ނުކުރުމުން، ނުވަތަ ނުކުރުމަށް މި ގަވާއިދުގައި ހިމެނިފައިވާ ކަމެއް ކުރުމުން، މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މި ގަވާއިދާ ހިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، 500) ފަސްސަތޭކަ) ރުފިޔާއާއި 1،000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 1،000 (އެއްހާސް) ރުފިޔާއާއި 3،000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، 3،000 (ތިންހާސް) ރުފިޔާއާއި 5،000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން. އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000 (ފަސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު، މި ގަވާއިދުގެ ދަށުން ކައުންސިލަށް ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ހަވާލުކުރާ ފަރާތަށްލިބިގެންވެއެވެ.

(ށ) މި ގަވާއިދުގެ ދަށުން އެއްވެސް ފަރާތެއް ޖޫރިމަނާކުރެވޭނީ، އެ ފަރާތެއް އެ ކުރި ކުށް ކައުންސިލުން ނުވަތަ ބަނދަރު ބެލެހެއްޓުމަށް ކައުންސިލުން ކަނޑައަޅާ ފަރާތުން ބަލައި، ކުށުގެ ހާދިސާ ދިރާސާކުރުމަށް ފަހުގައެވެ.

(ނ) މި ގަވާއިދުގައި ހިމެނޭ އެންމެހައި ޖޫރިމަނާތަކާއި ފީތައް ދައްކަންވާނީ ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށެވެ.

 

30 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތައް މާނަކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ ދަށުން އިންތިހާބުކޮށްފައިވާ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލަށެވެ.

(ށ) "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި ކައުންސިލަށެވެ.

(ނ) "މޫދަށް އެރި އުޅުން" ކަމަށް ބުނެފައި އެވަނީ، ހުސް ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި މޫދަށް އެރި އުޅުން ފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލުގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރެޔަކުނުހިމެނެއެވެ.

(ރ) "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ބ) "ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ބަނދަރު ސަރަހައްދުގައި ވަކި ކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެއްވެސް ފަރާތަކަށް ކައުންސިލުން ދޭ ހުއްދައަށެވެ.

(ޅ) "ރަސްމީ ޖެޓީ" ނުވަތަ "ރަސްމީ ފާލަން" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ރަސްމީ ފާލަން ނުވަތަ ޖެޓީ ކަމުގައި ކަނޑައަޅައި އާންމުކޮށް އިއުލާނުކޮށްފައިވާ ފާލަމަށް ނުވަތަ ޖެޓީއަށެވެ.

(ކ) "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ބަޔަކު އާންމުކޮށް އަޅައި އުޅޭ ނުވަތަ އެއާ އެއްގޮތް އެހެން ހެދުމަކަށެވެ.

(އ) "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން އާންމުކޮށް އިއުލާނުކުރާ ސަރަހައްދަށެވެ.

(ވ) "އުޅަނދު އޮޕަރޭޓްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ އުޅަނދެއް ދުއްވާ ފަރާތާއި އުޅަނދު ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތަށެވެ.

(މ) މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތައް ތަފުސީރުކުރުމުގައި، މީހުންނާއި، ފަރާތްތަކުގެ މާނައިގައި، ކުންފުނި، ގުރޫޕު، އޮފީސް، ޖަމްއިއްޔާ، ޖަމާއަތްތައް ފަދަ، މީހުންނާއި ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށް ނުވަތަ އެއްޖިންސަކަށް ބޭނުންކޮށްފައިވާ ލަފުޒުތައް އެ ލަފުޒެއް ބޭނުންކޮށްފައިވާ ހާލަތަށް އެކަށީގެންވާ ގޮތަކަށް ރިއާޔަތްކޮށް ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

މައި ގާނޫނު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު